ރާއްޖޭގެ އާބާދީގެ ތިންބައި ކުޅަ އެއްބައި ރައްޔިތުންނަކީ، ހައިހޫނު ކަމުގެ ރޮނގުން ތިރީގައި ތިބި ރައްޔިތުންކަން ދެނެވަޑައިގެން، ރާއްޖޭގެ ރައްޔިތުންނަށް ފަޤީރުކަމުން އަރައިގަތުމުގެ ފުރިހަމަ ޕްރޮގްރާމެއް ހިންގަވަމުން ގެންދެވޭކަމީ، ހިތްވަރު ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، އެ އަތޮޅު ތޮއްޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ނިކަމެތިކަމާއި ފަޤީރުކަމުގައި ލިބެން ހުރި ޚިދުމަތްތަކަށްވެސް އަތް ނުފޯރާ ހިސާބުގައި ރައްޔިތުން ތިއްބާ، ކުރެވޭ އިމާރާތަކުން ނުވަތަ ބިނާއަކުން ރަށެއް އަދި ޤައުމެއް ތަރައްޤީއެއް ނުވާނެކަން ބަޔާންކުރައްވަމުން، ޤައުމު ތަރައްޤީ ކުރުމަށްޓަކައި އެންމެ ފުރަތަމަ ރައްޔިތުންނަށް ހޯދައިދޭން ޖެހޭނީ އިޖްތިމާޢީ ރައްކާތެރިކަން ކަމުގައި ވިދާޅުވިއެވެ. މިގޮތުން، އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމުގެ ޕްރޮގްރާމަށް ވޭތުވެދިޔަ އަހަރު މުޅި ބަޖެޓްގެ ދިހަ ޕަސެންޓް ހޭދަކުރެއްވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި މިގޮތުން ސަރުކާރުން ކުރެއްވި މަސައްކަތުގެ ސަބަބުން، އިޖްތިމާޢީ ރައްކާތެރިކަމުގެ ވިއުގައެއް ޤާއިމް ކުރެއްވިފައިވާތީ، މި ރާއްޖޭގެ ތަރައްޤީގެ އެހެން މަޝްރޫޢުތައް މިއަހަރު ފެށިގެން ދާނެ ކަމަށާއި، އަދި މިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް 2011 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިޖްތިމާޢީ ރައްކާތެރިކަން ފޯރުއްވައިދެއްވުމުގެ ޕްރޮގްރާމްގެ ތެރެއިން، ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުމަށް ވެވަޑައިގެންފައިވާ ވަޢުދުގެ ތެރެއިން، ތޮއްޑޫގެ 211 މީހުންނަށް، މަދަނައިގެ ޕްރޮގްރާމުގެ ދަށުން ކޮންމެ މީހަކަށް އަހަރަކު    އެއްލައްކަ ރުފިޔާގެ ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ދޮށީ އުމުރުގެ ރައްޔިތުންނަށް ސަރުކާރުން ދެއްވަން ފެށްޓެވި ޕެންޝަން، އެރަށުގެ 70 މީހަކަށް ގަވާއިދުން ލިބެމުންދާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މީގެއިތުރުން، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްރަށް ގުޅާލުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، ސަރުކާރުން އަމާޒު ކުރައްވާފައިވާ ގޮތަށް މި މަސައްކަތުގެ ފުރަތަމަ ދެއަހަރު ނިމުނުއިރު މުޅި ރާއްޖޭގައި މި ނިޒާމުގެ އަސާސީ ޚިދުމަތް ޤާއިމް ކުރެއްވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ތޮއްޑޫގައި މި ޚިދުމަތް ޤާއިމް ކުރެވުނު ފަހުން، ތޮއްޑޫއިން 1627 މީހުން ދަތުރުފަށައި، 1838 މީހުން ތޮއްޑޫއަށް ދަތުރު ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، މި ނިޒާމްގެ ތެރެއިން، ތޮއްޑޫގައި ބިނާ ކުރެވޭ ފެރީ ޓަރމިނަލްގެ މަސައްކަތް މިއަހަރު ފެށޭނެކަން ހާމަކުރެއްވިއެވެ.
 
ތޮއްޑޫގެ ތަރައްޤީއަށް ރާއްވަފައިވާ ޕްރޮގްރާމްތަކުގެ މައްޗަށް ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، އެ ރަށުގެ ނެރު ފުންކުރުމުގެ މަސައްކަތް ވޭތުވެދިޔަ އަހަރު ނިމިފައިވުމާއެކު، ތޮއްޑޫގައި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ ތޮއްޑޫއަށް ވަޑައިގަތުމުގެ ކުރިން، އަރިއަތޮޅު އުތުރުބުރީ ރަސްދޫއަށް ވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި، އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ. ޖުމްލަ 26 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ރަސްދޫގައި ހަދާ ބަނދަރު ހެދުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙް ކޮށްދެއްވާފައިވަނީ، 6 މެއި 2010 ގައެވެ.
 

ރައީސުލްޖުމްހޫރިއްޔާ ރަސްދޫއަށާއި، ތޮއްޑޫއަށް ވަޑައިގަތުމުން، އެ ދެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.