بســماللّـهالرّحمـنالرّحيــم

 
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ޗެއަރޕަރސަން، އަދި މިރަށުގެ، ދަރަވަންދޫގެ ކަތީބު، އަދި ރަށުގެ ކުރިއަށް ތިއްބެވި އެންމެ ބޭފުޅުން، ދައުލަތުގެ ވެރިން، ވަޑައިގެން ތިއްބެވި ހުރިހާ ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑަށް ވަރަށްބޮޑު އުފާވެރިކަމެއް ލިބޭ، މިރަށަށް އައިމާ. އަޅުގަނޑުގެ ޙަޔާތުގެ ވަރަށް ކުރީގައި، އަޅުގަނޑު ވަރަށް ކުޑައިރު، ޙަޤީޤަތުގައި އަޅުގަނޑަށް ހީވަނީ، ކަތީބު މަންމަހެން އަޅުގަނޑު ވިއްސީ. އަޅުގަނޑަށް ހީވަނީ، ހަމަ އެގޮތަށް އެކަން ދިމާވެފައިހެން ކުރިއްސުރެ ފަށައިގެން އޮތީ. ދެން މިވަގުތު ކަތީބަށް އެހެން ދިމާވިނަމަވެސް، އެއީކީއެއް އަޅުގަނޑުމެން އެކަމުގައި މައްސަލައެއް އޮތް ކަމަށް ދެކިގެން އަޅުގަނޑަށް ޔަޤީން، އުޅެންވީ ކަމެއް ނޫންކަން. ކަތީބު އެބަސްތައް އެހެން ވިދާޅުވާތާ 30 އަހަރުވެއްޖެ. އެހެންވީމާ، ކުއްލިއަކަށް ބަދަލެއް ގެންނަންވީމާ، ކުޑަކޮށް އޮޅުމެއް އަރާފާނެ ކަމަށް ހަމަގައިމުވެސް އަޅުގަނޑުގެ ހިތުގެ އަޑީން އަޅުގަނޑު ގަބޫލުކުރަން.
 
މިރަށަށާއި އަދި މި ރާއްޖޭގެ އެންމެހާ ރަށްތަކަށް އަޅުގަނޑުމެން މިދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި ކިތަންމެ ފަހަރަކު ދަތުރުކުރިން. މިރަށުގެ ރައްޔިތުންނާއެކުގައި އަޅުގަނޑުމެން އެތައް ވާހަކައެއް ޙިއްޞާކުރީމު. ދޮރުން ދޮރަށް ހިނގައި އަދި ރައްޔިތުންނާ މަޝްވަރާކޮށް، މިރާއްޖޭގެ އަޑު، މިރަށުގެ އަޑު، ދަރަވަންދޫގެ އަޑު އަޅުގަނޑުމެން އެހިން. އަޅުގަނޑުމެންނަށް އެދުވަހު އެނގިފައި އޮތް ޙަޤީޤަތްތަކެއް ގިނަ. އޭގެތެރެއިން އެންމެ ބޮޑަށް އަޅުގަނޑަށް ހަމަގައިމުވެސް އަދި އަޅުގަނޑު ނިސްބަތްވާ އެމް.ޑީ.ޕީ.އަށް ފާހަގަވި އެއްކަމަކީ، މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ، ކޮންމެ ތިން ރައްޔިތަކުންކުރެ އެކަކީ، އ.ދ. ގެ ހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބި މީހުންނޭ. އެމީހުންނަކީ ރެޔާ ދުވާލަށް އެމީހުންނަށް ދިހަ ބާރަ ރުފިޔާ ނުލިބޭ މީހުންނޭ. ވަރަށް ނިކަމެތިންނޭ.
 
ހަމައެއާއެކީގައި، އަޅުގަނޑުމެންނަށް ފާހަގަވަމުން އައީ، ރާއްޖޭގައި ލިބެންހުރި، ލިބެމުން އަންނަ ވަރަށްގިނަ ޚިދްމަތްތަކަކީ، މި ރާއްޖޭގެ ރައްޔިތުން އެއްގޮތަކަށްވެސް ހިތްހަމަޖެހުން ލިބޭ ދަރަޖައަކަށް ދެވޭ ޚިދްމަތްތަކެއް ނޫނޭ. ޞިއްޙީ ޚިދްމަތްވެސް އަދި އެހެން ޚިދްމަތްތައްވެސް. އެހެން ނަމަވެސް، ހަމަ އެއާއެކީގައި، މިދެންނެވިހެން މިހާރު މިލިބެން މިއޮންނަ، އަޅުގަނޑުމެން ހިތްހަމަނުޖެހޭ ޚިދްމަތްތަކަށްވެސް، ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަށް އަތެއް ނުފޯރައޭ. އެމީހުންނަށް މިހާރުހުރި ޚިދްމަތްތައް މާ އަގުބޮޑޭ. އެ ޚިދްމަތްތައް ލިބިގަތުމަށް އެމީހުންނަށް ކޮންމެވެސް ފަރާތެއްގެ އެހީތެރިކަން ކޮންމެހެން ބޭނުމޭ. އެހެންވީމާ، މަދަނައިގެ ވިއުގަ އުފެދިގެން އައީ.
 
 އަޅުގަނޑުމެނަށް ޔަޤީންވި އެންމެ މުހިންމު އެއް ނުކުތާއަކީ، ޤައުމެއް ނުވަތަ ރަށެއް، މިރަށްވިޔަސް، ދަރަވަންދޫ ތަރައްޤީ ކުރާން މިޖެހެނީ، ދަރަވަންދޫ މީހާ ތަރައްޤީވާން މިޖެހެނީ. ދަރަވަންދުއެއް ނޫން. ދަރަވަންދޫ ކިޔާ ތަނެއް ނުވަތަ ތަނެއް ތަރައްޤީއެއް ނުވާނެ. ތަނެއްގެ ޢިމާރާތްތަކެއް އެޅިދާނެ. ތަނެއްގައި ބިނާތަކެއް ކުރެވިދާނެ. އެހެން ނަމަވެސް، ތަރައްޤީވާން ޖެހެނީ އިންސާނާ. ދަރަވަންދޫ މީހާ. ދަރަވަންދޫ މީހާ ހައިހޫނުކަމުގައި ހުއްޓައި، ދަރަވަންދޫ ތަރައްޤީ ކުރެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ. އެއީ، އިންސާނީ ތަޖްރިބާ ވަރަށް ރަނގަޅަށް ދައްކާފައި އޮތް ޙަޤީޤަތެއް. އެހެންވީމާ، ސަރުކާރުން ސިޔާސަތެއްގެ ގޮތުގައި ނިންމީ، ރާއްޖޭގެ ނިކަމެތި ފަޤީރުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދީގެން މެނުވީ، އަޅުގަނޑުމެނަށް ރައްޔިތުންނާ އެކުގައި ކުރެވޭ އޯގާތެރި ވެރިކަމެއް ނުވަތަ ތަރައްޤީއަށް ފަހިވާ ވެރިކަމެއް ކުރުން ދަތިވާނެއޭ. އަޅުގަނޑު މިއަދު ހިތްހަމަޖެހޭ ސަބަބަކީ، މިދަރަވަންދޫގެ 174 ރައްޔިތުންނަކީ މަދަނައިގައިޖެހި، ޞިއްޙީ ޚިދްމަތް، އެ ރައްޔިތުންނަށް ލިބެމުންދާ ރައްޔިތުންނަށްވީކަން. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، މިދެންނެވި 174 ރައްޔިތުންނަށް، އެއިން ކޮންމެ ރައްޔިތަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ މާލިއްޔަތުގައި 2011 ވަނަ އަހަރުވެސް ރައްކާ ކުރެވިފައި އޮތްކަމީ، އަޅުގަނޑުމެނަށް އުފާވެރިކަމާއި ހިތްހަމަޖެހުން، މި ސަރުކާރަށް ލިބޭ ކަމެއް.
 
މި ސަރުކާރުން، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައިވެސް އެމް.ޑީ.ޕީ. އިން ފާހަގަކުރަމުން ގެންދިޔަ މުހިންމު ނުކުތާއަކީ، މުހިންމު އަނެއް ނުކުތާއަކީ، މިރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ، މި ރާއްޖެ އަޅުގަނޑުމެނަށް ރައްދުވެފައި މިއޮތީ، އަޅުގަނޑުމެންގެ ދޮށީ ޢުމުރުގެ މީހުން، މި ރާއްޖޭގައި ކުރި މަސައްކަތުންނޭ. އަޅުގަނޑުމެންގެ ކާބަފައިން މިގޮތަށް މި ރާއްޖެ އަޅުގަނޑުމެނަށް ދިނީތީއޭ. އެމީހުން މަހަށް ފަރަށް ދިޔައީތީ. އެމީހުން ރުކަށް އެރީތީ. އެމީހުން ގެދޮރު އެޅީތީ. އެމީހުން ވަޑާން ކުރީތީ. އެމީހުން ކިތަންމެ ކިތަންމެ މަސައްކަތެއް ކުރީތީވެ، އަޅުގަނޑުމެނަށް މިއަދު މިއޮތް ގޮތަށް މި ރާއްޖެ ލިބިފައި މިއޮތީ. އެހެންވީމާ، މިއަދު ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ، ހަމައެކަނި ސަރުކާރުގައި އުޅުނު މީހުންނަށް ކަމަށް ދެކެވޭ ދެކުމަކީ، ހަމަގައިމުވެސް އަޅުގަނޑު ނިސްބަތްވާ އެމް.ޑީ.ޕީ އިން އެއްގޮތަކަށްވެސް ގަބޫލުކުރާ ފަލްސަފާއެއް ނޫން. އެހެންވެ، ސަރުކާރުން ނިންމީ 65 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ޕެންޝަނެއްގެ ގޮތުގައި ދެހާސް ރުފިޔާ ދޭން. އަޅުގަނޑު މިއަދު އުފާވަނީ، މިރަށުގެ 40 މީހަކަށް، މިދެންނެވި ޕެންޝަން ގަވާއިދުން ދެވެމުންދާތާ މިހާރުމިވީ ދެއަހަރު. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، އެ ޕެންޝަނަށްޓަކައި މިރަށަށް ކޮންމެ މަހަކު އަށްޑިހަހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު ސަރުކާރަށް ލިބިފައިވާކަން.
 
އަޅުގަނޑުމެނަށް އަބަދުވެސް އެނގޭ، ރަށްރަށުގެ އިޤްތިޞާދު، ދިރިއުޅުމަށްޓަކައި އެރަށްރަށަށް އެބަ ފައިސާ ޚަރަދު ކުރަންޖެހޭކަން. ޢާންމު ގޮތެއްގައި ވެފައި މިއޮންނަނީ، ރަށެއްގައި އިތުބާރާއެކީގައި އަދާކުރެވޭ ވަޒީފާއަކީ، ސަރުކާރު މުވައްޒަފަކަށްވެގެން އަދާކުރެވޭ ވަޒީފާއެއް. އެވަޒީފާއަކީ، ސަރުކާރުގެ ވަޒީފާތަކަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް އެކީގައި ފޯރުވައިދެވޭނެ ވަޒީފާއެއް ނޫން. އެހެންވީމާ، މިރަށްތަކަށް އެންމެ ފުރަތަމައިނުންވެސް ވަޒީފާގެ ފުރްޞަތުތައް އިތުރުކުރުން އެއީ، ވަރަށް މުހިންމު ކަމެއް. އެހެން ނަމަވެސް، 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އަދި މި ކުރިއަށް މިއޮތް 2011 ވަނަ އަހަރު މިއިން ކޮންމެ ރަށަކަށް، ދަރަވަންދުއަށްވެސް ކޮންމެވެސް މިންވަރަކަށް، ކޮންމެ މަހަކުވެސް މިރަށުގެ އިޤްތިޞާދަށް ފައިސާ ނުދެވޭ ކަމަށްވަނީވިއްޔާ، ޢާންމު ޙާލަތު ވަރަށް ދެރަވާނެ. ޢާންމު ޙާލަތު ރަނގަޅުކޮށް، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ތެރެއިން އެކަންވާނެ އުޞޫލެއް، އިންތިޒާމެއް ހަމަޖެއްސިފައިވާކަމީ، އަޅުގަނޑު މިދެންނެވިހެން އަޅުގަނޑުމެންނަށް ލިބޭނެ ހިތްވަރެއް. އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ، 2009 ވަނަ އަހަރުވެސް، 2008 ވަނަ އަހަރުވެސް، ޚާއްޞަކޮށް، މަސްވެރިކަން އެހާ ދަށްވެގެން ގޮސްފައި އަދި އޮތްއިރު، އަދި 2009 ވަނަ އަހަރު ރާއްޖެއަށް ޓުއަރިސްޓުން އައި މިންވަރުވެސް ކިތަންމެ ދަށްވެފައި އޮތްއިރު، މި ރާއްޖެ ނެގެހެއްޓެން އޮތީ، ރާއްޖޭގެ ރައްޔިތުންނަށް ސީދާ ގޮތުގައި ސަރުކާރުން އެހީތެރިކަމެއްދީގެނޭ. ސަރުކާރުން ނިންމީ، ކޮންމެ މަހަކު މިރަށަށް އަށްޑިހަހާސް ރުފިޔާގެ މަގުން ޚަރަދު ކުރަމުން ގެންދިޔުމަށް. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެނަށް އޭގެ ނަތީޖާ ކިތަންމެ ގޮތަކުން ފެންނާނެ. ހަމައެކަނި ދޮށީ ޢުމުރުގެ ރައްޔިތުންނަށް ލިބޭ އިޖްތިމާޢީ ރައްކާތެރިކަމާއި، ލިބޭ އިތުރު ހިތްހަމަޖެހުމާއި އަދި އުފަލާއެއްކަކު ނޫން. ހަމައެއާއެކީގައި، ބައްޕައެއް ނުވަތަ ކާފައެއް ރިވެތި ގޮތުގައި އުޅެން ފެށީމާ، އަޅުގަނޑުމެނަށް އެބަ އެނގޭ، އޭރަށް ޒުވާނާއަށް ހަށިފޮޅާލާފައި އަދި މާ ބާރަށް ނުކުމެވޭން އެބައޮތްކަން.
 
އަޅުގަނޑުމެން ދުށިން، ރާއްޖޭގެ ރަށްރަށުން ގޮނޑުދޮށްތަކުގައިވެސް، ހޮޅުއަށިތަކުގައިވެސް، ރުއްރުއްދޮށުގައިވެސް ދޮށީ ޢުމުރުގެ މީހުން ހުއްޓި ވެއްޓިފައި ތިއްބާ. އަޅުގަނޑުމެން ދުށިން، މާލޭގައިވެސް ގޯތިތައް ފޮތި ކުރަމުން ކުރަމުން އައިސް، ކުރީގެ ބަދިގެ ހުރި ތަނުގައި ހުންނަ ކޮޅުފިލާގޮނޑިއެއްގައި ކާފަ ނުވަތަ މާމަ ވެއްޓިފައި އޮއްވައި. އަޅުގަނޑުމެނަށް އެނގޭ، މި ރާއްޖެ އަޅުގަނޑުމެނަކަށް ނޭނބުރޭނެކަން، އެ ދޮށީ ޢުމުރުގެ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައިނުދީއެއް. ހަމައެއާއެކީގައި، އަޅުގަނޑުމެނަށް އެނގޭ، ޒުވާނުންނަށް ވަޒީފާގެ ފުރްޞަތާއި އަދި ތަޢްލީމުގެ ފުރްޞަތާއި، މިކުރިއަރައިދިޔުމުގެ ފަހިކަން ހޯދައިނުދީ އަޅުގަނޑުމެނަކަށް މި ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެކަން. އަޅުގަނޑުމެނަށް އެނގޭ، އެކަނިވެރި މައިން އުޅެމުން އަންނަ ޙާލު. އަޅުގަނޑުމެނަށް އެނގޭ، ޔަތީމު ކުދިން ދިރިއުޅެމުންދާގޮތް. އަޅުގަނޑުމެނަށް އެނގޭ، ޚާއްޞަ އެހީއަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުން، އެ އުޅޭ ދަތި. އެހެންވީމާ، ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް އިތުރަށް ހަރުދަނާކުރީ. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މިރަށުގެ 15 ރައްޔިތަކަށް، މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެވޭތީވެ.
 
ޤައުމެއް ތަރައްޤީވުމަށް، ރަށެއް ތަރައްޤީވުމަށް ހަމަ އަޅުގަނޑު އަނެއްކާވެސް ތަކުރާރުކޮށް ދަންނަވާނީ، މިޖެހެނީ އަޅުގަނޑުމެނަށް ތަންދޮރުއޮޅުންފިލާށޭ. ސީދާ ދަރަވަންދޫ މީހާއަށް އެއެއް މިއެއް އެނގުނީމައޭ، ދަރަވަންދޫ ތަރައްޤީވާނީ. ތަންދޮރުފިލުމަށްޓަކައި ތަޢްލީމީ ނިޒާމް ފުރިހަމަކުރަންޖެހޭ. އެހެންވީމާ، ސަރުކާރުން ކަނޑައެޅީ، އެއްދަންފަޅިއަށް ކިޔަވައިދޭ މަދްރަސާއާއި، ވަށާޖެހޭ ތަޢްލީމު. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މިރަށުގެ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން ގަތުމަށްޓަކައި މިދިޔަ 2010 ވަނަ އަހަރު އެއްލައްކަ ވިހިހާސް ނުވަދިހަ ހަތްރުފިޔާ ޚަރަދު ކުރެވިފައިވާކަމުން. އަޅުގަނޑުމެނަށް ހިތްވަރާއި އުފާވެރިކަން ލިބެނީ، މިރަށުގެ ދަރިވަރުންނަށް އިމްތިޙާން ފީގެ ގޮތުގައި ސަރުކާރުން ބައްތިރީސްހާސް އަށްސަތޭކަ އަށްޑިހަ ފަސްރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމުން. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މިރަށުގައި މަދްރަސާ، އެއްދަންފަޅިއަށް ހެދިފައިވާކަމުން. އަޅުގަނޑަށް ޔަޤީން، މިރަށުގެ ތަޢްލީމީ ޙާލަތު އިރާދަކުރެއްވިއްޔާ، ދެން ދާނީ ދުވަހެއް ދުވަހަކަށްވުރެ ރަނގަޅުވަމުން. އަޅުގަނޑުމެން ބަލަމުން، ހަމަގައިމުވެސް އަޅުގަނޑު ބަލަމުން މިއަންނަނީ، މަދްރަސާ ހުޅުވާއިރުގައި ހުރިހާ ޓީޗަރުން ހަމަތޯއާއި އަދި ފޮތް، ފަންސުރު، ގަލަން ހުރީ ފުރިހަމަވެފައިތޯ. އަޅުގަނޑަށް މިހާރު މަޢްލޫމާތު ލިބިފައިވާ ގޮތުގައި، މިރަށުގެ ހުރިހާ ޓީޗަރުން އިރާދަކުރެއްވިއްޔާ މިއަހަރަށް ހަމަވާނެ. އަދި ގްރޭޑް 3 އޭ އަޅުގަނޑު ހަނދާންވަނީ، ކޮންމެވެސް އެއްގްރޭޑެއްގެ ބައެއް ފޮތް ނެތްކަމުގައިވިޔަސްވެސް، ދާދި އަވަހަށް އިރާދަކުރެއްވިއްޔާ، އެކަން ހަމަޖެހި، މިރަށުގެ ދަރިވަރުންނަށް، މިދިޔަ އަހަރަށްވުރެ އަދި މާ ރަނގަޅު ތަޢްލީމީ އަހަރެއް އިރާދަކުރެއްވިއްޔާ، މި ސަރުކާރުން ހޯދައިދޭނަން.
 
ޤައުމެއް ތަރައްޤީ ކުރުމަށް އަޅުގަނޑު އަބަދުވެސް އެބަ ފާހަގަކުރަން، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި ވަކިގޮތަކަށް އެބަ ކުރަންޖެހެއޭ. އަޅުގަނޑު ގާތުގައި ވަރަށްގިނަ މީހުން، މިރަށު މީހުންވެސް މިސާލަކަށް، އެންމެ ބޮޑަށް އެންމެ މައްސަލަ ޖެހުނީ ރުއްގަހަށް ބަދަލުދެވިފައި ނުވާތީ. އެހެންވީމާ، ތިބޭފުޅުން އައްސަވާނެ، ކީއްވެތޯ ސަރުކާރުން ޚަރަދުކުރީ، ކޮންމެ މަހަކު އަށްޑިހަހާސް ރުފިޔާ، ރުއްގަހަށް ބަދަލުނުދީ. އެކަމަކު ތިބޭފުޅުންގެ ބޮޑު މައްސަލައެއްގެ ގޮތުގައި ފެންނަމުން މިއައީ ރުއްގަހަށް. މިދިޔަ އަހަރު ކޮންމެ މަހަކު، މިދިޔަ ދެއަހަރު ކޮންމެ މަހަކު އެހުރިހާ ރުއްގަހަށްވާ ފައިސާގެ ދެގުނަ ފައިސާ ސަރުކާރުން މިއައީ މިރަށަށް ދެމުން. އެހެން ނަމަވެސް، އެ ރުއްގަހުގެ މައްސަލަ އަޅުގަނޑުމެނަށް ފެންނަނީ. އެހެންވީމާ، ސަރުކާރުން އުޅެން ޖެހޭނެއޭ އެމައްސަލަ ޙައްލު ކުރަން. އެކަމަކު އަޅުގަނޑުމެން މި ވިސްނި ސަރުކާރަކީ، މި ޕާޓީއަކީ މި ދަރަވަންދޫގެ ތަރައްޤީ އަޅުގަނޑުމެންގެ އަމާޒުގައި ހުރި ބައެއް. މި ދަރަވަންދޫގެ ރައްޔިތުންނަށް އާމްދަނީގެ ފުރްޞަތުތައް ލިބި އަދި އެމީހުންނަށް އުފާވެރި ޙަޔާތެއް ހޯދައިދިނުން. އެމީހުންނަށް އުފާވާ ޒަމާނެއް ހޯދައިދިނުން.
 
އަޅުގަނޑުމެންގެ މަސައްކަތަށްވެފައި ހުރީ، އަޅުގަނޑުމެންގެ އަމާޒަކަށްވެފައި އޮތީ އަދިވެސް އޮންނާނީވެސް މިތަން އަޅުގަނޑުމެން ތަރައްޤީ ކުރުން. އަޅުގަނޑު ގާތުގައި ހަމަ މީހުން ވަރަށްގިނައިން އަހާ، ބޭސްފަރުވާއަށާއި، އިޖްތިމާޢީ ރައްކާތެރިކަމަށް މުޅި ޖުމްލަ މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާ އެއީ، ދިވެހި ދައުލަތުގެ ބަޖެޓްގެ 10 ޕަސެންޓް ޚަރަދުކުރީ މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަމަށް. އެއީކީއެއް އެކަން ކުރާއިރުގައި، ބޮޑު ޢިމާރާތެއްހެން، ކޮންކްރީޓްގަނޑެއްހެން ފެންނަން އޮންނާނެ ކަމެއްނޫން. އެއީކީއެއް ކުލަލައި ގިޑިގެއެއްހެން ނަގާފައި ހުންނަ ކަމެއް ނޫން. އެހެންވީމާ، އަދި މީގެކުރީގައި އަބަދުވެސް ތަރައްޤީއަކީ ކޮބައިކަން އަޅުގަނޑުމެނަށް އެނގިފައި މިއޮންނަނީ، އެއީ ކޮންކްރީޓުން ކުރާ ކަމެއްގެ ގޮތުގައި. އެހެންވީމާ، އެ ވިސްނުމުގެ ތެރެއިން އަބަދުވެސް ބޭފުޅުންނަށް ހީވާނެ، މި ސަރުކާރުން މިވެނި އެވެނި ކަމެއް ނުކުރެއޭ. އެކަމަކު އަޅުގަނޑަށް ޔަޤީން، ހަމަގައިމުވެސް އަޅުގަނޑު މިދެންނެވި މިރަށުގެ 40 މީހުންނަށް ވަރަށް ސާފުވާނެ. އަދި އޭގެއިތުރުން، މިރަށުގެ 174 މީހުންނާއި އަދި ހަމަ އޭގެއިތުރުން، އެފައިސާ މިރަށަށް ވަންނާތީވެ، އޭގެ ސަބަބުން ކަންމަތީ ސްޓޯރުތަކަށް އަންނަ ބަދަލާއި އަދި އޭގެ ސަބަބުން ރަށުގެ އިޤްތިޞާދަށް އަންނަ ބަދަލު، އަޅުގަނޑަށް އެނގޭ، އަޅުގަނޑު ދަނީ މިނަމުން. އަޅުގަނޑު ދަނީ ބަލަމުން. އެހެންވީމާ، އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ، ދަރަވަންދޫގެ މިޞްރާބާ ދޭތެރޭގައި. ދަރަވަންދޫ މިޞްރާބު ހުރިގޮތުން.
 
އަޅުގަނޑު ދެންމެ ރުއްގަހުގެ ވާހަކަ ދަންނަވައިފިން. އަޅުގަނޑަށް މިތަނަށް އައުމުގެ ކުރީގައި، އެހާ ބޮޑު މައްސަލައެއްގެ ގޮތުގައި އަޅުގަނޑަކަށް އެކަމެއް ނުފެނޭ. އަދި ދެންމެ އަޅުގަނޑަށް ފާހަގަވެއްޖެ، މިރަށުގެ ކުނީގެ މައްސަލައެއްވެސް. އެއީ ބޮޑު މައްސަލައެއްގެ ގޮތުގައި. އަޅުގަނޑަށް އެއީ، އަބަދުވެސް ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވޭ. ރުއްގަހުގެ މައްސަލަ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޙައްލުކޮށްދޭނަން. އެއީކީއެއް ދެން އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުފެނޭ، ބޮޑު ކަމެއްގެ ގޮތުގައި ހައްދަވައިގެން، ތިބޭފުޅުން ނަންގަވާކަށް. އަޅުގަނޑު ހަމަ ވަރަށް ޔަޤީންކަމާއެކީގައި މިދަންނަވަނީ، ސަރުކާރުން ކުރާން އޮތް ކަމެއް ކަމަށްވަނީވިއްޔާ، އެކަން ސަރުކާރުން ކުރެވެން އޮތް އެގޮތަކަށް، އެންމެ އަވަހަކަށް އަޅުގަނޑުމެން އެކަން ކޮށް ނިންމާލާނަމޭ. އެކަމަކުންނެއް ތިބޭފުޅުންގެ ދެމެދުގައި ހިތްހަމަނުޖެހުމާއި އަދި ދެބަސްވުމެއް އުފެދޭކަށް އަޅުގަނޑުމެންނެއް ބޭނުމެއް ނޫން ޖާގަދޭކަށް. އަޅުގަނޑެއް ބޭނުމެއް ނޫން، އެގޮތަށް އެކަން ހިނގާކަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އަޅުގަނޑުމެން އެކަން ކުރާނަން.
 
އަޅުގަނޑުމެންގެ އަމާޒަކީ، މިތަނުގައި އެއަރޕޯޓް ތަރައްޤީވުން. އެ އެއަރޕޯޓަށް އަޅުގަނޑުމެން ބޭނުންވަނީ ހަމަ ފަސިންޖަރުން ޖެއްސުން. އަޅުގަނޑުމެން އެދެނީ، އެ އެއަރޕޯޓް މެދުވެރިކޮށް، މިރަށާއި އަދި މިއަތޮޅުގެ ތަރައްޤީ މިއަތޮޅަށާއި މިރަށަށް ލިބުން. އެއަރޕޯޓެއް އަޅުގަނޑުމެން ބޭނުންވާ ސަބަބަކީ ހަމަ އެއަރޕޯޓެއް ބޭނުންވާތީއެއް ނޫން. އަބަދުވެސް މި ސަރުކާރަށް ގަބޫލުކުރެވިފައި މިއޮންނަނީ، ތަރައްޤީއަށްޓަކައި އެންމެ މުހިންމު އެއް ވަސީލަތަކީ ވިޔަފާރިއޭ. ވިޔަފާރި ކުރިއަރުވައިގެން މެނުވީ، ޤައުމެއް ތަރައްޤީވެއެއް ނުދެއޭ. އެހެންވީމާ، އަޅުގަނޑުމެންގެ ވަރަށްބޮޑު ބޭނުމެއް އެއީ، މުދަލާއި ފަސިންޖަރުން، އެއްތަނުން އަނެއް ތަނަށް ފަސޭހައިން ބަދަލުވާނޭ އިންތިޒާމެއް، ނިޒާމެއް ހަމަޖައްސާފައި ބެހެއްޓުން. އެހެންވީމާ، އަޅުގަނޑުމެން ބުނީ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަކީ، މި ސަރުކާރުގެ ވަޢުދެކޭ. މިސަރުކާރުގެ ވަޢުދުތަކަކީ، ރައްޔިތުންގެ އަޑު އެހުމަށްފަހުގައި، ރައްޔިތުން ބޭނުންވަނީ ކޮން ކަމެއްތޯ އަޅުގަނޑުމެން ދެނެގަނެ، އެއްވެސް ބޭފުޅަކު އަޅުގަނޑުމެން ގާތުގައި ނުބުނެ، ބޭނުންވެއޭ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް. އެކަމަކު އެންމެންވެސް އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، އެއްވެސް ރަށަކީ ޤައުމަކަށް ނުހެދޭނެކަން. ޤައުމެއްގައި ހުންނަ ހުރިހާ ޚިދްމަތަކާއި، ހުރިހާ ވަސީލަތްތައް، ރާއްޖޭގެ 194 ރަށުގައި ޤާއިމެއް ނުކުރެވޭނެކަން. އެހެންވީމާ، އަޅުގަނޑުމެނަށް އަބަދުވެސް އެނގޭ، އެންމެ މުހިންމު އެއް ވަސީލަތަކީ، އެއް ތަރައްޤީގެ ވަސީލަތަކީ ދަތުރުފަތުރުކަން. އެއަރޕޯޓެއް އަޅުގަނޑުމެނަށް މުހިންމުވަނީ މިދެންނެވި ސަބަބަށްޓަކައި. އަޅުގަނޑަށް މިއަދު ހަމަ ހިތްހަމަޖެހުން ލިބެނީ، މި ދަރަވަންދޫގައި 586 ފަސިންޖަރުން ދަރަވަންދޫން ސަރުކާރުގެ ދަތުރުފަތުރު ކުރުމުގެ ނިޒާމުގައި، މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ދަތުރަށް އަރައިފި. އަދި ހަމައެހެންމެ، 577 ފަސިންޖަރުން، މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި. މި ދަރަވަންދުއަށް ދަތުރު ނިންމައިފި. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް ދަރަވަންދޫގައި ޓަރމިނަލްވެސް އެޅޭނެ. އަދި ދަތުރުފަތުރުގެ އެންމެހާ ކަންކަން ފުޅާކުރަމުން ގެންދެވޭނެ.
 
އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެން ވަޢުދުވެފައި ވާނީ، ސަރުކާރުން ނިންމާފައިވާނީ، އެމް.ޑީ.ޕީ. އިން ވަޢުދުވެފައިވާނީ، 7 އަހަރު ދުވަހުގެ ތެރޭގައި، ދަތުރުފަތުރު ކުރުމުގެ ނިޒާމް ޤާއިމް ކުރަން. އަދި ފުރަތަމަ ދެއަހަރު، އޭގެ އަސާސީ ޚިދްމަތްތައްދޭން ފަށަން. އަޅުގަނޑު މިދެކެނީ، މިހާރު އެ އަސާސީ ޚިދްމަތްތައް ދެވެމުން ގެންދާތަން. އެހެންވީމާ، އަޅުގަނޑުމެނަށް، މިސަރުކާރަށް ވަރަށް މުހިންމު، މިރަށުގެ ބަނދަރު ހެދުން. ޚާއްޞަކޮށް، ބަނދަރުގެ އެއްގަމު ތޮށްޓާ އެކީގައި ބަނދަރުމައްޗެއްވެސް މިރަށުގައި ހެދުން. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޔަޤީން، މިއަހަރު އެބަނދަރު ހެދޭނެ. ހަމަ ދެންމެ އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މިހާރުވަނީ ބީލަމުގައި އެރަށް ޓެންޑަރގެ ކަންތައް ނިމި އަދި އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، އަމިން ކޮންސްޓްރަކްޝަނާ އެކީގައި މިއަދު އެ ކޮންޓްރެކްޓްގައި ވަނީ ސޮއިކުރެވިފައި. އެހެންވީމާ، މިރަށުގެ އެއްގަމު ތޮށްޓާއި ބަނދަރުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، މިއަހަރު ތެރޭގައި ރަނގަޅަށް ހިނގައިގަންނާނެ.
 
އަޅުގަނޑުމެންނަކީ ބަނދަރު ހަދާ ބައެއް ނޫން. މިއީ ބަނދަރު ހަދާ ސަރުކާރެއް ނޫން. މި ސަރުކާރަކީ ތަރައްޤީގެ ނާރެސްތަކެއް ތައްޔާރުކުރަން އުޅޭ ސަރުކާރެއް. އަޅުގަނޑުމެން ބޭނުންވަނީ ވިޔަފާރި ކުރިއަރުވަން. ބަނދަރެއްގެ ބޭނުމެއް ނޫން ވިޔަފާރި، އެ ބަނދަރަކާ ގުޅިގެން ކުރިނާރަންޏަކާއެއް. ބަނދަރެއްގެ ބޭނުމެއް ނޫން އެއީ، އެ ރަށެއްގައި އޮންނަ 6 ދޯނި ސަލާމަތްކުރުން. ބަނދަރެއްގެ ބޭނުމެއް ނޫން އެއީކީއެއް، ހަމަ އެރަށަށް އަހަރަކު އަންނަ ކޮންމެވެސް ކަމަކުން އެބަނދަރުގެ ފަސޭހަކަމެއް ލިބުން. އަދި ބަނދަރެއްގެ ކޮންމެހެން ހަމައެކަނި ބޭނުމަކީ، އަހަރު، ދެފަހަރު މި އަންނަ ގަދަ މޫސުމުގައި، އޮޑިވެރިންގެ ދޯނި ދެތިން ރޭ ވަންދެން އޮޑިވެރިމީހާ ހޭލާ ހުރުމުން، ނިދުމުން މަޙްރޫމްވީމާ، އެއަށް ޙައްލެއް ހޯދުމެއްވެސް ނޫން ބަނދަރެއްގެ ބޭނުމަކީ. ބަނދަރެއްގެ ބޭނުމަކީ ތަރައްޤީ. ބަނދަރެއްގެ ބޭނުމަކީ، ވިޔަފާރި އެ ބަނދަރަކާ ގުޅުވާލުން. އެހެންވީމާ، އަޅުގަނޑުމެން ބިނާކުރަމުން މިގެންދަނީ ބަނދަރުމައްޗެއް. އޭގެތެރޭގައި، އެއްގަމު ތޮށްޓާއި ބަނދަރުވެސް ހިމެނޭނެ. އެހެން ނަމަވެސް، އޭގެ އިތުރު ވަސީލަތްތައްވެސް އޭގެތެރޭގައި ހިމެނިގެންދާނެ. އަޅުގަނޑަށް ހަމަ މިކަމުގައި ހިތްހަމަޖެހުން ލިބެނީ، އިރާދަކުރެއްވިއްޔާ، މިއަހަރު ތެރޭގައި އަޅުގަނޑުމެނަށް މިމަސައްކަތް މިރަށުގައި ހިންގޭނެތީވެ.
 
އަބަދުވެސް އަޅުގަނޑުމެން ޕާޓީ ފާހަގަކުރަމުން އެބަ ގެންދަން. ތަރައްޤީއަށްޓަކައި އެންމެ ބޭނުން ކަމަކީ، އަޅުގަނޑުމެންގެ އެންމެ މުހިންމު އަމާޒަކީ ޑިމޮކްރަސީ. ތަރައްޤީއެއް ނުލިބޭނެ ޑިމޮކްރަސީ ނެތީހެއް. ތަރައްޤީއެއް ނުލިބޭނެ ވާދަވެރި ސިޔާސީ ނިޒާމެއް ޤާއިމް ކުރެވި، އެނިޒާމުގެ ތެރެއިން ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގައިގެން، ސަރުކާރުތަކުން އެމަސައްކަތްތައް ހިންގަމުން ގެންދިޔައީމާ މެނުވީ. އަޅުގަނޑުމެނަށް އަބަދުވެސް މި ޑިމޮކްރަސީ، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ފުރްޞަތު އެއީ ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އަދި އެއަށްވުރެ އެންމެ މުހިންމު ކަމަކީ، ރައްޔިތުންގެ ގާތުން، ރައްޔިތުންނާ ރުހިގެން އަދި ރައްޔިތުންނާ ގުޅިގެން، ރައްޔިތުންގެ އެދުންތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިރަށްރަށުގައި ވެރިކަމުގެ ކަންތައް ކުރިއަށް ގެންދެވޭނެ ގޮތް ހޯދުން. މިދެންނެވި މަސައްކަތަކީ އަޅުގަނޑު ވަރަށް ހަމަ ތެދަށް އިޚްލާޞްތެރިކަމާއެކު ދަންނަވަން. އެއީ، އެމް.ޑީ.ޕީ.ގެ ފަލްސަފާއެއް. އެއީ، އެމް.ޑީ.ޕީ.ގެ ފިކުރެއް. ލާމަރްކަޒީ އުޞޫލެއް. ޤާނޫނުއަސާސީގެ ފުރަތަމަ އަސާސީ ސިފަތަކާއި އުޞޫލުތައް ނިމުނުއިރު، އެއަކު ލާމަރްކަޒީ އުޞޫލުން ރާއްޖެ ހިންގާ ވާހަކައެއް ނެތް. ފުރަތަމަ ބާބުގައި އޮތީ ދިވެހިރާއްޖެއަކީ ޔުނިޓްރީ ދައުލަތެކޭ. ޤާނޫނުއަސާސީއެއްގައި އެހެން އެޅީމާ، ދެން ފަހަށް ވެރިކަމުގެ ބާރު ބަހާނެގޮތް ވަރަށް އުނދަގޫވާނެ. ވަރަށް ދަތިވާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ އޭރުގެ އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމާއި، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރާ، އެދެބޭފުޅުންގެ އިޞްލާޙެއް ޤާނޫނުއަސާސީގެ އެ މަރްޙަލާގައި ހިމެނިގެން އަދި އެންމެ ބޭފުޅުން އެކަމުގައި ވާހަކަ ދެކެވިގެން، އަޅުގަނޑުމެނަށް ފަހިވެގެންދިޔައީ، މިދެންނެވިހެން އެ ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި މިހާރުއެވާ ލާމަރްކަޒީގެ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތަކާއި ރަށްތައް ހިންގުން. އަޅުގަނޑު ދަންނަވާ ވާހަކައަކީ މިއީ އަޅުގަނޑުމެންގެ ކަމެކޭ. އަޅުގަނޑުމެންނަށޭ މިކަން ކުރަން އެނގެނީ. އަދި އަޅުގަނޑުމެންނޭ މިކަން ކުރުމުގެ ހިތުގައި މިތިބީ.
 
ކުރަން މިއުޅޭ ކަމަކީ އަޅުގަނޑުގެ ރަށުގައި ހުރި އެއްޗެއް، ރާއްޖޭގެ އެހެން ރަށްރަށަށް ބަހާލަން. މާލޭގައި އެއީ އަޅުގަނޑުގެ ރަށުގައި ހުރި އެއްޗެއް، މިރަށްރަށަށްވެސް. ގަބޫލު ކުރައްވާނެތޯ މިރަށުގައި ހުރި އެއްވެސް އެއްޗެއް، ކީއްކުރަންތޯ، ރުކެއްގެ ފަންގަނޑުވެސް އަދި އިލޮށިކޮޅެއްވެސް ބިނުން ދަތިވެގެން މިރަށު ރައްޔިތުންވެސް އުޅެނީ. ދެން މާލޭ ރައްޔިތުން ހަމަ ހިތުން ރުހުމުން، އެމީހުން އަތުގައި އޮތް ބޮޑު އެއްޗެއް، ބާރެއްދޭން ބޭނުންވާނެތޯ. އެގޮތަށް ތިބޭފުޅުންވެސް ދެކިވަޑައިގެންނުވާނެ. އެއީކީ ފަސޭހަ ކަމެއްވެސް ނޫން. މި ރާއްޖޭގެ މުޅި ތާރީޚީ ޙަޔާތް އެކީގައި އަޅުގަނޑުމެނަށް ދައްކާފައި މިއޮތީ، މާލެއަށް ބާރު އެއްވެފައި އޮތްތަން. އަދި މާލޭ ރައްޔިތުން، އެބާރު ހޯދާފައި އޮތްގޮތް. އެ ބާރާ އެކުގައި އައި މުއްސަނދިކަމާއި ތަނަވަސްކަން. އެހެންވީމާ، އެ ބާރު، އެރައްޔިތުން އަތުން އެހެން ދިމަދިމާއަށް ވީއްލަން، ބަހާލަން އަޅުގަނޑުމެން އެދޭއިރުގައި، އަޅުގަނޑަށް އުފާވެރިކަން ލިބެނީ، އެމް.ޑީ.ޕީ އެއީ، އެމް.ޑީ.ޕީ ތިބޭފުޅުން ބައްލަވައިލައްވައިފިއްޔާ، ޒަމާންވީ މާލޭ ވެރިކަމުގެ ޢާއިލާތައް ތިބޭނީ އެމް.ޑީ.ޕީ.ގައި. އެބޭފުޅުން އެތިބީ ނުކުންނަވައި އަޅުގަނޑުމެން އެންމެނާ އެކުގައި. އެބޭފުޅުންގެ ކާބަފައިން އެއްކޮށްފައިވާ އެއްޗެއް، މުދަލެއް އަދި އެއްކޮށްފައިވާ ބާރެއް، އެބޭފުޅުން ހިތުން ރުހުމުން ބަހާލުމަށްޓަކައި. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން، މިރަށުގެ، ދަރަވަންދޫގެ އެންމެ ރައްޔިތުންނަށް. މި ލޯކަލް އިންތިޚާބު، އިންތިޚާބު ކުރާއިރުގައި، ކޮންކަމެއްތޯ މިކުރެވެނީ އެނގިގެން އެކަން ކުރެއްވުމަށް. އާދެ! ފަސޭހަ ކަމެއް ނޫން އަޅުގަނޑުމެން ކުރާން މިއުޅެނީ. އެ އިންތިޚާބު، އެ ލޯކަލް ކައުންސިލް އޮންނަ ގޮތެއްވެސް އެނގޭ ދެވަނަ ބޭފުޅަކު ހުރިކަމަކަށް އަޅުގަނޑަކަށް އަދި ލަފައެއް ނުކުރެވޭ. އަދި އިށީންނާނީ ކޮންތަނަކުތޯ؟ ކުރާނީ ކޮންކަމެއްތޯ؟ ނިންމާނީ ކޮން ނިންމުންތަކެއްތޯ؟ އެކަން ވެގެންދާނީ ކިހިނެއްތޯ؟ މިއިން އެއްވެސް މަންޒަރެއް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ، އެހެން އެއްވެސް ވާދަވެރި ޕާޓީއަކުން ފާހަގަކުރަމުން އަންނަ ތަނެއް.
 
އަޅުގަނޑުމެންގެ އެބައޮތް މަންޒަރެއް. އަޅުގަނޑުމެންގެ އެބައޮތް ވިސްނުމެއް. އަޅުގަނޑުމެންގެ އެބައޮތް ދަރަވަންދޫގެ ތަރައްޤީ، އަޅުގަނޑުމެން ހިތުލާފައި އޮތް ގޮތެއް، އޮތް ތަޞައްވުރެއް. އެ ތަޞައްވުރުގައި އަޅުގަނޑުމެންގެ ހިތްތަކުގައި އެބައޮތް، އެ މަންޒަރުގައި، އެފޮޓޯ ފެންނަން، ކައުންސިލްވެސް. ކައުންސިލް ހިނގާނެގޮތްވެސް، އަޅުގަނޑުމެންގެ އަސާސީ ގަވާއިދުން ވަރަށް ސާފުވާނެ. އެ ހިންގުންވެސް އެއީ ހަމަ އަޅުގަނޑުމެންގެ ކަމެއް. އަޅުގަނޑު މިދަންނަވަނީ، އެހެން ބޭފުޅުންތަކަށް ކަމެއް ފަށައިގަނެވުނީމާ، ބާރަށް އެކަން ނުކުރެވޭނެ ވާހަކައެއް ނޫން. އެނގިވަޑައިގަންނަވާނެ، ސިޔާސީ ޕާޓީ ރާއްޖޭގައި އުފެއްދުމަށް އަޅުގަނޑުމެން އުޅެގަތުމުން، އެކަމާ އިންކާރު ކުރިވަރު. މުޅި ދުނިޔެ ބޮލަށް ވެއްޓޭނެ ކަމެއްގެ ގޮތުގައި ހަމަ މިހާރުގެ ވާދަވެރި ސިޔާސީ ޕާޓީ، ޑީ.އާރު.ޕީ.ގެ ގިނަ އިސްބޭފުޅުން އޭރުގައިވެސް ދުށީ. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރެއްގެ ގޮތުގައި އޭރު އިނީ. އަޅުގަނޑު އަޑު އެހިން، މުޅި ރާއްޖޭގެ ފަސާދައާއި، މުޅި ރާއްޖޭގެ ހަލާކު ނޫން އެހެން އެއްވެސް ކަމެއް ނުވާނެ ކަމަށް ހަމަ އޭރުގެ، މިހާރުގެ ޑީ.އާރުޕީ.ގެ ނުވަތަ ވާދަވެރި ޕާޓީތަކުގެ އިސްބޭފުޅުން ވިދާޅުވަމުމް ގެންދެވިތަން. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޕާޓީއެއް ހަދައި، އަދި އެ ޕާޓީގެ އަސާސީ ގަވާއިދެއް އަޅުގަނޑުމެން އެކުލަވައިލީމާ، އެމިންގަނޑުން ބަލައިގެން އެބޭފުޅުންވެސް ސިޔާސީ ޕާޓީއެއް ހެއްދެވީ. އަދި އެ ޕާޓީ ހިންގޭތޯ އެބޭފުޅުންވެސް ގެންދެވި. އެހެން ނަމަވެސް، ސިޔާސީ ޕާޓީއެއްގެ އެންމެ މުހިންމު އަސާސްތައް، އޭގެތެރޭގައި ނެތުނީމާ ދެން އަރައިގަންނަން އުނދަގޫވާނެ. މީހެއްގެ ވަށައިގެން ޕާޓީއެއް ނުހެދޭނެ. ޕާޓީއެއް ހެދޭނީ، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތްވާ ގޮތުގެ މަތިން. އެމަސައްކަތް ކުރުމުގައި އިރާދަކުރެއްވިއްޔާ، އެމް.ޑީ.ޕީ.ގެ އެންމެ މެންބަރުން ހަމަ، ތިބޭފުޅުން، ތިބޭފުޅުން މިއޮތީ މުޅި ރާއްޖެއަށް އެ މިސާލު ދައްކަވައިދެއްވާފައި. ކިހިނެއްތޯ ސިޔާސީ ޕާޓީ ހިންގާނީ. ކިހިނެއްތޯ ސިޔާސީ ޕާޓީ ހަދާނީ. އަޅުގަނޑު، އަޅުގަނޑުމެންގެ ޕާޓީގެ ޗެއަރޕަރސަނަށް ނިހާޔަތަށް ޝުކުރު ދަންނަވަން. އެބޭފުޅާ މިޕާޓީގެ ކަންތައް ކުރިއަށް ގެންދަވަމުން އެގެންދަވަނީ، އެހެން ބަޔަކަށް އޭގެ މިސާލެއް ފެންނާނެ ގޮތަކަށް. އަދި ޕާޓީއެއްގެ އެންމެބޮޑު އެއް އަސާސަކަށްވާންޖެހޭނީ، ފަލްސަފާއެއް އޮންނަން ޖެހޭނެ. އަދި ޚިޔާލާތެއް، ފިކުރެއް އޮންނަންޖެހޭނެ. އެއަށްވުރެ އަދި މާ މުހިންމީ، ކޮންމެ ޕާޓީއެއްގެވެސް ކަނޑައެޅިގެން ސާފުކޮށް ލީޑަރެއް ފެންނަން ހުންނަންޖެހޭނެ. އެއީ ކާކުކަން އޮޅިގެން އުޅެގެން ނުވާނެ. އަޅުގަނޑުމެން މިދަނީ ސިޔާސީ ޕާޓީތައް ތަރައްޤީވުމަށް މަގުފަހިކޮށްދެމުން. އަދި އެއަށް އަޅުގަނޑުމެން މިދަނީ މިސާލު ދައްކަމުން.
 
އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވާނީ، ލޯކަލް ކައުންސިލް ނުވަތަ ރަށު ކައުންސިލް އިންތިޚާބުވެގެންވެސް، އެކަންވެސް ވާނީ ހަމަ މިދެންނެވި ގޮތަށޭ. މިއުޅެނީ ރަށް ކުރިއަރުވާ ކޮމިޓީ އެކުލަވައިލާކަށް ނޫން. އަންހެނުންގެ ރޫޙު އެކުލަވައިލާކަށްވެސް ނޫން. ޖިންސުއްލަޠީފުންގެ ރޫޙު އެކުލަވައިލާކަށްވެސް ނޫން. އަދި ދަރަވަންދޫ ޒަމާނީ ކްލަބުގެ އަންހެނުން ބައިގެ ފިރިހެން ގޮފިން ހަދާ ކަމެއް ކުރާކަށްވެސް ނޫން. އަޅުގަނޑުމެން މިއުޅެނީ، ޒަމާނީ ނިޒާމެއް މި ރާއްޖޭގައި ޤާއިމް ކުރަން.  އެ ނިޒާމް ޤާއިމް ކުރުމަށް ނުކުންނަންޖެހޭނީ، އެކަން ދަންނަ ބަޔަކު. ރުކަކަށް އަރާކަށް ނުވާނެ މަސްވެރިއަކު. ރައިވެރިއަކު ރުކަށް އަރަންޖެހޭނީ. އަދި ރައިވެރިބެ އެންކެޔޮޅަކަށް ވެގެނެއް އޮޑިއަށް އަރައިގެނެއްވެސް ނުވާނެ. އަޅުގަނޑުމެނަށް، އަޅުގަނޑުމެން ކުރަން މިއުޅޭ ކަންތައް ވަރަށް ސާފު. ހަމަގައިމުވެސް އަޅުގަނޑަށް ވަރަށް ސާފު. އަޅުގަނޑަށް އެނގޭ، އަޅުގަނޑު ކުރަން މިއުޅޭ ކަންތައް. ޑިމޮކްރަސީއަކީ ކޮން އެއްޗެއް ކަމާއި، އެއީ ކިހިނެއްކުރާ ކަމެއް ކަމާއި، އެއިން ނަރުދަމާ ހަދަނީ ކިހިނެއްކަންވެސް އަޅުގަނޑަށް އެނގޭ. އެއްވެސް ނިޒާމެއްގެ ބޭނުމެއް ނެތް، އެ ނިޒާމަކުން އަޅުގަނޑުމެންގެ އަމިއްލަ ޙާލަތު ރަނގަޅު ނުކުރެވެންޏަކާއެއް. ރުއްގަހުގެ ބަދަލު، ޑިމޮކްރަސީން ލިބެންޖެހޭނެ. އޮނިގަނޑު ޑިމޮކްރަސީން ސާފުވާންޖެހޭނެ. ޑިމޮކްރަސީން ބަނދަރު ހެދެންޖެހޭނެ. ނަރުދަމާ އެޅެންޖެހޭނެ. މަދްރަސާ ރަނގަޅުވާންޖެހޭނެ. ވިޔަފާރި ކުރިއަރަން ޖެހޭނެ. އެކަން ކުރުމަށް އަޅުގަނޑުމެން ހިންގަންޖެހޭ އަސާސީ ކަންތައްތަކެއް ހުންނާނެ.
 
އަޅުގަނޑު އަޑުއަހާން ތިބޭފުޅުން، ހުރިހާ ބޭފުޅުން ދައްކަވާ ވާހަކަވެސް. އަދި އަޅުގަނޑާ ދިމާއަށް ކޮންމެފަދަ އެއްޗެއް ކިޔުއްވި ނަމަވެސް، އަޅުގަނޑުގެ މިޞްރާބަކަށް ބަދަލެއް ނާންނާނެ. އަޅުގަނޑު، އަޅުގަނޑު މިކުރާ މަސައްކަތުގައި އިރާދަކުރެއްވިއްޔާ، ހަމަ އަބަދަށްވެސް ދެމިހުންނާނަން. އަޅުގަނޑެއް، އަޅުގަނޑެއް ތިބޭފުޅުންގެ ފައިސާ ފޮއްޗެއްގައެއް، ލޯލާރިއެއްގައިވެސް އިރާދަކުރެއްވިއްޔާ ނުޖެހޭނަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ، ކޮންމެ ދުވަހަކު މަދުވެގެން 12 ގަޑިއިރު މަސައްކަތް ކުރާނަން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް މި ރާއްޖޭގެ ތަރައްޤީ ގެނެވޭނެކަން. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެނަށް، އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުރިހަމައަށް ފުއްދައިދެވޭނެކަން. އަޅުގަނޑުމެނަށް އެނގޭ، އެހެން ދަރަވަންދުއެއް، ދަރަވަންދޫ ރައްޔިތުންނަށް މުޅިން އެހެން ގޮތެއް އަޅުގަނޑުމެނަށް ހޯދައިދެވިދާނެކަން. އަޅުގަނޑަށް ފެންނަނީ އުފާވާ ޒަމާނޭ. ހަމަ އަޅުގަނޑު ނިންމާލަމުންވެސް ދަންނަވާނީ، އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރޫޙޭ.  
 
والســّلام عليــكم.
_______________________