މަތިއުތުރު ޕްރޮވިންސްގައި ހިންގެވުމަށް ސަރުކާރުން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ ތެރެއިން، މިހާރު ފެށްޓެވެން ހުރި މަޝްރޫޢުތަކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށްޓެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު މެންދުރުކުރީގައި ކުޅުދުއްފުށީގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި، މިމަޝްރޫޢުތައް ކުރިއަށް ގެންދާނެ ގޮތާއި އަދި މިމަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ހުރި ދަތިތަކާ ބެހޭގޮތުން ކުރެއްވި މަޝްވަރާތަކަށް، ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ރިޢާޔަތް ކުރެއްވުމަށްފަހުގައެވެ. 

 
ކުޅުދުއްފުށީގައި، މިއަދު މެންދުރުފަހު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މި މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ދަތިތައް ހުރުމާއެކު، އެ ހުރި ދަތިތަކާބެހޭގޮތުން ޕްރޮވިންސް އޮފީހާއި ކަމާބެހޭ ވުޒާރާ މެދުވެރިކުރައްވައި، މަޝްވަރާ ކުރައްވައިގެން މަޝްރޫޢުތައް ފެށްޓެވޭނެ މަގު ހޯއްދެވުމަށް ނިންމެވިއެވެ.
 
ސަރުކާރުން މިއަހަރު މަތި އުތުރު ޕްރޮވިންސްގައި ހިންގެވުމަށް ހަމަޖެހިފައިވާ ތަފާތު މަޝްރޫޢުތަކުގެ ތެރޭގައި، ނޭޝަނަލް ޕްލޭނިންގ ކައުންސިލުން ފާސްކުރައްވާފައިވާ މަޝްރޫޢުތަކާއި، ޕީ.އެސް.އައި.ޕީ.ގެ މަޝްރޫޢުތަކާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ހިންގަވާ މަޝްރޫޢުތައް ހިމެނެއެވެ. މިދެންނެވި މަޝްރޫޢުތަކުގެ ދަށުން، މަތިއުތުރު ޕްރޮވިންސްގެ ބައެއް ރަށްރަށުގެ ތަޢްލީމީ ޙާލަތު ތަރައްޤީ ކުރެއްވުމާއި، ޞިއްޙީ ޚިދްމަތްތައް ތަރައްޤީ ކުރެއްވުމާއި، ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީ ކުރެއްވުމާއި، ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ޤާއިމުކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، އައުޓަރ އައިލެންޑް އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓް ހިންގެވުމާއި، ހައުސިންގ ޑިވެލޮޕްމަންޓް ޕްރޮގްރާމާއި، ތިލަވެފައިވާ ބަނދަރާއި ނެރުފަދަ ތަންތަން ފުން ކުރުމުގެ ޕްރޮގްރާމާއި، ބަނދަރު ހެދުމުގެ މަޝްރޫޢުއާއި، ސުނާމީގައި ހަލާކުވި ގެތަކާއި އިންފްރާސްޓްރަކްޗަރ ޤާއިމު ކުރެއްވުމުގެ ޕްރޮގްރާމާއި، އަލަށް މިސްކިތް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ރަށްރަށުގެ މިސްކިތްތައް ޢިމާރާތް ކުރެއްވުމުގެ ޕްރޮގްރާމާއި، ޕްރޮވިންސަށް ފަތުރުވެރިކަން ފުޅާ ކުރެއްވުމަށް ހިންގަވާ ޕްރޮގްރާމް ހިމެނެއެވެ.
 
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އަންނަ ރަބީޢުލްއައްޥަލް މަހުގެ 12 ވަނަ ދުވަހު އުފެއްދެވުމަށްވެސް ނިންމެވިއެވެ. އެދުވަހު ޔުނިވަރސިޓީ އުފެއްދެވުމަށް މި ނިންމެވީ، އެދުވަހަކީ، ކީރިތި ރަސޫލާގެ ޢީދުމީލާދު ދުވަސްކަމަށްވުމާއި، އެދުވަހަކީ، ރާއްޖޭގެ ތަޢްލީމުގެ އަލިގަދަ އެއް ދަންމަރު ކަމުގައިވާ "ދާރުލްޢުލޫމް" މީގެ 61 އަހަރު ކުރިން ހުޅުވުނު ދުވަސްކަމަށްވާތީއެވެ. ދާރުލްޢުލޫމް ހުޅުވުނީ، ހިޖުރައިން 1371 ވަނަ އަހަރުގެ ރަބީޢުލްއައްޥަލް މަހުގެ 12 ވަނަ ދުވަހުއެވެ.
 
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ، ރާއްޖޭގެ ތަޢްލީމީ ނިޒާމުގައި ވަރަށް ޚާއްޞަ މަގާމެއް ލިބޭނެ ތަނަކަށްވާތީ، އެތަން އުފައްދަވާ ތާރީޚް ކަނޑައެޅުއްވުމުގައި، ރާއްޖޭގެ ތަޢްލީމީ ޙަޔާތަށް ރިޢާޔަތް ކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއްކަން ވަޒީރުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ.
 

މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވަމުން، މާލެއިން ބޭރުގައި، ކުޅުދުއްފުށީގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވެވުނުކަމީ، ސަރުކާރަށް ވަރަށް އުފާވެރިކަމެއް ލިބޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.