بســماللّـهالرّحمـنالرّحيــم

 

މިނިސްޓަރ އޮފް ހޯމްއެފެއާޒް، މިނިސްޓަރ އޮފް އެޑިޔުކޭޝަން، އެމް.ޑީ.ޕީ.ގެ ޗެއަރޕަރސަން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މި ޕްރޮވިންސްގެ ވެރިން އަދި މިރަށުގެ ވެރިންނާއި، މިރަށުގެ ލޮބުވެތި ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑުމެން ދިވެހި ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، މި ސަރުކާރުން އަދި ނުވަތަ މި ސަރުކާރު ރަމްޒުވާ ޕާޓީން މި ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ގޮސް، މި ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންނާ ވާހަކަ ދައްކައި، އަޅުގަނޑުމެންނަށް އެކުލަވައިލެވުނު މި ރާއްޖެ ތަރައްޤީ ކުރާނެ ތަޞައްވުރެއް. ޤައުމީ ތަރައްޤީގެ އޮނިގަނޑެއް. އިންސާނީ ތަޖުރިބާ ދައްކާފައި އޮތް އެއް ޙަޤީޤަތަކީ، ޤައުމެއް ތަރައްޤީވެ ދިޔުމަށް ބަޔަކު ތަނަވަސްވުމަށް، ބަޔެއްގެ ޢާންމު ޙާލަތު، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވުމަށް ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތަކަށް އަޅުގަނޑުމެން އެބަ ކުރާންޖެހެއޭ. އަޅުގަނޑުމެން އެކުލަވައިލި ޤައުމީ ތަރައްޤީގެ އޮނިގަނޑުގައި އެކުލަވައިލާފައިވާނީ، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެންނަށް ލިބިފައި ހުރި ތަޖުރިބާއާއި، ލިބިފައި ހުރި ޢިލްމުގެ މައްޗަށް ބިނާކޮށް، މިދެންނެވި ތަރައްޤީގެ އޮނިގަނޑު، މި ރާއްޖެ ވަޒަން ކުރުމަށް އަޅުގަނޑުމެން ކުރާންވީ ކަމަކީ ކޮބައިތޯ، ސިޔާސަތު ގެންގުޅޭންވީ އުޞޫލުތަކަކީ ކޮބައިތޯ އަޅުގަނޑުމެން ދެނެގަތިން.
 
އަޅުގަނޑުމެންގެ ސަރުކާރު ހިންގަމުން މިއަންނަނީ މިދެންނެވި މަގުގައި. މިދެންނެވި ހަމަތަކުގެ ތެރޭގައި. އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖޭގެ ރައްޔިތުންނަކީ މިހާރު އެ ރައްޔިތުން އެތިބި ޙާލަތުން އެހެން ޙާލަތަކަށް ބަދަލުވާ ބަޔަކަށްވުން. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ ޖީބަށް މިއަދު ވަން ޢަދަދަށްވުރެ އިތުރު ފައިސާ، މާދަމާ އެ ޖީބަށް ވަންނާނެ ގޮތެއް ހޯދުން. އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންނަށް ލުޔެއް ލިބުން. އަޅުގަނޑުމެން މި ސަރުކާރު ހިންގުމުގެ، ވެރިކަމުގައި ތިބުމުގެ އޮތީ ހަމަ އެންމެ ބޭނުމެއް. އެއީ، ރައްޔިތުންނަށް ޚިދްމަތް ކުރުން. އަޅުގަނޑުމެންނަށް އަބަދުވެސް ސަރުކާރަށްވެސް އަދި އެމް.ޑީ.ޕީ.އަށްވެސް އަދި ރާއްޖޭގެ ކިތަންމެ ކިތަންމެ ބޭފުޅުންނަކަށްވެސް އަބަދުވެސް ޔަޤީން ކުރެވިފައި އޮތް އެއް ޙަޤީޤަތަކީ، ރާއްޖެ ތަރައްޤީ ކުރުމަށް އަދި ކޮންމެ ޤައުމެއްވެސް ތަރައްޤީ ކުރުމަށްޓަކައި، އެޤައުމެއްގެ ރައްޔިތުންނާ ގާތުން، އެ ރައްޔިތުންގެ ރުހުމާއި، އެ ރައްޔިތުންގެ އެދުމާއި އިޚްލާޞްތަކާ އެއްގޮތަށް އެ ރައްޔިތުންގެ ކަންކަން ނިންމޭނެ އުޞޫލެއް، އިންތިޒާމެއް، އެޤައުމެއްގައި އޮވެގެން މެނުވީ، އެޤައުމެއް ތަރައްޤީވެ ގޮސްފައެއް ނެތޭ.
 
މިދެންނެވި ނިޒާމަކީ، އަޅުގަނޑުމެން މިއަދު މިދެކޭ ރަށްވެރި ތަރައްޤީގެ ނިޒާމު. އަޅުގަނޑުމެން މިއަދު ފާހަގަކުރަން މިއުޅޭ ލޯކަލް ކައުންސިލް ނުވަތަ ރަށު ކައުންސިލުގެ ނިޒާމް. އަޅުގަނޑުމެން މިއުޅެނީކީއެއް މީގެކުރީގައި މިއޮތް ރަށްކުރިއަރުވާ ކޮމިޓީ އެކުލަވައިލާކަށެއްނޫން. އަޅުގަނޑުމެން މިއުޅެނީ، މީގެކުރީގައި އޮތް އަންހެނުން ކުރިއަރުވާ ކޮމިޓީ ނުވަތަ މީގެކުރީގައި އޮތް މިބާވަތުގެ ރަށު ރޫޙުތަކާއި، ޖަމްޢިއްޔާތަކާ، މިކަންކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކެއް ދައްކާކަށެއްނޫން. އަޅުގަނޑުމެން މިއުޅެނީ ރައްޔިތުންގެ ތަރައްޤީއަށް މަގުފަހިވާނެ އިންތިޒާމެއް، ނިޒާމެއް ހޯދުމަށްޓަކައި އެކަމަށް ބޭނުންވާ ޤާނޫނުތައް އެކުލަވާލައި، އެކަމަށް ބޭނުންވާ އިއްތިޙާދުތަކާއި މުއައްސަސާތައް ޤާއިމް ކުރަން. އެ ޤާއިމް ކުރުމަށްޓަކައި އަޅުގަނޑުމެން ވަކާލާތުކުރި އެއްމަގަކީ، ލޯކަލް އިންތިޚާބުތަކެއް މިރާއްޖޭގައި އެބަ އޮންނަންޖެހެޔޭ. ރަށު ކައުންސިލުތަކެއް ރާއްޖޭގައި އެބަ ޤާއިމް ކުރެވެންޖެހެޔޭ. އެނގިވަޑައިގަންނަވާނެ، އޭރުގައި އަޅުގަނޑުމެން އަޑު އުފުލަމުން ގެންދިޔައިން، ކަތީބުންނަކީ އިންތިޚާބު ކުރެވޭ ބަޔަކަށްވާންޖެހޭނެއޭ. ޙަޤީޤަތުގައި އަޅުގަނޑުމެން ފާހަގަކުރަމުން އެ ގެންދިޔަ ނުކުތާއަކީ، ރައްޔިތުންގެ ފަރާތުންނޭ ރައްޔިތުންގެ ކަންކަން ނިންމަންޖެހޭނީ. މިދެންނެވި ނިންމުން ނިންމުމަށްޓަކައި މިހާރު އަޅުގަނޑުމެންނަށް މިއޮތީ ވަރަށްގިނަ ކަންކަމަށް މަގުފަހިވެފައި. އަޅުގަނޑުމެންނަށް މިއޮތީ ފުރުޞަތުތަކެއް ލިބިފައި. ފެބްރުއަރީ 5 ވަނަ ދުވަހު މިދެންނެވި އިންތިޚާބުގެ ވޯޓްދިނުން އޮންނާނެ.     އެ ދުވަހަށްފަހު މިރަށް ހިންގާނެ ބަޔެއް އަޅުގަނޑުމެންނަށް ލިބޭނެ. އެބަޔަކާ އެކުގައި، ސަރުކާރު ތިބޭނީ މިރަށުގެ ތަރައްޤީ ކުރިއަށް ގެންދަން.
 
މީގެކުރީގައި މިރަށް، ވަންދޫގެ ޢާންމު ބަޖެޓުގައި ސަރުކާރުން މިރަށަށް ޚަރަދުކުރަން ނިންމިފައި އޮންނާނީ، ގާތްގަނޑަކަށް ދެމިލިއަނެއްހާ ރުފިޔާ. އެއީ، ރަށުގެ މުސާރައާއި، އޭގެތެރެއިން، މިދެންނެވި 2 މިލިއަން ރުފިޔާގެ ތެރެއިން ވަރަށްގިނަ ބަޔަކީ 1.5 މިލިއަން ރުފިޔާއަކީ، ޙަޤީޤަތުގައި މުސާރައަށްދާ އެއްޗެއް. ދެން އެހެންވީމާ، ދެން އިތުރު ކަންކަމަށް މިރަށުގައި ވަރަށް ކުޑަކުޑަ އެއްޗެއް ނޫނިއްޔަކާއެއް ޚަރަދު ކުރެވިފައެއް ނޯންނާނެ. އެހެންނަމަވެސް، ސަރުކާރުން މިހާރު ބަޖެޓް ތަންފީޛު ކުރަން ނިންމާފައިވާ ގޮތަކީ، ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށްގެން، ވީހާވެސް ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގުމަށް، ސީދާ އެރަށްރަށަށް އެ ބަޖެޓް ބޭނުންކުރެވޭނެ ގޮތެއް ހަދައިގެން، އެރަށެއްގެ ރައްޔިތުން އެދޭގޮތަށް، އެރަށެއްގެ ކައުންސިލަކުން އެކަން ކުރެވޭނެ ގޮތް ހޯދުން. އެހެންވީމާ، މިފަހަރުގެ ބަޖެޓްގައި، މިރަށުގެ ބަޖެޓްގައި ތިން މިލިއަން ހަތްލައްކަ އަށްޑިހަދެހާސް ހަތަރުސަތޭކަ ސާޅީސް ދެރުފިޔާ ހިމެނިފައި އޮންނާނެ. އަންދާޒާ ކުރެވިފައި އޮންނާނެ. މިފައިސާ ޚަރަދު ކުރުމަށް އަޅުގަނޑުމެން މިއެދެނީ، ސަރުކާރުން އެދެނީ، ސަރުކާރުން ކަނޑައަޅާ ވަކި ސިޔާސަތުތަކެއް ހިންގުން. މިދަންނަވާ ސިޔާސަތުތަކަކީ، އަޅުގަނޑުމެން ދެކޭގޮތުގައި، ޤައުމެއް، ރައްޔިތަކު ތަރައްޤީވެދިޔުމަށް، ޙާލަތު ބަދަލުވެދިޔުމަށް ފުރުޞަތުދޭން މަގުފަހިކުރާނެ ސިޔާސަތުތަކެއް.
 
އަޅުގަނޑުމެންނަށްވެސް އެނގޭ، އަޅުގަނޑުމެންގެ ސިކުނޑީގައި، އަޅުގަނޑުމެންގެ ވިސްނުމުގައި އަޅުގަނޑުމެންގެ ތަޞައްވުރުގައި، މީގެކުރީގައި ތަރައްޤީއަކީ ކޮބައިތޯ އަޅުގަނޑުމެން ވަޒަން މިކުރަނީ، ދެކިގަންނަނީ އެއީ، ބަނދަރެއްގެ ގޮތުގައި. އެއީ، އެއްގަމު ތޮށްޓެއްގެ ގޮތުގައި، ނުވަތަ މިސްކިތުގެ ވަށާފާރެއްގެ ގޮތުގައި  ނުވަތަ ބޮޑު މިސްކިތެއްގެ ގޮތުގައި ނުވަތަ މަދަރުސާގެ ކޮމްޕިއުޓަރ ކްލާހެއްގެ ގޮތުގައި. އަޅުގަނޑުމެން ތަރައްޤީއަކީ ކޮބައިތޯ ހިންގަމުން އައި ބަޙުޘް، މިދެންނެވި ކަންކަން އެއީ، ތަރައްޤީގެ ގޮތުގައި މިނެގެން ހިންގަމުން އައި ބަޙުޘް އެއީ، އަޅުގަނޑަށް ފެންނަ ފެނުމުގައި މާކުރީގެ ބަޙުޘެއް. އަޅުގަނޑު އޭގައި ބައިވެރިވާކަށް ނެތިން. އަޅުގަނޑުމެން ބޭނުމީ ސީދާ ތިޔަބޭފުޅުންގެ ޢާންމު ޙާލަތު ވަރުގަދަ ކުރެވޭނެ ގޮތްތަކެއް ހޯދުން. ތިޔަބޭފުޅުންނަށް އާމްދަނީ ލިބޭނޭ އިތުރު މަގުތަކެއް ހޯދުން. ވަޒީފާގެ ފުރުޞަތުތައް ފަހިކުރުން. ސަރުކާރުން މިރަށަށް ކުރާ ބޮޑު ޚަރަދު ސަރުކާރުން ކުރަން ބޭނުންވަނީ މިދެންނެވި މަގުން. އެ ޚަރަދު އެގޮތަށް ކުރުމަށްޓަކައި، މި ވިސްނުން އަޅުގަނޑުމެންނަށް ރައްޔިތުންގެ ތެރޭގައި ބަލައިގަންނަ ވިސްނުމެއްގެ ގޮތުގައި އެބަ ފަތުރާދެއްވަންޖެހޭނެ. ރައްޔިތުންނަށް ތަރައްޤީ ލިބޭނީ، ރައްޔިތުންގެ ޖީބަށް ފައިސާއެއް ވަދެގެން. މިތަނުގައި ބަނދަރެއް ހަދަން މިސާލަކަށް، ސާޅީސް މިލިއަން ރުފިޔާ ޚަރަދުކުރާއިރު، އެނގިވަޑައިގަންނަވާނެ، އެހުރިހާ ފައިސާއެއް އެއީ، ޖަޕާން ކުންފުންޏަކަށްދޭ ފައިސާކަން. މިތަނުގައި ބަނދަރެއް ނިމުނީމާ އޮވޭ. އެކަމަކު ސާޅީސް މިލިއަން ރުފިޔާ، މިދަންނަވާހެން މިރަށަށް މީހަކުން މީހަކުން، ބޮލަކުން ބޮލަކުން ބެހިނަމަވެސް، އަޅުގަނޑަށް ފެންނަ ފެނުމުގައި 5 އަހަރު ދުވަހުގެ ތެރޭގައި، ތިޔަބޭފުޅުން ތަރައްޤީވެގެން، ޢާންމު ޙާލަތު ރަނގަޅުވެގެން، އަމިއްލައަށް ނަރުދަމައެއް އަޅައި، ބަނދަރެއް ހަދާ، މިހުރިހާ ކަމެއް ކުރާނެ ތަނަވަސްކަން ތިޔަބޭފުޅުންގެ ކިބައިގައި އޮތީސް. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ، ޚުދުމުޚުތާރު ވެރިކަމެއްގައި ރައްޔިތަކު ކޮޅަށް ތެދުވެއްޖިއްޔާ، ރައްޔިތަކު ތަރައްޤީ ވެއްޖެއްޔާ، ރައްޔިތެއްގެ ބާރު އިތުރުވެގެން ހިނގައްޖެއްޔާ، އެއީ ވަރަށްބޮޑު އުނދަގުލަކަށް، ވަރަށްބޮޑު ދައްޗަކަށް ވެގެންދާނެ. ޑިމޮކްރަސީއެއްގައި އެއާ ޚިލާފަށް އަޅުގަނޑުމެން ކުރާންޖެހޭ ކަމަކީ ރައްޔިތުން ތަރައްޤީ ކުރުން. ރައްޔިތުންގެ ޢާންމު ޙާލަތު އިތުރުކުރުން. އެހެންވީމާ، އަޅުގަނޑުމެންގެ މިއަހަރުގެ ބަޖެޓުގައި މިފަހަރު އެކުލަވައިލާފައިވާނެ، ރައްޔިތުންގެ ތަރައްޤީ އަދި ވަޒީފާގެ ފުރްޞަތު ހޯދުމަށްޓަކައި މި ވަންދޫގައިވެސް މަސައްކަތްކުރާ ވިޔަފާރިކުރާ މީސްމީހުންނަށް ލޯނުގެ ފުރްޞަތު ހުޅުވާލައިގެން، ވިޔަފާރި ތަރައްޤީ ކުރަމުން ގެންދެވޭނޭ ގޮތްތައް މިފަހަރުގެ ބަޖެޓް މެދުވެރިކޮށް އިރާދަކުރެއްވިއްޔާ، ވަންދުއަށްވެސް އެކަން ފަހިވެގެންދާނެ.
 
ވިޔަފާރި ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެން އަބަދުވެސް ދެކެމުން އައި ޙަޤީޤަތެއް އެއީ، އަނެއްކާ އެއާ ގުޅިފައި އޮންނަ ވަކި ޚާއްޞަ ކަމެއް އެބަ ހިނގަހިނގާ އޮންނަންޖެހެއޭ. ވިޔަފާރިއަކީ މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް ބަދަލުކުރުމޭ. އެހެންވީމާ، ވިޔަފާރިއަށްޓަކައި ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމްވެފައި އޮންނަންޖެހޭނެއޭ. އަޅުގަނޑުމެންގެ ސަރުކާރުގެ ވަޢުދެއް އެއީ، ރާއްޖޭގެ ރަށްތައް، އެއްރަށުން އަނެއް ރަށަށް ފަސޭހަކަމާއެކީގައި ރައްޔިތުންނަށް ދަތުރުކުރެވޭނެ އިންތިޒާމެއް، ނިޒާމެއް ހަމަޖެއްސުން. ސަރުކާރުގެ ވިސްނުމަކަށް އޮތީ، އަމިއްލަ ފަރާތްތަކާ ގުޅިގެން،     އެ ނިޒާމް ޤާއިމްކުރުން. އަދި އެނިޒާމްގެ ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި، އޭގެ އާދައިގެ މިންވަރަކަށް، ފުރަތަމަ ފިޔަވަހީގެ މިންވަރަކަށް އެ ނިޒާމް ޤާއިމް ކުރުން. އަޅުގަނޑު ވަރަށް އުފާވޭ، މިއަދާ ހަމައަށް މިރަށުގެ 1458 މީހުން ދަތުރަށް އަރައި އެނިޒާމުގެ ބޭނުންކޮށްފި. އެހެންވީމާ، އެކުރި ބޭނުމުގެ ސަބަބުން، އެބޭނުން އެކުރި ވަރަކަށް އަޅުގަނޑު ދެކޭނީ، ހަމަ ވަރަށް އެކަށީގެންވާ ލުޔެއް ނުވަތަ ފައިދާއެއް، ތަރައްޤީއެއް ލިބިފައޭވާނީ. އެ ނިޒާމް ހަލުވިވީ މިންވަރަކަށް، އަދި ނިޒާމް ފުރިހަމަވީ މިންވަރަކަށް ރައްޔިތުންނަށް އޭގެ ސަބަބުން ލިބެމުން އަންނަ ފައިދާތަކާއި، ޚިދްމަތްތަކާއި އެހީތެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވާނެކަމީ، އެއްވެސް ހާލެއްގައި އަޅުގަނޑުމެން ޝައްކުކުރާ ކަމެއް ނޫން.
މި ސަރުކާރުގެ އަނެއް ވަރަށް މުހިންމު އެއް ވަޢުދަކީ، ރާއްޖޭގެ ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހަމުން އަންނަ އައުން ނުވަތަ ރައްޔިތުންނަށް ބޭސްފަރުވާ ނުލިބި، މިއުފުލާ ތަކުލީފުން އެރައްޔިތުން ސަލާމަތް ކުރުން. އަޅުގަނޑު މީގައި ތަފާތު ކުރަން ބޭނުންވާ ނުކުތާއެއް އެބައޮތް. އެއީ އަޅުގަނޑުމެންނަށްވެސް އެނގޭ، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ޞިއްޙީ ޚިދްމަތުގެ ފެންވަރު ވަރަށް ދަށްކަން. ހެލްތް ސެންޓަރުގެވެސް ފެންވަރު ދަށްކަން. ހެލްތް ޕޯސްޓްގެވެސް ފެންވަރު ދަށްކަން. ސަރަޙައްދީ ހޮސްޕިޓަލްވެސް އެކަށީގެންނުވާކަން. އަދި މާލޭގައިވެސް އެކަށީގެންނުވާކަން. އެއީ، އަޅުގަނޑުމެންނަށް އެނގޭ ޙަޤީޤަތަކީ. އެހެން ނަމަވެސް، އަޅުގަނޑުމެން ފުރަތަމަ ކުރާންނިންމި ކަމަކީ، މިހާރު މިހުރި ދެރަ ޚިދްމަތްތައްވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންނަކަށް ނުފޯރައޭ. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެއްލައްކަ މީހުންނަކަށް ނުފޯރައޭ. މިހާރު މިހުރި ދެރަ ޚިދްމަތް ބޭނުންކުރާންވެސް ރައްޔިތުން މިޖެހެނީ، ބޭސް ސިޓީ ހިފައިގެން އެކެއް ގާތުން، އަނެކެއް ގާތުން ސަލާން ޖަހަމުން ހިނގާން. އެހެންވީމާ، ސަރުކާރުން އެކުލަވައިލީ މަދަނައިގެ ވިޔުގަ. އަޅުގަނޑު ވަރަށް އުފާވޭ، މިއަދު މިރަށުގެ 65 ރައްޔިތުން މަދަނައިގައި ރަޖިސްޓްރީވެފައި އެބަތިބި. އަދި އެ 65 ރައްޔިތުންނަށް އެހީތެރިވެދިނުމަށްޓަކައި މިދިޔަ އަހަރުވެސް 6.5 މިލިއަން ރުފިޔާ އެއްކައިރި ކުރެވިފައި އޮތް. މިއަންނަ އަހަރުވެސް ހަމަ އެމީހުންނަށް ބޭސްފަރުވާގެ ޚިދްމަތް ހޯދައިދިނުމަށްޓަކައި އެފައިސާ އެއްކައިރި ކުރެވިފައި ހުންނާނެ. އެއިން ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާއާ ހަމައަށް ބޭސްފަރުވާ ލިބޭނެ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މަދަނައިގައި ބައިވެރިކުރުމޭ، އަޅުގަނޑުމެންގެ އަމާޒަކީ.  އޭރުން އަޅުގަނޑުމެންގެ ތެރޭގައި މިހާރު ހުރި މިންވަރަށްވެސް އެމީހުންނަށް ބޭސްފަރުވާގެ ޚިދްމަތް ލިބިގެންދާނެއޭ.
 
އަޅުގަނޑުމެން އަބަދުވެސް ދެކުނީމު، ދެންމެ ކައުންސިލަރުވެސް ފާހަގަކުރެއްވި، ޢުމުރުން ދޮށީ މީހުންގެ ޚިދްމަތް. ރާއްޖޭގެ ރަށްތައް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޖީލަށް އެރަށްތައް ރައްދުވެފައި މިގޮތަށް މިހުރީ، އަޅުގަނޑުމެންނަށްވުރެ ކުރީގައި މިރަށްރަށުގައި އުޅުނު ރައްޔިތުން ކޮށްދިން ޚިދްމަތުން، ކޮށްދެއްވި ކަންތައްތަކުން. އެހެންވީމާ، މިއަދު މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންބަޔަކަށްތޯ ޕެންޝަނެއް ޙައްޤުވަނީ ނުވަތަ ސަރުކާރުގެ އެހީއެއް ޙައްޤުވަނީ ކޮންބަޔަކަށްތޯ ދެނެގަންނައިރުގައި، މިންއަޅާއިރުގައި، އެއީ ހަމައެކަނި ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި މޭޒުތައް ކައިރީގައި ތިއްބެވި ބޭފުޅުން ކަމަށް ނިންމާ ނިންމުމަކީ، އެއްވެސްއިރެއްގައި އަޅުގަނޑުމެންގެ ޕާޓީއަކުން، އަޅުގަނޑުމެންގެ ސަރުކާރަކުން ބަލައިގެން ނިންމުމެއް ނޫން. އެހެންވީމާ، ސަރުކާރުން ނިންމީ، 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ މަހަކުވެސް ޕެންޝަނެއް ދިނުމަށް. އަޅުގަނޑު ވަރަށް އުފާވޭ، މިރަށުގެ 26 މީހަކަށް މިހާރު ކޮންމެ އަހަރަކު، ކޮންމެ މަހަކު މިފައިސާ އެބަ ލިބެމުންދޭ.
 
އަޅުގަނޑުމެންނަށް މިހާރު ހަމަ މިކަމުން ލިބޭ އެންމެބޮޑު އުފަލަކީ، މިދެންނެވި      65 އަހަރުން މަތީގެ މީހުންނަށް މިދިޔަ އަހަރުގެ ތެރޭގައި، މި 2010 ވަނަ އަހަރުގެ މިހާތަނަށް އައިއިރުގައި، ޖުމްލަ އެއްމިލިއަން އެއްލައްކަ ރުފިޔާ ސަރުކާރުން ޚަރަދު ކުރެވިފައި އެބަވޭ. އަޅުގަނޑު ހަމަ މިދަންނަވާ ވާހަކައަކީ، މުޅި ހުރިހާ ސަރުކާރުގެ މުވައްޒަފުންނަށް ޚަރަދު ކުރެވިފައިވަނީ 1.2 މިލިއަން ރުފިޔާ. 65 އަހަރުން މަތީގެ މިރަށުގެ 26 މީހުންނަށްވެސް ސަރުކާރުން މިވަނީ 1.1 މިލިއަން ރުފިޔާގެ ޚަރަދު އިރާދަކުރެއްވިއްޔާ ކުރެވިފައި.
 
ސަރުކާރަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް އެއީ، ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އެއީ، މި ރާއްޖޭގެ ރައްޔިތުންނަށް ވަށާޖެހޭ ތަޢްލީމެއް ދިނުން. ރައްޔިތުން ބޭނުންވާ ބާވަތުގެ ތަޢްލީމެއް، ރައްޔިތުންނަށް ފޯރުކޮށްދިނުން. އަދި ރައްޔިތުންނަށް އެއިން ފައިދާކުރާނެ ތަޢްލީމެއް ރައްޔިތުންނަށް ފޯރުކޮށްދިނުން. އެގޮތުން ސަރުކާރުން އެކަށައެޅި އެއް ސިޔާސަތަކީ ވަށާޖެހޭ ތަޢްލީމެއް ދިނުން. އަދި އެނޫންވެސް ގޮތްގޮތުން ދަރިވަރުންނަށް އެހީތެރިވެދޭނޭ ގޮތްތަކެއް އަޅުގަނޑުމެން ހޯދުން. އަޅުގަނޑު ވަރަށް އުފާވޭ، ސަރުކާރުން މިރަށުގެ ރައްޔިތުންނަށް، މިރަށުގެ ދަރިވަރުންނަށް ފޮތް ފަންސުރު، ގަލަން އަދި އެހެން ޓެކްސްޓް ފޮތަށް ޚަރަދު ކުރުމަށް 2010 ވަނަ އަހަރު ނަވާރަހާސް ދުއިސައްތަ ސައްބީސް ރުފިޔާ ޚަރަދު ކުރެވިފައިވާކަމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. ހަމައެހެންމެ، 2009 ވަނަ އަހަރު، 2010 ވަނަ އަހަރުގެ ތެރޭގައި، މި ވަންދޫ، މިރަށުގެ ސްކޫލްގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި އަދި ޚާއްޞަކޮށް، ސްކޫލްގެ ސާފުތާހިރުކަމާއި، ސާފު ބޯފެނާއި، ފާޚާނާގެ ނިޒާމާއި، އިންތިޒާމާ، މިކަންކަން ރަނގަޅު ކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި، ކުރިއަށް މިއޮތް ދެތިން މަހެއްގެ ތެރޭގައި ކުރާންހުރި ޚަރަދު ކުރެވޭގޮތަށް އޮތްކަމީ، އަޅުގަނޑަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް. އަޅުގަނޑު ގާތު ޝިފާ އެބަ ވިދާޅުވޭ، މިރަށުގައި ކްލާސްރޫމްގައި ކުލަލުމަށާއި އަދި މިރަށުގެ ފެނުގެ މައްސަލަ ޙައްލު ކުރުމަށް،     މި މަދަރުސާގެ ފެނުގެ މައްސަލަ ޙައްލު ކުރުމަށް އެދާ ޚަރަދެއް ދިނުމުގެ ކަންތައް މިހާރު ކުރުމުގެ ކަންތައް މިހާރުވަނީ ހަމަޖެހިފައޭ.
 
އަޅުގަނޑު ތިޔަބޭފުޅުންނަށް ފާހަގަކޮށްލަން، ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުވެސް ގަބޫލުކުރަމޭ، ބަނދަރެއްގެ މުހިންމުކަން. އަޅުގަނޑުވެސް ގަބޫލުކުރަމޭ، ވަށާ ފާރެއްގެ ބޭނުންތެރިކަން. އަޅުގަނޑަށްވެސް ނުވިސްނެނީކީއެއް ނޫނޭ، ނަރުދަމައެއް އޮތީމާ ގެއަށް ލިބޭނޭ ފައިދާއާއި ފަސޭހަކަން. އަދި ސާފު ބޯފެން ލިބުނީމާ، އަޅުގަނޑުމެންނަށް ލިބޭނެ ފަސޭހަކަން. އަޅުގަނޑުމެންނަށް އެހުރިހާ ވާހަކައެއް ގަބޫލުކުރެވޭ. އެހެން ނަމަވެސް، ދެމެހެއްޓެނިވި ގޮތުގައި ރަށެއް ތަރައްޤީ ކުރުމަށް ކުރާން އޮތީ ކޮންކަމެއްތޯ، އެ ބަޙުޘްގައި އެކަމަކީ ވަށާފާރެއް ކަމަށް ބުނެފިނަމަ، އަޅުގަނޑު ގަބޫލެއް ނުކުރާނަން. އަޅުގަނޑު އެބަޙުޘަކު ބައިވެރިއެއްނުވާނަން. އަޅުގަނޑުމެންނަށް އެބަ އެނގޭ، ޤައުމެއް ތަރައްޤީކުރާ ގޮތް. އަޅުގަނޑުމެންނަށް އެކަން އެނގި، އެކަން ކުރާން އަޅުގަނޑުމެންނަށް ކެރިގެން، އެކަން ކުރެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކޮށްގެން، އަޅުގަނޑުމެން ނުކުމެ މިމަގާމުގައި މިތިބެނީ. އެހެންވީމާ، އަޅުގަނޑުމެން މިކަން އިރާދަކުރެއްވިއްޔާ، ކުރިއަށް ގެންދިޔުމުގައި މެދުނުކެނޑި، ކެނޑިނޭޅި މަސައްކަތް ކުރާނަން. އަޅުގަނޑުމެންގެ އަމާޒަކީ، ތިޔަބޭފުޅުން ބަދަލުވުން. އަޅުގަނޑުމެންގެ އަމާޒަކީ، ތިޔަބޭފުޅުންނަށް މިއަދަށްވުރެ ރަނގަޅު ގޮތެއް މެދުވެރިވުން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ ސިޔާސަތު، އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް 3 އަހަރު ހިންގިއްޖެނަމަވެސް، މިރަށްވެސް، ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން، ބަދަލުވަމުންމިދާ އޮއިވަރުގައި ބަދަލުވެ، ޙަޤީޤީ ތަރައްޤީގެ ބިންގަލެއް މިރަށުގައި ޤާއިމްކުރެވޭނެ.
 
އަޅުގަނޑު ދަންނަ ރަށެއް މިއީ. އަޅުގަނޑު ގާތް ރަށެއް. އަޅުގަނޑު ދަންނަ ވަރަށްގިނަ މީހުން އުޅޭ ރަށެއް. އަޅުގަނޑުމެން ބޭނުން، މިރަށުގައި ޙަޤީޤީ ތަރައްޤީ މިރަށަށް ލިބޭނެ ބިންގަލެއް އެޅުން. އިރާދަކުރެއްވިއްޔާ، މިރަށުގެ ކައުންސިލް މެންބަރުންނާއެކީގައި، އެމަސައްކަތް ކުރުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް ލިބޭނެ. ލިބުނީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެމަސައްކަތް ކުރެވޭނެ.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
واَلحمْـدُ لِلّـهِ ، والسّـلام عليـكم. 
               _______________________