بســماللّـهالرّحمـنالرّحيــم
 
السّـلام عليـكم
 
 
އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ބައްދަލުކުރާއިރު، އެނގިވަޑައިގަންނަވާނެ، އޭ.ސީ.ސީ ޓްރޮފީ ޗެލެންޖް 2010 ގައި ދިވެހިރާއްޖެ ފައިނަލް ކުޅެ، ދިވެހިރާއްޖެ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން 8 ޤައުމެއް ބައިވެރިވި. މުބާރާތް ކުޅުނީ، މުބާރާތުގައި ބައިވެރިވި 8 ޤައުމު، ދެބަޔަކަށް ބަހާލެވިގެން. އެއީ A ގްރޫޕަކާއި B   ގްރޫޕެއް. A ގްރޫޕްގައި ހިމެނުނީ ޤަޠަރު، ތައިލަންޑް، އީރާން އަދި މިޔަންމާ. B   ގްރޫޕްގައި ހިމެނުނީ ސަޢޫދީ ޢަރަބިއްޔާ، ދިވެހިރާއްޖެ، ބުރޫނާއީ، ޗައިނާ. ދެން އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެ ސެމީފައިނަލް ޤަޠަރާއެކު ކުޅެ، އަދި އެއަށްފަހު ފައިނަލް މެޗް ސަޢޫދީ ޢަރަބިއްޔާއާއެކީ ކުޅެ، މިހާރު ރާއްޖެވަނީ ފައިނަލުން އެއްވިކެޓުން މޮޅުވެ، ޗެމްޕިއަންކަން ހޯދާފައި. އެހެންވީމާ، މިހާތަނަށް ކުޅިވަރުގެ މުބާރާތެއްގައި ރާއްޖެއަށް ލިބުނު އެންމެމަތީ މަގާމު، އެންމެބޮޑު ފަޚްރު، މި މުބާރާތަށްފަހު ރާއްޖެއަށް ލިބުނީ. އަދި ހަމައެއާއެކީގައި، ރާއްޖޭގެ ކްރިކެޓް ޓީމަށް 2011 ވަނަ އަހަރު ރޭންކިންގ ރަނގަޅުވެ، އިތުރު އެތައް މުބާރާތެއްގެ ފުރްޞަތު ލިބިގެންދާނެ.
މިކަމުގެ އިތުރުން، އެނގިވަޑައިގަންނަވާނެ، މިއަދު ވާނީ ވަޒީރުންގެ މަޖިލީހުގެ ބައެއް ބަދަލު އަޅުގަނޑު ގެނެސްފައި. އެހެންވީމާ، އަދި އެކަމާ ގުޅޭގޮތުންވެސް އަދި އެނޫންވެސް ކަމަކާ ގުޅޭގޮތުން ތިޔަބޭފުޅުންގެ ސުވާލެއް އޮތްނަމަ، އަޅުގަނޑު ވަގުތުކޮޅެއް ހޭދަކުރާނަން، ތިޔަބޭފުޅުންގެ ސުވާލަށް ޖަވާބު އެރުވުމަށް.
 
އާދަމް ޙަލީމް – ސަން އޮން ލައިން:
 
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ މަނިކުފާނުގެ ކެބިނެޓް، ޖޫން 29 ގައި މި ރެސިގްނޭޝަނަކަށްދިޔަ ހިސާބުން ފެށިގެން ކެބިނެޓް ހަމައަކަށް ނޭޅި މިދިޔައީ، ރުހުން ނުލިބުމުގެ މައްސަލައާއި މިކަހަލަ ތަފާތު އެތައް މައްސަލަތަކާހުރެ. އޭގެފަހުން، ރުހުން ނުލިބުމުގެ މައްސަލައިގެ ޙުކުމަކާއި، މާލިއްޔަތު ޤާނޫނުގެ ޙުކުމެއް މިހާރު މިވަނީ ސުޕްރީމް ކޯޓުން ގޮތެއް ނިންމަވާފައި. އަދި ހަމައެއާއެކީގައި ސުޕްރީމް ކޯޓުގެ ޙުކުމަށް ބޯލަނބައި ތަބާވާ ކަމަށް މަނިކުފާނުވަނީ ވިދާޅުވެފައި. ދެން މިހާރު މަނިކުފާނު ތިޔަ އިޝާރާތް ކުރެއްވި ފަދައިން، ކެބިނެޓްގެ ބައެއް ޕޯސްޓްތަކަށް މިހާރުވެސްވަނީ ބޭފުޅުން ޢައްޔަން ކުރައްވާފައި. އަދި ބައެއް ޕޯސްޓްތައްވަނީ ޤާއިމް މަގާމެއްގެ ގޮތުގައި ބޭފުޅުންނާ ޙަވާލުކުރައްވާފައި. އަޅުގަނޑުގެ ސުވާލަކީ، މިދިމާވި ކަންތަކާހުރެ މަނިކުފާނުގެ ކުރިފުޅުމަތީގައި، މަނިކުފާނަށް ނިސްބަތްވާ ޕާޓީގެ ކުރިމަތީގައި އެބައޮތް ކުރިމަތިވެފައި އޮތް ބޮޑު އިންތިޚާބެއްވެސް. އެއީ، ލޯކަލް ކައުންސިލްގެ އިންތިޚާބު. ވީމާ، މިދިމާވި ޗެލެންޖްތަކަކާ އެކީގައި އެއީ މަނިކުފާނަށް ކުރިމަތިވާ އެސިޑް ޓެސްޓަކަށް ވެދާނެތޯ؟ އިންތިޚާބު ކާމިޔާބު ކުރުމުގައި.
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް ނުދެކެން، އިންތިޚާބުގައި އަޅުގަނޑުމެންނަށް މިދިމާވި ކަންކަމާ ގުޅިގެން އިންތިޚާބަށް އަސަރެއް، ނުރަނގަޅު އަސަރެއް ފޯރައިދާނެ ކަމަކަށް. ދިމާވި ކަންތައްތަކުގެ މައްޗަށް ބައްލަވާލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ، ވާދަވެރި ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދެވީ، ފުރަތަމަ މިދިޔަ އަހަރުގެ ޖޫންމަހުއްސުރެ ފެށިގެން ފާހަގަވަމުން އައީ، ވަޒީރުންގެ މަޖިލީހުގެ އެކިއެކި ބޭފުޅުންނަށް އިތުބާރު ނެތް ކަމަށް ފަހަރަކު ބޭފުޅަކަށް ނަންގަވައި، ވަޒީރުންގެ މަޖިލީހުގެ ހިންގުމަށް ހުރަސްތަކެއް ގެންނެވުމަށް. ދެން މިކަން ރައްޔިތުންގެ މަޖިލީހުން ހިނގަމުންދާ މިންވަރު ބޮޑުކަމުންނާއި އަދި އެކަމާ ގުޅިގެން އެދުވަސްވަރު އެނގިވަޑައިގަންނަވާނެ، ޢާންމުކޮށް ހާމަވެގެންދިޔަ ބައެއް ފޯންކޯލްތަކާއި، އެބާވަތުގެ މަޢްލޫމާތުތަކުން ވަރަށް ބޮޑަށް އެކީއެކަށް ސާފުވެގެން މިއައީ، ބުއްދިވެރި ގޮތެއްގެ ގޮތުގައި، ދެން ވާނީ ސަރުކާރަށް އެކީ އެކައްޗަކަށް ވަޒީރުންނާ ގުޅޭގޮތުން ކަންތައްތައް ހިނގަމުން އަންނަގޮތް އަދި ޤާނޫނުއަސާސީގައި، ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ދައުރާއި، ރައީސުލްޖުމްހޫރިއްޔާގެ ދައުރު ފާހަގަވާނެ ގޮތްތަކަކަށް ދައުލަތުގެ ކަންކަން އިންތިޒާމްވުން. ދެން އެކަންކަން އެހެންވުމަށްޓަކައި ސުޕްރީމް ކޯޓުގެ ޙުކުމް ބޭނުންވާކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އަބަދުވެސް ސާފު. އެ ޙުކުމް އަޅުގަނޑުމެން ހޯދުމަށްޓަކައި ފުރަތަމަ އޭރު އަޅުގަނޑުމެންނަށް އެނގޭ، އެކުލަވައިލަން މިޖެހެނީ ސުޕްރީމް ކޯޓެއްކަން. އޭގެ ކުރީގައި އޮތީ ވަގުތީ ސުޕްރީމް ކޯޓެއް. އެދުވަސްތަކުގެ ތެރޭގައި، ސުޕްރީމް ކޯޓު އެކުލަވައިލެވި، އަލުން އަނބުރާ އަޅުގަނޑުމެން ވަޒީރުންގެ މަޖިލިސް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުނީ. ދެން ފޮނުވުމަށްފަހު، ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހުގެ ވަރަށްގިނަ ބަޔަކަށް ރުހުން ނުދެއްވީ. ދެން ރުހުން ނުދެއްވުމާ ގުޅިގެން، ދެން ކަން ހިނގައިދާނެގޮތް ސާފުކުރުމަށް އަޅުގަނޑުމެން މަޑުކޮށްގެން ތިބީ. ސުޕްރީމް ކޯޓުން އެ ޙުކުމް އިއްވީމާ، އަޅުގަނޑުމެން އެ ޙުކުމާ އެއްގޮތަށް ކުރިއަށްދާނީ. އަޅުގަނޑަށް ފެންނަ ފެނުމުގައި މި ހަމައެއް ނޫން ހަމައަކުން އަޅުގަނޑުމެން ދިޔަނަމަ، ރައްޔިތުން އަޅުގަނޑުމެންނާ ދޭތެރޭގައި ކުރާ އުންމީދު ބަނަވެގެންދާނެ. އެހެން ނަމަވެސް، އަޅުގަނޑަށް ހީވަނީ އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންނަށް ވަރަށް ސާފުވާނެހެން، ސަރުކާރުންވެސް އަދި އަޅުގަނޑުވެސް ޢަމަލު ކުރަމުން މިއައި ގޮތާއި، އޭގައިވާ އެންމެހާ ޤާނޫނީ ހަމަތަކާއި އަދި ދުރު ވިސްނުންތަކާއި، ދިވެހިރާއްޖެއަށް ދިވެހިރާއްޖޭގެ ތަރައްޤީއަށް މަސައްކަތް މީގެ ސަބަބުން ފަހިވެގެންދާނެ ގޮތްތައް. އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންނަށް ލޯކަލް އިންތިޚާބު ކާމިޔާބުވުމަށް މިއީ ލިބުނު ވަރަށްބޮޑު ފުރްޞަތެއް.
 
އިބްރާހީމް ވަޙީދު – ހާމަ ނޫސް:
 
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ ސުޕްރީމް ކޯޓުން މިވަނީ ތަފާތު ދެ ޙުކުމެއް އިއްވާފައި. އެކައްޗަކީ މާލިއްޔަތު ޤާނޫނު ތަޞްދީޤު ކުރުމާ ބެހޭގޮތުން. އެ ޤާނޫނު ވީ އެންމެ އަވަހަކަށް ތަޞްދީޤު ކުރެއްވުމަށް ސުޕްރީމް ކޯޓު ޙުކުމުގައި އެބަވޭ. އެހެންވީމާ، ކިހާތާކު އެޤާނޫނު މަނިކުފާނު ތަޞްދީޤު ކުރައްވާނަންތޯއޭ؟ ދެން ދެވަނަ ސުވާލަކީ ކެބިނެޓަށް ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކަންތައް ކިހާ ބާރުމިނެއްގައި އެބަދޭތޯއޭ؟ މިހާރު ރުހުން ނުލިބުނު އެއްވެސް ވަޒީރެއް، އެހެން ވުޒާރާއަކަށް މަނިކުފާނު ޢައްޔަން ކުރައްވަފާނަންތޯއޭ؟
 
 
 
 
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
މާލިއްޔަތު ޤާނޫނު، އަޅުގަނޑު އެންމެ ފުރަތަމަ ދުވަހުވެސް ދެންނެވިން. މާލިއްޔަތު ޤާނޫނު ތަޞްދީޤު ކުރުމުގެ ސަބަބުން މިހާރު ސަރުކާރުން ހިންގަމުން ގެންދާ އެތައް ކަމަކަށް ބުރޫއަރާ ގޮއްސާނެ ކަމަށް އަޅުގަނޑަށް ޤާނޫނީ ލަފާ ލިބިފައިވާތީވެ، މާލިއްޔަތު ޤާނޫނު ތަޞްދީޤު ކުރުން އަޅުގަނޑު ލަސްކޮށްފައިވާނީ. ޚާއްޞަ ގޮތެއްގައި، އަޅުގަނޑަށް ފެނުނު ގޮތުގައި އަދި އަޅުގަނޑަށް ޤާނޫނީ ލަފާ ލިބިފައިވާ ގޮތުގައި، އިޖްތިމާޢީ ރައްކާތެރިކަމާ ގުޅޭގޮތުން ސަރުކާރުން ހިންގަމުން ގެންދާ ކިތަންމެ ޕްރޮގްރާމްތަކަށް މާލިއްޔަތު ޤާނޫނުގެ ސަބަބުން ހުރަސް އަތުވެދާނެ ކަމަށް އަޅުގަނޑަށް ލަފާ ލިބޭތީވެ، އެ މަޑުކޮށްފައި އެވަނީ. މިއަހަރުގެ ސެޕްޓެމްބަރ، އޮކްޓޯބަރ ހިސާބުގައި އަޅުގަނޑުވާނެ ޑީ.އާރު.ޕީ.ގެ ޒަޢީމަށް އަޙްމަދު ތަސްމީން ޢަލީއަށް ސިޓީއެއް ފޮނުވާފައި. އެއީ، އިޖްތިމާޢީ ރައްކާތެރިކަމާއި، މިބާވަތުގެ ކޮންމެހެން ރައްޔިތުންނަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި، އެއޮނިގަނޑު އެކުލަވައިލުމަށްފަހުގައި، މާލިއްޔަތު ޤާނޫނު ތަޞްދީޤު ކުރުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް. ދެން އެހެން ނަމަވެސް، އެބޭފުޅުންނަށް އެއިރުގައި އަޅުގަނޑުމެންނާއެކީގައި މަޝްވަރާއަކަށް ނީށީނދެވުނު. އެހެންވީމާ، މިހާރު މިދިޔަ ހަފްތާގެ ތެރޭގައިވަނީ އިޖްތިމާޢީ ރައްކާތެރިކަމާ ގުޅޭ ޤާނޫނެއް، ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި. އެ ބިލް ފާސްވުމާ ހަމައެކީގައި އިރާދަކުރެއްވިއްޔާ، މާލިއްޔަތު ޤާނޫނުވެސް ތަޞްދީޤުވެގެންދާނެ. އަޅުގަނޑުގެވެސް ބޭނުމަކީ، ވީހާވެސް އަވަހަކަށް މާލިއްޔަތު ޤާނޫނު ތަޞްދީޤު ކުރުން.
 
ދެން ފާހަގަކުރެއްވި ދެވަނަ ސުވާލަކީ، ވަޒީރުންގެ މަޖިލީހަށް ބޭފުޅުން ޢައްޔަން ކުރުން ކިހާ ބާރު ސްޕީޑްގައި އަޅުގަނޑު ކުރިއަށް ގެންދާނެތޯ؟ ސަރުކާރުގެ، ދައުލަތުގެ މަސައްކަތަކަށް ހުރަހެއް ނޭޅޭނެ. އެމަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވޭނެ. ދެން އެންމެ މުނާސިބު ވަގުތުތަކުގައި އެކަށީގެންވާ ބޭފުޅުންނާ ގުޅޭގޮތުން އަޅުގަނޑު ވިސްނުމަށްފަހުގައި، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ވަޒީރުންގެ މަޖިލީހުން ހުސްވެފައިވާ މަގާމުތައް ފުރަމުން ގެންދާނަން.
 
އަޙްމަދު ހައިދަރު – އެމް.އެން.ބީ.ސީ.ވަން:
 
އިބްރާހީމްގެ ވަޙީދުގެ ސުވާލާ ކޮންމެވެސްވަރަކަށް ގުޅުން އެބަހުރި އަޅުގަނޑުގެ ދެސުވާލުގައިވެސް. ފުރަތަމަ ސުވާލަކީ ހަމަ އަޅުގަނޑުވެސް މާލިއްޔަތު ޤާނޫނާ ބެހޭގޮތުން. ސަރުކާރުން ކުރިންވެސް ފާހަގަކުރެއްވި ހުރަސްތައް އަދިވެސް އެހުރީ ހުރިގޮތަށް. އެހެން ނަމަވެސް، ސުޕްރީމް ކޯޓުން އެބައޮތް ރޫލިންގއެއް ނެރުއްވާފައި، ލަސްކުރުމެއްނެތި އެ ޤާނޫނު ތަޞްދީޤު ކުރައްވަން. މަނިކުފާނު ތިޔަވިދާޅުވަނީ ސުޕްރީމް ކޯޓުން އެ ރޫލިންގ ނެރުއްވިޔަސް، މިހާރު ހުރި ހުރަސްތައް ނެތިގެންނުދާހާ ހިނދަކު، އެޤާނޫނު ތަޞްދީޤު ނުކުރައްވާނަންތޯ؟
 
ދެން ހަމަ އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔަ ވަޒީރުންގެ މަޖިލީހުގެ ދެމެންބަރަކު، ވަރަށް މުހިންމު ދެމެންބަރެއް، ފިނޭންސް މިނިސްޓަރ އަދި އެޓަރނީޖެނެރަލް، ދެބޭފުޅުންނަކީވެސް. ދެން އަޅުގަނޑުމެންނަށް މިފެންނަނީ، ބައެއް ކޯޓުތަކުގެ މަސައްކަތްތައްވެސް ހުއްޓި ހުންނަތަން. އެއީ، ދައުލަތާ ގުޅުންހުރި ބައެއް މައްސަލަތައް، އެޓަރނީޖެނެރަލަކު ނެތުމުގެ ސަބަބުން. ދެން ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ހުށަހެޅުން. ދެން އެހެން ނަމަވެސް، ވަގުތީގޮތުން ދެބޭފުޅަކާ ދެވުޒާރާވެސް ޙަވާލުކުރައްވާފައި މިވަނީ. މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުން މި ވަގުތީގޮތުން ޙަވާލުކުރައްވާފައިވާ ދެބޭފުޅުންނަށް، އެމަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވިދާނެތޯ؟ އަޅުގަނޑު މިދެންނެވީ މަޖިލީހަށް ވަޑައިގެން، ބަޖެޓް ހުށަހެޅުއްވިދާނެތޯ؟ އަދި އެކޯޓުތަކުގައި މިހާރު ސަރުކާރާ ގުޅުންހުރި މައްސަލަތައް ކުރިއަށް ގެންދެވިދާނެތޯ؟ ދައުލަތަށް ރައްދުވާ.
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
އަޅުގަނޑަށް ޤާނޫނީ ލަފާ ލިބެނީ، ކުރިއަށް ގެންދެވޭނެ ކަމަށް ޤާނޫނުއަސާސީގައި ވަޒީރެއްގެ މަސްއޫލިއްޔަތާއެކުގައި، ވަޒީރެއްގެ ހުވާ ކުރައްވައިގެން ހުންނެވި ބޭފުޅެއް ވުޒާރާއެއް ހިންގުމާ ޙަވާލުވެވަޑައިގަތީމާ، އެބޭފުޅާއަކީ ވަޒީރެއްގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ ގޮތުގައި ފާހަގަވަނީ. އަޅުގަނޑަށް އަނެއްކާވެސް މާލިއްޔަތު ޤާނޫނާ ގުޅޭގޮތުން ސުޕްރީމް ކޯޓުން އިއްވާފައިވާ ޙުކުމަކީ، ވީހާވެސް އަވަހަކަށް އެކަން ސަރުކާރުން ކުރަންޖެހޭނެ ކަމަށް އަޅުގަނޑު މިދެކެނީ. އަޅުގަނޑުމެންވެސް ބޭނުމީ، ވީހާވެސް އަވަހަކަށް އެކަން ކުރުމަށް. ޝަރީޢަތުގެ ޙުކުމަކާ އަޅުގަނޑުމެނެއް،           މި ސަރުކާރަކުންނެއް އިންކާރެއް ނުކުރާނެ.
 
އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:
 
އަޅުގަނޑުގެ ދެސުވާލު އެބައޮތް. ފުރަތަމަ ކަމަކަށް މަނިކުފާނު ވިދާޅުވެފައިވޭ، ހަފްތާ ރޭޑިޔޯ ތަޤްރީރުގައި، މި ސުޕްރީމް ކޯޓުގެ ޙުކުމާ ގުޅިގެން، އެއީ މިކަމުން ލިބޭ ކިތަންމެ ޢިބްރަތްތަކެއް އެބަހުރި ކަމަށް ވިދާޅުވެފައި އެބައޮތް. އަޅުގަނޑަށް ތަންކޮޅެއް ތަފްޞީލުކޮށް ވިދާޅުވެދެއްވަފާނަންތޯ، ކޮބައިތޯ     މި ސުޕްރީމް ކޯޓުގެ ޙުކުމުން ސިޔާސީ ގޮތުން ބަލާއިރުގައި، ސަރުކާރަށް ލިބިގެންދާ ޢިބްރަތަކީ؟
 
ދެވަނަ ޕޮއިންޓަކަށް މިހާތަނަށް މިއޮތީ ދެ ވުޒާރާއަކަށް ބޭފުޅުން ހަމަޖައްސަވާފައި، ވަޒީރު ކަމަށް މިދެންނެވީ. ބާކީ ވުޒާރާތަކަށް ބޭފުޅުން ހަމަޖެއްސެވުމުގައި، ކޮބައިތޯ މަނިކުފާނަށް މިވަގުތު ކުރިމަތިވެވަޑައިގެންފައިވާ ޗެލެންޖަކީ؟ އަޅުގަނޑު ދެންނެވީ އަދި ދެން ބާކީހުރި ވުޒާރާތައް އަދި ހުސްކޮށް ހުރީމާ. ދެން އެއީ ކޮންގޮތަކުން، މިންގަނޑަކުން ބައްލަވާފައިތޯއޭ އެޑިޔުކޭޝަން އަދި ދެންހުރި ވުޒާރާއަށް ބޭފުޅަކު ހަމަޖައްސަވާފައި މިވަނީ، ކޮން މިންގަނޑަކުން ބައްލަވާފައިތޯއޭ؟ އެންމެ މުހިންމު ވުޒާރާތަކަށް ބައްލަވާފައިތޯއޭ، ހޯމް މިނިސްޓްރީ އަދި އެޑިޔުކޭޝަން މިނިސްޓްރީއަށް ބޭފުޅުން ހަމަޖައްސަވާފައި އޮތީ.
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
ރަނގަޅު ވާހަކައެއް ތިޔަ ވިދާޅުވީ. އެއީ އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، ބޮޑެތި ޕްރޮގްރާމްތައް، ގިނަ މަސައްކަތްތައް ހިނގާ މިނިސްޓްރީތައް އެހެން ބޭފުޅަކު ބައްލަވަމުން ގެންދަވަން ދަތިވާނެ ކަމަށް އަޅުގަނޑަށް ފެންނާތީވެ، މި ބޮޑު ދެމިނިސްޓްރީއަށް ބޭފުޅުން ހަމަޖައްސާފައި އެހުރީ. ދެން ޤާނޫނުއަސާސީ ތަންދޭ މިންވަރުން ވަޒީރުންގެ ކަންތައް، އަޅުގަނޑަށް ޖާގަ ލިބިފައިވާ މިންވަރުން ވަޒީރުންގެ ކަންތައް އަޅުގަނޑު ކުރިއަށް ގެންދާނަން. ދާދި ދެންމެ އަޅުގަނޑަށް ހީވަނީ ޙަމްދޫންގެ ތިޔަސުވާލުގެ ޖަވާބު އަޅުގަނޑު ފުރިހަމައަށް އަރުވައިފިންހެން.
 
ވިދާޅުވެއްޖެ، ސުޕްރީމް ކޯޓުގެ ޙުކުމުން ސަރުކާރަށް އަދި އަޅުގަނޑުމެންނަށް، އެންމެންނަށް ލިބޭ ޢިބްރަތްތަކަކީ ކޮބައިތޯއޭ؟ އަޅުގަނޑަށް އެންމެ ފުރަތަމައިނުން އެކަމުގައި ފާހަގަވާ ކަމަކީ، ޤާނޫނުއަސާސީ މާނަކުރުމަށް އެބަ ކޮންމެހެން އެބަ ބޭނުންވޭ. ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަކީ، ސާފުކޮށް އަޅުގަނޑުމެންނަށް އެނގެންހުރި މާއްދާތަކެއް ނޫން. ބަޙުޘްގެ ތެރެއަށް މާއްދާތައް އެބަދޭ. އެކިއެކި ޤާނޫނީ ވަކީލުން، އެކިގޮތަށް އެބަ އެކިމާއްދާ މާނަކުރައްވާ. އެހެންވީމާ، ޤާނޫނުއަސާސީއާ ގުޅޭގޮތުން ފަހުބަސްތަކެއް ހޯދުމަކީ، އަޅުގަނޑުމެންނަށް ބޭނުންތެރި ކަމެއް. އަދި މުސްތަޤްބަލުގައި ރާއްޖޭގެ ކަންކަން އޮމާންގޮތުގައި ދިޔުމަށް ކޮންމެހެން ބޭނުންތެރި ކަމެއް. ޤާނޫނުއަސާސީގެ ވީހާވެސް ގިނަ މާއްދާއެއްގެ ތަފްޞީލު، އެމާއްދާތައް ތަންފީޒު ކުރަމުން ގެންދާނެގޮތް އަޅުގަނޑުމެންނަށް ސާފުވެގެންދިޔަ މިންވަރަކަށް އަޅުގަނޑުމެންނަށް ޤާނޫނީ ދައުލަތެއް ހިންގައި، އެ ޑިމޮކްރަސީ ރާއްޖޭގައި އަށަގަންނުވަން ފަސޭހަވެގެންދާނެ. އެހެންވީމާ، އަޅުގަނޑު ދެކެނީ، މިއީ އަޅުގަނޑުމެންނަށް ލިބުނު ހަމަ ވަރަށްބޮޑު ކާމިޔާބީއެއްކަން.
 
 
J J Robinson – Minivan News:
 
Sorry, I’m sure the question has already been answered. What kind of impactS does the Supreme Court ruling on Thursday have…what kind of impact is it going to have on functioning of government and what kind of precedent does it set for the Executive’s ability to establish a cabinet  in such a politically partisan country? 
 
President Mohamed Nasheed:
 
Basically, it makes interpretations of the Constitution much more clear and therefore, it should assist governance. We’ve never tested these Articles and therefore, issues that will come out because of its implementations are now quite clear. And besides that, other than giving us clarity, I don’t really see it as an obstruction to governance. I see it as giving more clarity to how we may be able to go about it.
 
J J Robinson – Minivan News:
 
Will the existing ministers be removed from government altogether?
 
President Mohamed Nasheed:
 
Oh they will have… of course they are very capable people and we will be using their services, if they are willing to give their services. And I’ve have had conversations with them. I believe that they are willing to serve the country and serve the people and they are very, very capable people and they will continue to serve the people in government. Of course, they won’t be serving in the Cabinet.
 
މިއުޢާން މުޙަންމަދު – ދި އެފް.އެމް:
 
އިދިކޮޅު ފަރާތްތަކުން އެބަ ތުހުމަތު ކުރައްވަމުން ގެންދަވާ، ރައްޔިތުންގެ ލޯބި ހޯއްދެވުމަށާއި އަދި މީގެއިތުރުން، ބައިނަލްއަޤްވާމީ މަސްރަޙުގެ ސަމާލުކަން ހޯއްދެވުމަށްޓަކައި ރައީސް އިތުރުފުޅު ހައްދަވަމުން ގެންދަވާ ކަމަށް. ދެން އެބޭފުޅުން ފާހަގަކުރައްވާ، އެކަމަކު މިސާލަކަށް، ރިޔާސީ އިންތިޚާބުގެ ތެރޭގައި، ކެމްޕޭންގެ ތެރޭގައި، ރައީސް ވަޢުދުވެލައްވާފައިވޭ އައްޑުއަތޮޅުގައި، މިޑްޓަރމް އިލެކްޝަނެއް ބާއްވަވާނެ ކަމަށް. ދެން ފަހުން އިލެކްޝަން ނުބާއްވަވާނެ ކަމަށް، ވިދާޅުނުވާ ކަމަށް ވިދާޅުވުމަށްފަހު، އަނެއްކާވެސް ޑޮކްޓަރ ޖަމީލު ވިދާޅުވި އެއްޗެއްގެ ސަބަބުން، އެހެން ވިދާޅުވެވުނީ ކަމަށް ރައީސް ވިދާޅުވެފައި އެބަވޭ.
 
ދެން އަދި މީގެއިތުރުން އެންމެފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި، ބީ.ބީ.ސީ ހާޑްޓޯކްގައި މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަކޮށް، މި ބަންދު ކުރެވުނު އިދިކޮޅު ސިޔާސީ ފަރާތްތަކާ ގުޅޭގޮތުން ދެންނެވުނު ސުވާލަކަށް މަނިކުފާނު އެރުވި ޖަވާބުގައި ހަމަ ސީދާ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ދެއްކެވި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އެބަގެންދޭ. ދެން މިވާހަކަތަކަށް މަނިކުފާނު ކީކޭތޯ ވިދާޅުވާނީ؟ އަދި މަނިކުފާނު ވިދާޅުވެފައިވޭ، ތަންކޮޅެއް ކުރިން ރިޔާސީ އިންތިޚާބަކާ ތައްޔާރަށް ހުންނެވި ކަމަށް. މިޑްޓަރމް އިލެކްޝަނެއްގެ ޗާންސަށް ކިހާވަރަކަށް އެބައޮތްތޯ؟
 
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
ހަމަ  އެއްގޮތަކަށްވެސް ނެތް މިޑްޓަރމް އިލެކްޝަންގެ އެއްވެސް ޗާންސެއް. އެއީ އިދިކޮޅު ފަރާތްތައް ވާދަކުރައްވަން ކެރިވަޑައިގަންނަވާ ފަރާތްތަކުން ލޯކަލް އިންތިޚާބުގައި އަޅުގަނޑުމެންނާ ވާދަކުރައްވަން ނުކުންނަވަންވީ. އެމް.ޑީ.ޕީ. އިން މިހާރު އެވަނީ 945 ކެންޑިޑޭޓުން ކުރިމަތިލާފައި. އަޅުގަނޑަށް ހީވަނީ ތިޔަ އިޝާރާތް ކުރައްވާ އިދިކޮޅު ފަރާތްތައް ހިއެއްނުވޭ، ލޯކަލް އިންތިޚާބުގައި، އެންމެ ކެންޑިޑޭޓަކައިގެން ނުކުންނަވާހެނެއްވެސް. އެއްގޮތަކަށްވެސް ސާފުވެފައެއްނެތް. އަދި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ފާހަގަވެފައިވާ ބައެއްގެ ގޮތުގައިވެސް، އަޅުގަނޑުމެންނަކަށް އެބޭފުޅުންނެއް ނުފެނޭ. އެހެންވީމާ، އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ އެބޭފުޅުންނާ ގުޅޭގޮތުން އެއްވެސް ވާހަކައެއް، އަދި މާބޮޑު މުހިންމުކަމެއްދީގެން އަޅާލައިގެން މިކަމުގައި އެބޭފުޅުން އެދައްކާ ވާހަކަތަކާ އަޅާލައިގެން އަޅުގަނޑުމެން ކުރިއަށްދާން. އަޅުގަނޑުމެން ވާދަވެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެންމެބޮޑުކޮށް ބަލަމުން މިއަންނަނީ ޑީ.އާރު.ޕީ.އަށް. ޑީ.އާރު.ޕީ.ގެ ބަސްތަކާއި، ޑީ.އާރު.ޕީ.ގެ ވާހަކަތައް އަޅުގަނޑުމެން އަބަދުވެސް ކަނުލާ އަޑުއަހަމުން ގެންދާނަން.
 
އަޅުގަނޑުމެންނަށް ލިބޭ ބައިނަލްއަޤްވާމީ ކާމިޔާބުތަކާ ގުޅޭގޮތުން ބޭފުޅުން ޙަސަދަވެރިވުމާއި، ނަފްރަތުވުމަކީ ހަމަ އެކަށީގެންވާ ކަމެއް. ދެން އެހެން ނަމަވެސް، އެކަމަކާއެއް އަޅުގަނޑު ޖަދަލުކޮށް، އެބޭފުޅުންނަށް ރައްދުދީ އަދި އެހެން ވިދާޅުވާ ވާހަކައަކަށް ވާހަކަ ދައްކާ އުޅޭކަށް އަޅުގަނޑު ނެތިން.
 
 
 
މިއުޢާން މުޙަންމަދު – ދި އެފް.އެމް:
 
ވަރަށްގިނަފަހަރު މިހާރު މި ކަންކަން ނިންމުމުގައި، ސުޕްރީމް ކޯޓާ ހަމައަށް ވަރަށްގިނަ ކަންކަން މިހާރު ޤާނޫނުއަސާސީގައި ބަޔާންވެފައި އޮންނަ ކަންކަމުގެ މައްސަލަތައްވެސް ނިންމުމަށްޓަކައި އެބަދާންޖެހޭ. މަނިކުފާނު ޤަބޫލުފުޅު ކުރައްވަންތޯ މިގޮތަށް ދާން މިޖެހެނީ، ޤާނޫނުއަސާސީގައިވާ އުނިކަމެއްގެ ސަބަބުންތޯ؟ އަދި ޤާނޫނުއަސާސީ އިޞްލާޙު ކުރަންޖެހޭ ކަމަށް ޤަބޫލުފުޅު ކުރައްވަންތޯ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
އަޅުގަނޑު އެ ދެކެނީ، ޤާނޫނުއަސާސީ އުފައްދާފައި އޮތް އެއްމަގަކީ، ޤާނޫނުއަސާސީ ސާފުކުރުމަށްޓަކައި ސުޕްރީމް ކޯޓުން ޙުކުމްތައް އަދި ކަންކަން ސާފުކުރަމުން ގެންދިޔުން. އެހެންވީމާ، އަޅުގަނޑަށް ހީވަނީ ކުރިއަށް އޮތް ތަނުގައިވެސް އަދިވެސް ސުޕްރީމް ކޯޓަށް އެކިއެކި ފަރާތްތަކުން އެކިއެކި ކަންކަން ސާފުކުރަންދާނެ. އެއީކީ ގޯހެއް ނޫން. އެއީ މިކަން ނުހިނގާންވީ ގޮތެއްވެސް ނޫން. ޙަޤީޤަތުގައި ޤާނޫނުއަސާސީއެއް ތަންފީޒުވަމުން އަންނައިރުގައި، އެކަން ހިނގާނެ ގޮތަކީވެސް އެއީ. ޤާނޫނުއަސާސީ އިޞްލާޙު ކުރަން އެކިފަރާތްތަކުން އެބަ ބައެއް ބޭފުޅުންގެ ނަޒަރުގައި ޤާނޫނުއަސާސީގައި ބަރްލަމާނީ ސިފަ ގިނަ. އަދި ބައެއް ބޭފުޅުންގެ ނަޒަރުގައި ރިޔާސީ ސިފައަކީ ކޮބައިކަން ސާފެއްނުވޭ. މިބާވަތުގެ ކިތަންމެ ކިތަންމެ ވާހަކަތަކެއް އެބަހުރި ޤާނޫނުއަސާސީއާ ގުޅޭގޮތުން. އަޅުގަނޑަށް ފެންނަ ފެނުމުގައި، ވަރަށް އުނދަގޫވާނެ އެންމެ ފުރިހަމަ، އެއްވެސް މައްސަލައެއް ނެތް ޤާނޫނުއަސާސީއެއް އެކުލަވައިލައި ތަޞްދީޤުކޮށް ހަދަން. އަޅުގަނޑު ދެކެނީ، މިހާރު މިއޮތް ޤާނޫނުއަސާސީއަކީ ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިގެން، ވަރަށްގިނަ ވަގުތު އެކަމަށް ހޭދަކުރެވިގެން މިހާތަނަށް މި ރާއްޖޭގައި ޤާނޫނުއަސާސީއެއް އެކުލަވައިލުމުގައި، އެންމެ ބޮޑަށް ބަޙުޘް ކުރެވިގެން އަދި ރައްޔިތުންނަށް އެންމެ ބޮޑަށް ޙިއްޞާވެވިގެން އުފެދިފައި އޮތް ޤާނޫނުއަސާސީއެއް އެއީ. އެހެންވީމާ، އަޅުގަނޑެއް ނުދެކެން، އެ ޤާނޫނުއަސާސީ ބަދަލުކުރުން އެއީ ފަސޭހަ ކަމަކަށްވެސް. އަދި މިވަގުތު ކުރެވެން އޮތް ކަމެއްގެ ގޮތުގައެއްވެސް.
 
އިބްރާހީމް ވަޙީދު – ހާމަ ނޫސް:
 
އާދެ! އަޅުގަނޑު ފުރްޞަތަކަށް މިއެދުނީ، އޮޑިޓަރ ޖެނެރަލް ކަމުގެ މަގާމަށް ބޭފުޅަކު ޢައްޔަން ކުރެއްވުމަށް މަނިކުފާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަން ފޭލްވެގެން މިދިޔައީ. ދެން އޭރު އިދިކޮޅު ފަރާތްތަކުން އެ ނަންފުޅަށް ބަޙުޘް ކުރަމުންދިޔައިރު ވިދާޅުވި، އޭގެކުރީގެ ވެރިކަމުގައި، މައުމޫންގެ ވެރިކަމުގައި، މިނިވަން މުސްތަޤިއްލު މުއައްސަސާތަކަށް ބޭފުޅުން ޢައްޔަން ކުރުމުގައި، ވަރަށް ބޮޑަށް އިދިކޮޅު ފަރާތްތަކުގެ ބަސް ހޯއްދަވައިގެން ކަމަށް އެކަން ކުރެއްވީ. އެހެންވީމާ، މިފަހަރުވެސް އެކަން ކުރައްވަންޖެހޭނީ، ސުޕްރީމް ކޯޓަށްވެސް ފަނޑިޔާރުން ޢައްޔަން ކުރެއްވި ގޮތަށް ދެފަރާތުގެ ބަސް ހިމެނިގެންނޭ އެކަން ކުރުން ރަނގަޅީ. އެހެންވީމާ، މަނިކުފާނު މިކަމުގައި ދެކެނީ ކޮން ވިސްނުމެއްތޯ؟ އަދި ދެވަނަ ސުވާލަކަށް އަޅުގަނޑު ބަލައިލަން ބޭނުންވަނީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލުން ސިޔާސީ މައިދާނަށް ނުކުންނެވުން ކިހިނެއްތޯއޭ ރައީސް ނަޝީދު ސިފަކުރައްވަނީ؟
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
އޮޑިޓަރ ޖެނެރަލެއްގެ ގޮތުގައި އަޅުގަނޑު ހުށަހަޅާފައިވާނީ، މިވަގުތު އެ ޢިލްމުގައި، އެހުނަރުގައި، އެކަމުގައި މި ރާއްޖޭގައި ހުންނެވި އެންމެ ހުނަރުވެރި ބޭފުޅާ. ތަޢްލީމީ ގޮތުންވެސް އަދި އެކަން އެންމެ ބޮޑަށް އެނގިވަޑައިގެންފައި ހުންނެވި ބޭފުޅާ. ދެން އެބޭފުޅާއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުވަތަ އެބޭފުޅާއަށް ރައްޔިތުންގެ މަޖިލީހުން އެބޭފުޅާއާ ޤަބޫލުނުވާންވީ އެއްވެސް ސަބަބެއް ޙަޤީޤަތުގައި އަޅުގަނޑަކަށެއް ނުވިސްނޭ. ދެންވެސް އަޅުގަނޑު ބަލާނަން، ރާއްޖޭގައި ތަޢްލީމީ ތަންދޮރު، މިކަންކަމާ ގުޅޭ އަދި ޚާއްޞަކޮށް، އަޅުގަނޑުމެން މި މުޅި ނިޒާމް ބަދަލުވެގެންދާއިރެއްގައި، ކަންކަމުގައި އެބަ ތިބެންޖެހޭ ތަޢްލީމީ ބޭފުޅުން. އެހެންވީމާ، އަދި މިބާވަތުގެ މުސްތަޤިއްލު މުއައްސަސާތަކުގައި. އެހެންވީމާ، އަނެއްކާވެސް އަޅުގަނޑު ބަލާނަން، އެފަދަ ބޭފުޅެއް ހޯދާފައި، އެފަދަ ބޭފުޅެއްގެ ނަން ފޮނުވަން. ދެން ދެންމެ ވިދާޅުވެއްޖެ، ކުރީގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކާ މަޝްވަރާކޮށްގެނޭ ކަންކަން ހިންގަނީ. ދެން އަޅުގަނޑު ހިތަށްއެރީ، ކޮބައިބާއޭ އެ ކުރީގެ ވެރިކަމުގެ އިދިކޮޅު ފަރާތްތަކަކީ. އެމަޝްވަރާތައް ކުރެއްވީ ކޮންބަޔަކާބާއޭ. އަޅުގަނޑަކީވެސް ކުރީގައި ވާދަވެރި މީހެއްގެ ގޮތުގައި އުޅުނު މީހެއް. ދެން އެހެންވީމާ، އަޅުގަނޑު މިހިތަށްއަރަނީ، ކޮންބަޔަކާ، ކޮން މަޝްވަރާތަކެއްބާއޭ ކުރީގެ ވެރިކަމުން އެހާ ފުޅާ ދާއިރާއެއްގައި ވެވިފައި އޮތީ. އަޅުގަނޑު ހަމަ ހަނދާނަށް އެފަދަ ވަގުތު ވަގުތު ނާންނާތީވެ، މިހެން މި އިޝާރާތްކުރީ.
 
މިހާރުގެ ޤާނޫނުއަސާސީގައި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ޝަރުޠު ހަމަވާ، ވާދަވެރި ސިޔާސީ މަސްރަޙަށް ނުކުމެވޭނެ. ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގޭނެ. އަޅުގަނޑުމެން އުފައްދާފައި މިއޮތީ ވާދަވެރި ސިޔާސީ ނިޒާމެއް. އެހެންވީމާ، އެ ނިޒާމުން ކާމިޔާބު ކުރެވޭނެ ކަމަށް ފެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި، މި ޤާނޫނުއަސާސީއާއި އަދި ރާއްޖޭގެ ސިޔާސީ އެންމެހާ ކަންކަން މިހާރު އެބަ ފުރްޞަތުދޭ. ދެން އޭގެތެރެއިން ނުކުންނަވާ ބޭފުޅެއް ނުކުންނަވާންވީ ނުކުންނެވެންޏާ. ރައްޔިތުންނަށް މީގައި މިއޮތީ ބަސް ބުނުން. ސިޔާސީ ޕާޓީތަކުން ކެމްޕެއިން ކުރާނެ. ސިޔާސީ ޕާޓީތަކުން ވާދަކުރާނެ. އަދި ސިޔާސީ ޕާޓީތަކުން އިންތިޚާބުތައް ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނެ. އަޅުގަނޑަށް ވަރަށްބޮޑު އިތުބާރެއް އެބައޮތް، 2013 ވަނަ އަހަރު އިންތިޚާބު އެމް.ޑީ.ޕީ މާފުރިހަމައަށް އަދި ކާމިޔާބު ކުރާނެކަން.
 
އާދަމް ޙަލީމް – ސަން އޮންލައިން:
 
އަޅުގަނޑުގެ ދެކަމެއް. އެއްކަމަކީ މަނިކުފާނު މި ކެބިނެޓުން މިވަގުތު އިސްތިޢުފާ ދެއްވި ބޭފުޅުންގެ ތެރެއިން ދެބޭފުޅަކު މިވަނީ އެޑްވައިޒަރު ކަމަށް ލައްވާފައި. އެއްބޭފުޅަކު ޕޮލިޓިކަލް އެޑްވައިޒަރ. އަނެއް ބޭފުޅަކު ވަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް ލެއްވުމާ ގުޅިގެން އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް އަޑުއިވެމުންދޭ، މަނިކުފާނަކީ ކެމްޕޭންގެ ތެރޭގައި، މަތިބަރު ސަރުކާރު ނުގެންގުޅުއްވާނެ ކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅެއް މަނިކުފާނަކީ. އެޑްވައިޒަރުންތައް ހަމަ ކުރީގެ ސަރުކާރުގައިވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔަ. މަތިމައްޗަށް އެޑްވައިޒަރުން ލަމުން ގެންދެވިތަން. ހަމަ އެގޮތަށް ރައީސް ނަޝީދުވެސް އެގޮތަށް އެޑްވައިޒަރުން ލައްވަމުން ގެންދަވަނީއޭ. މަނިކުފާނަށް ޢާންމުންގެ ބަހުރުވައިން ދަންނަވަނީނަމަ، ބަލަދުއަރާ ވަޒީރުންތަކެއް އަންނަނީ ކަމަށް ބައެއް ފަރާތްތަކުން އެބަ ތުހުމަތު ކުރައްވާ. ކޮން ގޮތަކަށް ވިސްނަވާފައިތޯއޭ، އެޑްވައިޒަރ، މިހާރު މިސާލަކަށް މިހާރުވެސް ޑިފެންސް އެޑްވައިޒަރަކަށް ދެބޭފުޅަކު އެބަތިއްބެވި. އެއީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މުޙަންމަދު ޒާހިރު. އަޅުގަނޑުގެ ސުވާލަކީ ކޮން ގޮތަކަށް ބައްލަވާފައިތޯއޭ، އެޑްވައިޒަރުކަން ދެއްވަމުން ތިގެންދަވަނީ.
 
ދެވަނަކަމަކީ މަނިކުފާނަކީ އަބަދުވެސް އިންތިޚާބުގެ ނަތީޖާއިން، ނަތީޖާގެ ޢަދަދުން ކާމިޔާބު ސިފަކުރައްވާ ބޭފުޅެއް. ލޯކަލް އިންތިޚާބު ކުރިމަތީގައި އޮތްއިރުގައި، ކޮބައިތޯއޭ، މަނިކުފާނުގެ ނަތީޖާ ގެންގުޅުއްވާނެ ހަމައަކީ. އަޅުގަނޑުމެންނަށް ހަމަ ކެމްޕޭން ތެރޭގައި ވަރަށް ގަދައަށް ފާހަގަވާ ކަމެއް މިއީ ނަތީޖާއަށް ބުރަވެވަޑައިގެން ވާހަކަފުޅު ދައްކަވާކަން. ކޮބައިތޯއޭ، މި ލޯކަލް އިންތިޚާބުގައި މަނިކުފާނު ގެންގުޅުއްވާނެ މިންގަނޑަކީ؟
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
ފުރަތަމަ ސުވާލުގައި އެއްސެވީ، އަޅުގަނޑުމެންނަށް ބަލަދުއަރާ ބޭފުޅުންތަކެއް ތިބޭ ކަމަށް ފާހަގަވާ ކަމަށް. އެނގިވަޑައިގަންނަވާނެ، މިބޭފުޅުން ހަމަ، އެބޭފުޅުންގެ ޤާބިލިއްޔަތު ތަންދިން އެންމެ ފުޅާމިނުގައި، ވަރަށް ރަނގަޅު ޚިދްމަތް ދައުލަތަށާއި ސަރުކާރަށް، ރައްޔިތުންނަށާ ދެއްވަމުން ގެންދެވި. އެބޭފުޅުން ކުރެއްވި ވަކި މިވެނި އެވެނި ގޯސްކަމެއް، ނުހަމަ ކަމެއް އޮތީކީއެއް ނޫން. އެހެން ނަމަވެސް، ހަމަ ސިޔާސީ ނަފްރަތުގައި އެބޭފުޅުންނާ ދޭތެރޭގައި ވާދަވެރި ފަރާތްތަކުން ޢަމަލުކޮށް، މިގޮތަށް މިކަންވެ މިދިޔައީ. އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އެބޭފުޅުންގެ ޚިދްމަތް، އެބޭފުޅުންނަކީ ވަރަށް ތަޖްރިބާކާރު ބޭފުޅުން. އެހެންވީމާ، އެބޭފުޅުންގެ ޚިދްމަތް ދިވެހި ރައްޔިތުންނަށް ނެތުން އެއީކީއެއް މިވަގުތު ރާއްޖެއަށް ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން. ދެން މަތިބޮޑު ސަރުކާރެކޭ އަޅުގަނޑުމެން އޭރުގައިވެސް ހަމަ ވަރަށް ސާފުކޮށް ބުނަމުން އައީ. އެނގިވަޑައިގަންނަވާނެ، މިހާރު ސިޔާސީ މަގާމުތަކުގައި މިތިބީ، ރަށު ކައުންސިލަރުންނާއި، އަތޮޅު ކައުންސިލަރުން ހިމަނައިގެން، ހަތްސަތޭކަ ވިއްސަކަށް ވަޒީފާ، މަގާމު. ހަތްސަތޭކަ ވިއްސަކަށް މަގާމު. އެއީ ރަށު ކައުންސިލަރުންނާއި، އަތޮޅު ކައުންސިލަރުން ހިމަނައިގެން. ފެބްރުއަރީ 5ގެ ފަހުން އެބޭފުޅުންނެއް ނުތިއްބަވާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ޢަދަދު ވަރަށްބޮޑުތަނުން ކުރީ ސަރުކާރާ އަޅާބަލާއިރު ކުޑަވާނެ. ކުރީ ސަރުކާރުގައި، މި ހަތްސަތޭކަ މަގާމުގެ ތެރޭގައި، އަދި ރައީސް އޮފީހުގެ ހުރިހާ މަގާމާއި، މުލީއާގޭ ހުރިހާ މަގާމު ހިމެނޭ. އެހެންވީމާ، ޙަޤީޤީ ސިޔާސީ މަގާމުތަކުގައި ނެތް އިނގޭތޯ، ފަންސާހަކަށް ބޭފުޅުންވެސް. އެހެންވީމާ، މި ފަންސާހަކަށް ސިޔާސީ ބޭފުޅުން          މި ބަލަހައްޓަވަންޖެހެނީ، ފުރަތަމަ ތިރީހަކަށްހާސް ސިވިލް ސަރވަންޓުންނާއި އަދި މި ރާއްޖޭގައި ހިނގާ ހުރިހާ ކަމެއް. އެހެންވީމާ، އަޅުގަނޑު ނުދެކެން، އަޅުގަނޑުމެންނަކަށް މަތިބޮޑު ސަރުކާރެއް އުފެއްދިގެން އުޅޭ ކަމަކަށް. އަޅުގަނޑަށް ހީވަނީ ވުޒާރާތަކުގެ ވަޒީރުންވެސް މަދުވެ އަދި އަޅުގަނޑުމެން ވުޒާރާތައް މަދުކުރުމާ، އެހެންވީމާ، އެއާ ގުޅިގެން ވަޒީރުންގެ ޢަދަދު މަދުކުރުމާ އެކީގައި، ހިސާބުން މިކަން ވަރަށް ރަނގަޅަށް ސާފުކޮށް ފެންނަން އޮންނާނެ.
 
ދެން އެއްސެވީ، ލޯކަލް އިންތިޚާބުގައި އަޅުގަނޑުމެންގެ އެސްޓިމޭޓަކީ ނުވަތަ އަޅުގަނޑުމެން އަންދާޒާ ކުރަނީ ކިހާވަރެއްގެ ކާމިޔާބީއެއް އަޅުގަނޑުމެންނަށް ލިބޭނެ ކަމަށްތޯ. ބައްލަވާ މިހެން އިނގޭތޯ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، އަޅުގަނޑުމެންނަށް ލިބުނު ވޯޓުގެ ޢަދަދާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމް.ޑީ.ޕީ.އަށް ލިބުނު ވޯޓުގެ ޢަދަދު. އެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަޅުގަނޑުމެންނަށް ލިބުނު ޢަދަދު ދެގުނަވެގެންދިޔަ، ރައްޔިތުންގެ މަޖިލީހުގައި އެމް.ޑީ.ޕީ.އަށް ލިބުނު ޢަދަދު. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެއް ޕާޓީއަކަށް އެންމެގިނަ ވޯޓް ލިބުނީ އެމް.ޑީ.ޕީ.އަށް. އަޅުގަނޑު ހަނދާންވަނީ އެއީ ފަންސާސް އެއްހާސް ވޯޓޭ. މިފަހަރު ލޯކަލް އިންތިޚާބުގައި، އަޅުގަނޑުމެން އަމާޒު ކުރަންޖެހޭނެ، އެ ވޯޓުގެ މައްޗަށް އަދި ތިރީހަކަށް ޕަސެންޓް އިތުރުކުރަން އެންމެ މަދުވެގެން. އެހެންވީމާ، އަޅުގަނޑުމެންގެ އަމާޒެއް އެއީ، ލޯކަލް އިންތިޚާބުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަޅުގަނޑުމެންނަށް ލިބުނު ވޯޓަށްވުރެ ތިރީސް، ސާޅީސް ޕަސެންޓް މަތިން ހޯދުން. ދެން މިދަންނަވާ އަމާޒު އަދި އެގޮތަށް އޮތްއިރު، އަޅުގަނޑުމެން އެބަ މިނަން، ކޮބައިތޯ މިހާރު އެމް.ޑީ.ޕީ.ގެ މެންބަރުން، އެ ދާއިރާއެއްގައި ނުވަތަ އެރަށެއްގައި ތިބި ޢަދަދާއި އަދި އެރަށެއްގައި ޑީ.އާރު.ޕީ.ގެ މެންބަރުން ތިބި ޢަދަދާ. އަދި މިދިޔަ އިންތިޚާބުތަކުގައި ޕާޓީގެ މެންބަރުން ތިބޭ ޢަދަދާއި، ލާ ވޯޓުގެ ޢަދަދާ ހުރި ގުޅުން އަޅުގަނޑުމެން ދެނެގަނެއްޖައިމު. އެހެންވީމާ، މިހާރު އެމް.ޑީ.ޕީ. ގެންގުޅޭ މިދަންނަވާހެން ކޮއެފިޝަންޓެއް ނުވަތަ ޢަދަދެއް. އެއީ ޕާޓީގެ މެންބަރަކު ހުރެއްޖެއްޔާ އެއީ، އެސްޓިމޭޓް ކުރެވޭ، މިތައް ވޯޓް ނުކުންނާނެ ކަމަށް. ދެން ހަމަ އޭގެއިތުރުން އަދި އިންތިޚާބަށް ހިންގާ ކެމްޕޭން ހިންގުމާ އެކީގައި، އަޅުގަނޑުމެން މިދެކެނީ މިފަހަރު އަޅުގަނޑުމެންނަށް ވަރަށް އެކަށީގެންވާ ރަނގަޅު އަޣްލަބިއްޔަތެއް ލިބޭނެ ކަމަށް. އަޅުގަނޑުމެން ސަރުކާރު ހިންގަމުން އަންނަތާ ދެއަހަރުވެގެން މިދަނީ. އަދި އިންތިޚާބް، ފެބްރުއަރީގައި އަންނައިރުގައި، އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ވަޒަން ކުރެވޭނެ، ވަރަށް ރަނގަޅަށް އަންދާޒާ ކުރެވޭނެ، މި އިންތިޚާބުގައި އަޅުގަނޑުމެން ކަންކަން ކޮށްފައި އޮތް ގޮތާއި ދެން ކުރިއަށް އަޅުގަނޑުމެން ދާންވީގޮތް.
 
އާދަމް ޙަލީމް – ސަން އޮންލައިން:
 
އާދެ! އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު ވިދާޅުވޭ، އިންކާރެއް ނުކުރައްވަމޭ ސުޕްރީމް ކޯޓުގެ ޙުކުމަކަށެއް. މަނިކުފާނު ހަމަ ވިދާޅުވެއްޖައިމު، މާލިއްޔަތު ޤާނޫނު ތަޞްދީޤު ކުރެވޭނެ އުޞޫލެއްވެސް. އެއީ އިޖްތިމާޢީ ރައްކާތެރި ކަމުގެ ޤާނޫނެއް މަޖިލީހުން ފާސްވެގެން. މަޖިލީހުގެ މިމަސައްކަތްތައް ހުރިގޮތުން އެފަދަ ބިލެއް އަދި މަޖިލީހުގައި އެތައް ދުވަހެއް ނަގާފާނެ. ދެން ސުޕްރީމް ކޯޓުގެ ޙުކުމުގައި ހަމަ ބުނޭ، އިންސާނީ ބާރު ނުފޯރާ ޙާލަތެއް މެދުވެރިނުވާނަމަ، ލަސްނުކޮށް މި ތަޞްދީޤު ކުރަންވާނެއޭ. އެހެން ކަމަށްވާނަމަ، މަނިކުފާނު ތިޔަ އިޝާރާތް ކުރައްވާ ކަންތައްތަކަކީ، އިންސާނީ ބާރު ނުފޯރާ ޙާލަތެއް މެދުވެރިވެފައި އޮތް ކަމެއްތޯ، ތިޔަވިދާޅުވާ އިޖްތިމާޢީ ރައްކާތެރި ކަމުގެ ޤާނޫނެއް ނެތުން އެއީ.
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
މީގައި ތިޔަ ވިދާޅުވާހެން ޤާނޫނީ ލަފާ އަޅުގަނޑަށް އެބަ ސާފުކޮށް ހޯދަންޖެހޭ، ސުޕްރީމް ކޯޓުގެ މިޙުކުމާ ގުޅޭގޮތުން. އެބައޮތް ސަރުކާރަށް ޢަމަލު ކުރެވެން ދެގޮތަކަށް، މިޙުކުމް އައުމާ ގުޅިގެން. އެއްގޮތަކީ، ޤާނޫނު ތަޞްދީޤުކޮށްފައި، ޤާނޫނު ސުޕްރީމް ކޯޓަށް ފޮނުވުން. ސުޕްރީމް ކޯޓުން ގޮތެއް ނިންމަވައިދެއްވުން. އެ ޤާނޫނު އަޅުގަނޑުމެން ޢަމަލުކުރަން ފަށައިފިނަމަ، ދެން ދިމާވާވެދާނެ ކަންތައްތަކަކީ ކޮބައިތޯ؟ ނުވަތަ އެ ޤާނޫނު ކޮންމިންވަރަކަށްތޯ ޤާނޫނުއަސާސީއާ ޚިލާފީ. އެއީ، ސުޕްރީމް ކޯޓުން އެކަމުގައި ގޮތެއް ނިންމުމަށް. އެއީ، އެއްގޮތް. އަޅުގަނޑުމެންނަށް ޤާނޫނު ތަޞްދީޤުކޮށްފައި އެކަން ކުރެވިދާނެ. ދެން އެހެން ނަމަވެސް، އަޅުގަނޑު ދެކެނީ، ސިޔާސީ ވެރިން ޙިކްމަތްތެރިކަމާ އެކީގައި ސިޔާސީ ކަންކަން ނިންމަމުން ގެންދަންޖެހޭނެ. ކޮންމެ ކަމެއް ދިމާވާއިރަށް ފަނޑިޔާރުގެއަށް ދިޔުމަކީ އެންމެ ބުއްދިވެރި ގޮތަކަށް އަބަދުނުވެދާނެ. ބޭފުޅަކު ދެންމެ ފާހަގަވެސް ކުރައްވައިފި، ކިހާވަރަކަށް އަޅުގަނޑުމެން ފަނޑިޔާރުގެއަށްދާންޖެހިދާނެބާއޭ؟ އެހެންވީމާ، އަޅުގަނޑު ބޮޑަށް ބަލަން ބޭނުންވަނީ، އެއްވެސް ޖާގައެއް އޮތްނަމަ، މި މާލިއްޔަތުގެ ޤާނޫނު ތަޞްދީޤު ކުރުމުން، ދިމާވެދާނެ ނުރަނގަޅު ކަންކަން، ދިމާވެދާނެ ހުރަސްތައް، ސަރުކާރާއި ދައުލަތް ހިންގުމަށް ހުރެދާނެ ހުރަސްތައް އަޅުގަނޑުމެން ދެނެގަނެ، އެއީ ޤާނޫނަކުން ރަނގަޅު ކުރެވެން އޮތް ކަމެއްނަމަ، ޤާނޫނަކުން ރަނގަޅުކޮށް އެކަމައިގެން ކުރިއަށް އަޅުގަނޑުމެން ދިޔުން. ދެން ނޫންނަމަ، އަނެއް ގޮތަކީ މިދެންނެވިހެން، އަޅުގަނޑުމެންނަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައި އަދި އެމައްސަލަ އެގޮތަށް ބެލެންދެން، އެޤާނޫނަށް ޢަމަލުކުރުން އަޅުގަނޑުމެން މަޑުކުރުމަށް އެދުން. އަޅުގަނޑަށް ހީވަނީ، އަޅުގަނޑަށް މިދަންނަވާހެން އަޅުގަނޑަށް ޤާނޫނީ ލަފާ މީގައި ވަރަށް ސާފުކޮށް އެބަ އެނގެންޖެހޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި، ސުޕްރީމް ކޯޓުގެ ޙުކުމާ ޚިލާފެއް މިހާތަނަކަށް އަދި ޤާނޫނީ އެއްވެސް ޙުކުމަކާ އަޅުގަނޑުމެން މިހާތަނަކަށް ޚިލާފުވެފައެއް ނޯންނާނެ. އަދި މިއީ ޤާނޫނީ ދައުލަތެއް. ޤާނޫނީ ޙުކުމަކާއެއް އަޅުގަނޑުމެންނެއް ޚިލާފެއްނުވާނަން.
 
J J Robinson – Minivan News:
 
Given the state of it, do you regret the decision in June for the Cabinet to resign in protest against the obstruction by parliament and do you still stand by the position that your position than the parliament was obstructing the work of government?
 
President Mohamed Nasheed:
 
I do not regret what did happen in June. If you look at the bigger picture, and if you try to understand the political landscape and what was happening at that time, which later on became quite clear through the telephone conversations, that elements in the opposition was bent on destructing the government and in very, many words that we heard, they wanted to topple the government or they wanted to remove many, many Cabinet Ministers, so and so for. So I think, the Cabinet at that time had enough justification to say that it’s very difficult to govern because of parliamentary obstructions. Now, what then happened after that was that we were able to come up with the Supreme Court. Now, we have to understand that, in that climate for us to, be able to come up with the Supreme Court was a fair achievement and we were able to get that primarily because of a number of political uncertainties that was looming at that time. So I think looking back in hindsight it was good that we were able to create an environment where a Supreme Court can be established. And now that we have a Supreme Court, it is clear on how we have to proceed with the affairs and how we may be able to implement the Constitution. I think, it’s a fine experience and I really think that once we step back from time and have a look at what has actually happened, we will be able to understand that there are many, many silver linings. 
 
މިޞްބާޙު ޢައްބާސް – ދި ޓީ.ވީ:
 
ތަންކޮޅެއް ކުރިން ދި އެފް.އެމް.އިން ޖަރނަލިސްޓް ސުވާލު ކުރެއްވި, ރިޔާސީ މިޑްޓަރމް އިލެކްޝަނަކަށް ވަޑައިގެންނެވުމާ ބެހޭގޮތުން. އަޅުގަނޑުގެ މަޢްލޫމާތު ދޮގު ނޫން ކަމަށްވާނަމަ، މަނިކުފާނު ގޮވާލެއްވި، ޤާނޫނުއަސާސީއަށް ބައެއް ބަދަލުތައް ގެންނަވައިގެން، އިދިކޮޅު ފަރާތްތަކުން ތައްޔާރަށް ތިއްބެވިނަމަ، ރިޔާސީ އިންތިޚާބަކަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް. އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މިހާރު ކިހާ ހިސާބެއްގައިތޯ އެކަންތައްތައް އޮތީ؟
 
ދެން އާ ކެބިނެޓެއް އެކުލަވައިލުމުގެ ވާހަކަ އަޅުގަނޑުމެންނަށް އިވިގެންދަނީ. މި ސަރުކާރު ވެރިކަމަށް އައިސްފައިވަނީ އެތައް ޕާޓީތަކަކާ އެއްކޮށް ކޯލިޝަން ހެދިގެން. ބައެއް ފަރާތްތަކުން މިހާރު މިވަގުތު ކޯލިޝަންތެރޭގައި ނެތް ކަމުގައިވީ ނަމަވެސް، ކިހާވަރަކަށް އާ ކެބިނެޓެއް އެކުލަވައިލެވޭއިރު، މިހާރު ކޯލިޝަންގައި ތިއްބެވި މެންބަރުންގެ އެއްބަސްވުންތަކަށް ބައްލަވައިލައްވާނަންތޯ؟
 
ދެން އޭގެއިތުރަށް، އަޅުގަނޑު އިލެކްޝަން، ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް މަނިކުފާނު ދެންމެ ވިދާޅުވެއްޖެ. އިދިކޮޅު ފަރާތްތަކުގެ ވާހަކައަށް، ޚާއްޞަކޮށް، ޑީ.އާރު.ޕީ.ގެ ވާހަކަތައް މަނިކުފާނު އަޑުއައްސަވާނެ ކަމަށް. ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އަދި ޑީ.އާރު.ޕީ.އިން ޚާއްޞަކޮށް މި ކޮންމެ ޕޯޑިއަމެއްގައި ވާހަކަ ދައްކަމުން މިދަނީ. ދެން އޭގެއިތުރަށް އަޅުގަނޑުމެންނަށް މިދިޔަ ހަފްތާގައި އެބައޮތް މައްސަލަތަކެއް ފެންމަތިވެފައި. ރާއްޖެތެރޭގެ ރަށްރަށުގައި ސަރުކާރަށް ނިސްބަތްވާ މީހުންނަށް ވޯޓް އިތުރުކުރުމުގެ ގޮތުން ގޯތިތައް ބަހަމުން ގެންދާ ކަމަށް ޚަބަރުތަކެއް ލިބިފައި. ކިހާވަރަކަށް މަނިކުފާނު މިކަމަށް ބައްލަވަންތޯ؟ ކިހާވަރަކަށް އިންތިޚާބަކީ ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބަކަށް، މިނިވަން އިންތިޚާބަކަށް ހެއްދެވުމަށް މަސައްކަތްޕުޅު ކުރައްވަންތޯ؟
 
 
 
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
އެންމެ ފުރަތަމަ ފާހަގަކުރެއްވި މިޑްޓަރމް އިލެކްޝަން ނޯންނާނެ. އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވައިފިން. އަދި ކުރީގައިވެސް ދަންނަވާފައިވާނެ. ދެން އަދި މިޑްޓަރމް އިލެކްޝަނަކަށް އެދެމުން މިވަޑައިގަންނަވަނީވެސް އެންމެ ދެބޭފުޅުން، ތިންބޭފުޅުން މުޅި ރާއްޖެއިން. ފަހަތުގައި އިތުރު ބޭފުޅެއް ނެތް އިނގޭތޯ. ދެން އެހެންވީމާ، އެކަހަލަ ޙާލަތެއްގައި އަދި ވަރަށް ދަތި ކަމަކަށް އެބަވެގެންދޭ. ދެން އަޅުގަނޑުމެން އޭރުގައި ޑީ.އާރު.ޕީ.އާ އެކުގައި ދެކެވުނު ވާހަކަތަކަށްފަހު، ވަރަށް ބޮޑަށް ދެފަރާތަށްވެސް ސާފުވި، ދެން އަޅުގަނޑުމެން މިއުޅެނީ ލިޔެފައި އޮތް ޤާނޫނުއަސާސީއެއް ތަޞްދީޤު ކުރަމުން މިދަނީ. ހުރިހާ ފަރާތަކަށްވެސް އެބަ ސާފުވޭ، އެބައޮތްކަން ލޯކަލް އިންތިޚާބެއް. އެ އިންތިޚާބުގައި ސިޔާސީ މަސްރަޙު އަނެއްކާ ސާފުވެގެންދާނެ ކަމަށް. އެހެންވީމާ، އަޅުގަނޑުމެންނަކަށެއް ތިވިދާޅުވި މިޑްޓަރމް އިލެކްޝަންގެ ވާހަކަ، ވަރަށް ސާފުކޮށް އަޅުގަނޑުމެން ކުރީގައިވެސް އޮންނާނީ ދައްކާފައި.
 
ކެބިނެޓް އެކުލަވައިލައި ނިމިއްޖެ. ދެން މިހާރުވެސް ކެބިނެޓްގައި ބައެއް ހުސް މަގާމު ހުރެދާނެ. އަޅުގަނޑު ދަންނަވައިދީފިން، އެކަން ކުރިއަށް ދެން ދާނެގޮތް.
 
ރާއްޖޭގައި ހިނގާ އިންތިޚާބުތައް އަޅުގަނޑު ދެކޭގޮތުގައި ދެން ކުރިއަށް ހިނގާނީ އަބަދުވެސް މިހާރު މިއޮތް ސިޔާސީ ނިޒާމުގެ ތެރެއިން އިންޞާފުވެރިކަމާއެކީގައި. އަޅުގަނޑެއް އެއްގޮތަކަށްވެސް ނުދެކެން، އިންތިޚާބަކަށް އެއްވެސް ފަރާތަކަށް ނުފޫޒު ފޯރުވިދާނެ ކަމަކަށް. އިލެކްޝަންސް ކޮމިޝަން އެކަމުގައި ވަރަށް ރަނގަޅަށް ބައްލަވަމުން ގެންދަވާނެ. ދެން އިންތިޚާބު އަޔަސް، އިންތިޚާބު ނަޔަސް، ސަރުކާރުގެ ސިޔާސަތު ނުވަތަ ސަރުކާރު ހިންގުން ހުއްޓައެއްނުލެވޭނެ.
 
ބިންވެރިކުރުވުމަކީ އަޅުގަނޑުމެންގެ ވަޢުދެއް. މި ސަރުކާރުގެ މެނިފެސްޓޯ ވަޢުދެއް. ތިޔަބޭފުޅުން ބައްލަވައިލައްވައިފިއްޔާ، ޤައުމީ ތަރައްޤީގެ އޮނިގަނޑު. އެ ޤައުމީ ތަރައްޤީގެ އޮނިގަނޑުގައި، ބިންވެރިކުރުވުމުގެ ކަންތައް މި ސަރުކާރުން ގެންދާނެގޮތް، ޤައުމީ ތަރައްޤީގެ އޮނިގަނޑުގައި އޮންނާނެ ވަރަށް ސާފުކޮށް އެނގެން. އޭގައި އެކަން ހިނގަމުންދާގޮތަށް، އޭގައި އޮތް އުޞޫލުން ގޯތި ދޫކުރުންވެސް، އަދި ބިން ވިއްކުންވެސް، ބިން ދިނުންވެސް، ދިގު މުއްދަތަށް ބިން ދިނުންވެސް، އަދި ރަށްރަށް ދިނުންވެސް، ފަޅު، ފަރު، ވިލު، ހަލް، މިތަންތަން ދިނުންވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އެއީ، ވަރަށް ކުރިއްސުރެ ފަށައިގެން ފުރިހަމައަށް ރޭވިފައި އޮތް ޕްރޮގްރާމެއްގެ ތެރެއިން ހިނގަމުންދާ ކަމެއް.
 
މިއުޢާން މުޙަންމަދު – ދި އެފް.އެމް:
 
އާދެ! ބީ.ބީ.ސީ. ހާޑްޓޯކްގައި މަނިކުފާނު ދެއްކެވި ވާހަކަފުޅުތަކުން މިދޭހަވަނީ، މިއަހަރުގެ މެދުތެރޭގައި އިދިކޮޅު ފަރާތްތައް މި ހައްޔަރު ކުރެވުނީ، ޕީ.ޖީ އޮފީހުގެ ޑިޒިޝަނުން، ޕީ.ޖީ.ގެ ޑިޒިޝަނަކުން ކަމަށް. އެމައްސަލަ ހަމަ ޕީ.ޖީ އޮފީހާ ހިސާބުންތޯ މި މައްސަލަ ފެށުނީ. އެހެން ނޫނީ ހަމަ މި ސަރުކާރުގެ އިންވޯލްމަންޓެއް މީގައި އެއްވެސްވަރަކަށް ނެތީތޯ؟ އަދި އިތުރު އެއްސުވާލު.
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
ތިޔަ ސުވާލު އެކަނިވިއްޔާ އަޅުގަނޑަށް ވަރަށް ރަނގަޅު. އެއްސުވާލު ޒުހައިރު ދެއްވީވެސް. ހާޑްޓޯކް ބެއްލެވީމާ އަދި ފަސޭހަވާނެ، އޭގައި ހުރި ނުކުތާތައް އަޅުގަނޑުމެންނަށް އޮޅުންފިލަން. މިދިޔަ އަހަރު މެދުތެރޭގައި ސިޔާސީ ބޭފުޅުން ހައްޔަރު ކުރެވުނު ވާހަކައެއް ނޫން، އަޅުގަނޑަށް އަޑުއިވުނު ގޮތުގައި ހާޑްޓޯކްގައި އަޅުގަނޑު ގާތުގައި އެހީ، އަޅުގަނޑު ގާތުގައި އެހީ، ރައްޔިތުންގެ މަޖިލީހުގެ ދެމެންބަރުން، އެއީ އަޅުގަނޑު ލަފާކޮށްގެން ހުރީ މިގޭ، މުލީއާގެއަށް އެހެން ނޫނިއްޔާ ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައިގެން ކަމަށް ދެކި، ޕްރޮސެކިއުޓަރ ޖެނެރަލުން ހުށަހަޅާފައި އޮތް ދެމައްސަލައެއް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ބީ.ބީ.ސީ. ހާޑްޓޯކްގައިވެސް ފާހަގަކުރިން، އެއީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލައެއް ކަމަށް. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަކީ މުސްތަޤިއްލު ތަނެއް ކަމަށް. ދެން އަޅުގަނޑު ހިތްހަމަޖެހޭ. އެތަނުގައިވެސް އަޅުގަނޑު ދެންނެވިން. އަދި މިހާރުވެސް އަޅުގަނޑު ހިތްހަމަޖެހޭ، އެމައްސަލަ އަނބުރާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ގެންނަވާފައި އޮތީތީވެ. ދެން އެހެން ނަމަވެސް، އަޅުގަނޑު އުންމީދު ކުރަން، އަދި ޚާއްޞަކޮށް، ޒުވާން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ސީދާ ޙަރަކާތް ގެންދަވަމުން ގެންދަވާއިރުގައި، އޭގެ އިންތަކަށް ބައްލަވާލައްވާނެ ކަމަށް. ދެން އަޅުގަނޑަށް ޔަޤީން، އެބޭފުޅުން ބައްލަވާނެކަންވެސް.
 
އަޙްމަދު ހައިދަރު – އެމް.އެން.ބީ.ސީ. ވަން:
 
އަޅުގަނޑު ހަމަ އަނެއްކާވެސް މާލިއްޔަތު ޤާނޫނާ ގުޅޭގޮތުން އިނގޭތޯ. އަޅުގަނޑުމެންނަށް ކުރިންވެސް ސަރުކާރުން ފާހަގަކުރަމުން ގެންދޭ، އެންމެ ރަނގަޅު ދެމާއްދާއެއްގެ ގޮތުގައި، މާލިއްޔަތު ޤާނޫނުގެ    7 ވަނަ މާއްދާއާއި 10 ވަނަ މާއްދާ. ދެން އެ ދެމާއްދާ އޮތްގޮތަށް ތަޞްދީޤު ކުރައްވައިފިނަމަ، ވަރަށް ކުޑަކުޑަ ކަމަކުން، މިސާލަކަށް، މާލޭ މުނިސިޕަލްޓީން ދޫކުރާ ބޯޑު، މަގު ބަންދުކުރާ ބޯޑު ދޫނުކުރެވިގެން، މާލޭގެ ޢިމާރާތް ކޮނުމުގެ މަސައްކަތް ހުއްޓި، މިކަހަލަ ކަންތައްތަކެއްވެސް މެދުވެރިވެދާނެ ކަމަށް. ދެން ހަމަ ހަކުރާއި ހަނޑުލާއި ފުށާ، މިކަހަލަ ތަކެތީގެ އަގުވެސް ބޮޑުވެގެން ހިނގައިދާނެ ކަމަށް. ދެން ވިދާޅުވެއްޖެ، އިޖްތިމާޢީ ރައްކާތެރިކަމާބެހޭ ޤާނޫނެއްވެސް ބޭނުންވާ ކަމަށް. ދެން މިކަންކަން މިހާރު ސަރުކާރުން ކިހާވަރެއްގެ އިސްކަމެއް ދެއްވައިގެން ކުރިއަށް އެބަ ގެންދަވަންތޯ، މިފަދަ ޤާނޫނެއް މަޖިލީހަށް ފޮނުއްވަން.
 
ދެން ހަމަ އަޅުގަނޑުމެންނަށް މިހާރު މިއޮތީ ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅިފައި. މި ޑެފިސިޓް ބޮޑު ބަޖެޓެއް. ހުށަހެޅިފައި އޮތްއިރު އަޅުގަނޑުމެންނަށް މިފެންނަނީ، ދިވެހިރާއްޖޭގައި 13 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވިފައިވާތަން. އޭގެތެރެއިން 7 ޕާޓީއަކީ 3000 މީހުން ހަމަނުވާ 7 ޕާޓީ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ހަމަ ބަޖެޓުން ބޮޑު ބައެއް އެ ޕާޓީތަކަށް ހޭދަކުރަން އެބަޖެހޭ. ހޭދަކުރަންޖެހޭއިރު ބައެއް ޕާޓީތަކުގެ އޮފީހެއް ނެތް. އަޅުގަނޑުމެންނަށް މީޑިއާއިން ގުޅާލެވޭނެ ނަންބަރެއްވެސް ބައެއް ޕާޓީތަކުގައި ނެތް. ދެން ހަމަ މިބޭފުޅުންނަށް މިގޮތަށް ބަޖެޓުން، މި ސިޔާސީ ޕާޓީތައް، މިގޮތަށް މިއޮތް 7 ޕާޓީ ސިޔާސީ ޕާޓީއަށްވެސް މިހެން ބަޖެޓުން ފައިސާ ދިނުން އެއީ އެންމެ ރަނގަޅު ގޮތްތޯ؟
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
އިޖްތިމާޢީ ރައްކާތެރިކަމުގެ ބިލެއް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވި، މަޖިލީހަށް ހުށަހެޅިފައި. މިދިޔަ ހަފްތާގެ ތެރޭގައި، އެމް.ޑީ.ޕީ.އިން ވަނީ އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. އާދެ! ދެން އަޅުގަނޑު މި އުންމީދު މިކުރަނީ، ވީހާވެސް އަވަހަކަށް އަޅުގަނޑުމެންނަށް އެ ބިލް ޤާނޫނަކަށްވެގެން ލިބޭނެ ކަމަށް. އަޅުގަނޑުމެންނަށް ލިބިގެން އަންނާނެ ކަމަށް. ދެން ތިޔަ ވިދާޅުވާހެން، ސުޕްރީމް ކޯޓުން ނިންމަވާފައި އެ އޮތީކީއެއް މާލިއްޔަތު ޤާނޫނާ ގުޅޭގޮތުން ނިންމަވާފައި އޮތް ނިންމެވުމެއް ނޫން. ދެވަނަފަހަރަށް ރައީސުލްޖުމްހޫރިއްޔާއަށް ބިލެއް ތަޞްދީޤު ކުރަން ރައްޔިތުންގެ މަޖިލީހުން ފޮނުވީމާ، ދެން ރައީސުލްޖުމްހޫރިއްޔާ ޢަމަލުކުރަންޖެހޭ ގޮތަކީ ކޮބައިތޯ؟ އަޅުގަނޑުމެން ފުރަތަމަ ފަހަރު ބިލެއް ފޮނުވީމާ، އަނބުރާ ނުފޮނުވާލާނަމަ، ރައީސުލްޖުމްހޫރިއްޔާ ޢަމަލު ކުރަންވީ ގޮތް ވަރަށް ސާފުކޮށް އެބަ ޤާނޫނުއަސާސީގައި އެނގޭ. ދެވަނަފަހަރު އެކަން އެހާ ސާފުކޮށް އެނގޭކަށެއް ނެތް. އެހެންވީމާ، އެއިން އަޅުގަނޑުމެން ސާފުކޮށް، އެކަންތައް ސާފުވެގެން އެދިޔައީ. މާލިއްޔަތު ޤާނޫނު ތަޞްދީޤުވެގެން، އެ ޤާނޫނަށް ޢަމަލުކުރަން ފެށުނީމާ، ދެން ނުކުމެދާނެ ކަންކަމާ ގުޅޭގޮތަކުންނެއް އަދި ސާފުވެގެނެއްނުދޭ. އެހެންވީމާ، އެއީ އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތް މަގެއް.
 
ދެން ތިޔަ ވިދާޅުވާހެން ބައެއް ސިޔާސީ ޕާޓީތައް އެބަތިބި، ހަމަ އެއްގޮތަކަށް އެޕާޓީތަކުގެ މެންބަރުން، އެއްގޮތަކަށްވެސް ހަމަނުވާ. ސިޔާސީ ޕާޓީއެއް މިއުފެއްދެނީ 3000 މެންބަރުން ހަމަވެގެން. ދެން ހަމަ މިދަންނަވާހެން، ތިވިދާޅުވީ ވަރަށްބޮޑު ތެދެއް. ވަރަށްބޮޑު ހިތާމައެއް އެއީ. ދެން އަޅުގަނޑު އުންމީދު ކުރަން، ރައްޔިތުންގެ މަޖިލީހުން ސިޔާސީ ޕާޓީތަކާ ގުޅޭ ޤާނޫނު ވީހާވެސް އަވަހަކަށް ނިންމަވައި، އެޤާނޫނުގައި ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން ޢަމަލުކުރަންވީ ގޮތް ސާފުކޮށް ލިޔެވިފައި އޮންނާނެ ކަމަށް.
 
އާދަމް ޙަލީމް – ސަން އޮންލައިން:
 
ދެންމެވެސް މަނިކުފާނު ވިދާޅުވެއްޖެ، ޤާނޫނު ތަރުޖަމާ ކުރުމަށް، އެއްގޮތަކީ ސުޕްރީމް ކޯޓަށް ފޮނުވުމޭ. ހަމައެޔާއެކީގައި، ޤާނޫނު ތަރުޖަމާ ކުރުމުގެ ބައެއް މައްސަލަތައް ފަހަކަށްއައިސް ދިމާވެގެން އުޅޭތަން އަޅުގަނޑުމެންނަށް މިފެންނަނީ، އެންމެމަތީ ހިސާބުން ފެށިގެން. ދެން މަނިކުފާނު ދާދި މިދާކަށްދުވަހު ވަނީ މަނިކުފާނުގެ އެޑްވައިޒަރަކަށް ބޭފުޅަކު ޢައްޔަން ކުރައްވާފައި. ސުޕްރީމް ކޯޓުގެ ޙުކުމްތައް ނިމިގެން މިއަންނަނީ، ޚާއްޞަ މަޖިލިސް، ޤާނޫނުއަސާސީ އެކުލަވައިލި މަޖިލީހުގެ ނިޔަތަށް ވަރަށް ބޮޑަށް ބައްލަވައިގެން. މަނިކުފާނުގެ އެޑްވައިޒަރަކީ، އެ ޚާއްޞަ މަޖިލީހުގެ، ޤާނޫނުއަސާސީ އެކުލަވައިލި ކޮމިޓީގެ މުޤައްރިރު. އެހެންވީމާ، މި އަޅުގަނޑު އެސިއުމް ކުރަނީ، މިހާރު ލައްކަގިނަ ލަފާތައް، އެމަނިކުފާނުގެ ފަރާތްޕުޅުން މަނިކުފާނަށް ލިބިވަޑައިގެންފައި ހުންނާނެ ކަމަށް. މިދިމާވެގެން މިއުޅޭ ޤާނޫނު ތަރުޖަމާ ކުރުމާއި، މިދިމާވެގެން އުޅޭ މައްސަލަތަކުގެ. އެހެންވީމާ، މިހާތަނަށް އަޅުގަނޑުމެންނަށް އެޒާތުގެ ލަފައެއް އެމަނިކުފާނު ދެއްވިކަން އިޝާރާތްވެފައި ނުވާތީ، މަނިކުފާނަށް ލިބުނު މިފުރްޞަތުގައި ހަމަ ދަންނަވާލާހިތްވަނީ، އެމަނިކުފާނު މިކަންތައްތަކުގައި ކިހާވަރަކަށް މަނިކުފާނަށް ލަފާ ދެއްވާފައިވޭތޯ؟
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
ޤާނޫނީ ލަފާ ސަރުކާރަށާއި އަޅުގަނޑަށް ދިނުމަށް ޤާނޫނުއަސާސީ ބަޔާންކުރަނީ ބަންޑާރަނައިބު. އެހެންވީމާ، ޤާނޫނީ ލަފާ ހޯދުމަށް އަޅުގަނޑު ދާންޖެހޭ ތަނަކީ ބަންޑާރަނައިބު އަރިހަށް. އަޅުގަނޑަށް ބަންޑާރަނައިބުގެ ލަފައާ އެއްގޮތަށް ޢަމަލު ކުރަމުން އަޅުގަނޑު މިގެންދަނީ. ދެން އެ ބަންޑާރަނައިބުގެ ލަފައަކަށް އަޅުގަނޑު އެދެން މިޖެހެނީ، އަޅުގަނޑަށް އެކަމެއް ސާފުނުވާ ކަމަށްވަނީވިއްޔާ. އެހެންވީމާ، ތިޔަ ވިދާޅުވާހެން، އަޅުގަނޑުގެ އެޑްވައިޒަރުން ނުވަތަ އަޅުގަނޑުމެން އޮފީހުގެ އެކިއެކި ޙައިޘިއްޔަތުން މަސައްކަތް ކުރައްވާ ބޭފުޅުންގެ އަރިހުގައި އަޅުގަނޑު މަޝްވަރާ ކުރާނެ، މިއީ، އަޅުގަނޑުމެންނަށް ސާފުވާވަރުގެ މައްސަލައެއްތޯ؟ ސާފުނުވާ ކަމަށްވަނީވިއްޔާ، މި ބަންޑާރަނައިބު އަރިހަށްދާވަރު ކަމެއްތޯ؟ ކޮންމެ ދުވަހަކުމެ، ކޮންމެ ދުވަހަކުމެ ޤާނޫނީ ދައުލަތެއް ހިންގަން އަޅުގަނޑުމެން އުޅޭ ކަމަށްވަނީވިއްޔާ، އަބަދުވެސް، ކޮންމެ ދުވަހަކުވެސް ޤާނޫނުގައި އޮތީ ކިހިނެއްތޯ، ގަވާއިދުގައި އޮތީ ކިހިނެއްތޯ، އެކަންކުރާ އުޞޫލަކީ ކޮބައިތޯ، މިއީ އަބަދު އަބަދުމެ އަޅުގަނޑުމެން އަހައަހާ ތިބެންޖެހޭނެ ވާހަކައެއް. އެހެންވީމާ، އަދި މި ރާއްޖޭގައި މީގެކުރީގައި ހަމަގައިމުވެސް އަޅުގަނޑު މިހާރު ވަޒީފާ އަދާމިކުރާ އޮފީހުގައި މީގެކުރީގައި އޮތީ ވަރަށް އެހެންކަހަލަ ޘަޤާފަތެއްކަން، އެއޮފީހުގެ ލިޔެކިޔުންތަކުންނާއި އަދި އެއޮފީހުގައި އަޅުގަނޑާ އެކުގައިވެސް މިހާރު މަސައްކަތްކުރާ ބޭފުޅުންގެ ކިބައިން އަޅުގަނޑަށް އެބަ ސާފުވޭ. މާބޮޑު ޤާނޫނީ ހަމަތަކަކަށް ބެލުމެއް، އެނގިވަޑައިގަންނަވާނެ، މި ޤާނޫނުއަސާސީ ލިބުމުގެ ކުރިއަކު ނެތް. އެހެންވީމާ، މިވަގުތު މިހާރު އަޅުގަނޑުމެންނަށް އެކަންކަން އަދި ޢަމްދުން ފުރަތަމަފަހަރަށް ސާފުކުރަމުންދާއިރުގައި، އެބަ ވަރަށްގިނަ ފަރާތްތަކުގެ އެހީތެރިކަމާއި އެބަ އެއްބާރުލުން އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އެހެން ނަމަވެސް، ދެނެއް މިސާލަކަށް ނުޖެހޭނެ، ރުހުން ހޯދުމާ ގުޅޭގޮތުންނެއް ޤާނޫނީ ލަފައެއް ހޯދައި، އެއްޗެއް ސާފުކޮށް ހަދާކަށް. އަޅުގަނޑުމެން އޮފީހުގައި، ރައީސް އޮފީހުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންގެވެސް ވަރަށް ރަނގަޅު އެހީތެރިކަން އަޅުގަނޑަށް ލިބެމުން އާދޭ.
 
ދެން ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑުމެންނާ އެކީގައި ހޮނިހިރު ދުވަހު، މިވަގުތު ހޭދަކޮށްލީތީވެ.
 
والحمد للّـه.