بســماللّـهالرّحمـنالرّحيــم

 
އެމް.ޑީ.ޕީ ގެ ޗެއަރޕާރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ދުވާފަރުގެ އިސްވެރިން، އަދި ވަކިން ޚާއްޞަކޮށް ލޯކަލް އިންތިޚާބަށް ކުރިމަތިލާ މިރަށުގެ ކެންޑިޑޭޓުންނާއި އަދި ހަމަ މިއަތޮޅަށް ކުރިމަތިލާ ކެންޑިޑޭޓުން، އަދި ވަކީން ޚާއްޞަކޮށް އަޅުގަނޑުމެންގެ ލޮބުވެތި ދުވާފަރު ރައްޔިތުން.
 
السّـلام عليـكم
 
އަނެއް ދިވެހިރާއްޖެ ރަށަށް، ކެމްޕޭނަށް މަރުޙަބާ. މި ސަރުކާރު ވެރިކަމާ ހަވާލުވެ މިޕާޓީގެ ފަރާތުން މިވެރިކަން ކުރަމުން މިގެންދަނީ، ދުވާފަރު ތަރައްޤީގެ ތަޞައްވުރެއް އަޅުގަނޑުމެންގެ ކިބައިގައި އޮވެގެން. ދުވާފަރު ތަރައްޤީކުރާނެ ގޮތެއް، އޭގެ މަންޒަރެއް، އޭގެ ކުރެހުމެއް އަޅުގަނޑުމެނަށް ފެންނާތީވެ. މާކުރީއްސުރެ ފަށައިގެންވެސް މިޕާޓީ މަސައްކަތްކުރަމުން ގެންދިޔައީ، މިރަށުގެ ތަރައްޤީ ހޯދުމަށާއި، މިއަތޮޅުގެ ތަރައްޤީ ލިބިގަތުމަށާއި އަދި މުޅި މިރާއްޖެ ބަދަލުކުރުމަށް.
 
އަޅުގަނޑު މިރަށުގައި މީގެ ދުވަސްތަކެއް ކުރީގައި، ދެތިންއަހަރު ކުރީގައި، އަޅުގަނޑުމެން ދެންނެވިން، އަޅުގަނޑުމެންގެ ރާއްޖެއަށް އެބައޮތޭ ދެގޮތެއް ޚިޔާރުކުރެވެން. އަޅުގަނޑުމެނަށް އެބައޮތޭ ޚަރާބުގެ މަގަށް ދެވެން، ނޫންނަމަ އަޅުގަނޑުމެނަށް އެބައޮތޭ އެހެން ގޮތެއް، އެހެން ދިވެހިރާއްޖެއެއް، އަނެއް ދިވެހިރާއްޖެއެއް ހޯދެން. އަޅުގަނޑުމެން، ރާއްޖޭގެ ރައްޔިތުން 2008 ވަނަ އަހަރު ވަރަށް ސާފުކޮށް ނިންމީ އެރައްޔިތުން ބޭނުންވަނީ މުޅިން އެހެން ގޮތެއްކަމަށް. ރައްޔިތުން ބޭނުންވަނީ، ރައްޔިތުންގެ ޖީބަށް މިއަދު ވަން ފައިސާގެ އަދަދު މާދަމާ އިތުރުވާން. ރައްޔިތުން ބޭނުންވަނީ، ރައްޔިތުންގެ ހާލަތު އެއް ހާޤލަތުން އަނެއް ހާާލަތަށް ބަދަލުވާން. ރައްޔިތުން ބޭނުންވަނީ މިރާއްޖެ ތަރައްޤީވާން.
 
މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިން މީހުންކުރެ އެކަކަކީ އދ. ގެ މިންގަނޑުތަކުން އެބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައިތިބި މީހުން. މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ، އެމީހުނަށް ރެއާ ދުވާލަށް ދިހަ ބާރާ ރުފިޔާ ނުލިބޭ ނިކަމެތިން. ޤައުމެއް ތަރައްޤީކުރުމަށް، ޤައުމެއްގެ ހާލަތު ބަދަލުވުމަށް، އެބައެއްގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަކީ އެންމެ މުހިންމު ކަންތައް. ދުވާފަރު ތަރައްޤީވާނީ ދުވާފަރުމީހާ ކައިބޮއިގެން އުޅެވުނީމާ. ދުވާފަރު ތަރައްޤީވާނީ ދުވާފަރު މީހާ ތަރައްޤީވީމާ. އެހެންވީމާ، އަޅުގަނޑުމެން ވަޢުދުވީ ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދޭނަމޭ. އަޅުގަނޑުމެންގެ ސީދާ ބަސްތަކުން، އެމް.ޑީ.ޕީ މެނިފެސްޓޯ ބަސްތަކުންނަމަ، ބޭސްސިޓީއަށް ސަލާންޖެހުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ހުއްޓުވާލާނަން. މަދަނައިގެ ވިއުގަ އުފެދިގެން އައި މިދެންނެވި ހިސާބުން. އަޅުގަނޑު މިރޭ އުފާވަނީ، މިދުވާފަރު، 357 ރައްޔިތަކު މަދަނައިގައި ރަޖިސްޓްރީވެފައި ވާތީވެ. މިސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މިޕާޓީއަށް ހިތްވަރު ލިބެނީ މިދެންނެވި 357 މީހުންކުރެ ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ، މާލިއްޔަތުގައި 2011 ވަނަ އަހަރުވެސް ރައްކާކުރެވިފައި އޮތީތީވެ.
 
މިރާއްޖެ އަޅުގަނޑުމެނަށް މިގޮތަށް ލިބިފައި މިއޮތީ، މިޖީލަށް މިރާއްޖެ ރައްދުވެފައި މިއޮތީ، މިރާއްޖޭގެ ދޮށީ އުމުރު މީހުން މީގެކުރީގައި ނުހަނު ގިނަ މަސައްކަތް ކުރީތީވެ. އެމީހުން ރުކަށް އެރީތީވެ، އެމީހުން މަހަށް ފަރަށް ފުރީތީވެ، އެމީހުން އޮޑިދޯނި ފަހަރު ބަނީތީވެ، އެމީހުން ގެދޮރު އެޅީތީވެ، ވަޑާން ކުރީތީވެ، އެމީހުން ކިތަންމެ ކިތަންމެ ކަމެއް ކުރީތީވެ. ދެން މިއަދު މިރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ކާކަށްތޯ އަޅުގަނޑުމެން ދެކޭއިރުގައި، އެއެއް ބެލުމަށް، އަޅުގަނޑުމެން ދެންމެ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެ ވިދާޅުވިފަދައިން ދޮރުން ދޮރަށް ހިނގިން، ގެއިން ގެޔަށް ދިޔައިން، ރަށުން ރަށަށް އެރީމު، އެތައް ބަޔަކާ މަޝްވަރާ ކުރީން. އަޅުގަނޑުމެނަށް ފެނުނު މަންޒަރު އަދިވެސް އަޅުގަނޑުމެނަށް ފެނޭ. އެދުވަހު އަޅުގަނޑުމެން ދުށިން ރާއްޖޭގެ ހޮޅުއަށިތަކުގަޔާއި، ގޮނޑުދޮށްތަކާއި، ރުއްރުއްދޮށުގައި އަދި މާލޭގައިވެސް ގޯތިތައް ފޮތިކުރަމުން ކުރަމުން އައިސް އެންމެ ފަހުން ކުރީގައި ބަދިގެ ހުރިތަނުގައި ހުރި ކޮޅުފިލާ ގޮނޑިއެއްގައި، މަންމަ ނުވަތަ ކާފަ ނުވަތަ މާމަ ހުއްޓިފައި ހުއްޓާ. މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރުގައި އުޅުއްވި ބޭފުޅުންނަށްކަމަށް ދެކެވޭ ދެކުމަކީ، އަޅުގަނޑު ނިސްބަތްވާ ޕާޓީ ހަމަގައިމުވެސް އެއްގޮތަކަށްވެސް ގަބޫލުކުރާ ޙަޤީޤަތެއްނޫން. އެހެންވީމާ، އަޅުގަނޑުމެން ވަޢުދުވީ ރައްޔިތުންނަށް، ކޮންމެ 65 މަތީގެ އަންހެނަކަސް ފިރިހެނަކަސް އާމްދަނީ މަދުނަމަ ދެހާސް ރުފިޔާގެ ޕެންޝަނެއް         މި ސަރުކާރުން ދޭނެއޭ. މިރޭ އަޅުގަނޑު އުފާވާ ސަބަބަކީ، މިރަށުގެ 139 ރައްޔިތަކަށް މިދެންނެވި ޕެންޝަން ގަވާއިދުން ދެމުންދާތާ މިވީ ދެއަހަރު. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ މިރަށަށް ކޮންމެ މަހަކު ދެލައްކަ ހަތްދިހަ އަށްހާސް ރުފިޔާ ދިނުމުގެ ފުރުޞަތު މި ސަރުކާރަށް ލިބިފައިވާތީ. އަޅުގަނޑުމެންގެ ބޭނުމަކީ، މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން މި ކަނދޮޅުދޫގެ، މި ދުވާފަރުގެ 48 ފަރާތަކަށް އެހީތެރިވެދެވޭކަމީ މި ސަރުކާރަށް ހިތްވަރު ލިބޭކަމެއް. މިޕާޓީ އުފާވާކަމެއް.
 
އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ މިރާއްޖޭގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށް. މި ސަރުކާރަށް ވަރަށް ސާފުކޮށް އެބަ އެނގޭ، މިހާރުވެސް އަދި ކުރީގައިވެސް މިރާއްޖޭގައި ލިބެންހުރި ޚިދުމަތްތައް އަދި އެންމެ އެކަށީގެންނުވާކަން. އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު އެދެނީ އެ ޚިދުމަތް ކިތަންމެ ތަނަކުން ފުޅާކުރަންކަން. އެހެންނަމަވެސް، އަދި އޭގެ އިތުރަށް އަޅުގަނޑުމެނަށް ސާފުވެފައިއޮތީ މިދެންނެވި ކަމުނުދާ އަދި ފުޅާކުރަންވެފައިވާ ޚިދުމަތްތަކަށްވެސް މިރާއްޖޭގެ އާބާދީގެ ތެރެއިން ތިންބައިކުޅަ އެއްބައި ރައްޔިތުންނަށް އަތެއް ނުފޯރައޭ. މިރާއްޖެ ތަރައްޤީކުރާން އަޅުގަނޑުމެން އެދެނީނަމަ، މިކަނދޮޅުދޫ، މި ދުވާފަރު ބަދަލުކުރާން އަޅުގަނޑުމެން އެދެނީނަމަ، ހަމަކަށަވަރުންވެސް ފުރަތަމައިނުން ދުވާފަރުމީހާ ރައްކާތެރިކުރާންޖެހޭނެ. މިތަނުގެ ނިކަމެތި މީހާއާ އަޅުގަނޑުމެންނަށް އަޅާލެވެންޖެހޭނެ. އިޖްތިމާޢީ ރައްކާތެރިކަން މި ސަރުކާރުން މިޕާޓީން ފޯރުކޮށްދިނީ މިދެންނެވި ބޭނުމަށްޓަކައި. އެހެންވީމާ، އަދި ހަމަ މީގެއިތުރުން، ސަރުކާރުން މިގެންދަނީ މިތަނުގައި ހުރި ޞިއްޙީ ޚިދުމަތްދޭ ވަސީލަތްތައްވެސް، ތަޢްލީމުދޭ ވަސީލަތްތައްވެސް ފުރިހަމަ ކުރަމުން. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މިއަހަރު މިރަށުގެ ޞިއްޙީ މަރުކަޒު އެއީ، ސައުވީސް ގަޑިއިރު މަސައްކަތްކުރާ ތަނަކަށް ވެގެންދާނެތީ.
 
ޤައުމެއްގެ ތަރައްޤީ ހަމަގައިމުވެސް ކަށަވަރުންވެސް ގުޅިފައި އޮންނަނީ އެޤައުމެއްގެ ރައްޔިތުންނާ. އަޅުގަނޑުމެނަށް ތަންދޮރު އޮޅުންފިލާންވީ. ކަނދޮޅުދޫ މީހާއަށް ވާނުވާ އެނގޭންވީ. ދުވާފަރު ދަރީންނަށް ރަނގަޅު ތަޢުލީމެއް ލިބޭންވީ. އެ ތަޢުލީމަށްޓަކައި އެއްދަންފަޅީގެ މަދަރުސާއާއި ވަށާޖެހޭ ތަޢުލީމު މި ސަރުކާރުން މިފޯރުކޮށްދެނީ. މިރަށު މަދަރުސާއަކީ މިހާރު އެއްދަންފަޅިއަށް ކިޔަވައިދޭ މަދަރުސާއެއް. މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މިދިޔަ 2010 ވަނަ އަހަރުވެސް މިދުވާފަރުގެ ދަރިވަރުންނަށް ފޮތްފަންސޫރު ގަލަމާއި މަދަރުސާއަށް ބޭނުންވާ ތަކެތި ހޯދައިދިނުމަށް، ހަލައްކަ ތިރީސްފަސްހާސް ފަސްދޮޅަސް ހަތްރުފިޔާ ޚަރަދުކުރެވިފައިވީކަމުން. މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، ހިތްވަރު ލިބެނީ، މި ދުވާފަރުގެ ދަރިވަރުންނަށް އިމްތިހާނުގެ ފީދެއްކުމަށްޓަކައި އެއްލައްކަ ބާވީސްހާސް ތިންސަތޭކަ ނުވަދިހަ ފަސްރުފިޔާ ޚަރަދުކުރެވިފައި އޮތްކަމުން. އަޅުގަނޑު އެދެނީ، އަޅުގަނޑު ޔަޤީންކުރަން، މިއަންނަ އަހަރު އަޅުގަނޑު މިރަށަށް އަންނައިރުގައި ތިބޭފުޅުން ވިދާޅުވާނެ، އިރާދަކުރެއްވިއްޔާ މިރަށު މަދަރުސާގައި އޯލެވެލް ހަދާ ކުދިންގެ ތެރެއިން "ސީ" ފާހުންމަތި މިތައް މިތައް ކުދިން ހޯދައިފިއޭ. ސަރުކާރުގެ އަމާޒަކީ، އިމްތިހާނުގައި ބައިވެރިވާ ކުދީންގެ ތެރެއިން ފަސްދޮޅަސް ޕަސެންޓު ކުދިންނަށް "ސީ" ފާހުން މަތި އޯލެވެލް އިމްތިހާނުގައި ހޯދައިދިނުން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން ކުރާނަން. އެއީ، އަޅުގަނޑުމެންގެ ވަޢުދެއް. އެ މަސައްކަތް މިދަނީ މިހާރު ހިންގަމުން.
 
ތަރައްޤީއަކީ، ހަމައެކަނި ބޮޑު ހިލަ ބަނދަރެއް ނޫން. ތަރައްޤީއަކީ، ހަމައެކަނި އެއްގަމު ތޮށްޓެއްނޫން. ތަރައްޤީއަކީ، ހަމައެކަނި ބޭރުތޮށީގެ ފައިކައްޓެއްވެސްނޫން. ތަރައްޤީއަކީ، އަޅުގަނޑުމެން ތަރައްޤީވުން. ތަރައްޤީއަކީ، އަޅުގަނޑުމެން އިންސާނާ ތަރައްޤީވުން، ދުވާފަރު މީހާއަށް ތަންދޮރު އެނގުން. އަޅުގަނޑުމެންގެ ދަރީންނަށް ރަނގަޅު ތަޢުލީމެއް ލިބޭނެގޮތް ހޯދައިދިނުން. ތެދުފުޅެއް ތިޔަ ވިދާޅުވީ. އަޅުގަނޑު ދެންމެ މިދެންނެވި ހުރިހާ އެއްޗިއްސަކީވެސް ބޭނުން އެއްޗެތި. ބޮޑު ހިލަ ބަނދަރެއް ނެތި އަޅުގަނޑުމެންނަކަށް ދެނެއް ނެތް މަސައްކަތްކުރެވޭކަށް. އެހެންވީމާ، އަޅުގަނޑުމެނަށް މިރޭ ހިތްހަމަޖެހުން ލިބެނީ މިރަށު ރައްޔިތުން އެދުނުގޮތަށް މިރަށުގެ ބަނދަރު، އަޅުގަނޑުމެނަށް،        މި ސަރުކާރަށް ހަދާ ނިންމާދެވިފައިވާކަމުން. މިރަށުގެ ރައްޔިތުން އެދުނު މިންވަރަށް ބަނދަރު އެއޮތީ ފުޅާކުރެވިފައި. މިރަށުގެ ރައްޔިތުން އެދުނު ގޮތަށް ބަނދަރުގައި އެވަނި ސިޑިބަރި ހަރުކުރެވިފައި. އޭގެ އިތުރަށްވެސް މިރަށުގެ ރައްޔިތުން މިބަނދަރާ ގުޅޭގޮތުން އެއިރެއްގައި ދައްކަވަމުން ގެންދިޔަ ހުރިހާ ވާހަކައެއް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް އަޑުއެހުމުގެ ޤާބިލުކަން ލިބިފައިއޮތީތީވެ. ސަރުކާރަށްވީ މިންވަރަކުން މިރަށުގެ ބަނދަރަށް ބޭނުންވާ ހުރިހާ ކަމެއް ކުރުމަށް، ފުރިހަމަކުރުމަށް، ފަސްދޮޅަސް ނުވަ މިލިއަން ނުވަލައްކަރުފިޔާ އިރާދަކުރެއްވިއްޔާ އެވަނީ ޚަރަދުކުރެވިފައި. އެއީ، މިސަރުކާރަށް ލިބޭ ހިތްހަމަޖެހުމެއް.
 
މިރަށުގައި ބަނދަރެއް ހެދުން ނުވަތަ މި ސަރުކާރަކީ ބަނދަރުހަދާ ސަރުކާރެއްނޫން. އެމް.ޑީ.ޕީ ގެ ސަރުކާރަކީ، އެއްވެސް ހާލެއްގައި ބަނދަރު ހަދާ ސަރުކާރެއްނޫން. އެމް.ޑީ.ޕީ ސަރުކާރަކީ ތަރައްޤީގެ މާރެސްތަކެއް އުފައްދާ ސަރުކާރެއް. މި ސަރުކާރުގެ އަމާޒަކީ، ބަނދަރު މައްޗެއް ތަރައްޤީކުރުން. ބަނދަރާ ގުޅިފައިވާ އެހެން ވަސީލަތްތައް ތަރައްޤީކޮށް، އޭގެ ތެރެއިން މިރަށުގެ ތަރައްޤީ ނެރުން. އެބަނދަރު މެދުވެރިކޮށް، ކައިރީ ހުރި ރަށްތަކާއި މިރަށާ ގުޅުވާލުން. އެގުޅުމުގެ ތެރެއިން އުފެދޭ ވިޔަފާރީގައި އަޅުގަނޑުމެން ތަނަވަސްވުން، އަޅުގަނޑުމެން މުއްސަނދިވުން. އަޅުގަނޑުމެންގެ އަމާޒަކީ، މުއްސަނދިވުން. އަޅުގަނޑުމެންގެ ބޭނުމަކީ، ކަނދޮޅުދޫ ރައްޔިތުން މުއްސަނދިވުން، ފައިސާވެރިވުން، ތަނަވަސްވުން. ޖީބަށް ވަންނައެތި އެއްދުވަހުން އަނެއްދުވަހަށް އިތުރުވެގެން ދިޔުން. އަޅުގަނޑުމެން މަސައްކަތްކުރަމުން އަބަދުވެސް ގެންދާނީ ތިބޭފުޅުން މުއްސަނދި ކުރުމަށް، ތިބޭފުޅުން ތަނަވަސް ކުރުމަށް، އުފާފާގަތިކަމުގައި ތިބެވޭނެ މަގު ފަހިކުރުމަށް. އަޅުގަނޑުމެންގެ ހުރިހާވެސް ބޭނުމަކީ ހަމަ މިދެންނެވީ. ތިބޭފުޅުންނަށްޓަކައި އަޅުގަނޑުމެން ކުރާންހުރި މަސައްކަތް އަބަދަށްވެސް ކުރުން.       މި ސަރުކާރެއް އުފެދިފައިމިއޮތީ ނުވަތަ އަޅުގަނޑު މިތަނުގައި މިހުރީކީއެއް ވެރިކަމުގެ ޢިއްޒަތަށްޓަކައި ލައްޒަތަށްޓަކައެއްނޫން. އޭގެ އަރާމަކަށްޓަކައެއްވެސް ނޫން. އަޅުގަނޑު މިތަނުގައި މިހުރީ، ދެންމެ ވަރަށް ސާފުކޮށް ހުރިހާ ބޭފުޅުންވެސް ވިދާޅުވެއްޖެ، އެމް.ޑީ.ޕީ ގެ މެނިފެސްޓޯއެއް އަޅުގަނޑު އަތަށް ދީ،     އެ މެނިފެސްޓޯ ތަންފީޒުކުރަން، އެޕާޓީއިން އަޅުގަނޑުގެ ކިބައިން އެދިފައިވާތީވެ. އަޅުގަނޑު ކުރަމުން މިގެންދާ މަސައްކަތަކީ މިދެންނެވީ. އެ މެނިފެސްޓޯ ތަންފީޒު ކުރުމުގެ މަސައްކަތް. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަނީ، އަދި ޚާއްޞަކޮށް އަޅުގަނޑުގެ ޕާޓީއަށް ޔަޤީންކޮށް އަރުވަނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަންކޮށް ނިންމާނަމޭ. އިރާދަކުރެވިއްޔާ އަޅުގަނޑުމެން އަނެއް ދިވެހިރާއްޖެ ހޯދައިދޭނަމޭ. އަޅުގަނޑުމެން މިއެދޭ އުފާވާ ޒަމާން، އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް އަޅުގަނޑުމެން ގެނެސްދޭނަމޭ.
 
މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ މިރަށް ގިރާންފެށި ހިނދު، މިރަށު ރައްޔިތުން އެކަމާ ކަންބޮޑުވާތީވެ އެގިރާ ސަރަހައްދު އަޅުގަނޑުމެންނަށް ހިމާޔަތް ކޮށްދެވިފައިވާތީ. މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ މިދިޔަ އަހަރު މިރަށަށް، މަސްވެރިރަށެއް ކަމަށްވާތީވެ، ދޯންޏެއްދެވި އެދޯނީގެ ފައިދާގެ ގޮތުގައި ކޮންމެ މަހަކު މިރަށަށް ތިރީސްފަސްހާސްރުފިޔާ ލިބެމުންދާކަމީ އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭކަމެއް.
 
ވޭތުވެދިޔަ އަހަރު މިރަށުގެ ތަރައްޤީއަށްޓަކައި އަދި މިރަށުގެ ކަންކަން ފުރިހަމަ ކުރުމަށްޓަކައި އިރާދަކުރައްވައިގެން މިސަރުކާރުންވާނީ ސަރުކާރުގެ ހުރިހާ އޮފީހެއްގެ ވަށާފާރު ރޭނިފައި. އަޅުގަނޑުމެނަށް، މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ މިފަހަރުގެ ބަޖެޓުގައި މިރަށުގެ އެހެން ތަންތަނުގެ އަދި ހަމަ ބޭރު ފާރު އިންވަކިކުރުމަށްޓަކައި ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނިފައި އޮތްކަމުން. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، އިރާދަކުރެއްވިއްޔާ މިއަހަރު އެ ފަސްމިލިޔަން ރުފިޔާ ޚަރަދުކޮށް، މިރަށުގެ ވަށާފާރާއި ބޭރުފާރުގެ، ހުންނަ ގިނަ ފާރުތައް އިރާދަކުރެއްވިޔާ ރޭނިގެން ދާނެތީ.
 
ޤައުމެއް ތަރައްޤީއެއް ނުވާނެ ވިޔަފާރި ތަރައްޤީނުވެއެއް. ވިޔަފާރި ތަރައްޤީވެގެން އަޅުގަނޑުމެންގެ އަތްމަތި ތަނަވަސްވެގެން ޤައުމެއް ތަރައްޤީވެދަނީ. ވިޔަފާރި ތަރައްޤީ ކުރުމަށްޓަކައި މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނެއް ބަދަލުވާންޖެހޭނެ. ފަސޭހަކަމާއެކީގައި، އަޅުގަނޑުމެނަށް ތަކެތި، އެކެއް އަތުން އަނެކެއްގެ އަތަށް ބަދަލުކޮށްދެވެންޖެހޭނެ. އެހެންވީމާ، މިސަރުކާރުން، މިޕާޓީން ވަޢުދުވީ ރާއްޖޭގެ ރަށްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ލާމެހި ގުޅާލަދޭނަމޭ. މިރޭ ހިތްހަމަޖެހުން އަޅުގަނޑުމެނަށް ލިބެނީ މިރަށުގެ ރައްޔިތުންގެ ތެރެއިން، މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި 20127 ރައްޔިތަކަށް ފެރީގެ ނިޒާމު ބޭނުންކުރެވިފައިވާތީވެ މިރަށުން ފުރުމަށް އަދި އެހެން 2960 ރައްޔިތަކު އެނިޒާމު ބޭނުންކޮށްގެން މިރަށަށް އައިސްފައިވާތީވެ. އެނިޒާމުގެ ތެރެއިން ވާންޖެހޭ ކަންކަން އިރާދަކުރެއްވިއްޔާ މިދަނީ ވަމުން. ސަރުކާރުގެ ވަޢުދަކަށްވެފައިއޮތީ ހަތްއަހަރު ދުވަހުގެ ތެރޭގައި އެނިޒާމު ފައްކާކުރުން، ފުރިހަމަ ކުރުން. ފުރަތަމަ ދެއަހަރުގެ ތެރޭގައި އަސާސީ ޚިދުމަތްތައް ދިނުމަށް. އިރާދަކުރައްވައިގެން މިހާރު މިދަނީ އޭގެ އަސާސީ ޚިދުމަތްތައް ދެމުން. މިއަހަރުގެ ތެރޭގައި މިރަށުގައި ދަތުރުފަތުރުކުރުމުގެ ނިޒާމާ ގުޅޭ ފެރީ ޓަރމިނަލާއި އަދި ބަނދަރުމަތި އިރާދަކުރެއްވިއްޔާ ޢިމާރާތް ކުރެވިގެން ބިނާކުރެވިގެންދާނެ.
 
މިރަށް، މިދުވާފަރު ތަރައްޤީ ކުރުމުގެ ވިސްނުމެއް މިޕާޓީން އަބަދުވެސް ގެންގުޅުނިން. މިހާރުވެސް އަޅުގަނޑުމެންގެ އެ ވިސްނުން އެބައޮތް. އެ ވިސްނުން ކުރިއަށް އަޅުގަނޑުމެން ގެންދާއިރުގައި، ބައެއްފަހަރު، ބައެއް ބޭފުޅުން އަޅުގަނޑުގާތުގައި އަހާ، ރައީސޭ ކީއްވެގެންހެއްޔޭ މިރަށުގެ މާލިއްޔަތުގައި ބޭސްފަރުވާ ކުރުމަށް ތިރީސްފަސްމިލިޔަން ރުފިޔާ ފޮރުވާފައި ބާއްވަނީ. އެފައިސާއިން އެވެނި މިވެނި އެހެން ކަމެއް ނުކޮށް. އަޅުގަނޑު ދަންނަވަން، ޤައުމެއް ތަރައްޤީ މިވަނީ ވަކި ޚާއްޞަ ކަންތައްތަކެއް ވަކި ގޮތަކަށް ވަކި އިރެއްގައި ކުރީމައޭ. އަޅުގަނޑުމެން އެންމެންވެސް ބޭނުންވާ ކަންކަން އެބަހުރޭ. އަޅުގަނޑުމެން އެދޭ މިންވަރާ އަޅުގަނޑުމެނަށް ލިބޭ މިންވަރު އަބަދުވެސް މިއޮންނަނީ ފަރަގުވެފައި. ލިބޭ މިންވަރަށް ޝުކުރުކޮށްގެން ގަދައަޅައި މަސައްކަތްކުރާ އަޅުންނަށް ކާމިޔާބުވާކަމީ ޝައްކެއް ހުރި ކަމެއްނޫން. އަޅުގަނޑުމެންގެ ޢަޒުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ މިދެންނެވިހެން މިރަށް ތަރައްޤީކުރުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނެއް އެއަމާޒަކުން ކުޑަކޮށްވެސް ކައްސައެއް ނުލާނަން.
 
މިރަށް، ކަނދޮޅުދޫ ރައްޔިތުން ސުނާމީއަށް ފަހުގައި، މުޅި މިއަތޮޅާއި ރާއްޖޭގެ އެތައް މިތަނުގައި ތިއްބާ ސަރުކާރު ބަދަލުވެގެންއައީ. އެއިރުގައި މިދުވާފަރު ބިނާކުރުމުގެ މަސައްކަތް އޭގެ ފަހުކޮޅުގައި އޮތީ. އަޅުގަނޑަށް ލަފާދެއްވި ކޮންމެ ބޭފުޅަކު ލަފާދެމުން އައީ ރައީސޭ، މިވަގުތު އަދި މިތަނަކަށް މީހުން ބަދަލެއް ނުކުރެވޭނެއޭ. އެމަސައްކަތެއް ނުނިންމޭނެއޭ. އެކަން ކުރާނެ ގޮތެއް ނޭނގެއޭ. އަޅުގަނޑު، ހަމަ އެހިނދުން، އެދުވަސްވަރު ދެތިންފަހަރަށް މިރަށަށް އައިން. އަޅުގަނޑަށް ހިތްހަމަޖެހުން މިއަދު ލިބެނީ، އިރާދަކުރައްވައިގެން، އޮމާންކަމާއެކީގައި އަޅުގަނޑަށް، އަޅުގަނޑުމެނަށް، މި ސަރުކާރަށް ދުވާފަރު ރައްޔިތުންނަށް، ކަނދޮޅުދޫ ރައްޔިތުންނަށް ދުވާފަރަށް ބަދަލުވުމުގެ ފަހިކަމާއި ފުރުޞަތާއި އަދި އެމަސައްކަތް އަޅުގަނޑުމެނަށް ކުރެވިފައިވާތީ. އަޅުގަނޑު އެދުވަހު މިތަނަށް އައިތަނާ މިރަށު ރައްޔިތަކު އަޅުގަނޑުގާތުގައި ބުނި ސުނާމީ އެރިދުވަހަށްވުރެ މިއަދު ތިމަންނާ ހިތާމަ ކުރަމޭ. އަޅުގަނޑު ހިތަށްއެރީ އޭނާ އެބުނީ ތެދެކޭ. ކަނދޮޅުދޫ ދޫކޮށްލިކަން ކަނޑައެޅިގެން ޔަޤީންވާނީ ދުވާފަރަށް އައި ދުވަހު. ދެން ކަނދޮޅުދޫއެއްގައި ނޫންކަން ދެން ތިބޭފުޅުން ދިރިއުޅެމުން ގެންދާނީ. އެތައްއެތައް ޒަމާނެއް ވަންދެން، ކިތަންމެ ޖީލެއް ވަންދެން މިރަށުގެ ރައްޔިތުން، ތިބޭފުޅުންގެ ކާބަފައިންގެ ރަށް، ދޫކޮށް އެހެން ރަށަކަށް އަންނަ ދުވަހަކީ އިޙްސާސްތަކެއް ހުންނާނެ ދުވަހެއް. އެއީ، އަޅުގަނޑުމެން ހަޖަމް ކުރަންވީ ދުވަސް. އެއީ، ތިބޭފުޅުންގެ ހިތުގެ ޝުއޫރުތައް ކޮންމެ ގޮތަކަށް ފާޅުކުރި ނަމަވެސް އަޅުގަނޑުމެން ކެތްތެރިކަމާއެކީގައި އަޑުއަހަންވީ ދުވަސް. މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ އަޅުގަނޑުމެންނަށް ޤާބިލުކަން ލިބިހުރި މިންވަރަކުން އަޅުގަނޑުމެން އެހުރިހާ ވާހަކައެއް ހަޖަމްކުރިން، އަޑުއެހިން. އަޅުގަނޑުމެންގެ ވިސްނުމަކީ، ތިބޭފުޅުންގެ މަޝްވަރާއާއެކީގައި ހަމަސީދާ ދުވާފަރަށް، ދުވާފަރުގެ ޞިނާޢީ މަސައްކަތް ކުރުމަށް، މަސްވެރިކަމުގެ ޞިނާޢަތް ކުރިއަށް ގެންދިއުމަށް، ތިބޭފުޅުންނަށް ލިޔުއްވާފައި އޮންނަ ރަށެއްގެ ގޮތުގައި ކަނދޮޅުދޫ ހެދުން. ކަނދޮޅުދޫ މިދެންނެވި ގޮތަށް ބަދަލުކުރެވޭނީ މިރަށު ކައުންސިލް އިންތިޚާބުވެގެން. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ބިމާބެހޭ ޤާނޫނު ބުނާ ހަމަތަކުގެ ތެރެއިން ކަނދޮޅުދޫއަކީ އިރާދަކުރެއްވިއްޔާ ދުވާފަރަށް އޮންނަ ބިމެއްގެ ގޮތުގައި ހަމަޖެހިގެންދާނެ.
 
މިޤައުމު ތަރައްޤީކުރުމަށް އެންމެ މުހިންމު ވަސީލަތަކީ ރައްޔިތުން. އެ ރައްޔިތުން އޮބަހައްޓާ، އެ ރައްޔިތުން ފިއްތާ، އެ ރައްޔިތުން ބިރުގަންނަވާފައިވާހާ ހިނދަކު މިރާއްޖެ ތަރައްޤީއެއް ނުވާނެ. ތަރައްޤީގެ މަގުގައި އަޅުގަނޑުމެން ކުރިއަށްދާންވެއްޖެނަމަ އަޅުގަނޑުމެން ޖެހޭނީ އަޅުގަނޑުމެންގެ ރައްޔިތުން ދޫކޮށްލަށް. އެނގިވަޑައިންނަވާނެ މީގެ ހަތަރު އަހަރު ކުރީގައިވެސް މިތަނުގައި ތިގޮތަށް، މިގޮތަށް ތިބޭފުޅުން ތިއްބެވިނަމަ ތިއިން ކޮންމެ ބޭފުޅަކަށް ދެއަހަރު ދުވަހުގެ ހުކުމެއް ޖަލަށް އައީސް. އަޅުގަނޑުމެން އެހެންވެގެން ނިންމީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ޞުލްޙަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަކީ މިނިވަންކަމަކީ މުހިންމުކަމެއްކަން. މި ސަރުކާރުގައިވެސް، އަޅުގަނޑުމެން ޕާޓީގައިވެސް އެންމެބޮޑު މަޝްރޫޢަކީ މިދެންނެވި ޑިމޮކްރަސީ.  އެ ނިޒާމުގެ ތެރެއިން ނޫނިއްޔާ އަޅުގަނޑުމެން ބޭނުންވާ ނަރުދަމައެއް އަޅުގަނޑުމެނަކަށެއް ނުލިބޭ. ދުވާފަރު ރައްޔިތުން ބޭނުންވާ ފެނުގެ ނިޒާމެއްވެސް ލިބޭނީ ޑިމޮކްރަސީގެ ތެރެއިން. ޑިމޮކްރަސީ އަޅުގަނޑުމެން ހަރުދަނާ ކުރަންވީ. ރައްޔިތުންނާ ގާތުން ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ވެރިކަމެއް ކުރެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދާންވީ.
 
ގަބޫލުފުޅުކުރައްވާ، ލާމަރުކަޒީ އުޞޫލުން މިރާއްޖެ ހިންގުމަކަށް ޤާނޫނުއަސާސީއަކު ލިޔެފައެއް ނެތް، އެކަން ފަށައިގަނެވުނުއިރު. ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުޞޫލުތައް ފާސްކުރިއިރުގައި ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބާބެއް އެއަކުނެތް. މާފަހުން، އަލްއުސްތާޛާ މާރިޔާ ދެންމެ ފާހަގަކުރެއްވި ފަދައިން، އަޅުގަނޑުމެންގެ، އެމް.ޑީ.ޕީ އަށް ނިސްބަތްވާ ޚާއްޞަ މަޖިލީހުގެ     ދެ ޢިއްޒަތްތެރި މެންބަރު ހުށަހެޅި ހުށަހެޅުމާ ގުޅިގެން، އެ ޤާނޫނުއަސާސީގައި ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބާބެއް އެކަށައެޅުނީ، ކަނޑައެޅުނީ. މިއަދު އަޅުގަނޑުމެން ކުރަންވެގެން މިއުޅޭ މަސައްކަތަކީ، ހަމައަނެއްކާވެސް މާރިޔާ ވިދާޅުވިހެން، މާލޭގައި އެކުވެފައިހުރި ބާރެއް، އަޅުގަނޑުމެންގެ ރަށުގައި އޮތް ބާރެއް ތިބޭފުޅުންނަށް ދޭން. ފުރަތަމަ ވެރިކަމުގެ ކިބައިގައި އޮތް ޝަރީޢަތްކުރުމުގެ ބާރު ވަކިވެ، އަދި ހަމަ އެއަށްފަހު ރައްޔިތުންގެ މަޖިލީހަކީވެސް މުސްތަޤިއްލުތަނަކަށް ވެގެން ހިނގައްޖެ. ރައީސުލްޖުމްހޫރިއްޔާއެއް، މަޖިލީހުގެ ރައީސެއް މިހާރު ޢައްޔަނެއް ނުކުރޭ. ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރާ މެންބަރުންނެއް ނުތިއްބަވާ. ރައްޔިތުންގެ މަޖިލީސް މިނިވަންވެ، ޝަރީޢަތް މިނިވަންވެ، މިހާރު އަޅުގަނޑުމެން ކުރާން މިއުޅެނީ އަނެއްކާވެސް ވެރިކަމުގެ ފަރާތުގައިވާ ބާރުގެ ތެރެއިން ބައެއް މިދުވާފަރަށް ދޭން، މިކަނދޮޅުދޫއަށް ދޭން. އެ ބާރު ދިނުމުގެ ވަލީވެރިންނަކީވެސް، އެ ބާރު ދިނުމުގެ ބެލެނިވެރިންނަކީވެސް އެމް.ޑީ.ޕީ. އެއީ، އަޅުގަނޑުމެން.     އެ ބާރެއް ދުލެއް ނުވާނެ ހެޔޮގޮތުގައެއް، އެމް.ޑީ.ޕީ ގެ ވަލީވެރިކަމުގެ ދަށުގައި ނޫނިއްޔަކާއެއް.      އެ ނޫންބަޔަކު މިފަލްސަފާއެއް ޤަބޫލެއް ނުކުރޭ. ޙަޤީޤަތުގައި، އައްސަވާ އެހެން ބޭފުޅުން ކައިރީގައި، ކޮންތާކު ކިހިނެއްތޯ ކައުންސިލް އޮންނަނީ، ހުންނަނީ. ކައުންސިލް މިބަސް ޤާނޫނުއަސާސީއަކު ނުވާނެ. އެއީ، އެމް.ޑީ.ޕީ ބަހެއް. "ކައުންސިލަރު" އެބަސް ޤާނޫނުއަސާސީއަކު ނުވާނެ. އެއީ، އެމް.ޑީ.ޕީ ބަހެއް. އަޅުގަނޑުމެން މި ކައުންސިލެއް އުފައްދާންވެގެން މިއުޅެނީ. އަޅުގަނޑުމެން މި ކައުންސިލެއް ބައްޓަން ކުރަމުން މިއަންނަނީ. އަޅުގަނޑުމެން ނޫން ބަޔަކާ ތިބޭފުޅުން މިވަގުތު އެކަމާ މަޝްވަރާ ކުރައްވަން އުޅުއްވައިފިނަމަ ފެންނާނެ ހިތި އަޅުގަނޑުމެންނަށް މިއަދުވެސް އެބަފެނޭ. އޭގެ ޒައްރެއްގެ މިންވަރަށް މިއަދު ފެންނަނީ. އަޅުގަނޑަށް މިރަށުގެ މެންބަރާއެކުގައި އަދި މަސައްކަތް ކުރެވޭނަމަ ތިބޭފުޅުންގެ ކިތަންމެކަމެއް ފުރިހަމަވެގެންދާނެ. އަޅުގަނޑުމެން ބޭނުންވަނީ ސީދާ ސުލްހަވެރި ސިޔާސީ ހަރަކާތް. އިންތިޒާމުވެގެން، ސިޔާސީ ޕާޓީއަކަށް ނިސްބަތްވެގެން ތިބޭ މީހުންނާއެކުގައި އަޅުގަނޑުމެން މަސައްކަތްކުރަން. ފަލްސަފާއަކަށް މަސައްކަތްކުރަން. ފިކުރަކަށް މަސައްކަތްކުރަން. ތިމާގެ އަމިއްލަ ޒާތީ ކަންކަމަށް ފައިދާވާ ގޮތަށް މަސައްކަތް ކުރާކަށެއްނޫން. މިރަށް ތަރައްޤީކުރުމަށްޓަކައި މިރަށު ރައްޔިތުންގެ ވިންދު އަޅުގަނޑުމެން ބޭނުމީ. މިރަށުގެ އެވެނި މީހެއްގައިން މިވެނި މީހެއް އެދޭގޮތެއް ނޫން. ތިބޭފުޅުން ޖުމްލަކޮށް ތިއެދޭގޮތް. އަޅުގަނޑަށް ޔަޤީން، ތިބޭފުޅުން ފުރިހަމަ ކައުންސިލެއް އެކުލަވާލާނެ. އަޅުގަނޑަށް އަދި ވަކީން ޔަޤީން، އަޅުގަނޑުމެންގެ ވަޢުދުތައް މިހާރުވެސް ފުއްދިފައި މިވަނީ އަޅުގަނޑުމެން އެއިރުގައި އުއްމީދުކުރިވަރަށްވުރެ މާރަނގަޅަށް، މާފުރިހަމައަށް.
 
ކުރިއަށް މިއޮތްތަނުގައި އަޅުގަނޑުމެނަށް ފެންނަން މިއޮތީ އުފާވާ ޒަމާން. އަޅުގަނޑު ދަންނަވާނީ އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މީރާގޭ.
 
والســّلام عليــكم.
_______________________