ސަރުކާރުން ރައްޔިތުންނަށް ދެއްވާ ޚިދްމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ދެއްވުމަކީ، ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، ރައްޔިތުން ބޭނުންވާ ޚިދްމަތްތައް ރަށުގައި ތިބެގެން ފަސޭހަކަމާއެކު ލިބެން ނެތުމުންނާއި، އެފަދަ އެކި ޚިދްމަތްތަކަށް އެދި ހުށަހަޅަންޖެހޭ ފޯމުވެސް ރަށުން ލިބެން ނެތުމުން، އެކަމުގެ ޝަކުވާތައް ވަރަށް ގިނައިން ލިބިވަޑައިގަންނަވަމުންދާ ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން ކަންކަން ހިންގެވުމަކީ، މި ސަރުކާރުގެ އަމާޒުކަމަށްވުމާއެކު، ރައްޔިތުން ބޭނުންވާ ބައެއް ޚިދްމަތްތައް އަދި ރަށުން ލިބެން ނެތް ނަމަވެސް، ޚިދްމަތަކަށް އެދި ހުށަހަޅަންޖެހޭ ފޯމުތައް އެމީހަކު ދިރިއުޅޭ ރަށަކުން ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮތުމަކީ، ސަރުކާރުން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމުގައި ދަންނަވަން ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވީމާ، ސަރުކާރުގެ އެކި މިނިސްޓްރީތަކުންނާއި، އެ މިނިސްޓްރީތަކުގެ ދަށުން ހިނގަމުންދާ އޮފީސްތަކުން ރައްޔިތުން އެކި ޚިދްމަތް ހޯދުމަށް އެދި ހުށަހެޅުމަށް ތައްޔާރުކުރައްވާފައި ހުންނަ ފޯމުތައް، ޕްރޮވިންސް އޮފީސްތައް މެދުވެރިކުރައްވައި، މީހުން އުޅޭ ކޮންމެ ރަށަކުންވެސް      1 މާޗް 2011 އިން ފެށިގެން ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ޚިދްމަތަކީ، ރާއްޖޭގެ ކޮންމެ ތަނަކުން ލިބެން ހުންނަ ޚިދްމަތެއްކަމުގައިވީ ނަމަވެސް، އެ ޚިދްމަތަކަށް އެދޭ ފޯމު، މި ދެންނެވި އުސޫލުން ލިބެންވާނެ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.