ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫއާއި މިލަންދުއަށް ވަޑައިގެން އެ ދެރަށު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

 
ރައީސުލްޖުމްހޫރިއްޔާ އެ ދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ވެ ވަޑައިގެންފައިވާ ވަޢުދުތަކަކީ، ރާއްޖޭގެ ރައްޔިތުންނާ މަޝްވަރާ ކުރައްވައި، ރައްޔިތުންގެ ބޭނުންތަކުގެ މައްޗަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ.)ން ވެފައިވާ ވަޢުދުތަކެއް ކަމަށާއި، އެ ވަޢުދުތަކަކީ އެ ވަޢުދުތައް ފުއްދުމުން، ރާއްޖެ ތަރައްޤީވާނެ ވަޢުދުތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.
 
މި ވަޢުދުތަކުގެ ތެރެއިން، ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުއްވައިދެއްވުމުގެ މަޝްރޫޢެއް ހިންގެވުމަށް އެމް.ޑީ.ޕީ.އިން ވަޢުދުވެފައިވަނީ، ދިވެހި ރައްޔިތުންގެ ތެރެއިން ތިންބައި ކުޅަ އެއްބައި ރައްޔިތުންނަކީ ނިކަމެތި ފަޤީރުން ކަމާއި، ރާއްޖޭގައި ލިބެން ހުރި އެންމެ އާދައިގެ ޚިދުމަތްތަކަށްވެސް އަތް ނުފޯރާ ބައެއްކަން ދެނެގަނެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މިގޮތުން، ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލުމަށް ސަރުކާރުން     ވެ ވަޑައިގެންފައިވާ ވަޢުދު ފުއްދެވުމުގެ ތެރެއިން، ފޯކައިދޫގެ 167 ރައްޔިތަކާއި، މިލަންދޫގެ 216 ރައްޔިތަކު މަދަނައިގައި ރަޖިސްޓްރީ ވެފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަދަނައިގައި ރަޖިސްޓްރީވެފައިވާ ފޯކައިދޫގެ ރައްޔިތުންގެ ތެރެއިން ބޭސްފަރުވާއަށް ބޭނުންވި ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދެއްވުމަށްޓަކައި، މިދިޔަ އަހަރު އެއްލައްކަ ހަތްދިހައަށްހާސްރުފިޔާއާއި މިލަންދޫ ރައްޔިތުންގެ ތެރެއިން ބޭސްފަރުވާއަށް ބޭނުންވި ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދެއްވުމަށް ހަތަރުލައްކަ އަށްޑިހަ ހަތްހާސްރުފިޔާ ޚަރަދު ކުރެއްވިފައިވާކަން އެއީ، ސަރުކާރަށް ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލެއްވުމުގެ ވަޢުދު ފުއްދެވުމުގައި ހޯއްދަވާފައިވާ ކާމިޔާބީގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، މިދިޔަ 2010 ވަނަ އަހަރު މަދަނައިގެ ތެރެއިން ބައްތިރީސްހާހަށްވުރެ ގިނަމީހުންނަށް ބޭސްފަރުވާ ކޮށްދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފޯކައިދޫގައި ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ދޮށީއުމުރުގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ދެއްވުމަށް، ސަރުކާރުން ދެއްވުމަށް ވަޢުދު ވެވަޑައިގެންފައިވާ ދެހާސްރުފިޔާގެ ޕެންޝަން ފޯކައިދޫގެ 67 މީހަކަށާއި، މިލަންދޫގެ 90 މީހަކަށް ގަވާއިދުން ލިބެމުން އަންނަތާ ދެ އަހަރުވެފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މި ދެރަށުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ ބޭނުމަކީ، ކަމެއް ކުރުމުގެ ނަމެއް ހޯއްދެވުން ނޫންކަމާއި، ބޭނުމަކީ، ކުރައްވަން ވަޢުދުވެ ވަޑައިގެންފައިވާ ކަންކަން ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުގެ ޕްރޮގްރާމްތައް ހިނގަމުންދާގޮތާއި، ދޮށީ އުމުރުގެ މީހުންނަށް އެހީތެރިކަން ލިބެންފެށިއިރާއި، ބޭސްފަރުވާ ކުރުމަށް މަދަނައިގެ ތެރެއިން އެހީތެރިކަން ލިބެން ފެށީ ކޮންއިރަކުކަން، އެ އެހީތެރިކަން ލިބެމުންދާ ރައްޔިތުންނަށް ސާފުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ސަރުކާރުގެ އެންމެ މުހިންމު އަދި އެންމެ ފުރަތަމަ މަޝްރޫޢަކީ ޑިމޮރަސީ ހަރުދަނާ ކުރެއްވުން ކަމަށާއި، ރައްޔިތުންނަށް އެމީހުންގެ މިނިވަންކަން ކަށަވަރު ކޮށްދެއްވައިގެން ނޫނީ، ރާއްޖެ ތަރައްޤީ ނުކުރެއްވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ، މިއަދު މެންދުރުފަހު ފޯކައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ފޯކައިދޫގެ ބަނދަރު އަލުން މަރާމާތު ކުރުމަށް ބޭނުންވާކަމަށް ރައްޔިތުން އެދިފައިވާތީ، ރައްޔިތުންނާ މަޝްވަރާކުރައްވައިގެން ރައްޔިތުން ބޭނުންވާގޮތަށް ފޯކައިދޫގެ ބަނދަރު މިއަހަރުގެ ތެރޭގައި، އަލުން ހައްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ، ތިލަދުންމަތީ އުތުރުބުރީ ބައެއް ރަށްރަށަށާއި، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުށްފުއްޓަށާއި، މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ވަރަށް ހަވީރުވަނީ މާލެ ވަޑައިގެންފައެވެ.