އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒްގެ ސްޓޭންޑިންގ ކޮމިޓީ އޮން ސައިންސް އެންޑް ޓެކްނޮލޮޖީގެ 14ވަނަ އާންމު ޖަލްސާގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާޙިމް ޙުސައިން ޒަކީ މިއަދު ވާހަކަފުޅުދައްކަވައިފިއެވެ. ސްޕެޝަލް އެންވޯއިގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ، ޤައުމުތަކުގެ ތަރައްޤީއަށާއި، ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމުގައި ސައިންސްގެ ހޯދުންތަކާއި ޓެކްނޮލޮޖީގެ އުފެއްދުންތައް ފުރިހަމައަށް ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. މިގޮތުން، މޫސުމަށް އަންނަމުންދާ ނޭދެވޭ އަސަރުތައް ހައްލުކުރުމުގައި ސައެންސާއި ޓެކްނޮލޮޖީގެ މުހިންމުކަން ވަކިން ޚާއްޞަގޮތެއްގައި ފާހަގަކުރެއްވައި، އޯ.އައި.ސީ.ގެ ޤައުމުތަކުން ތިމާވެށްޓާ ރައްޓެހި ހަކަތައިގެ އުފެއްދުންތައް ކުރިއެރުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

 
އިބްރާހީމް ޙުސައިން ޒަކީގެ ވާހަކަފުޅުގައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކުރެވިފައިވާތީ، މިކަމުން ކުރިމަތިވާނެ ގޮންޖެހުންތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި، މިކަމުގައި އޯ.އައި.ސީ. ޤައުމުތަކުގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާ ކަމުގައި ވިދާޅުވިއެވެ.
 
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީގެ މި ދަތުރުފުޅަކީ، ރާއްޖެ ތަމްސީލުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު ޕާކިސްތާނަށް ފުރާވަޑައިގަތީ އިއްޔެ ހެނދުނެވެ.