بســماللّـهالرّحمـنالرّحيــم

 
ދައުލަތުގެ ވަޒީރުން، މި ބޮޑުފޮޅުދޫގެ ވެރިން އަދި ވަކިން ޚާއްޞަކޮށް، ބޮޑުފޮޅުދޫ ލޮބުވެތި ރައްޔިތުން.
 
السّـلام عليـكم
 
މި ސަރުކާރު އުފެދުމުގެ ދުވަސްތަކެއް ކުރިއްސުރެ ފަށައިގެން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ދިޔައީ، ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ޒިޔާރަތް ކުރަމުން. ވަރަށްގިނަ ގޭގެއަށް ގޮސް، ކިތަންމެ ބަޔަކާ ބައްދަލުކުރަމުން. އެތައް އެތައް މަޝްވަރާއެއް ކުރަމުން. ރާއްޖޭގެ ރައްޔިތުންގެ އަޑު، އަޅުގަނޑުމެން ދިޔައީ ދުވަސްތަކެއް ވަންދެން އަހަމުން. އެ އަޑުތައް ފުރޭނިގެން އައީ، އެމް.ޑީ.ޕީ. ސަރުކާރުގެ، އެމް.ޑީ.ޕީ.ގެ ވަޢުދުތަކުގެ ގޮތުގައި. އެހެންވީމާ، ދިވެހި ސަރުކާރުގެ މިއަދުގެ ސިޔާސަތުގެ ގޮތުގައި. ދޮރުން ދޮރަށް ހިނގި ހިނގުމުގަޔާއި، އަދި މި ރާއްޖޭގެ ކިތަންމެ ރަށަކަށް ކުރި ޒިޔާރަތާއި، އެހެން ނޫނަސްވެސް، ރާއްޖޭގެ ޙަޤީޤަތުގެ މައްޗަށް، ކިތަންމެ ޙަޤީޤަތްތަކެއް އަޅުގަނޑުމެންނަށް ހުރީ ފާހަގަވެފައި.
 
އަޅުގަނޑުމެންނަށް އެނގުނު، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު ދެކޭގޮތުގައި، އަދި އަޅުގަނޑުމެންވެސް ގަބޫލުކުރާ ގޮތުގައި، މި ރާއްޖޭގައި ލިބެންހުރި ކިތަންމެ ޚިދްމަތްތަކަކީ، އެންމެ އެކަށީގެންވާ އަދި ރައްޔިތުން ހިތްހަމަޖެހޭ ގޮތަށް ފޯރުކޮށްދެވޭ ޚިދްމަތްތައް ނޫންކަން. މިދިޔަ ދިގު 30 އަހަރުވެސް އަދި ބައެއްފަހަރަށް، ވަރަށްގިނަ ފަހަރަށް، މިދިޔަ ދެއަހަރުގައިވެސް މިދެންނެވި ޚިދްމަތްތައް، ހަމަ މި މަގުގައި އެބަހުރި. މިކަން މިހެން އޮތްއިރުގައި، އަޅުގަނޑުމެންނަށް ފާހަގަވި އަދި މާބޮޑު ޙަޤީޤަތަކީ، ރާއްޖޭގެ އާބާދީގެ ކޮންމެ ތިންމީހަކުންކުރެ އެކަކީ، ނިކަމެތި ފަޤީރެކޭ. އޭނާއަކީ އޭނާއަށް ދުވާލެއްގެ މައްޗަށް ފަނަރަ ވިހި ރުފިޔާ ނުލިބޭ މީހެކޭ. އ.ދ. އެބުނާ ހައިހޫނުކަމުގެ ރޮނގުން ދަށުގައި ހުރި މީހެކޭ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް، އަޅުގަނޑު ކުރިން މިދެންނެވި ހިތްހަމަނުޖެހޭ، އެކަށީގެންނުވާ ޚިދްމަތްތައްވެސް، އެޚިދްމަތްތަކަށްވެސް އަތްނުފޯރާއިރުގައި، ދެން އަޅުގަނޑުމެނަށް މިފެންނަނީ، ޤައުމެއް ތަރައްޤީ ކުރަން، ރަށެއް ތަރައްޤީ ކުރަން ވަރަށް އުނދަގޫވާނެއޭ.
 
 އިންސާނީ ތަޖްރިބާ ދައްކާފައި އޮތް އެއް ޙަޤީޤަތަކީ، ޤައުމެއް ތަރައްޤީވެދިޔުމަށް، އެޤައުމެއްގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން އެބަ ލިބެންޖެހެއޭ. އެހެންވީމާ، މި ސަރުކާރުން ވަޢުދުވީ، ރާއްޖޭގެ ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހާ ޖެހުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ހުއްޓުވާލާނަމޭ. މަދަނައިގެ ވިއުގަ އުފެދިގެން އައީ މިދެންނެވި ހިސާބުން. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، އުފާވެރިކަން ލިބެނީ، މި ބޮޑުފޮޅުދޫ  90 މީހަކު މަދަނައިގައި ރަޖިސްޓްރީ ކުރެވިފައިވާތީވެ. އަދި އެމީހުންނަށް މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި، ދެލައްކަ ފަންސާސް ފަސްހާސް އަށްސަތޭކަ އަށްޑިހަ ހަތްރުފިޔާގެ ބޭސްފަރުވާ ކޮށްދެވިފައިވާތީވެ. އަދި އެއަށްވުރެ ބޮޑަށް މަދަނައިގައި ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ މީހަކަށް، އެއްލައްކަރުފިޔާގެ ބޭސްފަރުވާ ރައްކާ ކުރެވިފައި، މާލިއްޔަތުގައިވާކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. މި ސަރުކާރު މަސައްކަތް ކުރަމުން ގެންދާނީ، މިދެންނެވި މީޒާނުގައި، މިދެންނެވި މަގުގައި.
 
އަޅުގަނޑުމެން ރާއްޖޭގެ އަޑު އަހަމުންދިޔައިރު، ސާފުވަމުންދިޔަ ކިތަންމެ ޙަޤީޤަތަކީ، މި ރަށުގައިވެސް އަދި ރާއްޖޭގެ އެހެން އެހެން ރަށްރަށުގައިވެސް، ހޮޅުއަށިތަކާއި ގޮނޑުދޮށްތަކާއި، ރުއްރުއްދޮށުގައި އަދި މާލޭގައިވެސް ގޯތިތައް ފޮތި ކުރަމުން ކުރަމުން އައިސް، ކުރީގައި ބަދިގެ ހުރި ތަނުގައި ހުރި ކޮޅުފިލާ ގޮނޑިއެއްގައި ހުއްޓިފައި، ވެއްޓިފައި އޮންނަނީ ކާފަ ނުވަތަ މާމަ. އަޅުގަނޑުމެންގެ ރާއްޖެ މިގޮތަށް އަޅުގަނޑުމެންނަށް ލިބިފައި މިއޮތީ، މިއަދުގެ ދޮށީ ޢުމުރުގެ މީހުން، އެދުވަހު ވަރަށްގިނަ މަސައްކަތް ކުރީމާ. އެމީހުން މަހަށް ފަރަށް ދިޔައީތީވެ. ރުކަށް ވަލަށް ދިޔައީތީވެ. އެމީހުން ވަޑާން ކުރީތީވެ. ގެދޮރު އެޅީތީވެ. އެމީހުން ކިތަންމެ ކިތަންމެ މަސައްކަތެއް ކުރީތީވެ. ހަމަކަށަވަރުންވެސް އަޅުގަނޑުގެ ޕާޓީ، އަޅުގަނޑު ނިސްބަތްވާ ޕާޓީ ގަބޫލުކުރާ ފަލްސަފާއެއް ނޫން އެއީ. މިއަދު މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ކާކަށްތޯ ދެކޭއިރުގައި، އެކަން ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ ވަޒީފާއެއްގައި އުޅުއްވި ބޭފުޅުންނަށް ކަމަށް ދެކެވޭ ދެކުމަކީ، އެމް.ޑީ.ޕީ އެއްގޮތަކަށްވެސް ގަބޫލުކުރާ ފަލްސަފާއެއް ނޫން. އެހެންވީމާ، ޕާޓީގެ ފަރާތުން ވަޢުދުވީ، ޕާޓީގެ ވެރިކަމެއްގައި އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އާމްދަނީ މަދު، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންގެ ސަރުކާރަށް މިއަދު ހިތްވަރު ލިބެނީ، އަޅުގަނޑުމެންގެ ޕާޓީއަށް މިއަދު އުފާވެރިކަން ލިބެނީ، މި ފޮޅުދޫގެވެސް 22 މީހަކަށް މިދަންނަވާ ޕެންޝަން ގަވާއިދުން ދެމުންދާތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، މި ފޮޅުދުއަށް ކޮންމެ މަހަކު ޕެންޝަންގެ ގޮތުގައި ސާޅީސް ހަތަރުހާސް ރުފިޔާ ހޭދަކުރެވޭތީވެ.
 
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ދެވޭ ޢިނާޔަތްތައް މިރަށަށްވެސް ދަނީ ދެވެމުން. އަޅުގަނޑުމެންނަށް އަލުން އަނބުރާ އިތުރު މަސައްކަތް ކުރުމުގެ ހިތްވަރު މިލިބެނީ، މިރަށުގެވެސް 25 ރައްޔިތަކަށް މިދެންނެވި އެހީތެރިކަން ފޯރުކޮށްދެވޭތީވެ. މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި، އެއްލައްކަ އަށްހާސް ދުއިސައްތަ ތިރީސް އަށްރުފިޔާ، އެކަނިވެރި މައިންނަށާއި، ޔަތީމު ކުދިންނަށް ބޮޑުފޮޅުދުއަށް ޚަރަދު ކުރެވިފައި އޮތްކަމުން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، މިދެންނެވި މަގަށް. އަޅުގަނޑުމެން  މި ވެރިކަން ކުރާން ނުކުމެ މިތިބީ، ވެރިކަން ކުރުމުގެ ނިޔަތުގައި. ރައްޔިތުންނަށް ޚިދްމަތް ކުރުމުގެ ބޭނުމުގައި. އެއްވެސް ހާލެއްގައި، ވެރިކަމުގެ ޖާހަކަށްޓަކައި، ލައްޒަތަށްޓަކައި، އަރާމަށްޓަކައި، ޝަހެންޝާހަށްޓަކައެއް ނޫން. އަޅުގަނޑުމެން، މި ވެރިކަން ކުރަމުން މިގެންދަނީ ރައްޔިތުންނަށްޓަކައި. އަދި ވަކިން ހަމައެކަނި މިއަދުގެ ފޮޅުދޫގެ ރައްޔިތުންނަކަށެއް ނޫން. އަންނާން ތިބި ފޮޅުދޫ ރައްޔިތުންނަށްޓަކައި. އުފެދޭން އޮތް ޖީލަށްޓަކައި. އަޅުގަނޑު އަބަދުވެސް ދަންނަވަން، މިއަދު މިއޮތީ ނިމި ގޮއްސައޭ. މިއަދު މިއޮތީ ގެއްލިފައޭ. އިއްޔެ އަދި ޢަމްދުން ދެން ލިބޭކަށް ނެތޭ. އަޅުގަނޑުމެނަށް ހޯދެންއޮތީ މާދަމައޭ. އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ ޚިޔާލަތު ގެންދަންވީ މާދަމައަށް. އަޅުގަނޑުމެންގެ އަމާޒަކަށްވާންވީ، އެ މާދަމައަކީ މިއަދަށްވުރެ އަދި މާ އުޖާލާ، މާ އުފާވެރި މާދަމައަކަށް ހެދުން.
 
މާދަމާ ލިބިގަތުމަށްޓަކައި ތަރައްޤީގެ މަގު ވަކި ޚާއްޞަ ގޮތަކަށް އެބަ ގެންދާންޖެހޭ. އަޅުގަނޑު ގާތުގައި ވަރަށްގިނަ މީހުން އަހާ. އަދި މިއަދުވެސް އަހާނެ. އަދި އަޅުގަނޑަށް ޔަޤީން، މިރަށުން މިރަށުގެ ނެރު ރަނގަޅު ކުރުމަށް 2010 ވަނަ އަހަރު އުޅުނު އުޅުމުގައި ފާހަގަވެފައި އޮންނާނެ، ބަޖެޓްގައި ލާރި ނެތިގެން އެކަން ނުވީއޭ. އަޅުގަނޑު ގާތުގައި އަހާ، ދެން ކީއްކުރަންތޯ، މި ފޮޅުދުއަށް ކޮންމެ މަހަކު ސާޅީސް ހަތަރުހާސް ރުފިޔާ، 65 އަހަރުން މަތީގެ މީހުންނަށް، މަދަނައިގައި ބައިވެރިވެފައި ތިބި މީހުންނަށް، ދެލައްކަ ފަންސާސް ފަސްހާސް ރުފިޔާ، އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެއްލައްކަ އަށްހާސް ރުފިޔާ، ޔަތީމު ކުދިންނަށާއި އެކަނިވެރި މައިންނަށް މިހުރިހާ ފައިސާ ޚަރަދު ކުރަމުން ގެންދިޔައީ.
 
ޤައުމެއް ތަރައްޤީއެއް ނުވާނެ، ރަށެއް ތަރައްޤީއެއް ނުވާނެ، އެރަށެއްގެ ރައްޔިތުން ބިކަ ޙާލުގައި ތިއްބައެއް. ތަރައްޤީއަކީ ކޮންކްރީޓުން މިނާ އެއްޗެއް ނޫން. ތަރައްޤީއަކީ ފޮޅުދޫ މީހާ ތަރައްޤީވުން. ފޮޅުދޫގެ ތަރައްޤީ ހޯދޭނީ، ފޮޅުދޫ މީހާ ތަރައްޤީވީމާ. ބޮޑުހިލަ، ބޭރު ތޮށްޓަކުން، އެއްގަމު ރިވެޓްމަންޓަކުން، ސަހަރާ ވަށާ ފާރަކުން ތަރައްޤީއެއް ވަކި ނުހޯދޭނެ. ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި އަޅުގަނޑުމެންނަށް ވަކިގޮތަކަށް ކޮށްގެން ނޫނިއްޔާ، އަޅުގަނޑުމެން މިބޭނުންވާ ބަދަލު އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ. އަޅުގަނޑު ދެކެން އެބަ، މިތާ ފާރުތަކުގައިވެސް އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް ބޯދާ ވާހަކަތަކެއް ބަޔަކު ދައްކަމުންދާ އަޑު. އަޅުގަނޑަކީ ޒަމާނީ މީހެއް. އަޅުގަނޑު އުންމީދު ކުރަން، މި ފޮޅުދުއަކީވެސް އިއްޔެގެ ރަށެއް ނޫން ކަމަށް. ދައުލަތަކީ ކޮބައިކަމާއި، ދައުލަތުގެ ހަރު މުދާ ވިއްކައިގެން އަޅުގަނޑުމެން، އަޅުގަނޑުމެންގެ ރައްޔިތުންނަށް ކުރިއަށް އޮތް ތަނަށް މިޞްރާބު ޖެހެން އޮތްތޯ، އޭގެ ފަލްސަފާއެއް ދުނިޔޭގައި މަސައްކަތް ކުރޭތޯ. ސަރުކާރުގެ ނަމުގައި ވިޔަފާރި ކޮށްގެން، މިދުނިޔޭގެ އެހެން ޤައުމުތަކުގައި، އެޤައުމުތަކުގެ އިޤްތިޞާދަށްވީ ކިހިނެއްތޯ. މިހިރި މިހިރީއަކީ އާ ވާހަކައެއް ނޫން. އަޅުގަނޑުމެން ހަމަގައިމުވެސް ނުދަންނަ ޢިލްމެއް ނޫން. ސަރުކާރުން ކުރާ ވިޔަފާރިއާއި، އޭގައި ހިމެނޭ ކޮރަޕްޝަނާއި، އޭގައި އޮންނަ ނާޖާއިޒު ފައިދާއާއި، އޭގެ އެކުރެވޭ ޚަރަދާއި، ނުކުންނަ ނަތީޖާއާ ބައްދަލުނުވެ އޮންނަ ބޮޑު ފަރަޤު މާބޮޑު. މިދުނިޔެއަކީ ހުޅުވިފައި އޮތް ދުނިޔެއެއް. ފޮޅުދުއެއް ތަރައްޤީއެއް ނުވާނެ، އަޅުގަނޑުމެންގެ ވިސްނުން، ހޮޅުދޫ ގޮނޑުދޮށާ ހިސާބުގައި އޮއްވައެއް. އަޅުގަނޑުމެންގެ ވިސްނުން އެބަ ގެންދަންޖެހޭ، މިރަށު ގޮނޑުދޮށުން ބޭރަށް، މި އަތޮޅު ދުނިން ބޭރަށް. އަދި މި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް.
 
އަޅުގަނޑުމެން އުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައި. އެ ދުނިޔޭގައި ކަން ހިނގާފައިވާ ގޮތް އަޅުގަނޑުމެންނަށް ސާފުވާންޖެހޭ އެބަ. ޤައުމަށްޓަކައޭ ކިޔައި ބާޠިލް ވާހަކަ އަޅުގަނޑުމެން ދެން މިއަދު ދައްކާނެ ކަމެއް ނެތް. މި ޤައުމެއް، މި ފަސްގަނޑެއް، މި ވަޒަނެއް ހިފައިގެނެއް އެއްވެސް ބަޔަކަށެއް ނުދެވޭނެ. މި ފޮޅުދޫ އޮންނާނީ މިތަނުގައި. ފޮޅުދުއެއް ނުގެންދެވޭނެ، އިނގިރޭސިވިލާތު ބޭރަކަށް. ފޮޅުދުއެއް ނުގެންދެވޭނެ، ޖަޕާނު އައްސޭރިއަކަށް. ފޮޅުދޫ އޮންނާނީ އަރިއަތޮޅުގައި. ފޮޅުދޫ އޮންނާނީ ރާއްޖޭގައި. ފޮޅުދޫ ރައްޔިތުންވާނީ ރާއްޖޭ ރައްޔިތުންނަށް. އެލިބޭ މުއްސަނދިކަން ވާނީ ފޮޅުދޫ ރައްޔިތުންނަށް. ފައިސާ ގެންނަންޖެހޭނީ ފައިސާ ހުރި ތަނަކުން. އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތަކީ، މި ރާއްޖޭގެ ރައްޔިތުން މުއްސަނދި ކުރުން. ތަނަވަސް ކުރުން. އަޅުގަނޑުމެންގެ ރާއްޖެ ދަރާ ވިކިއްޖެ މާކުރީގައި. ޤައުމުތަކުން ދަރަނިވެރި މިވެވެނީ، އެޤައުމެއްގެ އުފެއްދުންތެރިކަމުގެ ވަކި ނިސްބަތަކަށް. އެ ނިސްބަތުގެ މިންގަނޑު ފަހަނަޅައިދިޔައިރުގައި، ދަތުރުފަތުރު ކުރުމުގެ ނިޒާމް ހިންގުމަށްޓަކައި ހަދާފައިވާ ރިޕޯޓަށް އެކަނި ހަތާވީސް މިލިއަން ޑޮލަރު މިހާރު އަރާފައި އޮތްއިރުގައި، މިދިޔަ ދިގު 30 އަހަރު ނުވި ބޯޓެއް، ކުރެވުނު ދަތުރެއް އަޅުގަނޑު ނުދެކެން. ލޯނު އަޅުގަނޑުމެންނަށް ނެގިދާނެ. ދަރަނިވެރި އަދިވެސް ވެވިދާނެ. ދެން އަދި ވިހާން ތިބި ކުދިންވެސް ދަރަނިވެރި ކުރެވިދާނެ. އެކަމަކު އަޅުގަނޑު އެއަށްވުރެ މާ އެދެން، އަޅުގަނޑުގެ ކާފަގެ، މާމަގެ ހަރު މުދަލެއް ބޭނުންކޮށްގެން، އަޅުގަނޑުގެ ދަރީންނަށް ގޮތެއް ހޯދައިދިނުން. އަޅުގަނޑަށް ޔަޤީން، ޤައުމެއްގެ ސިފައިގައިވެސް، ތަރައްޤީގެ މަގަށް އަޅުގަނޑުމެން ދާން ބޭނުންނަމަ ޚިޔާރު ކުރަން އޮތީ އެ މަގުކަން. ތަރައްޤީ ލިބޭނީ، މިއަދުގެ ދުނިޔެއަށް އަޅުގަނޑުމެން ހުޅުވިގެން. ތަރައްޤީ ހޯދޭނީ، އަންނާން އޮތް ޖީލަށް އަޅުގަނޑުމެން ވިސްނައިގެން.
 
ފަސޭހަކަމާއެކީގައި، ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމް ކުރުމަކީ، ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް. ވިޔަފާރި ކުރިއަރަންޖެހޭނެ. މުދަލާއި ފަސިންޖަރުން، އެއްތަނުން އަނެއް ތަނަށް ބަދަލުވެގެން މެނުވީ، ވިޔަފާރި ކުރިއަރައެއް ނުދާނެ. އެހެންވީމާ، އަޅުގަނޑުމެން ވަޢުދުވީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި، 7 އަހަރު ދުވަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ރަށްތައް ދަތުރުފަތުރު ކުރުމުގެ ނިޒާމުން ގުޅުވާލަދޭނަމޭ. ފުރަތަމަ ދެއަހަރު، އޭގެ އަސާސީ ޚިދްމަތް، އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ. މިއަދު އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި ފޮޅުދޫން 1751 ދަތުރު، މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ފަށާފައިވާތީ. އަދި 2114 ފަހަރު މިރަށަށް 2114 މީހުން ދަތުރު ނިންމާފައިވާތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ، ދަތުރުފަތުރު ކުރުމުގެ ނިޒާމް ފުޅާކުރުން. ރަނގަޅު ކުރުން. ފެރީ ޓަރމިނަލްތައް އެޅުން. އަދި     އެ ނިޒާމްގައި ކޮންމެ ދުވަހަކު ތިންފަހަރަށް މާލެ ދެވޭވަރު ކުރުން. ކޮންމެ ދުވަހަކު ތިންފަހަރު މަތިވެރިއަށްވެސް، މާޅޮހަށްވެސް، ފެރިދުއަށްވެސް. ކޮންމެ ދުވަހަކު ތިންފަހަރު ރަސްދުއަށްވެސް، އުކުޅަހަށްވެސް، ތޮއްޑުއަށްވެސް ދެވޭވަރު ކުރުން. އަޅުގަނޑުމެންގެ އަމާޒަކީ އެއީ. އަދި އަޅުގަނޑުމެން މިމަސައްކަތް ހިންގަމުން މިގެންދަނީ އެމަގަށް. މާލެއާ މިހާ ގާތުގައި އަދި އެހާމެ ފައިސާއާ މިހާ ގާތުގައި ތިބެމެ، އެއިން ބައެއް ނޭޅެނީ އެތަނަށް ގިނަގިނައިން ނުދެވޭތީ. ގޮސް ގޮއްސާ ނާދެވޭތީ. އަޅުގަނޑުމެންނަށް އެ ބަދަލު އިރާދަކުރެއްވިއްޔާ ގެނެވޭނެ. އަޅުގަނޑުމެންނަށް މިއަންނަނީ އެނިޒާމް މަސައްކަތް ކުރާތަން ފެންނަމުން. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި، މިތަނުގެ ދަތުރުފަތުރު ކުރުމުގެ ނިޒާމް އަދި ކުރިއަށްވުރެ މާބޮޑުތަނުން ހަމަޖެހިގެންދާނެ.
 
އަޅުގަނޑު ދަންނަވައިފިން، ނެރުގެ ވާހަކަ. ތިޔަބޭފުޅުން ކުރީގައިވެސް ބޭނުންވެފައި އޮތް ކަމެއް. އަދި ދަތުރުފަތުރާވެސް ގުޅޭ ކަމެއް. އަޅުގަނޑު ބަލާނަން، މިއަހަރުގެ ތެރޭގައި، ތިޔަބޭފުޅުންގެ ނެރުގެ މަސައްކަތް ކުރުމަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެކަން ކުރާނަން. ފޮޅުދުއެއް ޙަޤީޤަތުގައި ތަރައްޤީއެއްނުވާނެ، ފޮޅުދޫ މީހާއަށް ތަންދޮރު އެނގުނީމާ ނޫނިއްޔާ. ވާނުވާ ފިލީމާ ނޫނިއްޔާ. ބޯދާ ކަންކަމުގެ ތެރެއަށް ވަދެ، ޖާހިލިއްޔަތުގެ ތެރޭގައި ތިބެގެން، އަޅުގަނޑުމެންނަށް އަލިކަމުގެ ނޫރެއް ނުހޯދެންޏާ. ފޮޅުދޫގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ދެވިގެން ނޫނިއްޔާ، މިރަށް ބަދަލެއް ނުކުރެވޭނެ. އެހެންވީމާ، އަޅުގަނޑުމެންނަށް މަދްރަސާ މުހިންމީ. އެހެންވީމާ، އަޅުގަނޑުމެންނަށް އެއްދަންފަޅީގެ މަދްރަސާއާއި، ވަށާޖެހޭ ތަޢްލީމު އެއީ، އަޅުގަނޑުމެންގެ ވަޢުދަކަށް މި ވެގެންދަނީ. އިރާދަކުރެއްވިއްޔާ، ވަށާޖެހޭ ތަޢްލީމުގެ ފުރިހަމަ ނިޒާމެއް، މި ފޮޅުދޫގައިވެސް އަޅުގަނޑުމެން ޤާއިމް ކުރާނަން. މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މިދިޔަ 2010 ވަނަ އަހަރުގައި، ފޮޅުދޫ ދަރިވަރުންގެ ފޮތް، ފަންސުރު، ގަލަން ގަތުމަށް އަށްޑިހަ ހަތްހާސް ތިންސަތޭކަ ސާޅީސް ތިންރުފިޔާ ޚަރަދު ކުރެވިފައި އޮތީތީވެ. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި ރަށު ދަރިވަރުންގެ އިމްތިޙާން ފީއަށްޓަކައި ސަރުކާރުން ބައްތިރީސް ހާސް ހަތަރުސަތޭކަ ފަންސާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު ލިބިފައިވާތީވެ.
 
އަޅުގަނޑުމެންގެ އެބައޮތް، ފޮޅުދޫގެ ތަރައްޤީގެ ތަޞައްވުރެއް. މި ސަރުކާރުގެ އަބަދުވެސް އޮތް ފޮޅުދޫގެ ޕްލޭނެއް. ބޮޑުފޮޅުދުއަށް ހަދާނެ ގޮތެއް. މިތަން ތަރައްޤީ ކުރުމަށް އަޅުގަނޑުމެން އަޅާނެ ފިޔަވަޅުތައް. މިތަން ބަދަލުކުރުމަށް އަޅުގަނޑުމެން ކުރާނެ ކަންތައްތަކެއް. ފެބްރުއަރީ 5 ވަނަ ދުވަހު އެ ބިންގާ އެޅެނީ، އެކަމަށްޓަކައި އެންމެ މުހިންމު، ބޭނުންވާނެ އެންމެ މުހިންމު ވާސިލުތައް. ރައްޔިތަކު ހިފަހައްޓައި، ރައްޔިތު އޮބަހައްޓާފައި ބާއްވައިގެން ތަރައްޤީއެއް ނުހޯދޭނެ. ރައްޔިތަކު ހައްޔަރު ކޮށްގެނެއްވެސް ތަރައްޤީއެއް ނުހޯދޭނެ. ބިރު ދައްކައިގެނެއްވެސް ތަރައްޤީއެއް ނުހޯދޭނެ. ތަރައްޤީ ހޯދޭނީ ރައްޔިތުން ދޫކޮށްލައިގެން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން ލިބިގެން ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް ނުހޯދޭނެ. އަޅުގަނޑުމެން ބޭނުން، ވާދަވެރި ޕާޓީއެއް. އެއީ، ދެއުޅިއެއް ނެތް ވާހަކަ ދައްކާ މީހެއް ސާފުކުރަން. އަޅުގަނޑުމެން ބޭނުން، ވާދަވެރި ޕާޓީއެއްގެ ތެރެއިން، އަޅުގަނޑުމެންގެ ސިޔާސަތުތައް ރަނގަޅަށް ފުރާނަން. ވާދަކޮށްގެން އަޅުގަނޑުމެން މޮޅުވާން ބޭނުމީ. މަކަރު ހަދައިގެނެއް ނޫން. ބިރު ދައްކައިގެނެއް ނޫން. ނާޖާއިޒު ފައިދާ ނަގައިގެނެއް ނޫން. މޮޅުވާން ބޭނުންވަނީ، ރައްޔިތުންގެ ރުހުމާއި އަދި ރައްޔިތުން އެދޭގޮތަށް ކަންތައްތައް ކުރިއަށް ގެންދެވިގެން. ފެބްރުއަރީ 5 ވަނަ ދުވަހު މި އުފެއްދޭ ރަށު ކައުންސިލްގެ އިންތިޚާބު، ރަށު ކައުންސިލް އުފައްދާ އިންތިޚާބު އެއީ އަޅުގަނޑު ދަންނަވައިފިން، މިރަށުގެ ތަރައްޤީއަށް އެންމެ މުހިންމު އެއް މުއައްސަސާއޭ. އަޅުގަނޑުމެން މިއުޅެނީ، މީގެކުރީގައި އޮތް އެއްވެސް ކަމެއް ކުރާކަށެއް ނޫން. ރަށްކުރިއަރުވާ ކޮމިޓީއެއް އެކުލަވައިލާކަށެއް ނޫން. ޖިންސުއްލަޠީފުންގެ ރޫޙެއް އުފައްދާކަށެއްވެސް ނޫން. އެހެން އެބާވަތުގެ ޖަމްޢިއްޔާއެއް ޤާއިމްކުރާކަށެއްވެސް ނޫން. މި އުޅެނީ ސީދާ ރައްޔިތުންގެ ވެރިކަން، ސީދާ ރައްޔިތުންނަށް ދިނުމަށް މަސައްކަތް ކުރަން.
 
ގަބޫލުފުޅު ކުރައްވާ، ޤާނޫނުއަސާސީ އިޞްލާޙު ކުރެވެމުން އައިއިރުގައި، އޭގެ އަސާސީ ސިފަތަކާއި އުޞޫލުތައް ނިމުނުއިރު، އެ އަސާސަކު ނެތް، ލާމަރްކަޒީ އުޞޫލުގެ ވާހަކައެއް. އެއީ، މާފަހުން އެމް.ޑީ.ޕީ އަށް ނިސްބަތްވާ މެންބަރުން، އެ ޤާނޫނުއަސާސީއަށް ހިމެނި ބާބެއް.     8 ވަނަ ބާބު. އަޅުގަނޑުމެން މިއަދު މިއުޅެނީ އެ ބާބު ތަންފީޛު ކުރަން. އަޅުގަނޑުމެން މިއަދު މިއުޅެނީ، އެ ބަސްތައް ޙަޤީޤަތަކަށް ހަދަން. ވިސްނަވާތި، އަޅުގަނޑުމެން މިއަދު މިއުޅެނީ ވަރަށް ޒަމާން ވަންދެން މާލޭގައި އެއްކޮށްފައި، އަޅުގަނޑުގެ ރަށުގައި އެއްކޮށްފައި ހުރި އެއްޗަކުން ބައެއް، މި ބޮޑުފޮޅުދުއަށް ދޭން. މާލޭގައި ވެރިކަމުގެ ބާރު އެއްވަމުން އަންނަތާ އެއްހާސް އަހަރުވެއްޖެ. ޤާނޫނުއަސާސީ އިޞްލާޙްވެގެން ދިޔައިރުގައި، ޝަރީޢަތް ހިންގުމުގެ ބާރު، ވެރިކަމުގެ ފަރާތުން ވީއްލިފައި އެވަނީ. ޤާނޫނު ހެދުމުގެ ބާރުވެސް، ވެރިކަމުގެ ފަރާތުން ވީއްލިފައި އެވަނީ. ދެން މިހާރު އަދި އިތުރަށް ކުރަން މިއުޅޭ ކަމަކީ، ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައިވާ ތަންފީޛު ކުރުމުގެ ބާރުން ބައެއް މި ފޮޅުދުއަށް ދޭން. އެބާރަކީ މިއަދާ ހަމައަށް ހަމަގައިމުވެސް މާލޭގައި އޮތް ބާރެއް. އަދި  އެ ބާރަކީ މާލޭގެ ވެރިކަމުގެ ޚާންދާންތަކުން ބައެއް ފަހަރަށް ހަނގުރާމައަށްފަހު ތޮޅެގެން، އަނެއްބައިފަހަރަށް ލޯބިން އެއްކޮށްފައިވާ ބާރެއް. ތިޔަބޭފުޅުން ބައްލަވާލައިފިއްޔާ، އެމް.ޑީ.ޕީ.ގެ ވެރިކަމުގައި، އެމް.ޑީ.ޕީ.ގެ ލީޑަރޝިޕްގައި އެތިއްބެވީ، މިދެންނެވި ބާރު އެއްކުރި ޚާންދާންތަކުގެ މިއަދުގެ ޖީލު. އެބޭފުޅުންނާއެކީގައި އަޅުގަނޑުމެން މިއުޅެނީ، އެބޭފުޅުންގެ ކާބަފައިންގެ މިލްކެއްގެ ގޮތުގައި، މާލޭ އެތައް ބައެއް ގަބޫލުކުރަމުންދިޔަ ކަމެއް ބަހާލަންވެގެން. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އެކަމުގެ ވަލީވެރިންނަކީވެސް، ބެލެނިވެރިންނަކީވެސް އަޅުގަނޑުމެނޭ. އެހެން ބައެއް ކައިރިއަށް ވަޑައިގަންނަވާނެ ކަމެއްނެތް. އެބައިމީހުން އަތުގައި ނެތް އެއްޗެއް ހޯއްދަވާކަށް. މި ބާރަކީ އަޅުގަނޑުމެންގެ އަތުގައި އޮތް އެއްޗެއް. އެ ބާރު ބަހަންވެގެން، ދޭންވެގެން އަޅުގަނޑުމެން މިއުޅެނީ.
 
 ފެބްރުއަރީ 5 ގެ ފަހުން ސަރުކާރަކަށެއް ނެތް، އަދި ލޯކަލް ކައުންސިލުން އަތް ދޫކޮށްލެވޭކަށެއް. އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ، މި ކައުންސިލް ހަރުދަނާ ކުރުން. އަޅުގަނޑުމެންގެ ޒިންމާއެއް އެއީ، މި ކައުންސިލް ވަރުގަދަ ކުރުން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން އެންމެންވެސް ހަމަ ބޭނުންވާނީ، ރަށުގެ ތަރައްޤީ. އަޅުގަނޑުމެން އެންމެންވެސް ހަމަ ބޭނުންވާނީ، އަޅުގަނޑުމެންގެ ޢާއިލާއަށް މިއަށްވުރެ ރަނގަޅު ގޮތެއްވުން. އަޅުގަނޑުމެން އެންމެންވެސް ބޭނުންވާނީ، އަޅުގަނޑުމެނަށް މިއަދު ޖީބަށް ވަން އެއްޗަކަށްވުރެ ހެޔޮ އެއްޗެއް، މާދަމާ ވަންނާނެ ގޮތެއް ހޯދުން، މުއްސަނދިވުން.
 
އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުން މުއްސަނދި ކުރުން. އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ، އަޅުގަނޑުމެން ދެކެނީ، އަޅުގަނޑުމެން އެދޭ ގޮތަށް އަދި އަޅުގަނޑުމެންގެ ހިސާބަށް އަޅާފައިވާ ފިލައަށް އެބަ މަސައްކަތް ކުރާކަން. އަޅުގަނޑުމެންނަށް ފެންނަނީ، ކުރިއަށް އޮތް ތަން އުޖާލާކޮށް. އަޅުގަނޑު ދަންނަވާނީ، ހަމަ އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރޫޙޭ.
 
والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________