އަންނަ އަންގާރަ ދުވަހަކީ، މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހަކީ، މިޤައުމުގެވެސް އަދި ސަރުކާރުގެވެސް ތާރީޚުގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވިގެންދާނޭ ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ، މާލެ ފިޔަވައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ފުރަތަމަފަހަރަށް ކެބިނެޓް ބާއްވަވާ ދުވަސް ކަމަށާއި، ސަރުކާރުން ނިންމަވާފައިވަނީ، އެދުވަހު ބާއްވަވާ ވަޒީރުންގެ މަޖިލިސްގެ ޖަލްސާ، ތިލަދުންމަތީ ކުޅުދުއްފުށީގައި ބޭއްވެވުމަށް ކަމަށެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެދުވަހުގެ ޖަލްސާގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ، މަތި އުތުރު ޕްރޮވިންސްގައި ހިންގެވުމަށް ސަރުކާރުން ރާއްވަވާފައިވާ މަޝްރޫޢުތަކާ ބެހޭގޮތުންނެވެ.

 

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު، މިމަހުގެ 17 ވަނަ ދުވަހު އެމަނިކުފާނު ތަޞްދީޤު ކުރައްވާފައިވުމާއެކު، އެކަމުގެ މައްޗަށް ބައްލަވާލައްވައި، އެ ޔުނިވަރސިޓީ ޤާއިމްކުރެއްވުމާގުޅޭ މަސައްކަތްތައް ސަރުކާރުން ކުރައްވަމުން އެބަ ގެންދަވާ ކަމުގައި ވިދާޅުވިއެވެ. ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމަކީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ މަގާމެއް ކަމަށްވުމާއެކު، އެމަގާމަށް ޢައްޔަން ކުރައްވާނެ ބޭފުޅަކާ ދޭތެރޭގައި، އެމަނިކުފާނު ވިސްނާވަޑައިގަންނަވަމުން އެބަ ގެންދަވާކަމުގައިވެސް ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް އެ ޔުނިވަރސިޓީ ސަރުކާރުން އުފައްދަވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.