بســماللّـهالرّحمـنالرّحيــم

       
السّـلام عليـكم
 
އެނގިވަޑައިގަންނަވާނެ، 2 އަހަރު ކުރީގައި، 2008 ވަނަ އަހަރު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ އިން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، ކެމްޕޭނަށް ނުކުތްއިރު، ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކެއް ވަރަށް ބޮޑަށް ސާފުވެގެންދިޔަ. އަދި މިހާރުވެސް އެވަޢުދުތައް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަވަމުން އެބައާދޭ. އަޅުގަނޑުމެންވީ އެއްވަޢުދަކީ، ރާއްޖޭގެ ރަށްތައް ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން އެމް.ޑީ.ޕީ. ސަރުކާރަކުން އިރާދަކުރެއްވިއްޔާ ގުޅާލަދޭނަމޭ. އަޅުގަނޑުމެން ދެންނެވިން، އެއްރަށާއި އަނެއްރަށާ ފަސޭހަ ގޮތުގައި، އެއްރަށުން އަނެއް ރަށަށް ފަސޭހަ ގޮތުގައި ދަތުރު ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމަކީ، އަޅުގަނޑުމެންގެ ސަރުކާރެއްގެ އަމާޒަކަށްވާނޭ.
 
އަޅުގަނޑުމެން ބުނަމުން ގެންދިޔައިން، ޤައުމެއް ތަރައްޤީވެ މިދަނީ، މުދަލާއި ފަސިންޖަރުން، އެއްތަނުން އަނެއް ތަނަށް ފަސޭހަކަމާ އެކީގައި ދެވޭނެގޮތް، ވާސިލުވެވޭނެގޮތް މެދުވެރިވީމައޭ. އިންސާނީ ތަޖްރިބާ ދައްކާފައި ހުރި ޙަޤީޤަތްތައް އަޅުގަނޑުމެން ދެނެގަތީމު. މިރާއްޖެއަށް ދިމާވެފައި އޮތް ދަތިތަކާއި އުނދަގޫތައް އަޅުގަނޑުމެން އޮޅުންފިލުވީމު. ރާއްޖޭގެ އެތައް އެތައް ތަނަކަށް ދަތުރުކޮށް، ކިތަންމެ ގެއަކަށް ވަދެ، ހަމަ އެހާމެ ގިނަ ބަޔަކާ އަޅުގަނޑުމެން ބައްދަލުވެ މަޝްވަރާ ކުރިން. އަޅުގަނޑުމެނަށް ފާހަގަވި އެންމެބޮޑު އެއް ޙަޤީޤަތަކީ، ރާއްޖޭގެ ތަރައްޤީއަށް އެޅިފައި އޮތް އެންމެބޮޑު އެއް ހުރަހަކީ، ފަސޭހަކަމާ އެކީގައި ދަތުރުފަތުރު ރައްޔިތުންނަށް ނުކުރެވޭކަމޭ. ކުޑަ ރަށެއްގައި ހުންނަ ރައްޔިތަކަށް ކަމެއް ދަމެއް ބޮޑުވީމާ، އެކަމުގެ ޙައްލަކަށް، ޖެހިގެން އޮންނަ ރަށުގެ ޚިދްމަތްތައް ސީދާ ގޮތުގައި ފަސޭހައިން ބޭނުންކުރެވެން ނޯންނަކަމުން، ރާއްޖޭގެ ހުރިހާ ރަށަކަށްވެސް މިއޮންނަނީ ތަރައްޤީއަށް ވަރަށްބޮޑު ހުރަހެއް އެޅިފައި.
 
އެއްވެސް ރަށަކީ ހަމައެކަނި އެރަށުގެ ގޮނޑުދޮށާ ހިސާބުން ނިމޭ ރަށެއްގެ ގޮތުގައި ދުށުމަކީ އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރާ ގޮތުގައި ތަރައްޤީގެ ބޮޑު މަންޒަރު ވަރަށް ބޮޑަށް ހަނދާން ނައްތާލެވޭ ކަމެއް. ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމުގެ ވަޢުދު، އެދުވަހު އަޅުގަނޑުމެންވީ ދިގު މުއްދަތުގެ ތެރޭގައި، އެމަސައްކަތް  ފުރިހަމަކުރާނެ ކަމަށް. އަދި ވަކިން ޚާއްޞަކޮށް، 2 އަހަރު ދުވަހުގެ ތެރޭގައި، އަސާސީ ޚިދްމަތްތައް އަޅުގަނޑުމެންދޭން ފަށާނެ ކަމަށް. މިހާރު އޭގެފަހުން މިވަނީ 2 އަހަރުވެފައި. ވާއިރުގައި ރާއްޖޭގައި މިދިޔަ މަދުދުވަސްކޮޅުގެ ތެރޭގައި، އަޅުގަނޑުމެންނަށް ފާހަގަވެފައި އޮތް ގޮތުގައި، ތިންލައްކަ ދަތުރަށްވުރެ ގިނަ ދަތުރު ރައްޔިތުން ވަނީ މިނިޒާމް ބޭނުންކޮށްގެން ކޮށްފައި. ބައެއް ޕްރޮވިންސްތަކުގައި ދަތުރުފަތުރުގެ ކަންތައް ކުރިއަރާފައިވާ މިންވަރު ނުވަތަ ޚިދްމަތް ދެމުން ގެންދެވޭ މިންވަރު، އަނެއްބައި ޕްރޮވިންސްތަކަށްވުރެ ހީނަރު. އެހެން ނަމަވެސް، ހުރިހާ ޕްރޮވިންސެއްގައިވެސް މިހާރު މިދަނީ މިދެންނެވި އަސާސީ ޚިދްމަތް ދެމުން. އެ އަސާސީ ޚިދްމަތް ތަރައްޤީކޮށް، މިނިޒާމް ފުރިހަމަކުރުމަކީ، ކުރިއަށް އޮތް 3 އަހަރުގައި މި ސަރުކާރުން ކޮށް، އިރާދަކުރެއްވިއްޔާ ނިންމައިދޭނެ ކަމެއް.
 
އަޅުގަނޑުމެނަށް މި ނިޒާމް ފުރިހަމަވަމުންދާ މިންވަރަކުން ރައްޔިތުންނަށް، އޭގެ ސަބަބުން ލިބެމުންދާ ފައިދާއާއި ލުއި ވަރަށް ބޮޑަށް ސާފުވަމުން އެބަދޭ. އަޅުގަނޑުދާ ކިތަންމެ ރަށަކުން ރައްޔިތުން އަޅުގަނޑަށް ފާހަގަކުރޭ، މިހާރު މިރަށުގައި އެވެނި މިވެނި ޚިދްމަތެއް ނެތް ނަމަވެސް، ޖެހިގެން އޮތް ރަށުން  އެކަން ކުރެވޭން އޮންނަލެއް ފަސޭހަކަމުގެ ވާހަކައާއި، އަދި އެރަށަށް ދިޔުމަކީވެސް ފަސޭހައިން ކުރެވެން އޮތް ކަމެއް ކަމަށް އެބަ ރައްޔިތުންނަށް ފާހަގަވޭ. އަދި ހަމައެހެންމެ، މިޚިދްމަތް ފުޅާކުރަމުން ގެންދިޔަ މިންވަރަކަށް މުޅި ރާއްޖޭގެ އެންމެހާ ޚިދްމަތްތައް، ރައްޔިތުންނަށް ފަސޭހަ ގޮތުގައި ލިބިގެންދާނެކަން ކަށަވަރު. މިނިޒާމުގެ ތެރޭގައި، އެއްރަށުން އަނެއް ރަށަށް ކޮންމެ ދުވަހަކު ދެފަހަރު، ތިންފަހަރު ދެވޭނެ މިންވަރަށް، މިނިޒާމް އިރާދަކުރެއްވިއްޔާ ތަރައްޤީވެގެންދާނެ. އަދި ނިޒާމްގައި ބޭނުންކުރާ އުޅަނދުފަހަރަކީ، ކަމަށް އެންމެ އެކަށީގެންވާ އުޅަނދުފަހަރަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ. މިހާރުވެސް މ. އަތޮޅުގަޔާއި، ފ.އަތޮޅުގަޔާއި،    ދ. އަތޮޅުގައި އެޕްރޮވިންސްގައި ބޭނުންކުރާ އުޅަނދުފަހަރުގެ ފެންވަރު މިވަނީ ކިތަންމެ ތަނަކުން ރަނގަޅު ކުރެވިފައި. އެ ޕްރޮވިންސާ ޙަވާލުވެ، އެމަސައްކަތް ހިންގަމުން ގެންދަވާ ވަރމިލިއަން ކުންފުނިން ނިޒާމުގެ މަސައްކަތް ކުރިއަށް ގެންދަނީ އަޅުގަނޑުމެނަށް ފެންނަ ފެނުމުގައި އަދި އަޅުގަނޑުމެނަށް ރައްޔިތުންގެ ކިބައިން އަޑުއިވެމުން އަންނަ ގޮތުގައި ވަރަށް ފުރިހަމައަށް.
 
އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީ ހޯދައިދިނުން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ޙާލަތު، އެއްޙާލަތުން އަނެއް ޙާލަތަށް ބަދަލުކޮށްދިނުން. އެރައްޔިތުންގެ ޖީބަށް ކޮންމެ ދުވަހަކުވެސް ވަންނަ މިންވަރު އިތުރުކޮށްދިނުން.  އެކަން ކުރުމަށްޓަކައި ފަސޭހައިން އެއްތަނުން އަނެއް ތަނަށް ދެވޭނޭ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެނަށް މިދަނީ މިވަޢުދު ފުއްދެމުން.  އަދި އަޅުގަނޑު މިއަދު އުފާވަނީ، އަޅުގަނޑުމެނަށް މި ވަޢުދު ފުއްދެމުންދާ ސްޕީޑް ނުވަތަ މިންވަރު، އަޅުގަނޑުމެން އަންދާޒާ ކޮށްފައި އޮތް މިންވަރަށްވުރެ އެތައް ގުނައަކުން، އެތައް ތަނަކުން އަވަހަށް ކުރިއަށްދާކަން.
 
ހަނދުމަފުޅުގައި ބަހައްޓަވާތި، މިދިޔަ 30 އަހަރު، ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ޢާންމު ނިޒާމެއް ޤާއިމް ކުރުމަށްޓަކައި ވަރަށްގިނަ ދިރާސާ ކުރެވިފައި އެބަވޭ. އަދި ވަރަށްގިނަ ޢަދަދުގެ ލޯނު ބޭރު ގައުމުތަކުން، ބައިނަލްއަޤްވާމީ އިދާރާތަކުން، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން މިކަމަށް ނެގިފައި އެބަވޭ. އެހެން ނަމަވެސް، 2008 ވަނަ އަހަރާ ހަމައަށް އައިއިރުގައިވެސް އަޅުގަނޑުމެން، ރައްޔިތުންނަށް މިމަސައްކަތް ކުޑަކޮށްވެސް ހިނގާތަނެއް ނުފެނޭ. އެހެންވީމާ، މިފަހަރު ސަރުކާރުން މިމަސައްކަތް މިފަށައިގަތީ، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުޞޫލުން ނުވަތަ އަމިއްލަ ފަރާތްތަކާއި ސަރުކާރާ ޙިއްޞާވެގެން، މަސައްކަތް ކުރިއަށް ގެންދަން ވިޔަފާރީގެ އުޞޫލުން. އެހެންވީމާ، އިރާދަކުރައްވައިގެން މަސައްކަތް މިހާރު ބާރަށް ހިނގަމުން އެބަދޭ. އަޅުގަނޑުމެނަށް ހަމަ ޔަޤީން، މިމަސައްކަތް މިއަށްވުރެ އެތައް ތަނަކުން ފުޅާވެގެންދާނެކަން. އަދި އަޅުގަނޑުމެން، އެމް.ޑީ.ޕީ ސަރުކާރުން ވަޢުދުވެފައި އޮތް މިންގަނޑަށްވުރެ، މާ އަވަސްކޮށް އަދި މާފުރިހަމަކޮށް މިކަން ފުރިހަމަވަމުންދާތަން ފެންނަކަމީ، އެމް.ޑީ.ޕީ އަށާއި، އަދި ސަރުކާރަށާއި އަޅުގަނޑަށްވެސް ވަރަށްބޮޑު ހިތްހަމަޖެހުމެއް އުފަލެއް ލިބޭ ކަމެއް.
 
އަޅުގަނޑުމެން މިދެކެނީ، ރާއްޖޭގެ ރައްޔިތުންނަށް، މާލޭގެ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށްވެސް ފަސޭހަކަމާ އެކީގައި، އެއްރަށެއްގެ މީހާ، އަނެއް ރަށަށް ގޮސް، އައިސްކްރީމެއް ބޯލައިގެން، ހަމަ ހަވީރުގެ އައިސްކްރީމަށްފަހު، އެނބުރި ރަށަށް އާދެވޭނޭ މިންވަރަށް، މި ޚިދްމަތް ތަރައްޤީ ކުރުން. ހަމައެކަނި ހޮސްޕިޓަލަށް ދިއުމެއް ނޫން. ހަމައެކަނި އެހެން ޟަރޫރީ ބޭނުންތަކަށް، މިނިޒާމް ބޭނުންކުރުމެއް ނޫން. އެހެން ނަމަވެސް، ރައްޔިތުންގެ މުނިފޫހިފިލުވުމަށާއި، އަދި ރައްޔިތުންގެ އުފާފާގަތި ކަމަށް ނިޒާމް ބޭނުންކުރެވޭނެ ގޮތެއް، ޢާއިލާއާ ބައްދަލުކޮށްލަން އަތޮޅުތެރޭގައި ދުއްވޭނެ ގޮތެއް، ރަޙްމަތްތެރިންނާ އެކުވެލަން، ރަށްރަށުގެ އެއްރަށުން އަނެއް ރަށަށް ރައްޔިތުންނަށް ދެވޭނެ އިންތިޒާމެއް އިރާދަކުރެއްވިއްޔާ، މި ހަމަޖެހިގެން އަންނަނީ. އަޅުގަނޑު ހަމަ ދަންނަވާނީ، އަޅުގަނޑުމެންނަށް މިހާރު ކުރިމަތީގައި ފެންނަމުން މިއަންނަނީ، އުފާވާ ޒަމާނޭ، އުފާވެރިވި މި ރާގޭ، ހިތާއޭ އަހާށޭ. 
 
والسّـلام عليـكم 
___________________________