بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


އާދެ، މިއަދު އަޅުގަނޑު ތިބޭފުޅުންނާ މިބައްދަލުކޮށްލަނީ، އަޅުގަނޑު ރާއްޖެއިން ބޭރުގައި ދުވަސްކޮޅަކު ހުރުމަށްފަހު އެނބުރި އައިސް، ޚާއްޞަކޮށް މިހާރު އަޅުގަނޑުމެން މިތައްޔާރުވަމުންދާ އެހީދޭ ފަރާތްތަކުގެ ޖަލްސާއާ ބެހޭގޮތުން އެއްޗެއް ދެންނެވުމަށް. އަދި އަޅުގަނޑުގެ ދަތުރާ ބެހޭގޮތުންވެސް ކުޑަކޮށް ވާހަކަ ދައްކާލުމަށް.

އާދެ! މިހާރު މިވޭތުވެދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ތައްޔާރުވަމުން އައިސް، މާދަމާއިން ފެށިގެން އެއީ މާޗް 28، 29 މިދެދުވަހު ދިވެހިރާއްޖެއަށް އެހީދޭ ފަރާތްތަކުގެ ވަރަށްބޮޑު ޖަލްސާއެއް މި ރާއްޖޭގައި އޮންނާނެ. މިޖަލްސާއަށް ތައްޔާރުވުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފައި. އެކިއެކި ޤައުމުތަކަށް ދަތުރުކޮށް، އަދި ބައެއް ޤައުމުތަކުގައި މިއާބެހޭ މަޢްލޫމާތު ދިނުމުގެ ބައެއް ޖަލްސާތައްވެސް ބޭއްވިފައި ވަނީ. މިމަސައްކަތުގައި ސީދާ ރައީސުލްޖުމްހޫރިއްޔާވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ދާދިފަހުން ޔޫރަޕްގެ ހަތަރު ޤައުމަކަށްވެސް ވަޑައިގެންނެވި. އަދި އޭގެކުރިން މެދުއިރުމަތީގެ ބައެއް ޤައުމުތަކަށްވެސް ރައީސްވަނީ ވަޑައިގެންފައި. މީގެއިތުރުން، ފޮރިން މިނިސްޓަރާއި ޚާއްޞަކޮށް، މާލީ ވަޒީރު ވަނީ ބައެއް ޤައުމުތަކަށް ދަތުރުކުރައްވާފައި. ރައީސްގެ ސްޕެޝަލް އެންވޯއިވެސް.

އަޅުގަނޑު މިއައީ ސަޢޫދީ ޢަރަބިއްޔާއަށް ރަސްމީގޮތުން ޒިޔާރަތް ކޮށްފައި. އަދި ދަތުރުގައި ސަޢޫދީ ޢަރަބިއްޔާގެ ކްރައުން ޕްރިންސް ވަލީ ޢަހުދާ ބައްދަލުކުރުމުގެ ނަޞީބު ލިބުނު. އަދި މީގެއިތުރުން އެޤައުމުގެ ވަރަށް އިސް ރޯޔަލް ފެމިލީގެ ބައެއް ބޭފުޅުންނާ އަޅުގަނޑާ ބައްދަލުވި. އަޅުގަނޑު ސަޢޫދީ ޢަރަބިއްޔާއަށް ކުރި ދަތުރުގެ މައިގަނޑު މަޤްޞަދަކީ، މި ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އަބަދުވެސް އޮންނަ އުޚުއްވަތްތެރި ކަމުގެ ގުޅުން ވަރުގަދަވަމުންދާ ކަމުގެ ޔަޤީންކަން، އެދައުލަތުގެ އިސްވެރިންނަށް އެރުވުން. އަދި ހަމަ އެހެން، ކުރިއަށް މިއޮތް އެހީދޭ ފަރާތްތަކުގެ ޖަލްސާއަށް ސަޢޫދީ ޢަރަބިއްޔާއިން ބައިވެރިވެވަޑައިގެން، އެކަމުގައި ދިވެހިރާއްޖެއަށް އެހީވެވަޑައިގެން ދެއްވުން އެދި.

އާދެ! އަޅުގަނޑުގެ އެދަތުރާ ބެހޭގޮތުން އަދި ފަހުން އެއްޗެއް ދަންނަވާނަން. ކޮންމެއަކަސް ބޭރުޤައުމުތަކުން ދިވެހިރާއްޖެ ދެކެމުން އަންނަނީ، ދިވެހިރާއްޖެއަކީ ވަރަށް ޞުލްޙަވެރި، ވަރަށް އޮމާން ރީތި ތަނެއްގެ ގޮތުގައި. އަދި ދިވެހިރާއްޖެއަށް ބޭރުޤައުމުތަކުން އެހީދޭން ބޭނުންވަނީ، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ހީވާގި، މުރާލި އަދި އެކުވެރިކަން ބަދަހި، ޞުލްޙަވެރި ބަޔަކަށްވާތީ. އެހެންވީމާ، އެގޮތުން ދިވެހިރާއްޖެއަށް އެހީވެދިނުމަށްޓަކައި މިހާރު ރާއްޖެ ވަޑައިގެން އެބަތިއްބެވި ގާތްގަނޑަކަށް 90 ވަރަކަށް މެހްމާނުން، ރާއްޖެއިން ބޭރުން. ބައެއް ޤައުމުތަކުގެ ވަރަށް ސީނިއަރ އިސްބޭފުޅުންވެސް ވަޑައިގެން އެބަތިއްބެވި. އެބޭފުޅުން ތިއްބެވީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެހީވެވަޑައިގެން ދެއްވުމަށްޓަކައި. ފެށުނީއްސުރެވެސް ދިވެހިރާއްޖެއަކީ ބޭރުގެ އެކިއެކި އެހީތައް ލިބެމުން އަންނަ ޤައުމެއް. އަދި ރާއްޖޭގައި މިހާރު ކުރެވިފައި ހުރި ބޮޑެތި ޢިމާރާތްތަކާއި، ހިންގިފައި ހުރި މަޝްރޫޢުތައް ހިންގިފައިވަނީ ބޭރުގެ އެހީތެރިކަން، އެބައިމީހުންގެ ދީލަތިކަން އަޅުގަނޑުމެންނަށް ލިބިގެން. އަޅުގަނޑުގެ ޔަޤީންކަން އެބައޮތް. މުސްތަޤްބަލުގައިވެސް އެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބެމުންދާނެކަން.

އަޅުގަނޑު ރާއްޖެއިން ބޭރުގައި މިވޭތުވެދިޔަ ކުޑަދުވަސްކޮޅަށްފަހު އެނބުރި ރާއްޖެއަށް އައުމުން، އަޅުގަނޑަށް ފެނިގެންމިދާ މަންޒަރަކީ އެއީ އެކަމަކު ހިތާމަކުރަންޖެހޭ މަންޒަރެއް. އެމަންޒަރަކީ ޢާންމުކޮށް ދިވެހި ރައްޔިތުންނާ ދޭތެރޭގައި ދުނިޔެ ދެކޭގޮތާ ޚިލާފު މަންޒަރުތަކެއް. ރާއްޖޭގެ ވެރިރަށް މާލެ، މާލޭގެ މަގުތަކުގައި، ތަޞައްރުފު ފުދިފައިވާ ބޮޑެތި މީސްމީހުން، އެއްބަޔަކު އަނެއްބަޔަކާ ދިމާލަށް ގާއުކުމާއި، ތަކެތި އުކުމުގެ މަންޒަރުތައް. އަދި އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން އިޞްލާޙު ކުރުމަށްޓަކައި ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެމަޖިލީހުގެ ތަޅުމުގެ ތެރޭގައި، އެއްބަޔަކު އަނެއްބަޔަކުގެ ގަޔަށް އަތްލައި، ތަޅާފޮޅުމުގެ މަންޒަރު. އަޅުގަނޑު ދަންނަވާނީ، މިއީ މިއަދު ކޮންމެ ދިވެހި ރައްޔިތަކުވެސް ހިތާމަކުރަންޖެހޭ ކަމެކޭ. އަޅުގަނޑު މިއަދު މިހިރަ މަގާމުގެ ގޮތުން، އާދެ! ދިވެހިރާއްޖޭގެ ރައްޔިތުން އިންތިޚާބު ކޮށްފައިވާ މީހުންގެ ތެރެއިން މިޤައުމުގެ އެންމެ އިސް ދެވަނައަށް އެމަގާމުގައި ހުރި މީހެއްގެ ޙައިޘިއްޔަތުން އަޅުގަނޑު އެކަމާ ދޭތެރޭގައި ހިތާމަކުރާ ވާހަކަ އަދި އެކަމާ ދޭތެރޭގައި ދިވެއްސެއްގެ ޙައިޘިއްޔަތުން ލަދުވެތިވާންޖެހޭ ވާހަކަ އެބަ ދަންނަވަންޖެހޭ.

އާދެ! މިހާގިނަ ޢަދަދެއްގެ ބޭރުގެ މެހްމާނުންތަކެއް ރާއްޖެ ވަޑައިގެން ތިއްބެވި ވަގުތެއްގައި، އެބޭފުޅުންގެ ކުރިފުޅުމަތީގައި އަޅުގަނޑުމެން ދައްކަންޖެހޭނީ ދިވެހިންގެ ރިވެތި ނަމޫނާ. ދިވެހިންގެ ރިވެތި އަޚްލާޤު. ދިވެހިންނަކީ ޒަމާނުއްސުރެވެސް ޞުލްޙަވެރި ބަޔެއްގެ ގޮތުގައި މަޝްހޫރުވެފައިވާ، އެ މަންޒަރު. އެހެންވީމާ، އަޅުގަނޑު މިއަދު ވަރަށް އާދޭހާ އެކުގައި ހުރިހާ ފަރާތްތަކަށްވެސް އަދި ޚާއްޞަކޮށް، ބޮޑު ދެ ސިޔާސީ ޕާޓީގެ ބޭފުޅުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. ދިވެހިރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި އެބޭފުޅުން، އަޅުގަނޑުމެން ބޭރުން ދަޢުވަތު ދީގެން ގެނެސްފައިތިބި މެހްމާނުންނަށް ދިވެހިންގެ ރީތި ސުލޫކާއި ދިރިއުޅުން ދައްކަވައިދެއްވާށޭ. ދިވެހިންނަކީ ކިތަންމެ ދަތި ވަގުތެއްގައި ނަމަވެސް، ވަކިކަހަލަ ސުލޫކެއް ހިފަހައްޓައި، އަޚްލާޤު ރިވެތި، އިސްލާމީ ރަނގަޅު އުޞޫލުތަކުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބައެއް ކަމުގައި ދައްކަމާ ހިންގަވާށޭ.

އާދެ! މިއީ އަޅުގަނޑު ތިބޭފުޅުންނަށް ކުރާ އިލްތިމާސެއް. ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް އެހީވެދެނީކީ ވަކި ޕާޓީއަކަށް ނޫން. ނޫނީ ވަކި ސަރުކާރަކަށްވެސް ނޫން. އެއީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް. އެހެންވީމާ، މިހާރު ރައްޔިތުން ބޭނުންވެފައިވާ ވަރަށްގިނަ މަޝްރޫޢުތަކެއް، ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އަޅުގަނޑު އުންމީދު ކުރަން، މިޖަލްސާގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށްގިނަ ކަންތައްތަކެއް ފުރިހަމަވެގެންދާނެ ކަމަށް. ވަރަށްގިނަ މަޝްރޫޢުތަކެއް ތަންފީޒު ވެގެންދާނެ ކަމަށް.

އާދެ! އެގޮތުން އަޅުގަނޑު ދެކޭހިތްވާ ކިތަންމެ ކަންތައްތަކެއް އެބަހުރި، ރައްޔިތުން ބޭނުންވެފައި ތިބި ކަންތައްތަކެއް ފުރިހަމަވާން. ޚާއްޞަ ގޮތެއްގައި، އަޅުގަނޑުގެ މިދަތުރުގައި، ސަޢޫދީ ޢަރަބިއްޔާގައި އަޅުގަނޑު ފާހަގަކުރިން، ހައްދުންމަތީގެ ލިންކްރޯޑް. އަޅުގަނޑު ދެކޭގޮތުގައި، އެބާވަތުގެ މަޝްރޫޢުތަކަކީ ތަނުގައި ދިރުން އާވުމަށްޓަކައި، ކުރިއެރުމަށްޓަކައި ބާރަކަށްވާ މަޝްރޫޢު. އެބާވަތުގެ މަޝްރޫޢުތަކަށް އެހީ ހޯދުމަށްޓަކައި އަޅުގަނޑުމެން ވަނީ މަސައްކަތް ކޮށްފައި. އެހެންވީމާ، އަޅުގަނޑު ވަރަށް އާދޭހާއެކު ހުރިހާ ބޭފުޅުންގެވެސް އަރިހުން އެދެން، ކުރިއަށް އޮތް ޖަލްސާއަށް ހުރަސްނޭޅޭ ގޮތަކަށް ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދެވުން. އަޅުގަނޑުމެންނަކީ އަޅުގަނޑުމެން ދަޢުވަތުދީގެން ގެނެސްފައި ތިބި މެހްމާނުންނަށް އިޙްތިރާމްކުރާ، އަދި އެބޭފުޅުން މިކުރައްވަން އުޅުއްވާ މަސައްކަތަށް އިޙްތިރާމްކުރާ ބަޔަކަށްވުމަށް.

އާދެ! ދެން އެކަން އެގޮތަށްވާނީ، ހުރިހާ ރައްޔިތުން އެކަމުގައި ބާރުއަޅައިގެން. ރަށުތެރޭގައި ހަމަނުޖެހުން އުފެއްދުމަށް، ނޫނިއްޔާ ފިތުނަފަސާދަ އުފެއްދުމަށް ބައެއް މީހުން ކުރާ މަސައްކަތަށް، ޢާންމުކޮށް ރައްޔިތުން ބައިވެރިނުވުން. ޢާންމު ރައްޔިތުންނަށްޓަކައި ލާބަހުރި ކަންތައްތަކެއް ކުރެވެމުންދާ ވަގުތެއްގައި، އެބާވަތުގެ ފިތުނަވެރި ކަންކަމުގެ ތެރެއަށް ރައްޔިތުން ނުވަނުން. އަޅުގަނޑަށް ޔަޤީން ކުރެވޭ، ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންނަކީ، މިހާރުވެސް ވަރަށް ރަނގަޅު އަޚްލާޤެއްގެ ބަޔެއްކަން. އަޅުގަނޑުމެންގެ ގިނަ ރައްޔިތުންނަކީ، އިސްލާމީ އުޞޫލުތަކަށް އިޙްތިރާމްކޮށް، އަޅުގަނޑުމެންގެ ދިވެހިވަންތަކަން ދަމަހައްޓާ ބަޔެއްކަން. އެހެންވީމާ، އެގޮތަށް އަޅުގަނޑު ނަޞޭޙަތްތެރިވަން.

އާދެ! ދެން މި އެހީދޭ ކޮންފަރެންސް، ޑޯނަރ ކޮންފަރެންސާ ބެހޭގޮތުން ކުޑަ އެއްޗެއް އަޅުގަނޑު ދަންނަވާނަން. މި ކޮންފަރެންސް ރޭވުމުގައި، ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންގެ މާލީ ވަޒީރު ޢަލީ ހާޝިމް އަދި ޚާރިޖީ ވަޒީރު ޑޮކްޓަރ ޝަހީދު މަސައްކަތްޕުޅު ކޮށްދެއްވާފައިވޭ. އެދެބޭފުޅުންނަށް މިވަގުތު އަޅުގަނޑު ކައިރީގައި މިތާނގައި ވަޑައިގެން ނެތް ކަމުގައިވީނަމަވެސް، އެބޭފުޅުން ކުރެއްވި މަސައްކަތަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިޖަލްސާ ރޭވިފައި މިއޮތީ ދެދުވަހު. ޖަލްސާގައި އެބަ ބައިވެރިވޭ، ގާތްގަނޑަކަށް 90 ވަރަކަށް ބޭފުޅުން. ރާއްޖެއަށް އެހީވެދެއްވާ ގާތްގަނޑަކަށް ހުރިހާ ޤައުމުތަކެއްގެ ބޭފުޅުން އެބަ ވަޑައިގަންނަވާ. އަދި މީގެއިތުރުން، ބައިނަލްއަޤްވާމީ އެކިއެކި ޖަމާޢަތްތަކުންވެސް މިކޮންފަރެންސްގައި ބައިވެރިވޭ. ކޮންފަރެންސްގައި އެންމެ ބޮޑަށް ބާރުއެޅޭނީ، ވަކި ދާއިރާއަކުން އެހީ ހޯދުމަށްޓަކައި. އޭގެތެރެއިން ފުރަތަމަ ދާއިރާއަކީ، ސަރުކާރުގެ ބަޖެޓަށް މިއަހަރު ބޭނުންވާ ފައިސާގެ ތެރެއިން އިތުރަށް ބޭނުންވާ ފައިސާ ހޯދުން. އެއީ ބަޖެޓް ސަޕޯޓް. އަދި މީގެއިތުރުން އިޤްތިޞާދީ ގޮތުން ޤައުމަށް މިހާރު ގެންނަވަމުން ގެންދަވާ ބަދަލުތައް ފަހިކުރުމަށްޓަކައި ބޭރުގެ ފަރާތް ފަރާތުން ހޯދަންޖެހޭ އެހީ.

ދެވަނަ ދާއިރާއަކީ ގަވަރނަންސް. އެއީ ޑިމޮކްރަސީއާއި އަދި އެކިއެކި މުއައްސަސާތައް ވަރުގަދަ ކުރުމަށްޓަކައި ހޯދަންޖެހޭ އެހީ. އެގޮތުން، ޤާނޫނުގެ ބާރު ދެމެހެއްޓުމަށާއި، އަދި ލާމަރްކަޒީ އުޞޫލުން ޤައުމުގެ ކަންކަން ރާވައި ހިންގުމަށް ބޭނުންވާ އެހީ ހޯދުން. ތިންވަނަ ދާއިރާއަކީ، ސަރުކާރުގެ އިދާރާތައް ވަރުގަދަކޮށް، މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނު ދިނުމާއި، ސަރުކާރު ހިންގުމުގެ ކަންތައް ވަރުގަދަ ކުރުން. ހަތަރުވަނަ ދާއިރާއަކީ، އިޖްތިމާޢީ ތަރައްޤީ. ޚާއްޞަ ގޮތެއްގައި، ރައްޔިތުންގެ ތެރެއިން އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން އިތުރުކޮށްދިނުމަށްޓަކައި ސޯޝަލް ޕްރޮޓެކްޝަންގެ މަސައްކަތް. ދެން ފަސްވަނައަށް އަޅުގަނޑުމެން ފާހަގަކޮށްފައިވާ ދާއިރާއަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވެދާނެ ދަތި ކަންތައްތަކުން ސަލާމަތްވުމަށް ބޭރުގެ އެހީ ހޯދުން. މި ފަސް ދާއިރާއަށް އަމާޒު ކުރެވިގެން މަސައްކަތް ކުރަމުން މިގެންދަނީ. މާދަމާގެ ޖަލްސާ ފެށޭނީ 10 ޖަހާއިރު ބަނޑޮސް ރިޒޯޓްގައި.

އާދެ! މިހާ ހިސާބުން ދެން އަޅުގަނޑު ދަންނަވަން އޮތް ވާހަކަ މިވަގުތު މިދެންނެވުނީ. ތިބޭފުޅުންގެ ސުވާލު ހުރި ކަމަށްވާނަމަ، އެސުވާލުތަކަށް އަޅުގަނޑު ޖަވާބު ދަންނަވާނަން.