މެދުފަންތީގެ ފަތުރުވެރިކަން ތަޢާރުފް ކުރެއްވުމަށާއި، ހައްދުންމަތީ ގަމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ފުޅާކުރުމަށްޓަކައި، މެދު ދެކުނު ޕްރޮވިންސް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭންގެ ފުރަތަމަ ފިޔަވައްސެއްގެ ގޮތުން ހައްދުންމަތީ ގަމު އައްސޭރި ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢު ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މިކަމާބެހޭ އިތުރު ތަފްޞީލު، އެމިނިސްޓްރީން ފަހުން ހާމަކުރައްވާނެއެވެ.

 
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިވެހި ސަރުކާރުގެ ޕްރޮކިއުމަންޓް ނިޒާމް އަލުން އެކުލަވާލެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ޕްރޮކިއުމަންޓް އޮފީހެއް ޤާއިމް ކުރެއްވުމަށްވެސް ނިންމެވިއެވެ. އަދި މިއޮފީސް ޤާއިމް ކުރައްވައި، ސަރުކާރުގެ ހުރިހާ ސްޓޭޝަނަރީއާއި މަރާމާތުގެ މަސައްކަތްތައް، މާޗް މަހުގެ    1 ވަނަ ދުވަހުން ފެށިގެން މިއޮފީހުން ކުރައްވަމުން ގެންދަވާ ގޮތަށް ހަމަޖެއްސެވުމަށްވެސް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.