ރައްޔިތުން ހިފަހައްޓައި، ރައްޔިތުން އޮބަހައްޓައި، ރައްޔިތުންނަށް ބިރުދައްކައިގެން ރައްޔިތުންނަށް ލިބޭނެ ތަރައްޤީއެއް ނޯންނާނެ ކަމަށާއި، ރާއްޖޭގެ ރަށްރަށާއި، އަޅުގަނޑުމެން ބޭނުންވަނީ މި ޤައުމާއި މި ރަށްރަށުގެ ތަރައްޤީ ކަމަށްވަނީނަމަ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޙިމާޔަތްކޮށް، ނަގަހައްޓައި، މުޖްތަމަޢުގައި ބިންވަޅުނަގައި ލަހައްޓަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު މެންދުރުކުރީގެ ވަގުތެއްގައި، މިލަދުންމަޑުލު އުތުރުބުރީ ޅައިމަގަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި، ރާއްޖެ ތަރައްޤީކުރުމަށްޓަކައި، ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ މުހިންމު ކަމާއި، އެކަމަށް ސަރުކާރުން ދެއްވާ އިސްކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

 
މި ރޮނގުން ރައީސުލްމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީ ލިބޭނީ ރައްޔިތުންނަށް މިނިވަންކަން ލިބިގެން ކަމަށާއި، ސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަދި ޞުލްޙަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. ސަރުކާރުގެ އަބަދުގެވެސް އަމާޒަކީ، މި ރާއްޖޭގެ ތަރައްޤީ ކަމަށާއި، ވެރިކަމުގެ ނިޒާމު ބަދަލުވުމަށް އެދެނީ، ރާއްޖޭގެ ތަރައްޤީއަށް އެދޭތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ފެބްރުއަރީ 5 ވަނަ ދުވަހު ރާއްޖޭގައި ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ، މިރާއްޖޭގެ ތަރައްޤީއަށް އުފެދޭ އެންމެ މުހިންމު މުއައްސަސާގެ ބިންގާ އެޅޭ ދުވަސްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ އެދުމާއި، އިޙްސާސާ އެއްގޮތަށް މިރާއްޖޭގެ ތަރައްޤީ ހޯދޭނީ ލޯކަލް ކައުންސިލްތައް މެދުވެރިކޮށްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
 

ޅައިމަގުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީ ހޯދޭނީ ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެއްވައިގެން ކަމަށާއި، މި ރޮނގުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން، ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލެއްވުމުގެ ވަޢުދުގެ ދަށުން، ޅައިމަގުގެ 135 މީހުން މަދަނައިގައި ރަޖިސްޓްރީވެ، އެއިން ކޮންމެ މީހަކަށް އަހަރަކު އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި މި ނިޒާމް ފުރިހަމަވާއިރު، ސަރުކާރުގެ އަމާޒަކީ، ޅައިމަގުގެ ހުރިހާ ރައްޔިތުން މަދަނައިގައި ރަޖިސްޓްރީވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ދޮށީ ޢުމުރުގެ މީހުންނަށް ދެއްވާ ޕެންޝަން ޅައިމަގުގެ 42 މީހަކަށް ލިބެމުންދާ ކަމަށާއި، އެކަނިވެރި މައިންނާއި ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް ދެއްވާ ޢިނާޔަތުގެ ގޮތުގައި ޅައިމަގުގެ ފަސް ފަރާތަކަށް މިދިޔަ އަހަރު ފަނަރަހާސްރުފިޔާ ދެއްވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.