މި ސަރުކާރަކީ އަބަދުވެސް، ޒަމާނީ ނިޒާމާއި ޒަމާނީ ޓެކްނޮލޮޖީ ހޯދާނެ ސަރުކާރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ސަރުކާރަކުން 10 އަހަރު ދުވަހުން ބިން ހިއްކާކަށް ނޫޅޭނެއެވެ. ކޮމަންޑޫގައި ސަރުކާރުން ކުރައްވާ ކޮންމެ ކަމެއްވެސް އިރާދަކުރެއްވިއްޔާ ކުރައްވާނީ، ދުނިޔޭގައި، މި ޒަމާނުގައި މިހާރު ލިބެން ހުރި އެންމެ ރަނގަޅު ޓެކްނޮލޮޖީގައެވެ. އެންމެ ރަނގަޅު ފެންވަރުގައެވެ. އެއީކީއެއް ސަރުކާރުން އަގަކަށް ބައްލަވައިގެން ކުރައްވާނެ ކަމެއް ނޫނެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ވެވަޑައިގެންނެވި ވަޢުދުގެ މައްޗަށް ބައްލަވާލައްވަމުން، މަދަނައިގެ ވިއުގައިގައި ކޮމަންޑޫގެ 279 މީހަކު ރަޖިސްޓަރީކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި    މި 279 މީހުންނަށް 2010 ވަނަ އަހަރު ހަތަރުލައްކަ ތެއްތިރީސްހާސް ރުފިޔާ ޚަރަދުކުރެވިފައިވާކަމީ، ސަރުކާރަށް ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް ވެވަޑައިގެންފައިވާ އެހެން ވަޢުދުތަކަށް އިޝާރާތް ކުރައްވަމުން، ކޮމަންޑޫގެ 68 ރައްޔިތަކަށް، 65 އަހަރުން މަތީގެ މީހުންނަށް ދެވޭ އަސާސީ ޕެންޝަން ގަވާއިދުން ދެމުން ގެންދާތާ ދެއަހަރު ވެފައިވާ ކަމަށާއި، ކޮންމެ މަހަކު ކޮމަންޑޫއަށް އެއްލައްކަ ތިރީސްހާސްރުފިޔާ ޕެންޝަންގެ ގޮތުގައި ދެވޭކަމީ ސަރުކާރަށް ހިތްވަރު ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިޖްތިމާޢީ ރައްކާތެރިކަން ނުލިބޭހާ ހިނދަކު އަޅުގަނޑުމެންނަށް ކުރިއަރައެއް ނުދެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ޤަދަރާއި ޢިއްޒަތެއްވެސް ނުހިފޭއްޓޭނެ ކަމަށެވެ.
 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮމަންޑޫގެ ވަށާ ތޮށްޓެއް ލެވި، ކޮމަންޑޫން ބިން ހިއްކެން އޮތް ވަރަކަށް އިރާދަކުރެއްވިއްޔާ ބިން ހިއްކޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު މިހާރު މި ހުންނެވި ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލެވޭނެ ބުރިޖެއްގެ ޑިޒައިނަކަށް އެދިވަޑައިގެންކަން ހާމަކުރެއްވިއެވެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ ޑިޒައިން ލިބޭނެ ކަމަށާއި، ލިބުމާއެކީގައި ބަޔަކާ ހަވާލުކުރެއްވުމުގެ ޓެންޑަރ ހުޅުވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަތިކޮމަންޑޫގައި 50 ފްލެޓް އެޅުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ މިއަހަރު ފެށްޓެވުމަށް ނިންމަވާފައިވާ ކަމުގައިވެސް ވިދާޅުވިއެވެ. ހަމައެއާއެކު، ކޮމަންޑޫއަކީ ޓެލެ މެޑިސިންގެ ޚިދްމަތް ލިބޭ ރަށަކަށް މިއަހަރު ވެގެންދާނެކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.