بســماللّـهالرّحمـنالرّحيــم

 
އިންނަމާދޫގެ ވެރިން އަދި މިރަށުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.  
 
السّـلام عليـكم
 
މީގެ ދުވަސްކޮޅެއް ކުރީގައި، ދެއަހަރު ކުރީގައި އަޅުގަނޑު މިރަށަށް އައިން. ހަމަ މިތަނުގައިހެން ހުރެ ތިބޭފުޅުންނާ ވާހަކަ ދެއްކިން. އެދުވަހު އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެން އެދުވަހު ތިބީ، ހަތަރު އަނގޮޅިއެއްގެ ކަންމަތީގައޭ. އަޅުގަނޑުމެންނަށް އެބައޮތޭ، ޚަރާބުގެ މިޞްރާބަށް ދެވެންވެސް. ނޫންނަމަ، އަޅުގަނޑުމެނަށް އެބައޮތޭ، މުޅިން އެހެން ގޮތެއް. އެހެން ދިވެހިރާއްޖެއެއް. އަނެއް ދިވެހިރާއްޖެއެއް ހޯދެން. ރާއްޖޭގެ ގިނަ ރައްޔިތުން، ރައްޔިތުންގެ އަޣްލަބިއްޔަތު ނިންމީ، ރައްޔިތުން ބޭނުމީ މުޅިން އެހެން މަގެކޭ. މުޅިން އެހެން ގޮތެކޭ. ރާއްޖޭގެ ރައްޔިތުން ބޭނުމީ، އެމީހުންގެ ޙާލަތު އޭރު އެހުރި މިންވަރަށްވުރެ ރަނގަޅުވުން. ރާއްޖޭގެ ރައްޔިތުން ބޭނުންވީ ތަރައްޤީ. ރާއްޖޭގެ ރައްޔިތުން ބޭނުންވީ މިނިވަންކަން. ރާއްޖޭގެ ރައްޔިތުން ބޭނުންވީ އިޖްތިމާޢީ ރައްކާތެރިކަން.
 
މި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވުމުގެ ކުރީގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ ފަރާތުން ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް އަޅުގަނޑުމެން ދިޔައިމު. ހުރިހާ ރަށަކަށްހެން އަޅުގަނޑުމެން ދިޔައިމު. ރާއްޖޭގެ ހުރިހާ ގެއަކަށްހެން އަޅުގަނޑުމެން ޒިޔާރަތް ކުރީމު. ވަރަށްގިނަ މީހުނާ ބައްދަލުކޮށް، ވަރަށްގިނަ މަޝްވަރާކޮށް، ވަރަށްގިނަ ވާހަކަ ދައްކައި އަޅުގަނޑުމެން ހެދީމު. އަޅުގަނޑުމެން އެހި އަޑަށް ބަލައި، އަޅުގަނޑުމެން ދެއްކި ވާހަކަތަކާއި، ރައްޔިތުން އަޅުގަނޑުމެން ގާތުގައި ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ އިން އެކުލަވައިލީ، އެމީހުންގެ، އެ ޕާޓީގެ މެނިފެސްޓޯ ނުވަތަ ޕާޓީގެ އަސާސްތައް. އެމައްޗަށް ބިނާވެގެން، ސަރުކާރުގެ ސިޔާސަތު މިހާރު އެކުލެވިފައި މިއޮތީ.
 
އެދުވަހު އަޅުގަނޑުމެނަށް އެނގުނު އެއްޙަޤީޤަތަކީ، މި ރާއްޖޭގެ ވަރަށްގިނަ ޚިދްމަތްތައް ހުރީ ރައްޔިތުން އަދި އެދޭ މިންވަރަށް ނޫންކަން. އަދި މިދިޔަ ދެއަހަރު ތެރޭގައިވެސް، އެ ޚިދްމަތްތައް ރައްޔިތުން އެންމެ އެދޭ މިންވަރަށް އަޅުގަނޑުމެނަށް ބަދަލުކުރެވިފައި ނުވާކަން. ހަމަ މިކަން މިހެން އޮތްއިރުގައި، އަޅުގަނޑުމެނަށް ފާހަގަވި އަނެއް ޙަޤީޤަތަކީ، ރާއްޖޭގެ އާބާދީގެ ކޮންމެ ތިންމީހަކުންކުރެ އެކަކީ ނިކަމެތި ފަޤީރެއްކަން. އޭނާއަކީ އ.ދ. އެ ބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައި ހުރި މީހެއްކަމާއި، އެމީހާއަށް ލިބެނީ ރެޔާދުވާލަށް ދިހަ ބާރަ ރުފިޔާކަން. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ ނިކަމެތިންކަން. ޤައުމެއް ތަރައްޤީއެއް ނުވާނެ، އެ ޤައުމެއްގެ އާބާދީގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ، ނިކަމެތިންގެ ގޮތުގައި ތިބެގެނެއް. އަޅުގަނޑުމެންގެ ޙާލަތެއްވެސް ރަނގަޅެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ ޖީބަށް ވަންނަ ފައިސާގެ ޢަދަދެއްވެސް ރަނގަޅެއް ނުކުރެވޭނެ، އަޅުގަނޑުމެން މިބޭނުންވާ މުއްސަނދިކަން އަޅުގަނޑުމެންނަކަށް ނުލިބޭނެ. އެހެންވީމާ، ސަރުކާރުން ވަޢުދުވީ، ރައްޔިތުންނަށް، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދަކީވެސް، އެ ވަޢުދުތައް ފުއްދީމާ، މި ރާއްޖެ ތަރައްޤީވާނެ ކަންކަން ބަލައި، އަދި އަޅުގަނޑުމެން ގާތުގައި ރައްޔިތުން ދެއްކި ވާހަކަ އަޑުއަހައި، އެ މައްޗަށް ބިނާކޮށް ވެފައިވާ ވަޢުދުތަކެއް.
 
ސަރުކާރުން ވަޢުދުވީ، ބޭސް ސިޓީއަށް ސަލާންޖެހުން މި ސަރުކާރުން އިރާދަކުރެއްވިއްޔާ ނައްތާލަދޭނަމޭ. ސަރުކާރުގެ އަމާޒަކަށްވީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. ރައްޔިތުންނަށް ބޭސްފަރުވާއަށްޓަކައި އެއްސާދާގަރެއް ކައިރިން އަނެއް ސާދާގަރެއް ކައިރިން ސަލާން ޖަހަމުން ހިންގީމާ، ރައްޔިތު މީހާގެ ޤަދަރެއް، ޢިއްޒަތެއް ރައްކާތެރިއެއް ނުކޮށްދެވޭނެ. ތަރައްޤީވާން މިޖެހެނީ، އިންނަމާދުއެއްވެސް ނޫން، ރަސްމާދުއެއްވެސް ނޫން. އަދި ރ. އަތޮޅެއްވެސް ނޫން. ތަރައްޤީވާން މިޖެހެނީ އިންނަމާދޫ މީހާ. އެ މީހާއަށް ތަންދޮރުފިލާން މިޖެހެނީ. އެމީހާއަށް މުއްސަނދިކަމެއް ލިބެން މިޖެހެނީ. އެމީހާގެ އާމްދަނީ އިތުރުވާން މިޖެހެނީ. އެހެންވީމާ، މަދަނައިގެ ވިއުގަ އުފެދިގެން އައީ. އަޅުގަނޑު މިއަދު އުފާވަނީ، އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މި އިންނަމާދޫގެ 115 މީހަކަށް، މަދަނައިގެ ޚިދްމަތް ލިބެމުންދާތީވެ. އެއިން ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ، މާލިއްޔަތުގައި ރައްކާކުރެވިފައި އޮތީތީ.
 
އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައިދިނުން. އަޅުގަނޑުމެން ދޮރުން ދޮރަށް ހިނގިއިރުގައި، ރަށުން ރަށަށް ދިޔައިރުގައި ދުށިން، ހޮޅުއަށިތަކުގައި، ގޮނޑުދޮށްތަކުގައި އަދި ރުއްރުއްދޮށުގައިވެސް، މާލޭގައިވެސް ގޯތިތައް ފޮތި ކުރަމުން ކުރަމުން އައިސް، އެންމެފަހުން ބަދިގެ ހުރި ތަނުގައި ހުންނަ ކޮޅުފިލާގޮނޑިއެއްގައި ކާފަ ނުވަތަ މާމަ ހުއްޓިފައި، ވެއްޓިފައި އޮއްވައި. ޢުމުރުން ދުވަސްވީ މީހުންނަށް އަޅާނުލެވި، އަޅުގަނޑުމެން ރާއްޖޭގައި ކަންކަން ހިނގަމުންދިޔަގޮތް، މީގެ ދެއަހަރު ކުރީގައިވެސް އަޅުގަނޑުމެން ދުށީމު. އަޅުގަނޑު ހަމަގައިމުވެސް، އަޅުގަނޑު ނިސްބަތްވާ ޕާޓީއަށް އެއްގޮތަކަށްވެސް ގަބޫލު ކުރެވޭ ފަލްސަފާއެއް ނޫން އެއީ، މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރުގައި މަސައްކަތް ކުރި މީހުން ކަމަށް ދެކެވޭ ދެކުން. މިރާއްޖެ އަޅުގަނޑުމެނަށް މިގޮތަށް ލިބިފައި މިއޮތީ، އަޅުގަނޑުމެންގެ ދޮށީ ޢުމުރުގެ މީހުން، އަޅުގަނޑުމެންގެ ކާބަފައިން ނުހަނު ގިނަ މަސައްކަތް ކުރީތީވެ. އެމީހުން މަހަށް ފަރަށް ދިޔައީތީވެ، ރުކަށް އެރީތީވެ، ވަޑާން ކުރީތީވެ، ގެދޮރު އެޅީތީވެ، ރިޒޯޓްފަހަރުވެސް ހެދީތީވެ، އެމީހުން ކިތަންމެ މަސައްކަތެއް ކުރީތީވެ. އެހެންވީމާ، ސަރުކާރުން ވަޢުދުވީ، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އާމްދަނީ މަދު ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް. އަޅުގަނޑު މިއަދު ހިތްހަމަޖެހެނީ، މި ސަރުކާރު އުފާވަނީ، މިރަށުގެ 27 މީހަކަށް މިދެންނެވި ދެހާސް ރުފިޔާ، ގަވާއިދުން ދެމުންދާތާ މިވީ ދެއަހަރު. އަޅުގަނޑުމެނަށް ހިތްވަރާއި ހިތްހަމަޖެހުން މި ލިބެނީ، މިރަށަށް ކޮންމެ މަހަކު ފަންސާސް ހަތަރުހާސް ރުފިޔާ، މިދެންނެވި ޕެންޝަންގެ ގޮތުގައި ލިބުމުގެ ފުރްޞަތު ސަރުކާރަށް ފަހިވެފައިވާތީވެ.
 
މިރަށްރަށުގެ އިޤްތިޞާދު ދެމެހެއްޓުމަށް، މިރަށްރަށުގެ އިތުބާރު ހުރި އާމްދަނީއެއް އެބަ ރަށްރަށަށްދޭންޖެހޭ. އެ އާމްދަނީއަކީ ހަމައެކަނި ސަރުކާރުގެ ވަޒީފާއިން ފުއްދޭނެ ކަމެއް ނޫން. ސަރުކާރުގެ ވަޒީފާއަށް މިރަށަކަށް މަހަކަށް ފަންސާސް ހަތަރުހާސް ރުފިޔާއެއް ސަރުކާރަކުން ޚަރަދެއް ނުކުރެވޭ. އެހެން ނަމަވެސް، އިޖްތިމާޢީ ރައްކާތެރިކަމަށް ކޮންމެ މަހަކު މިކަން ކުރެވޭކަމީ،      މި ސަރުކާރު ދެކޭގޮތުގައި، މި އިންނަމާދޫގެ އިޤްތިޞާދަށްވެސް އަދި ކަންމަތީ ފިހާރަތަކަށްވެސް ނުހަނު ފައިދާހުރި ކަމެއް. އެއީ، އަޅުގަނޑުމެން ދެކޭގޮތުގައި، މިރަށުގެ ތަރައްޤީއަށް ނުވަތަ މިރަށް ހިފެހެއްޓުމަށް ވަކިން ޚާއްޞަކޮށް، 2009 ވަނަ އަހަރު އެދިމާވި ތަދާއި އަދި މަސްވެރިކަން ދަށްވެ، ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ ޢަދަދު މަދުވެ ދިޔައީމާވެސް އަޅުގަނޑުމެންނަށް މި ރާއްޖޭގެ ސަލާމަތްކަން ހިފެހެއްޓުނު މި ސަރުކާރު ދެކޭގޮތުގައި އެއްކަމަކީ މި އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް، އެހާ ރަނގަޅަށް އަޅުގަނޑުމެނަށް ހިންގޭގޮތް މެދުވެރިވީމާ. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި އެހެންވެސް އެކަނިވެރި މައިންނާއި ޔަތީމު ކުދިންނަށް ދެވޭ ޚިދްމަތް ސަރުކާރުން މިދަނީ ދެމުން. އަޅުގަނޑުމެނަށް ހިތްވަރު ލިބެނީ، މި އިންނަމާދޫގެ ފަސް މީހަކަށް މިދެންނެވި އެހީތެރިކަން ފޯރުކޮށްދެވޭތީވެ.
 
އަޅުގަނޑުމެނަށް އަބަދުވެސް އެބަ އެނގޭ، ޤައުމެއް ތަރައްޤީވުމަށް ޙަޤީޤަތުގައި ތަރައްޤީވާން މިޖެހެނީ، އިންނަމާދޫ މީހާކަން. ތަންދޮރު އޮޅުން މިފިލަން މިޖެހެނީ، އަޅުގަނޑުމެނަށް އެހެންވީމާ، ތަޢްލީމު އެހާ މުހިންމުވަނީ. އިންނަމާދޫ ސްކޫލްގެ ކަންތައްތައް މިހާރު އެއްދަންފަޅިއަށް ބަދަލުކުރުމަށް 4 ކްލާސްރޫމްގެ ޢިމާރާތް މިހާރު މިވަނީ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ނިމިފައި. އަދި މިއަހަރު އިރާދަކުރައްވައިގެން، މިރަށުގެ ސްކޫލް މިފެށެނީ، އެއްދަންފަޅިއަށް ކިޔަވައިދެމުން. 2010 ވަނަ އަހަރުވެސް، މިރަށުގެ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން ގަތުމަށްޓަކައި އަށްޑިހަނުވަހާސް ދުއިސައްތަ ހަތްދިހަ ރުފިޔާ ސަރުކާރުން ޚަރަދު ކުރެވިފައި އޮތްކަމީ،         މި ސަރުކާރަށް ލިބޭ އުފަލެއް. އަޅުގަނޑުމެނަށް ލިބޭ ހިތްހަމަޖެހުމެއް. ހަމައެހެންމެ، ދަރިވަރުންގެ އިމްތިޙާންގެ ފީގެ ގޮތުގައި ދެއްކުމަށްޓަކައި ތިރީސްހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، އަޅުގަނޑުމެނަށް ލިބޭ ހިތްވަރެއް. މިކަންކަމުގެ ނަތީޖާ ވަރަށްވެސް ފޮނި. އިންނަމާދޫ ސްކޫލްގެ ދަރިވަރުން، 5 މާއްދާއިން ފާސްވި މިންވަރު، 2009 ވަނަ އަހަރާ އަޅާބަލާއިރު، 2010 ވަނަ އަހަރު މިވަނީ 26 ޕަސެންޓުން މައްޗަށް ގޮސްފައި. އެކަމަށްޓަކައި ސްކޫލްގެ ހިންގުންތެރިންނަށާއި އަދި ހުރިހާ މައިންބަފައިންނަށް އަޅުގަނޑު މަރްޙަބާއާއި މުބާރަކްބާދީ ދަންނަވަން.
 
އަޅުގަނޑުމެން މިރަށަށް އައިސް ރައްޔިތުންނާ ދެއްކި ވާހަކައާއި، ކުރި މަޝްވަރާއާއި، ގެއިން ގެޔަށް ހިނގައި ލިބުނު މަޢްލޫމާތުގައި އަދި އޭގެފަހުންވެސް އަޅުގަނޑު    މި ނިސްބަތްވާ ޕާޓީގެ ދާއިރާ ރައީސް މެދުވެރިކޮށްގެނާއި އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީގެ ތެރެއިން އަޅުގަނޑުމެންނަށް ލިބިފައިހުރި މަޢްލޫމާތުން އިންނަމާދޫ ރައްޔިތުން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، މިސްކިތެއް ބިނާކުރުމުގެ ކަންތައް ހިމެނިފައި އެބައޮތް. މިއަދު އަޅުގަނޑުމެނަށް ހިތްހަމަޖެހުން މިލިބެނީ، 2011 ވަނަ އަހަރުގެ، މިއަހަރުގެ ބަޖެޓްގައި ހިމެނި އިރާދަކުރެއްވިއްޔާ، މިއަހަރު މިރަށުގައި މިސްކިތް އަޅަން ފެށޭނެ.
 
ތަރައްޤީއަށްޓަކައި ބޭނުންވާ ވަސީލަތްތައް ވަރަށްވެސް ގިނަ. އޭގެތެރޭގައި، ފަސޭހަ ގޮތުގައި އެއްތަނުން އަނެއް ތަނަށް ދަތުރުކުރެވޭގޮތްވުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. ތަރައްޤީ ހޯދޭނީ، މުއްސަނދިވެވޭނީ ވިޔަފާރި ކުރިއަރައިގެން. އެ ވިޔަފާރި ކުރިއެރުމަށްޓަކައި މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް ބަދަލުވާންޖެހޭ. އެހެންވީމާ، ސަރުކާރުން ވަޢުދުވީ، އެމް.ޑީ.ޕީ.ގެ ވަޢުދެއް އެއީ، ރާއްޖޭގެ ރަށްތައް ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލަދޭނެ ކަމަށް. އެ ނިޒާމުން ގުޅާލަދިނުމަށް ސަރުކާރުން ވަޢުދުވެފައިވަނީ، 7 އަހަރު ދުވަހުގެ ތެރޭގައި، އެ ނިޒާމް ޤާއިމް ކުރުމަށް. ފުރަތަމަ ދެއަހަރު އެ ނިޒާމްގެ އަސާސީ ޚިދްމަތްތައްދޭން ފެށުން. އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ، މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި، މިރަށުން 662 މީހަކު ފެރީގެ ނިޒާމަށް ދަތުރަށް އަރާފައިވާތީވެ. އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ މިރަށުގެ 652 މީހަކު މިރަށަށް ދަތުރު ނިންމާފައިވާތީވެ. މިރަށުގައި ފެރީ ޓަރމިނަލް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، މިއަހަރު ތެރޭގައި ފެށޭނެ. އަދި ހަމައެހެންމެ، މިރަށުގެ ބޭރުތޮށި ހެދުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި ފެށޭނެ.
 
އަޅުގަނޑުމެންނަކީ، މި ސަރުކާރަކީ ބަނދަރު ހަދާ ސަރުކާރެއް ނޫން.        މި ސަރުކާރަކީ ބަނދަރު ހަދާ ސަރުކާރެއް ނޫން. ބަނދަރުމައްޗެއް އުފައްދާން މަސައްކަތްކުރާ ސަރުކާރެއް. ބަނދަރެއްގެ ބޭނުމަކީ، އޭގެ އިޤްތިޞާދީ ފައިދާ ހޯދުން. ކޮންކްރީޓަކުންނެއް ތަރައްޤީއެއް ނުލިބޭނެ. ތަރައްޤީވެވޭނީ، ތިމަންނާ ކުރިއަރައިގެން. މިރަށު މީހާ، އިންނަމާދޫ މީހާ ހަމަ އިސްކޮޅަށް ތެދުވެވިގެން. އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް ވެރިކަން ކުރެވޭނޭ ގޮތެއް ހޯދުން.
 
ފެބްރުއަރީ 5 ވަނަ ދުވަހު އިރާދަކުރެއްވިއްޔާ، މި ބިންގާ އެޅެނީ، ރާއްޖޭގައި ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ބިންގާ. މި އިންނަމާދޫގެ ކައުންސިލްގެ ބިންގާ، ފެބްރުއަރީ 5 ގައި މި އެޅިގެން މިދަނީ، އެ އިންތިޚާބު ނިމޭ ދުވަހު، އެ ކައުންސިލް އުފެދުނީމާ. ގަބޫލުފުޅު ކުރައްވާ، ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ކަންކަމަކީ، ހަމަ ސީދާ އަޅުގަނޑުގެ، އަޅުގަނޑު ނިސްބަތްވާ އެމް.ޑީ.ޕީ.ގެ ވިސްނުމެއް. އަޅުގަނޑު އެކަމަކާއެއް ކުޑަކޮށްވެސް ޝައްކެއްނުކުރަން. ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުޞޫލުތައް ނިމިގެން އައިއިރުގައި، އެއަކު 8 ވަނަ ބާބުގެ ވާހަކައެއް ނެތް. ލާމަރްކަޒު ކުރާ ވާހަކައެއްވެސް ނެތް. ފުރަތަމަ ބާބުގައި ލިޔެފައި އޮތީ، ދިވެހިރާއްޖެއަކީ ޔުނިޓްރީ ދައުލަތެކޭ. އެހިސާބުން ފެށިގެން ލާމަރްކަޒު ކުރެވޭނެ ގޮތެއްވެސް އޮތް ކަމަކަށްވެސް އޭރުގައިވެސް، އޭރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ކުޑަކޮށްވެސް ގަބޫލެއް ނުކުރޭ. ލާމަރްކަޒީ އުޞޫލުން ހިންގުމަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނުހަނު ވަކާލާތުކޮށްގެން، 8 ވަނަ ބާބު ޤާނޫނުއަސާސީގައި ހިމެނުނު. މިހާރު އަޅުގަނޑުމެން މިއުޅެނީ އެ ބާބު ތަންފީޛު ކުރަން. މި ސަރުކާރަކަށް އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީއަކަށްވެސް އަތް ދޫކޮށްލެވޭކަށެއް ނެތް، އަޅުގަނޑުމެން ބޭނުން އިންނަމާދޫ ތަރައްޤީ ކުރަން. އަޅުގަނޑުމެން ބޭނުން މި ރާއްޖެ ތަރައްޤީ ކުރަން. އެކަމަށްޓަކައި އެންމެ މުހިންމު ވަސީލަތަކީ ރަށު ކައުންސިލް. ގަބޫލުފުޅު ކުރައްވާ، އެތައް ސަތޭކަ އަހަރެއް ވަންދެން މާލޭގައި ޖަމާވެފައި ހުރި ބާރެއް، މިއުޅެނީ ބަހާލަންވެގެން، ޤާނޫނުއަސާސީ ތަންފީޛު ކުރަމުންދިޔައިރުގައި، ފުރަތަމަ ޝަރީޢަތުގެ ބާރު ވަކިކޮށް، ޤާނޫނު ހެދުމުގެ ބާރު ވެރިކަމުގެ ފަރާތުން ވަކިކޮށްފި. އަދި މިހާރު އޭގެއިތުރަށް، ވެރިކަމުގެ ފަރާތުގައި އޮތް ހިންގުމުގެ ބާރުގެ ތެރެއިން ރަށްރަށާއި، އަތޮޅު އަތޮޅު ހިންގުމުގެ ބާރު މިއުޅެނީ ރަށަށް އަނބުރާ ދިނުމަށް. އެއީ، އަޅުގަނޑުމެން ހިންގާން މިއުޅޭ މަސައްކަތަކީ. މި ބާރު އޮތީ މާލޭގައި. މި ބާރު އޮތީ ހަމައެކަނި މާލޭގައެއް ނޫނޭ އަޅުގަނޑު ދަންނަވާނީ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިންނަކީ، މާލޭގެ ވެރިކަމުގެ ޚާންދާންތައް. މި ބާރަކީ މިދަންނަވާ ބަހަން މިއުޅޭ ބާރަކީ، އެ ޚާންދާންތަކުން މިދިޔަ އެތައް ސަތޭކަ އަހަރެއް ވަންދެން އެއްކޮށްފައިވީ ބާރެއް. އަޅުގަނޑުމެން މިއަދު ނުކުމެ މިތިބީ، އެ ބާރު މި ރަށްރަށަށްދޭން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، އެކަން ތަންފީޛު ކުރަން. އެކަމުގެ ވަލީވެރިންނަކީ އަޅުގަނޑުމެން. އެކަމުގެ ބެލެނިވެރިންނަކީ އަޅުގަނޑުމެން.
 
އަޅުގަނޑު ތިބޭފުޅުންގެ އަރިހުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވާނީ، ވިސްނަވައްޗޭ، ވިސްނަވާފައި ނޫނީ، މިކަމުގައި ފިޔަވަޅެއް ނާޅުއްވައްޗޭ. އެއްވެސް ހާލެއްގައި ލޯކަލް އިންތިޚާބަކީ ކުޑަކަމެއް ނޫން. އަދި އިންތިޒާމްވެގެން، ސިޔާސީ ޙަރަކާތް ހިންގިގެން މެނުވީ، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ. އަޅުގަނޑު އަބަދުވެސް ފާހަގަކުރަމުން އަންނަ ނުކުތާއެއް އެއީ، ތަރައްޤީވެވޭނީ މުއްސަނދިވެގެނޭ. ވިޔަފާރި ކުރިއަރައިގެނޭ. މުއްސަނދިކަން ތަރައްޤީވެގެނޭ. ސަރުކާރުން ވަޢުދުވިން، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުން، ސިޔާސަތަށް ގެންނަ ބަދަލުގެ ސަބަބުން، ވާދަވެރި މާރުކޭޓެއް އުފައްދައި، މަހުގެ ހަމަ އަގު، އިރާދަކުރެއްވިއްޔާ މަސްވެރިންނަށް ފޯރުކޮށްދޭނަމޭ. އެނގިވަޑައިގަންނަވާނެ، 2008 ވަނަ އަހަރުގެ ކުރީގައި، ކިލޯ ހަމަނުވާ މަހަކަށް މިލިބެނީ ދެރުފިޔާ ބައި ނުވަތަ ގިނަވެގެން ފަސްރުފިޔާ. މިއަދު ތިބޭފުޅުންނަށް ދިހަރުފިޔާ ކިލޯއަކަށް ނުލިބޭ އެންމެ ދުވަހެއްވެސް ނޯންނަކަމީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަދި ދުވަހެއް ދުވަހަކަށް މަހުގެ އަގު އިރާދަކުރެއްވިއްޔާ އެދަނީ ރަނގަޅުވަމުން. މަހުގެ ވިޔަފާރި، ވާދަވެރިކަމުގެ ތެރެއަށްދިޔަ މިންވަރަކަށް މަހުގެ އަގު ރަނގަޅުވާނެ. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް ތިބޭފުޅުންނަށް ބައިނަލްއަޤްވާމީ މާރުކޭޓްގައި އެއިރެއްގައި ހުންނަ އަގެއް މަހަށް ލިބިގެންދާނެ.
 
ބޭނުމަކީ ތަރައްޤީ. އަޅުގަނޑުމެން މިއުޅެނީ މުއްސަނދިވާން. އަޅުގަނޑުމެންގެ ބޭނުމަކީ މުއްސަނދިވުން. އިންނަމާދޫ މީހުން މުއްސަނދިވުން. ރާއްޖޭގެ ރައްޔިތުން މުއްސަނދިވުން. މިރާއްޖެ މުއްސަނދިވުން. އަޅުގަނޑުމެންގެ އަމާޒަކީ މުއްސަނދިކަން. އެ މުއްސަނދިކަން ހޯދުމަށްޓަކައި އަޅުގަނޑުމެން ހިންގާ މަޝްރޫޢުތައް މިހިންގަނީ. މިރަށުގައި ބަނދަރު ބޭރުތޮށި އަޅަނީވެސް އެހެންވެގެން. މިރަށުގެ މަދްރަސާ، އެއްދަންފަޅިއަށް ހަދަނީވެސް އެހެންވެގެން.      65 އަހަރުން މަތީގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދެނީވެސް މުއްސަނދިވުމަށްޓަކައި. ބޭނުމީ ތަނަވަސްކަން. ބޭނުމީ އަރާމު. ބޭނުމީ ތާޒާ ސާދާ ދިރިއުޅުމެއް. އަޅުގަނޑުމެންގެ އިންނަމާދޫ މަންޒަރެއް އެބައޮތް. އަޅުގަނޑުމެން ނުކުތީވެސް، އަޅުގަނޑުމެން ދެކޭގޮތުގައި މިރަށަށްވާންވީ ގޮތެއްގެ ސިފަ އަޅުގަނޑުމެންނަށް ފެންނާތީވެ. އަޅުގަނޑުމެން އެ ސިފަ ތިބޭފުޅުންގެ ވަކީލުންނާވެސް އަދި ޕާޓީގެ ވެރިންނާ މަޝްވަރާ ކުރަން. އެ ސިފައަށް ތިބޭފުޅުންނާ އެކީގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވެން އޮތީ، މިދަންނަވާ ބިންގާ ފެބްރުއަރީ 5 ގައި އެޅިގެން. އަޅުގަނޑަށް ޔަޤީން، ތިބޭފުޅުން ވިސްނުންތެރިކަމާއެކީގައި އެކަން ކުރައްވާނެ ކަމަށް. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެނަށް ކުރިއަށް މިއޮތީ، އުފާވާ ޒަމާނޭ. އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ.
 
والحَمْـدُ لِلّـهِ. والســّلام عليــكم
_______________________