بســماللّـهالرّحمـنالرّحيــم

 
މި ޕްރޮވިންސްގެ ވެރިން، މާކުރަތުގެ ވެރިންނާއި އަދި ވަކިން ޚާއްޞަކޮށް، މިރަށުގެ ލޮބުވެތި ރައްޔިތުން.   
 
السّـلام عليـكم
 
މީގެ ދެތިން އަހަރު ކުރީގައި އަޅުގަނޑުމެން ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ދަތުރުކުރިން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މިދެންނެވި ދަތުރުތަކުގައި، ރާއްޖޭގެ އެކިތަންތަނަށް ދަތުރުކޮށްހެދި. ރާއްޖޭގެ ވަރަށްގިނަ މީސްމީހުންނާ އަޅުގަނޑުމެން ބައްދަލުކުރީމު. ރާއްޖޭގެ ނުހަނު ގިނަ ގޭގެއަށް، ދޮރުން ދޮރަށް ގޮސް، ޒިޔާރަތްކޮށް، އެމީހުންގެ ޚިޔާލާތާއި ފިކުރު، އަޅުގަނޑު ނިސްބަތްވާ ޕާޓީގެ ފަރާތުން އޮޅުންފިލުވި. އަޅުގަނޑުމެނަށް އެދުވަހު ފާހަގަވި ކަންތައްތަކެއް ވެގެންދިޔައީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތުތަކަށް. އެޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އަޅުގަނޑު ކަނޑައަޅައި، އެ ޕާޓީން އަޅުގަނޑު ގާތުގައި ބުނީ، އެ ސިޔާސަތުތައް ރައްޔިތުންނަށް ގަބޫލުވޭތޯ، އެ ސިޔާސަތުތަކާ އެކުގައި އިންތިޚާބަށް ނުކުތުމަށް. ރާއްޖޭގެ ރައްޔިތުންނަށް އެދުވަހު އޮތް، އަޅުގަނޑުމެން ފާހަގަކުރަމުން އައިން،      މި ރާއްޖެ އެދުވަހު އޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައޭ. ރައްޔިތުންނަށް ޚަރާބުގެ މަގަށްވެސް ޚިޔާރު ކުރެވިދާނެއޭ. ނޫނިއްޔާ މުޅިން އެހެން ގޮތެއް، އެހެން ދިވެހިރާއްޖެއެއް، އަނެއް ދިވެހިރާއްޖެއެއް އަޅުގަނޑުމެނަށް ޚިޔާރު ކުރެވިދާނެއޭ.
 
ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުން އެދުނީ، މުޅިން އެހެން ގޮތެއް ހޯދަން. ރައްޔިތުންގެ ތެރެއިން ގިނަ މީހުން އެދުނީ، އެމީހުންގެ ޖީބަށް ވަންނަ ފައިސާގެ ޢަދަދު، އެދުވަހަށްވުރެ އިތުރުވުމަށް. ރައްޔިތުންގެ ތެރެއިން ގިނަ މީހުން އެދުނީ، ރައްޔިތުންގެ ޙާލަތު،     މި މާކުރަތު ރައްޔިތުންގެ ޙާލަތުވެސް، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވުމަށް. މާކުރަތު ތަރައްޤީވުމަށް. ތަރައްޤީއަކީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި ކުރެވިގެން މެނުވީ، ޙާޞިލްނުވާ ކަމެއްކަން ހަމަކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީއާއި އަދި މި ސަރުކާރަށް ވަރަށް ސާފުކޮށް އެނގޭ. މި ރާއްޖޭގެ ކިތަންމެ ކިތަންމެ ޚިދްމަތްތަކަކީ، ރާއްޖޭގެ ރައްޔިތުން އަދި  މާ ފުރިހަމަކުރަން ބޭނުންވާ ޚިދްމަތްތަކެއްކަން، މިދިޔަ ދިގު 30 އަހަރުވެސް އަދި މިދިޔަ ދެއަހަރުވެސް މި ސަރުކާރަށްވެސް ވަރަށް ބޮޑަށް ސާފު. މި ސަރުކާރުން ކުރާން ޖެހިފައިހުރި ކަންތަކަކީ ކޮބައިކަންވެސް ސަރުކާރަކަށް އޮޅިފައެއްނުވޭ. މާކުރަތުގައި ކުރާންހުރި ކަންކަންވެސް، އަޅުގަނޑަކަށްވެސް އަދި މި ސަރުކާރަކަށްވެސް އޮޅިފައެއްނެތް.
 
މިކަންކަން މިހެން އޮތް ހިނދު، އަޅުގަނޑު ނިސްބަތްވާ ޕާޓީ، އެމް.ޑީ.ޕީ.އަށް ފާހަގަވި އަދި މާ މުހިންމު ނުކުތާއަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިންމީހަކުންކުރެ އެކަކީ ފަޤީރެކޭ، ނިކަމެއްޗެކޭ. އ.ދ. ބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައި ހުރި މީހެކޭ. އޭނާއަށް ރެޔާދުވާލު ދިހަ ބާރަ ރުފިޔާ އާމްދަނީގެ ގޮތުގައި ނުލިބޭފަދަ ނިކަމެތި ފަޤީރެކޭ. މާކުރަތެއްވެސް، ރ.އަތޮޅެއްވެސް އަދި މި ރާއްޖެއެއްވެސް ތަރައްޤީއެއްނުވާނެ، ރާއްޖޭގެ ރައްޔިތުންގެ ތިންބައިކުޅަ އެއްބައި މީހުން ފަޤީރުކަމުގައި ތިއްބަކާއެއް. ސަރުކާރުގެ އެންމެބޮޑު އަމާޒަކަށްވީ، ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައިދިނުން. އެހެންވީމާ، މި ސަރުކާރުން ވަޢުދުވީ، އިރާދަކުރެއްވިއްޔާ، މި ސަރުކާރު ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލަދޭނަމޭ. އެ ވަޢުދުގެ ތެރެއިން މަދަނައިގެ ވިއުގަ އުފެދިގެން އައީ. އަޅުގަނޑު މިއަދު އުފާވަނީ، އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މި މާކުރަތުގެ 153 މީހުން މަދަނައިގައި ރަޖިސްޓްރީވެފައިވާތީވެ. އަދި އެއިން ކޮންމެ މީހަކަށް ބޭސްފަރުވާއަށްޓަކައި އެއްލައްކަ ރުފިޔާ މާލިއްޔަތުގައި ރައްކާކުރެވިފައިވާކަން. ސަރުކާރުގެ ބޭނުމަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. މި ސަރުކާރަކަށް ނުވިސްނޭ، ނުއެއްއެނގޭ، ރާއްޖޭގެ ރައްޔިތުން ބޭސްފަރުވާއަށްޓަކައި އެކެއް ކައިރިން އަނެކެއް ކައިރިން ސަލާން ޖަހަމުން ހިނގާހާ ހިނދަކު، އެ ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް ހޯދައިދެވޭނެ ގޮތެއް. ސަރުކާރުގެ ބޭނުމަކީ، އަމާޒަކީ މާކުރަތު ކޮންމެ މީހަކީވެސް، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ފައިސާ ހޯދައިގެން، ތިމަންނާގެ އަނބިދަރިން ބަލަހައްޓާ، ޙައްޤުތަކެއް ލިބިހުރި މާކުރަތު ރައްޔިތެކޭ ބުނެވޭނެ ދުވަހެއް ހޯދުން. މާކުރަތު މީހާ، ހަމަ އިސްކޮޅަށް ދެމި، ތިމަންނާގެ ރަށް، ތިމަންނާއަށް ތަރައްޤީ ކުރެވިދާނޭ ބުނާނެ ރައްޔިތަކު، މިރަށުގައި އުފެއްދުން.     އެ ބޭނުމަށްޓަކައި އަބަދުވެސް ކުރާން ފުރަތަމަޖެހޭ ކަންކަން ސަރުކާރުން މިދަނީ ކުރަމުން.
 
އެންމެ ފުރަތަމަ ވާޖިބަކަށް މިވަނީ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައިދިނުން. އަޅުގަނޑު ނިސްބަތްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ، އެއްވެސްއިރެއްގައި ޤަބޫލުކުރި ފަލްސަފާއެއް ނޫން އެއީ، މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ކަމަށް. މި ރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ، ދޮށީ ޢުމުރުގެ މީހުން ވަރަށްގިނަ މަސައްކަތް ކުރީތީވެ. އެމީހުން މަހަށް ފަރަށް ދިޔައީތީވެ. އެމީހުން އޮޑިދޯނިފަހަރު ބަނީތީވެ. ރުކަށް އެރީތީވެ. ވަޑާން ކުރީތީވެ. އެމީހުން ރިޒޯޓްފަހަރު އެޅީތީވެ. ކިތަންމެ ކިތަންމެ މަސައްކަތެއް އެމީހުން ކުރީތީވެ. އެހެންވީމާ، މިއަދު ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރު މުވައްޒަފަށް ކަމަށް ހަމަކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީއަށް ގަބޫލެއް ނުކުރެވޭ. އެހެންވީމާ، އެ ޕާޓީން ވަޢުދުވީ، ރާއްޖޭގެ، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް. މިއަދު މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެނަށް ހިތްވަރު ލިބެނީ، މި މާކުރަތުގެ 58 ރައްޔިތަކަށް މިދެންނެވި ދެހާސް ރުފިޔާ ގަވާއިދުން ދެމުންދޭތާ މިވީ ދެއަހަރު. ސަރުކާރަށް ލިބޭ ހިތްވަރަކީ، ސަރުކާރަށް ލިބޭ އުފާވެރިކަމަކީ، މި މާކުރަތަށް ކޮންމެ މަހަކު އެއްލައްކަ ސޯޅަހާސް ރުފިޔާ، މިދެންނެވި ޕެންޝަންގެ ގޮތުގައި ދިނުމުގެ ފުރްޞަތު ލިބިފައިވާތީ. ސަރުކާރަށް ވަރަށް ބޮޑަށް ސާފު، އަދި ޚާއްޞަކޮށް، 2009 ވަނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އިޤްތިޞާދު ކިތަންމެ ތަނަކުން ހީނަރުވެގޮސް، ބޭނޭ މަސް މަދުވެ، ރާއްޖެ އަންނަ ޓުއަރިސްޓުންގެ ޢަދަދުވެސް މަދުވެދިޔައިރުގައި، ރަށްރަށުގެ އިޤްތިޞާދުގެ ތެރޭގައި، ހަމަގައިމުވެސް، މާކުރަތުގެ އިޤްތިޞާދުގެ ތެރޭގައި، މިދެންނެވި އެއްލައްކަ ސޯޅަހާސް ރުފިޔާ، ކޮންމެ މަހަކު ދައުރުނުވިނަމަ، އަޅުގަނޑު ދަންނަވާނީ، މިރަށުގެވެސް އިޖްތިމާޢީ ޙާލަތު އަދި ކުރިއަށްވުރެ އެތައް ތަނަކުން ގޯސްވެގެން ދިޔައީހޭ.
 
އަޅުގަނޑުމެންގެ ބޭނުމަކީ ރައްޔިތުންނަށް ސަލާމަތްތެރިކަން ހޯދައިދިނުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ، މިދެންނެވި މަގަށް. މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ޔަތީމު ކުދިންނާއި އަދި އެކަނިވެރި މައިންގެ ގޮތުގައި ދެވޭ ފައިސާ، މިރަށުގެ 16 މީހަކަށް ދެވެމުން ގެންދާކަމީ، މި ސަރުކާރަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް. ތަރައްޤީއެއް ނުވެވޭނެ، މާކުރަތު ތަރައްޤީ ކުރިއަކަސް. އަދި ރ.އަތޮޅު ތަރައްޤީ ކުރިއަކަސް. އަދި މާލެ ތަރައްޤީ ކުރިއަކަސް. ތަރައްޤީވާން މިޖެހެނީ މާކުރަތު މީހާ. ތަންދޮރުއޮޅުންފިލާން މިޖެހެނީ އިންސާނާއަށް. އެހެން ނޫނިއްޔަކާއެއް އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. އަޅާ ބަނދަރަކުން، ހަދާ މަދްރަސާއަކުން، އަޅާ ވަށާ ފާރަކުން އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. ތަރައްޤީއަށްޓަކައި އެންމެ ފުރަތަމަ ކުރާންޖެހޭ ކަމަކީ، އިންސާނާ ހެޔޮހާލުގައި ހުރުން. މާކުރަތު މީހާ އިޖްތިމާޢީ ރައްކާތެރިކަމުގެ ވިއުގައެއްގެ ތެރޭގައި، ރައްކާތެރިކޮށްގެން މެނުވީ، މާކުރަތެއް ކުރިއަރައެއް ނުދާނެ. އިރާދަކުރައްވައިގެން، މިވޭތުވެދިޔަ ދެއަހަރު ސަރުކާރަށް މިވަނީ، މާކުރަތުގެ ވަރަށްގިނަ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެވިފައި.
 
އަޅުގަނޑު ގާތު ބައެއް މީހުން އަހާ، ރައީސް ކީއްވެގެންތޯއޭ މިރަށުގެ ބަނދަރުގެ، ތިޔަ ބުނުއްވާ ހުޅަނގު ފަރާތުގެ އަދި އިތުރަށް ބޮޑުހިލަ ޖައްސައި ވަރުގަދަ ނުކުރީ. އޭގެ ބަދަލުގައި ފަނަރަ މިލިއަން ރުފިޔާ މާލިއްޔަތުގައި ރައްކާކުރީ. ފަނަރަ މިލިއަން ރުފިޔާ މާލިއްޔަތުގައި ރައްކާކުރީ މާކުރަތު ތަރައްޤީ ކުރަން. މާކުރަތު ރައްޔިތުންނަށްޓަކައި، އެމީހުންގެ އިޖްތިމާޢީ ރައްކާތެރި ކަމަށްޓަކައި. އެކަންކޮށް، އަދި މިތަނުގެ ދަރިވަރުން، ސްކޫލްތަކުގައި ކިޔަވާ ކުދިންނަށް ރަނގަޅު ތަޢްލީމެއްދީ، ރަނގަޅު ޒުވާން ޖީލެއް އުފައްދައިގެން މެނުވީ، އަޅުގަނޑުމެން މިއެދޭ ބަދަލު، ޙަޤީޤީ ބަދަލު އަޅުގަނޑުމެންނަށް ހޯދަން ދަތިވާނެ. އެއްދަންފަޅީގައި ކިޔަވައިދޭ ސްކޫލަކަށް މާކުރަތު ބަދަލުކުރުމަށްޓަކައި މިރަށުގައި ފަސް ކްލާސްރޫމް އެޅުމުގެ މަސައްކަތް މިދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އުންމީދު ކުރަނީ، ތިންވަނަ ޓާރމް ފެށޭއިރު، މި މަދްރަސާ އެއްދަންފަޅިއަށް ބަދަލުވެގެންދާނެ ކަމަށް.
 
މި ސަރުކާރަށް އުފާވެރިކަން ލިބެނީ، އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ،    މި ރަށުގެ ދަރިވަރުންގެ  ފޮތް، ފަންސުރު، ގަލަން ހޯދުމަށްޓަކައި، މަދްރަސާއަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި، މިދިޔަ 2010 ވަނަ އަހަރު އެއްލައްކަ ނުވަދިހަހާސް އެއްސަތޭކަ އެއްރުފިޔާ ޚަރަދު ކުރެވިފައިވީކަމީ، މި ސަރުކާރަށް ލިބޭ އުފަލެއް. އަދި ހަމައެހެންމެ، މި މާކުރަތު ދަރިވަރުން، އިމްތިޙާންތަކުގައި ބައިވެރިވުމުގެ ފީގެ ގޮތުގައި ފަންސާސް ނުވަހާސް ނުވަސަތޭކަ ތިރީސް ރުފިޔާ ދައްކައިދެވިފައި އޮތްކަމީ، މި ސަރުކާރަށް އުފާވެރިކަން ލިބޭ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، މަދްރަސާ އެއްދަންފަޅިއަށް ހަދައި، ދަރިވަރުންނަށް ރަނގަޅު ވަށާޖެހޭ ތަޢްލީމެއް ދިނުން. އަޅުގަނޑުމެންގެ އަމާޒަކީ، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން C ފާހަށްވުރެން މަތިން ފާސްވާ ކުދިންނަށް ހެދުން. އަޅުގަނޑު ޔަޤީން ކުރަނީ، މިއަންނަ އަހަރު އަޅުގަނޑާ ތިޔަބޭފުޅުންނާ ބައްދަލުވާއިރުގައި، އަޅުގަނޑު ގާތުގައި ތިބޭފުޅުން ބުނުއްވާނެ ކަމަށް، މިތަނުގެ މަދްރަސާގެ ދަރިވަރުން، މިދިޔަ އަހަރާ އަޅާބަލާއިރު، އޯ ލެވެލް އިމްތިޙާނުން ފާސްވި ޢަދަދު މިވަނީ މިތައް މިތައް ޕަސެންޓުން ކުރިއަރަށްއަރާފައޭ. އަޅުގަނޑު މާކުރަތު ހުރިހާ މައިންބަފައިންނަށްވެސް އަދި ޓީޗަރުންނަށާއި ސްކޫލް ހިންގާ ހުރިހާ ބޭފުޅުންނަށް، އިޚްލާޞްތެރިކަމާއެކު ދަންނަވަން. ސަރުކާރު މިތިބީ ތިބޭފުޅުންނާ އެކީގައި މަސައްކަތް ކުރަން.
 
މި ސަރުކާރުގެ މާކުރަތު ތަރައްޤީ ކުރުމުގެ ވިސްނުމެއް އެބައޮތް. އަޅުގަނޑުމެންގެ ތަޞައްވުރެއް އެބައޮތް. އަޅުގަނޑުމެން މިކަން ކުރާންޖެހޭ ގޮތްތަކެއް އަޅުގަނޑުމެން ވަނީ ކުރަހާފައި، ކަނޑައަޅާފައި. އަޅުގަނޑުމެން ބޭނުންވަނީ، އެ ވިސްނުމާ އެކީގައި، ތިބޭފުޅުންނާ ޙިއްޞާކޮށްގެން، ތިބޭފުޅުންނާ އެކުގައި މި ރަށް ތަރައްޤީ ކުރެވޭނެ ގޮތެއް ހޯދާން. އަޅުގަނޑު ދަންނަވާން ޖެހެނީ، އެފުރްޞަތެއް އަޅުގަނޑަކަށް އަދި މި ސަރުކާރަކަށް އަދިއެއް ނުލިބެއޭ. މިމާކުރަތުގެ ބަނދަރު ހަދަމުން އައިއިރުގައި، އަޅުގަނޑަށް މިއަދު ފާހަގަވެއްޖެ، ތިބޭފުޅުން ތިބުނުއްވާ ވާހަކަ. ބަނދަރުގެ ބައެއް ރަނގަޅަށް ނުނިމިހުރި ވާހަކަ. ދަންނަވަންތޯ، ތިބޭފުޅުންގެ ވަކީލެއް އަޅުގަނޑު ގާތުގައި ހުރިނަމަ، އެއީ ހަމަކަށަވަރުން އަޅުގަނޑުމެނަށް ދޫވެގެންދާނެ ބާވަތުގެ ކަމެއް ނޫން. އަނެއްކާ އަލުން އަނބުރާ އެމަސައްކަތް ކުރުމަށްޓަކައި އިތުރު ކިތަންމެ ޚަރަދެއް އެބަ ކުރާންޖެހޭ. އެހެން ނަމަވެސް، ސީދާ ތިބޭފުޅުންގެ ފަރާތުން ވަކާލާތުކުރާ ބޭފުޅުން. އަޅުގަނޑަށްވެސް އެނގޭ، ރަށުން ކޮންމެވެސް ކުއްޖަކު ފައިލެއް ހިފައިގެން ކޮންމެވެސް ތަނަކަށްގޮސް ވާހަކަ ދައްކަވާފާނެ. އެހެން ނަމަވެސް، ދައުލަތުގެ ވެރިއެއްގެ ޙައިޘިއްޔަތުން އަޅުގަނޑު ވާހަކަ ދައްކަންޖެހެނީ ވަކީލާ. އަޅުގަނޑު މަޝްވަރާ ހޯދަންޖެހެނީވެސް އިންތިޚާބުވެފައި ތިބޭ ބޭފުޅުންގެ ކިބައިން. އަޅުގަނޑަކަށް މި މާކުރަތަކުން އެ ފުރްޞަތެއް ނުލިބުނު. އަޅުގަނޑު އުންމީދު ކުރަނީ، ދެންވެސް މި ސަރުކާރަށް ތިބޭފުޅުން އެ ފުރްޞަތު ދެއްވާނެ ކަމަށް.
 
އަޅުގަނޑުމެންގެ އެބައޮތް މިރަށް ތަރައްޤީ ކުރުމުގެ ވިސްނުމެއް. އަޅުގަނޑުމެނަށް އެނގޭ، މިރަށުގެ ވަޒީފާގެ ފުރްޞަތުތައް ވަރަށްބޮޑު ދަރަޖައަކަށް ގުޅިފައިވަނީ ހުއިފިލަނޑާގެ މަސައްކަތާއި އަދި އިހި ނެގުމާއި، އެހެންވެސް އަކުއަރކަލްޗަރގެ މަސައްކަތާ. މި ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ކަނޑުމަސްވެރިކަން އެކަނި ދިރުވުމެއް ނޫން. އަދި ކަނޑުގެ ރޯދި އަޅުގަނޑުމެންނަށް ނެގެން ހުރި ތަނަކުން ނެގުން. އެކަމަށްޓަކައި މިހާރު ނ. އަތޮޅުގެ ކިތަންމެ ރަށެއްގަޔާއި އަދި އަޅުގަނޑަށް ޔަޤީން، ތިބޭފުޅުންނަށް ފާހަގަވާނެ ހުޅުދުއްފާރުގައިވެސް، ނޫން ކެނދިކުޅުދޫގައިވެސް، ހުޅުދުއްފާރެއް ނޫން، މަޢާފް ކުރައްވާ. ނ. އަތޮޅުގެ އެތައް ރަށެއްގައި ހުއިފިލަނޑާގެ ދިރިއުޅުމުގެ، އާލާކުރުމުގެ މަސައްކަތުން އިރާދަކުރެއްވިއްޔާ، އެރަށްރަށަށް މިއޮތީ ވަރަށް ރަނގަޅު ތަރައްޤީގެ ފުރްޞަތުތައް ލިބެން. އަޅުގަނޑުމެން ބޭނުންވަނީ، މާކުރަތަށްވެސް އެފުރްޞަތުތައް ހޯދައިދޭން. އަޅުގަނޑުމެން ބޭނުންވަނީ، މިރަށުގެ ތަރައްޤީ އަޅުގަނޑުމެންނާ އެކީގައި، ތިބޭފުޅުން މަސައްކަތް ކޮށްގެން، އެ ތަރައްޤީ ހޯދުމަށް މަސައްކަތް ކުރުން. މިރަށުގެ ބަނދަރާއި އަދި އެބަނދަރާ ގުޅޭ އެހެން އެހެންވެސް ކަންކަން، ތަރައްޤީ އަޅުގަނޑުމެނަށް ކުރެވޭނީ، އަޅުގަނޑުމެނަށް އެކަން ކުރާނެ މަގެއް ފެނުނީމާ. މި ސަރުކާރަކީ މި ސަރުކާރަށް ފެންނަ ގޮތަކަށް ކަންތައް ކުރަންއުޅޭ ސަރުކާރެއް ނޫން. އަޅުގަނޑުމެން ކަމެއް ކުރާނީ، ރައްޔިތުންގެ ވަކީލުން އެގޮތަށް އެކަން ކުރުމަށް އަޅުގަނޑުމެން ގާތުގައި ބުނީމާ. އަދި އެ ވަކީލުން އަޅުގަނޑުމެންނާ އެކުގައި މަސައްކަތް ކުރެއްވީމާ.
 
އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް އަމާޒަކީ، މިދެންނެވިހެން ރައްޔިތުންގެ ގާތުން، ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތްވާ ގޮތުގެ މަތިން ވެރިކަން ކުރުން. ހެޔޮގޮތުގައި ވެރިކަން ކުރުން. އޯގާތެރި ވެރިކަމެއް ކުރުން. އެކަން ކުރުމަށް އިރާދަކުރެއްވިއްޔާ، ފެބްރުއަރީ 5 ގައި މިއަޅަނީ ބިންގަލެއް. މި މާކުރަތުގެ ރަށު ކައުންސިލްގެ އިންތިޚާބުވެގެން އަންނާނެ. އެ އިންތިޚާބުގައި އަޅުގަނޑުމެނަށް މި ރަށް ތަރައްޤީ ކުރުމުގެ ވަސީލަތެއްގެ ގޮތުގައި، އިރާދަކުރެއްވިއްޔާ، އެ އިންތިޚާބު އަޅުގަނޑުމެނަށް ބޭނުންކުރެވޭނެ. ގަބޫލުފުޅު ކުރައްވާ، ވާންމިއުޅޭ ގޮތަކީ، މާލޭގައި އަޅުގަނޑުގެ ރަށުގައި ހުރި ބާރުތަކެއް މިއުޅެނީ ބަހާލަންވެގެން. އެ ބާރު ދިން ބައެއް މިއުޅެނީ މިރަށަށް ދޭން. މި ޤާނޫނުއަސާސީ ތަންފީޛު ކުރަން ފެށިއިރު ފުރަތަމަ ތިންބާރު ވަކިކުރެވުނީ. ވެރިކަމުގެ ކިބައިގައި، މީގެކުރީގައި ޝަރީޢަތް ހިންގުމުގެ ބާރުވެސް އަދި ޤާނޫނު ހެދުމުގެ ބާރުވެސް އޮތީ. ފުރަތަމަ ކުރެވުނު ކަމަކީ، ސުޕްރީމް ކޯޓެއް އުފައްދައި،  ޝަރީޢަތް ވަކިކުރެވުނީ. ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ މެންބަރުން، އެމަޖިލީހުގައި ނުތިބެވޭގޮތް ހެދީ. މަޖިލީހުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހެއްގެ ގޮތުގައި ނުހެދީ. އަދި ރައްޔިތުންގެ މަޖިލިސް، ވެރިކަމުގެ ފަރާތުން ދުރަށް ގެންދިޔައީ. މިހާރު އަނެއްކާ އަޅުގަނޑުމެން ކުރާން މިއުޅޭ ކަމަކީ، ވެރިކަމުގެ ފަރާތުގައިވާ އިތުރު ބާރުތަކެއް، މިތަންތަނަށް، މި ރަށްރަށަށް ބަހާލުން. އެއީ މާލޭގައި ހުރި ބާރެއް. އެއީ އަޅުގަނޑުމެންގެ ރަށުގައި ހުރި ބާރެއް. އަޅުގަނޑު ހަމަ އިތުރަށް ދަންނަވާނަން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރޝިޕަކީ، ވަރަށްގިނަ ގޮތްގޮތުން ތަފާތު ލީޑަރޝިޕެއް. އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބަވާނީ، އެރަށްރަށުގެ ބޭފުޅުން. މާލޭގައި ހުންނަ މީހަކު މާކުރަތަށް ކުރިމަތިލައިގެން އުޅުނީމާ، މާކުރަތުގައި ވާގޮތެއް ނޭނގޭނެ. އަޅުގަނޑަށް އެނގޭނެ މާލޭގައިވާގޮތް. އަޅުގަނޑަކަށެއް ނޭނގޭނެ މާކުރަތުގައިވާ ގޮތެއް. އެކަން އެނގޭނީ މިއަތޮޅު ދަރިއަކަށް. އެކަން އެނގޭނީ މިރަށު ކުއްޖަކަށް. މާލޭ މީހަކަށެއް އެކަމެއް ނޭނގޭނެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ހުރިހާ މެންބަރުންނަކީ، އެންމެ މެންބަރެއް ފިޔަވައި ހަމަ ސީދާ އޭނާގެ ރަށުން އިންތިޚާބުވެފައި ހުރި މީހެއް. އެހެންވީމާ، އޭނާއަށް އެބަ އެނގޭ، އޭނާގެ ރަށުގައި ކަންވާގޮތްވެސް، ވާންވީ ގޮތްވެސް. ހަމަ އޭގެއިތުރުން، އެމް.ޑީ.ޕީ.ގެ މެންބަރުންނަކީ، ޚާއްޞަކޮށް، ލީޑަރޝިޕަކީ ޒަމާންވީ މާލޭގައި އެއްވެފައި އޮތް ވެރިކަމުގެ ބާރުގެ، އެބާރުތައް އެއްކުރި ޢާއިލާތަކުގެ މިއަދުގެ ދަރިން. މިއަދުގެ ޖީލު. މާލޭގެ ވެރިކަމުގެ، ރާއްޖޭގެ ވެރިކަމުގެ ޚާންދާންތަކުގެ މިއަދުގެ ޖީލު. އަޅުގަނޑުމެން މިއުޅެނީ، އެ ބާރު، އެބޭފުޅުންގެ ކާބަފައިން، މައިންބަފައިން އެއްކުރި ބާރު، މިރާއްޖެއަށް ބަހަން. އެ ބާރުގެ ވަލީވެރިންނަކީވެސް، އެ ބެހުމުގެ ވަލީވެރިންނަކީވެސް، ބެލެނިވެރިންނަކީވެސް އަޅުގަނޑުމެން. އަޅުގަނޑުމެނާ އެކުގައި މިކަން ކުރައްވާން އުޅުއްވިއްޔާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް މިކަން ކުރެވޭނެ. މާމޮޅު ފިކުރެއް ހުރެގެން، މާމޮޅު އެހެން ގޮތެއް އޮތްކަމަށް ދެކި، ޚަރާބަށް ވަޑައިގެންނެވީމާ، ހުރަސް މިއެޅެނީ ރަށުގެ ތަރައްޤީއަށް.
 
އަޅުގަނޑުމެންގެ އަމާޒަކީ މާކުރަތު ތަރައްޤީ ކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ މާކުރަތު ރައްޔިތުންނަށް އުފާފާގަތި ކަމުގައި އުޅެވޭނެ ދުވަހެއް ހޯދުން. މި ސަރުކާރުންވެސް އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީންވެސް އަބަދުވެސް ފާހަގަކުރަމުން އައި ނުކުތާއެއް، ވިޔަފާރި ކުރިއަރައިގެނޭ ތަރައްޤީ ލިބޭނީ. ވިޔަފާރިއަށްޓަކައި މުދަލާއި ފަސިންޖަރުން، އެއްތަނުން އަނެއް ތަނަށް ފަސޭހަ ގޮތުގައި ދަތުރުކުރެވެންޖެހޭ. ދެވެންޖެހޭނެ. އަޅުގަނޑުމެން ވަޢުދުވިން، ލާމެހިފައިވާ ދިވެހިރާއްޖެއެއް އުފެއްދުމަށް. ރާއްޖޭގެ އެއްރަށާއި އަނެއް ރަށާ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލަދިނުމަށް. އަޅުގަނޑުމެން ވަޢުދުވިން، މުޅި ޖުމްލަ 7 އަހަރު ދުވަހުގެ ތެރޭގައި، ދަތުރުފަތުރު ކުރުމުގެ ނިޒާމް ފުރިހަމައަށް ތަޢާރުފް ކުރުމަށް. އަދި ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި، އަސާސީ ޚިދްމަތްތައްދޭން ފެށުމަށް. އަޅުގަނޑު މިއަދު އުފާވަނީ، އަޅުގަނޑުމެން ހިތްހަމަޖެހެނީ، މި މާކުރަތުގެ 1037 މީހުން، މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ދަތުރަށް އަރާފައިވާތީވެ. އަދި މި މާކުރަތަށް 967 މީހުން، މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ދަތުރު ނިންމާފައިވާކަމުން. އިރާދަކުރެއްވިއްޔާ، ފެރީ ޓަރމިނަލް ޤާއިމް ކުރެވޭނެ. މިރަށުގައި އެމަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި ހަމައެހެންމެ، މިހާރު ތިބޭފުޅުން ތި އެދޭ މާކުރަތުގެ ބަނދަރުގެ މަސައްކަތް، ދެން ހެދެން އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ އަޅުގަނޑު ބަލައިދޭނަން. އެހެން ނަމަވެސް، އެއަށްވުރެ ބޮޑަށް އެމަސައްކަތް ބަލަން އަދި އެމަސައްކަތް ކުރަން އަޅުގަނޑާ އެކުގައި ރަނގަޅު ފަހުލަވާނުންތަކެއް ނުލިބޭހާ ހިނދަކު، އަޅުގަނޑުމެނަކަށެއް އެމަސައްކަތް ކާމިޔާބުކަމާއެއްކަކު ނުކުރެވޭނެ.
 
ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމަށްޓަކައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް އެބަ އަޅުގަނޑުމެން ފޯރުކޮށްދޭންޖެހޭ. ފެނާއި ނަރުދަމައާއި ކަރަންޓްގެ ޚިދްމަތަކީ، ކޮންމެހެން ރައްޔިތުންނަށް ބޭނުންވާ ޚިދްމަތެއް. މި ސަރުކާރަށްވެސް އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީއަށްވެސް ވަރަށް ސާފުކޮށް އެނގޭ، ރާއްޖޭގެ ރައްޔިތުންގެ އަދި އިންޖީނުގެތަކުގެ ގޮތުގައި ރައްޔިތުންގެ އިންޖީނުގެތަކުގެ ގޮތުގައި މި ހިންގަމުން ގެންދާ ތަންތަނުގެ ހާލު. އެއްރޭ         އެ ހިނގަންޏާ، އަނެއްރޭ ނުހިނގާނެ. އެއްނަރު މަސައްކަތް ކުރަންޏާ، އަނެއް ނަރު އޮންނާނީ ކެނޑިފައި. އެއީއަކީއެއް ރައްޔިތުންނަށް ޚިދްމަތް ދެވޭ ފެންވަރަކަށް ނުކުމެ ކުރެވެން އޮތް ކަމެއް ނޫން ކުޑަ ރަށެއްގައެއް. އެހެނެއް ނޫން، 4 އަތޮޅު އެއްކޮށް، ކުންފުންޏެއްގެ ނިޒާމުގެ ތެރެއިން، ވަރަށް ފުރިހަމައަށް، ވަރަށް ހެޔޮ އަގުގައި ކޮށްދެވެން އޮތް ކަމެއް. އެހެން ނަމަވެސް، މާލޭގެ އެކިފަރާތްތަކުގެ ނަޞޭޙަތާ އެކީގައި، މި ރަށްރަށުގައިވެސް ހަމަ ބައެއް ޒުވާނުންނާއި އަދި ހަރު، ހަމަވިސްނޭ މީހުން، އެތަން އެއީ ތިމަންނާމެންގެ އިންޖީނުގެއޭ، ތިމަންނާމެންނަށް އަދި މާ ރަނގަޅު ގޮތެއް ހޯދިދާނެ ކަމަށް. ސަރުކާރަކުން ނޫޅެއޭ އިންޖީނު ހިފައިގެންދާކަށް. ސަރުކާރުން ބޭނުންވަނީ، ތިބޭފުޅުންނަށް ހުއްޓުމެއްނެތި ގޮތުގައި ތާއަބަދަށް ކަރަންޓްދޭން. އެ ކަރަންޓް ދިނުމަށްޓަކައި ސަރުކާރުން އެކުލަވައިލީ، އެކަން ކުރެވޭނޭ އިންތިޒާމެއް. އެ ނިޒާމްގެ ތެރެއިން ރާއްޖޭގެ އެތައް ރަށެއްގައި މިހާރު އެދަނީ ކަރަންޓްގެ ޚިދްމަތް ވަރަށް ރަނގަޅަށް ދެމުން. އަދި އެންމެބޮޑު ހިތާމައަކީ، ތިބޭފުޅުން އަތުން މިއަދުވެސް ކަރަންޓަށް ތިޔަނަގާ ބޮޑު އަގު. ޔުޓިލިޓީ ކުންފުނި މެދުވެރިވީމާ، ކަރަންޓްގެ އަގު ހެޔޮވެގެންދާ މިންވަރު. އެއްވެސް ފަލްސަފާއެއް، އެއްވެސް ވެރިކަމުގެ ނިޒާމުގެ ބޭނުމެއް ނެތް، އެ ނިޒާމުން ނަރުދަމައެއް ނޭޅެންޏަކާއެއް. އެ ނިޒާމުން ކަރަންޓް ހެޔޮ އަގުގައި ނުލިބެންޏަކާއެއް. ހަމައެކަނި ބޭނުމަކީ މުއްސަނދިކަން. ތަރައްޤީ، ތަނަވަސްކަން. އަޅުގަނޑުމެންގެ ޢާންމު ޙާލަތު ބަދަލުވުން. އަޅުގަނޑުމެން ބޭނުންވަނީ އުފާފާގަތިކަން. އަޅުގަނޑުމެން ބޭނުންވަނީ، މިއަދަށްވުރެ އަދި މާ ރަނގަޅު މާދަމައެއް އަޅުގަނޑުމެން ހޯދުން. އެމް.ޑީ.ޕީ އާއި މި ސަރުކާރަށް ޔަޤީން، މާކުރަތަށް އަދި މުޅިން އެހެން މާ ރަނގަޅު މާދަމައެއް ހޯދައިދެވިދާނެކަން. އެކަމަށްޓަކައި އަޅުގަނޑުމެން ކުރާންހުރި ކަންތައްތައް ވަރަށްވެސް ގިނަ.
 
އަޅުގަނޑަށް ލިޔެފައި އޮއްވައި ދުށީމު، މީހުން ބުނާތީ އަޑުއަހަން، ކަޅު މުޙަންމަދު ރަސްގެފާނުގެ ވާހަކަ. އަދި އަޅުގަނޑަށް ޔަޤީން، ތިބޭފުޅުންނަށް އެނގޭނެ، ރެއްކެގެދަރި ބުރެތްކާ، މަގޭ ކަޅު މުޙަންމަދާ އަރާއަރަފޯދިގެންވޭހޭ، ހަމަ ބުނީމާ އަޅުގަނޑުމެނަށް ވަރަށް ސާފުކޮށް އެނގުނު، ކަޅު މުޙަންމަދަކީ އަދި ކާކުކަން. ކޮންފަދަ ރަސްކަލެއްކަން. ރެއްކެގެދަރި ބުރެތްކާ ހަމަގައިމުވެސް، އެއީ އެކަމަކު ބުރަކިރަނިން. އަޅުގަނޑުމެނަށް މިއީ ކޮން ރަށެއް ކަމެއް ނޯޅޭ. ހަމަގައިމުވެސް އަޅުގަނޑަކަށެއް ނޯޅޭ. އަދި ކުޑަ ޒައްރެއްގެ މިންވަރުގެ ފުރްޞަތު، ތިބޭފުޅުން އަޅުގަނޑުމެނަށް ދެއްވައިފިނަމަވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިރަށް ބަދަލުކުރާނަން.
 
އަޅުގަނޑު ނިންމާލަމުންވެސް ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑުމެންނަށް އެބައޮތޭ އުފާވާ ޒަމާނެއް. އަޅުގަނޑުމެންނަށް އެބައޮތޭ އެހެން ގޮތެއް ހޯދުން. މިއަދު އެގޮތް، އެގޮތުގެ މަގު މިއޮތީ މާބޮޑަށް އަލި ވިލިފައޭ. އަޅުގަނޑު ދަންނަވާނީ، މިއީ އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ.
 
والســّلام عليــكم
 
_______________________