بســماللّـهالرّحمـنالرّحيــم

 
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ޗެއަރޕަރސަން، ހިތާދޫގެ ކަތީބާއި ހިތާދޫގެ އިސްވެރިން. އަދި ވަޑައިގެން ތިއްބެވި ދައުލަތުގެ އެންމެހާ ވެރިންނާއި، އެހެން ރަށްރަށުން މިތަނަށް މިއަދު ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުންނާއި އަދި ވަކިން ޚާއްޞަކޮށް މި ހިތާދޫގެ އެންމެހާ ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑުމެން މީގެ ދެއަހަރު ކުރީގައި މިރަށުގައި އަޅުގަނޑު ދެންނެވިން، އެދުވަހު މި ރާއްޖެ އޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައޭ. އަޅުގަނޑުމެންނަށް އެބައޮތޭ، ޚަރާބުގެ މަގު ޚިޔާރުކުރެވެން. އެހެން ދިވެހިރާއްޖެއެއް ހޯދޭ. އަޅުގަނޑުމެންގެ ރައްޔިތުން ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ޚާއްޞަކޮށް މިރަށުގެ ރައްޔިތުން ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ނިންމީ،       މި ރައްޔިތުން ބޭނުމީ މުޅިން އެހެން ގޮތެކޭ. އެހެން ގޮތަކަށް ހިތާދޫ އޮންނާށޭ. އެހެން ގޮތަކަށް ތިޔަބޭފުޅުންގެ ޙާލަތު ބަދަލުވާށޭ. އެހެން ދިވެހިރާއްޖެއެކޭ. އަނެއް ދިވެހިރާއްޖެއެކޭ.
 
ތިޔަބޭފުޅުން އެދުނީ ތިޔަބޭފުޅުންގެ ޙާލަތު ބަދަލުވުމަށް ތިޔަބޭފުޅުންނަށް ލިބޭ އެއްޗެއް މިހާރަށްވުރެ ތަނަވަސްވުމަށް. ތިޔަބޭފުޅުންގެ ރަށާއި ތިޔަބޭފުޅުންގެ ޤައުމު ތަރައްޤީވުމަށް. އަޅުގަނޑުމެން ނުކުތީ، އަޅުގަނޑުމެން މަސައްކަތް ކުރަނީ، މިދެންނެވި ތިޔަބޭފުޅުންގެ އެދުންތައް އެއީ، ޙަޤީޤަތަކަށް ހެދުމަށް. ދޮރުން ދޮރަށް އަޅުގަނޑުމެން ހިނގީމު. ގެއިން ގެއަށް އަޅުގަނޑުމެން ދިޔައިމު. އެތައް ބަޔަކާ އަޅުގަނޑުމެން ވާހަކަ ދެއްކީމު. ކިތަންމެ މަޝްވަރާއެއްކޮށް އަދި އަޑު އުފުލާ މުޒާހަރާވެސް ކުރީމު. އަޅުގަނޑުމެން މިރާއްޖޭގެ ރައްޔިތުންގެ އަޑު ވަރަށް ސާފުކޮށް އެހިން. އަޅުގަނޑުމެންނަށް އިވުނު އަޑުތައް ހަނދާނެއް ނުނެތޭ. އަޅުގަނޑަކަށް އެއްގޮތަކަށްވެސް މިރަށުގެ ނަރުދަމާގެ މައްސަލަ އަދި މިރަށުގެ ފެނުގެ ކަންތައް ހުރި މިންވަރާއި ހުރި ދަރަޖަ ކުޑަކޮށްވެސް އަޅުގަނޑު ހަނދާނެއް ނުނެތޭ. އަދި މިރަށު މަސްވެރިންނަށް މިރަށު ބަނދަރު ދަތިވެފައި އޮތް މިންވަރާއި މިބަނދަރު ހަދަން ބޭނުންވާ މިންވަރުވެސް އަޅުގަނޑަކަށެއް ކުޑަކޮށްވެސް އޮޅިފައެއް ނުވޭ.
 
އަޅުގަނޑުމެންނަށް އެނގުނު އެންމެ މުހިންމު އެއް ޙަޤީޤަތަކީ، މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބައިވަރު ރައްޔިތުންނަކީ ނިކަމެތި ފަޤީރުންނޭ. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިންމީހަކުން ކުރެ އެކަކީ، އ.ދ.ގެ މިންގަނޑު ބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައި، ދަށުގައި ތިބި މީހުންނޭ. އެމީހުންނަކީ ރެޔަކާއި ދުވާލުގެ މަސައްކަތަށް ރެޔަކާއި ދުވާލަށް އެމީހުންނަށް ދިހަ ބާރަ ރުފިޔާ ނުލިބޭ ނިކަމެތިންނޭ. ރާއްޖޭގެ ކިތަންމެ ޚިދްމަތްތަކެއް އެއްގޮތަކަށްވެސް އަޅުގަނޑުމެން ހިތްހަމަނުޖެހޭ ގޮތަށް އޮތްއިރު މިދެންނެވި ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަށް މިއަންނަނީ އަޅުގަނޑުމެންގެ ތެރޭގައި ލިބެން ހުރި ޚިދްމަތްތަކަށްވެސް އަތްނުފޯރާފައި. އެމީހުންނަށް މިއޮންނަނީ މިދެންނެވި ނިކަމެތި ރައްޔިތުން، އެމީހުންގެ ބޭސްފަރުވާއަށް ބޭސް ހޯދުމަށްޓަކައި އެކެއް އަނެކެއް ކިބައިން ސަލާން ޖަހަމުން، އާދޭސް ކުރަމުން، ހިނގުން އެއީ، ޢާންމު ކަމަކަށްވެފައި. ފޮތް ލިސްޓަށް، ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލަދޭނެ ކަމަށް އެމް.ޑީ.ޕީ. ވައުދުވީ. މި ސަރުކާރުގެ ސިޔާސަތަކީ އެއީ. އެހެންވީމާ، މަދަނަ އުފެދިގެން އައީ. އަޅުގަނޑު މިއަދު އުފާވަނީ މި ހިތާދޫގެ 245 ރައްޔިތަކު މަދަނައިގައި ރަޖިސްޓަރީވެފައިވާކަމޭ. އެއިން ކޮންމެ ރައްޔިތަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ މާލިއްޔަތުގައި ރައްކާކުރެވިފައި އޮތްކަމީ އަޅުގަނޑުމެންނަށް ނުހަނު ހިތްހަމަޖެހުން ލިބޭ ކަމެއް.
 
 މި ރައްޔިތުންގެ ޞިއްޙަތާ ހަމަކަށަވަރުންވެސް މިރަށުގެ ނަރުދަމާ ގުޅިފައިވާކަން  މި ސަރުކާރަށް ވަރަށް ސާފު. އެހެންވީމާ، އަޅުގަނޑުމެންގެ މިއަހަރުގެ އެއް އަމާޒަކަށްވާނީ އިރާދަކުރެއްވިއްޔާ މިއަހަރު އެމަސައްކަތް މިރަށުގައި ފެށުން. އަޅުގަނޑުމެން އަބަދުވެސް ދައްކަމުން އައި އެއް ވާހަކައަކީ، އަޅުގަނޑުމެންނަށް ފެނުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންގެ ސިޔާސަތެއް އެކުލަވާލައި އެސިޔާސަތު ތަންފީޒުކުރަން ފެށުން. މިރަށުންވެސް ރާއްޖޭގެ އެހެން ރަށްރަށުންވެސް ދޮށީ އުމުރުގެ މީހުން، ހޮޅުއަށިތަކާޢި ގޮނޑުދޮށްތަކުގައި ރުއްގަސް ދަށުގައި އަދި މާލޭގައިވެސް ގޯތިތައް ބައިކުރަމުން އައިސް އެންމެފަހުން ބަދިގެ ދޮށުގައި ހުންނަ ކޮޅުފިލާ ގޮނޑީގައި ހުއްޓިފައި މަންމަ ނުވަތަ ކާފަ ހުއްޓާ އަޅުގަނޑުމެންނަށް ފެނިފައި އޮތީކީ މަދެއްކޮށެއް ނޫން. އަޅުގަނޑުމެން ވަޢުދުވިން، އަޅުގަނޑުމެން އަބަދުވެސް ބުނަމުން ދިޔައިން، މިރާއްޖޭގެ ދޮށީ އުމުރުގެ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފޯރުކޮށްދޭނަން.
 
 އަޅުގަނޑުމެންނަށް ޔަޤީން، އަޅުގަނޑުމެންނަށް އަބަދުވެސް އެނގިފައި އޮތް ޙަޤީޤަތަކީ، މިރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ރައްދުވެފައި މިއޮތީ އަޅުގަނޑުމެންގެ ކާބަފައިން މިއަދުގެ ދޮށީ އުމުރުގެ މީހުން ނިކަން މަސައްކަތް ކުރީތީއޭ. އެމީހުން ރުކަށް އެރީތީއޭ. އެމީހުން މަހަށް ފަރަށް ދިޔައީތީއޭ. އެމީހުން ރިޒޯޓް ފަހަރު ހެދީތީއޭ. އެމީހުން ވަޑާން ކުރީތީއޭ. ގެދޮރު އެޅީތީއޭ. އެމީހުން ކިތަންމެ ކިތަންމެ މަސައްކަތެއް ކޮށްފައި އޮތީތީއޭ. އެހެންވީމާ، މިއަދު މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންބަޔަކަށްތޯ ޕެންޝަނެއް ޙައްޤުވަނީ ހަމަކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީ ޤަބޫލުކުރާ ފަލްސަފާއެއް ނޫން އެއީ، އެ ެޕެންޝަން ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ މުވައްޒަފުންނަށް ކަމަށް. މި ސަރުކާރުން އެމް.ޑީ.ޕީ.ގެ ވަޢުދެއް ފުއްދުމަށްޓަކައި ސިޔާސަތު އެކުލަވާލީ އުމުރުން 65 އަހަރުވެފައިވާ ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި ހިތާދޫގެ 65 ރައްޔިތަކަށް މިދެންނެވި ޕެންޝަން ދެމުންގެންދާތާ މިހާރު މިވީ 2 އަހަރު. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި ހިތާދޫއަށް ކޮންމެ މަހަކު އެއްލައްކަ އަށާވީސްހާސްރުފިޔާ ދިނުމުގެ ފުރުސަތު މި ސަރުކާރަށް ލިބިފައިވާތީ.
 
އަޅުގަނޑުމެން ބޭނުމީ ރައްޔިތުންގެ އިޖްތިމާޢީ ތަރައްޤީ. އަޅުގަނޑުމެންނަށް ކަށަވަރު ޤައުމެއް، ރަށެއް ތަރައްޤީއެއް ނުވާނެ، އެރަށެއްގެ ރައްޔިތުންނަށް ސަލާމަތްތެރިކަމެއް ނުލިބޭހާ ހިނދަކު. ތަރައްޤީވާން މިޖެހެނީ ހިތާދޫ މީހާ. ހިތާދޫއެއްނޫން. ތަރައްޤީވާން މިޖެހެނީ ދިވެހި މީހާ. ރާއްޖެއެއް ނޫން. ޤައުމެއް ތަރައްޤީ ކުރެވޭނީ، އެޤައުމުގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމާއި އެ ރައްޔިތުންނަށް ކޮޅަށް ތެދުވެވުނީމާ. އަޅުގަނޑުމެން އުފައްދާން ބޭނުންވަނީ ހިތާދޫ ރައްޔިތެއް. ތިމަންނާއަކީ ތިމަންނާގެ ހަލާލު މަސައްކަތުން އަމިއްލަ ފައިސާ ހޯދައި، ތިމަންނާގެ އަނބިދަރިން ތިމަންނާ އަމިއްލައަށް ބަލާ ހިތާދޫ މީހެކޭ ބުނެ ހަމައިސްކޮޅަށް ހިންދެމިލާ ރައްޔިތެއް. ރައްޔިތުން އެކެއް ކައިރިން، އެއްސައުދާގަރެއް ކައިރިން އަނެއް ސައުދާގަރެއް ކައިރިން ސަލާން ޖަހަމުން ބޭސްފަރުވާއަށް ހިނގަމުންދާއިރުގައި، އެ ރައްޔިތުންނަށް ލިބޭނެ ޤަދަރެއް، ޢިއްޒަތެއް ހޯދަން ދެނެގަންނަން އަޅުގަނޑުމެންނަށް ދަތި. އެހެންވީމާ، މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، އިޖްތިމާޢީ ރައްކާތެރިކަން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، އެކަނިވެރި މައިންނާއި އަދި ޒަރޫރީ އެހެން ޚިދްމަތްތައް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ އެހީ ދިނުމަކީ، މި ސަރުކާރަށް ލިބޭ ވަރަށްބޮޑު ހިތްވަރެއް. އަޅުގަނޑުމެންނަށް ލިބޭ އުފަލެއް.
 
އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ ޤައުމެއް ތަރައްޤީވުމަށް، ތަރައްޤީވާން މިޖެހެނީ އިންސާނާކަން. ތަންދޮރުފިލާން މިޖެހެނީ ހިތާދޫ ރައްޔިތުންނަށްކަން. އެހެންވީމާ، ވަށާޖެހޭ ތަޢްލީމަކާއި އެއްދަންފަޅިއަށް ކިޔަވައިދޭ މަދަރުސާ އެއީ، މުހިންމު އެއްޗަކަށް ވެގެންދަނީ. އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ގިނަ މަދަރުސާތައް ވީހާވެސް އަވަހަކަށް އެއްދަންފަޅިއަށް ބަދަލުކުރުން. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ 2012 ވަނަ އަހަރު ހިތާދޫ މަދަރުސާ ހުޅުވާއިރުގައި އެމަދަރުސާ އެއްދަންފަޅިއަށް ބަދަލުވެގެންދާނެ.
 
މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މިދިޔަ 2010 ވަނަ އަހަރު މިރަށުގެ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަމާއި، މަދަރުސާއަށް ބޭނުންވާ ތަކެތި ހޯދުމަށް އެއްލައްކަ ވިހިހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ޚަރަދު ކުރެވިފައި އޮތް ކަމަކީ އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް އިތުރަށް ހިތްވަރު ލިބެނީ މިރަށުގެ ދަރިވަރުންނަށް އިމްތިހާނު ތަކުގައި ބައިވެރިވުމަށް ފީގެ ގޮތުގައި ފަންސާސް އެއްހާސް ރުފިޔާ ޚަރަދުކުރެވިފައި އޮތްކަމުން. އަޅުގަނޑު ގާތު ކިތަންމެ ބަޔަކު އަހާ ކީއްވެގެން ހެއްޔޭ މިރަށުގެ ނަރުދަމަޔާ ފުރަތަމަ އަހަރުވެސް އަޅުގަނޑުމެން މަސައްކަތް ނުކުރީ. ކޮންމެ މަހަކު މިރަށަށް އެއްލައްކަ އަށާވީސްހާސްރުފިޔާ ދިނުމުގެ ބަދަލުގައި މިރަށުގައި ނަރުދަމާއެއް ބިނާނުކުރީ. އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ ޙަޤީޤަތަކީ، ރައްޔިތުން ސަލާމަތް ނުވާހާ ހިނދަކު އަޅުގަނޑުމެންނަކަށް ޤައުމެއް ސަލާމަތެއް ނުކުރެވޭނެ. ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އަދި ހަމައެހެންމެ، މިރަށްރަށަށް މަސްވެރިކަން ދަށްވެ، ޓުއަރިޒަމްގެ ހީނަރުކަން އައިމާ، މިރަށްރަށުގެ އިޤްތިޞާދު ދައުރުވުމަށްޓަކައި ބޭނުންވާ ފައިސާ ކޮންމެވެސް ގޮތަކުން މިރަށްރަށް ދެވޭނޭ އިންތިޒާމެއް ހަމަޖެހުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑުމެން ދެކޭގޮތުގައި ޚާއްޞަކޮށް 2009 ވަނަ އަހަރުވެސް އަދި 2010 ވަނަ އަހަރުވެސް މިރާއްޖެ ތަދުވެގެން ދިޔައިރު، މިރަށަށް ސަރުކާރުން އެއްލައްކަ އަށާވީސްހާސްރުފިޔާ ކޮންމެ މަހަކު ދެވިފައި އޮތްކަމީ، މިރަށުގެ އިޤްތިޞާދު އަލުން އަނބުރާ އޭގެ ހަމަ އިސްކޮޅަށް އައުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް. އަދި ވަރަށްބޮޑު ފަހިކަމެއް. އަޅުގަނޑު އެކަމަށް ނިހާޔަތަށް މިއަދު އުފާވޭ.
 
 އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ، މިރާއްޖޭގެ ތަރައްޤީ. އަޅުގަނޑުމެންގެ އަބަދުވެސް ބޭނުމަކީ، ހިތާދޫގެ ކުރިއެރުން. މިމަގާމުގައި އަޅުގަނޑުމެން މިތިބެނީ އެންމެ ބޭނުމަކަށްޓަކައި. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދު ފުއްދުން. މި ސަރުކާރުން ވެފައިވާ ވަޢުދުތަކަކީ، މިރާއްޖޭގެ ރައްޔިތުންގެ އަޑު އަހައި، އެރައްޔިތުން ބޭނުންވި ކަންކަމަށް ބަލައި، މިރާއްޖެ ތަރައްޤީ ކުރުމަށް ކުރާންޖެހޭ ކަންކަން އޮޅުންފިލުވައި މި އެންމެ ހުރިހާ އެއްޗެއް އެއްތަންވާ ފަސް ވަޢުދަކީ، އަޅުގަނޑުމެން މިރާއްޖޭގެ ރައްޔިތުންނަށް ވެފައިވާ ފަސް ވަޢުދު. އެއީ، ރާއްޖެ ތަރައްޤީކުރުމަށް ކުރިން ކުރަންޖެހޭ ކަމެއް. އެކަންކަން ކުރުމުގައި އަޅުގަނޑުމެން ކުޑަކޮށްވެސް ފަހެއް ނުޖެހޭނަން. އަދި އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އެކަންކަން ކުރުމުގައި ތާއަބަދު އިރާދަކުރެއްވިއްޔާ އަޅުގަނޑު ހުންނާނަން.
 
ޤައުމެއް ތަރައްޤީވެ މިދަނީ ވަކި ޚާއްޞަ ކަންތައްތަކެއް ވަކި ގޮތަކަށް ވަކި އިރެއްގައި ކުރެވުނީމާކަމަށް އަޅުގަނޑުމެން މިއަންނަނީ އަބަދުވެސް ފާހަގަކުރަމުން. ވިޔަފާރި ކުރިއަރައި ގޮސްގެން މެނުވީ، ޤައުމެއް ތަރައްޤީއެއް ނުވާނެ. ވިޔަފާރި ކުރިއެރުމަށް މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކީގައި ބަދަލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އެހެންވީމާ، މިސަރުކާރުން ވަޢުދުވީ، މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލުމަށް. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި ހިތާދޫގެ އެއްހާސް އައްސަތޭކަ ނުވަދިޔަ ނުވަ ފަސިންޖަރުން މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި މިރަށުން ދަތުރަށް އަރާފައިވާތީވެ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިރަށުގެ އެއްހާސް ނުވަސަތޭކަ ފަންސާސް ނުވަ ރައްޔިތުން މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި މިރަށަށް ދަތުރު ހުއްޓާފައިވާކަން. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިރަށުގައި ފެރީ ޓަރމިނަލެއް ހެދިގެންދާނެ. އަދި ހަމަ އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަނީ، ދަތުރުފަތުރަށްޓަކައި ކޮންމެހެން ބޭނުންވާ އެކައްޗަކީ އަމާން ރަނގަޅު ބަނދަރެއް. އެހެންވީމާ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިއަހަރުގެ ބަޖެޓުގައި މިރަށުގެ ބަނދަރުގެ ބޭރު ތޮށި ހިމެނި، އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އަޅުގަނޑުމެންނަށް އެމަސައްކަތް ފަށައިގަނެވޭނެކަމަށް.
 
ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކަންތައްތައް އެއީ ވަކި ކަންތައްތަކެއް. އަޅުގަނޑުމެންގެ ބޭނުމަކީ، އެކަންތައްތައް ކުރުން. މި ސަރުކާރަކީ ބަނދަރު ހަދާ ސަރުކާރެއް ނޫން. މި ސަރުކާރަކީ، ތަރައްޤީގެ ނާރެސްތަކެއް އުފެއްދުމަށް މަސައްކަތް ކުރާ ސަރުކާރެއް. އަޅުގަނޑުމެން ބޭނުންވަނީ ބަނދަރު މައްޗެއް. އަޅުގަނޑުމެން ބޭނުންވަނީ ބަނދަރަކުން ރަށަށް އިޤްތިޞާދީ ކުރިއެރުން ލިބެން. އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންނަށް މިހާރަށްވުރެ އަދި ވަކިން ރަނގަޅު ގޮތެއް ވުން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ އެމަގަށް. އަޅުގަނޑުމެން ވަޢުދުވިން، އަޅުގަނޑުމެން އަބަދުމެ ބުނަމުން ގެންދިޔައިން، މިރާއްޖޭގެ މަސްވެރިންނަށް އެމީހުން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށް އަޅުގަނޑުމެންގެ ސަރުކާރަކުން މަސައްކަތް ކުރާނަމޭ. އަޅުގަނޑުމެން މިސަރުކާރު ހިންގުމާ ހަވާލުވީއިރު ރާއްޖޭގައި އެނގިވަޑައިގަންނަވާނެ، މަސްކިލޯއެއްގެ އަގު ހުންނަނީ ކިލޯ ހަމަނުވާ މަހަކަށް އެއްރުފިޔާ ފަންސަވީސް ލާރި ނުވަތަ ގިނަވެގެން ފަސްރުފިޔާ. މިއަދު ހިތާދޫ މަސްވެރިން ހެކިވާނެ، މަސްވެރިކަމުގެ ސިޔާސަތު ދޫކޮށްލީމާ ހިތާދޫގެ މަސްވެރިންނަށް ކިލޯއަކަށް ދިހަރުފިޔާ ނުލިބޭ ދުވަހެއް މިއަދު މަދުވާނެ. އަޅުގަނޑުމެންގެ ބޭނުމަކީ، މަސްވެރިންގެ އާމްދަނީ ދެގުނަކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ، މަސްވެރިންނަށް ކުރީގައި ލިބޭ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް މިއަދު ލިބުން. އަޅުގަނޑުމެން މިދެކެނީ ސަރުކާރުން ގަބޫލުކުރަނީ މަސްވެރިކަމުގެ ސިޔާސަތު، ވާދަވެރިކަމުގެ ސިޔާސަތެއްގެ ތެރެއަށް ދޫކޮށްލުމުން މަސްވެރިކަން ފުޅާވެ، އަދި މަހުގެ އަގު ރަނގަޅުވެ، މަސްވެރިންނަށް އޭގެ ސަބަބުން ލިބޭ މަންފާ ކިތަންމެ ތަނަކުން އިތުރުވެގެންދާނެކަމަށް.
 
 އެއްވެސް ޤައުމެއްގައި އެއްވެސް ތަނެއްގައި ސަރުކާރަކީ، ހަމައެކަނި ވަޒީފާދޭ ފަރާތް ކަމުގައެއް ނުބެލެވޭނެ. ވަކި ވަރަކަށް، ވަކި މިންވަރަކަށް، ރައްޔިތުންނަށް ސަރުކާރުން ކުރަންހުރި ކަންތައްތައް ކުރުމަށްޓަކައި ވަޒީފާގެ ފުރުސަތު ސަރުކާރުން ލިބޭނީ. އެހެންނަމަވެސް، އިތުބާރު ހުންނަ ވަޒީފާތަކުގެ ފުރުސަތު މިރަށްރަށުގައި ހުޅުވާލެވިގެން ނޫނީ، އިތުރުކުރެވިގެން މެނުވީ އަޅުގަނޑުމެންނަށް ޔަޤީން ހިތާދޫއެއްވެސް ތަރައްޤީއެއް ނުވާނެ. ވީމާ، މިފަހަރުގެ ބަޖެޓުގެ ވަރަށްބޮޑު އަމާޒަކީ ވީހާވެސް ގިނަ ވަޒީފާ އުފެއްދުން. އަމިއްލަ ވިޔަފާރިއަށް ލުއިލޯނު ދީގެންނާއި އަދި ސަރުކާރުގެ ގެރެންޓީ ދީގެން ވިޔަފާރިތައް ތަރައްޤީކޮށް، އެ ވިޔަފާރިތަކުގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަކީ، މިސަރުކާރުގެ ބޮޑު އަމާޒެއް. އިރާދަކުރެއްވިއްޔާ 2011 ވަނަ އަހަރުގެ ތެރޭގައި ތިޔަބޭފުޅުންނަށް އެކަންކަން ފެނިގެންދާނެ.
 
އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިއަންނަނީ ރާއްޖެ ތަރައްޤީ ކުރުމަށް އެންމެބޮޑަށް ބޭނުންކަމަކީ މި ރާއްޖޭގެ ރައްޔިތުން ދޫކޮށްލުމޭ. ރައްޔިތަކު އޮބަހައްޓާ، ރައްޔިތަކު ހިފަހައްޓާ، ރައްޔިތަކު ބިރުގަންނަވައިގެން އެޤައުމަކަށް އެރައްޔިތަކަށް ހޯދޭނެ، ލިބޭނެ ތަރައްޤީއެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެންގެ އެންމެ ބޮޑު މަޝްރޫޢަކީ ޑިމޮކްރަސީ. ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން. އެކަންކަން ރައްޔިތުންނަށް ލިބިދިނީމާ ނޫނީ، އެއްވެސް ޤައުމެއް މިދުނިޔެއަކު ތަރައްޤީވެ ގޮސްފައެއްނުވޭ. އިންސާނީ ތަޖުރިބާ ދައްކާފައިވާ އެންމެބޮޑު އެއް ޙަޤީޤަތަކީ، ބިރުން ތިބެ ކުރެވޭނެ ހަމަ އެއްކަމެއްވެސް އަޅުގަނޑުމެންނަށް ނޯންނާނެކަން.
 
އަޅުގަނޑުމެންނަށް ފެބްރުއަރީ 5 ވަނަ ދުވަހު ބިންގާ މިއެޅެނީ، މިދެންނެވި މަސައްކަތުގެ، ރަށު ދަރަޖައިގެ އެންމެ މުހިންމު މުއައްސަސާ. ރަށު ކައުންސިލް. ރަށު ކައުންސިލް އުފެދިގެން މިއަންނަނީ ޤަބޫލުފުޅު ކުރައްވާތި، އެމް.ޑީ.ޕީ.ގެ ނުހަނު މަސައްކަތުން. ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުޞޫލުތައް ކަނޑައެޅުނުއިރު އެއަސާސްގައެއް އެއިރަކުއެއްނެތް ލާމަރުކަޒީ އުޞޫލުން މިރާއްޖެ ހިންގާ ވާހަކައެއް. އެބާބު، 8 ވަނަ ބާބު މިހާރު އަޅުގަނޑުމެން ތަންފީޒު ކުރަން މިއުޅޭ ބާބު، ޤާނޫނުއަސާސީގައި އެކުލަވާލެވުނީމާ، ފަހުން އެމް.ޑީ.ޕީ.ގެ އެމް.ޑީ.ޕީ.އަށް ނިސްބަތްވާ ޚާއްޞަ މަޖިލީހުގެ ދެމެންބަރުން އެމާއްދާތައް، އެޤާނޫނުއަސާސީގައި ހިމެނުމަށް ހުށަހަޅައި އަދި އަޅުގަނޑުމެންގެ މެންބަރުންގެ ޙިކްމަތާއެކީގައި އެމަސައްކަތް ކާމިޔާބު ކުރެވުނީތީ. ލާމަރުކަޒީ އުޞޫލަކީ އަދި ރަށްވެރިކަމަކީ އެމް.ޑީ.ޕީ.ގެ ފަލްސަފާއެއް. އެއީ، އެމް.ޑީ.ޕީ. ވަކާލާތު ކުރަމުން އަންނަ ކަމެއް. ޤަބޫލުފުޅު ކުރައްވާ އަޅުގަނޑުމެން މިއުޅެނީ އަޅުގަނޑުގެ ރަށުގައި ހުރި އެއްޗެއް، ތިޔަބޭފުޅުންގެ ރަށަށް އެއިން ބައެއް ދޭންވެގެން. އަޅުގަނޑަށް ޔަޤީން، ރާއްޖޭގެ ހުރިހާ ރަށަކަށްވެސް، ހިތާދޫއަށްވެސް ވަރަށްބޮޑަށް ސާފުވާނެކަން. މިރަށު އެއްޗެއް، މިރަށު ރުކެއްވިޔަސް، މިރަށު އިންޖީނެއްވިޔަސް، މިރަށު ހޮޅިދަނޑިއެއްވިޔަސް، މިރަށު ކޮންމެ އެއްޗެއްވިޔަސް އެހެން ތަނަކަށް އެއެއްޗެއް ދިނުމަށް އަބަދުވެސް އަޅުގަނޑުމެން ފަހަށްޖެހޭ. މިއަދު އަޅުގަނޑުމެން މިކުރާ މަސައްކަތަކީ މާލޭގައި ހުރި އެއްޗެއް މިރަށަށް ދޭން ކުރާ މަސައްކަތް. އަޅުގަނޑުމެންގެ ޕާޓީއަކީ، މާލޭގެ ވެރިކަމުގެ ޚާންދާނުތަކުގެ ބޭފުޅުންގެ ގިނަ ޕާޓީއެއް. އަޅުގަނޑުމެން މިމަސައްކަތް ކުރަނީ، އެބޭފުޅުންގެ ކާބަފައިން އެއްކޮށްފައި އޮތް، މާލޭގައި ހުރި ބާރާއި މާލޭގައި ހުރި ތަނަވަސްކަން ރާއްޖޭގެ ރަށްތަކަށް ބަހާލުން.
 
 އަޅުގަނޑުމެން ޕާޓީގައި ނޫނިއްޔާ މިދެންނެވި ބޭފުޅުންނެއް ނުތިއްބަވާނެ. ރާއްޖޭގެ ވެރިކަން ހިންގާފައި އޮންނާނީ، ހިންގާފައިވާނީ އަދި ޚާއްޞަކޮށް މާލެއިން އެވެރިކަން ހިންގީ މިއަދުގެ އެމް.ޑީ.ޕީ.ގެ މެންބަރުންގެ ކާބަފައން. މިއަދު އަޅުގަނޑުމެން ކުރަން ނުކުމެ މިތިބި ކަމަކީ، އަޅުގަނޑުމެންގެ ކާބަފައިން، އަޅުގަނޑުމެން ރަށަށް ދީފައި އޮތް ބާރާއި ދީފައި އޮތް މުއްސަނދިކަން މިރަށްތަކަށް ބަހާލުމަށް. އަޅުގަނޑު ވަރަށް ބޮޑަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަން އެކަންކުރެވޭނީ އަޅުގަނޑުމެންނަށޭ. މިފަލްސަފާއެއް އެހެންބަޔަކު ގަބޫލެއްނުކުރޭ. މިކަން ހިންގާކަށް އެހެންބަޔަކު ނުމެއުޅޭ. އަޅުގަނޑަށް ޔަޤީން، ކަށަވަރު، ކައުންސިލެއް ހުންނަނީ، އޮންނަނީ ކިހިނެއްތޯ މިއަދުވެސް ތިޔައިން އެއްބޭފުޅަކު އަނެއްބޭފުޅަކާ އެއްސެވި ނަމަވެސް ސާފެއްނުވާނެ. މީހުން އިށީންނަނީ ކޮންތާކުތޯ؟ ގޮނޑިތައް ހުންނަނީ ކޮންތާކުތޯ؟ ކައުންސިލް ޤާއިމު ކުރެވެނީ ކޮންތާކުތޯ؟ މިހިރީ ހައްތަހާ އަޅުގަނޑުމެން އޮޅުންފިލުވާންވެފައިހުރި ކަންތައްތައް. އަޅުގަނޑުމެންނަކަށެއް ނެތް ފެބްރުއަރީ 5ވަނަ ދުވަހު ކައުންސިލުން އަތް ދޫކޮށްލެވޭކަށް. އަދި ހަމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑެއް ތާއީދެއް ނުކުރާނަމޭ، އަމިއްލަ ކެނޑިޑޭޓަކަށްވެސް އެމް.ޑީ.ޕީ. ކެންޑިޑޭޓް ނޫން ކެންޑިޑޭޓަކަށް. އަޅުގަނޑު ތާއީދުކުރާނީ، ހަމަ ސީދާ އެމް.ޑީ.ޕީ. ކެންޑިޑޭޓަށޭ. އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބައެނގެންޖެހޭ ވަކި ފަލްސަފާއެއްގެ މައްޗަށް ބިނާވެ، ވަކި ފިކުރެއްގެ މަތީގައި ހުރެގެން ނޫނިއްޔާ އަޅުގަނޑުމެން މިބޭނުންވާ ބަދަލު އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ. އެމް.ޑީ.ޕީ.ގެ ފަލްސަފާގައެއް އަމިއްލަ މީހަކު ނުހުންނާނެ. އެމް.ޑީ.ޕީ.އަށް ތާއީދުކޮށް އެހެން ބޭފުޅުން އުޅުއްވާނެ. އެމް.ޑީ.ޕީ.އާ ރުހޭ އެހެން ބޭފުޅުން އުޅުއްވާނެ. އެހެންނަމަވެސް، މިކަންކުރަން އެނގޭނީ އަޅުގަނޑުމެންގެ އަތްދަށުން މިކަން ކުރިއްޔާ. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މިދަންނަވަނީ، އަޅުގަނޑުމެންގެ އަތްދަށުން ނޫނިއްޔާ މިވަޑާމަށް ތިޔަބޭފުޅުން ނުނިކުންނަވައްޗޭ.
 
ރައްޔިތުންގެ ގާތުން، ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ ރުހުމާއެކީގައި ވެރިކަން ހިންގުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އެހެންނޫނިއްޔާ އަޅުގަނޑުމެންނަކަށް ރައްޔިތުންގެ އިޙްސާސްތަކެއް ނޭނގޭނެ. އެ އިޙްސާސްތައް ދެނެގަތުމަށްޓަކައި ހިންގާންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން ހިންގަމުން މިގެންދަނީ. އަދި މިކައުންސިލްގެ އެންމެބޮޑު ބޭނުމަކީ، މިރަށް ތަރައްޤީ ކުރުން. އެއްވެސް ނިޒާމެއްގެ ބޭނުމެއް ނެތް، އެނިޒާމަކުން އަޅުގަނޑުމެން ބޭނުންވާ ނަރުދަމާ އަޅުގަނޑުމެންނަށް ނުލިބޭނަމަ. އެއްވެސް ނިޒާމެއްގެ ބޭނުމެއް ނެތް، އެނިޒާމު މެދުވެރިކޮށް އަޅުގަނޑުމެންގެ ބަނދަރު ނުހެދެއްޏަކާއެއް. އަޅުގަނޑުމެން މިއުފައްދަނީ، އަޅުގަނޑުމެންގެ ބޭނުމަކީ، މިދަންނަވާ ނިޒާމު ޤާއިމު ކުރުން. އަޅުގަނޑުމެންގެ އަމާޒަކީ، ހިތާދޫ ތަރައްޤީ ކުރުން. އަޅުގަނޑެއް ހިތާދޫއެއް ދުލެއްނުކުރާނަން. މިރަށުގެ ރައްޔިތުން ޑިމޮކްރަސީއަށްޓަކައިވެސް، އަދި މިވެރިކަން ޤާއިމު ކުރުމަށްޓަކައިވެސް މިރަށުގެ ރައްޔިތުން ވެފައިވާ ޤުރުބާނެއް ހަނދާނެއް ނުނެތޭ. މިދިޔަ އަހަރުވެސް އަޅުގަނޑު ނިހާޔަތަށް މަސައްކަތް ކުރިން. އަޅުގަނޑުމެންނަށް ނުވީ. މިދިޔަ އަހަރުގައިވެސް ބަނދަރުގެ މަސައްކަތް ފަށައިނުގަނެވުނީ. އަދި ނަރުދަމާގެ މަސައްކަތްވެސް ފަށައިނުގަނެވުނީ. އަޅުގަނޑު މިފަހަރު، މިއަހަރު މި ޔަޤީން ކުރަނީ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެންނަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް. އެހެންނަމަވެސް، މިތަނަށް އަންނަ ކައުންސިލަކުން އަދި ރައްޔިތުންގެ މަޖިލީހުގެ އިތުރުން، އެހެންބަޔަކު އެކަމަށް ހުރަސްއަޅަން ފެށީމާ އަޅުގަނޑުމެންނަށް ދަތިވާނެ. އަޅުގަނޑުމެންގެ ބޭނުމަކީ، މިރަށުގެ ތަރައްޤީ. އަޅުގަނޑުގެ އަމާޒަކީ، މިރަށުގެ ރައްޔިތުންނާއެކީގައި އެމަސައްކަތް ކުރުން.
 
އެމް.ޑީ.ޕީ.ގެ ދާއިރާއެއްގެ ފުރަތަމަ ދާއިރާ ބައްދަލުވުން ބޭއްވުނީ މި ހިތާދޫގައި. ތިޔަބޭފުޅުންނަށް ފަހަރެއްގައި އެނގިފައި ނެތިދާނެ. އަޅުގަނޑުމެން މިރަށާއެކީގައި ކުރިއަށްދާން ނުކުމެ މިތިބީ. އަޅުގަނޑަށް ބައެއް ފަހަރު މިރަށަށް ނާދެވުނު ކަމުގައިވިޔަސްވެސް އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުން މިރަށަށް ނައިހެއް ނުތިބޭނެ. އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުން މިރަށުގެ ހާލު، އަޅުގަނޑުމެންގެ ޕާޓީގެ ޗެއަރޕަރސަން މިރަށުގެ ހާލު ނުބައްލަވައެއް ނުހުންނަވާނެ. އަދި އަޅުގަނޑަށް ވީ މިންވަރަކުންވެސް މިރަށަށް އައުން ގިނަކުރާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނާއެކީގައި، ތިޔަބޭފުޅުންގެ ތަރައްޤީގެ މަސައްކަތުގައި ކެނޑިނޭޅި އުޅޭނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ތިޔަބޭފުޅުންގެ ލޯ ލާރިއެއްގަވެސް އަޅުގަނޑެއް ނުޖެހޭނަން. އަޅުގަނޑު ކޮންމެ ދުވަހަކު ތިޔަބޭފުޅުންނަށްޓަކައި މަދުވެގެން ބާރަ ގަޑިއިރު މަސައްކަތް ކުރާނަން. އަޅުގަނޑު ހަމަ ދަންނަވާލާނީ، ކުރިއަށް މިއޮތީ އަޅުގަނޑުމެންގެ އުފާވާ ޒަމާނޭ، އުފާވެރިވި މިރާގޭ، ހިތާއޭ އަހާށޭ.  
 
والحَمْـدُ لِلّـهِ. والســّلام عليــكم.
 
               _______________________