ދެމެހެއްޓެނިވި ގޮތުގައި ރާއްޖެއާއި ރާއްޖޭގެ ރަށްރަށް ތަރައްޤީ ކުރެވޭނީ، ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުން ލިބިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ކޮޅުމަޑުލު ވިލުފުށްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ ތަރައްޤީއަށްޓަކައި، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އެ އިންތިޚާބާ ގުޅިގެން އުފެދޭނެ ލޯކަލް ކައުންސިލްތަކުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. އަދި ރަށު ކައުންސިލް އުފެދި، ރަށުގެ ރައްޔިތުންނަށް ވާންވީގޮތް އެނގިގެން، އެރައްޔިތުންގެ ބައިވެރިވުމާއެކީގައި ކަންކަން ނިންމީމާ ނޫނީ، ދެމެހެއްޓެނިވި ގޮތުގައި ކަންކަން ނިމިގެން ނުދާކަން ފާހަގަކުރެއްވިއެވެ.

 
ރައީސުލްޖުމްހޫރިއްޔާ، ވިލުފުށީގައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމުގެ ވަޢުދުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ގޯތިގެދޮރާއި، ބޯހިޔާވަހިކަން މަދު މީހުންނަށް، ކުރިއަށް އޮތް ތިންއަހަރުގެ ތެރޭގައި ސަރުކާރުން ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެ ކަމަށާއި، މި ސަރުކާރު އުފެދިފައިމިވާނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ވަޢުދުވެވަޑައިގެން ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސުނާމީއާ ގުޅިގެން އަޅާ ގެދޮރާއި، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން އަޅުއްވާ ގެތަކުގެ ތެރެއިން ވިލުފުށީގައި އެޅުއްވުމަށް ހަމަޖައްސަވާފައިވާ ގެތައް މި އަހަރު އަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ވިލުފުށްޓަކީ 2004 ވަނަ އަހަރުގެ ސުނާމީގައި ރާއްޖެއިން އެންމެ ބޮޑަށް ގެއްލުންވި އެއް ރަށެވެ.
ވިލުފުށީގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ ޕްރޮގްރާމްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މިއަހަރުގެ ތެރޭގައި، ވިލުފުށީގައި ޓެލެމެޑިސިންގެ ޚިދުމަތް ޤާއިމް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ވިލުފުށީގައި ވިޔަފާރިއަށް މަގުފަހި ކޮށްދޭނެ ރަނގަޅު ބަނދަރުމައްޗެއް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ޕްރޮގްރާމެއް އެކުލަވާލައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެ ޕްރޮގްރާމްތައް ތަންފީޒު ކުރެއްވުމަށް ބޭނުންވާ ފައިސާ، މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ރަށުގެ ކައުންސިލް އިންތިޚާބު ވުމުން، ކައުންސިލްގެ މަޝްވަރާއާއެކު، މި ޕްރޮގްރާމްތައް ފެށްޓެވުމުގެ ހުރިހާ ކަމެއް ފަހިވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ، ވިލުފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރުފަހު، ކޮޅުމަޑުލު ގާދިއްފުށްޓަށްވެސް ވަޑައިގެންނެވިއެވެ.
 
އެމަނިކުފާނު ގާދިއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ގާދިއްފުށްޓަކީ މީސްކޮޅު މަދުރަށެއް ކަމުގައިވިޔަސް، ސަރުކާރުން އެރަށް ދޫކޮށް ނުލައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ގާދިއްފުށީގައި ރަނގަޅަށް އާބާދުވެވޭނެ ޕްރޮގްރާމެއް ހިންގެވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
2011 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ޕްރޮގްރާމްތަކުގެ މަޢްލޫމާތު ދެއްވުމަށާއި، ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ އަދި ހިންގަވަން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މަޢްލޫމާތު، އަތޮޅުތަކުގެ ރައްޔިތުންނާ ޙިއްޞާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖޭގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނިލަންދެއަތޮޅު އުތުރުބުރިއާއި އެއަތޮޅު ދެކުނުބުރި އަދި ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ އިރާކޮޅު ވަނީ މާލެވަޑައިގެންފައެވެ.