بســماللّـهالرّحمـنالرّحيــم

 
ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބު، މީދޫގެ ޒިންމާދާރު ވެރިން. އަދި މީދޫގެ ކުރިއަށް ތިއްބެވި އެންމެ ބޭފުޅުން. އަދި މިއަތޮޅުގެވެސް ކުރިއަށް ތިއްބެވި އެންމެ ބޭފުޅުން، ވަކިން ޚާއްޞަކޮށް، މިރަށުގެ ލޮބުވެތި ރައްޔިތުން.
 
السّـلام عليـكم
 
މީގެ ދުވަސްތަކެއް ކުރީގައި، ދެތިން އަހަރެއް ކުރީގައި އަޅުގަނޑާއި އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީއާއި، އެހެންވީމާ، މިއަދުގެ ސަރުކާރުން ނުކުތާތަކެއް ފާހަގަކުރިން. އަޅުގަނޑުމެން ދެންނެވީމު، އެދުވަހު ދިވެހިރާއްޖެ މިއޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައޭ. ރާއްޖެއަށް އެބައޮތޭ ޚަރާބުގެ މަގު އިޚްތިޔާރު ކުރެވެންވެސް. ނޫންނަމަ އެހެން ގޮތެއް، މުޅިން އެހެން ދިވެހިރާއްޖެއެއް އަޅުގަނޑުމެންނަށް ހޯދެން. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބައިވަރު އަޣްލަބިއްޔަތު ރައްޔިތުން ނިންމެވީ، އެ ރައްޔިތުން ބޭނުމީ އެހެން ގޮތެކޭ. އެ ރައްޔިތުން ބޭނުންވަނީ، މުޅިން އެހެން ދިވެހިރާއްޖެއެކޭ. އެކަން ކުރުމަށްޓަކައި، އެ މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި އަޅުގަނޑުމެން ކުރަން މިޖެހޭ ކަމަކީ، މި ރާއްޖެ ތަރައްޤީ ކުރުން. ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރާންހުރި ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި ހަމަކަށަވަރުންވެސް އަޑުއަހާން ޖެހެނީ ރާއްޖޭގެ އަޑު. އަޅުގަނޑުމެން، ރާއްޖޭގެ އަޑު، ރާއްޖޭގެ ރައްޔިތުންގެ އަޑު އެހީމު.      އެ އަޑުތަކުގެ މައްޗަށް ބިނާކޮށް، ސިޔާސަތުތަކެއް އެކުލަވާލައި، އެ ސިޔާސަތުތައް މިހާރު މިވަނީ 2009 ވަނަ އަހަރުއްސުރެ 2013 ވަނަ އަހަރާ ހަމައަށް ތަންފީޛު ކުރެވޭނޭ ޤައުމީ ތަރައްޤީގެ އޮނިގަނޑުގެ ގޮތުގައި ކަނޑައެޅިފައި.
 
ސަރުކާރުން މިހާރު ހިންގަމުން މިގެންދަނީ، މިދެންނެވި އޮނިގަނޑު. އެއީ، މި މީދޫ ތަރައްޤީ ކުރުމުގެވެސް އޮނިގަނޑު. މި ސަރުކާރުގެ އެބައޮތް، މީދޫގެ ތަރައްޤީގެ ތަޞައްވުރެއް. އަޅުގަނޑުމެންނަށް އެ އެބައޮތް މީދޫ ކުރިއަށް ގެންދާނެ ގޮތުގެ މަންޒަރެއް. ސަރުކާރުން ކުރަހާފައިވާ މަންޒަރެއް. ސަރުކާރުގެ އެބައޮތް، މީދޫގެ ތަރައްޤީއަށް އޮތް ވިސްނުމެއް. ސަރުކާރުން ފުރިހަމައަށް ގަބޫލުކުރޭ، މިދިޔަ ދިގު 30 އަހަރު އެކަންޏެއް ނޫން. އަދި މިދިޔަ ދެއަހަރުވެސް، މިރާއްޖޭގައި ދެވޭ ކިތަންމެ ޚިދްމަތެއް ދެވެމުން މިއަންނަނީ، ރައްޔިތުން އެންމެ އެދޭ މިންވަރަކަށް، އެދޭ ފެންވަރަކަށެއް ނޫން. މިދެންނެވި ޙަޤީޤަތް މިގޮތަށް އޮތްއިރު، ސަރުކާރަށްވެސް އަދި އަޅުގަނޑުމެން އެންމެނަށްވެސް ފާހަގަވާ އިތުރު ނުކުތާއަކީ، މި ރާއްޖޭގެ އާބާދީގެ ތެރެއިން ކޮންމެ ތިންމީހަކުންކުރެ އެކަކީ ނިކަމެއްޗެކޭ. އޭނާއަކީ، އޭނާގެ ދުވަހުގެ މަސައްކަތަށް އާމްދަނީގެ ގޮތުގައި ދިހަ ބާރަ ރުފިޔާ، ދުވާލަކަށް ނުލިބޭ ނިކަމެއްޗެކޭ. އ.ދ. އެ ބުނާ ހައިހޫނުކަމުގެ ރޮނގުން ދަށުގައި ހުރި މީހެކޭ. ޤައުމެއް ތަރައްޤީއެއް ނުވެވޭނެ، އެ ޤައުމެއްގެ ރައްޔިތުންގެ އާބާދީގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ، ނިކަމެތިންގެ ގޮތުގައި ތިބި ހާލުގައެއް. މީދުއެއްވެސް ތަރައްޤީއެއް ނުކުރެވޭނެ، މީދޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބައިވަރު ރައްޔިތުންނަކީ، ބިކަ ހާލުގައި އުޅެން ޖެހިފައިވާ ރައްޔިތުންނަށް ވަނީވިއްޔާ.
 
އެހެންވީމާ، ސަރުކާރުން ވަޢުދުވީ، އިޖްތިމާޢީ ރައްކާތެރިކަން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. ސަރުކާރުގެ ނުވަތަ މެނިފެސްޓޯ ވަޢުދަކީ، ބޭސް ސިޓީއަށް ސަލާންޖެހުން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނައްތާލުން. އަޅުގަނޑު މިއަދު އުފާވަނީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި މީދޫގެ 267 ރައްޔިތުން، މަދަނައިގައި ރަޖިސްޓްރީވެ، އެ މަދަނައިގެ ޚިދްމަތް، އެ ރައްޔިތުންނަށް ލިބެމުންދާތީ. މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މިއިން ކޮންމެ ރައްޔިތަކަށް، އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ، މާލިއްޔަތުގައި ރައްކާކުރެވިފައިވާތީ. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން.
 
 ސަރުކާރަށް އަބަދުވެސް އެނގޭ، ދޮށީ ޢުމުރުގެ މީހުން އުޅެމުން އައި ޙާލު. އެމީހުންނަށް ކަންދިމާވެފައި ހުރި ގޮތް. އެނގިވަޑައިގަންނަވާނެ، މިރަށްރަށުގައި ގޮނޑުދޮށްތަކުގައާއި، ރުއްގަސްދޮށުގައި، ހޮޅުއަށިތަކުގައި އަދި މާލޭގައިވެސް ގޯތިތައް ފޮތިކުރަމުން އައިސް، އެންމެފަހުން ބަދިގެފަރާތުގައި ހުރި ކޮޅުފިލާގޮނޑިއެއްގައި ހުއްޓިފައި ހުންނަނީ ކާފަ ނުވަތަ މާމަ. އަޅުގަނޑުމެންގެ ރާއްޖެ، އަޅުގަނޑުމެންނަށް ލިބިފައި މިވަނީ، އަޅުގަނޑުމެންގެ ދޮށީ ޢުމުރުގެ މީހުން ނުހަނު ގިނަ މަސައްކަތް ކުރީތީވެ. އެމީހުން މަހަށް ފަރަށް ދިޔައީތީވެ. އެމީހުން އޮޑިދޯނިފަހަރު ބަނީތީވެ. އެމީހުން ކިތަންމެ ކިތަންމެ މަސައްކަތެއް ކުރީތީވެ. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި މީދޫގެ ރައްޔިތުންގެ ތެރެއިން 99 ރައްޔިތަކަށް ކޮންމެ މަހަކު ދެހާސް ރުފިޔާ ލިބެމުން އަންނަތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، މި މީދޫއަށް ކޮންމެ މަހަކު އެއްލައްކަ ނުވަދިހަ އަށްހާސް ރުފިޔާ، ޕެންޝަންގެ ގޮތުގައި ދިނުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިފައިވާތީވެ. ސަރުކާރުން އެދަނީ ކޮންމެ މަހަކު އެއްލައްކަ ނުވަދިހަ އަށްހާސް ރުފިޔާ، މިރަށުގެ އިޤްތިޞާދަށް ދެވެމުން. އޭގެ ސަބަބުން، އިޤްތިޞާދު ދައުރުވުމަށާއި އަދި އިޤްތިޞާދު ކުރިއެރުވުމަށް ނުހަނު ގިނަ އެހީތެރިކަން ލިބިދާނެ.
 
 އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުން މުއްސަނދި ކުރެވޭތޯ މަސައްކަތް ކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ، މީދޫ ރައްޔިތުން މުއްސަނދި ކުރުން. މީދޫ މުއްސަނދި ކުރުން. މީދޫ ރައްޔިތުންގެ ޙާލަތު، މީދޫ މީހާ މިހާރު ދިރިއުޅޭ ގޮތް އޭނާއަށް ބަދަލުކުރުމުގެ ފުރްޞަތު، އޭނާއަށް ހޯދައިދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، ހާސްކަން ކެނޑިފައި އޮތް މީދޫ ރައްޔިތަކު ލިބުން. ސަރުކާރުގެ އަބަދުވެސް އަމާޒަކީ، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ މީދޫ މީހެކޭ ބުނެވޭނެ މީދޫ ރައްޔިތަކު އުފެއްދުން. ބޭސް ސިޓީއެއް ހިފައިގެން، އެކެއް ކައިރިން، އެއް ސާދާގަރެއް ކައިރިން، އަނެއް ސާދާގަރެއް ކައިރިން ސަލާން ޖަހަމުން ހިނގާއިރު، ސަރުކާރަކަށް ނުވިސްނޭ، ދެން ރައްޔިތުމީހާގެ ޤަދަރާއި ޢިއްޒަތް، ރައްޔިތުމީހާ ހިފަހައްޓާނެ ގޮތެއް. އަޅުގަނޑުމެން އުފާވޭ، މިއަދު އަޅުގަނޑު މާލޭ ވިޔަފާރިވެރިން ގާތުގައި އަހަން. މިހާރު ބޭސް ސިޓީ ހިފައިގެން، އެ ސިޓީއަށް ފައިސާ ހޯދުމަށް އަންނަ މީހުން، ކުރީގައިވެސް އަންނަ މިންވަރަށް، ނިސްބަތަށް އާދޭތޯ. އަޅުގަނޑު ގާތުގައި މާލޭ ވިޔަފާރިވެރިން ބުނަނީ، ރައީސޭ ނާދެއޭ މިހާރު. އަޅުގަނޑަށް ޔަޤީން،          މި މީދޫގައިވެސް މިއަދު ރާއްޖޭގައި ލިބެންހުރި ބޭސްފަރުވާއަށް އަތްފޯރާނެ ގޮތްތައް، އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން އިރާދަކުރެއްވިއްޔާ މިދަނީ ކުރިއަށް. މިރަށުގައި އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން 52 ފަރާތަކަށް އެހީތެރިވެދެވޭކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންނަށް ޚިދްމަތް ކުރުން. އަޅުގަނޑު ގާތުގައި، ބައެއް ބޭފުޅުން ބައެއްފަހަރު އަހާ، ކީއްވެތޯ ކޮންމެ މަހަކު މީދުއަށް އެއްލައްކަ ނުވަދިހަ އަށްހާސް ރުފިޔާ ދެމުން އެގެންދަވަނީ. ކީއްވެތޯ މީދުއަށްޓަކައި ސައްބީސް މިލިއަން ރުފިޔާ މާލިއްޔަތުގައި ރައްކާ ކޮށްފައި ބަހައްޓަނީ. އެފައިސާއިން ކީއްވެތޯ މީދޫގައި އެހެން ކަމެއް ނުކުރަނީ.
 
ތަރައްޤީއަކީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތެއްގައި ކުރީމާ އަޅުގަނޑުމެންނަށް ލިބޭ ކަމެއްކަން، އިންސާނީ ތަޖްރިބާ އޮތީ ވަރަށް ސާފުކޮށް ދައްކާފައި. އެ ތަރައްޤީ ހޯދުމަށްޓަކައި ކޮންކްރީޓް އަޅައިގެނެއް އެކަމެއް ނުވާނެ. ތަރައްޤީ މިނަނީ، ބޮޑުހިލައިގެ ބޮޑުމިނަކުންނެއް ނޫން. އަދި ހަމަ އެތެރެ ތޮށްޓަކުންނެއްވެސް ނޫން. ސަހަރާ ވަށާފާރަކުންވެސް ނޫން. ތަރައްޤީއަކީ އިންސާނާ ތަރައްޤީވުން. މީދޫ މީހާ، ހަމަ އިސްކޮޅަށް، އެމީހާއަށް ހުއްޓެވޭނެ ގޮތެއް ހޯދައިދިނުން. ސަރުކާރުގެ އަމާޒަކީ، މީދޫ މީހާ ތަރައްޤީ ކުރުން. އެމަސައްކަތުގައި އަޅުގަނޑުމެން ކުޑަކޮށްވެސް ފަހަށް ނުޖެހޭނެކަން ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން.
 
މިހާރުވެސް، މި ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ސްކޫލަކީ މި މީދޫ ސްކޫލް. އެހެންވީމާ، ސަރުކާރުގެ ވަށާޖެހޭ ތަޢްލީމާއި، އެއްދަންފަޅީގެ މަދްރަސާއަކަށް     މި މަދްރަސާ ސަރުކާރުން ހެދުމުގެ އަމާޒެއް އަބަދުވެސް ގެންގުޅޭ. އިރާދަކުރެއްވިއްޔާ، މިއަހަރު އެމަސައްކަތް ފެށި ދެން މިމަދްރަސާ ހުޅުވޭއިރު ހުޅުވޭނީ، އެއްދަންފަޅީގެ ސްކޫލެއްގެ ގޮތުގައި.
 
މިދިޔަ އަހަރުގެ ތެރޭގައި މީދޫ ދަރިވަރުންނަށް ފޮތް ފަންސުރު ގަތުމަށްޓަކައި ދެލައްކަ އަށްޑިހަހާސް ތޭރަރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، އަޅުގަނޑުމެނަށް ހިތްވަރު ލިބޭ ކަމެއް. މީދޫ ދަރިވަރުން، އިމްތިޙާންތަކުގެ ފީ ދެއްކުމަށްޓަކައި ދެލައްކަ ބާރަހާސް ތިންސަތޭކަ ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، ސަރުކާރަށް ލިބުނުކަމީ، ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ، މީދޫ ދަރިން ކުރިއެރުން. އަޅުގަނޑުމެންގެ ބޭނުމަކީ، މީދޫ ދަރިންނަށް ރަނގަޅު ތަޢްލީމެއް ހޯދައިދިނުން. ތަންދޮރު އެނގޭން މިޖެހެނީ މީދޫ މީހާއަށް. ތަރައްޤީވާންޖެހެނީ މީދޫ މީހާ. މީދޫ ތަރައްޤީވާނީ މީދޫ މީހާ ތަރައްޤީވީމާ. އަދި ގަބޫލުފުޅު ކުރައްވާ، މީދޫގެ ތަރައްޤީއެއް ތިޔަބޭފުޅުންނަކަށްވެސް، އަޅުގަނޑަކަށްވެސް ނުލިބޭނެ، އަޅުގަނޑުމެންގެ ވިސްނުން ހުއްޓިފައިހުރީ މީދޫގެ ގޮނޑުދޮށާ ހަމައަށް ކަމަށް ވަނީވިއްޔާ. މީދުއާ ގުޅިފައި އޮތީ މަޑުއްވަރީވެސް. މީދުއާ ގުޅިފައި އޮތީ މި ރ. އަތޮޅު ހުރިހާ ރަށެއްވެސް. މި ރާއްޖޭގެ ހުރިހާ އަތޮޅެއްވެސް. މި ރާއްޖޭގެ ހުރިހާ ރަށެއްވެސް.
 
ލާމެހިފައިވާ ދިވެހިރާއްޖެއެއް އުފެއްދުމަކީ، މި ސަރުކާރުގެ އަމާޒެއް. އަޅުގަނޑުމެން ވަޢުދުވިން، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލަދޭނެ ކަމަށް. މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މިހާރުވެސް ކޮންމެ ދުވަހަކު މީދޫން ވިހި ފަނަރަ މީހުން މިދެންނެވި ނިޒާމުން ދަތުރަށްއަރާ. އަދި މިހާރުވެސް ކޮންމެ ދުވަހަކު މީދުއަށް ވިހި ފަނަރަ މީހުން ދަތުރު ނިންމާ. ސަރުކާރުން ވަޢުދުވެފައިވާނީ، 7 އަހަރު ދުވަހުގެ ތެރޭގައި، ދަތުރުފަތުރު ކުރުމުގެ ނިޒާމް ފުރިހަމަކުރުމަށް. އަދި ފުރަތަމަ ދެއަހަރުގެ ތެރޭގައި، އެ ނިޒާމްގެ އަސާސީ ޚިދްމަތްތައް ދޭން ފެށުމަށް. ކުރިއަށް މިއޮތް އަހަރުގެ ތެރޭގައި، މި ރަށުގައި ފެރީ ޓަރިމަނަލެއް ބިނާކޮށް، އަދި ދަތުރުފަތުރު ކުރުމުގެ ނިޒާމް، ކުރިއަށްވުރެވެސް ފުޅާވެގެންދާނެ.
 
މިދިޔަ އަހަރު، 2009 ވަނަ އަހަރު ސަރުކާރުން ނިންމައިދެވުނު، ހަދަން ފަށާފައިވާ މީދޫގެ ބަނދަރު. އެ ބަނދަރު ނިންމުމަށް އޮނަތިރީސް މިލިއަން ހަތްލައްކަ ރުފިޔާ ޚަރަދު ކުރެވުނު. އެ ބަނދަރު ނިންމުމުން ނުވަތަ މިހާރު އެ އޮތްވަރަށް ބަނދަރު ހެދުމުން، އެއީ އަދި ސަރުކާރަކުން ނުދެކެން، އިޤްތިޞާދީ ފައިދާއެއް، އޭގެ ފުރިހަމަ ފައިދާ ނެރެވެން އޮތް ގޮތް ކަމަކަށް.          މި ސަރުކާރަކީ ބަނދަރު ހަދާ ސަރުކާރެއް ނޫން. ސަރުކާރުން ބޭނުންވަނީ ބަނދަރުމައްޗެއް ތަރައްޤީ ކުރާން. ބަނދަރާ ގުޅިފައި ހުރި އެހެން ހުރިހާ ވަސީލަތްތަކެއް ބަނދަރާ ގުޅުވަން. އަދި ބަނދަރާ ގުޅޭ އެހެން ހުރިހާ ރަށްތަކެއްވެސް، އެ ބަނދަރާ ގުޅުވަން. ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްޤީކޮށްގެން، ބަނދަރުމަތީގައި ފެރީ ޓަރމިނަލްގެ އިތުރުން، މާރުކޭޓާއި، ގުދަނާއި، ފިހާރަ ޤާއިމް ކުރެވެންޖެހޭނެ. ސަރުކާރުގެ ބާޒާރު ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ އަމާޒަކީ މިދެންނެވީ. އިރާދަކުރެއްވިއްޔާ، މިފަހަރުގެ ބަޖެޓްގެ ތެރެއިން މީދޫގައިވެސް މިމަސައްކަތް ހިނގަން ފަށާނެ.
 
ރާއްޖޭގެ ރަށްތަކުގެ އަސާސީ ޚިދްމަތްތަކުގެ ތެރޭގައި، ފެނާއި ނަރުދަމައާއި ކަރަންޓް އެއީ، ކޮންމެހެން ރައްޔިތުންނަށް ލިބެންޖެހޭނެ އެއްޗެއް. އަބަދުވެސް އަޅުގަނޑުމެން ވަކާލާތުކުރި ކަމެއް. އެ ޚިދްމަތް ދިނުމަށްޓަކައި މި ސަރުކާރުގެ ނިޒާމަކީ، ކުދިކުދި ރަށްރަށަށް ވަކިވަކިން ތިބެގެން، ރަށު ރައްޔިތުންގެ އިންޖީނުގެ ގޮތުގައި ނުވަތަ ފެން ޕްލާންޓްގެ ގޮތުގައި ނުވަތަ ނަރުދަމާގެ ނިޒާމުގެ ގޮތުގައި މަސައްކަތެއް ނުހިންގޭނެއޭ. އަޅުގަނޑުމެން ދުށިން، ހަމަގައިމުވެސް އަޅުގަނޑު ދަންނަން، މި މީދޫގެ އިންޖީނުގޭގެ ޙާލަތު ވަރަށް ރަނގަޅަށް. ވަރަށް ކުރިއްސުރެ މީދޫގެ އިންޖީނުގޭ ކަންތައްތައް ވަރަށް ސާފުކޮށް އަޅުގަނޑަށް އޮންނަނީ އެނގިފައި. އެންމެ ފުރަތަމަ މިތަނަށް ޖަނަރޭޓަރެއް ގެނައިއްސުރެ ފަށައިގެން، 1981 ވަނަ އަހަރު، މިއަދާ ހަމައަށް އައިއިރުގައި، އެކެއް އެމަސައްކަތްކޮށް، އަނެކެއް އެމަސައްކަތްކޮށް، ދުވަހަކުވެސް އެކަކަށްވެސް ނެތް، ކުރިއަށް ދެވޭނެ ގޮތަކަށް ރިޒަރވެއް އުފައްދައިގެން، ކުންފުންޏެއްގެ ގޮތުގައި އެ ޚިދްމަތް ދެވޭނެ އިންތިޒާމެއް ހަމަޖެއްސިފައެއް. އެއީ، އަމިއްލަ ފަރާތަކަށްވާން އޮތް ކަމެއް ނޫން. އަދި ވަކި ރައްޔިތަކަށްވެސް ހަމައެކަނި ރަށެއްގެ ދަރަޖައިގައި ކުރަން އުނދަގޫ ކަމަކަށްވާނީ. އެހެންވެގެން، ސަރުކާރުން އެތައް ރަށެއް އެއްކޮށް، ބޮޑު ޔުޓިލިޓީ ކުންފުންޏެއް އުފެއްދީ. އެ ކުންފުނީގެ ޚިދްމަތް ދެމުން ގެންދެވޭ ރަށްރަށުގައި، ކަރަންޓްގެ އަގު މިހާރު ދަށްވެއްޖެ. އަދި އެއަށްވުރެ ބޮޑަށް ކުންފުނީގެ ޚިދްމަތް ދެމުން ގެންދާ ރަށްރަށުގައި، އަޅުގަނޑު ގާތަކަށް އައިސް ނުވަތަ ސަރުކާރުގެ އެކިއެކި ވުޒާރާތަކުގައި އިންޖީނުގޭގެ ޕެކިންގގެ ވާހަކައާއި، އަޑީތެލުގެ ވާހަކައާއި، ޕަމްޕްގެ ވާހަކައެއް ނުދައްކާ. އެކަންތައް ދަނީ ރަނގަޅަށް ހިނގަމުން.
 
އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންނަށް ޚިދްމަތް ދިނުން. އެ ޚިދްމަތްތައް ދިނުމަށްޓަކައި އަޅުގަނޑުމެން އެކުލަވައިލައިގެން މިއުޅެނީ ވިސްނުމެއް. މީދޫގެ ތަރައްޤީއަށްޓަކައި އޮތް ތަޞައްވުރެއް. އެ ތަޞައްވުރުގައި، ފެނާއި ނަރުދަމާއާއި ކަރަންޓް ދިނުމަށް ހިމެނެނީ، ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށްގެން. އަޅުގަނޑު ހަމަ ތިބޭފުޅުންނަށް ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑުމެންގެ މަސައްކަތުގައި އަވަދިނެތި އަޅުގަނޑުމެން މިއުޅެނީ ހަމަ އެންމެ ބޭނުމަކަށޭ.
 
ފެބްރުއަރީ 5 ވަނަ ދުވަހު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެނަށް މި ބިންގާ އެޅެނީ، މީދޫގެ ތަރައްޤީގެ އެންމެ މުހިންމު އެއް މުއައްސަސާ. އެއީ މިއުޅެނީކީއެއް އެއްވެސް ހާލެއްގައި، ރަށް ކުރިއަރުވާ ކޮމިޓީއެއް އުފައްދާކަށެއް ނޫން. ޖިންސުއްލަޠީފުންގެ ރޫޙެއް އުފައްދާކަށެއްވެސް ނޫން. މިއުޅެނީ ސީދާ މީދޫ ތަރައްޤީ ކުރުމުގެ ނާރެސްއެއް، އިންޖީނެއް އުފައްދަން. ޤާނޫނުއަސާސީ ފުރަތަމަ އެކުލަވައިލެވިގެން އައިއިރުގައި، އަސާސީ ސިފަތަކާއި އުޞޫލުތައް ކަނޑައެޅުނުއިރު،    އެ ޤާނޫނުއަސާސީއަކު ލާމަރްކަޒީ އުޞޫލުން ހިންގާ ވާހަކައެއް ނެތް. އޭގައި ލިޔެފައި އޮތީ، ދިވެހި ދައުލަތަކީ ޔުނިޓްރީ ދައުލަތެކޭ. އެހެން ނަމަވެސް، އިރާދަކުރައްވައިގެން ފަހުން 8 ވަނަ ބާބު އަޅުގަނޑުމެންނަށް ލިބުނީ. އެއީ، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަނާއި، އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމްގެ އިޞްލާޙަކާ އެކުގައި އަޅުގަނޑުމެނަށް 8 ވަނަ ބާބު ލިބުނީ. ޤާނޫނުއަސާސީއަކު "ކައުންސިލަރ" އެ ނަމެއް ނޯންނާނެ. ޤާނޫނުއަސާސީއަކު "ކައުންސިލް" އެ ބަހެއްވެސް ނޯންނާނެ. މިއީ އަޅުގަނޑުމެން ކުރަންއުޅޭ ކަމެއް.
 
ރައްޔިތުން  ބާރުވެރި ކުރުމަކީ އެމް.ޑީ.ޕީ.ގެ މި ސަރުކާރުގެ އެންމެބޮޑު އެއް އަމާޒު. ޒަމާނުއްސުރެ ފަށައިގެން މާލޭގައި، އަޅުގަނޑުގެ ރަށުގައި އެއްވެފައި ހުރި ބާރެއް މިއުޅެނީ ބަހާލަންވެގެން. އެއިން ބައެއް މީދުއަށް ދޭން. މީގެކުރީގައި ވެރިކަމުގެ ބާރުގެ ތެރެއިން ޝަރީޢަތް ކުރުމުގެ ބާރު ވަކިކޮށް، ސުޕްރީމް ކޯޓެއް ޤާއިމްކުރެވި، ވަކި މުއައްސަސާއެއްގެ ގޮތުގައި އެކޯޓު އެދަނީ ކުރިއަށް. ރައްޔިތުންގެ މަޖިލިސް، ޤާނޫނުހަދާ މަޖިލީހުގެ ރައީސަކީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ބޭފުޅެއް ނޫން. އަދި ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބަކާ ނުލައި ޢައްޔަންކޮށްފައި ތިބޭ މެންބަރުންނެއް ނުތިބޭނެ. ޤާނޫނުހަދާ މަޖިލިސްވެސް އެވަނީ ވަކިވެފައި. މިހާރު އަދި އިތުރަށް އަޅުގަނޑުމެން މިކުރާ ކަމަކީ، މާލޭގައި ހުރި ވެރިކަން ހިންގުމުގެ ބާރުގެ ބައެއް، ރަށްތަކަށް ދޫކުރުން. ރައީސުލްޖުމްހޫރިއްޔާގެ ބާރުން ބައެއް ރަށްތަކަށް ދިނުން. މި ޤާނޫނު ވަރަށް ސާފު. އަދި އަޅުގަނޑުމެނަށް، އަޅުގަނޑުމެން ކުރާން މިއުޅޭ ކަންތައްވެސް ވަރަށް ސާފު. މި ސަރުކާރަކީ އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީގެ ލީޑަރޝިޕަކީ، ރާއްޖޭގެ ވެރިކަމުގެ ޚާންދާންތަކުގެ ޢާއިލާތަކުގެ މިހާރުގެ ޖީލު. އެ ޢާއިލާތަކުން މިދިޔަ އެއްހާސް އަހަރު މާލެއަށް އެއްކުރި ބާރު، މިހާރު އޭގެ މިހާރުގެ ދަރިން މިއުޅެނީ ރަށްތަކަށް ބަހާލަން.       އެ ބެހުމުގެ ބަލަދުވެރިންނަކީވެސް، ބެލެނިވެރިންނަކީވެސް އަޅުގަނޑުމެން. އެހެން ބަޔަކަށެއް،     މި ކައުންސިލް އޮންނަ ގޮތެއްވެސް ތަޞައްވުރެއްވެސް ނުވެސްވާނެ. ގޮނޑި ހުންނާނެތަނެއްވެސް އަދި ނޭނގެ. ބައްދަލުވާނީ ކޮންތާކު ކަމެއްވެސް، އެހެން ބަޔަކަށެއް ނޭނގެ. އަޅުގަނޑުމެންގެ މަސައްކަތެއް، މިމަސައްކަތަކީ. އަޅުގަނޑު މީދޫ ރައްޔިތުންގެ ކިބައިން ވަރަށް ނުހަނު އިޚްލާޞްތެރިކަމާއެކު މި އެދެނީ، ދެއްވާށޭ ފުރްޞަތު. އަޅުގަނޑުމެންނަށް މިފަހަރު އެ ފުރްޞަތު ދެއްވާށޭ. ދެއްވައިގެން މީދޫ ތަރައްޤީ ކުރުމުގެ މަސައްކަތުގައި އަޅުގަނޑުމެނާއެކުގައި ބައިވެރިވެލައްވާށޭ. އަދި ތިބޭފުޅުންގެ މަސައްކަތުގައި އަޅުގަނޑުމެންވެސް ބައިވެރިކޮށްދެއްވާށޭ. އާދެ، އަޅުގަނޑަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް. އަދި އަޅުގަނޑަކީ ހަމަ އެ ޕާޓީގެ ސިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ނުކުމެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މިހާރު މި ވަޒީފާ އަދާކުރަމުންދާ މީހެއް. އެހެން ނަމަވެސް، އަޅުގަނޑަށް އަބަދުވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންނާ އެކުގައި މަސައްކަތް ކުރެވޭނެ. އަޅުގަނޑަކަށް ވަކި ޕާޓީއަކަށްވެގެން، ތަރައްޤީގެ މަސައްކަތް އެއީ، މުހިންމު ނޫން މަސައްކަތަކަށް ވެގެނެއް ނުދާނެ.
 
އަޅުގަނޑުމެންގެ ބޭނުމަކީ، މީދޫ ތަރައްޤީ ކުރުން. އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުން މުއްސަނދިވުން. އަޅުގަނޑުމެން އެދެނީ، އުފާފާގަތި ކަމުގައި ރައްޔިތުން ދެމިތިބުން. އަޅުގަނޑުމެން އުންމީދު ކުރަނީ، ރައްޔިތުންނަށް ހާސްކަމެއްނެތި ދިރިއުޅެވޭނެ ދުވަހެއް ލިބޭނެ ކަމަށް. އަޅުގަނޑުމެން އަދި އިތުރަށް ދެކެނީ، މިއަންނަނީ އުފާވާ ޒަމާނޭ. އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ. އުފާވެރިވި މި ރާގޭ.
 
والســّلام عليــكم
 
_______________________