ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަރިއަތޮޅު އުތުރުބުރީ މާޅޮހަށް މިއަދު ހަވީރު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ ފަސް އަހަރު ހަމަވާއިރު މާޅޮހުގެ ނަރުދަމައާއި، ފެނާއި، މާޅޮހުގެ ބަނދަރާއި، މާޅޮހުގެ މަދަރުސާއާއި އަދި އެހެންވެސް ކޮންމެހެން ތަރައްޤީއަށް ބޭނުންވާނެ ވަސީލަތްތައް ވަޒީފާގެ ފުރުޞަތާ އެކީގައި މާޅޮހުގައި ޤާއިމް ކޮށްދެއްވާނެކަން ހާމަކުރެއްވިއެވެ.

 
މާޅޮހުގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ ޕްރޮގްރާމްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ވަށާ ޖެހޭ ތަޢުލީމެއް ދިނުމަށް، މާޅޮހު ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުމަށްޓަކައި މިދިޔަ އަހަރު ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ތިން ކްލާސް ރޫމްގެ އިތުރުން، އިތުރު ހަތަރު ކްލާސް ރޫމް ބިނާކުރުމަށް ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި 2012 ވަނަ އަހަރު މާޅޮހުގެ ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދަވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
 
މާޅޮހު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަރުކާރުގެ ވަޢުދުތައް ފުއްދެވުމުގައި ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، އެ ވަޢުދުތައް ފުއްދަވަމުން ވަޑައިގަންނަވާއިރު، މާޅޮހަށް އެކަމުން ލިބޭ ފައިދާގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.  
 

އަރިއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ވަރަށް ހަވީރުގެ ވަގުތެއްގައި ވަނީ މާލެ ވަޑައިގެންފައެވެ.