ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމަށްޓަކައި، މި ޤާނޫނުގައިވާ ގޮތުގެމަތިން އުފައްދަންޖެހޭ ލޯކަލް ކައުންސިލުތައް އުފެއްދުމާގުޅޭ ގޮތުން މިއޮފީހުގެ ނަންބަރު 60/2010 (19 އޮކްޓޯބަރ 2010) ދެންނެވުމުގައި ބަޔާންކޮށްފައިވާ "ސިޓީ ކައުންސިލްތައް" މިސުރުޚީގެ ދަށުގައިވާ 2 ވަނަ ނުކުތާ "އައްޑޫ ސިޓީ ކައުންސިލް" އަކީ ބާޠިލް ނުކުތާއެއްކަމަށް ކަނޑައަޅައި، 2011 ޖެނުއަރީ 9 ވަނަ ދުވަހު ސިވިލް ކޯޓުން ޙުކުމްކުރެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 15/2010 "ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްކަނޑައެޅުން" ގެ ދަށުން، އައްޑުއަތޮޅުގެ ހުޅުދޫ، މީދޫ، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ ހިމެނޭގޮތަށް، މީހުން ދިރިއުޅޭ އެއް ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ "އައްޑޫ" ހިންގުމަށްޓަކައި، "އައްޑޫ ސިޓީ ކައުންސިލް"ގެ ނަމުގައި ކައުންސިލެއް މިއަދު އުފައްދަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
އައްޑޫ ސިޓީ ކައުންސިލްގެ ނަމުގައި އަލުން ކައުންސިލެއް މިއުފެއްދެވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ހިމެނޭ އަވަށަކަށް ނުވަތަ ރަށަކަށް ނުވަތަ އިދާރީ ދާއިރާއަކަށް ނުވަތަ ރަށްތަކެއް ގުޅިގެން އުފައްދާ ސަރަޙައްދަކަށް ސިޓީއެއްގެ ދަރަޖަ ދިނުމާގުޅޭ ގޮތުން، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 60 ވަނަ މާއްދާގައިވާ ގޮތުގެމަތީން 4 އޯގަސްޓު 2010 ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ލޯކަލް ގަވަރމަންޓް އޮތޯރިޓީ" އިން، އެޤާނޫނުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން ކަނޑައަޅައި، 2011 ޖެނުއަރީ 10 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ މިންގަނޑު ނުވަތަ ޝަރުޠުތަކަށް ބަލާއިރު، އައްޑޫގައި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ ޖަދުވަލު 2 ގައި ބަޔާންކުރާ މިންގަނޑުތަކާއި ޝަރުޠުތައް ފުރިހަމަވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.