بســماللّـهالرّحمـنالرّحيــم

 
ދައުލަތުގެ ވަޒީރުން، މަތިވެރީގެ ކުރިއަށް ތިއްބެވި ވެރިންނާއި އެންމެ ބޭފުޅުން އަދި ވަކިން ޚާއްޞަކޮށް، މަތިވެރީގެ ލޮބުވެތި ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައިވެސް، ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ޒިޔާރަތް ކުރިން. ރާއްޖޭގެ ވަރަށްގިނަ ގޭގެއަށް އަޅުގަނޑުމެން ދިޔައީމު. އެހާމެ ގިނަ މީހުންނާ ބައްދަލުކޮށް، މަޝްވަރާކޮށް ހެދުނު. ރާއްޖޭގެ ރައްޔިތުންގެ އަޑު އަޅުގަނޑުމެން އެހީމު.     އެ ރައްޔިތުންގެ އަޑުތަކާއި، ރައްޔިތުންގެ އިޙްސާސްތައްވެގެން އެންމެފަހުން ދިޔައީ، މި ސަރުކާރުގެ، މިޕާޓީގެ ވަޢުދުތަކަށް. އަދި އެހެންވީމާ، ސަރުކާރުގެ ސިޔާސަތުތަކަށް. އެދުވަހު އަޅުގަނޑުމެންނަށް ފެނުނު މަންޒަރުތައް، މިއަދުވެސް ހަމަ ވަރަށް ސާފު. އަޅުގަނޑުމެން ގަބޫލުކުރަން، ރާއްޖޭގެ ވަރަށްގިނަ ޚިދްމަތްތަކަކީ، ރާއްޖޭގެ ރައްޔިތުން އެންމެ އެދޭގޮތަށް، އެންމެ އެދޭ ފެންވަރަށް ދެވޭ ޚިދްމަތް ނޫންކަން. މިދިޔަ ދިގު 30 އަހަރުވެސް އަދި މިދިޔަ ދެއަހަރުވެސް މިދެންނެވި ބާވަތުގެ ބައެއް ޚިދްމަތްތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ސަރުކާރަށް މިއޮންނަނީ ފޯރުނުކޮށްދެވިފައި. މިކަން މިހެން އޮތްއިރުގައި، އަދި ވަކިން ފާހަގަވާ އިތުރު ޙަޤީޤަތަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިންމީހަކުންކުރެ އެކަކީ، ތިންބައިކުޅަ އެއްބައި މީހުންނަކީ ފަޤީރުންނޭ. އެމީހުންނަކީ، ރެޔާދުވާލަށް އެމީހުންނަށް ވިހި ފަނަރަ ރުފިޔާ ނުލިބޭ، ނިކަމެތިންނޭ. އ.ދ. އެބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައިތިބި މީހުންނޭ.
 
ރަށެއް، ޤައުމެއް ތަރައްޤީއެއްނުވާނެ، އެރަށެއްގެ ނުވަތަ އެޤައުމެއްގެ އާބާދީގެ ގިނަ ބައިވަރު މީހުންނަކީ، ނިކަމެތިންނަށްވެގެނެއް. އަޅުގަނޑު ކުރީގައި މިދެންނެވި އެކަށީގެންނުވާ ޚިދްމަތްތަކަށްވެސް، ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަށް އަތެއް ނުފޯރާ. ރައްޔިތުންގެ ތެރެއިން ގިނަ މީހުން ބޭސްފަރުވާއަށް ބޭނުންވީމާވެސް، ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީ ހިފައިގެން އުޅޭން ޖެހިފައި އޮތީ ވަރަށް ނިކަމެތި ގޮތަކަށް. އެއް ސާދާގަރެއް ކައިރިން، އަނެއް މަހުޖަނެއް ކައިރިން،     އެ ބޭސް ސިޓީއަށް ފަރުވާއެއް ހޯދަން ހިނގަންޖެހުން. ރައްޔިތެއްގެ ޤަދަރާއި ޢިއްޒަތް ނުހިފެހެއްޓޭހާ ހިނދަކު، އެ ރައްޔިތަކު ތަރައްޤީއެއް ނުވާނެ. މަތިވެރި ތަރައްޤީވާނީ، މަތިވެރީގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ލިބުނީމާ. އެހެންވީމާ، މަދަނައިގެ ވިއުގަ އުފެދިގެން އައީ. މިއަދު އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މި މަތިވެރީގެ 113 މީހުން، މަދަނައިގައި ރަޖިސްޓްރީ ކުރެވިފައިވާތީވެ. އަދި މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި، މަތިވެރީގެ މަދަނައިގެ ބޭސްފަރުވާއަށް ނުވަލައްކަ ފަންސާސް ހަތްހާސް ހަސަތޭކަ ފަސްދޮޅަސް ނުވަރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމުން. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މިދެންނެވި 113 މީހުންނަށް މިއަހަރުވެސް ބޭސްފަރުވާއަށްޓަކައި ކޮންމެ މީހަކަށް އެއްލައްކަރުފިޔާ، ދައުލަތުގެ މާލިއްޔަތުގައި ރައްކާ ކުރެވިފައިވާތީވެ. އަޅުގަނޑު މާލޭ ރައްޔިތުން ކައިރީގައި، މާލޭ ވިޔަފާރިވެރިން ގާތުގައި އަހަން. މާލޭގައި މިހާރު އެމީހުން ގާތަށް ބޭސް ސިޓީ ހިފައިގެން، އެހީއަކަށް އެދި އަންނަ މީހުން، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، އޭގެ ކުރީގައި އެ އައި މިންވަރަށް އައިތޯ. އަޅުގަނޑު ގާތުގައި މާލޭ ވިޔަފާރިވެރިން ބުނަނީ، ރައީސޭ މިހާރު ނާދެއޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި، މަތިވެރީ ވިޔަފާރިވެރިންވެސް ނުވަތަ އަތްމަތި ތަނަވަސް މީހުންނަށްވެސް މިކަން ފާހަގަވާނެ. މިރަށު ރައްޔިތުންނަށް ބޭސްކުރުމަށްޓަކައި މަދަނައިގައި ރަޖިސްޓްރީވީމާ، ކޮންމެ މީހަކަށް ކޮންމެ އަހަރަކުވެސް އެއްލައްކަރުފިޔާގެ ބޭސްފަރުވާ ލިބޭނެ.
 
މިއިން ފުރިހަމަކުރަންޖެހޭ ކަންކަން އަދިވެސް އެބަހުރި. އަތްފޯރާފަށަށް ނުވަތަ ގިނަ ރައްޔިތުންނަށް ބޭސްފަރުވާއަށް މިހާރުހުރި ޚިދްމަތްތަކަށް ފަހިވެވޭނޭ ގޮތެއް ހޯދުމުގެ އިތުރުން، ދެން އަޅުގަނޑުމެން ކުރާން މިހާރު ޖެހިފައި މިއޮތް ކަމަކީ، ހުރި ޚިދްމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން. އިރާދަކުރެއްވިއްޔާ، 2011 ވަނަ އަހަރުގެ ވަރަށްބޮޑު އަމާޒަކަށްވާނެ، އެ ފެންވަރު ރަނގަޅު ކުރަމުން ގެންދިޔުން. އަދި ހަމައެހެންމެ، މަތިވެރީ ހުރިހާ ރައްޔިތުންނަށް މަދަނައިގެ ކަވަރޭޖް ނުވަތަ މަދަނައިގައި ރަޖިސްޓްރީވެ، އެމީހުންނަށްވެސް ބޭސްފަރުވާ ލިބޭނެގޮތް، ފަސޭހައިން ބޭސް ލިބޭނޭގޮތް ހަމަޖައްސައިދިނުން.
 
އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެން މަސައްކަތް ކުރަނީ، ރާއްޖެ ތަރައްޤީ ކުރަން. އަޅުގަނޑުމެންގެ އަމާޒަކީ މަތިވެރީގެ ތަރައްޤީ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީއިރު، ސަރުކާރާ ޙަވާލުވީ އަޅުގަނޑުމެންގެ ހިތުގައި މަތިވެރީގެ ތަރައްޤީގެ ތަޞައްވުރެއް އޮވެގެން. އަޅުގަނޑުމެންނަށް ވިސްނޭ ގޮތުގައި، މަތިވެރި ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް، ޗާޓެއް، މަންޒަރެއް، ވިސްނުމެއް، ކުރެހުމެއް އޮވެގެން. އަޅުގަނޑުމެންގެ ބޭނުމަކީ، ތަރައްޤީވުން. އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މަތިވެރީ ރައްޔިތުން މުއްސަނދިވުން. މުއްސަނދިވުމަށްޓަކައި، ތަރައްޤީވުމަށްޓަކައި ކުރާންޖެހޭ ކަންކަމަކީ، ވަކި ޚާއްޞަ ކަންތައްތަކެއް. އެކަންތައްތައް ކުރާންޖެހޭނީ ވަކި ތަރުތީބަކުން. ވަކިގޮތަކަށް، ވަކިއިރެއްގައި. އޭރުން ތަރައްޤީ ލިބޭކަމީ، އިންސާނީ ތަޖްރިބާ ދައްކާފައިވާ ޙަޤީޤަތެއް.
 
އަޅުގަނޑުމެންގެ ތަރުތީބުތަކުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ފާހަގަވި އެއް ނުކުތާއަކީ، ވަރަށް ސާފު އަނެއް މަންޒަރަކީ، ރާއްޖޭގެ ރަށްރަށުގައިވެސް ޢުމުރުން ދޮށީ މީހުން އުޅެމުން އައި ޙާލު. ގޮނޑުދޮށްތަކުގައި، ހޮޅުއަށިތަކުގައި، ރުއްރުއްދޮށުގައި. މާލޭގައިވެސް ގޯތިތައް ފޮތި ކުރަމުން ކުރަމުން އައިސް، އެންމެފަހުން ކުރީގައި ބަދިގެހުރި ތަނުގައި ހުންނަ ކޮޅުފިލާ ގޮނޑިއެއްގައި ހުއްޓިފައި، ވެއްޓިފައި އޮންނަނީ ކާފަ ނުވަތަ މާމަ. އަޅުގަނޑުމެންނަށް ފެނުނު މަންޒަރެއް. އަޅުގަނޑުމެން ވަޢުދުވިން، މި ރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ، މިއަދުގެ ދޮށީ ޢުމުރުގެ މީހުން ނުހަނު ގިނަ މަސައްކަތް ކޮށްގެނޭ. އެމީހުން މަހަށް ފަރަށް ފުރީތީއޭ. އެމީހުން ރުކަށް އެރީތީއޭ. އެމީހުން ވަޑާން ކުރީތީއޭ. ގެދޮރު އެޅީތީއޭ. ރިޒޯޓްފަހަރު ހެދީތީއޭ. އެމީހުން ކިތަންމެ ކިތަންމެ ކަމެއް ކުރީތީއޭ. އެހެންވީމާ، މިއަދު ޕެންޝަނެއް ޙައްޤުވަނީ ރާއްޖެއިން ކާކަށްތޯ މިދެކެވޭ ދެކުމުގައި، ޕެންޝަން ޙައްޤުވަނީ ހަމައެކަނި ސަރުކާރުގައި އުޅުއްވި މުވައްޒަފުންނަށް ކަމަށް، އެއީކީއެއް ގޮތަކަށްވެސް، ހަމަކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީ ގަބޫލުކުރާ އުޞޫލެއް، ފަލްސަފާއެއް ނޫން. އަޅުގަނޑުމެން ވަޢުދުވިން، ރާއްޖޭގެ 65 އަހަރުން މަތީގެ އާމްދަނީ މަދު ކޮންމެ ރައްޔިތަކަށް، އަންހެނަކަސް، ފިރިހެނަކަސް ދެހާސްރުފިޔާގެ ޕެންޝަނެއް ދިނުމަށް. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މިރަށުގެ 11 ރައްޔިތަކަށް މިދެންނެވި ޕެންޝަން ގަވާއިދުން ދެމުން އަންނަތާ ދެއަހަރުވެއްޖެ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިރަށަށް ކޮންމެ މަހަކު ބާވީސްހާސްރުފިޔާ ޕެންޝަންގެ ގޮތުގައި ދިނުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިފައިވާތީވެ.
 
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ޔަތީމު ކުދިންނާއި، އެކަނިވެރި މައިންނަށް ދެވޭ އެހީތައް ފޯރުކޮށްދެނީ އިޖްތިމާޢީ ރައްކާތެރިކަން ހިފަހައްޓައިދިނުމަށްޓަކައި. ފަޤީރުކަމުން ސަލާމަތްވެ، ތިމަންނާއާއި އަދި ޢާއިލާއަށް ރިވެތި ގޮތުގައި ދިރިއުޅެވޭނޭ މަގު ހޯދައިދިނުމަށްޓަކައި. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މިރަށުގެ 10 މީހަކަށް މިދެންނެވި ޚިދްމަތް ދެވެމުން ގެންދެވޭތީވެ. އަދި މަތިވެރިއަށް އެކަމަށްޓަކައި ނުވަދިހަ ނުވަހާސް ފައްސަތޭކަ ފަސްދޮޅަސް ނުވަރުފިޔާ ޚަރަދު ކުރެވިފައިވާތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މަތިވެރީގެ ތަރައްޤީއާއި ރާއްޖޭގެ ތަރައްޤީ. މި ސަރުކާރު ދެމިއޮންނަނީ އެންމެ ބޭނުމަކަށް. އެއީ، އަޅުގަނޑުމެން ވެފައިވާ ވަޢުދު ފުއްދުމަށް. ރައްޔިތުންނަށް ޚިދްމަތް ކުރުމަށް. އެކަމުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ވަރުބަލިކަމެއްނެތި ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވަން.
 
ތަރައްޤީވާން މިޖެހެނީ މަތިވެރީ މީހާ. މަތިވެރިއެއް ނޫން. މަތިވެރީގައި އަޅާ ބޮޑެތި ޢިމާރާތްތަކަކުންނެއް ތަރައްޤީއެއް ނުލިބޭނެ. ތަރައްޤީ ހޯދުމަށްޓަކައި ތަރައްޤީވާން މިޖެހެނީ ތިމާ. އަމިއްލަ މީހާ. އެކަން ކުރުމަށްޓަކައި ރަނގަޅު ތަޢްލީމެއް ދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑު މީގެ އަހަރެއްހާ ދުވަސް ކުރީގައި، ދެއަހަރެއްހާ ދުވަސް ކުރީގައި މިރަށަށް އައިއިރު، އަޅުގަނޑަށް ފާހަގަވި، މިރަށުގައި މަދްރަސާ އެއްދަންފަޅިއަށް ހެދިގެން ސްކޫލަށްދާ ކަމަށް. އެހެން ނަމަވެސް، އޭރުގައި އެދިފައި އޮތް އެދުމާއެކީގައި އެއަހަރު މިތަނުގައި 3 ކްލާސްރޫމް އެޅި، މިހާރު މަދްރަސާ މިދަނީ އެއްދަންފަޅިއަށް ކިޔަވައިދެމުން. މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މި މަތިވެރީ ދަރިވަރުންގެ ފޮތް، ފަންސުރު، ގަލަން ގަތުމަށްޓަކައި 2010 ވަނަ އަހަރު އަށްޑިހަނުވަހާސް ނުވަސަތޭކަ ބާރަރުފިޔާ ޚަރަދު ކުރެވިފައި އޮތީތީވެ. އަޅުގަނޑުމެނަށް އުފާވެރިކަން ލިބެނީ، މި މަތިވެރީ ދަރިވަރުންނަށް އިމްތިޙާންތަކުގެ ފީގެ ގޮތުގައި ދެއްކުމަށް އެކާވީސްހާސް އަށްސަތޭކަ އަށްޑިހަރުފިޔާ، ސަރުކާރަށް ޚަރަދު ކުރުމުގެ ފުރްޞަތު ލިބިފައިވާތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ، މިތަނުގެ މަދްރަސާ، މަތިވެރީ މަދްރަސާ ތަރައްޤީ ކުރުން. ކުރިއަށްވުރެ މާ ރަނގަޅު ތަޢްލީމެއް ދިނުމަށް އަމާޒުކުރުން. ސަރުކާރުން މިގެންދަނީ، މިދެންނެވި ވަށާޖެހޭ ތަޢްލީމާއި، އެއްދަންފަޅީގެ ނިޒާމުގެ ތެރެއިން ތަޢްލީމީ ފެންވަރު އިރާދަކުރެއްވިއްޔާ، ދުވަހުން ދުވަހަށް ކުރިއަށް ދަމުން.
 
މި ސަރުކާރުގެ އެހެންވެސް ވަޢުދުތައް އެބަހުރި. އެއިން ކޮންމެ ވަޢުދަކީ، އެ ވަޢުދު އަޅުގަނޑުމެން ފުއްދުމުން، މި ރާއްޖެ ތަރައްޤީވުމަށް މަގުފަހިވާނެ ކަންކަން. އަޅުގަނޑުމެން ބުނިން، ރާއްޖޭގެ އެއްރަށާއި އަނެއްރަށާ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން އިރާދަކުރެއްވިއްޔާ މި ސަރުކާރުން ގުޅުވާލަދޭނަމޭ. އަޅުގަނޑުމެން ބުނިން، 7 އަހަރު ދުވަހުގެ ތެރޭގައި، އެ ނިޒާމް ފުރިހަމައަށް ޤާއިމްކޮށް އިރާދަކުރެއްވިއްޔާ ނިންމޭނެއޭ. އަދި ދެއަހަރު ދުވަހުގެ ތެރޭގައި، އޭގެ އަސާސީ ޚިދްމަތް ދެވޭނެއޭ. އަޅުގަނޑުމެނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި މަތިވެރިން 2205 ފަހަރު، މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ދަތުރަށް އަރާފައިވާތީވެ. އަދި މި މަތިވެރިއަށް 2496 ފަހަރު ދަތުރު ނިންމާފައިވާތީވެ. ކޮންމެ ދުވަހަކުވެސް އެނގިވަޑައިގަންނަވާނެ، މިހާރު ފެރީއަށް އަރައިގެން ދަތުރުނުކުރާ ދުވަހެއް ނެތް. ކޮންމެ ދުވަހަކުވެސް މިރަށުންވެސް ފަނަރަ ވިއްސަކަށް މީހުންނަށް ދަތުރު ކުރުމުގެ ފުރްޞަތު މިއޮތީ ލިބިފައި. ވިޔަފާރި ތަރައްޤީވެގެން ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެންނަކަށް ނުގެނެވޭނެ. މުއްސަނދިކަން ހޯދޭނީ ވިޔަފާރި ތަރައްޤީވެގެން. ވިޔަފާރި ތަރައްޤީވެވޭނީ، މުދަލާއި ފަސިންޖަރުން ފަސޭހަކަމާއެކީގައި އެއްތަނުން އަނެއް ތަނަށް ދެވޭގޮތްވީމާ. ރަނގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމުން. މިކަން ކުރުމުގައި، ކުރިއަށް މިއޮތް އަހަރު ތެރޭގައި، ކުރާންހުރި މަސައްކަތް އަދިވެސް ގިނަ. ހަމައެކަނި ނިޒާމް ވަރުގަދަ ކުރުމެއް ނޫން. އަދި އޮޑިފަހަރު ގެނައުމެއްވެސް ނޫން. އޭގެތެރޭގައި، ސަރުކާރުން ކުރާންޖެހޭ އެތައް ކަމެއްވެސް އެބަހުރި. ޚާއްޞަ ގޮތެއްގައި، މިރަށުގެ ބަނދަރު ހެދުން. މިރަށުގެ ބަނދަރު އިރާދަކުރެއްވިއްޔާ، މިއަންނަ މަސް ނުވަތަ މާޗްމަހުގެ ކުރީކޮޅު ހަދަން ފެށޭނެ. މިހާރު ބަނދަރުގެ ބީލަން ނިމި، ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި، އެ ބީލަން ކާމިޔާބުކުރި ކުންފުންޏާއެކީގައި ކޮންޓްރެކްޓް ކުރެވެނީ. އެހެންވީމާ، އަޅުގަނޑު މި އުންމީދު ކުރަނީ، އިރާދަކުރެއްވިއްޔާ، ފެބްރުއަރީ މަސްތެރޭ ނުވަތަ މާޗްމަހު ތެރޭގައި، މިތަނުގައި ބަނދަރުގެ މަސައްކަތް ފެށޭނެ ކަމަށް.
 
ބަނދަރުގެ މަސައްކަތާއެކުގައި، އަޅުގަނޑުމެން އިތުރު މަސައްކަތެއް އިރާދަކުރެއްވިއްޔާ، މިއަހަރު މިރަށުގައި ހިންގާނަން. އެއީ، މިރަށު ބޯޅަދަނޑު ފުރިހަމަކޮށް މަރާމާތުކޮށް ރަނގަޅު ދަނޑަކަށް ހެދުން. ޒުވާނުންގެ ތަރައްޤީއަކީ ކޮންމެހެން ބޭނުންތެރި ކަމެއް. ހަމައެކަނި ފިރިހެން ކުދިންނެއް ނޫން. އަންހެން ކުދިންނަށްވެސް ކުޅިވަރު ކުޅެވޭނެ ގޮތެއް އޮތުމަކީ، ވަރަށް ބޭނުންތެރި ކަމެއް. މީހާ ހަރުދަނާ މީހަކަށްވެ ނުކުންނަނީ ހަމައެކަނި މަދްރަސާގެ ފޮތުން ކިޔަވާ އެއްޗަކުންނެއް ނޫން ނުވަތަ ހަމައެކަނި އެދުރު މީހާ، އެދުރު ދައިތަގެ، އެދުރުބޭ ކައިރިން ކިޔަވާ ވޮށިފިލައަކުންނެއްވެސް ނޫން. ފުރިހަމަ މީހަކަށް މިވަނީ، ޅައިރުއްސުރެ ފަށައިގެން، އޭނާ ކުރާ ކިތަންމެ ކަމެއްގެ ސަބަބުން. ހަމަ އެއްކަމެއް ކޮށްގެނެއް، މީހަކު ބަދަލެއްނުވޭ. އަދި މީހަކު ރަނގަޅު މީހަކަށްވެސް، ހަރުދަނާ މީހަކަށްވެސް ވެގެނެއްނުދޭ. އެކަން ކުރުމަށްޓަކައި ކިތަންމެ ޙަރަކާތެއް އެބަ ބޭނުންވޭ. ކުއްޖާ ބޮޑުވަމުން އަންނައިރުގައި، ސިކުނޑިއަށް ގެންނަންޖެހޭ ހެލިފެލުން އެބަ ގެންނަންޖެހޭ. ބައެއްފަހަރަށް، ނެށުމުގެ ތެރެއިން، އަނެއްބައިފަހަރަށް ކުޅިވަރުގެ ތެރެއިން. މިދެކަންތަކަކީ ކޮންމެހެން ބޭނުންތެރި ކަމެއް، އަޅުގަނޑުމެންގެ ސިކުނޑި ހުޅުވާލުމަށްޓަކައި. ޅަކުއްޖާ، މާހިރުން ވަރަށް ސާފުކޮށް އެބަބުނޭ. ބޮޑުވަމުން އަންނައިރުގައި، ކުރަންޖެހޭ ކިތަންމެ ކަމެއް. ބޯޅަދަނޑަކީ ކުޅިވަރަކަށް ކުރާ ކަމެއް ނޫން. ބޯޅަދަނޑަކީ ޤައުމުގެ ތަރައްޤީއަށް ކުރާ ކަމެއް. މީހުން ބިނާކުރުމަށް ކުރާ ކަމެއް. އެހެންވީމާ، އެކަމުގެ ޚާއްޞަ އަހަންމިއްޔަތުކަން ސަރުކާރުންދޭނީ ކޮންމެހެންނެއް ދަމުން ދަމުން ކޮށްލާ ކަމެއްގެ ގޮތުގައެއް ނޫން. ހަމަ މަދްރަސާ އަޅާ އުޞޫލުން، ބޯޅަދަނޑުތައް ހަދަން ފެށުމަކީ މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް.
 
އަޅުގަނޑުމެން ހައްތަހާވެސް މަސައްކަތް ކުރަމުން މިދަނީ، މި ރާއްޖޭގެ ތަރައްޤީއާއި އަދި މަތިވެރީގެ ކުރިއެރުމަށް. މި ސަރުކާރުން ދެމި މިއޮންނަނީ ނުވަތަ އަޅުގަނޑު ވެރިކަމުގައި މިހުންނަނީ، މި ވެރިކަމުގެ ލައްޒަތާއި، މި ވެރިކަމުގެ ޖާހަތަށްޓަކައެއް ނޫން. އޭގެ އަރާމާއި، އޭގެ ޝަހެންޝާހަށްޓަކައެއްވެސް ނޫން. އަޅުގަނޑުމެންގެ ހަމަ ބޭނުމަކީ، އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރީންނަށް އަޅުގަނޑުމެން އެންމެންގެ ދަރީންނަށް ހެޔޮގޮތެއް ހޯދުން. އަންނާން އޮތް ޖީލަށް އަޅުގަނޑުމެން ތައްޔާރުވުން. އަޅުގަނޑުމެން ތައްޔާރުވާން ޖެހެނީ، މިއަދަކަށެއް ނޫން. މިއަދު މިއޮތީ ނިމިފައި. ވޭތުވެހިނގައްޖެ. ދެނެއް މިއަދެއް ނުލިބޭނެ. އަދި ޢަމްދުން އިއްޔެ ގެއްލި ނިމިއްޖެ. އަޅުގަނޑުމެނަށް ހޯދެން އޮތީ މާދަމާ. އަޅުގަނޑުމެން މަސައްކަތް ކުރާންޖެހޭ، އެ މާދަމައަށްޓަކައި.
 
ފެބްރުއަރީ 5 ވަނަ ދުވަހު އަޅުގަނޑުމެންގެ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި އެޅެނީ ވަރަށް މުހިންމު ބިންގަލެއް. މި މަތިވެރީގެ ތަރައްޤީއަށްޓަކައި ޙަޤީޤަތުގައި އެއަށްވުރެ ބޮޑު މަޝްރޫޢެއް ނުހިންގޭނެ. ރައްޔިތުންގެ ގާތުން ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކަންކަން ހިންގަމުން ގެންދެވޭނެ އުޞޫލަކީ، ރަށްވެރިކުރުން. ރަށްވެރިކަމަށް އިތުރަށް އެހީތެރިވުން. އަޅުގަނޑުމެން މިހާރު ކުރާން މިއުޅޭ ކަމަކީ، އެއްވެސް ޙާލެއްގައި، ކުރީގައި މިއޮތް ރަށްކުރިއަރުވާ ކޮމިޓީފަދަ ތަނެއް އިންތިޚާބު ކުރުމުގެ މަސައްކަތެއް ނޫން. މިއީ ލާމަރްކަޒީ އުޞޫލުން ހިންގުމުގެ މަސައްކަތް. ޤަބޫލުފުޅު ކުރައްވާ، ޤާނޫނުއަސާސީ އިޞްލާޙުވަމުން އައިއިރުގައި،        އެ ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި، އުޞޫލުތައް ކަނޑައެޅުނުއިރު، އެ އުޞޫލުތަކުގެ ތެރޭގައި، ލާމަރްކަޒީ އުޞޫލުން ހިންގާ ވާހަކައެއް، އެއަކު ނެތް. އެހެން ނަމަވެސް، މާފަހުން، އެމް.ޑީ.ޕީ.ގެ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ މަސައްކަތުން 8 ވަނަ ބާބު މިހާރު މިއޮތީ އިތުރުކުރެވިފައި. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، އެ ބަސްތައް ތަންފީޛު ކުރުމަށްޓަކައި. ޙަޤީޤަތަކަށް ހެދުމަށްޓަކައި. އެކަން ކުރަމުންދާއިރުގައި، އަޅުގަނޑު ބޭނުން، ތިޔަބޭފުޅުން އަޅުގަނޑުމެން ކުރާން މިއުޅެނީ ކޮންކަމެއްތޯ ވިސްނަވާލެއްވުން. ކުރާން އުޅޭ ކަމަކީ، މާލޭގައި ޒަމާނުއްސުރެ ފަށައިގެން، އަޅުގަނޑުގެ ރަށުގައި، ވަރަށްގިނަ ދުވަސް ވަންދެން ހުރި އެއްޗެއް، އެއިން ބައެއް މަތިވެރިއަށް ދޭން. އެ ދެނީ، އަޅުގަނޑުމެން އަތުގައި ހުރި ބާރެއް، ޙަޤީޤަތުގައި ކޮންމެ ވެރިއަކު މާލޭގައި ހުރި ނަމަވެސް، މާލޭގައި ހުރި ބާރެއް، މާލޭ މީހުން އެކަމާ ދެކެނީ، މުޅިން އެންމެން އެއްގޮތަކަށެއް ނޫން. ފަސޭހަ ކަމެއްވެސް ނޫން. އެތައް ސަތޭކަ އަހަރެއް ވަންދެން، މާލޭގެ ވެރިކަމުގެ ޚާންދާންތަކުން މާލެއަށް ޖަމާކޮށްފައި އޮތް ބާރުން ބައެއް މި ދޫކޮށްލަނީ. ފުރަތަމަ ސުޕްރީމް ކޯޓެއް އުފައްދައި، ޝަރީޢަތް މުސްތަޤިއްލު ކުރީ. ދެން ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ، މިހާރު ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ބޭފުޅެއް ނޫން. އަދި އެމަޖިލީހުގައި އިންތިޚާބާ ނުލާ ތިއްބަވާ ބޭފުޅުންނެއް ނުތިއްބަވާނެ. މިއަދު އަޅުގަނޑުމެން ކުރާން އިތުރަށް މިއުޅޭ ކަމަކީ، މި ދެބާރު ވަކިކުރުމަށްފަހުގައިވެސް، ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުރި ބާރުގެ ތެރެއިން މިރަށްރަށަށް ބަހާލުން. އެމަސައްކަތަކީ އަޅުގަނޑުމެންގެ ފިކުރެއް. އެމަސައްކަތަކީ އަޅުގަނޑުމެން ދައްކާ ވާހަކައެއް. އެހެން އެއްވެސް ބަޔަކު، މީގެކުރީގައި ދެއްކި ވާހަކައެއް ނޫން. މިމަސައްކަތް ކުރާ ގޮތް އަދި މިމަސައްކަތް ކުރެވޭނީ، މިކަން ހިތުގެ އަޑިން ގަބޫލުކުރީމާ. ބައްލަވާ، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހަށް ބައްލަވާއިރުގައި، އަތޮޅުތައް ތަމްސީލު ކުރަން، ވާދަވެރި ޕާޓީން އަދިވެސް ގިނައިން އެތިބީ، އަސްލަމް ދެންމެ ފާހަގަކުރެއްވި ފަދައިން، މާލޭ މީހުން. އެމް.ޑީ.ޕީ އަކު ނުތިބޭނެ. އެމް.ޑީ.ޕީ ގައި އެ އަތޮޅެއްގައި،     އެ ދާއިރާއެއްގައި ހުންނާނީ، އެ ދާއިރާއެއްގެ ދަރިއެއް. މިމަތިވެރިއަށް ދިމާވެފައި އޮތީ ތަންކޮޅެއް ނަޞީބުގަދަ ގޮތެއް. އަބަދުވެސް ވަރަށްފަހާ ޖެހެންދެން، އަޅުގަނޑު ހަނދާން އެބަހުރޭ، ޢުމަރު ޙަސަންގެ ފަހުން، ދެން މިހާރު ހަމަ އަދިވެސް އަތޮޅު ދަރިއެއް މި ފެރިދޫ ބޭފުޅެއް. މިހާރު ތިޔަބޭފުޅުންގެ މެންބަރެއްގެ ގޮތުގައި އެ ތަމްސީލުވަނީ. އެހެން ނަމަވެސް، ކުރާން މިއުޅޭ ކަމަކީ، ސީދާ މިރަށުގައި ތިބެގެން، މިރަށުގެ ތަރައްޤީއަށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުން. އެކަމަށްޓަކައި ކުރާންހުރި މަސައްކަތްތައް ވަރަށްގިނަ. އަޅުގަނޑުމެނަކަށެއް ނެތް، ލޯކަލް ކައުންސިލް އިންތިޚާބު ހަމަ އައުމުން، އަތް ދޫކޮށްލެވޭކަށެއް. މި ސަރުކާރުގެ މަސްއޫލިއްޔަތެއް އެއީ، އެކައުންސިލްގެ ޤާބިލިއްޔަތުކަން އިތުރުކޮށް، ކައުންސިލް މެދުވެރިކޮށް މިރަށް ބަދަލުކުރެވޭނެ، ތަރައްޤީ ކުރެވޭނެ ގޮތްތަކެއް ހޯދުން.
 
މި ދަންނަވާހެން ސަރުކާރުގެ އެބައޮތޭ ތަޞައްވުރެއް، މިރަށުގެ ތަރައްޤީގެ ތަޞައްވުރެއް. އެ ޙަޤީޤަތަކަށް ހެދުމަށްޓަކައި ތިޔަބޭފުޅުންގެ ވަކީލުން އެބަ ބޭނުންވެއޭ. އެ ވަކީލުން މެދުވެރިކޮށްގެން، ތިޔަބޭފުޅުންނަށްޓަކައި ހިންގާ ރަނގަޅު ވެރިކަމެއް ހިންގާން ފެށުން އަޅުގަނޑުމެންގެ އަމާޒަކީ. އަޅުގަނޑުމެންގެ އަބަދުވެސް ބޭނުމަކީ، ރައްޔިތުންނަށްޓަކައި މަސައްކަތް ކުރުން. އަޅުގަނޑަކީ ސިޔާސީ ޕާޓީއަކަށް ކަނޑައަޅާފައި ހުރި ކެންޑިޑޭޓެއް. އެ ޕާޓީގެ ފަރާތުން އެ ޕާޓީން ސިޔާސަތުތަކަކާ އެކީގައި، އެ ޕާޓީގެ ފަރާތުން ވެރިކަން ކުރާން ރައްޔިތުންނާ އެކުގައި ވެރިކަން ކުރާން ނުކުމެ ނުވަތަ ނެރެފައި ހުރި މީހެއް. އަޅުގަނޑު އިރާދަކުރެއްވިއްޔާ، މި ވެރިކަން ކުރަމުން ގެންދާނީ، އިޚްލާޞްތެރިކަމާއެކީގައި. އަޅުގަނޑެއް ތިޔަބޭފުޅުންގެ ފައިސާއިން ލޯ ލާރިއެއްގައިވެސް އިރާދަކުރެއްވިއްޔަކާއެއް ނުޖެހޭނަން. އަޅުގަނޑު ތިޔަބޭފުޅުންނަށްޓަކައި ކޮންމެ ދުވަހަކު އިރާދަކުރެއްވިއްޔާ، މަދުވެގެން 12 ގަޑިއިރު މަސައްކަތް ކުރާނަން. އަޅުގަނޑުމެންނެއް ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެން ވިސްނުންތެރިކަމާއި، ކެތްތެރިކަމާ އެކީގައި އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަން.
 
އަޅުގަނޑުމެންގެ ވާދަވެރިން ތިބިކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތް، މުހިންމު ކަމެއް ކަމާއި، ރައްޔިތަކު އޮބަހައްޓައި، ފިއްތައި، ބިރުގަންނަވައިގެން ޤައުމެއް ތަރައްޤީނުވާނެކަން އިންސާނީ ތަޖްރިބާ ދައްކާފައި އޮތް ޙަޤީޤަތެއް. ރައްޔިތުން ދޫކޮށްލައިގެން މެނުވީ، އަޅުގަނޑުމެން    މި ބޭނުންވާ ބަދަލު، އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ. އެހެންވީމާ، މި ސަރުކާރުގެވެސް އެންމެ މުހިންމު އެއް މަޝްރޫޢަކީ ޑިމޮކްރަސީ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަމަކީ، ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން މި އެދެނީ، އަޅުގަނޑުމެންނަށް ފުރްޞަތެއް ދެއްވާށޭ. މީގެކުރީގައިވެސް އަޅުގަނޑު އެދުނިން، އަޅުގަނޑުމެންނަށް ފުރްޞަތެއް ދެއްވުމަށް. އަޅުގަނޑު އަނެއްކާވެސް މި އެދެނީ، އަޅުގަނޑުމެންނަށް ފުރްޞަތެއް ދެއްވާށޭ. ޒައްރެއްގެ މިންވަރުގެ ފުރްޞަތެއް ދެއްވިޔަސްވެސް، އޭގެތެރެއިން އަޅުގަނޑު މަސައްކަތް ކުރާނަމޭ. މި ރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ބަދަލުކުރެވޭނެއޭ. އަޅުގަނޑުމެންގެ ބޭނުމަކީ ހައްތަހާވެސް މަތިވެރިއާއި ރާއްޖޭގެ ތަރައްޤީ.
އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ، އުފާވާ ޒަމާނެއް އަޅުގަނޑުމެންނަށް ލިބެމުން އަންނަތަން. އަޅުގަނޑުމެންނަށް ފެންނަމުން މިއަންނަނީ ހަމަ އުފާވާ ޒަމާނޭ. ހިތާއޭ އަހާށޭ. އުފާވެރިވި މި ރާގޭ.
 
والحَمْـدُ لِلّـهِ. والســّلام عليــكم.
 
_______________________