بســماللّـهالرّحمـنالرّحيــم

 
ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބު. ރަސްމާދޫގެ ކުރިއަށް ތިއްބެވި އެންމެހާ ބޭފުޅުން. އަދި ވަކިން ޚާއްޞަކޮށް، ރަސްމާދޫގެ އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުން. ވަޑައިގެން ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން.
 
السّـلام عليـكم
 
މީގެ ދެތިން އަހަރު ކުރީގައި، އަޅުގަނޑުމެން ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ދަތުރުކުރިން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ފަރާތުން ރާއްޖޭގެ އެކިއެކި ރަށްރަށަށް ޒިޔާރަތްކޮށް، އެއިން ކޮންމެ ރަށެއްގެވެސް ހަމަ ހުރިހާ ގެއަކަށްހެން ވަދެވި، ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންނާ ބައްދަލުވެ، އެ ރައްޔިތުންގެ މަޝްވަރާ ވަނީ އަޅުގަނޑުމެންނަށް ލިބިފައި. ރައްޔިތުންގެ އަޑު، އަޅުގަނޑުމެން އެހީމު. ރައްޔިތުން ފާހަގަކުރެއްވި ކަންކަމުގެ މައްޗަށް ބިނާކޮށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ފަރާތުން އެކުލަވައިލީ ސިޔާސަތެއް. މިސަރުކާރުގެ އަމާޒަކީ، އެ ސިޔާސަތުތައް ފުރިހަމައަށް ތަންފީޛު ކުރުން. އެ ސިޔާސަތުތަކާއެކު އަޅުގަނޑުމެން އިންތިޚާބަށް އޭރު 2008 ވަނަ އަހަރު ނުކުތީމު.
 
އަޅުގަނޑު ދެންނެވިން، އެދުވަހު ރާއްޖެ އޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައޭ. އެހިސާބުން އަޅުގަނޑުމެނަށް ޚަރާބުގެ މަގަށް ދެވެންވެސް އެބައޮތޭ. ނުވަތަ މުޅިން އެހެން ގޮތެއް ޚިޔާރު ކުރެވޭނޭ ފުރްޞަތުވެސް އެބައޮތޭ. ރާއްޖޭގެ ގިނަ ބައިވަރު ރައްޔިތުން، އަޣްލަބިއްޔަތު ރައްޔިތުން ނިންމެވީ، މި ރާއްޖެ ބަދަލުކުރަން. އެހެން ގޮތެއް އަޅުގަނޑުމެން ހޯދަން. އެހެން ދިވެހިރާއްޖެއެއް، އަނެއް ދިވެހިރާއްޖެއެއް ލިބޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަން. މި ސަރުކާރުގެ ހަމައެކަނި ބޭނުމަކީ މިދެންނެވީ. އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުން. އަޅުގަނޑުމެން ރައްޔިތުންނަށް ޚިދްމަތްކޮށްދިނުން. ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވަޢުދުތަކަކީ، ސަރުކާރުން އެ ވަޢުދުތައް ފުއްދުމުން، މި ރަށް، ރަސްމާދޫވެސް، ރާއްޖެވެސް ތަރައްޤީވާނެ ކަންކަން. ޚާއްޞަކޮށް، ބެލިފައި އެހުރީ ރައްޔިތުންގެ އިޙްސާސްތަކުގެ ތެރެއިން ކޮންކޮން ކަންތައްތަކެއް، ކޮންގޮތަކަށް ކުރީމާތޯ، އަޅުގަނޑުމެންގެ ރާއްޖެ ބަދަލުވާނީ. އަޅުގަނޑުމެންގެ ރައްޔިތުންގެ ޖީބަށް މިއަދު ވަންނަ މިންވަރަށްވުރެ ރަނގަޅު މިންވަރެއް ވެއްދޭނެ ގޮތެއް ހޯދޭނީ ކިހިނެއްތޯ. ރާއްޖޭގެ ރައްޔިތުން، ރަސްމާދޫ ރައްޔިތުންވެސް، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުކުރުމަށް ކުރެވެންހުރި ކަންކަމަކީ ކޮބައިތޯ. މި ރަށް ތަރައްޤީ ކުރުމަށް ކުރެވެންހުރި ކަންކަމަކީ ކޮބައިތޯ.
 
 އެދުވަހުވެސް އަދި މިއަދުވެސް އަޅުގަނޑުމެންނަށް ވަރަށް ސާފު، ރާއްޖޭގެ ވަރަށްގިނަ ޚިދްމަތްތަކަކީ، ރައްޔިތުން އެދޭ މިންވަރަށް ހުރި ޚިދްމަތްތަކެއް ނޫން. އެއަށްވުރެ     މާ ފުރިހަމަކޮށް ރައްޔިތުން ކަންކަން ހުންނަން އެދެނީ، ބޭނުންވަނީ. އަޅުގަނޑުމެން އެކަން ހިތުގެ އަޑިން ގަބޫލުކުރަން. މިކަން މިހެން އޮތްއިރު، ފާހަގަވާ އަނެއް ނުކުތާއަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބައިވަރު ރައްޔިތުންނަކީ، ނިކަމެތި ފަޤީރުންނޭ. އ.ދ. އެ ފާހަގަކުރާ ހައިހޫނުކަމުގެ ރޮނގުން ދަށުގައި ތިބި މީހުނޭ. އެމީހުންނަށް ރެޔަކާ ދުވާލަށް ދިހަ ބާރަ ރުފިޔާވެސް ނުލިބޭ ނިކަމެތިންނޭ. އިންސާނީ ތަޖްރިބާ ދައްކާފައި އޮތް އެއް ޙަޤީޤަތަކީ، ޤައުމެއް ތަރައްޤީ ކުރުމަށް، ރަށެއް ތަރައްޤީ ކުރަންވިޔަސްވެސް، ތަރައްޤީވާން މިޖެހެނީ، ރަސްމާދޫ މީހާ. ރަސްމާދުއެއް ނޫން. ރަސްމާދޫ މީހާ، ހައިހޫނު ކަމުގައި ނުވަތަ ފަޤީރު ކަމުގައި، އޭނާއަށް އިޖްތިމާޢީ ރައްކާތެރި ކަމެއްނެތިވާއިރު، ރަސްމާދޫ ތަރައްޤީ ކުރެވޭނެ ގޮތެއް، ޙަޤީޤަތުގައި ނުފެންނާނެ. ކިތަންމެ ބޮޑު ބަނދަރެއް އެޅިޔަސް، ކިތަންމެ ރަނގަޅު މަދްރަސާއެއް ބިނާކުރިޔަސް، ރަށު އޮފީސް ކިތަންމެ ފުރިހަމައަށް ޢިމާރާތް ކުރިޔަސް، ސަހަރާ ފާރު ދެގުނައަށް ބޮޑުކުރިޔަސް، ތަރައްޤީ ލިބޭނީ ސީދާ ރަސްމާދޫ މީހާ ބަދަލުވީމާ، އޭނާ ތަރައްޤީވީމާ.
 
ސަރުކާރުގެ ބޭނުމަކަށްވީ، ގިނަ ރައްޔިތުން ބޭސްފަރުވާ ހޯދުމަށް، އެކެއް ކައިރިން، އެއް ސާދާގަރެއް ކައިރިން، އަނެއް ސާދާގަރެއް ކައިރިން، އެއް މަހުޖަނެއް ކައިރިން، އަނެއް މަހުޖަނެއް ކައިރިން ހިނގަމުން، އާދޭސް ކުރަމުންދިޔަ ދިޔުމަށް ހުއްޓުމެއް ގެންނަން. ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް، ރައްޔިތުންނަށް ހޯދައިދިނުމަށް. ރައްޔިތަކު ބިނާކުރުމަށް. ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ ރަސްމާދޫ މީހެކޭ. ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު ލާރިން ތިމަންނާގެ އަނބިދަރިން ބަލަހައްޓާ، ހަމައިސްކޮޅަށް ތެދުވެހުރި، ޙައްޤުތަކެއް ލިބިގެންވާ ރަސްމާދޫ މީހެކޭ ބުނެވޭނެ ރަސްމާދޫ ރައްޔިތަކު އުފެއްދުން. ސަރުކާރުން ކުރަމުން މިގެންދަނީ އެމަސައްކަތް. މަދަނައިގެ ވިއުގަ އުފެދިގެން އައީ، މިދެންނެވި ހިސާބުން. އަޅުގަނޑު މި ސަރުކާރަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި ރަސްމާދޫގެ 156 ރައްޔިތުން، މަދަނައިގައި ރަޖިސްޓްރީވެފައިވާތީވެ. ސަރުކާރަށް ލިބޭ ހިތްހަމަޖެހުމަކީ، ލިބޭ ހިތްވަރަކީ، މިދެންނެވި 156 ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކަށް، އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ، މާލިއްޔަތުގައި ރައްކާ ކުރެވިފައި އޮތްކަން. އެ ލިބޭން ހުރި ޚިދްމަތަކަށް، ރާއްޖޭގެ ގިނަ ރައްޔިތުންނަށް އަތްފޯރާނެ ގޮތެއް ހޯދުމަކީ، ބޭނުންތެރި ކަމެއްގެ ގޮތުގައި ދެކެނީ. ސަރުކާރުން މި އަންނަނީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެމުން. އަޅުގަނޑުމެންގެ އުންމީދަކީ، ރައްޔިތުންނަށް ހަމަ ހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބޭނުންވާނެ އަސާސީ ޚިދްމަތްތައް، ފަސޭހަ ގޮތުގައި ފޯރުކޮށްދެވޭނޭ އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދުން.
 
މި ޕާޓީއަށްވެސް އަދި މި ސަރުކާރަށްވެސް ވަރަށް ފާހަގަވާ އަނެއް ނުކުތާއަކީ،     މި ރާއްޖެ މިގޮތަށް ހިންގުމަށްޓަކައި ލިބިފައި މިއޮތީ، މި ރާއްޖޭގެ ދޮށީ ޢުމުރުގެ މިއަދުގެ މީހުން އިއްޔެގައި ކުރި މަސައްކަތުގެ ނަތީޖާގައޭ. އެމީހުން މަހަށް ފަރަށް ފުރީމައޭ. އެމީހުން ގާ ނެގީމައޭ. އެމީހުން ވަޑާން ކުރީމައޭ. އެމީހުން އޮޑިދޯނިފަހަރު ބަނީމައޭ. ގެދޮރު އެޅީމައޭ. ރިޒޯޓްފަހަރު ހެދީމައޭ. އެމީހުން ކިތަންމެ ކިތަންމެ މަސައްކަތްތަކެއް ކުރީމައޭ. ހަމަކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީ ގަބޫލުކުރާ ފަލްސަފާއެއް ނޫން އެއީ މިއަދު މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ކާކަށްތޯ ދެކޭއިރު، އެއީ ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ޙައްޤުވާ އެއްޗެއް ގޮތުގައި ދެކުން. އެހެންވީމާ، 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް، އަންހެނަކަސް، ފިރިހެނަކަސް، ދެހާސް ރުފިޔާގެ ޕެންޝަނެއްދޭން ނިންމުނީ. މި ސަރުކާރަށް މިއަދު ހިތްވަރު ލިބި، ހިތްހަމަޖެހުން ލިބެނީ އަދި ޚާއްޞަކޮށް، މި ސަރުކާރު ހިންގާ ޕާޓީއަށް އުފާވެރިކަން ލިބެނީ، މި ރަސްމާދޫގެ 50 ރައްޔިތަކަށް ކޮންމެ މަހަކު މިދެންނެވި ދެހާސް ރުފިޔާ ދެމުން ގެންދާތާ މިހާރުމިވީ ދެއަހަރު. އަޅުގަނޑުމެންނަށް ލިބޭ އުފަލަކީ، ކޮންމެ މަހަކުވެސް މިރަށަށް އެއްލައްކަ ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، ސަރުކާރަށް ލިބިފައި އޮތްކަން. ސަރުކާރުން ފާހަގަކުރަނީ، މި އެއްލައްކަ ރުފިޔާ، މިރަށުގެ އިޤްތިޞާދުގެ ތެރޭގައި ދައުރުވަމުންދާކަމުން، މިރަށުގެ ކަންމަތީ ފިހާރަތައްވެސް އަދި ޢާންމު ޙާލަތަށްވެސް ކިތަންމެހާވެސް ބޮޑު ރަނގަޅެއް ކުރާނެކަން. ސަރުކާރުގެ ބޭނުމަކީ، ވީހާވެސް ގިނަ ބަޔަކަށް އެހީތެރިވެދީ އަދި އެމީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އޯގާތެރިކަމާއި ހެޔޮކަމާއެކީގައި ރައްޔިތުންގެ ކަންކަން ބެލޭތޯ އަބަދުވެސް މަސައްކަތް ކުރުން. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ދެވޭ ޚިދްމަތްތައް، މިރަށުގެ 23 ފަރާތަކަށް ދެވޭކަމީ، މި ސަރުކާރަށް ނުހަނު ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ، މިދެންނެވި ޚިދްމަތްތައް، މިހާރަށްވުރެ ބޮޑަށް ފުޅާކުރުން.
 
އަޅުގަނޑަށް އަބަދުވެސް، އަޅުގަނޑުމެނަށް އަބަދުވެސް ސާފު، ސަރުކާރަށްވެސް ސާފު، ރަސްމާދޫގައި ކުރާންހުރި ކަންތައް ކިތަންމެހާވެސް ގިނަ. އެހެން ނަމަވެސް، އަޅުގަނޑުމެން، ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބީ މަންޒަރެއް އޮވެގެން. ޚިޔާލާތެއް، ފިކުރެއް އޮވެގެން. އަޅުގަނޑުމެންގެ އެބައޮތް، އަޅުގަނޑުމެންގެ ރަސްމާދޫ ތަޞައްވުރު. މި ރަށް ތަރައްޤީ ކުރުމަށް އެމް.ޑީ.ޕީ. އިން އެދޭ ތަޞައްވުރު. އެ ތަޞައްވުރަކީ ތިޔަބޭފުޅުންނާ މަޝްވަރާ ކޮށްގެން، އަޅުގަނޑުމެން ތަރައްޤީ ކުރަމުން އަންނަ ތަޞައްވުރެއް. އަޅުގަނޑުމެނަށް އެނގޭ، މިރަށުގެ ނަރުދަމާ ވީހާވެސް އަވަހަކަށް އެބަ ޤާއިމް ކުރާންޖެހޭ. އެ ނަރުދަމާ، އިރާދަކުރެއްވިއްޔާ، މިއަހަރު ތެރޭގައި، މިރަށުގައި އެ ޤާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ހިންގާނެ. ހަމަ އޭގެއިތުރުން، އަޅުގަނޑަށް ފާހަގަވާ އަނެއް ކަމަކީ، އެ ނަރުދަމާ މިއަދު ޤާއިމްކުރިޔަސްވެސް، މާދަމާ ފެން ރަނގަޅު ނުވާނެކަން. ފެން ރަނގަޅުވުމަށް ކިތަންމެ ދުވަހެއް އަދި ނަގާނެ. ނަރުދަމާ ޤާއިމް ކުރެވުނީމާ، އެ ޗަކަވަޅުގެ ކަންތަކުން ސަލާމަތްކަމެއް ހޯދޭނެ. އެހެން ނަމަވެސް، ފެން ރަނގަޅުވުމަށް އަދި ހަމަ ފެން ލިބެންޖެހޭނެ. އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ފެނާއި ނަރުދަމާގެ ޚިދްމަތް ދިނުން.
 
ފެނާއި ނަރުދަމައާއި ކަރަންޓްގެ ޚިދްމަތް ދިނުމަށްޓަކައި ސަރުކާރުން އެކުލަވައިލީ  7 ޔޫޓިލިޓީ ކުންފުނި. މީގެކުރީގައި ރަށްރަށުގެ އިންޖީނުގެތައް ހުރި ހާލު، އަޅުގަނޑަށް ޔަޤީން، އަޅުގަނޑެއް އިތުރަކަށް އޮޅުންފިލުވައިދޭކަށެއް ނުޖެހޭނެ. އެއްރޭ އެ ހިނގިއްޔާ، އަނެއްރޭ ހުންނާނީ ހުއްޓިފައި. އެއްނަރުން ކަރަންޓް ދިޔައްޔާ، އަނެއް ނަރު އޮންނާނީ ކެނޑިފައި. އަބަދުވެސް އޮންނާނީ ސައިޒް ކުޑަވެފައި. އަބަދުވެސް އޮންނަނީ، އެއްކަމަކުން އަރައިނުގަނެވި، އަނެއްކަމަކާ އަޅައިގަނެ. އަޅުގަނޑުމެނަށް ވަރަށް ސާފުކޮށް އެނގޭ، ރާއްޖޭގެ ރަށްރަށުގައި، 1980ގެ ނުވަތަ 1970ގެ ފަހުކޮޅުއްސުރެ ފެށިގެން ކުޑަކުޑަ ޖަނަރޭޓަރެއް ބަހައްޓައިގެން، ކަރަންޓް ދެމުން ދެމުން އައިސް، މަޑުމަޑުން އެތަން ތަރައްޤީވަމުން މިއަދު ރާއްޖޭގައި ފެންނަން މިހުރި އިންޖީނުގެތައް މިލިބެނީ.    އެ އިންޖީނުގެތައް، 2008 ވަނަ އަހަރު އެކަނި، އެ އިންޖީނުގެތައް، އެ، އެވެނި މިވެނި ކަމެއް ކުރަން އަދި އަނެއް ކަމެއް ކުރަން ސަރުކާރުން ސަތޭކަ މިލިއަނެއްހާ ރުފިޔާ ޚަރަދުނުކުރާ އެއްވެސް އަހަރެއް ނެތް. އެހެން ނަމަވެސް، އެއިން އެއްވެސް އިންޖީނުގެއެއްގައި، އެ އިހުގައި ޚަރަދު ކުރަމުން ގެންދިޔަ ގޮތަށް ޚަރަދު ކުރީމާ، ދެމެހެއްޓެނިވި ގޮތުގައި އިންޖީނުގެތައް ތަރައްޤީ ކުރެވިފައެއް ނެތް. އެންމެބޮޑު ސިއްރަކީ، އެއް އިންޖީނުގެއާއި އަނެއް އިންޖީނުގެއާ އެއްވެސް ގުޅުމެއް ނެތްކަން. މުޅި މިއަތޮޅުގެ ހުރިހާ އިންޖީނުގެތަކަކީ އަދި މިއަތޮޅުތަކުގެ ހުރިހާ އިންޖީނުގެތަކަކީ، އެއް ކުންފުންޏަކަކުން ހިންގާ އިންޖީނުގެތަކަށްވީމާ، އަޅުގަނޑުމެން މިއަދު އުފާވަނީ، ތިބޭފުޅުންގެ ކަރަންޓްގެ ޔުނިޓް މިއަދު ކުޑަކުރެވިފައިވާކަން. ކުރީގައި ކަރަންޓްގެ އަގު ހުރި އަގަކަށް ނޫން.    މި ރަސްމާދޫގައި އެހެން ނަމަވެސް، އަދި މިވީ ދިހަވަރަކަށް ދުވަސް ޔޫޓިލިޓީ ކުންފުނި، މިކަންތަކާ ޙަވާލުވިތާ. އެއީ ޅަކޮށް ކުރެއްވި ކަމެއް. އެންމެ ފުރަތަމަ ދުވަހު ކުރާންވީ ކަމެއް، އެ އިންޖީނުގެ ޙަވާލުކުރުން. އެހެންނަމަ، މިއަދު ނަރުވެސް އޮންނާނީ އެޅިފައި. އެހެންނަމަ، މިއަދު އިންޖީނުގެވެސް ދާނީ ރަނގަޅަށް ހިނގަމުން. އެހެން ރަށްރަށުގައި މިކަން އަޅުގަނޑަށް ވަރަށް ސާފުކޮށް އެބަފެނޭ. ނަމަވެސް، އަޅުގަނޑަށް ޔަޤީން، އަޅުގަނޑު އުންމީދު ކުރަނީ އަދި އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، އިރާދަކުރެއްވިއްޔާ، މިއަހަރު ތެރޭގައި ޔޫޓިލިޓީ ކުންފުނިން މިރަށުގެ ކޭބަލް އަލުން އަޅައި، މިރަށުގެ އިންޖީނުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށް. ޔޫޓިލިޓީ ކުންފުނިތައް މެދުވެރިކޮށްގެން، ފެނާއި ނަރުދަމާގެ ޚިދްމަތްވެސް ދިނުމަށް ސަރުކާރުގެ ސިޔާސަތު ކަނޑައެޅިފައި އޮތީ. އިރާދަކުރެއްވިއްޔާ، އެ މަގުން އެކަންދާނެ. އެކުންފުނިން އިރާދަކުރެއްވިއްޔާ، އެމަސައްކަތް ކުރިއަށް ގެންދެވޭނެ.
 
އަޅުގަނޑު ތަކުރާރުކުރާ ފަދައިން، ތަރައްޤީވާން މިޖެހެނީ ރަސްމާދޫ މީހާ. އެހެންވީމާ، ވަށާޖެހޭ ތަޢްލީމަކާއި، އެއްދަންފަޅީގެ މަދްރަސާއެއް އުފެއްދީ. އެހެންވީމާ، ރަނގަޅު ދަރިވަރުން މިތަނުގައި ބައިތިއްބަން މިޖެހެނީ. ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މިރަށުގައި 2010 ވަނަ އަހަރު، މިދިޔަ އަހަރު 4 ކްލާސްރޫމް ޢިމާރާތް ކުރެވި، އަދި މިހާރު މަދްރަސާ މިއަހަރު ފެށުނުއިރު މިވަނީ، އެއްދަންފަޅިއަށް ކިޔަވައިދޭ މަދްރަސާއަކަށް ބަދަލުވެފައި. މި ސަރުކާރަށް ހިތްވަރު ލިބެނީ، މިރަށުގެ ދަރިވަރުންނަށް މިދިޔަ އަހަރުވެސް އަދި އަޅުގަނޑަށް ޔަޤީން، ކުރިއަށް މިއޮތް އަހަރުވެސް މިކަން ހިނގާނީ، 2011 ވަނަ އަހަރުވެސް ހިނގާނީ މިގޮތަށް. ފޮތް، ފަންސުރު، ގަލަން ހޯދައިދިނުމަށްޓަކައި، މަދްރަސާގައި ބޭނުންވާ ތަކެތި ހޯދައިދިނުމަށްޓަކައި މިރަށަށް، މިރަށުގެ ދަރިވަރުންނަށް ހަތްދިހަ ހަހާސް ހަތަރުސަތޭކަ ސައްބީސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު ސަރުކާރަށް ލިބިފައި އޮތްކަމީ، އަޅުގަނޑުމެނަށް އުފާވެރިކަން ލިބޭ ކަމެއް. އަދި ހަމައެހެންމެ،    އޯ ލެވެލް އިމްތިޙާނުގެ ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި، މިރަށުގެ ދަރިވަރުންނަށް ހަތާވީސްހާސް ނުވަސަތޭކަ ފަނަރަ ރުފިޔާ ހޭދަކޮށްދެވިފައި އޮތްކަމީ، މި ސަރުކާރު ހިތްހަމަޖެހުން ލިބޭ ކަމެއް. އަދި މި ސަރުކާރު ހިނގާ ސަބަބަކީވެސް ހަމަ މިދެންނެވީ. މިދެންނެވި ބަދަލުތަކާ އެކީގައި އަދި ޚާއްޞަކޮށް، މިއަހަރު އެއްދަންފަޅިއަށް މަދްރަސާ ބަދަލުވުމާ ގުޅިގެން، އަޅުގަނޑުމެނަށް ޔަޤީން، އެހެން މަދްރަސާތަކުންވެސް އެ ބަދަލު ގެނެވުނީމާ، އެ އަންނަ ބަދަލު، މިރަށުގެ މަދްރަސާއަށް އިރާދަކުރެއްވިއްޔާ ފޯރާނެ. އެހެންވީމާ، އަޅުގަނޑުމެން މިއަންނަ އަހަރު އަޅުގަނޑު ތިބޭފުޅުންނާ ބައްދަލުވާއިރު، އަޅުގަނޑަށް ޔަޤީން، އަޅުގަނޑަށް ލިބުމުގެ ފުރްޞަތު އިރާދަކުރެއްވިއްޔާ ލިބޭނެ. 2010 ވަނަ އަހަރާ އަޅާބަލާއިރު، 2011 ވަނަ އަހަރު ރަސްމާދޫ މަދްރަސާގައި 5 މާއްދާއިން ފާސްވި ކުދިންގެ ޢަދަދު އޮތީ، ކުރީ އަހަރަށްވުރެ 50 ޕަސެންޓް މައްޗަށް ގޮއްސައޭ. އަޅުގަނޑަށް މިއަންނަ އަހަރު އައިސް، މި ހިސާބު އަރުވާއިރުގައި، އަޅުގަނޑުމެން ދަންނަވާނީ، އަޅުގަނޑަށް އެ ޢަދަދު ކިޔަން އިރާދަކުރެއްވިއްޔާ ލިބޭނޭ. އަޅުގަނޑު ބެލެނިވެރިންނާއި، ޓީޗަރުންނާއި އަދި ސްކޫލް ހިންގާން ތިއްބެވި އެންމެ ބޭފުޅުން އަރިހުގައި އިޚްލާޞްތެރިކަމާއެކު ދަންނަވަނީ، ސަރުކާރުން ސްކޫލް މަރާމާތުވެސް ކޮށްދޭނޭ. ފާޚާނާވެސް ހަދައިދޭނޭ. އަދި ކްލާސްރޫމްވެސް އިތުރުކޮށްދޭނޭ. މިއަހަރު މިއީ ރާއްޖޭގައި ޒަމާންތަކަކަށްފަހު މަދްރަސާގައި ޓީޗަރުން ހަމަކޮށް ކިޔަވައިދޭން ފެށުނު އަހަރު. އަދި ބައެއް ފޮތް ފަންސުރު، ބައެއް ފޮތް، ބައެއް ކްލާހުގައި މިދިޔަ ހަފްތާގައި ނެތް ކަމުގައިވިޔަސް، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މިހާރު ދަރިވަރުންގެ އަތުގައި، އެ ދަރިވަރުން ކިޔެވުމަށް ބޭނުންވާ ގިނަ މަސައްކަތް، ގިނަ ކަންކަން ހުންނާނީ ފުރިހަމަވެފައި.
 
ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި، މި ބަނދަރު، ރަސްމާދޫ ބަނދަރު އޮތީ ހަދަން ނިންމިފައި. މިދިޔަ އަހަރުގެ ކުރީކޮޅު ބަނދަރު ކޮމިޓީއާ އަޅުގަނޑަށް ބައްދަލުވުމުގެ ފުރްޞަތު ލިބުނު. ބަނދަރު ކޮމިޓީއިން ބަނދަރަށް ބައެއް ބަދަލު ގެނައުމަށް އެދުނު. އޭރުގައި އޮތީ ބަނދަރުގެ މަސައްކަތް ވަރަށް ބޮޑަށް ކުރިއަށް ގޮސްފައި. އެހެން ނަމަވެސް، އަޅުގަނޑަށް ވިސްނުނީ، މިތަނުގައި ހަދާނެ ކަމެއް ނެތޭ، ތިބޭފުޅުން ބޭނުންނުވާ ބަނދަރެއް. އެ ތިބޭފުޅުން ބޭނުންވާ ގޮތަށް ބަދަލުކޮށްފައި، އަޅުގަނޑުމެންނަށް އެއޮތީ ބަނދަރު ހެދިފައި. އެދުވަހު ތިބޭފުޅުން ފާހަގަނުކުރައްވާ ކަމެއް މިއަދު ފާހަގަކުރައްވާ އެބަ. އަދި އަޅުގަނޑު އެތަން ބަލައިވެސްލައިފިން. އެއްދިމާލުން ތޮށި އަދި ވަރުގަދަ ކުރާން އެބަޖެހޭ. އަޅުގަނޑު އިރާދަކުރެއްވިއްޔާ، މިދެކެނީ މިއަހަރު ތެރޭގައި އެމަސައްކަތްވެސް މިރަށުގައި ކުރުމަށް. އަޅުގަނޑުމެން ކުރެވޭތޯ ބަލަމުން ގެންދާނަން.
 
ޤައުމެއް ތަރައްޤީވެދިޔުމަށް އަޅުގަނޑުމެންނަށް އަބަދުވެސް އެބަ އެނގޭ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތަކަށް، ވަކިއިރެއްގައި އެބަ ކުރާންޖެހޭކަން. ވިޔަފާރި އެބަ ކުރިއަރާންޖެހޭ. މުދަލާއި ފަސިންޖަރުން، އެއްތަނުން އަނެއްތަނަށް ފަސޭހަ ގޮތުގައި ބަދަލުވެގެން ނޫނިއްޔާ، ވިޔަފާރި ކުރިއަރައި ގޮސްފައެއްނުވޭ. ދެންވެސް، ވިޔަފާރި ކުރިއަށް ދިޔުމަށްޓަކައި މިދެންނެވި ކަންތައް ބާރަށް ހިނގަންޖެހޭނެ. މި ސަރުކާރުން ވަޢުދުވީ، 7 އަހަރު ދުވަހުގެ ތެރޭގައި، ފުރިހަމަ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ހުޅުވާލަދޭނަމޭ. ފުރަތަމަ ދެއަހަރުގެ ތެރޭގައި، އޭގެ އަސާސީ ޚިދްމަތް ފޯރުކޮށްދޭން އިރާދަކުރެއްވިއްޔާ ފެށޭނޭ. އަޅުގަނޑުމެނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މިދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި، 710 ފަހަރަށް މިރަށު ރައްޔިތުން ފެރީއަށް އަރައިފި. 638 ފަހަރު މިރަށަށް އައިސް ދަތުރު ނިންމައިފި. މިރަށުގެ ތަރައްޤީއަށް އަދި މިރަށުގެ ރައްޔިތުންގެ ޢާންމު ފައިދާއަށް މި 700 ދަތުރު ނުގުޅޭނެ ހަމަ އެއްގޮތެއްވެސް ނެތް ކަމަށް ސަރުކާރުން މިދެކެނީ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި، މިއިން ކޮންމެ ރަށަކަށްވެސް ދުވާލަކު ތިންފަހަރު ފެރީ މަޑުކުރާނެ. އަދި ދުވާލަކު ތިންފަހަރު ފެރީ ފުރާނެ. އަދި ހަމަ އެހެންމެ، އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް ފެރީ ޓަރމިނަލްއެއް މިރަށުގައި ޢިމާރާތް ކުރެވޭނެ.          މި ސަރުކާރަކީ، ޙަޤީޤަތުގައި ބަނދަރު ހަދާ ސަރުކާރެއް ނޫން. އަޅުގަނޑުމެންނަކީ ބަނދަރު ހަދާ ބައެއް ނޫން. އަދި އަޅުގަނޑުމެނެއް ބަނދަރު ހަދައިދޭ ކަމަށް ބުނެ ކަޑަޖަހައި، ބަނދަރާ ގުޅޭ މަސައްކަތެއް ނުހިންގަން. އަޅުގަނޑުމެން މި ސަރުކާރުން ހިންގޭތޯ ބަލަނީ، އުފެއްދޭތޯ މިބަލަނީ ތަރައްޤީގެ ނާރެސްތަކެއް، ބަނދަރުމައްޗެއް. ބަނދަރެއްގެ ބޭނުމަކީ، އެބަނދަރެއް މެދުވެރިކޮށްގެން، ވިޔަފާރި ހިންގުން. ބަނދަރެއް މެދުވެރިކޮށްގެން، އިޤްތިޞާދީ ތަރައްޤީ ގެނައުން. އެހެންވީމާ، ކޮންމެ ބަނދަރަކާއެކީގައި ބަނދަރުމައްޗެއް އެކުލެވެންޖެހޭނެ. އެބަނދަރުމަތި ތަރައްޤީ ކުރުމަކީ، އެ ބަނދަރާ ދެން ކައިރީގައި ހުރި އެހެން ރަށްރަށާ، އެރަށްރަށުގައި އުފައްދާ ތަކެއްޗާއި، ދޭ ޚިދްމަތްތައް މިރަށުގައި މިއޮތް ބަނދަރާ ގުޅުވާލުން. އެގުޅުވުމަށް ބޭނުންވާ އިޤްތިޞާދީ ފަހިކަން، މާލީ އެހީތެރިކަން ސަރުކާރުން އިރާދަކުރެއްވިއްޔާ ފޯރުކޮށްދޭނަން.
 
އަޅުގަނޑުމެންގެ އެބައޮތް ވިސްނުމެއް. އެބައޮތް މަންޒަރެއް. އަޅުގަނޑުމެންގެ އެބައޮތް ތަޞައްވުރެއް. ރަސްމާދޫގެ ތަރައްޤީ. އެ ތަރައްޤީއަކީ މީގެކުރީގައި މި ރަށްކުރިއަރުވާ ކޮމިޓީ ހޮވައިގެން، އަންހެނުންގެ ރޫޙު ހޮވައިގެން، ޖިންސުއްލަޠީފުންގެ ރޫޙު ހޮވައިގެން މިގެންނަ ތަރައްޤީއެއް ނޫން. މިއީ ސީދާ ތަރައްޤީއެއް. މިއީ ނަމުގައި ކުރާ ކަމެއްވެސް ނޫން. އަދި ފެންނަން ހުންނަ މާ ބައިވަރު އެއްޗެހިތަކެއް، ކުއްލިއަކަށް ނުވެސް ފެންނާނެ. އަޅުގަނޑު ގާތު އެތައްފަހަރަކު، އެތައް ބަޔަކު އަހާ، ކީއްވެތޯ ރަސްމާދޫގައި ކޮންމެ މަހަކަށް އެއްލައްކަ ރުފިޔާ ޚަރަދު ކުރަމުން ގެންދިޔައީ، އަދި ފަނަރަ މިލިއަން ރުފިޔާ ފޮރުވާފައި ބަހައްޓާފައި ތިހުރީ ބޭހަށް، މަދަނައަށްޓަކައި. އެއީ ތަރައްޤީއަށްޓަކައި. އެ ފައިސާ އެގޮތަށް ޚަރަދުކޮށްގެން ނޫނިއްޔާ، އަޅުގަނޑުމެންގެ ރާއްޖެ، އަޅުގަނޑުމެންނަކަށް އަނބުރައެއްނުލެވޭނެ. ޒުވާނުންވެސް އަދި ރައްޔިތުންވެސް،  އަދި ވެރިންވެސް، ވިޔަފާރިވެރިންވެސް ބޭނުންވާ ބޭނުންތައް ހުންނާނެ. އެދޭ ކިތަންމެ ކަމެއް ހުންނާނެ. އަޅުގަނޑުމެން އެދޭ މިންވަރަށް އަޅުގަނޑުމެންނަށް ދުވަހަކުވެސް ނުއެއް ލިބޭނެ. އަދި އެހެން ނަމަވެސް، އަޅުގަނޑުމެން ކަންކަން ކުރަމުން ގެންދަން ޖެހޭނީ، ވަކި ތަރުތީބަކުން. އެންމެ މުހިންމު ކަމަކީ، ވަޒީފާގެ ފުރްޞަތު. އެންމެ މުހިންމު ކަމަކީ. ވަޒީފާގެ ފުރްޞަތެއް ހޯދައިދެވެން އޮތީ ކޮން ކަމެއް ކޮށްގެންތޯ ދެނެގަތުން. ބަނދަރެއް ހަދައިގެން އެބައޮތްތޯ، ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނޭ ފުރްޞަތުތައް ފަހިކޮށްދެވެން. މިއަދު އެކަން ކުރެވެން އޮތީ އެހެން ކޮންކަމެއް ކޮށްގެންތޯ. ސަރުކާރުގެ އާމްދަނީ، ސަރުކާރަށް ލިބޭ ފައިސާ، ސަރުކާރުން ޚަރަދު ކުރަމުން ގެންދާންޖެހޭނީ، މުޅި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް. އެހެންވީމާ، މިތަނުގައިވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރި، ތަރައްޤީ ކުރުމުގެ ފުރްޞަތުތައް މިއަހަރު ހުޅުވާލެވޭނެ. ޚާއްޞަ ގޮތެއްގައި، މީހުން ދިރިއުޅޭ ރަށްރަށުގައި ޓުއަރިޒަމްގެ މަސައްކަތް ކުރެވޭގޮތަށް މިހާރު މިއޮތީ ޤާނޫނުވެސް، ގަވާއިދުވެސް ފަހިވެފައި. އަޅުގަނޑުމެން މި ސަރުކާރުން އުންމީދު ކުރަނީ، މިރަށުގައި އެފަދަ ފުރްޞަތުތަކުގެ ބޭނުން ހިފާނެ ވިޔަފާރިވެރިން ތިބިކަމަށް. އަޅުގަނޑުމެންނަށް އެނގޭ ތިބިކަން. ރަށު ކައުންސިލާ އެކީގައި، އެ ވިޔަފާރިތަކުގެ ފުރްޞަތުތައް ރަށަށް ފަހިކޮށް، ރަށް ތަރައްޤީ ކުރުމުގެ މަސައްކަތް އަޅުގަނޑުމެނަށް އިރާދަކުރެއްވިއްޔާ މިއޮތީ ކުރެވެން.
 
ތަރައްޤީއަށްޓަކައި ލާމަރްކަޒީ އުޞޫލު މި ރާއްޖެއަށް ތަޢާރުފް ކުރުމަށް މިޕާޓީގެ ފަރާތުން މި ސަރުކާރުން މަސައްކަތް ކުރަމުން އައީ. ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމުގެ ފިކުރަކީ، އެހެން އެއްވެސް ބައެއްގެ ފިކުރެއް ނޫން. އެއީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ފިކުރެއް. މި ޤާނޫނުއަސާސީގައި ފުރަތަމަ އަސާސީ ސިފަތަކާއި އުޞޫލުތައް ފާސްވިއިރުގައި، ލާމަރްކަޒީ އުޞޫލުގެ ވާހަކައެއް، އެއަކު ނެތް. މާފަހުން އެމް.ޑީ.ޕީ.ގެ ޚާއްޞަ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން މުޙަންމަދު އަސްލަމް އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރާއި، ޑޮކްޓަރ ޙުސައިން ރަޝީދު، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު، އެދެބޭފުޅުން ފަހުން ހުށަހެޅުއްވި ހުށަހެޅުއްވުމެއް. އެދުވަހު އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާންހުރޭ. އެއާ ގުޅުއްވީ ކުރީގެ ރައީސްގެ ސަލާމަތާ. އެބޭފުޅާގެ މައްޗަށް ދަޢުވާ ކުރެވެން އޮތީ، ކިހާމިންވަރަކަށްތޯ ޤާނޫނުއަސާސީގައި އެޅުމަށް. އަޅުގަނޑު އެދުވަހު ދެންނެވިން، އަޅުގަނޑުމެން ބޭނުމީ ލާމަރްކަޒީ އުޞޫލެއް. އަބަދަށްޓަކައި އަޅުގަނޑުމެންނަށް ލިބޭނޭ އެއްޗެކޭ. ވެރިން މި ރާއްޖެއަށް އައިސްދާނެ. އަދިވެސް އެކަން ހިނގާނެ. ރާއްޖޭގެ ރައްޔިތުން އަބަދުވެސް ތިބޭނެ. އެ ރައްޔިތުންގެ ޢާންމު ޙާލަތު ބަދަލުވާނެ ގޮތަކަށް ރާއްޖޭގެ ނިޒާމް ފަހިކުރުން އެއީ އަޅުގަނޑުމެންގެ އަމާޒަކީ.
 
ކުރަން މިއުޅޭ ކަމަކީ، މާލޭގައި ޖަމާކޮށްފައި ހުރި ބާރުތަކެއް، އަޅުގަނޑުގެ ރަށުގައި ޖަމާކޮށްފައި ހުރި އެއްޗެއް، އެއްކޮށްފައި ހުރި ބާރެއް، މިރަށްރަށަށް ބަހާލަން. ރަސްމާދުއަށް ދޭން. ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާ އެކީގައި، ޝަރީޢަތް ހިންގުމުގެ ބާރު އެވަނީ ވެރިކަމުގެ ފަރާތުން ވީއްލިފައި، މިނިވަން ކުރެވި، މުސްތަޤިއްލުވެފައި. ޤާނޫނު ހެދުމުގެ ބާރުވެސް އެވަނީ ވެރިކަމުގެ އެއްވެސް ބާރެއް، އޭގެތެރޭގައި ނުވާގޮތަށް ކަނޑައެޅިފައި. މިހާރު މިކުރާ މަސައްކަތަކީ، އެދެބާރު ވެރިކަމުގެ ތެރެއިން ވަކިކުރުމަށްފަހުގައިވެސް އަދިވެސް ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުރި އިތުރު ބާރު ރައްޔިތުންނަށް ދިނުން. މިދެންނެވި ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުރި ބާރަކީ، މާލޭގައި އެއްވެފައި ހުރި ބާރެއް. ހަމަ މިހާރުވެސް ކުރީގެ ޤާނޫނުލްޢުޤޫބާތު އެބައޮތް. މާދަމާވެސް އަޅުގަނޑުމެންނަކަށް، އަޅުގަނޑަކަށެއް ނުދެންނެވޭނެ، އެހެން ގޮތަކަށް ބަދަލުވެގެން، މިތަނަށް މިއަދު އެއްވެ މިތިއްބެވި ހުރިހާ ބޭފުޅުންނަކީ، އަށްޑިހަ އަށެއް (ހ)ގެ ދަށުން ދެއަހަރަށް ޖަލަށް ޙުކުމް އަންނާނެ މީހުނޭ. މީގެ ތިން އަހަރު ކުރީގައިވެސް، ހަތަރު އަހަރު ކުރީގައިވެސް، އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ކަން އޮތީ އެހެންކަން.
 
އެހެން ނަމަވެސް، އަޅުގަނޑުމެނަށް ވަރަށް ސާފު، ތަރައްޤީ ގުޅިފައި އޮތީ ރައްޔިތަކު ދޫކޮށްލުމާ. ރައްޔިތަކު އޮބަހައްޓައި ހިފަހައްޓައިގެނެއް، ރައްޔިތުން ބިރުގަންނަވައިގެން ލިބޭނެ ތަރައްޤީއެއް ނެތް. ތަރައްޤީގެ މަގު އަޅުގަނޑުމެނަށް ހޯދޭނީ ރައްޔިތުން ވީއްލިގެން. އެމީހުނަށް މިނިވަންކަން ދެވިގެން. އެހެންވެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަން އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން މުހިންމުވަނީ. އެހެންވީމާ، އަޅުގަނޑުމެންގެ މި ސަރުކާރުގެ އެންމެބޮޑު މަޝްރޫޢަކީ ބަނދަރެއްވެސް ނޫން، ނަރުދަމައެއްވެސް ނޫން، އެއްދަންފަޅިއަށް ސްކޫލެއްވެސް ނޫން. އަޅުގަނޑުމެންގެ އެންމެބޮޑު މަޝްރޫޢަކީ ޑިމޮކްރަސީ. މިނިޒާމް ދެމެހެއްޓުން، މިނިޒާމް ވަރުގަދަކުރުން. މިނިޒާމް މެދުވެރިކޮށްގެން ނޫނީ ނަރުދަމައެއް ނުލިބޭނެ. މިނިޒާމް މެދުވެރިކޮށްގެން މެނުވީ، އަޅުގަނޑުމެން މި އެދޭ ތަރައްޤީ، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އެއީ، ޤައުމުތަކުގައި އިންސާނީ ތަޖްރިބާ ވަރަށް ސާފުކޮށް ދައްކާފައި އޮތް ޙަޤީޤަތެއް.
 
އަޅުގަނޑު ނިސްބަތްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ލީޑަރޝިޕަކީ އެހެން ޕާޓީތަކާ ވަރަށް ތަފާތު ލީޑަރޝިޕެއް. ދެތިން ތަފާތު އަޅުގަނޑު ދަންނަވާނަން. ފުރަތަމަ ކަމަކަށް، އެމް.ޑީ.ޕީ.ގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ގޮތުގައި ތިއްބަވާނީ، އެ އަތޮޅުތަކުގެ، އެރަށްރަށުގެ ދަރިން. މާލޭ މީހުން ގޮސް ކެންދުއަށް ކުރިމަތިލުން، މާލޭ މީހުން ގޮސް އަދި އެހެން ރަށްރަށަށް ކުރިމަތިލައިގެން ގޮނޑި ހޯދައިގެން ތިބުން، އެއަށްވުރެ ބޮޑަށް އެރަށްރަށް ބިކަކުރެވޭނެ ގޮތެއް ޙަޤީޤަތުގައެއް ނޯންނާނެ. އަޅުގަނޑުމެންގެ ޕާޓީގައި މާލޭ މީހުން ތިބޭނީ މާލޭ ގޮނޑިތަކުގައި. ރަށްރަށުގެ މީހުން ތިއްބަވާނީ ރަށްރަށުގެ، އަތޮޅުތަކުގެ ގޮނޑިތަކުގައި. ރަށެއްގެ، އަތޮޅެއްގެ އިޙްސާސް ދެނެގަންނަން. އާދެ! އަޅުގަނޑަކީވެސް ރާއްޖޭގެ ގިނަ ރަށްރަށަށްދާ މީހެއް. އެކަމަކު އަޅުގަނޑަށް މާލެ އެނގޭ މިންވަރާ ގާތަށްވެސް، އަޅުގަނޑަކަށް މި ރަސްމާދުއެއް ނޭނގޭނެ. އެކަން އަޅުގަނޑުގެ ހިތުގެ އަޑީން އަޅުގަނޑު ގަބޫލު ކުރަންޖެހޭނީ. ރަސްމާދޫ ރައްޔިތުންގެ ވަކީލެއްގެ ގޮތުގައި ހަމަގައިމުވެސް ރަސްމާދޫގެ ލޯބި ޙައްޤުވާ މީހަކު ހުރުން އެއީ އަޅުގަނޑަށް ހީވަނީ މާ ފުޅާ ބުއްދިއެއް ނުގެނެސްވެސް ދެނެގަނެވޭނެ ކަމެއްހެން.
 
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ މެންބަރުންގެ ތެރޭގައި، ލީޑަރޝިޕްގެ ތެރޭގައި ދެވަނައަށް ފާހަގަކުރެވޭ ކަމަކީ، ރާއްޖޭގެ ވެރިކަމުގެ ޚާންދާނުތަކުގެ މިހާރުގެ ޖީލު ތިއްބަވާނީ އެމް.ޑީ.ޕީ.ގައި. ޒަމާނުއްސުރެ ފަށައިގެން، ރާއްޖޭގެ ވެރިކަން ކޮށްފައިވާ ޚާންދާންތައް، އެބޭފުޅުންގެ ކާބަފައިން މާލެއަށް އެއްކުރި ބާރެއް މިއަދު އެބޭފުޅުންގެ ދަރިން ނުކުމެ ބަހާލުމަށް ދޫކޮށްލުމަށް މި ފިކުރު ކުރަނީ. އަޅުގަނޑުމެން މީގެ ވަލީވެރިންނަކީ. އަޅުގަނޑުމެން މިކަމުގެ ބެލެނިވެރިންނަކީ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، ހަނދުމަފުޅު ބަހައްޓަވައްޗޭ. މިކަން ލާމަރްކަޒީ އުޞޫލު ފަނުފުލުން ދާން ބޭނުން ނެތިއްޔާ، އަދި ކުރީގައި އެ ހޮވުނު ރަށްކުރިއަރުވާ ކޮމިޓީއާއި އަދި އޭގެކުރީގައި 1970ގެ މެދެއްހާ ތަނުގައި އިބްރާހީމް ނާޞިރު އުފެއްދެވި ރަށު ކައުންސިލާއި ނުވަތަ އަތޮޅު އިންތިޚާބު ކޮށްގެން ނެންގެވި އަތޮޅުވެރިންނާ. މިކަންކަންވެސް އޮޔާލާ ބީވެ ހިނގައްޖެ. އަޅުގަނޑުމެންނަކަށް އެ ދެމެހެއްޓެނިވި ގޮތުގައި ހިފެހެއްޓޭނެ ގޮތްތަކެއް ނުހޯދުނު.
 
އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މިދަންނަވަނީ، އަޅުގަނޑުމެން ނުކުމެ މިތިބީ، މި ރަސްމާދޫ ތަރައްޤީ ކުރަން. އަޅުގަނޑުމެންގެ އެ ވިސްނުން އެބަހުރި. އެ ޚިޔާލު އެބަހުރި. އަދި އެހިތްވަރު އެބަހުރި. އަޅުގަނޑުމެނަށް އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ. އަޅުގަނޑުމެންނާ އެކީގައި ތިއްބަވާ. އަޅުގަނޑުމެންނަށް ފުރްޞަތު ދެއްވާ. ކުރީގައި ޤާނޫނުހަދާ މަޖިލީހުން ތިބޭފުޅުންނަށް އަޅުގަނޑުމެންނަކަށް ފުރްޞަތެއް ނުދެއްވުން. އެހެންވީމާ، އަޅުގަނޑު ގާތުގައި ރަސްމާދޫ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރާނެ މީހަކު ނެތް، ބޭފުޅަކު ނެތް. އަޅުގަނޑު އެއާ ޚިލާފަށް ތިބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މެންބަރާ ގުޅަން. އަޅުގަނޑު އޮޅުންފިލާތޯ ބަލަން. އަޅުގަނޑު މިތަނަށް މިއައީ އޮޅުންނުފިލާތީވެ. އަޅުގަނޑު ތިބޭފުޅުންނާ ބައްދަލުކުރަން މިޖެހެނީ މިނިޒާމް ނުހިނގާތީވެ. ތިބޭފުޅުން އަޅުގަނޑަށް ކަންކަމަށް އެދި ސިޓީ ލިޔާން ތިޖެހެނީ، ވަކާލާތު ނުކުރެވޭތީވެ. އަޅުގަނޑާ، އަޅުގަނޑުމެނާއެކީގައި މިކަން ކުރެވޭނެ އިންތިޒާމެއް ހޯއްދަވައިދެއްވައިފިއްޔާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިކަން ކުރާނަން. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ތިބޭފުޅުންގެ އެންމެ ފައިސާ ފޮއްޗެއްގައެއްވެސް އަޅުގަނޑެއް ނުޖެހޭނަން. އެންމެ ދުވަހެއްވެސް ނުބާއްވާނަން، އަޅުގަނޑު މަދުވެގެން 12 ގަޑިއިރު ތިބޭފުޅުންނަށްޓަކައި މަސައްކަތް ނުކުރާ. އަޅުގަނޑު މިމަގާމުގައި ހުއްޓި މިހުރީކީއެއް، ވެރިކަމުގެ ލައްޒަތާއި ވެރިކަމުގެ އަރާމަށްޓަކައެއް ނޫން. އަދި އަޅުގަނޑު މި ނިޒާމްގައި މިއަދު ހުއްޓި މިހުރީ، ހަމަ މާފަތިތަކެއްގެ ހަންހާރައެއްގެ ތެރެއިން އައިހެއްވެސް ނޫން.
 
އަޅުގަނޑަށް، އަޅުގަނޑުގެ ޙަޔާތުގައި ހަމަ އޭގެ ކަންތައް ދިމާވެފައި އެބަހުރި. އެހެން ނަމަވެސް، އެއްވެސްއިރެއްގައި އަޅުގަނޑުމެން އަޅުގަނޑުމެންގެ އަމާޒެއް ނަގައެއްނުލަން. އަޅުގަނޑުމެންގެ މަޤްޞަދު ގެއްލުވައެއްނުލަން. އަބަދުވެސް އަޅުގަނޑުމެން ބޭނުންވީ، ރާއްޖޭގެ ތަރައްޤީ. އަބަދުވެސް އަޅުގަނޑުމެން މަސައްކަތް މިކުރަނީ، އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންނަށްޓަކައި. މާތްރަސްކަލާނގެ އަޅުގަނޑުމެންނަށް ދެއްވި ނިޢުމަތަކާށް ޝުކުރުކޮށްގެން، ގަދައަޅައި މަސައްކަތް ކުރުން ނޫން ގޮތެއް، އަޅުގަނޑުމެން އެންމެންނަކަށް ނެތް. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން މިތިބީ، އެ މަގުގައޭ. ދުވަހުން ދުވަހަށް އަޅުގަނޑު އެބަ ދެކެމޭ، އަޅުގަނޑުމެންގެ މަގުތައް އަލިވަމުންދާ ތަން. ބައެއް ބޭފުޅުން ވިދާޅުވެދާނެ، މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި، ކޮންކަމެއްހޭވީ؟ އަޅުގަނޑު އަޑުއެހިން، ޓެކްސްޓް ފޮތްގަނޑު ނުދެވޭ ސަރުކާރަކަށް ވަޢުދުވާނީ ކިހިނެއްހެއްޔޭ، ވާދަވެރި ބޭފުޅުން ވިދާޅުވާ އަޑު. ހަމަ އެބޭފުޅާއާ އެކީގައި، އަޅުގަނޑު އުޅުނިން ގްރޭޑް 1ން 10 އާ ހަމައަށް. އަދި އަޅުގަނޑުމެން 8 އާ ހަމައަށް ދިޔަތަނާ، ދައުރު ބަދަލުވެއްޖެ. އަޅުގަނޑުމެން މަދްރަސާ ނިންމާލީ ގިނަ ޓީޗަރުންނުލާ. އަޅުގަނޑުމެންނަށް ދާދި މިދާކަށް ދުވަހަކާ ޖެހެންދެންވެސް، މި ސަރުކާރު ހިންގުމާ ޙަވާލުވީއިރު، އަޅުގަނޑުމެން ޙަވާލުވިއިރު، ރާއްޖޭގައި ދިވެހި، އިސްލާމް ޓީޗަރުން ދެބައިކުޅަ އެއްބަޔަށް ހަމަވާ ވަރަށްވެސް ނެތް. މިއަދު ހުރިހާ ޓީޗަރުން އިރާދަކުރެއްވިއްޔާ ހަމަ.
 
އަޅުގަނޑުމެންގެ މަސައްކަތް އިރާދަކުރެއްވިއްޔާ، ކުޑަތަންކޮޅެއްވެސް އަޅުގަނޑުމެންނެއް މަޑެއް ނުޖައްސާނަން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މުއްސަނދިވުން. ތިބޭފުޅުން މުއްސަނދިވުން، ތަނަވަސްވުން، އުފާވެރިކަން ލިބުން، ހާސްކަމެއް ނެތުން. ރިވެތި ގޮތުގައި އުޅެވޭނެ ރައްޔިތަކަށް، އަޅުގަނޑުމެން އެންމެންވެސްވުން. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ ހަމަ އުފާވާ ޒަމާނޭ. އަޅުގަނޑު ދަންނަވާނީ، އުފާވާ ޒަމާނޭ، ހިތްއޭ އަހާށޭ، އުފާވެރިވި މި ރޫޙޭ.
 
والســّلام عليــكم
 
_______________________