بســماللّـهالرّحمـنالرّحيــم

 
މި ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބު ޢަލީ ނިޔާޒް. ކިނޮޅަހުގެ ކުރިއަށް ތިއްބެވި އެންމެހާ ވެރިން. އަދި ވަކިން ޚާއްޞަކޮށް، މިރަށުގެ ލޮބުވެތި ރައްޔިތުން.
 
السّـلام عليـكم
 
ކިނޮޅަހަކީ ކޮން ތަނެއްކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ބުނެދިނުމަކީ، ބުއްދިވެރި ކަމަކަށް ނުވެދާނެ. އެހެން ނަމަވެސް، ރާއްޖޭގެ ޒަމާންވީ ޤަދީމީ ތާރީޚުގެ ތެރެއިން އެންމެ ފާހަގަވެފައި އޮތް އެއްރަށަކީ ކިނޮޅަސް. މީލާދީން ސާދަސަތޭކައިގެ އަހަރުތަކުގެ ތެރޭގައި، މިރަށުގައި 40 މިސްކިތް ހުންނަ ކަމަށްވޭ. އަދި އެ މަޢްލޫމާތަކީ ވަރަށް އިތުބާރު ހުރި ގޮތުގައި އަޅުގަނޑުމެނަށް، މި ޖީލަށް ފޯރުވެފައި ހުރި މަޢްލޫމާތު. އެނގިވަޑައިގަންނަވާނެ، ރާއްޖެއަށް ވަޑައިގެންނެވި މަޝްހޫރު މަޣުރިބު ދަތުރުވެރިޔާ އިބްނު ބަޠޫޠާ، ފުރަތަމަ އައިސް މަޑުކުރެއްވީ މިރަށުގައި. އޭނާއަށް މިރަށުން ޢަރަބިކަރައިން އަދި 4 އިތުރު ރަޙްމަތްތެރިޔަކާ، ޢަރަބިކަރައިން ދެމީހުނާއި، ޗައިނާއިން ދެމީހުނާ، އިބްނު ބަޠޫތާއަށް ހަތަރު ރައްޓެހިންނާ، ކުރީގައި އޭނާ ދެކެފައިވާ 4 މީހުންނާ މިރަށުން ބައްދަލުވި ކަމަށް އޭނާ ލިޔޭ.  
 
މިރަށަކީ ވަރަށްބޮޑު ތާރީޚެއް އަދި ދުވަސްތަކެއްވީ ރަށްވެހިކަމެއް ހިނގާފައި އޮތް ރަށެއްކަން އަނެއްކާވެސް އަޅުގަނޑުމެނަށް އެނގިގެން މިއަންނަނީ، މިތަނުގެ 500 މީހުންގެ އާބާދީގެ ރަށްވެރިކަމުގެ ތަރައްޤީގެ އިންތިޚާބު އަޅުގަނޑުމެންނާ ކުރިމަތިވާއިރުގައި، އެންމެ ގިނައިން ކެންޑިޑޭޓުން ކުރިމަތިލާ އެއްރަށަށް މިރަށް މިއޮތީ ވެފައިކަން. މިރަށަކީ ރަށްވެރި ތަރައްޤީގެ ތަރައްޤީއަށްޓަކައި ރަށުގެ ރައްޔިތުން މަސައްކަތްކުރާ ރަށެއްކަން އަޅުގަނޑަށް ހަމަ ކަށަވަރު.
 
މި ސަރުކާރު ހިންގާން އަޅުގަނޑުމެން ފެށުމުގެ މާކުރީގައިވެސް، މީގެ ތިން ހަތަރު އަހަރެއް ކުރީގައި، ސަރުކާރު މިހާރު ނިސްބަތްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ، އަޅުގަނޑު އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ވެފައި މިއޮންނަ އެމް.ޑީ.ޕީ، އެ ޕާޓީގެ ފަރާތުން ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ދަތުރުކުރި. ވަރަށްގިނަ ގޭގެއަށް ޒިޔާރަތް ކުރި. ވަރަށްގިނަ މީހުންނާ ބައްދަލުވި. އަދި ވަރަށްގިނަ ފަރާތްތަކާ މަޝްވަރާ ކުރެވި، އެކީއެކައްޗަކަށް ސަރުކާރު ހިންގާނެ ސިޔާސަތެއް ސަރުކާރުން އެކުލަވާލީ، ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވުމުގެ މާކުރީގައި.             އެ ސިޔާސަތުތަކާއެކީގައި ރާއްޖޭގެ ރައްޔިތުންގެ ކުރިމައްޗަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެބޭފުޅުން ފޮނުއްވެވީ އަޅުގަނޑު. ރާއްޖޭގެ ރައްޔިތުން، އެސިޔާސަތުތައް ފުރިހަމައަށް ގަބޫލު ކުރައްވައި، އަޣްލަބިއްޔަތުން މި ސަރުކާރު ބަލައިގަނެ، އެ ސިޔާސަތުތައް ތަންފީޛު ކުރުމަށް އަޅުގަނޑުމެނަށް މިވަނީ މަސްއޫލިއްޔަތެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުން ޙަވާލުކޮށްފައި. އަޅުގަނޑުމެން މި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ޙަވާލުވީއިރު، އަޅުގަނޑުމެނާ އެކިއެކި ފަރާތްތަކުން ބައިޢަތު ހިފި. އަދި އަޅުގަނޑުމެން ދެކި ތިބީ، އެ ޢަހުދު، އެ ބައިޢަތު، ޙަޤީޤަތުގައި އެއްވެސް ފަރާތަކަށް މުގުރާލެވިގެން ނުވާނެއޭ، އެއިން ދުރުވެވިގެން ނުވާނެއޭ.
 
އިންތިޚާބެއް އަންނަ ކޮންމެ ފަހަރަކު، އަޅުގަނޑުމެނާ އެކުގައި ރައްޔިތުންނަށް ޚިދްމަތް ކުރަން ބައިޢަތު ހިއްޕަވައިގެން ތިއްބަވާ އެންމެ ބޭފުޅުން، އަނެއްކާ ވަކިން އެބަ ނުކުންނަވައި، އެބޭފުޅުން އަމިއްލަފުޅަށް ވެރިކަން ހޯއްދަވަން އުޅުއްވުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ރިވެތި އަޚްލާޤީ ގޮތެއް ނޫން. އަދި އަޅުގަނޑު ނުދެކޭނަން، މާތްވެގެންވާ އިސްލާމްދީނުގައި އެކަން އޮންނަ ގޮތް ކަމަކަށްވެސް. ވެރިއަކަށް ބައިޢަތު ހިފައިފިނަމަ، ކަނޑައެޅިގެން އެ ވެރިއަކު، ކަނޑައެޅިގެން ކާފަރުވެނުދާހާ ހިނދަކު، އެ ބައިޢަތެއް އިސްލާމީ ޝަރީޢަތުގައެއް، އިސްލާމްދީނުގައި އުވާލެވިދާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑު ދެކެނީ މިރަށުގެ ހުރިހާ ރައްޔިތުންވެސް، އެ ފުރަތަމަ ދުވަހު ހިފި ބައިޢަތުގެ މަތީގައި، މިއަދު ތިއްބަވާންޖެހޭނެ ކަމަށް. ވަކިން އެހެން ޕާޓީތަކުގެ ނަމުގައި ވެރިކަން ކުރައްވާން ނުކުންނަވާންވީ ވަގުތު މިއީކީ ނޫން ކަމަށް. އެނޫން ގޮތަކަށް ތިޔަބޭފުޅުންނަށް ވަނީ ޢަހުދުވެވިފައި.
 
އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކަށްވަނީ މި ރާއްޖެ ތަރައްޤީ ކުރުން. ރާއްޖޭގެ ރައްޔިތުންނަށް ރިވެތި ގޮތުގައި ދިރިއުޅެވޭނެ މަގެއް ހޯދައިދިނުން. އަޅުގަނޑަށްވެސް ހަމަ ފުރިހަމައަށް ގަބޫލު ކުރެވޭ، ރާއްޖޭގެ ވަރަށްގިނަ ޚިދްމަތްތަކަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ހަމަ އެއްގޮތަކަށްވެސް ކަމުދާ ޚިދްމަތެއް ނޫން. މިދިޔަ ދިގު 30 އަހަރުވެސް އަދި މިދިޔަ ދެއަހަރުވެސް އެޚިދްމަތްތައް އެކަށީގެންވާ ފެންވަރަށް ގެނެވިފައިނުވާކަން އަޅުގަނޑުވެސް ހަމަ ގަބޫލުކުރަން. އެއާއެކުގައި، އޭގެ އަނެއް ޙަޤީޤަތަކީ، މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބައިވަރު ރައްޔިތުންނަކީ، ވަރަށް ނިކަމެތި ފަޤީރުންނޭ. އެމީހުންނަކީ އެމީހުންނަށް ރެޔާދުވާލުގެ މަސައްކަތުންވެސް އަދި އެހެން ގޮތަކުންވެސް ދިހަ ބާރަ ރުފިޔާ ނުޖެހޭ ނިކަމެތިންނޭ.
 
ޤައުމެއްގެ އާބާދީގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ، ނިކަމެތިންގެ ގޮތުގައި އޮވެ، އެޤައުމެއް ތަރައްޤީ ކުރެވޭނެ ގޮތެއް ނޯންނާނެ. މި ކިނޮޅަހުގެ ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ ނިކަމެތިން ކަމުގައިވެ ތިބެ، ކިނޮޅަސް ތަރައްޤީ ކުރެވޭނެ ގޮތެއްވެސް ނޯންނާނެ. އެހެންވީމާ، ސަރުކާރުން ވަޢުދުވީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭން. މަދަނައިގެ ވިއުގަ އުފެދިގެން އައީ މިދެންނެވި ހިސާބުން. އަޅުގަނޑު މިއަދު އުފާވަނީ މި ކިނޮޅަހުގެ 77 ރައްޔިތަކު މަދަނައިގައި ރަޖިސްޓްރީވެފައިވާތީ. ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، ކިނޮޅަހުގެ 77 ރައްޔިތުންނަށް ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާ، މާލިއްޔަތުގައި ބޭސްފަރުވާއަށްޓަކައި ރައްކާކުރެވިފައި އޮތްކަމުން. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. އަޅުގަނޑަށްވެސް ސާފު، މަދަނައިގައި ޖެހުނީމާ އަދި މިރަށުގެ ބޭސްފިހާރައިން ބޭސް ނުލިބޭތީވެ، މިރަށުން އެ ބޭސް ގަންނަން ނުލިބުނު ކަމުގައިވިޔަސްވެސް އެއީ ދެރައެއް. އެއީ، އަޅުގަނޑު ދެންމެ ހަމަ މިދެންނެވި ޚިދްމަތް ރަނގަޅަށް ނުދެވޭތީވެ. ކަންކަން ފުރިހަމަނުވާތީވެ. ރަނގަޅު ނުވާތީވެ. އެހެން ނަމަވެސް، ސަރުކާރުގެ އަމާޒަކަށްވީ، ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމް ކުރުމަށާއި، އަދި މަދަނައިގެ ބޭސް ފިހާރަތަކުން ބޭސް ލިބޭނޭ އިންތިޒާމެއް ހަމަޖައްސައި، އެ ބޭސް، ފަސޭހަކަމާއެކީގައި ރައްޔިތުންނަށް ލިބޭނެގޮތް ހޯދައިދިނުން. ހަމަ އެއާ ވިދި އައި އަޅުގަނޑުމެންގެ އަނެއް އަމާޒަކީ، އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ޢުމުރުން ދުވަސްވީ މީހުންނާ އެބަ އަޅާލަންޖެހެއޭ. އެމީހުންނަށް އެހީތެރިކަމެއް، ސަލާމަތްތެރިކަމެއް ފޯރުކޮށްދެވޭނެ ގޮތެއް އެބަ ސަރުކާރުން ހޯދަންޖެހެއޭ.
 
އަޅުގަނޑު ނިސްބަތްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ފަލްސަފާއެއް ނޫން އެއީ، މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ކަމަށް ދެކުން. އެހެންވީމާ، ސަރުކާރުން ވަޢުދުވީ ކޮންމެ ރައްޔިތަކަށް، 65 އަހަރުން މަތީގެ އަންހެނަކަސް، ފިރިހެނަކަސް، ކޮންމެ ރައްޔިތަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް. އަޅުގަނޑު މިއަދު އުފާވަނީ، މި ސަރުކާރަށް ހިތްވަރު ލިބެނީ، މިރަށުގެ 25 މީހަކަށް، ކޮންމެ މަހަކު މިދެންނެވި ދެހާސް ރުފިޔާ ދެމުން ގެންދެވޭތީވެ. އަދި އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިރަށަށް ކޮންމެ މަހަކު ޕެންޝަންގެ ގޮތުގައި ފަންސާސްހާސް ރުފިޔާ ދެވޭކަމުން. އަޅުގަނޑުމެން ދެކެނީ، އެފައިސާއަކީ މިރަށުގެ އިޤްތިޞާދު ތަރައްޤީވުމަށް ނުހަނު އެހީތެރިވެދޭނެ ފައިސާ ކަމަށް. އަޅުގަނޑުމެން ދެކެނީ، އެފައިސާއަކީ ދޮށީ ޢުމުރުގެ މީހުންނަށް ރިވެތި ގޮތުގައި، ޢުމުރުގެ ބާކީ އޮތް ދުވަސްކޮޅު ހޭދަކޮށްލުމަށް އެހީތެރިވެދޭނެ ޕެންޝަނެއް ކަމަށް. އަޅުގަނޑުމެން ހިތުގެ އަޑީން ގަބޫލުކުރަނީ، މި ރާއްޖެ އަޅުގަނޑުމެނަށް މިގޮތަށް ލިބިފައި މިއޮތީ، މިއަދުގެ ދޮށީ ޢުމުރުގެ މީހުން ކިތަންމެ މަސައްކަތެއް ކުރީމާ ކަމަށް. އެމީހުން މަހަށް، ފަރަށް ދިޔައީމާ، ރުކަށް އެރީމާ، ވަޑާން ކުރީމާ، ގެދޮރު އެޅީމާ، ރިޒޯޓްފަހަރު ހެދީމާ. އެމީހުން ކިތަންމެ ކިތަންމެ މަސައްކަތެއް ކުރީމާ. އެހެންވީމާ، އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް، މަޝްރޫޢު އަޅުގަނޑުމެނަށް ރަނގަޅަށް ހިންގަމުން ގެންދެވޭތީވެ.  އަދި ހަމަ އެހެންމެ، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން މިރަށުގެ ތިން ރައްޔިތަކަށް އެހީތެރިވެދެމުން ގެންދެވޭކަމީ، އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބޭ ކަމެއް.
 
ކިނޮޅަހުގެ ތަރައްޤީ ޙަޤީޤަތުގައި ގުޅިފައި އޮންނާނީ، ކިނޮޅަހުގެ ރައްޔިތުންގެ ތަރައްޤީއާ. ކިނޮޅަހުގެ މީހާގެ ތަރައްޤީއާ. ތަރައްޤީއަކީ ބޮޑުހިލައިން މިނާ އެއްޗެއް ނޫން. ތަރައްޤީއަކީ ކޮންކްރީޓުން މިނާ އެއްޗެއްވެސް ނޫން. ތަރައްޤީއަކީ ސީދާ ކިނޮޅަހު މީހާ ތަރައްޤީވުން. އަޅުގަނޑުމެންގެ އަމާޒަކީ، ކިނޮޅަހު މީހާ މުއްސަނދިކޮށްލުން. އޭނާއަށް ތަނަވަސް ދިރިއުޅުމެއް ހޯދޭނެ ގޮތެއްގެ އިންތިޒާމެއް، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ހޯދައިދިނުން. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މިދެންނެވި މަގަށް އަޅުގަނޑުމެނަށް މަސައްކަތް ކުރެވެމުން ގެންދެވޭތީވެ.
 
މިރަށުގެ ތަޢްލީމީ ޙާލަތު ރަނގަޅު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އެކަމަށްޓަކައި އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ އަމާޒަކީ، އެއްދަންފަޅީގެ މަދްރަސާއާއި ވަށާޖެހޭ ތަޢްލީމު. އެއްދަންފަޅިއަށް މިރަށުގެ މަދްރަސާ ބަދަލުކުރުމަށްޓަކައި 2010 ވަނަ އަހަރުވަނީ ތިން ކްލާސްރޫމް ޢިމާރާތް ކުރެވިފައި. އެހެން ނަމަވެސް، މިތަނުގެ މަދްރަސާ އަދިވެސް އެއްދަންފަޅިއަކަށް ބަދަލެއްނުވޭ. އަޅުގަނޑު ދެކެނީ، އެ ކްލާސްރޫމްތަކާއެކީގައި، ތިން ކްލާސްރޫމާއެކީގައި ބަދަލުވާނެ ކަމަށް. އަޅުގަނޑު އަނެއްކާ މާލެގޮސް ބަލާނަން، ކިހިނެއްތޯ މިތަނުގެ މަދްރަސާ އެއްދަންފަޅިއަށް ބަދަލުކުރެވެން އޮތީ. އިރާދަކުރެއްވިއްޔާ، މިއަހަރުތެރޭގައި އެމަސައްކަތްކޮށް، އަޅުގަނޑުމެނަށްވީ އެންމެ އަވަހަކަށް، މިރަށުގެ މަދްރަސާ އެއްދަންފަޅިއަށް ބަދަލުކޮށް ނިންމާނަން.
 
ސަރުކާރުން އެދެނީ އަދި އަމާޒަކީ، އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ، ތިން މާއްދާއަށްވުރެ ގިނައިން ފާސްވެފައިވާ ކުދިންނަށް ހެދުން.    އެ އަމާޒު ހިފުމަށްޓަކައި ކުރާންޖެހޭ މަސައްކަތް ނުހަނު ގިނަ.  އަޅުގަނޑަށް ޔަޤީން، މިރަށުގެ ހުރިހާ މައިންބަފައިންވެސް، އެމީހުންގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ލިބުމަށް އެދޭނެ. އެ ތަޢްލީމު ފޯރުކޮށްދިނުމަށް މި ސަރުކާރު އެދޭނެ.
 
މި ސަރުކާރު ދެމި މިއޮންނަނީ، ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި. އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށް. އަޅުގަނޑަށްވެސް ހަމަ ވަރަށް ސާފުކޮށް އެނގޭ، މިރަށުގެ ނަރުދަމައާއި، މިރަށުގެ ފެނާއި، މިރަށުގެ ކަރަންޓްގެ މައްސަލަތަކާ، މި އެންމެ ކަންކަމަކީ ޙައްލުކޮށް ރަނގަޅު ކުރާންހުރި ކަންކަން.         މި ސަރުކާރުގެ އެބައޮތް، ކިނޮޅަސް ތަރައްޤީ ކުރުމުގެ ވިސްނުމެއް، ތަޞައްވުރެއް. އަޅުގަނޑުމެންގެ ހިތުގައި ބިންވަޅު ނެގިފައި އެބައޮތް ކިނޮޅަހުގެ މަންޒަރެއް. އެ މަންޒަރު ޙަޤީޤަތަކަށް ހެދުން، ސަރުކާރުގެ އަމާޒަކީ. އޭގައި އޮތީ ނަރުދަމާވެސް. އޭގައި އޮތީ ފެންވެސް. އޭގައި އޮތީ ހެޔޮ އަގުގައި ކަރަންޓްވެސް. ޔުޓިލިޓީ ކުންފުނިތައް ހެދީ ހެޔޮ އަގުގައި ކަރަންޓް ދިނުމަށްޓަކައި. އަޅުގަނޑު މިއަދު އުފާވަނީ، މިރަށުގެ ގިނަ ގޭގެއަށް މިދިޔަ ދެއަހަރުގެ ތެރޭގައި، އަދި ޚާއްޞަކޮށް، މިދިޔަ އަހަރުގެ ތެރޭގައި، ކަރަންޓްގެ އަގު ހެޔޮކުރުމުގެ ސަބަބުން، މަހެއްގެ މައްޗަށް ތިން ހަތަރުސަތޭކަ ރުފިޔާ، ދުއިސައްތައެއްހާ ރުފިޔާ ހެޔޮނުވާ އަޅުގަނޑު ހިތުން ހަމަ އެއްގެއެއްވެސް މިހާރު ނުހުންނާނެ. އަޅުގަނޑުމެން ބޭނުންވަނީ، ހަމަ ލުއިގޮތެއްގައި ރައްޔިތުންނަށް ނަރުދަމާގެ ޚިދްމަތްވެސް ފޯރުކޮށްދިނުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އިރާދަކުރެއްވިއްޔާ، އެމަސައްކަތްވެސް ލަސްތަކެއްނުވެ އަޅުގަނޑުމެން މިރަށުގައި ފަށައިގެން ކުރިއަށް ގެންދާނަން.
 
މިރަށުގެ ދަރިވަރުންގެ ސްކޫލްގެ ފޮތް ފަންސުރާއި އަދިވެސް ސްކޫލަށް ބޭނުންވާ އެހެން ތަކެތި ހޯދައިދިނުމަށްޓަކައި ހަތްދިހަ ހަތަރުހާސް ހަތަރުސަތޭކަ ނުވަދިހަ ނުވަރުފިޔާ، 2010 ވަނަ އަހަރު ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ނުހަނު ހިތްވަރާއި ހިތްހަމަޖެހުން ލިބޭ ކަމެއް. އަދި ހަމައެހެންމެ، މިރަށު ދަރިވަރުން، އިމްތިޙާންތަކުގެ ފީ ދެއްކުމުގެ ގޮތުން، ޚަރަދު ކުރަން ޖެހުނު އެއްތިރީސް ހާސް ފަސްދޮޅަސް ފަސްރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު ސަރުކާރަށް ލިބުނުކަމީވެސް،    މި ސަރުކާރަށް ހިތްވަރާއި ހިތްހަމަޖެހުން ލިބޭ ކަމެއް.
 
ރާއްޖެ ތަރައްޤީ ކުރުމަށް، ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ފަސޭހަކަމާއެކީގައި ދަތުރު ކުރެވޭނެ ނިޒާމެއް، އިންތިޒާމެއް ހަމަޖެހެން ޖެހޭނެ. އެއްރަށެއްގެ ވަސީލަތްތައް އަނެއް ރަށަށް ހުޅުވެންޖެހޭނެ. އެއްރަށެއްގެ ޚިދްމަތްތައް، އަނެއް ރަށެއްގެ ރައްޔިތުންނަށް ރިވެތި ގޮތުގައި ލިބެންޖެހޭނެ. އެކަން ފަހިކުރުމަށްޓަކައި ސަރުކާރުން ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމް ކުރުމަށް މަސައްކަތް ފަށައިގަތީ. ވިޔަފާރި ކުރިއެރުވުމަށްޓަކައި. ސަރުކާރުން ކަނޑައެޅިފައި އޮތީ 7 އަހަރު ދުވަހުގެ ތެރޭގައި، މިދެންނެވި ނިޒާމް ޤާއިމް ކުރުން. އެހެން ނަމަވެސް، ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި، އޭގެ އަސާސީ ޚިދްމަތްތައް ކަނޑައެޅުން އަދި ފޯރުކޮށްދިނުން. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިރަށުން މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި، 502 ފަހަރު ދަތުރަށް އަރާފައިވާތީ. އެއީ މަދުވެގެން ރެޔަކާ ދުވާލަކަށް މިރަށުގެ ހަތަރު ފަސް މީހަކު އެބަ ދަތުރުކުރޭ. މިރަށަށް އާދޭ އަދި މިރަށުންދޭ. ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލެވުނީމާ، އަޅުގަނޑުމެން މިދެކެނީ، ތަރައްޤީގެ ދުވެލި އަދި ކިތަންމެ ތަނަކުން ހަލުވިވެގެންދާނެ ކަމަށް.
 
ތަރައްޤީގެ ދުވެލި އަޅުގަނޑަށް ފެންނަ ފެނުމުގައި އެންމެ ބޮޑަށް ގުޅިފައި ހުރީ ފެބްރުއަރީ 5 ވަނަ ދުވަހު، މި ޤާއިމްކުރެވޭ ލޯކަލް ކައުންސިލްގެ އިންތިޚާބާ. ޤާނޫނުއަސާސީ އެކުލަވައިލެވިގެން އައިއިރުގައި، އޭގެ އަސާސީ ސިފަތަކާއި އުޞޫލުތައް ކަނޑައެޅުނުއިރު،         އެ ޤާނޫނުއަސާސީއަކު ލާމަރްކަޒީ އުޞޫލުގެ ވާހަކައެއް ނެތް. އެހެން ނަމަވެސް، މާފަހުން އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރާއި، އަދި ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު، ދެމެންބަރުންނަކީވެސް އެމް.ޑީ.ޕީ ދެމެންބަރުން. ހުށަހަޅުއްވައިގެން 8 ވަނަ ބާބު ޤާނޫނުއަސާސީ ތެރެއަށް ގެނެވުނީ. ވެރިކަމުގެ ބާރުތައް ބަހާލުމަކީ އަޅުގަނޑުމެންގެ ފިކުރެއް. އަޅުގަނޑުމެން ވަކާލާތު ކުރަމުން އައި ކަމެއް. ރައްޔިތުންނަށްޓަކައި ރައްޔިތުންނާ ގާތުން ރައްޔިތުންގެ ވެރިކަމެއް ކުރެވިގެން މެނުވީ، ތަރައްޤީ ލިބެން ނެތްކަން އަޅުގަނޑުމެންނަށް ވަރަށްބޮޑަށް ޔަޤީންވި. ޒަމާންތަކެއް ވަންދެން މާލޭގައި އެއްކުރެވިފައި ހުރި ބާރު، އަޅުގަނޑުގެ ރަށުގައި ހުރި އެއްޗަކުން ބައެއް އަޅުގަނޑުމެން މިއުޅެނީ ކިނޮޅަހަށްދޭން.        މި ޤާނޫނުއަސާސީގައި، އަޅުގަނޑު އަތުގައި ހުރި ބާރުތަކުގެ ތެރެއިން ޝަރީޢަތް ހިންގުމުގެ ބާރު މިހާރު އެވަނީ ވަކިވެފައި، މުސްތަޤިއްލުވެފައި. ސުޕްރީމް ކޯޓުގެ ޖަޖަކު ކަނޑައެޅި، އެ މުއައްސަސާ އެދަނީ ވަކިން ހިނގަމުން. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ، މިހާރު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ބޭފުޅެއް ނޫން. އަދި ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ           8 މެންބަރުންނެއްވެސް މިހާރު ނުތިއްބަވާނެ. މަޖިލިސްވެސް އެދަނީ މިނިވަންކަމާއެކީގައި.
 
ދެންއޮތީ އަދިވެސް އިތުރަށް، ވެރިކަމުގެ ބާރުގެ ތެރެއިން ބައެއް މިރަށްރަށަށްވެސް، މިރަށްރަށް ހިންގުމަށް ފަހިވާނެ ގޮތެއް ހޯދުން. އެ ބާރުވެރިކުރުމުގައި ނުކުމެ، އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް، ސަރުކާރަކަށް ނެތް ފެބްރުއަރީ 5 ގެ ފަހުން އަދި ހުއްޓާލެވޭކަށް. ކައުންސިލް ހުންނާނެ ތަނެއްވެސް، އޮންނާނެ ގޮތެއްވެސް އިތުރު ބަޔަކަށެއް ނޭނގެ. "ކައުންސިލް" އެބަހަކީ ޤާނޫނުއަސާސީގައި ލިޔެވިފައި އޮތް ބަހެއް ނޫން. އެއީ، މި ސަރުކާރުގެ ބަހެއް. ކައުންސިލަރުންނަކީ މި ސަރުކާރުން އުފެއްދި ބައެއް. އެއީ މި އިންތިޚާބަށް އަހުލުވެރި ކުރުމަށްޓަކައި. އިންތިޚާބާ ގާތްވާއިރުގައި، ކުރަންއުޅޭ ކަންތަކަށް ކޮންމެވެސް މިންވަރެއްގެ ނަމަވެސް މަންޒަރެއް، ސިފައެއް ދިނުމަށްޓަކައި. މިކަން އަޅުގަނޑުމެންނަށް ކާމިޔާބުވާނީ، ކިނޮޅަހު ރައްޔިތުން މި ސަރުކާރަށް ފުރްޞަތެއް ދެއްވައިގެން. އަޅުގަނޑުމެނާއެކީގައި މިކަން ކުރުމަށް އަތުކުރިއޮޅާލައިގެން. އަޅުގަނޑެއް ނުދެކެން، މިއީ އެހެން އެއްވެސް ޕާޓީއަކަށް ފުރްޞަތު ދޭންވީ ވަގުތެއް ކަމަކަށް. އެންމެބޮޑު އެއް ސަބަބަކީ، އެހެން އެއްވެސް ބަޔަކު މި ފަލްސަފާ ގަބޫލު ނުކުރާކަން.
 
އަޅުގަނޑުމެން ކުރާން މިއުޅެނީ ކޮންކަމެއްކަން އެހެން މީހުންނަށް މާބޮޑަށް އޮޅުންނުފިލާކަން. އެމް.ޑީ.ޕީ.ގެ ލީޑަރޝިޕްގެ ގޮތުގައި ތިއްބަވާނީ، ޒަމާނުއްސުރެ ޒަމާންވީ މާލޭގެ ވެރިކަމުގެ ޚާންދާންތަކުގެ ބޭފުޅުން. މިއަދު އެބޭފުޅުންގެ ކާބަފައިން މާލެއަށް އެއްކުރައްވާފައިވާ ބާރު، ބައެއްފަހަރަށް ހަނގުރާމައިން، ދޮންބަންޑާރައިންގެ އަމިއްލަ މިލްކެކޭ، މާލެއަކީ ދޮންބަންޑާރައިން ހަނގުރާމަކޮށްގެން ފަތަޙަކޮށްފައި އޮތް ރަށެކޭ. އެއީ، މުލީގޭ ދޮން ޙަސަންމަނިކު. ދޮން ޙަސަންމަނިކުގެ ތަރިކައިގެ ގޮތުގައި، އަޅުގަނޑުމެން މިއަދަށްވެސް ދެކެމުން މިއައި މާލޭގައި ހުރި ބާރުތައް މިއުޅެނީ މިއަދު ބަހާލަންވެގެން. ގަބޫލުފުޅު ނުކުރައްވައްޗޭ، އެއީ، އެހެން ބަޔަކު މާ އެދިގެން އުޅޭ ކަމެއް ކަމަކަށް. އަދި ބަޔަކު މާ ބާރަށް ކުރާން އުޅޭ ކަމެއް ކަމަކަށްވެސް. ޝަރީޢަތަށް މައްސަލައެއް ހުށަހަޅައިގެން ނުވަތަ އެނޫންވެސް ކޮންމެވެސް އެހެން ގޮތެއް މެދުވެރިކޮށްގެން، މިކަން ހުއްޓުވުމަށް އަބަދުވެސް އުޅޭ ބަޔަކު އުޅޭނެ. ބާރަކީ އެއްތަންވެފައި އޮތީމާ ނޫނިއްޔާ، ޚުދު މުޚްތާރު ގޮތުގައި ތިމާ ބޭނުންވާހާ ގޮތަކަށް، އެ ބާރު ބޭނުންކުރަން އުނދަގޫވާނެ. ބާރު ބޭނުންގޮތުގައި ބޭނުންކުރެވޭނީ، ހުރިހާ ބާރެއް އެއްތަންކޮށްފައި އޮތީމާ.
 
އެހެންވީމާ، ޒަމާނުއްސުރެ ފަށައިގެން ދިވެހި ވެރިން އެ ބާރު ދޫކޮށްލަން، ބަހާލަން އެއްބަސްނުވަނީ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބީ، ހިތުގެ އަޑީން އެކަން ގަބޫލުކޮށްގެން. މިހާރުވެސް އޮންނަނީ ހަމަ ކުރީގައިވެސް އޮތް ޤާނޫނުލްޢުޤޫބާތު. އެޤާނޫނުލްޢުޤޫބާތުގައި މަދު ހަމަ އެންމެ މާއްދާއެއްވެސް ނެތް. މިހާރުގެ ޤާނޫނުއަސާސީން ލިބިދީފައި ހުރި ޙައްޤުތައް، ފެހި ޤާނޫނުއަސާސީގައިވެސް ހަމަ ހުރީ އެގޮތަށް ލިބިދީފައި. އެއްވެ އުޅުމުގެ މިނިވަންކަން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. 16 ވަނަ މާއްދާއިން ކުރީގެ ޤާނޫނުއަސާސީގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން، ހަމަ މިހާރު މިއޮތް ފުޅާމިނުގައި ދީފައި އެބައޮތް. ޖަމާޢަތް ހެދުމުގެ މިނިވަންކަން، ސިޔާސީ ޕާޓީ ހެދުމުގެ މިނިވަންކަން. އެހެން ނަމަވެސް، ވެރިކަން ކުރާ ބަޔަކު ވަކިގޮތަކަށް ހަމައެކަނި އެ ފަރާތުގެ ކިބައިގައި ހުރިހާ ބާރެއް ބެހެއްޓުމުގެ ނިޔަތުގައި، ހަމައެކަނި ވެރިކަމަށްޓަކައި ވެރިކަން ކުރީމާ، މީގެ އެއްވެސް ބާރެއް ދޫކޮށްލާކަށް ނޭދޭނެ. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު ހަމަކަށަވަރުންވެސް އަޅުގަނޑު، މިކަން، ވެރިކަން ކުރަމުން މިގެންދަނީ، އެކަމުގެ އަރާމާއި ޢިއްޒަތާއި ލައްޒަތަށްޓަކައެއް ނޫން. މިކަމުގައި އަރާމެއްވާނަމަ، އަދި އަޅުގަނޑަށް އޮތީ އެކަން އެނގެން. އަދިއެއް ނޭނގެ. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ތިބޭފުޅުންގެ ފައިސާގައި، މި ރާއްޖޭގެ ޚަޒާނާއިން ލޯ ލާރިއެއްގައިވެސް އަޅުގަނޑެއް ނުޖެހޭނަން. އަޅުގަނޑު ތިބޭފުޅުންނަށްޓަކައި މަސައްކަތް ކުރާނަން، ކޮންމެ ދުވަހަކުވެސް މަދުވެގެން 12 ގަޑިއިރު.
 
 އަޅުގަނޑުމެންގެ ބޭނުމަކީ، މިރަށްރަށުގެ ތަރައްޤީ. އަޅުގަނޑު މި އެދެނީ، އަޅުގަނޑުމެންނަށް ތިބޭފުޅުންނާއެކީގައި މަސައްކަތް ކުރުމުގެ ފުރްޞަތެއް ދެއްވާން. އަޅުގަނޑު މިއެދެނީ، ދަތުރު ދެބައިވީމާ ދެން ވަދާޢުގެ ބަސް ބުނެފައި ދާން ނުހައްދަވާށޭ. އަދި މާ އަވަހޭ. އަޅުގަނޑުމެން އެބަޖެހެއޭ، މި ނިޒާމް ރަނގަޅަށް އަށަގަންނުވަން. އަޅުގަނޑު ހިތްހަމަޖެހޭ ކިތަންމެ ކަމެއް އަޅުގަނޑުމެންނަށް އެބަ ހިންގޭ. އަޅުގަނޑުގެ ލޮލުން އަޅުގަނޑު ދުށިން، ރާއްޖޭގެ ޞާލިޙު ދީންވެރި ބޭފުޅުން، ދަންނަ ބޭކަލުން ދީނީ ހެޔޮލަފާ ނަޞޭޙަތް ދިނީމާ، ގެނެސް ހިފައި ހައްޔަރުކޮށްފައި، އެމީހުންނަށް އަނިޔާކުރާތަން. އެބޭފުޅުންނާއެކީގައި އަޅުގަނޑު ޖަލުގައި އޮތިން. އަޅުގަނޑުމެންގެ އަމާޒަކަށްވީ، އަބަދުވެސް މި ރާއްޖޭގެ ދީނީ ދަންނަ ބޭކަލުންނަށް، އެ މިނިވަންކަން ދިނުން. ހެޔޮލަފާ ނަޞޭޙަތްދޭނެ ފުރްޞަތު އެބޭފުޅުންނަށް އެރުވުން. އަޅުގަނޑު ކެރިހުރެ ދަންނަވަން، މުޅި އިސްލާމީ އުންމަތުގައިވެސް ނޯންނާނެ، ދިވެހިރާއްޖެ ނޫނީ، ދީނީ ދަންނަ ބޭކަލުންނަށް ބޭނުން އެއްޗެއް ބުނެވޭ ޤައުމެއް. މުޅި އިސްލާމީ އުންމަތުގައިވެސް ނޯންނާނެ. އެހެން އެއްވެސް ޤައުމެއްގައި، އެހެން އެއްވެސް ޤައުމެއްގައި، ދީނީ ދަންނަ ބޭކަލަކަށް، އިސްލާމީ ދީނީ ދަންނަ ބޭކަލަކަށް، ރާއްޖޭގެ ދަންނަ ބޭކަލުން އެބުނާ ވަޢުޡު ބުނެވޭނެ އެހެން ޤައުމެއް، މިދުނިޔެއަކު، އިސްލާމީ އުންމަތަކު ނުވާނެ. އަޅުގަނޑުމެން މިއީ މިކަން ކުރަމުންދާ ބަޔަކީ. އަޅުގަނޑަށް ފެންނަނީ، އިސްލާމީ އުންމަތް ތަރައްޤީވަމުންދާ ތަން. އަޅުގަނޑަށް ފެންނަނީ، އިސްލާމީ އުންމަތުގެ ދަންނަ ބޭކަލުންނަށް، އެ އުންމަތުގެ އެންމެހާ ރައްޔިތުންނާ ވާހަކަ ދެކެވޭތަން. އަޅުގަނޑަށް ފެންނަނީ، މިގޮތް، މި ފަލްސަފާ، އަޅުގަނޑުމެނަށް އެހެން އިސްލާމީ ޤައުމުތަކަށް ގެންދިޔުމުގެ ފުރްޞަތު އެބައޮތްކަން. ބޭރުން ގެންނަ އެއްޗަކުންނެއް އަޅުގަނޑުމެންނަކަށެއް މި ރާއްޖެއަކުން އިސްލާމްދީން ކުރިއަރުވާކަށް ފުރްޞަތެއް ނުލިބޭނެ. މިރާއްޖޭގައި އިސްލާމްދީން ދެމިއޮންނަތާ އެއްހާސް އަހަރު މިވަނީ. އެހެން ޤައުމެއް ނޯންނާނެ، ދުނިޔެއަކު އިސްލާމީ ޤައުމެއް ހުއްޓުމެއްނެތި އިސްލާމީ ޝަރީޢަތް، އިސްލާމީ އުޞޫލުތައް، އިސްލާމީ ޘަޤާފަތް، މިދަރަޖައަށް މިހާދިގަށް ދެމިގެންގޮސްފައިވާ.
 
މިއަދު އަޅުގަނޑުމެން މިކިޔާ ގިނަ ޤައުމުތައް އުފެދުނީ، އަޅުގަނޑުމެން ޤާނޫނުއަސާސީއެއް ހެދިފަހުން. އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތަކީ، ހަމަ ދީނަށްޓަކައި، ޤައުމަށްޓަކައި ކުރާ މަސައްކަތޭ. އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ ނުހެއްލޭށޭ. އަޅުގަނޑުމެނޭ ކިޔައި ކިތަންމެ ވާހަކައެއް ދެކެވިދާނެ. އަޅުގަނޑު ހުންނަގޮތް ތަފާތުވެދާނެ. އަޅުގަނޑުގެ ވިސްނުމެއް، އަޅުގަނޑު ގަބޫލުކުރާ ޢަޤީދާއެއް، ތިބޭފުޅުންނަކާ ތަފާތެއް ނުވާނެ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ، އަޅުގަނޑުމެންގެ އުންމަތް ކުރިއެރުވުމަށްޓަކައި. އަޅުގަނޑު މިދިޔަ ހުކުރު ދުވަހު ޚުޠުބާއިން އަޑުއެހިން، އިސްލާމީ އުންމަތް ބިކަވެ ނެތިދާ ވާހަކަ. އަދި ހަމަ އެއާވިދިގެން، އިސްލާމްދީނުގެ ތަރައްޤީގެ ރަން ޒަމާން، ޢައްބާސީ ޚަލީފާގެ ދުވަސްވަރުގެ ވާހަކަ. އަޅުގަނޑަކީ ދީނީ ދަންނަ ބޭކަލެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑަކީ އިސްލާމީ ތާރީޚު ދަންނަ މީހެއް. އިސްލާމްދީނާއި އިސްލާމީ އުންމަތް ކުރިއަރައި ދިޔައީ ހުޅުވިގެން. މިނިވަންކަން ލިބުނީތީވެ، ނުފިއްތީތީވެ، ބިރު ނުގެންނެވީތީވެ. ހަނި މަގެއްގައި ހިނގުމަށް އެއްވެސް މީހަކު މަޖުބޫރު ނުކުރީތީވެ. އިސްލާމީ އުންމަތް ދެންވެސް ދިރޭނީ، އަޅުގަނޑުމެންގެ ޝައްކާއި ވަހުމް ދޫކޮށްލައިގެން. ރައްޔިތުން ހަނި މަގަކަށް ނުލައި، ސާފު ވިސްނުން ރައްޔިތުންނަށްދީގެން.
 
އަޅުގަނޑުމެންގެ އަބަދުވެސް އުންމީދަކީ، އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ، ޤައުމާއި ދީން ކުރިއަރައިދިޔުން. އަޅުގަނޑު އުފާވޭ، އަޅުގަނޑުމެން ހިތްހަމަޖެހޭ، އަޅުގަނޑުމެނަށް މިޞްރާބުޖެހޭ ދިމާއަށްޓަކައި. އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑާ ދިމާއަށް ކިތަންމެ އަޑެއްލާކަން. އެހެން ނަމަވެސް، އަޅުގަނޑުމެންގެ އަމާޒަކަށް ގޮތެއް ނުވާނެ. އަޅުގަނޑުމެންގެ މަޤްޞަދެއްވެސް ބަދަލެއް ނުވާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބޭނެ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ އުފާވާ ޒަމާނޭ. އުފާވެރިވި މި ރާގޭ. ހިތާއޭ އަހާށޭ.
 
والســّلام عليــكم والحَمْـدُ لِلّـهِ.
_______________________