بســماللّـهالرّحمـنالرّحيــم

 
ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބު، މަޑުއްވަރީގެ ކުރިއަށް ތިއްބެވި ބޭފުޅުންނާއި، ވެރިން. އަދި ވަކިން ޚާއްޞަކޮށް މި މަޑުއްވަރީގެ ލޮބުވެތި ރައްޔިތުން.
 
السّـلام عليـكم
 
މީގެ ދެއަހަރެއް ކުރީގައި، އަޅުގަނޑު މިރަށަށް އައިސް ހަމަ ތިޔަބޭފުޅުންނާ ބައްދަލުވެ ވާހަކަތަކެއް އަދި ނުކުތާތަކެއް އަޅުގަނޑުމެން ފާހަގަކުރީމު. އަޅުގަނޑު އެދުވަހު މިރަށަށް އައިއިރު، މިރަށަށް ދިމާވެފައި އޮތް ވަރަށްބޮޑު ކަމެއް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް، ވަރަށް ސާދާކޮށް ފެންނާން އޮތް. އެއީ، ރަށް ގިރުމުގެ ސަބަބުން ބައެއް ރައްޔިތުންގެ ގެދޮރަށާއި މުދަލަށް ގެއްލުންވާ ހިސާބަށް ކަންކަން ގޮސްފައި އޮތް އޮތުން. މަޑުއްވަރިން އަޅުގަނޑުމެންނަށް އެ ދުވަހު އެ ފެނުނު މަންޒަރަކީ، މި ރާއްޖޭގެ ވަރަށްގިނަ ރަށްރަށުން ފެންނަމުންދާ މަންޒަރެއް. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ވަކިން ޚާއްޞަކޮށް ބިން ކުޑަކޮށް އަދި އެހެންވީމާ އާބާދީ ބޮޑުކޮށް ދިރިއުޅެމުންދާ ރަށްތަކުގައި މިދެންނެވި މައްސަލަ މިއޮތީ އަޅުގަނޑުމެންނަށް އެކަށީގެންވާ ވަރަށްވުރެ ބޮޑު ދަރަޖައަކަށް އެކަމާ އަޅުގަނޑުމެންގެ އަހަންމިއްޔަތުކަން ދޭންޖެހިފައި. މި މައްސަލަ ޙައްލު ކުރުމަށްޓަކައި ޒަމާނީ ޓެކްނޯލޮޖީ ބޭނުން ކުރުމަކީ، މި ސަރުކާރުގެ އަމާޒެއް.
 
މިރަށުގައި ގިރާ ސަރަޙައްދު ޙިމާޔަތް ކުރަން ދެގޮތަކަށް ސަރުކާރުން މަސައްކަތް ކޮށްފައިވޭ. އަޅުގަނޑަށް ދެންމެ އެތަން ބަލާލުމުގެ ފުރުސަތު ލިބިއްޖެ. އަޅުގަނޑަކީ މިބާވަތުގެ ކަންކަމާ ގުޅޭ މާހިރެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުވެސް ގޮސް ކަމާބެހޭ މާހިރުންނާ އަނެއްކާ އިތުރަށް މިހާރު ކަން ވަމުންދާ ގޮތަކީ ކޮބައިތޯ އަޅުގަނޑު މަޝްވަރާކޮށް އިތުރު މަޢްލޫމާތު ހޯދާނަން.
 
އެދުވަހު މިރަށުގައި އަޅުގަނޑުމެން ފާހަގަކުރީ، ދިވެހިރާއްޖެ މިއޮތީ ހަތަރުއަނގޮޅިއެއްގެ ކަންމަތީގައޭ. އަޅުގަނޑުމެންނަށް އެބައޮތޭ ޚަރާބުގެ މަގަށްވެސް މިސްރާބު ޖެހެން. ނޫންނަމަ އަޅުގަނޑުމެންނަށް އެބައޮތޭ މުޅިން އެހެން ގޮތެއް، އެހެން ދިވެހިރާއްޖެއެއް، އަނެއް ދިވެހިރާއްޖެއެއް ހޯދެން. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުން ޚިޔާރުކުރީ، އެހެން ގޮތެއް ހޯދުމަށް. ޚަރާބުގެ މަގަށް އެރައްޔިތުން ނުދިޔުމަށް. އެހެންނަމަވެސް، އެހެން ދިވެހިރާއްޖެއެއް ނުވަތަ އެހެން ގޮތެއް ހޯދުމަށް.
 
ރައްޔިތުން އެ އެދޭ އަނެއް ގޮތަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި މިދިޔަ ހަތަރު ފަސް އަހަރު ހަމަކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ސިޔާސީ ޕާޓީއާއި އަދި އަޅުގަނޑުވެސް ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ދިޔައިން. ވަރަށްގިނަ ގޭގެއަށް އަޅުގަނޑުމެން ވަނިން. ވަރަށްގިނަ މީހުންނާ އަޅުގަނޑުމެން ބައްދަލުކުރިން. އެމީހުންގެ އަޑު އަޅުގަނޑުމެން އެހިން. އެފަރާތްތަކުގެ އުދާސްތަކަކީ ކޮބައިތޯ އަޅުގަނޑުމެން ދެނެގަތިން. އެއަށްފަހު، އެ މަޢްލޫމާތުގެ އަލީގައި އުފެދިގެން އައީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ މެނިފެސްޓޯ. ޕާޓީގެ މެންބަރުން އެދުނީ،           އެ މެނިފެސްޓޯއާއެކު އިންތިޚާބަށް ނުކުމެ ރައްޔިތުންނަށް އެ މެނިފެސްޓޯ ވަކާލާތު ކުރުމަށް. 2008 ވަނަ އަހަރު އަޅުގަނޑު ކުރި ކަމަކީ އެއީ. 2008 ވަނަ އަހަރު ތިޔަބޭފުޅުން ތާއީދު ދެއްވީ މިދެންނެވި މެނިފެސްޓޯ ހިންގުމަށް.
 
އަޅުގަނޑު މިދަންނަވާ މެނިފެސްޓޯ ހިމެނިގެން، ވެގެންދިޔައީ، ޤައުމީ ތަރައްޤީގެ 2009 ވަނަ އަހަރުން 2013 ވަނަ އަހަރާ ދެމެދު ޢަމަލު ކުރާނެ އޮނިގަނޑަށް. މިހާރު ޢަމަލު ކުރެވެމުން މިގެންދެވެނީ މިދެންނެވި ޤައުމީ ތަރައްޤީގެ އޮނިގަނޑަށް. ތަރައްޤީ ކުރަންވެގެން މިއުޅެނީ މަޑުއްވަރީ. މުއްސަނދިވޭތޯ މަސައްކަތް މިކުރަނީ މަޑުއްވަރީ ރައްޔިތުން. އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒަކީ، ސަރުކާރުގެ ބޭނުމަކީ، މަޑުއްވަރީ ރައްޔިތުންގެ ޖީބަށް މިއަދު ފައިސާ ވަންވަރަށްވުރެ އިތުރަށް މާދަމާ ފައިސާ ވަންނާނެ ގޮތްތަކެއް، އިންތިޒާމުތަކެއް ރޭވުން. ބޭނުމަކީ، މަޑުއްވަރީ ރައްޔިތުންގެ ޙާލަތު މިހާރު މިއޮތް ހާލުން މުޅިން އެހެން ހާލަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރުން.
 
މަޑުއްވަރީގައިވެސް އަދި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް މިހާރު ސަރުކާރުން ދެމުންގެންދާ އަސާސީ ޚިދްމަތްތައް، މިދިޔަ ދިގު 30 އަހަރުވެސް އަދި މިދިޔަ ވޭތުވެދިޔަ ދެއަހަރުވެސް، އެންމެ އެކަށީގެންވާ މިންވަރަށް ނުދެވޭ ކަމަށް އަޅުގަނޑުމެން ފުރިހަމައަށް ގަބޫލުކުރަން. ހަމައެހެންމެ، އެކަން އެހެން އޮތްއިރުގައި ސަރުކާރަށް ފާހަގަވާ އަނެއް ނުކުތާއަކީ، މިރާއްޖޭގެ އާބާދީގެ ކޮންމެ ތިން މީހަކުންކުރެ ދެމީހަކީ ނިކަމެތި ފަޤީރެކޭ. ފަޤީރެކޭ އޭނާއަށް ދުވާލެއްގެ މައްޗަށް ދިހަބާރަ ރުފިޔާ ނުލިބޭ މިންވަރުގެ ދަރަޖައިގެ ނިކަމެއްޗެކޭ. ޤައުމެއް ތަރައްޤީއެއް ނުވާނެ، އެޤައުމެއްގެ ރައްޔިތުން ފަޤީރު ކަމުގައި ތިއްބަކާ. ތަރައްޤީވާން މިޖެހެނީ މަޑުއްވަރީއެއްނޫން. ތަރައްޤީވާންޖެހެނީ މަޑުއްވަރީމީހާ. އޭނާ ކުރިއަރަން ޖެހެނީ. އޭނާ ކުރިއެރީމާ އޭނާގެ ރަށް ކުރިއަރަނީ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަކީ ފަޤީރުންގެ ގޮތުގައި ވެފައި އޮތްއިރު، ރާއްޖެ ތަރައްޤީ ކުރުމަކީ، ވަރަށް އުނދަގޫ ކަމަކަށް ވެގެންދާނެކަން ކަށަވަރު. އެހެންވީމާ، ސަރުކާރުގެ ވަޢުދަކަށްވީ ބޭސްސިޓީއަށް ސަލާން ޖެހުން       މި ސަރުކާރުން ނައްތާލާނަމޭ. އެބަސްތަކަކީ އިޖްތިމާޢީ ރައްކާތެރިކަން ރާއްޖޭގެ ރައްޔިތުންނަށް ހޯދައިދިނުމޭ، މި ސަރުކާރުގެ އަމާޒަކީ. އެހެންވެގެން، މަދަނައިގެ ވިއުގަ އުފެދިގެން އައީ. އަޅުގަނޑު މިއަދު އުފާވަނީ މިމަޑުއްވަރީގެ 231 މީހަކު މަދަނައިގައި ރަޖިސްޓަރީވެގެން ބޭސްފަރުވާ ލިބެމުންދާތީވެ. މިދެންނެވި 231 މީހުންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެއްލައްކަރުފިޔާގެ ބޭސްފަރުވާ ރައްކާކުރެވިފައި މާލިއްޔަތުގައި ހުރިކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް.
 
މި ސަރުކާރު، ސަރުކާރާ ހަވާލުވުމުގެ ކުރީގައިވެސް ފާހަގަވި ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ އުމުރުން ދުވަސްވީ މީހުން އުޅެމުން ގެންދިޔަ ގޮތް، އަޅުގަނޑުމެންނަށް ވަރަށް ގާތުން ފެނިގެންދިޔަ. ހޮޅުއަށިތަކުގަޔާއި، ގޮނޑުދޮށްތަކުގަޔާއި، ރުއްރުއްދޮށުގައި އަދި މާލޭގައިވެސް ގޯތިތައް ފޮތިފޮތިކޮށް، އެންމެފަހުން އައިސް، ކުރީގައި ބަދިގެ ހުރިތަނުގައި ހުންނަ ކޮޅުފިލާ ގޮނޑިއެއްގައި ހުއްޓިފައި ހުންނަނީ ކާފަ ނުވަތަ މާމަ. އަޅުގަނޑުމެންގެ ރާއްޖެ މިގޮތަށް އަޅުގަނޑުމެންނަށް ލިބިފައި މިއޮތީ، މިއަދުގެ ދޮށީ ޢުމުރުގެ މީހުން ނުހަނު ގިނަ މަސައްކަތް ކުރީތީ. އެމީހުން މަހަށް، ފަރަށް ދިޔައީތީވެ، ރުކަށް އެރީތީވެ، ވަޑާން ކުރީތީވެ، ގެދޮރު އެޅީތީވެ، އެމީހުން ރިޒޯޓް ފަހަރު ހެދީތީވެ އެމީހުން ދަތުރު ކުރީތީވެ، އެމީހުން ކިތަންމެ މަސައްކަތެއް އެދުވަހު ކުރީތީވެ. މިއަދު މިރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރު ވަޒީފާއެއްގައި އުޅުއްވާފައިވާ ބޭފުޅަކަށް ކަމަށް އެއީކީއެއް އެއްގޮތަކަށްވެސް ހަމަކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީ ގަބޫލުކުރާ ފަލްސަފާއެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ވަޢުދުވީ ޢުމުރުން 65 އަހަރުގެ ކޮންމެ މީހަކަށް، އަންހެނަކަސްފިރިހެނަކަސް ދެހާސްރުފިޔާގެ ޕެންޝަނެއް ދިނުމަށް. އަޅުގަނޑު މިއަދު އުފާވަނީ، މިރަށުގެ 76 ރައްޔިތަކަށް ކޮންމެ މަހަކު ދެހާސްރުފިޔާ ދެމުންގެންދެވޭތާ އިރާދަކުރައްވައިގެން މިވީ ދެއަހަރު. އަޅުގަނޑުމެންނަށް       މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މިރަށަށް ކޮންމެ މަހަކު އެއްލައްކަފަންސާސް ދެހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރުސަތު ސަރުކާރަށް ލިބިފައިވާތީވެ. ސަރުކާރުން ދެކެނީ، މިފައިސާއަކީ މިރަށުގެ ތަރައްޤީއަށާއި މިރަށުގެ އިޤްތިޞާދު، ބާރަށް ހިންގުމަށް ކޮންމެހެން ބޭނުންތެރި ފައިސާއެއްކަމަށް. އަދި ވަކިން ޚާއްޞަކޮށް  2009 ވަނަ އަހަރު ރާއްޖެ ވެއްޓިގެންދިޔަ ބޮޑު ތަދުގައި، ޓުއަރިސްޓުން އައުން މަދުވެ، ބޭނޭ މަސްކޮޅުވެސް މަދުވެ، އެދިޔައިރު ރަށްރަށް ހެޔޮ ހާލުގައި ދުޅަހެޔޮކަންމަތީގައި ހިފެހެއްޓުމަށް އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި މިފައިސާ ދިޔައީ ވަރަށްބޮޑު، ވަރަށް ބޭނުންތެރި ދައުރެއް އަދާކުރަމުން.
 
އަޅުގަނޑު ގާތުގައި ބައެއް ބޭފުޅުން ބުނޭ، ކީއްވެހޭ މިވެނި ކަމެއް ނުކުރީ. ނުކޮށް މިހާ ފައިސާ އިޖްތިމާޢީ ރައްކާތެރިކަމަށް އަޅުގަނޑުމެން ބަހައްޓާފައި މިހިރީ. ކީއްވެގެންހޭ އެއްގަމު ތޮށްޓެއް ނާޅަނީ، ކީއްވެގެންހޭ ވަށާފާރެއް ނުރާނަނީ، ކީއްވެ ހެއްޔޭ ބޭރު ތޮއްޓެއް ބޮޑުހިލަ ތޮށްޓެއް ނާޅަނީ. އެވެނި މިވެނިކަމެއް ކީއްވެގެން ހެއްޔޭ، އަޅުގަނޑުމެން ނުކުރަނީ. މިހާ ފައިސާ ކީއްވެތޯ އަޅުގަނޑުމެން މިކަމަށް ޚަރަދު ކުރީ. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންވެސް ފާހަގަކޮށްފައެއް ނުވާނެ. މިދިޔަ ދެއަހަރުވެސް ސަރުކާރުން ޙަޤީޤަތުގައި މަޑުއްވަރީއަށް ޚަރަދުކުރީ ކޮންކަމަކަށްތޯ؟ ޚަރަދުކުރީ މަޑުއްވަރީގެ އިޖްތިމާޢީ ރައްކާތެރިކަމަށް. ދުޅަހެޔޮ އާބާދީއެއް ހިފެހެއްޓުމަށް. ބޭނުންވަނީ ކޮންމެ މަޑުއްވަރީ ރައްޔިތަކަށްވެސް ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ، ޤަދަރާއި ޢިއްޒަތް ލިބިގެންވާ، ތިމަންނާގެ އަމިއްލަ މަސައްކަތުން ތިމަންނާގެ އަނބިދަރިން ބަލަހައްޓާ މަޑުއްވަރީ ރައްޔިތެކޭ ބުނެވޭނެ ރައްޔިތަކު އުފެއްދުން. އަޅުގަނޑުމެންގެ އަމާޒަކީ، ތިޔަބޭފުޅުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން.     މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، އެކަނިވެރި މައިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ޔަތީމު ކުދިންގެ ތެރެއިން މިރަށުގެ 46 ރައްޔިތަކަށް މިދެންނެވި އެހީވެސް ފޯރުކޮށްދެވެމުން ގެންދެވޭތީވެ.
 
 އަޅުގަނޑުމެން މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން މި ހަމަޖެއްސީ މިޕްރޮގްރާމް ނުވަތަ ރައްޔިތުން ސަލާމަތްކުރުމުގެ މަސައްކަތްތަކެއް ސަރުކާރުން ހިންގީ. އިރާދަކުރެއްވިއްޔާ މިއަހަރު އަޅުގަނޑުމެންނަށް އުފަލާއި ހިތްވަރުލިބޭ އަނެއް ސަބަބަކީ، މިއަހަރު ތެރޭގައި މަޑުއްވަރީ ހެލްތް ސެންޓަރަކީ، ޓެލެމެޑިސިންގެ ޚިދްމަތް ލިބި، ރާއްޖޭގެ އެހެންވެސް ބޮޑެތި ހޮސްޕިޓާތަކާއި އިރާދަކުރެއްވިއްޔާ ގުޅާލެވޭ ހޮސްޕިޓަލަކަށް ވެގެންދާނެ.
 
އަޅުގަނޑު ތަކުރާރުކޮށް ދަންނަވާނަން، ތަރައްޤީއަކީ ކޮންކްރީޓަކުން ކުރާކަމެއް ނޫން. ހިލައިން ކުރާ ކަމެއް ނޫން. އަދި ކޮންކްރީޓް ދަގަނޑުންވެސް ކުރާކަމެއް ނޫން. ތަރައްޤީވާން މިޖެހެނީ އަހަރެމެން، އިންސާނާ، މަޑުއްވަރީ މީހާ. މަޑުއްވަރީގެ ފަރި ވިސްނުން އަދި ސާދާ ޚިޔާލު އަޅުގަނޑަށް ވަރަށް ސާފުކޮށް ފެނޭ. އަދި އަޅުގަނޑު އެކަމާ އުފާވެސްވޭ. ވާދަވެރި ސިޔާސީ ނިޒާމެއް އުފެއްދުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު ބޭނުމެއް. މި ސަރުކާރު ދެކޭ ގޮތުގައި ތަރައްޤީއަށް ކޮންމެހެން ބޭނުން އެންމެ މުހިންމު އެއް ވަސީލަތަކީ، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ އެދުމާއި ރައްޔިތުންގެ ރުހުމާއެކީގައި ވެރިކަން ކުރެވޭނޭ އިންތިޒާމެއް، ނިޒާމެއް ހޯދުން.
 
ކުރިއަށް މިއޮތް ލޯކަލް ކައުންސިލްގެ އިންތިޚާބަކީ، މަޑުއްވަރީގެ ތަރައްޤީގެ އެންމެ މުހިންމު މުއައްސަސާގެ ބިންގާ އެޅޭނެ ދުވަސް. އެދުވަހު ޙަޤީޤަތުގައި އެ ބިނާކުރެވެނީ، ތިޔަބޭފުޅުންގެ ރަށް. ދުނިޔޭގެ އެހެންރަށްރަށްވެސް، އެހެން ޤައުމުތައްވެސް ތަރައްޤީވެފައިވާ އުޞޫލުން ތަރައްޤީވުމުގެ މުއައްސަސާއެއް. އެ އިންތިޚާބަށް އަޅުގަނޑުމެންދާއިރުގައި އަޅުގަނޑުމެންނަށް ފުރިހަމަ ކުރަން ހުރި ކަންކަން މަދު ކަމަކަށް އަޅުގަނޑު ދެކެނީކީއެއް ނޫން. އެހެންނަމަވެސް، އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ މިއަހަރު ތެރޭގައި މަޑުއްވަރީ މަދަރުސާގައި އިތުރު ކްލާސްރޫމް އެޅި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރު މިމަދަރުސާއަކީ، އެއްދަންފަޅިއަށް ބަދަލުވެގެންދާނެ މަދަރުސާއަކަށްވާނެ. 2010 ވަނަ އަހަރުގެ ތެރޭގައި މި ސަރުކާރަށް ހިތްވަރާއި އަދި ޖޯޝާއި އުފާވެރިކަން ލިބެނީ، މިމަޑުއްވަރީގެ ދަރިވަރުންނަށް ފޮތް،ފަންސުރު، ގަލަން އަދި މަދަރުސާއަށް ބޭނުންވާ ތަކެތި ހޯދުމަށް ތިންލައްކަ އެކާވީސްހާސް ހަތްސަތޭކަ ފަންސާސްއަށްރުފިޔާ ޚަރަދުކުރެވިފައި އޮތްކަމުން. އަޅުގަނޑުމެންނަށް ހިތްވަރާއި ހިތްހަމަޖެހުން ލިބެނީ، މަޑުއްވަރީގެ ދަރިވަރުން، އިމްތިޙާނުތަކުގެ ފީ ދެއްކުމަށްޓަކައި ސާޅީސްނުވަހާސް އެއްސަތޭކަ ހަތްދިޔަރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމުން. އަޅުގަނޑުމެންގެ ބޭނުމަކީ، މަޑުއްވަރީގައި ރަނގަޅު ތަޢްލީމެއް ދިނުން. އެއްދަންފަޅިއަށް މަދަރުސާ ބަދަލުކޮށް، ވަށާޖެހޭ ތަޢްލީމެއް ފޯރުކޮށްދިނުން. މިދިޔަ އަހަރު މަޑުއްވަރީގެ ނަތީޖާ ދެރައެއް ނޫން. 2009 ވަނަ އަހަރާ އަޅާ ބަލާއިރު 5 މާއްދާއިން "ސީ" ފާހަށްވުރެ މަތިން ފާސްވި ކުދިންގެ އަދަދު 9 ޕަސެންޓުން މައްޗަށްދިޔަ. އަޅުގަނޑު އެސަބަބަށްޓަކައި އެކަމަށްޓަކައި ބެލެނިވެރިންނާއި، ޓީޗަރުންނާއި، މަދަރުސާ ހިންގާ މުވައްޒަފުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑު އުންމީދު ކުރަން، މިއަންނަ އަހަރު އަޅުގަނޑު އަންނައިރުގައި ސަރުކާރުގެ އަމާޒަށް، ސަރުކާރުން ވަޢުދުވި އަމާޒަށް މި މަސައްކަތް އެބޭފުޅުން ކުރިއަށް ގެންދަވާނެކަމަށް. ސަރުޚާރުން ވަޢުދުވެފައިވާނީ އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ، "ސީ" ފާހަށްވުރެ މަތިން ފާސްވާ ކުދިންނަށް ހެދުމަކީ، އަޅުގަނޑުމެންގެ އަމާޒެކޭ. އެމަގަށޭ ސަރުކާރުން މަސައްކަތް ކުރަމުންގެންދާނީ. މަޑުއްވަރީ އެ އަމާޒަށް އަރަން އަދި އެއަމާޒަށް ވާސިލުވުމަށް އަދި އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ. އެހެންނަމަވެސް، އަޅުގަނޑު މިއުންމީދު ކުރަނީ މަޑުއްވަރީގައި ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން މިމަސައްކަތް ކުރިއަށްވުރެ ބާރަށް ކުރިއަށް ގެންދެވޭނެ ކަމަށް.
 
ޒުވާނުންގެ ތަރައްޤީއަށްޓަކައި ހިންގަންޖެހޭ ކިތަންމެ ކަމެއް އެބަހުރި.  ޒުވާނުން ބާރުގަދަ މަސްތުވާތަކެތީގެ ވަބާގައި، ދެވީގައި ހިފާހައި ހުރި ހުރުމުން އެ ޒުވާނުން ސަލާމަތްކޮށް، އެމީހުންނަށް އަލުން އަނބުރާ ދުނިޔޭގައި އުޅުމުގެ ފުރުސަތެއް އެބަ ހޯދައިދޭންޖެހޭ. މިސަރުކާރުގެ އަމާޒަކީ އެއީ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ އަދި ވަކިވިކަމުގައިވިޔަސްވެސް އިރާދަކުރައްވައިގެން މިރަށުގެ ބޯޅަ ދަނޑު މަލްޓި ޕަރޕަސް ދަނޑަކަށް ހެދުމަށް ބޭނުންވާ ފައިސާ ބަޖެޓް ކުރެވި، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި މިހާރު އެފައިސާ ވަނީ އަތޮޅުއޮފީހުގެ އެކައުންޓްގައި.
 
އަޅުގަނޑުމެންގެ މަސައްކަތަކީ، ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ކުރާ ވެރިކަމެއް ކުރުން. އަޅުގަނޑުމެންގެ ވެރިކަން ދެމިއޮންނަނީ ހަމަ އެންމެ ސަބަބަކަށްޓަކައި. އެއީ، ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި. އަޅުގަނޑެއް ތިޔަބޭފުޅުންގެ ލޯ ލާރިއެއްގައިވެސް އަތެއް ނުލާނަން. އަޅުގަނޑެއް ތިޔަބޭފުޅުންނަށްޓަކައި މަސައްކަތް ކުރުމެއް ހުއްޓައެއް ނުލާނަން. އަޅުގަނޑުމެންގެ މަޑުއްވަރީގެ ތަޞައްވުރެއް އެބައޮތް. އަޅުގަނޑުމެން އެދޭގޮތެއް އެބައޮތް، މަޑުއްވަރީ ކުރިއަރައި ދިޔުމަށް. ޚިޔާލުކުރެވިފައި އޮތް ގޮތެއް، ވިސްނުމެއް، ކުރެހުމެއް. އެ ކުރެހުމާ އެއްގޮތަށް އަޅުގަނޑުމެންނާއެކުގައި މަސައްކަތް ކުރާނެ މަޑުއްވަރީ ހީވާގި ދަރިން އަޅުގަނޑުމެން ބޭނުން.      މި މަޑުއްވަރީގެ ކައުންސިލުން ސަރުކާރާއެކީގައި މަސައްކަތް ކޮށްގެން މަޑުއްވަރީ ތަރައްޤީ ކުރެވޭނެ ގޮތްތައް ހޯދަން މި ސަރުކާރު އެދޭ. މި ސަރުކާރުގެ އަމާޒަކީ ތަރައްޤީ. މި ސަރުކާރުގެ އަމާޒަކީ، މުއްސަނދިކަން. ރައްޔިތުންނަށް މުއްސަނދިކަން ގެނެސްދިނުން. ރައްޔިތުންނަށް ތަނަވަސްކަން ގެނެސްދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، މިރަށްރަށް ކުރިއަށް އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންނަށް ފާގަތިކަންމަތީގައި އުޅެވޭނެ ޤައުމަކަށް، އުޅެވޭނެ ޖަޒީރާތަކަކަށް އަޅުގަނޑުމެންގެ ރަށްތައް ހެދުން.
 
އަޅުގަނޑު ދެންމެ ދެންނެވިފަދައިން، މި މަޑުއްވަރީގެ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމަށް ސަރުކާރުން ކުރެވިފައި އޮތް މަސައްކަތް އަޅުގަނޑުމެންދާނީ އަދިވެސް އިތުރަށްވެސް ބަލަމުން. އަދި އެމަސައްކަތުގައި އިތުރަށް ކުރަން ހުރި ކަމެއް ފާހަގަވެއްޖެނަމަ، އިންޖީނޭރުންގެ ލަފަޔާއެކުގައި، އިނގޭތޯ، އިންޖީނޭރުންގެ ލަފަޔާއެކުގައި، ތަންދޮރު ދަންނަ މީހުންގެ ލަފަޔާއެކުގައި އަޅުގަނޑު      އެ މަސައްކަތް ކުރިއަށް ގެންދާނަން. ވަރަށް ގިނަ ފަހަރަށް އަޅުގަނޑަށް އެބަފެނޭ، ހަމަ ރަށަކަށް އަޅުގަނޑު ދާއިރަށް އެތަނުގައި ތިބި ހައެއްކަ ކުއްޖަކަށް މާމޮޅަށް މިކަން އެނގޭކަން. ފައިކަށި މިހެން ހެދީމާ، ދެން ބަނދަރަށް މާމޮޅު ގޮތެއްވާނެ. މިހާރު އަޅުގަނޑު ދެފަހަރު އެމަޅީގައި ޖެހިއްޖެ. ދެރަށެއްގެ ފައިކަށި އެހެން ބުނިގޮތަކަށް ހެދިއްޖެ. ހަދައިގެން އަނެއްކާ ހަމަ މިވަނީ، އިހު ހުރިގޮތަށް އަޅުގަނޑުމެން މި ޖެހެނީ ބަދަލުވާން.
 
 އަޅުގަނޑަކީ އެކަމުގައި ތަންދޮރު އެނގޭ މީހެއް ނޫންކަން އަޅުގަނޑު ގަބޫލު ކުރަނީ. ގަބޫލު ކޮށްފައި ކޮންމެ ކަމެއްގައިވެސް ހުންނާނެ އެކަމެއް ދަންނަ ބައެއް. އެކަމެއް އެނގޭ ބައެއް. އަދި އެމީހުން މިރަށުގައި ދިރިނޫޅުނެއް ކަމަކު އެމީހުން އެތިބެނީ، މިރަށުގެ ވެލި އެނބުރޭ ގޮތް ހޯދައިގެން ބަލައިގެން. އެމީހުން އެތިބެނީ މިރަށަށް ޖަހާ ރާޅު ޖަހާ ސްޕީޑާއި ބާރުމިން ހިސާބު ކޮށްގެން. އެމީހުން އެތިބެނީ، މިރަށަށް ވާނުވާ އެމީހުންނަށް އެނގިގެން. ދެން އަޅުގަނޑު އެބޭފުޅުން އަރިހުގައި މަޑުއްވަރީ މީހުން މިހެން ބުންޏޭ ބުނީމާ، އެބޭފުޅުން ހިނި އަންނަނީ. ދެން އަޅުގަނޑަށްވެސް އެބޭފުޅުން       އެ މަލާމާތް ގާތްގަނޑަކަށް ރައްދު ކުރަނީ. ރައީސޭ މިހާރު ރައީސްވެސް ތިޔަދަނީ ހަމަ އެގޮތަށޭ.
 
 މިކަމުގައި އަޅުގަނޑު ވަރަށްބޮޑަށް ވަރަށް އިޚްލާޞްތެރިކަމާއެކުގައި އެދެން، ތަރައްޤީގެ މަގުގައި އަޅުގަނޑުމެން އެންމެން ކުރިއަށްދާން މިއުޅެނީ. އެކަމަށް އަޅުގަނޑުމެންގެ ތަޞައްވުރެއް އެބައޮތް. އަޅުގަނޑުމެންގެ ޚިޔާލެއް އެބައޮތް. އަޅުގަނޑުމެން ބޭނުމީ އެއާއެކީގައި ތިޔަބޭފުޅުންނާއެކުގައި މަޝްވަރާ ކޮށްގެން ކުރިއަށްދާން. އެ ޚިޔާލުގައި ވިސްނަނީ ހަމައެކަނި މަޑުއްވަރީއަކަށްވެސް ނޫން. މުޅި ރާއްޖެއަށް. މަޑުއްވަރީއާ މީދުއާ ގުޅެނީ ކިހިނެއްތޯ؟ ގަބޫލުފުޅު ކުރައްވައްޗޭ މަޑުއްވަރީގެ ތަރައްޤީއެއް ނުލިބޭނެ، މަޑުއްވަރީގެ ގޮނޑުދޮށާ ހަމައިން އަޅުގަނޑުމެންގެ ވިސްނުން ހުއްޓިފާ ހުއްޓަކާއެއް. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ވިސްނުން މަޑުއްވަރީ ގޮނޑުދޮށުން، އަތޮޅު ދުނިން އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންދަން. ލާމެހި ގުޅިގެން ނޫނިއްޔަކާއެއް އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް، ކުރިއެރުމެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.
 
ފެބްރުއަރީ 5 ވަނަ ދުވަހު މި ހިންގާ މަސައްކަތަކީ، ތަރައްޤީގެ އެންމެ ބޮޑު މަސައްކަތް. ރައްޔިތަކު ތަރައްޤީވެއެއް ނުދާނެ، އެރައްޔިތަކު ހިފަހައްޓާފައި އޮއްވަކާއެއް. ބިރުދައްކާ ކަމުގައިވަންޏާ. ރައްޔިތުންނަށް މިނިވަންކަމާއި އަދި ރައްޔިތުން ދޫކޮށްލެވެން އެބަޖެހޭ. އެހެންވެ، އަޅުގަނޑުމެންނަށް ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން މުހިންމުވަނީ. އަޅުގަނޑު ދަންނަވާނީ ވާދަވެރި އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގިގެން. 
 
މަޑުއްވަރިން މިފެންނަ ޗާލު މަންޒަރަކީ، އެކަން ވަރަށް ފުރިހަމައަށް ހިނގަމުންދާކަން. ބައެއް ބޭފުޅުން އެކަމާ ހިތްހަމަ ނުޖެހިދާނެ. އަޅުގަނޑުމެންގެ ކުލައިގެ ބޭފުޅުންވެސް އަދި އަނެއް ކުލައިގެ ބޭފުޅުންވެސް. އެކަމު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. އަޅުގަނޑު އެދޭ މަންޒަރު، މަޑުއްވަރީގައި މިހިރީ. ޞުލްޙަވެރިކަމާއެކީގައި ދެފަރާތަށްވެސް ސިޔާސީ ޙަރަކާތް ހިންގެން ޖެހޭނެ. ރައްޔިތުންނަށް އޮޅުންފިލުވައިދީގެން، ރައްޔިތުން އެދޭ ގޮތަކަށް މަޢްލޫމާތު ފޯރުކޮށްދީގެން، ރައްޔިތުންގެ އިޙްތިރާމާއި ރައްޔިތުންގެ ލޯބި ނުލިބޭހާ ހިނދަކު އަޅުގަނޑުމެނެއް ވެރިކަމެއް ބޭނުމެއް ނޫން. ވެރިކަން ކުރަން ހަމައެކަނި ބޭނުންވަނީ، ރައްޔިތުންގެ ރުހުމާއެކީގައި. އެހެންވީމާ، ރައްޔިތުންނަށް އެފުރުސަތު އަޅުގަނޑުމެން އަބަދުވެސް ދޭންޖެހޭނެ.
 
މިދިޔަ ފެހި ޤާނޫނުއަސާސީގައި، ނިމި މިދިޔަ ޤާނޫނުއަސާސީގައިވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އަސާސީ ޙައްޤެއްގެ ގޮތުގައި ކަނޑައެޅިފައި އޮތް. އެއްވެ އުޅުމުގެ މިނިވަންކަންވެސް އެ ޤާނޫނުއަސާސީގައި ކަނޑައެޅިފައި އޮތް. އެކަން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. މީގެ ހަތަރު އަހަރު ކުރީގައި މިޖަލްސާގައި ތިޔަބޭފުޅުން ވާދަވެރި ގޮތެއްގައި، ވާދަވެރި ޖަލްސާއެއްގައި ހުރިހާ ބޭފުޅުން އެއްތަނަކަށް އެއްވެ ވަޑައިގެންފިއްޔާ ހުރިހާ ބޭފުޅުން އެއްފަހަރާ ގެންގޮސް ހައްޔަރުކުރާނެ. އަޅުގަނޑުމެންނަށް މިބަދަލު މިގެނެވުނީ، އަޅުގަނޑުމެން މިދާ މިޞްރާބަށް ކާމިޔާބުގެ ހަމައެކަނި ޙައްލަކީ ޑިމޮކްރަސީ ދެމެހެއްޓިގެންކަން ދެނެގަނެވިގެން. އެންމެބޮޑު މަޝްރޫޢަކީ ޑިމޮކްރަސީ. އެ މަޝްރޫޢު، އެ ޕްރޮގްރާމް ނުހިނގާހާ ހިނދަކު އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުހޯދޭނެ.
 
ފެބްރުއަރީ 5 ވަނަ ދުވަހު ހިންގާން މިއުޅެނީ ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމުގެ ބާބެއް. ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުޞޫލުތައް ފާހަގަކުރިއިރު، ލިޔެފައެއް ނެތް. ޤާނޫނުއަސާސީގައި ލިޔެވިފައި އޮތީ ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެކޭ. އެހެންނަމަވެސް، އޭރުގެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ވަކާލާތު ކުރުމާއެކީގައި މާފަހުން 8 ވަނަ ބާބު ހިމެނިގެން އައީ. ލާމަރުކަޒީ އުޞޫލުން އެކަން ކުރުން. ކުރަން މިއުޅޭ ކަމަކީ، މާލޭގައި އަޅުގަނޑުގެ ރަށުގައި ހުރި އެއްޗެއް މިރަށަށް ދޭން. މިރަށަށް ބަހަން. މާލޭގައި އެއްވެފައި ހުރި ބަޔަކުން ބައެއް މިރަށަށް ދޭން. ވެރިކަމުގެ ތިން ބާރު، ފުރަތަމަ ޝަރީޢަތް ހިންގުމުގެ ބާރު ވަކި ކުރެވިއްޖެ. މުސްތަޤިއްލު ސުޕްރީމް ކޯޓެއް ޤާއިމުކުރެވިއްޖެ. ވެރިކަމުގެ ބާރުން ޝަރީޢަތުގެ ބާރު ވަކިކުރެވުނީ. ޤާނޫނުހަދާ މަޖިލީހުގައި މަޖިލީހުގެ ރައީސަކީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރާ ބޭފުޅެއް ނޫން. ޤާނޫނު ހަދާ މަޖިލީހުގެ މަޖިލިސްގައި އިށީނދެވަޑައިގެން ނުތިއްބަވާ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާ ބޭފުޅުންނެއް. އެހެންވީމާ، ޤާނޫނު ހަދާ މަޖިލިސްވެސް މުސްތަޤިއްލުވެގެން ހިނގައްޖެ. މިހާރު އަނެއްކާ އިތުރަށް މިކުރާ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައިވާ ބާރުގެ ތެރެއިން ބައެއް މިރަށްރަށަށް ދިނުން. އެއީ، މާލޭގައި ހުރި ބާރެއް. އަޅުގަނޑު ދަންނަވާނީ މި ސަރުކާރާއި އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީއޭ، މާލެއަށް އެބޭފުޅުންގެ ކާބަފައިންނާއި އެބޭފުޅުންގެ މައިންބަފައިންނޭ މާލެއަށް އެބާރު މިދިޔަ 700، 800 އަހަރު ތެރޭ އެއްކުރީ.
 
މިއަދު އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ އެބޭފުޅުންނާއެކީގައި މާލޭގެ ވެރިކަމުގެ ޚާންދާންތަކާއެކީގައި ޙަޤީޤީ ޚާންދާނުތަކާއެކީގައި މި ޕާޓީއަށް މަސައްކަތް ކުރެވި، އެބޭފުޅުންގެ ކާބަފައިން ބައެއް ފަހަރަށް ހަނގުރާމަ ކޮށްގެން، އަނެއްބައި ފަހަރަށް ރައްޔިތުންގެ ރުހުމާއެކީގައި ހޯދާފައިވާ ބާރު، އަޅުގަނޑުމެން މިއަދު މި 2011 ވަނަ އަހަރު މިއުޅެނީ، މުޅި ރާއްޖެއަށް ބަހާލަން. މިއުޅެނީކީއެއް ޖިންސުއްލަޠީފުންގެ ރޫޙް ނުވަތަ ރަށްކުރިއަރުވާ ކޮމިޓީ މިރަށުގައި އުފައްދާކަށެއް ނޫން. މުލުން މުލަށް ސީދާ ރައްޔިތުން ބާރުވެރި ކުރަން. އެކަން ކުރުމުގެ ވަލީވެރިންނަކީވެސް، އަދި އެކަން ކުރުމުގެ ބެލެނިވެރިންނަކީވެސް އެމް.ޑީ.ޕީ. ނުވަތަ އަޅުގަނޑުމެން. މިއީ، އަޅުގަނޑުމެންގެ ފަލްސަފާއެއް. މިއީ، އަޅުގަނޑުމެން ކުރަން އުޅޭ ކަމެއް. އަޅުގަނޑު މަޑުއްވަރީ ރައްޔިތުންގެ ކިބައިން އެދޭނީ މިކަމުގައި އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކޮށްދެއްވާށޭ. އަޅުގަނޑުމެންނަށް ފުރުސަތު ދެއްވާށޭ، މިރަށުގެ ތަރައްޤީގައި ތިޔަބޭފުޅުންނާއެކީގައި ބައިވެރިވުމުގެ ފުރުސަތު. އަޅުގަނޑުމެން ބޭނުމޭ އެފުރުސަތު. މިރާއްޖެ ތަރައްޤީ ކުރެވެން އޮތީ މަޑުއްވަރީގެ ތަރައްޤީ އޭގެ ތެރޭގައި ހިމެނިގެންނޭ. މަޑުއްވަރީ އެބަ ތަރައްޤީ ކުރަން އަޅުގަނޑުމެންނަށް އެބަ މަޖުބޫރުވޭ.
 
އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް މިކުރާ ދަތުރުގައި ކާމިޔާބުގެ އައްސޭރި ވަރަށް ސާފުކޮށް ފެންނަން އެބައޮތް، ވަރަށް އުޖާލާކޮށް. މިއަދާ ހަމައަށް އާދެވުނުއިރުގައި ކުރެވިފައި ހުރި ކަންކަމާ ގުޅޭގޮތުންވެސް މި ސަރުކާރު ހިތްހަމަޖެހޭ. އަޅުގަނޑު ހިތްހަމަޖެހޭ. އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ ގިނަ ރައްޔިތުން ހެޔޮހިތުން ވިސްނައި، މިވީގޮތެއް ބައްލަވައި، ފިކުރު ކުރައްވައި، އެއްޗެއް ބުނުއްވައިފިއްޔާ ވިދާޅުވާނީ އަޅުގަނޑުމެން ދެއަހަރު ދުވަހުގެ ތެރޭގައި އެދެއަހަރަކަށްވާނެ ވަރަކަށްވުރެ މާބޮޑުވަރަކަށް ކަންކޮށްފިޔޭ.
 
ތަރައްޤީއަށްޓަކައި ބޭނުންވާ ކިތަންމެ ކިތަންމެ ވަސީލަތެއް ޤާއިމު ކުރުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުން. ދަތުރުފަތުރު ކުރުމުގެ ނިޒާމަކީ ކޮންމެހެން ބޭނުންތެރި ނިޒާމެއް. އެނިޒާމު ޤާއިމު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ 7 އަހަރު ދުވަހުގެ ތެރޭގައި. އަސާސީ ޚިދްމަތް ދެއަހަރު ދުވަހުގެ ތެރޭގައި ދިނުމަށް. އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ، މިހާރު ކޮންމެ ދުވަހަކުވެސް       މި މަޑުއްވަރީގެ ވިހި ފަނަރަ މީހުން ދަތުރަށް އަރާތީވެ. ކޮންމެ ދުވަހަކުވެސް މި މަޑުއްވަރީއަށް ހަމައެހާމެ މީހުން ފައިބާ އުޅޭތީވެ. އެއްތަނުން އަނެއްތަނަށް މީހުންވެސް އެބަދޭ. ތަކެތިވެސް އެބަބަދަލުވޭ. މުދާވެސް އެބަ ބަދަލުވޭ. އަޅުގަނޑުމެންގެ އަމާޒަކީ، މިނިޒާމު ފުޅާކޮށް ތަރައްޤީ ކުރުން. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މަޑުއްވަރީގައި ފެރީ ޓަރމިނަލް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާނެ.
 
ބޭނުންވަނީ ރައްޔިތުންނަށްވެސް އުފާވެރިކަން. އެންމެންވެސް އެދި މިއުޅެނީ ހާސްކަން ނެތުމަށް. ފާގަތި ދިރިއުޅުމަކަށް. އަޅުގަނޑަށް އެފާގަތި ދިރިއުޅުން އެބަފެނޭ. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް މިއޮތީ އަންނަން އުފާވާ ޒަމާނޭ. އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ. އުފާވެރިވި މި ރާގޭ.
 
والســّلام عليــكم
 
_______________________