"ސެންޓްރަލް ޕްރޮކިއުމަންޓް އޮފީސް"ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް،2011 ޖެނުއަރީ 17ވަނަ ދުވަހު އުފައްދަވައި، އެތަނަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. ސެންޓްރަލް ޕްރޮކިއުމަންޓް އޮފީހުގެ ނަމުގައި ވަކި އޮފީހެއް އުފެއްދެވީ، ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ މުދަލާއި، ޚިދްމަތާއި، އޮފީސްތަކުން ކުރަންބޭނުންވާ މަރާމާތުގެ މަސައްކަތްތައް، މަރުކަޒީ އޮފީހަކުން ހިންގައި ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރެއްވުމަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 
މި އޮފީސް އުފެއްދެވުމާގުޅިގެން، ސަރުކާރުގެ ޕްރޮކިއުމަންޓުގެ ކަންތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސަވާފައިވަނީ ދެ ފިޔަވައްސަކަށް ބައްސަވާލައްވައިގެން ކަމަށާއި، ފުރަތަމަ ފިޔަވަހީގައި މި އޮފީހުން ކުރައްވަމުންގެންދަވާނީ، ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ ލިޔެކިޔުމާބެހޭ ތަކެތި ގަތުމާއި، އޮފީސްތަކުން ކުރަން ބޭނުންވާ މަރާމާތުގެ މަސައްކަތްތައް ކުރުވުމާއި، އެކަންކަން ހިންގައި ބެލެހެއްޓުމާގުޅޭ ކަންކަން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިފިޔަވަހީގެ މަސައްކަތްތައް، 2011 މާޗް 1 ވަނަ ދުވަހުން ފެށިގެން، ސެންޓްރަލް ޕްރޮކިއުމަންޓް އޮފީހުން ފަށްޓަވާނެކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ސަރުކާރުގެ ޕްރޮކިއުމަންޓުގެ ކަންތައް މަރްކަޒީ ގޮތެއްގައި ހިންގުމުގެ ނިޒާމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެކަށީގެންވާ މިންވަރެއްގައި ހިނގަން ފެށުމުންކަމަށާއި، ދެވަނަ ފިޔަވަހީގައި، ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ އެންމެހާ މުދަލާއި ޚިދްމަތް ހޯދުމާގުޅޭ ކަންކަން ބަލަހައްޓަވަމުން ގެންދަވާނީ ސެންޓްރަލް ޕްރޮކިއުމަންޓް އޮފީހުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ސެންޓްރަލް ޕްރޮކިއުމަންޓް އޮފީހަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 224 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ސެންޓްރަލް ޕްރޮކިއުމަންޓް އޮފީހަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި މަސައްކަތްތަކުގެ ލިޔުން، މި ދެންނެވުމާއެކު އެވަނީއެވެ.
 

ސެންޓްރަލް ޕްރޮކިއުމަންޓް އޮފީހުގެ މަސައްކަތްތައް
 
1.     ސަރުކާރުގެ ޕްރޮކިއުމަންޓާބެހޭ ސިޔާސަތުތަކާއި، ޕްރޮކިއުމަންޓްގެ ކަންތައް ހިންގާނެ ގޮތުގެ ގަވާއިދުތަކާއި، ގައިޑްލައިންތަކާއި، އުސޫލުތަކާއި، މިންގަނޑުތަކާ އެއްގޮތަށް ޕްރޮކިއުމަންޓާބެހޭ ހުރިހާ ކަމެއް ހިންގުމާއި، ސަރުކާރު އޮފީސްތަކުގެ ޕްރޮކިއުމަންޓްގެ ކަންތައް ވިލަރެސްކުރުން.
2.     ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ މުދަލާއި، ޚިދްމަތް ހޯދުމާއި، އޮފީސްތަކުން ކުރާ މަރާމާތުގެ މަސައްކަތް ހިންގައި ބަލަހައްޓާނެ ޚަރަދު ކުޑަ، ފަސޭހަ އަދި އަވަސްކަމާއެކު މިމަސައްކަތް ކުރެވޭނެ ނިޒާމެއް ޤާއިމްކޮށް ހިންގުން.
3.     ސަރުކާރުގެ އޮފީސްތަކުން ކުރުމަށް ބޭނުންވާ މަރާމާތުގެ މަސައްކަތް ކޮށްދޭން ހުށަހަޅާ ފަރާތްތަކުންނާއި، ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ މުދަލާއި، ޚިދްމަތް އޮފީސްތަކަށް ފޯރުކޮށްދޭން ހުށަހަޅާ ފަރާތްތަކުން ލިބޭ އަންދާސީ ހިސާބުތައް ދިރާސާކޮށް، ވަޒަންކުރެވޭނެ ދެފުށް ފެންނަ، ހާމަކަންބޮޑު ހަރުދަނާ ނިޒާމެއް ޤާއިމްކޮށް ހިންގުން.
4.     ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ މުދަލާއި ޚިދްމަތުގެ ތެރެއިން، ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހަޅަންޖެހޭ މިންވަރަށްވުރެ ކުޑަ ޚަރަދެއް ހިނގާނެ މުދަލާއި ޚިދްމަތް ފޯރުކޮށްދޭނެ ފަރާތްތައް ހޯދުމާއި، މިގޮތުން ހޯދާ މުދަލާއި ޚިދްމަތް، އެކަމަށް އެދޭ އޮފީސްތަކަށް ފޯރުކޮށްދިނުމާބެހޭ އެންމެހާ ކަންކަން ހިންގައި ބެލެހެއްޓުން.
5.     ސަރުކާރުގެ އޮފީސްތަކުން ކުރުމަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތަކުގެ ތެރެއިން، ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހަޅަންޖެހޭ މިންވަރަށްވުރެ ކުޑަ ޚަރަދެއް ހިނގާނެ މަސައްކަތްތައް ކޮށްދޭނެ ފަރާތްތައް ހޯދައި، މަސައްކަތް ޙަވާލުކުރުމާބެހޭ އެންމެހާ ކަންކަން ހިންގައި ބެލެހެއްޓުން.
6.     ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ މުދަލާއި ޚިދްމަތާއި އަދި އޮފީސްތަކުން ކުރާ މަރާމާތުގެ މަސައްކަތްތަކުގެ ތެރެއިން، ވަކިމިންވަރަކަށްވުރެ ބޮޑެތި ޚަރަދު ހިނގާނެ މުދަލާއި ޚިދްމަތާއި މަސައްކަތް ޙަވާލުކުރާނެ ފަރާތްތައް ޓެންޑަރ އިވޭލުއޭޝަން ބޯޑު މެދުވެރިކޮށް ކަނޑައެޅުމަށްފަހު، އެބޯޑުން ކަނޑައަޅާ ފަރާތާބެހޭ މަޢްލޫމާތު އެއޮފީސްތަކަށް އެންގުމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ހިންގައި ބެލެހެއްޓުން.
7.     ސަރުކާރުގެ ޕްރޮކިއުމަންޓްގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އީ-ޕްރޮކިއުމަންޓް (އިލެކްޓްރޯނިކް ޕްރޮކިއުމަންޓް)ގެ ވަސީލަތްތައް ބޭނުންކޮށްގެން ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ ތަކެތި ހޯދައިދެވޭނެ ނިޒާމެއް ޤާއިމުކޮށް، އެނިޒާމު ހިންގުން.
8.     ސަރުކާރުގެ އޮފީސްތަކުން ކުރާ މަރާމާތުގެ މަސައްކަތްތަކާއި، އޮފީސްތަކަށް ހޯދޭ މުދަލާއި ޚިދްމަތުގެ މަޢްލޫމާތު ބެލެހެއްޓުމާއި، މިމަޢްލޫމާތު ބޭނުންވާ ދައުލަތުގެ ފަރާތްތަކަށް ބޭނުންވާ ވަގުތުތަކުގައި ފަސޭހަކަމާއެކު ފޯރުކޮށްދިނުން.
9.     ސަރުކާރުގެ ޕްރޮކިއުމަންޓާބެހޭ ކަންތައް ހަރުދަނާކުރުމާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މަޝްވަރާއާއި ލަފާދިނުން.