بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ހޯމްއެފެއާޒް. މިނިސްޓަރ އޮފް އެޑިޔުކޭޝަން. އެމް.ޑީ.ޕީ.ގެ ޗެއަރޕަރސަން. ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން. މި ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބު. އަތޮޅު ކައުންސިލަރ. ރަށު ކައުންސިލަރ. ވަޑައިގެން ތިއްބެވި މިރަށުގެ އަޅުގަނޑުމެންގެ ގާތް އެންމެހާ ރަޙްމަތްތެރިން. ކަނޑޫދޫގެ އެންމެ ރައްޔިތުން.

السّـلام عليـكم

އަބަދުވެސް އަޅުގަނޑުމެން ފާހަގަކުރަމުން އައި ނުކުތާތަކެއް އަޅުގަނޑު އަނެއްކާވެސް މިއަދު ތިޔަބޭފުޅުންނަށް ފާހަގަކޮށްލަދިނުން، އަޅުގަނޑަށް ފެންނަ ފެނުމުގައި އެއީ ބުއްދިވެރި ކަމެއް. އަޅުގަނޑުމެން ދަންނަވަމުން މިގެންދަނީ ޤައުމެއް ތަރައްޤީވެދިޔުމަށް، ރައްޔިތަކު ތަނަވަސްވެދިޔުމަށް، ރައްޔިތެއްގެ ޙާލަތު، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވުމަށް ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތަކަށް، ވަކިއިރެއްގައި ކުރަންޖެހޭކަމީ އިންސާނީ ތަޖްރިބާ ދައްކާފައި އޮތް ޙަޤީޤަތަކީ. މިދެންނެވި ޚާއްޞަ ކަންތައްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް އަބަދުވެސް އަދި އިންސާނީ ތަޖްރިބާއަށް ފާހަގަވެފައިވާ ވަރަށް މުހިންމު އެއްކަމަކީ، އެބަޔެއްގެ ކަންކަން، އެބަޔެއްގެ ގާތުން، އެބަޔަކު އެދޭގޮތަށް އެބަޔަކު ނިންމަމުން ގެންދެވޭނޭ އިންތިޒާމެއް، އެބަޔެއްގެ ވެރިކަމުގެ ތެރޭގައި އޮތުން. އެއަށް އަޅުގަނޑުމެން ޢާންމުކޮށް ކިޔަމުން މިއަންނަނީ، ލާމަރްކަޒީ އުޞޫލޭ. ރަށްވެހިކަން ނުވަތަ ރަށްވެރިކަން.

ރާއްޖޭގެ ރަށްތައް، އެރަށްރަށުގެ ރައްޔިތުން އެދޭގޮތަށް، އެ ރަށްރަށުގެ ރައްޔިތުންގެ ގާތުން، އެރަށްރަށުގެ ރައްޔިތުންގެ ރުހުމާ އެކުގައި، އެރަށްރަށް ހިންގައި އިންތިޒާމްކޮށް، އެރަށެއްގެ ރަށްވެރިކަން ކުރިއަށް ގެންދެވިގެން ނޫނީ، އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، މިރާއްޖޭގެ ރައްޔިތުންނަށް ޙަޤީޤީ ތަރައްޤީ ނުލިބޭނެކަން. ތިޔަބޭފުޅުންގެ ޙާލަތު، އެއްޙާލަތުން އަނެއް ޙާލަތަށް ބަދަލުވުމަށް ތިޔަބޭފުޅުން ބާރުވެރިވާން އެބަޖެހޭ. ތިޔަބޭފުޅުންނަކީ ތިޔަބޭފުޅުންގެ ކަންކަން ނިންމާ ފަރާތަށް، ނިންމާ ބަޔަކަށްވުމަކީ ކޮންމެހެން ލާޒިމު ކަމެއް.

ލާމަރްކަޒީ އުޞޫލަށް އަޅުގަނޑުމެން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަދި މި ސަރުކާރު ތާއީދުކޮށް ވަކާލާތު ކުރަމުން ގެންދިޔައީ، މިދެންނެވި ސަބަބަށްޓަކައި. އެއްވެސް ނިޒާމެއްގެ ބޭނުމެއް ނެތް، އެ ނިޒާމެއް މެދުވެރިވެގެން ތަރައްޤީ ނުލިބޭ ކަމަށްވަންޏާ. އެ ނިޒާމެއް މެދުވެރިވެގެން، އަޅުގަނޑުމެން ބޭނުންވާ ނަރުދަމައާއި، އަޅުގަނޑުމެން ބޭނުންވާ ހެލްތް ސެންޓަރާއި، އަޅުގަނޑުމެން ބޭނުންވާ ވަށާފާރާއި، އަޅުގަނޑުމެން ބޭނުންވާ އެއްގަމުތޮށްޓާއި، ބޭރުތޮށްޓާއި، އަޅުގަނޑުމެން ބޭނުންވާ ކަންކަން ފުރިހަމަނުވަންޏާ ނިޒާމެއްގެ ފުރިހަމަކަމެއް ނެތް. ނިޒާމެއް ބަދަލުކުރުމަށް އަޅުގަނޑުމެން ވަކާލާތު ކުރަމުން އައީ، އެ ނިޒާމު ބަދަލުކުރީމާ، ބަދަލުވާ ނިޒާމުގެ ތެރެއިންނޭ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ. މިއަދު އިރާދަކުރައްވައިގެން، އަޅުގަނޑުމެންނަށް އެ ފިޔަވަޅު މައްޗަށް ހުއްޓުމަށް ފުރްޞަތު ލިބެމުން، ފަހިވަމުން މިއަންނަނީ. ލޯކަލް އިންތިޚާބުތައް ދާދި އަވަހަށް އޮންނާނެ. އަޅުގަނޑު އުންމީދު ކުރަނީ، މިރަށުގެ ހުރިހާ ރައްޔިތުންވެސް ވަރަށް ރަނގަޅަށް ވިސްނައި، އެ އިންތިޚާބުތަކުގައި ބައިވެރިވެ، އެ އިންތިޚާބުތައް އެއީ، ކާމިޔާބު އިންތިޚާބުތަކަކަށް ހައްދަވާނެ ކަމަށް.

އަޅުގަނޑު ސަރުކާރު އަދި އެހެންވީމާ، މި ސަރުކާރު ތަންފީޒުކުރާ ޕާޓީގެ ވާޖިބާއި ޒިންމާ ނުއެއް ހުއްޓޭ، ލޯކަލް އިންތިޚާބުގެ އިންތިޚާބަކާ ހިސާބަކުންނެއް. ރަށު ކައުންސިލެއް އިންތިޚާބުވުމަކުންނެއް އަދި އަޅުގަނޑުމެންނަކަށް ހަމަ ޚާއްޞަކޮށް، އަޅުގަނޑުމެންގެ ސަރުކާރަކަށް އެކަމުން އަތް ދޫކޮށްލެވޭކަށްވެސް އަދި އެކަމާ އަޅާލުން ހުއްޓާލެވޭކަށްވެސް ނެތް. އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުން، އެ އުފެދޭ ލޯކަލް ކައުންސިލަކީ ބާރުވެރި ކައުންސިލަކަށް ހެދުން. އަދި އެ ކައުންސިލް މެދުވެރިކޮށްގެން ނޫނީ މިރަށުގެވެސް، މިއަތޮޅުގެވެސް، މިރާއްޖޭގެވެސް ކަންކަން ނިންމަމުން ނުގެންދެވޭނެ އިންތިޒާމެއް އެކުލަވައިލަން އަޅުގަނޑުމެން ބޭނުން.

އެ ސަބަބަށްޓަކައި، މިއަހަރު 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ބަހާލެވިފައިވަނީ، މީގެކުރީގައި އެއްގޮތަކަށްވެސް އެކަން ކުރެވިފައި އޮތް ގޮތާއި، ކަންކުރެވެމުން އައި ގޮތާ ވަރަށް ބޮޑަށް ތަފާތުކޮށް. ބައެއް ބޭފުޅުންނަށް، އެ ތަފާތު ބޮޑުކަމުން، އެއީ އޮޅުންބޮޅުން ބޮޑު ބަޖެޓެއް ކަމަށް އެބަ ވާހަކަ ދައްކަވާ ނުވަތަ ފާހަގަކުރައްވާ. އަޅުގަނޑުވެސް އެއްބަސްވަން، ވަރަށް ބޮޑަށް މިކަމުގެ ތެރެއަށް ވެދެވަޑައިގެންނެވީމާ ނޫނީ، މި ބަޖެޓުން މަޢްލޫމާތެއް ނުވަތަ މި ބަޖެޓުން ތަންދޮރުފިލުވަން، ކަނޑުފަޅު އެނގުމަށް އަޅުގަނޑަށްވެސް ފެންނަ ގޮތުގައި ކޮންމެވެސްވަރަކަށް ތަޢްލީމީ، ޢިލްމީ ފެންވަރެއް ކޮންމެ ބޭފުޅެއްގެ ކިބައިގައިވެސް ހުންނަންޖެހޭނެ. އިޤްތިޞާދީ ކޮންމެ ޕާޓީއެއްގައިވެސް އެބައުޅޭ، އިޤްތިޞާދީ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅުން. އެހެންވީމާ، އަޅުގަނޑުމެންގެ ވާދަވެރި، އަޅުގަނޑުމެންގެ އިޚްލާޞްތެރި ވާދަވެރި ޑީ.އާރު.ޕީ.ގެ ކިބައިންވެސް، އެޕާޓީގެ މެންބަރުންގެ ކިބައިންވެސް އަޅުގަނޑު އެދެން، އެޕާޓީގައިވެސް ތިއްބެވި އިޤްތިޞާދީ މާހިރުންނާ މަޝްވަރާ ކުރައްވައިގެން ނޫނީ ބަޖެޓާ ގުޅޭގޮތުން ވަކި ވާހަކައެއް ނުދެއްކެވުން އަޅުގަނޑަށް ހީވަނީ ބުއްދިވެރިވާނެހެން. އެއީ، ފަހުން އަންނަ ބަޔަކު އެދެއްކި ވާހަކައަކާ ގުޅޭގޮތުން ދެން ދައްކާފާނެ ވާހަކަ މާ ލަދުވާނެތީވެ.

ޢާންމު ގޮތެއްގައި މިރަށަށް ބަޖެޓް ކުރެވެނީ، ނުވަތަ ޚަރަދު ކުރެވެނީ، ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް ފަސް މިލިއަން ރުފިޔާ. ހަމިލިއަން ރުފިޔާ، ފަސްމިލިއަން ރުފިޔާ އެއީ، ހުރިހާ މުސާރައަކާއި އަދި ހުރިހާ ކަރަންޓަކާއި، ހުރިހާ ޢިމާރާތެއް ބަލަހައްޓާ، މިހުރިހާ ކަމެއް ހިންގުމަށް، މަދަރުސާއާއި އަދި ހެލްތް ސެންޓަރާއި ސްކޫލާ. ހުރިހާ ތަނެއްގެ މުސާރަތައް ދިނުމާއި، މިކަންކަން ކުރުމަށް މިރަށުގައި ޢާންމުކޮށް މި ޚަރަދު މި ކުރެވެނީ، ފަސް ހަ މިލިއަން ރުފިޔާ. މިއަހަރު މިރަށަށް ސަރުކާރުން އަންދާޒާކޮށްފައި އޮތް ބަޖެޓަކީ 9 މިލިއަން. ސީދާ ޢަދަދެއް އަޅުގަނޑު އަތުގައި އެބައޮތް. އެހެންވީމާ، އެޢަދަދު ދަންނަވާލާނަން. ނުވަމިލިއަން ހަތަރުލައްކަ ތިރީސް ހަތަރުހާސް އަށްސަތޭކަ ފަންސާސް ހަތްރުފިޔާ. މިގޮތަށް އަޅުގަނޑުމެން ބަޖެޓް ބަދަލުކޮށް، ބަޖެޓް ހިންގާން ފެށީމާ، އެ ހިންގުމުގެ ތެރެއިން ތިޔަބޭފުޅުން ބޭނުންވެލައްވާ ކަންކަން ފުރިހަމަވެގެންދާނެ. އެކަމާމެދު އަޅުގަނޑުމެން ޝައްކެއްނުކުރަން. މިރަށުގެ ނަރުދަމާއެއްގެ އިންތިޒާމު ހަމަޖެއްސުމަށްވެސް، ލޯކަލް ކައުންސިލްގެ އިންތިޚާބަށްފަހު، އެ ކައުންސިލް މެދުވެރިކޮށްގެން، އެ ކައުންސިލްގެ މަސައްކަތުގެ ތެރެއިން އެކަން އެންމެ ރަނގަޅަށް އެންމެ ފަސޭހައިންވާންއޮތީ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން، މި މަސައްކަތްތައް ހިތުލައިގެން އަދި ކުރާން އޮތީ ކޮންކަމެއްކަން ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވައިގެން، ލޯކަލް އިންތިޚާބާ ދިމާއަށް ކުރިއަށް ވަޑައިގަތުމަށް. އެއްވެސް ހާލެއްގައި އަޅުގަނޑުމެން މިއުޅެނީ ކުރީގައި އޮތް ރަށްކުރިއަރުވާ ކޮމިޓީ ހޮވާކަށެއް ނޫން. އަޅުގަނޑުމެން މިއުޅެނީ ކުރީގައި އޮތް އަންހެނުން ކުރިއަރުވާ ކޮމިޓީ އާލާކުރާކަށެއް ނޫން. ކުރީގައި އޮތް ރައްޔިތުންގެ ރޫޙު ނުވަތަ ރައްޔިތުންގެ ނަންނަމުގައި ހުރި އެކިއެކި ބާވަތްބާވަތުގެ ޖަމާޢަތްތަކާއި، ވިސްނުންތަކާއި، ފިކުރުތައް، އެކަންކަމުގެ ތަޖްރިބާގައި ޒަމާނީ ހިންގުން މިހާރު އިންސާނާއަށް، އަޅުގަނޑުމެންނަށް ލިބިފައި ހުރި ތަޖްރިބާތަކުގެވެސް ބޭނުންކޮށްގެން، އަޅުގަނޑުމެން މިއުޅެނީ މިރަށާއި މިރާއްޖެ ބަދަލުކުރަން. އަޅުގަނޑުމެންނަށް ޔަޤީން، އަޅުގަނޑުމެންނަށް އެކަންވާނެކަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެކަން ފުރިހަމަކުރެވޭނެ. ދެން އަދި ހަމަ އަޅުގަނޑަށް ހަމަ އެނގޭ، އަޅުގަނޑުމެންނާ މިހުރިހާ ވާހަކަތަކަކަށްވެސް އަޅުގަނޑުމެންގެ ފަލްސަފާއަށްވެސް، އަޅުގަނޑުމެންގެ ވިސްނުމަށްވެސް، އަޅުގަނޑުމެންގެ މަސައްކަތަށްވެސް ނުހަނު ގިނަ ގޮންޖެހުންތައް އޮންނާނެ. އަޅުގަނޑުމެންނަކީ އެކަންކަމާ އެއްގޮތަކަށްވެސް ކަންބޮޑުވާ ބައެއް ނޫން. އަޅުގަނޑުމެން ދެކެނީ، އެއީއޭ އަޅުގަނޑުމެން ބޭނުންގޮތަކީ. އަޅުގަނޑުމެން ބޭނުން ފުރިހަމަ ވެރިކަމުގެ ނިޒާމަކީ. އިޚްލާޞްތެރިކަމާއެކީގައި ފާޑުކިޔުމުގެ ފުރްޞަތު އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ފުރްޞަތު، ޚިޔާލުފާޅުކުރުމުގެ ފުރްޞަތު، އެއްވެ އުޅުމުގެ ފުރްޞަތު، އެއްވެ އުޅުމުގެ ޙައްޤު، މިޙައްޤުތައް ރައްޔިތުންނަށް ލިބިދީފައި އޮތުމޭ. އެއީ އަޅުގަނޑުމެން ދެކޭގޮތުގައި، ހަމަ އަނެއްކާވެސް އަޅުގަނޑު ދަންނަވާނީ، އިންސާނީ ތަޖްރިބާ ދައްކާފައި އޮތީ މިކަންކަން ފުރިހަމަވެ މެނުވީ، ޤައުމެއް، ރަށެއް، ރައްޔިތަކު ތަރައްޤީވެ ގޮސްފައެއްނުވެއޭ.

އަޅުގަނޑުމެން މި ސަރުކާރު، ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، ވަކާލާތު ކުރަމުން އައި ނުވަތަ އަޑުއުފުލަމުން އައި އެންމެ މުހިންމު އެއްކަމަކީ، މި ސަރުކާރުން މިރަށު ރައްޔިތުން ރަށު ބަންދުން ފިލުވައިދޭނަމޭ. ފަސޭހަކަމާއެކީގައި އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރުކޮށް އުޅެވޭނޭ ނިޒާމެއް، އިންތިޒާމެއް ހަމަޖައްސާނަމޭ. މިއަދާ ހަމައަށް މި ނިޒާމުގެ ތެރެއިން އަޅުގަނޑު ހަމަ ވަރަށް އުފާވޭ، މިރަށުގެ 13 އޮކްޓޯބަރުގެ ނިޔަލަށް ކަނޑޫދޫ ރައްޔިތުން 1774 ދަތުރުކޮށްފައި އެބައޮތް، މި ނިޒާމު މެދުވެރިކޮށްގެން. އަޅުގަނޑުމެން މިމަސައްކަތް ފަށައިގަތީ ފުރަތަމަ ފިޔަވަހީގައި އެމަސައްކަތް ގެންދާނެ އާދައިގެ އުޞޫލެއް އެއީ ފުރަތަމަ ދެއަހަރު މިކަން ކުރަމުން ގެންދާނެ އުޞޫލަކީ އެއީ ކަމަށް ނިންމައިގެން. އަދި އެ ދެއަހަރުގެ ތެރޭގައި، އޭގެ ލިބޭ ނަތީޖާއާއި، ލިބޭ ތަޖްރިބާއާއި، ލިބޭ މަޢްލޫމާތުގެ އަލީގައި މިމަޝްރޫޢު މިއަށްވުރެ ހަރުދަނާ ފިޔަވަޅަކަށް ގެންދިޔުން. އެގޮތުން މިރަށުގައި އެކަމުގެ ފެރީ ޓަރމިނަލެއް އިރާދަކުރެއްވިއްޔާ، މިއަހަރު ދުވަހުގެ ތެރޭގައި އަޅަން ފެށޭނެ ކަމަށް އަޅުގަނޑަށް ވަނީ މަޢްލޫމާތު ލިބިފައި.

އަޅުގަނޑުމެންނަށް އަބަދުވެސް ސާފުވޭ، އެންމެބޮޑު އެއްބޭނުމަކީ، އާމްދަނީ އިތުރުވުން. ވަޒީފާގެ ފުރްޞަތުތައް ގިނަވުން. ރަށުގައި ހުރެގެން މަސައްކަތްކޮށް، ޢާއިލާއާ އެކީގައި، ދަރިންނާއި އަދި އަނބިމީހާއާއި، މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާ އެކީގައި ދިރިއުޅެވި، ތިމާގެ ދިރިއުޅުން، ތިމާގެ ޙަޔާތް އާރާސްތު ކުރުން. އެކަމަށްޓަކައި ރަށުގައި ވަޒީފާގެ ފުރްޞަތުތައް ކިތަންމެހާވެސް ބޭނުން. މިފަހަރުގެ ބަޖެޓްގެ އެންމެބޮޑު އަމާޒަކީ، އެއްއަމާޒަކީ ވަޒީފާގެ ފުރްޞަތުތައް އުފެއްދުން. އަޅުގަނޑުމެން، މި މެދުރާސްތާ ބަޖެޓްގެ މުއްދަތުގެ ތެރޭގައި، ސަރުކާރުގެ އަމާޒަކީ، ވިހިހާސް އިތުރު ވަޒީފާ އުފެއްދުން. ސަރުކާރަށް، އެ ވިހިހާސް ވަޒީފާ އުފައްދާނޭ ދިމަދިމާއާއި އަދި އުފެއްދުމަށް މަސައްކަތް ކުރާނެ ގޮތްތަކާ، މިކަންކަން މިހާރުވަނީ ކަނޑައެޅިފައި. އަދި އެކަމުގެ މަސައްކަތްތައް، ޢަމަލީ މަސައްކަތްތައް މިހާރު މިދަނީ ފެށިގެން. އިރާދަކުރެއްވިއްޔާ، މިފަހަރުގެ ބަޖެޓްގެ ތެރެއިން މިހާރު ސަރުކާރަށް ފާހަގަވެފައި އޮތް ކަނޑޫދޫގެ ދަނޑުވެރިކަމަށް ލުއިލޯނު، އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްޤީ ކުރުމުގެ އުޞޫލުގެ ތެރެއިން ސަރުކާރުން ކަނޑައަޅާފައި އޮތީ، ކަނޑޫދޫގެ ވިޔަފާރިތަކަށް ލޯނު ދިނުމުގެ ފުރްޞަތުތަކެއް ހުޅުވާލުން. އެލޯނު ދިނުން މިއަދަށް އަޅުގަނޑުމެން ލަސްކުރީ ކީއްވެގެންހެއްޔޭ؟ ދަތުރުފަތުރުގެ ނިޒާމު ނުއުފެދޭތީވެ. ކިތަންމެވަރަކަށް ކަރާ ވެއްދިޔަސްވެސް، އެ ކަރާ ހިފައިގެން ގޮސް، އެ ކަރާ ވިއްކާނެ މާރުކޭޓެއް، ހެދޭނެ ގޮތްތަކުގެ އެއްވެސް މަންޒަރެއް، އޭގެކުރީގައި ފެންނާން ނެތުނީމާ. މިއަދު އަޅުގަނޑުމެންނަށް އޭގެ އާދައިގެ އޮނިގަނޑެއް، ހަމައެކަނި ކަށިތަކެއް ނަމަވެސް، ހަމައެކަނި ފަނޑުފަނޑު ގޮތަކަށް ނަމަވެސް، މުޅި ނިޒާމު އެއޮތީ އަޅުގަނޑުމެންނަށް ފެންނަން. ދެން އޭގެތެރެއިން ފާޑުވެސް ކިޔަންވީ އެ ނިޒާމަށް. އަދި އަޅުގަނޑުމެން ރަނގަޅު ކުރަންވީވެސް ހަމަ އެ ނިޒާމު. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް މި ދަތުރުފަތުރު ކުރުމުގެ ނިޒާމްގެ ތެރެއިން، މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް ބަދަލުވުމަކީ ވިޔަފާރި. ވިޔަފާރި ކުރިއަރައިދިޔައީމާ އާމްދަނީ އިތުރުވާނީ. އޭރުން އަޅުގަނޑުމެންގެ ޤައުމު އަޅުގަނޑުމެންނަށް ތަރައްޤީ ކުރެވޭނީ.

މި ސަރުކާރުގެ، އެމް.ޑީ.ޕީ. ސަރުކާރުގެ އަބަދުވެސް ވަރަށްބޮޑު ވަޢުދެއް އަދި އަޑު އުފުލަމުން އައި ކަމެއް އެއީ، އަޅުގަނޑުމެން ބޭނުމޭ، ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުން. އަޅުގަނޑު މިކަމުގައި ދެނުކުތާއެއް ފާހަގަކޮށްލަން ބޭނުން. ފުރަތަމަ އެއްކަމަކީ، މިހާރުހުރި ޞިއްޙީ ޚިދްމަތްތައް އަދި ދެވެންހުރި ހެލްތް ސެންޓަރތަކުގެ ޚިދްމަތްތަކާއި، ހޮސްޕިޓާތަކުގެ ޚިދްމަތްތަކާއި، ހެލްތް ޕޯސްޓްތަކުގެ ޚިދްމަތްތައް، އެ ވަރަށް ދަށް އަދިވެސް ރާއްޖޭގައި. ސަރުކާރުން އެންމެ ފުރަތަމަ މަސައްކަތްކުރީ، މި ދަށް ޚިދްމަތްތަކަށްވެސް މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެއްލައްކަ މީހުންނަކަށް އަތެއް ނުފޯރައޭ. އެހެންވީމާ، އަޅުގަނޑުމެން ފުރަތަމައިނުން ބޭނުމީ، މިހުރި ދެރަ ޚިދްމަތަށްވީ ނަމަވެސް، މި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެޚިދްމަތް ލިބޭނެގޮތް އަޅުގަނޑުމެން ހޯދަންޖެހޭނެއޭ. އެގޮތުން، މަދަނައިގެ ވިއުގަ އެކުލަވައިލެވުނީ. ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި، ކަނޑޫދޫ 136 ރައްޔިތަކު ވަނީ، މި މަދަނައިގެ ޚިދްމަތުގައި ބައިވެރިވެފައި. އެ 136 ރައްޔިތުންނަށް 2011 ވަނަ އަހަރުގައި ބޭސްފަރުވާއަށްޓަކައި ތޭރަ މިލިއަން ހަލައްކަ ރުފިޔާ، އެއްކައިރި ކުރެވިފައި އޮންނާނެ. އެހެންވީމާ، އަޅުގަނޑުމެން މިދެކެނީ، މަދަނައިގެ ތެރެއިން މީހުންނަށް، ކަނޑޫދޫ ރައްޔިތުންނަށްވެސް ބޭސްފަރުވާއަށް، ބޭސް ސިޓީއަށް ސަލާންޖެހުން ހުއްޓާލުމުގެ މަގުފަހިވެގެންދާނެއޭ. އަޅުގަނޑަށް މިހާރު ފެންނަ ފެނުމުގައި، ބޭސް ސިޓީއެއް ހިފައިގެން، ވިޔަފާރިވެރިއެއް ކައިރިއަށް ސަލާންޖަހަން ނުވަތަ ބޭސްކޮޅެއް ހޯދަން އަންނަ މީހުން ވަރަށްމަދު. ތިއިން މިރަށު ވިޔަފާރިވެރިއަކަށްވެސް އެބާވަތުގެ ކަންތައްތައް ދިމާވަމުން މީގެކުރީގައި އައި މިންވަރާއި، މިހާރުހުރި މިންވަރާ ވަރަށް ބޮޑަށް ސާފުވެގެންދާނެ. އަޅުގަނޑު މި ފާހަގަމިކުރާ ކަމަކީ، އެއްވެސް ހާލެއްގައި މިތަނުގެ ހެލްތް ސެންޓަރ ނުވަތަ ހެލްތް ޕޯސްޓަށް ކުރީގައި ހުރި ޕޯސްޓުގެ ނަންބޯޑު، ހެލްތް ސެންޓަރަކަށް ބަދަލުކޮށްލެވުމަކުންނެއް، އެތަނުގެ ޚިދްމަތަކަށް ބަދަލެއްނާދެ. އެހެން ނަމަވެސް، މިރަށުގެ ނިކަމެތި ފަޤީރުންނަށް، ރާއްޖޭގައި ލިބެންހުރި ޞިއްޙީ ޚިދްމަތަކަށް އަތްފޯރާނެ ގޮތެއް އަޅުގަނޑުމެންނަށް ހަމަޖައްސައި ދެވިއްޖެ. އެއީ ސީދާ މިރަށުން ލިބެންހުރި ޚިދްމަތެއް ކަމަކަށް އަޅުގަނޑުމެން ދަންނަވަނީކީއެއްވެސް ނޫން. އަޅުގަނޑަށްވެސް އެނގޭ، ޚާއްޞަކޮށް އަންހެން ބޭފުޅުން ބަލިވެއިންނެވީމާ، ދެން ޑޮކްޓަރެއްގެ ބޭނުން ހަމަ ވަރަށްބޮޑު. އެ ބޭނުމަށްޓަކައި ޑޮކްޓަރުން އަޅުގަނޑުމެން އެބަ ބޭނުންވޭ. އަޅުގަނޑުމެން ދަތުރުފަތުރު ކުރުމުގެ ނިޒާމް، މި އުފައްދާ އެންމެބޮޑު އެއް ބޭނުމަކީވެސް، މިދަންނަވާހެން ޞިއްޙީ ޚިދްމަތްތަކަށް ކައިރި ހިސާބުގައި ހުރި ހުރިހާ ރަށެއްގައިވެސް ހުރި ރަނގަޅު ޚިދްމަތަށް އަދި މާ ރަނގަޅު ޚިދްމަތް ނެތް ރަށްރަށުގެ ރައްޔިތުންނަށްވެސް އަތްފޯރާނެ އުޞޫލެއް ހޯދުން.

ސަރުކާރުގެ އަބަދުވެސް އެއް އަމާޒަކަށްވެފައި އޮތީ، ދެކެމުން އައީ، ރާއްޖެ މިއަދު ދެކެފައިމިވާ ތަރައްޤީ އަޅުގަނޑުމެންނަށް ލިބިފައި މިވަނީ އަޅުގަނޑުމެންގެ ދޮށީ ޢުމުރުގެ ރައްޔިތުން، މިއަދު 65 އަހަރުވެފައި ތިބި ބޭފުޅުން، އެބޭފުޅުން ކުރެއްވި މަސައްކަތްތަކުގެ ސަބަބުންނޭ. ގާ ނެންގެވީމައޭ، ރޭނީމައޭ، އޮޑިދޯނިފަހަރު ބަނީމައޭ، ރިޒޯޓްތައް އެޅީމައޭ. އަދި މިހެންގޮސް މި ރާއްޖޭގައި ކުރެވެންހުރި ހުރިހާ މަސައްކަތެއް، އެރައްޔިތުން ކުރަމުން ގެންދިޔައީތީވެއޭ. އެހެންވީމާ، މިއަދު މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކާކަށްތޯ ޕެންޝަނެއް ޙައްޤުވަނީ އަޅުގަނޑުމެން ބަލާއިރުގައި، އެ ޕެންޝަން ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ މޭޒެއް ގާތުގައި ދުވަސް ހޭދަކުރި މީހާ ކަމަކަށް އަޅުގަނޑުމެނެއް ނުދެކެން. އަޅުގަނޑުމެން ވަޢުދުވީ، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، ކޮންމެ އަންހެނަކަސް، ކޮންމެ ފިރިހެނަކަސް، މި ސަރުކާރުން ދެހާސް ރުފިޔާގެ ޕެންޝަނެއްދޭނެއޭ. އަޅުގަނޑު ވަރަށް އުފާވޭ، އަޅުގަނޑު ވަރަށް އުފާވޭ، މިރަށުގައި އޭގެ 45 ރައްޔިތަކަށް، ޢުމުރުން 65 އަހަރުވީ 45 ރައްޔިތަކަށް ކޮންމެ މަހަކު ދެހާސް ރުފިޔާ މިހާރު ދެވެމުން މިއަންނަނީ. އަޅުގަނޑު މިދެކެނީ، އެ ރައްޔިތުން މިހާރު ތިބޭނީ ކުރިއަށްވުރެ މާބޮޑަށް ހިތްހަމަޖެހިފައޭ. އަދި އެބޭފުޅުންގެ ޤައުމީ ޚިދްމަތް އަޅުގަނޑުމެންނަށް މިހާރު މިވަނީ ބަލައިގަނެވިފައޭ.

އަޅުގަނޑުމެންގެ އަމާޒެއް އެއީ، ވަށާޖެހޭ ތަޢްލީމެއް މިރަށުގައި ދިނުން. އަޅުގަނޑުމެން ބޭނުންވެގެން އުޅުނީ މިރަށުގައި އެއްދަންފަޅިއަށް މަދަރުސާ ބަދަލުކުރުން. އަޅުގަނޑުމެންނަށް މިއަހަރުގެ ތެރޭގައި، މިރަށަށް، އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، ހަތަރުލައްކައެއްހާ ރުފިޔާގެ ޚަރަދު، އެބަ މަދަރުސާއަށް އެބަ ކުރެވޭ. އެއީ މަދަރުސާގެ ބައެއް މަރާމާތާ، މިބާވަތުގެ ކަންކަމަށް. އަޅުގަނޑުމެންގެ އަމާޒަކީ، މަދަރުސާ ކްލާސްރޫމް އިތުރުކޮށް، މަދަރުސާ އެއްދަންފަޅިއަށް ބަދަލުކުރުން. އަދި މިރަށުގައި ސްކޫލްގެ ދަރިވަރުންނަށް، އެއީ އޯ ލެވެލް އިމްތިޙާނުގެ ފީގެ ގޮތުގައި، ސަރުކާރުން އުފާވޭ، އަށާރަހާސް ރުފިޔާ، އެ ދަރިވަރުންނަށް ފީގެ ގޮތުގައި ދެވިފައިވާތީވެ. އަދި އަޅުގަނޑުމެން ހިތްހަމަޖެހޭ ކަމެއް އެއީ، ފަސްދޮޅަސް ފަސްހާސް ރުފިޔާގެ ޓެކްސްޓް ފޮތް، މިރަށުގެ ދަރިވަރުންނަށް ދެވިފައިވާތީ.

އަޅުގަނޑު ފާހަގަކުރަންވެގެން މިއުޅޭ ކަމަކީ، އަޅުގަނޑަށްވެސް އެނގޭ، ރާއްޖޭގެ ރައްޔިތުން އަޑު، ހަމަ ވަރަށްގަދަ އަޑާއެކީގައި ފާހަގަކުރަމުން އަންނަ ކަންތައްތަކެއް. އަޅުގަނޑު ދޭތެރެ ދޭތެރެއިން އެކަންކަމުގެ ނަންތައް ލިސްޓެއްހެން ކިޔަން. ވަށާފާރު، އެއްގަމުތޮށި، ބޭރުތޮށި. ހަމަ ވަށާފާރު، އެއްގަމުތޮށި، ބޭރުތޮށި އިނގޭތޯ. އަޅުގަނޑުމެންގެ ހިތްތަކުގައި، އަޅުގަނޑުމެންގެ ސިކުނޑީގައި ތަރައްޤީގެ ގޮތުގައި ދެކެވިފައި، ބިންވަޅު ނެގިފައި މިހުރީ، ބައެއް ބައެއް ބާވަތުގެ ކަންކަން އެކަނި. ޙަޤީޤީ ބަދަލު އަޅުގަނޑުމެންގެ ތެރެއަށް ގެނައުން، ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނެ މަގު ހޯދުން އެއީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަދި އަޅުގަނޑުމެންގެ ޕާޓީން މިދެކޭ ފަލްސަފާގައި، މުޅިން އެހެން ކަމެއް. ސީދާ ރައްޔިތު މީހާ ބާރުވެރިކޮށްގެން، އެމީހާގެ ހުރި ބާރަކުން، ހުރި ހުނަރަކުން، އެބަޔަކުގެ މުއްސަނދިކަން، ތަނަވަސްކަން އިތުރުކުރުން، އާލާކުރުން. ސަރުކާރުންވާނެ، ދިހަހާސް ގެ ޢިމާރާތް ކުރުމުގެ މަޝްރޫޢެއް ފަށްޓާފައި. އޭގެތެރެއިން އަޅުގަނޑުމެން ކަނޑައަޅާފައިވާނެ، މިރަށުގައިވެސް ފަންސަވީސް ހައުސިންގ ޔުނިޓް އެޅުން. އެއީ ސަރުކާރުގެ އަމާޒެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެކަން ކުރާނަން.

އަޅުގަނޑު ހަމަ އަޅުގަނޑުމެން މިރަށުން ދިޔުމާ އެކީގައި، މިރަށުގައި ބަޙުޘް އުފެދޭނެ. މީގެކުރީގައި ދެއްކިހާ ވާހަކަތައް ކޮބައިހޭ؟ މީގެކުރީގައި މިތަނުގައި ހަދައިދޭން ބުނި ކަންކަން ކޮބައިހޭ؟ އަޅުގަނޑު ދަންނަވާނީ، ހަމަ ރަނގަޅު ބަޙުޘެކޭ. އެހެން ނަމަވެސް، އަޅުގަނޑެއް އެ ބަޙުޘަކު ބައިވެރިއެއްނުވަން. އަޅުގަނޑު މިދަންނަވަނީ، މި ރާއްޖެ ތަރައްޤީ ކުރަން އޮތީކީއެއް ތި ބަޙުޘެއް ނޫނޭ. އަޅުގަނޑުމެންނަށް މި ރާއްޖޭގައި ދެން ކުރާންހުރި ކަމަކީ ކޮބައިތޯއޭ، ބުނީމާ ވިސްނާފައި، ދެން ކުރާންހުރި ކަމަކީ ހުރިހާ ތަނެއްގެ ވަށާފާރު ރޭނުން ކަމަށް އަޅުގަނޑުމެންނަށް ދެނެގަނެވިއްޖިއްޔާ، އަދި އެކަން ޤަބޫލު ކުރެވިއްޖިއްޔާ، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީގައި ހަމަ ކުރަން އޮތްހާވެސް ކަމަކަށް އޮންނާނީ، ވަށާފާރު ރޭނުން. ދެން އޮންނާނެ ކަމަކީ، ސިވިލް ސަރވިސް މުވައްޒަފުންނަށް މުސާރަ ދިނުން. އަޅުގަނޑުމެންނަށް މިބާވަތުގެ މުޅި ދެތިން ކަމަކުން އަރައިގެން މެނުވީ، އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް ނުހޯދޭނެ. އަޅުގަނޑު އެހެންވެއޭ މިދަންނަވަނީ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތަކަށް އެބަ ކުރާންޖެހެއޭ. މިދަންނަވާ ޚާއްޞަ ކަންތައްތައް އަޅުގަނޑުމެން މިކުރާ ގޮތަށް ކުރީމާ، ބައެއް ބޭފުޅުން ވަރަށް ހިތްހަމަނުޖެހޭނެ. ބައެއް ބޭފުޅުން ވަރަށް އެކަމާ ނުރުހޭނެ. އެކަމަކު އެބޭފުޅުންނަށްވެސް ހަމަ ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، ޤައުމެއް ތަރައްޤީ ކުރުމަށް ކުރަންޖެހޭނެ ކަންކަމަކީ، މިދަންނަވާ ބާވަތުގެ ޚާއްޞަ އުނދަގޫ ކަންތައްތައްކަން. އަޅުގަނޑުމެން އިންތިޚާބުވެފައި މިހުރީ، ހަމަގައިމުވެސް އަޅުގަނޑު ތިޔަބޭފުޅުންގެ ކުރިމަތީގައި ހުއްޓި މިހުންނަނީ ފަސޭހަ ކަމެއް ކުރާކަށެއް ނޫން. އަދި އަޅުގަނޑު އެހެންނަމަވެސް ހުއްޓި މިހުންނަނީ، އަޅުގަނޑަށް އަޅުގަނޑުގެ ހިތުގެ އަޑިން ވަރަށް ބޮޑަށް ގަބޫލުކުރެވޭ، އަޅުގަނޑުމެންނަށް އިތުބާރު އެބައޮތްކަން. އަޅުގަނޑުމެންގެ ޕާޓީއަށް، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނާއެކީގައި އަޅުގަނޑުމެންނަށް މި ރާއްޖޭގެ ތަރައްޤީ އިރާދަކުރެއްވިއްޔާ ހޯދޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ކަނޑޫދޫ އެއީ، އަޅުގަނޑުމެން މި އުންމީދުކުރާ "އަނެއް ދިވެހިރާއްޖޭގެ" ރަށަކަށް އިރާދަކުރެއްވިއްޔާ ހަދައިދޭނަން.

والحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ!

_______________________