ރާއްޖޭގެ ރަށްރަށާއި، މުޅި މި ޤައުމުގެ ތަރައްޤީއަށްޓަކައި، ދަރިންނަށް ރަނގަޅު ތަޢުލީމެއް ހޯއްދަވައިދެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، ރަށުގެ ތަރައްޤީއަކީ ނުވަތަ ޤައުމުގެ ޙަޤީޤީ ތަރައްޤީއަކީ ކޮބައިތޯ އަލުން ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މިއަދު ހެނދުނު މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މިހާތަނަށް ރާއްޖޭގައި ތަރައްޤީ މިނިފައި ހުރީ ކޮންކްރީޓުން ކުރާ ކަންކަން، ނުވަތަ ފެންނަން ހުންނަ ބޮޑެތި ބިނާތަކާއި، ބޮޑެތި ބަނދަރުތަކުގެ ނިސްބަތުން ކަމަށް ވިދާޅުވަމުން، ޙަޤީޤީ ތަރައްޤީ ހޯދޭނީ، ދަރިންނާ އަޅާލައި، އެކުދިންނަށް ފުރިހަމަ ތަޢުލީމެއް ހޯދައިދެވި، ރަށުގެ ރައްޔިތުންނަކީ ތަންދޮރު އެނގޭ ބަޔަކަށް ހަދައިގެންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.

 
މާއުނގޫދޫ ބަނދަރު މިއަހަރު ސަރުކާރުން ހައްދަވައިދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަމުން، ކޮންކްރީޓުން ކުރެވޭ ތަރައްޤީގެ މިފަދަ މަސައްކަތްތައް ކުރައްވާއިރުވެސް، އެތަންތަނުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، އެއީ، ރައްޔިތުން މުއްސަނދި ވުމުގެ ވަސީލަތްތަކުގެ ގޮތުގައި ބޭނުން ކުރެވޭނީވެސް، ރައްޔިތުންނަށް ތަންދޮރު އެނގިގެން ކަމުގައި ވިދާޅުވިއެވެ. އަދި ބަނދަރު ހެދުމަށް ރަށުގެ ރައްޔިތުން ބޭނުންވާ ވަރަށް، ރަށުގެ މަދަރުސާއާ އަޅާލާނަމަ، އިސާހިތަކު ރަށް ބަދަލުވެދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
 

މީގެއިތުރުން، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، މިފެށޭ ފެބްރުއަރީ މަސް ނިމެންވާއިރަށް، ކޮންމެ ދުވަހަކު އެއްފަހަރު މާއުނގޫދޫން ފެރީ ފުރާ، އަދި ދުވާލަކު އެއްފަހަރު އެ ރަށަށް ފެރީ ލަފަން ފަށާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.