ރަނގަޅު ހަރުދަނާ ޤާނޫނު ތަކެއްގެ ތެރެއިން، ރަނގަޅު ވަރުގަދަ ޑިމޮކްރަސީއެއްގެ ބިންގާ، މިރާއްޖޭގެ ޘަޤާފަތުގެ ތެރޭގައި ބިންވަޅު ނުނެގިއްޖެނަމަ، އަޅުގަނޑުމެން މިއެދޭ ބަދަލު މިރާއްޖެއަށް ނުގެނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާއަށް ވަޑައިގެން، އެ އެރަށު ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުން އަދި ސަރުކާރު ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ރާއްޖެ ބަދަލުކުރުމަށް ބޭނުންވި ސަބަބުތަކުގެ ތެރޭގައި، މާލޭގައި ޤާއިމްވެފައިއޮތް މައި ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް މަސައްކަތް ކުރާ މިންވަރު ދުވަހެއް ދުވަހަކަށް ދަށަށްގޮސް، މުޅި ރާއްޖެއަކީ ހަމައެކަނީ މާލެ ކަމުގައި ދެކޭ ދެކުމަށް ކުޑަވެސް ބަދަލެއް އައިސްފައި ނުވުން ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރާއްޖޭގެ ރަށްރަށް ލާމަރުކަޒީ އުޞޫލުން ހިންގުމަކީ، ހަމައެކަނީ ސަރުކާރު ހިންގާ އެމް.ޑީ.ޕީ.ގެ ފިކުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން، މާލެއަށް ޖަމާވެފައިވާ ބާރުތަކާއި ވެރިކަން، އިންސާފުވެރިކަމާއެކު ނުބެހިއްޖެނަމަ، ރާއްޖެއަށް ގެންނަން މިއެދޭ ބަދަލު ނުގެނޭވޭނެ ކަމުގައި ވިދާޅުވިއެވެ.
 
މީގެއިތުރުން، ދައުލަތުން ދޭ އެންމެ މަތީ އިނާމު، އެންމެ ފަހުން ލިބިފައިވަނީ މަސްވެރިކަމުގެ ދާއިރާއިން ފަރެސްމާތޮޑާ ރައްޔިތަކަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ސަރުކާރުގެ އަމާޒަކީ، އެ ބާވަތުގެ އުފެއްދުންތެރި މަސައްކަތް އެއީ، ފައިދާހުރި ހަރުދަނާ ވިޔަފާރިއަކަށް އަދި ވަޒީފާގެ ފުރުޞަތުތައް ހޯދައިދޭ ވިޔަފާރިއަކަށް ބަދަލުކުރެއްވުން ކަމުގައި ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ، އަމިއްލަ ވިޔަފާރިތައް ކުރިއަރުވައި، އެ ވިޔަފާރިތައް މެދުވެރިކޮށްގެން އިތުބާރުހުރި ވަޒީފާގެ ފުރުޞަތުތައް އަތޮޅުތަކުގައި އިތުރު ކުރެއްވުންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.  މިގޮތުން، މިފަދަ ވިޔަފާރި ތަރައްޤީ ކުރެއްވުމަށް، ލުއި ލޯނު ދެއްވުމަށް މިއަހަރު ބަޖެޓްގައި ހިމަނުއްވާފައިވާ ކަމާއި، ފަރެސްމާތޮޑާގެ ވިޔަފާރިވެރިންނަށްވެސް އަދި ޚާއްޞަ ގޮތެއްގައި އުފެއްދުންތެރިންނަށް ލުއި ލޯނު ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދުތައް ފުއްދަވަމުން ގެންދެވުމުގެ ސަބަބުން ފަރެސްމާތޮޑާއަށް ލިބެމުންދާ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން، ބޭސް ސިޓިއަށް ސަލާން ޖެހުން ނައްތާލެއްވުމުގެ ވަޢުދުގެ ތެރެއިން، ފަރެސް މާތޮޑާގެ 346 ރައްޔިތަކަށް މަދަނައިގެ ތެރެއިން ބޭސްފަރުވާ ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަންވެސް ހާމަކުރެއްވިއެވެ. އަދި އެރަށުގެ 97 މީހަކަށް ދޮށީ ޢުމުރުގެ ރައްޔިތުންނަށް ސަރުކާރުން ދެއްވަން ފެށްޓެވި ދެހާސް ރުފިޔާގެ ޕެންޝަން ލިބެމުންދާކަމީ ސަރުކާރަށް ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.