بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ކްރިކެޓް ޓީމުގެ ކެޕްޓަނާއި، އަދި ޓީމުގެ އެންމެހާ ކުޅުންތެރިން.

السّـلام عليـكم

އަޅުގަނޑު މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި، އަޅުގަނޑުމެންގެ ހިތުގެ އެންމެ ފުންމިނުން ވަރަށް މަރްޙަބާއާއި، ޝުކުރާއި، ތަހްނިޔާ ޓީމަށް ރައްދުކުރަން.

ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް، ދިވެހި ޤައުމަށް ތިޔަ ހޯއްދަވައިދެއްވި ރީތިނަމާއި، ޝަރަފާއި، ޢިއްޒަތަށް، ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑުމެން ރާއްޖޭގައި ކްރިކެޓް މިހާރަށްވުރެ ކުރިއަށް ގެންދެވިދާނެ ކަމުގެ އެންމެ ފުރިހަމަ ދަލީލެއް ތިޔަބޭފުޅުން ތިޔަ ދައްކަވައިދެއްވީ. އަޅުގަނޑުމެންނަށް މިހާތަނަށް ކުޅިވަރުގެ މައިދާނުގައި ލިބުނު އެންމެ މަތިވެރި ޝަރަފް، އެންމެ މަތިވެރި ކާމިޔާބު ހޯއްދަވައި މިދެއްވީ ކްރިކެޓް ޓީމް. އެކަމަށްޓަކައި ވަކިން ޚާއްޞަކޮށް ކްރިކެޓް ޓީމަށް އަޅުގަނޑުމެން ނުހަނު މަރްޙަބާ ދަންނަވަން.

ރާއްޖެ ވަށައިގެންމިވާ ގިނަ ޤައުމުތަކަކީ، ބައިނަލްއަޤްވާމީ ކްރިކެޓްގެ ދުނިޔޭގައި ފުރަތަމަ ދަރަޖައިގައި ކުޅެމުން އަންނަ ޤައުމުތައް. އެހެންވީމާ، އެއާއެކުގައި ރާއްޖެއަށް ކުރިއަރައިދިޔުމުގެ ފުރްޞަތުތައް ކްރިކެޓްގައި، އެހެން ކުޅިވަރުތަކާ އަޅާބަލާއިރު، އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަކުރެވޭ މާ ފަހިކަން.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް، ޚާއްޞަކޮށް، ރާއްޖޭގެ ގިނަގުނަ ޒުވާނުންނަށް، ކްރިކެޓުން އެލިބޭ އުފާ އެބޭފުޅުންވެސް ދެނެގަނެ، މިކުޅިވަރަށް ޝައުޤުވެރިވެ، ހުރިހާ ޒުވާނުން އެކުގައި ނުކުމެ، އަޅުގަނޑުމެންގެ ޓީމް އަޅުގަނޑުމެންނަށް ހޯއްދަވައިދެއްވާފައި އެވާ ކާމިޔާބު ހިފެހެއްޓުމާއި، އަދި އިތުރު ދަރަޖަތަކަށް، އެ އުފުލުމަށްޓަކައި ހުރިހާ ބޭފުޅުން މަސައްކަތްކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެނަށް، މިއަދަށްވުރެ އާ، އަދި މާ ފަހި ކާމިޔާބު އަޅުގަނޑުމެންނަށް ލިބުން.

والحمد للّـه. والسّـلام عليـكم

___________________________