އޯ ލެވެލް އިމްތިޙާނުން 5 މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް، މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި، 8 އިންސައްތައަށް މަތިކުރެވިފައިވާކަމީ، މި ސަރުކާރަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިޙާނުގެ ނަތީޖާއަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

 
ސަރުކާރު ހިންގެވުމާ 2008 ވަނަ އަހަރު މި ސަރުކާރުން ހަވާލުވެވަޑައިގެންނެވިއިރު، 5 މާއްދާއިން ފާސްވެފައިވާ ކުދިންގެ ނިސްބަތަކީ، 27 އިންސައްތަ ކަމަށާއި، މި ސަރުކާރުގެ އަމާޒަކަށްވީ، 5 މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް، 60 އިންސައްތައަށް ބަދަލުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން،  ސްކޫލުތައް ނިންމާ ނުކުންނަ ކުދިންނަކީ، ކިޔެވުމުގެ މަރްޙަލާ ކާމިޔާބުކަމާއެކު ނިންމާ ކުދިންނަށް ހެއްދެވުމަކީ، މި ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށާއި، މިއަމާޒަށް ވާޞިލުވުމަށްޓަކައި މިދިޔަ ދެއަހަރު ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މާތްރަސްކަލާނގެ އިރާދަފުޅާއެކު، އެ ނަތީޖާ މިދަނީ ފެންނަމުންކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2009 ވަނަ އަހަރު ކުރި މަސައްކަތުން 5 މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް، 5 އިންސައްތަ އިތުރުކުރެވިފައިވާ ކަމަށާއި، އަދި މިދިޔަ އަހަރު 2010 ވަނަ އަހަރު 5 މާއްދާއިން ފާސްވި ކުދިންގެ ނިސްބަތްވަނީ 3 އިންސައްތައަށް އިތުރުކުރެވިފައި ކަމަށެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ވަކިވަކި ސްކޫލްތަކުން މިދިޔަ އަހަރު ހޯދި ނަތީޖާއަށް ބައްލަވާލައްވަމުން، 100 ސްކޫލަކުން 2009 ވަނަ އަހަރަށްވުރެ ނަތީޖާ ރަނގަޅުކޮށްފައިވާކަން ބަޔާންކުރެއްވިއެވެ. ހަމައެއާއެކު، ވަރަށްގިނަ ކުދިން ދުނިޔޭގެ ފެންވަރުގައި އާދަޔާ ޚިލާފު ކާމިޔާބީތަކެއް މިފަހަރު ހޯދާފައިވާކަމާއި، އެ މާއްދާއަކުން ހޯދަންޖެހޭ ފުރިހަމަ މާކްސް، ސަތޭކައިންސަތޭކަ ހޯދާފައިވާ ކުދިންގެ ޖުމްލަ ޢަދަދު ގިނަކަން އެއީވެސް، ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާ ކަމެއްކަމަށް ވިދާޅުވެ، އޯ ލެވެލް އިމްތިޙާނުން މަތީ ވަނަތައް ހޯދި ކުދިންނަށާއި، އަދި މި އިމްތިޙާނުން ފާސްވި ކުދިންނަށް ތަހުނިޔާ ވިދާޅުވެ، އެކުދިން ކުރި ހިތްވަރަށް ރައީސުލްޖުމްހޫރިއްޔާ ސާބަސް ދެއްވިއެވެ. އަދި ނަތީޖާ ރަނގަޅު ކުރި ސްކޫލްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކުރެއްވިއެވެ. ޚާއްޞަކޮށް ދަރިވަރުންގެ ބެލެނިވެރިން، އެކޮށްދެއްވި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މި ނަތީޖާ މި ނެރެވުނީ، ބެލެނިވެރިންގެވެސް ވަރަށްބޮޑު އެހީތެރިކަމަކާއެކު، އެބޭފުޅުން ސްކޫލަށް ދެއްވި އެއްބާރުލެއްވުމުގެ ސަބަބުން ކަމުގައި ވިދާޅުވެ، ބެލެނިވެރިންނަށް ޝުކުރުއަދާކުރެއްވިއެވެ. ހަމައެއާއެކު، ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ މުޞްޠަފާ ލުޠުފީ އަށާއި، މިހާރުގެ މިނިސްޓަރ ޝިފާ މުޙަންމަދަށާއި، އެމިނިސްޓްރީގެ ވެރިންނަށާއި، ސްކޫލްތަކުގެ ޕްރިންސިޕަލުންނަށާއި، ޓީޗަރުންނަށާއި، ދަރިވަރުންގެ ބެލެނިވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި މިހިނގާ 2011 ވަނަ އަހަރުގެ ނަތީޖާވެސް، މިދިޔަ ދެއަހަރަށްވުރެ ރަނގަޅުކޮށްދެއްވުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވުމަށް ތަޢްލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި މިދިޔަ ހަފްތާގައި ކުޅުދުއްފުށީގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.       އެ ޖަލްސާ، ކުޅުދުއްފުށީގައި ބޭއްވިގެންދިޔަކަން އެއީ، ކުޅުދުއްފުށީ ރައްޔިތުން ވަރަށް އުފަލާއެކު ފާހަގަކުރެއްވި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެދުވަހުގެ ޖަލްސާއިން ނިންމެވި އެންމެ މުހިންމު ކަމަކީ، މަތި އުތުރު ޕްރޮވިންސްގައި ހިންގެވުމަށް ސަރުކާރުން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ ތެރެއިން މިހާރު ފެށެންހުރި މަޝްރޫޢުތައް، ވީހާވެސް އަވަހަކަށް ފެށްޓެވުމަށް ނިންމެވި ނިންމެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.  މިގޮތުން މި މަޝްރޫޢުތަކުގެ ތެރޭގައި، އެ ސަރަޙައްދުގެ ބައެއް ރަށްރަށުގެ ބަނދަރު ހެއްދެވުމާއި، ނަރުދަމާގެ ނިޒާމް ޤާއިމް ކުރެއްވުމާއި، އެ ސަރަޙައްދުގެ ތަޢްލީމާއި ޞިއްޙީ ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމާއި، އަދި އެ ސަރަޙައްދަށް ފަތުރުވެރިކަން އިތުރަށް ފުޅާކުރެއްވުންވެސް ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.