އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 އިންސައްތަ ކުދިންނަކީ، ފަސް މާއްދާއިން ފާސްވާ ކުދިންނަށް ހެއްދެވުމަށް އެމް.ޕީ.ޑީ ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދު، ފުނަދޫގައި ފުއްދަވައިދެވިއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި، މިއަހަރުގެ އޯ ލެވެލް އިމްތިޙާނުގެ ނަތީޖާގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިޙާނުގައި، ފުނަދޫގެ 67 އިންސައްތަ ކުދިން 5 މާއްދާއިން ފާސްވެފައިވާކަން އެއީ، ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއް ކަމަށް ވިދާޅުވެ، އެ ހުރިހާ ކުދިންނަށް ރައިސުލްޖުމްހުރިއްޔާ ތަހުނިޔާ އަދާކުރެއްވިއެވެ. 2009 ވަނަ އަހަރާ އަޅާބައްލަވާއިރު، މިފަހަރު މިހޯދީ، 32 އިންސައްތައިގެ ކުރިއެރުމެއް ކަމަށާއި، އެންމެ މޮޅު ނަތީޖާ ހޯދި ކުދިންގެ ތެރޭގައިވެސް ފުނަދޫގެ 5 ކުދިން ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.  

 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ދެވޭ ކިތަންމެ ޚިދްމަތްތަކަކީ، އަޅުގަނޑުމެން އެންމެ އެދޭ މިންވަރަށް ދެވޭ ޚިދްމަތްތަކެއް ނޫންކަން ސަރުކާރުން ހިތުގެ އަޑިން ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ދަށުން، ފުނަދޫގެ 327 މީހަކު މަދަނައިގެ ވިއުގައިގައި ރަޖިސްޓަރީވެފައިވާ ކަމަށާއި، ސަރުކާރަށް އުފާވެރިކަން ލިބިވަޑައިގަންނަވަނީ، މިދެންނެވި މީހުންގެ ތެރެއިން ކޮންމެ މީހަކަށް ބޭސްފަރުވާއަށް 2011 ވަނަ އަހަރު މާލިއްޔަތުގައި އެއްލައްކަރުފިޔާ ރައްކާކުރެވިފައި އޮތީމާ ކަމުގައި ވިދާޅުވިއެވެ. ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދެއްވާ ދެހާސްރުފިޔާގެ ޕެންޝަން، ފުނަދޫގެ 101 މީހަކަށް ގަވާއިދުން ލިބެމުންދާތާ 2 އަހަރުވެފައިވާ ކަމަށާއި، މި ޕެންޝަނަށްޓަކައި ފުނަދޫއަށް ދެލައްކަ ދެހާސްރުފިޔާ ޚަރަދުކުރުމުގެ ފުރުޞަތު ލިބިފައި އޮތްކަމީ ސަރުކާރަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމުގައިވެސް ވިދާޅުވިއެވެ. އަދި އެކަނިވެރި މައިންނަށް ދެއްވާ އެހީ، ފުނަދޫގެ 32 މީހަކަށް މިދިޔަ އަހަރު ދެއްވާފައިވާކަންވެސް ހާމަކުރެއްވިއެވެ.