ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަރިއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް މިއަދު ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅު މަތިވެރިއަށާއި، ބޮޑުފޮޅުދުއަށް ވަޑައިގެންފިއެވެ.

 
ރައީސުލްޖުމްހޫރިއްޔާ އެ ދެރަށަށް ކުރެއްވި ދަތުރުފުޅުގައި، އެ ދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރު ދެމި އޮންނަނީ އަދި އެމަނިކުފާނު ރާއްޖޭގެ ވެރިކަމުގައި ހުންނަވަނީ، ވެރިކަމުގެ ލައްޒަތާއި، ޖާހާއި، ވެރިކަމުގެ އަރާމާއި ޝަހެންޝާހަށްޓަކައި ނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މި ސަރުކާރު ވެރިކަމުގައި މި އޮންނަނީ، މި ޤައުމުގެ މުސްތަޤުބަލުގެ ޖީލަށް ހެޔޮ ގޮތް ހޯއްދެވުމަށާއި، އަންނާން އޮތް ޖީލަށް މި ޤައުމު ތައްޔާރު ކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ވިސްނުން ގެންދަންވީ މާދަމާއަށް ކަމަށާއި، އަޅުގަނޑުމެންގެ އަމާޒަކަށްވާންވީ، އަޅުގަނޑުމެންގެ މުސްތަޤްބަލްގެ ތަރައްޤީ ކަށަވަރު ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މި ދެރަށުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ފެބްރުއަރީ މަހުގެ   5 ވަނަ ދުވަހު މި ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ، ރާއްޖޭގެ މުސްތަޤްބަލުގެ ތަރައްޤީގެ ބިންގާ ކަމުގައި އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވައި، ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މި ދެ ރަށަށް ސީދާ ގޮތުން ލިބެމުންދާ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި ދަތުރުފަތުރުގެ ނިޒާމްގެ ސަބަބުން މި ދެރަށަށް ލިބެމުންދާ ފައިދާގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.
 
މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި އަހަރުގެ ތެރޭގައި އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށޭނެކަން ހާމަކުރެއްވިއެވެ. އަދި ޒުވާނުންގެ ތަރައްޤީއަށް ހިންގަވާ ޕްރޮގްރާމްތަކުގެ ތެރެއިން، މަތިވެރީ ބޯޅަދަނޑު ތަރައްޤީ ކުރެއްވުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ހިނގާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން، ވަށާޖެހޭ ތަޢުލީމުގެ ސިޔާސަތުގެ ދަށުން، އެރަށު ސްކޫލް މީގެ އެއްއަހަރު ކުރިން އެއްދަންފަޅިއަށް ބަދަލު ކުރެވި، މިދިޔަ އަހަރުގެ ތެރޭގައި އިތުރު ތިން ކްލާސް ރޫމް އިތުރު ކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ސިޔާސަތުގެ ދަށުން، މަތިވެރީގައި ލިބެން ހުރި ތަޢުލީމުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 

ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ދުނިޔެއަކީ ހުޅުވި ލާމެހިފައިވާ ދުނިޔެއެއް ކަމަށާއި، ދުނިޔޭގައި ކަންހިނގާފައިވާ ގޮތާއި ކަންކަން ހިނގަމުންދާ ގޮތް އެނގެން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ތަރައްޤީ ލިބޭނީ މިއަދުގެ ދުނިޔެއަށް ހުޅުވި، އަންނާން އޮތް ޖީލަށް ވިސްނައިގެން ކަމުގައިވެސް ވިދާޅުވިއެވެ.