بســماللّـهالرّحمـنالرّحيــم

 
ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ އިރު އަރައިގެން މި އަންނަ އުފާވެރި ވަގުތު، މި އުފާވެރި ދަނޑިވަޅުގައި، މި ޖުމްހޫރީ މައިދާނުން ތިޔަބޭފުޅުންނާ އާދެ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކުރުމަކީ، އަޅުގަނޑަށް މިއަދު ވަރަށް ބޮޑު އުފަލެއް އިޙްސާސް ކުރެވޭ ކަމެއް.
 
މިއަދަކީ، މި ދިވެހިރާއްޖެ، ޕޯޗްގީޒުންގެ އަޅުވެތިކަމުން މާތްރަސްކަލާނގެ ސަލާމަތްކޮށްދެއްވިތާ 451 އަހަރު ފުރޭ ދުވަސް. މި ދުވަހުގެ ޝަރަފު ޙައްޤުވަނީ އުތީމު ބޮޑުތަކުރުފާނަށް. ޕޯޗްގީޒުންގެ އަތްދަށުން، ރާއްޖެ ސަލާމަތް ކުރައްވައި، ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވީއެ ތަކުރުފާނު. އެކަން ރަމްޒުކޮށްދެނީ އެ ތަކުރުފާނުގެ ހިތްޕުޅުގައި މި ދިވެހި ފަސްގަނޑަށް އޮތް ވަރުގަދަ ލޯބި. ދިވެހިންނަށްޓަކައި އެ ތަކުރުފާނުގެ ހިތްޕުޅުގައި އޮތް ޤަދަރާއި އިޙްތިރާމް. އެހެންކަމުން، އެތަކުރުފާނަށާއި އެތަކުރުފާނުގެ ފަހުލަވާނުންނަށް ދިވެހި ރައްޔިތުން ދަރާފައިވާ ދަރަނި ވަރަށްބޮޑު. މިއަދު ރާއްޖޭގެ ޤައުމީ ދުވަސް އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު، ބޮޑުތަކުރުފާނު ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ މަތިން ހަނދާންކުރަމުން، އެތަކުރުފާނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި މާތްރަސްކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.
 
ރާއްޖެ މިއަދު ދެކެމުންމިދަނީ އަދި ރާއްޖެއަށް އަންނަމުން މިދަނީ ވަރަށް މުހިންމު ބަދަލުތަކެއް. އެ ބަދަލުތަކުގެ އެންމެ މުހިންމު ބިންގަލަކީ، އަސާސަކީ ރައްޔިތުން. ރައްޔިތުންގެ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދިނުން. ޒުވާން ދިވެހި ޖީލަށްޓަކައި އެ ޙައްޤުތައް ރައްކާތެރިކޮށްދިނުން.
 
މިގޮތުން އެންމެ މުހިންމު ކަމަކީ، ހަރުދަނާ ޤައުމިއްޔަތެއް ބިނާކުރުން. ހަރުދަނާ ޤައުމިއްޔަތެއް ބިނާކުރުމުގައި، ކޮންމެހެން ބޭނުންވާ މައިގަނޑު އަސާސްތަކެއް އެބަހުރި. އެ ޤައުމިއްޔަތު ބިނާކުރެވޭނީ، މާތްވެގެންވާ އިސްލާމްދީނާއި، އިންސާނީ ޙައްޤުތަކާއި، އަޅުގަނޑުމެންގެ ޘަޤާފަތާއި އަދި މި ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ އެއީ، ޤައުމިއްޔަތުގެ މައިގަނޑު އަސާސްތައް ކަމަށް ދެކިގެން. އަޅުގަނޑުމެން މިހާރު ކުރިއަށް ގެންދާ އެންމެބޮޑު މަޝްރޫޢަކީ މިދެންނެވީ. މި ރާއްޖޭގެ ޤައުމިއްޔަތު އަލުން އަނބުރާ ބިނާކުރުން.
 
ރާއްޖެއަކީ ހަރުދަނާ ޑިމޮކްރަސީއެއް އޮތް ޤައުމަކަށް ހެދުމަށް މި ސަރުކާރުން ކެނޑިނޭޅި މިދަނީ މަސައްކަތް ކުރަމުން. މިއަދު ފެންނަމުން މިދަނީ އަޅުގަނޑުމެންގެ ޑިމޮކްރަސީ، ދޮންވެ ފައްކާވަމުން އަންނަ ތަން. ޑިމޮކްރަސީގެ ފުރިހަމަ ރަހަ އަޅުގަނޑުމެންގެ އަރު ތެރޭގައި ލަމުންދާތަން.
 
މާދަމާ، ފެބްރުއަރީމަހުގެ 5 ވަނަ ދުވަހަކީ، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ އާ ބިންގަލެއް އަޅުގަނޑުމެން އަޅާ ދުވަސް. އާދެ، ރާއްޖޭގެ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ބޭއްވޭ ދުވަސް.
 
ރައްޔިތުންގެ ގާތުން ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ އިޙްސާސްތަކާ އެދުންތަކާ އެއްގޮތަށް، ކަންކަން ހިންގަމުން ގެންދެވޭނެ ހަރުދަނާ އުސޫލެއް ނެތުމަކީ، ވަރަށް ދެރަކަމެއް. ލާ މަރުކަޒީ އުސޫލުން ކަންކަން ނުހިންގޭނަމަ، ފުރިހަމަ ޑިމޮކްރަސީއެއްގެ ޙިމާޔަތް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.
 
ރާއްޖޭގެ ތާރީޚަށް ބަލާއިރު، ވަރަށް ކުރިއްސުރެ ވެރިކަމުގެ ބާރުތައް ޖަމާވެފައި      މި ހުންނަނީ މާލޭގައި. އެ ބާރުތައް ރައްޔިތުންނަށް ދިނުމަކީ ނުވަތަ އެ ބާރުތައް ރައްޔިތުންނަށް ބަހާލުމަކީ، ރާއްޖޭގެ ވެރިން ކުރައްވަން ބޭނުންފުޅުވި ކަމެއް ނޫން. އެހެންނަމަވެސް، ބާރުތައް ޖަމާކުރުމަކީ، މި ސަރުކާރަކުން  އެއްގޮތަކަށްވެސް ބޭނުންވާ ކަމެއްނޫން. އެތައް ސަތޭކަ އަހަރެއް ވަންދެން، ވެރިކަމުގެ ފަރާތަށް ޖަމާކޮށްފައި އޮތް ބާރު ހިފަހައްޓައިގެނެއް އަޅުގަނޑުމެން ތަރައްޤީއެއް ނުވާނެ.  
 
ރައްޔިތަކު އޮބަހައްޓައި، ފިއްތައި، ބިރުގަންނަވައިގެން ޤައުމެއް ތަރައްޤީނުވާނެކަމީ އިންސާނީ ތަޖްރިބާ ދައްކާފައި އޮތް ޙަޤީޤަތެއް. ރައްޔިތުންނަށް އެމީހުން ބޭނުންވާ އެއްޗެއް ބުނުމުގެ މިނިވަންކަން ދޫކޮށްލައިގެން މެނުވީ، ރާއްޖެ މިއެދޭ ބަދަލު ނުވަތަ އަޅުގަނޑުމެން ގެންނަން ބޭނުންވާ ބަދަލު، އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަމަކީ، ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް.
 
ރައްޔިތަކު ބުނަން ބޭނުންވާ އެއްޗެއް ބުނުމުގެ ފުރިހަމަ ޙައްޤު އެ ރައްޔިތަކަށް      މި ސަރުކާރުން ދީފައި އޮންނާނެ. ރައްޔިތުން ހިފާ ހައްޔަރުކޮށް ހަދަމުން ގެންދާނަމަ، އެ ޤައުމަކަށް ދެންވާނީ ކިހިނެއްތޯ! މި ދެންނެވި ޙައްޤުތަކާއި މިނިވަންކަން ނެތް ވެށްޓެއްގައި ރައްޔިތުން އުޅޭން ޖެހިއްޖެނަމަ، ދެން އަޅުގަނޑުމެންނަށް ފެންނާނީ، ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުންނަ މަންޒަރު. މިހާރު ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުން ފެންނަމުން އެދަނީ އެ މަންޒަރު.
 
މާދަމާ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބަކީ، ވީހާވެސް އޮމާންކަމާއި އަމާންކަމާއެކުގައި ކުރިއަށްދާނެ އިންތިޚާބަކަށް ހައްދަވައިދެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު މި ފުރުޞަތުގައި އިލްތިމާސްކުރަން.
 
ނިންމާލަމުން، ދިވެހި މި ފަސްގަނޑުގައި އުފެދުނު ޤައުމީ އަބްޠާލުންގެ ޒިކުރާ އަޅުގަނޑު އާ ކުރަން. އެބޭފުޅުން ޤައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ އަގު ވަޒަން ކުރަން.
 
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި ރޯޝަނީ މުސްތަޤްބަލެއް އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވުން.  
 
والحمد للّـه. والسّـلام عليـكم