ސިޔާސީ ފުރުޞަތަކަށްޓަކައި، އަޅުގަނޑުމެންގެ ދަރީންނާއި، އެކުދިންގެ މުސްތަޤްބަލް ހަލާކުކޮށްލައިގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީ ފޭދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިޙާނުގައި ފޭދޫ ސްކޫލުން ބައިވެރިވި ދަރިވަރުންގެ ނަތީޖާގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރަށުގެ ސްކޫލާ ގުޅޭގޮތުން ފޭދޫ ރައްޔިތުން ބޭނުންފުޅުވި ގިނަކަންކަން މިހާރު އެ ސްކޫލްގައި ފުރިހަމަވެފައި ވުމާއެކު، މިދިޔަ އަހަރަށްވުރެ މިއަހަރުގެ ނަތީޖާ ރަނގަޅުވާން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 
އަޅުގަނޑުމެންގެ ދަރީންނަށް ރަނގަޅު ތަޢުލީމެއް ނުދެވޭ ކަމަށްވަނީނަމަ، ރަށުގެ ނުވަތަ ޤައުމުގެ ތަރައްޤީއަށް ކުރާ އެއްވެސް ކަމެއްގެ ބޭނުމެއް ނެތް ކަމަށާއި، ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރެވޭނެ ހުރިހާ މަގެއް ހޯއްދެވުމަކީ ސަރުކާރާއި، އަދި ހުރިހާ އެންމެންގެ ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބައެއް ރައްޔިތުން ނުކުމެ ސްކޫލްތައް ބަންދުކުރުންފަދަ ކަންކަން އެބަ ހިނގާ ކަމަށާއި، ރާއްޖެ ތަރައްޤީ ކުރެއްވުމުގެ މަގަށް ހުރަސް އެޅޭފަދަ ކަންކަން، ސިޔާސީ ބޭނުމަށްޓަކައިވިޔަސް ކޮށްގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.      މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އެރަށު ސްކޫލުގައި ހުރި ޓީޗަރެއްގެ މައްސަލައެއްގައި މީގެ ދެއަހަރު ކުރިން ރަށުގެ ބައެއް ރައްޔިތުން ނުކުމެ، ސްކޫލް ބަންދު ކުރި ޙާދިޘާއަށް އިޝާރާތް ކުރައްވަމުން، ވާދަވެރި ސިޔާސީ ލީޑަރުން ވިދާޅުވެގެން، ސަރުކާރު ހުއްޓުވާލުމަށްޓަކައި މަދަރުސާ ބަންދުކުރުމުން ގެއްލުންވާނީ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރާ އިދިކޮޅު ހެދުމަށްޓަކައި، މި ޤައުމުގެ އަންނާން އޮތް ޖީލު ނަގާނުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަޅުގަނޑުމެންނަށް ހޯދެން އޮތީ ހަމައެކަނި މާދަމާ ކަމަށާއި، އަޅުގަނޑުމެންގެ އަމާޒަކަށް އަބަދުވެސްވާންވާނީ ދަރިންނަށް ރަނގަޅު ތަޢުލީމެއް ދެވޭނެ ގޮތެއް ހޯދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، ފޭދުއަށްފަހު، އެމަނިކުފާނު ދެން ވަޑައިގަތީ އެއަތޮޅު ނަރުދޫއަށެވެ.
 
ރައީސުލްޖުމްހޫރިއްޔާ، މިއަދު ހަވީރު ނަރުދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރަށްވެހިކަމުގެ އެކިއެކި ތަޖުރިބާ، ނަރުދޫ ދެކެމެން އަންނަތާ ވަރަށް ގިނަ ޒަމާންތަކެއް ވެފައިވާ ކަމަށާއި، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ކުދި ރަށްރަށުގައި ދިރިއުޅޭ މީހުން ބޮޑެތި ރަށްރަށަށް ބަދަލު ކުރެއްވުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި، ސަރުކާރުގެ ސިޔާސަތަކީ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލައްވައި، އަޅުގަނޑުމެންގެ ވިސްނުމާއި ޚިޔާލާތު، ރަށުގެ ގޮނޑުދޮށުން ބޭރަށް، އަތޮޅު ދުނިން، އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 

މި ދެރަށުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައިވެސް، ރާއްޖެ ތަރައްޤީ ކުރެއްވުމަށްޓަކައި ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކީ، ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. އަދި ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމުގައި، ސަރުކާރުން އެދެރަށުގައި ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރެއްވިއެވެ.