بسـم الله الرّحمـن الرّحيـم

الحمـد لله ربّ العالمين ، والصّـلاة والسّـلام على سـيّدنا محـمّد وعلى آله وصحـبه أجمعـين .

މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، އެޓަރނީޖެނެރަލް، ވަޑައިގެން ތިއްބެވި އެހެން އާ މިނިސްޓަރުން. އައި.އެލް.އޯ.ގެ ޑިރެކްޓަރ، އ.ދ.ގެ އިސްވެރިން، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް. އަދި މިޖަލްސާއަށް ޙާޒިރުވެވަޑައިގެން ތިއްބެވި މަސައްކަތްތެރިންގެ ޖަމްޢިއްޔާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ މަންދޫބުން.

السّــلام عليــكم ورحمـة الله وبركاته.

އާދެ، އަޅުގަނޑުގެ އެންމެ ފުރަތަމަ އުފަލަކީ، މިއަދަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ކަމަށްވުމާއެކުގައި ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ ލޮބުވެތި އުޚްތުންނަށް މިއަދުގެ ތަހުނިޔާއާއި މުބާރަކްބާދު ދެންނެވުން. އަދި ހަމަ އެހެން، ދެންމެ ތިޔަ އިވިވަޑައިގެން ފަދައިން، މިއަދުގެ މިޖަލްސާއަކީ މިއީ، މަތީ ފެންވަރުގައި ދުނިޔޭގެ މަސައްކަތާބެހޭ ޖަމްޢިއްޔާ، އައި.އެލް.އޯ.އާއެކު ދިވެހި ސަރުކާރުން ބާއްވާ ފުރަތަމަ ޖަލްސާ. އެހެންވީމާ، އެކަމަށްޓަކައި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސްގެ ބޭފުޅުންނަށާއި އަދި އައި.އެލް.އޯ.ގެ ބޭފުޅުންނަށް އަޅުގަނޑު މަރްޙަބާ ދަންނަވަން. އެކަމަށްޓަކައި އުފާކުރާ ވާހަކަ ދަންނަވަން.

އާދެ! އައި.އެލް.އޯ.އަކީ އ.ދ.ގައި ހިމެނޭ އެހެނިހެން ޖަމާޢަތްތަކާ ވަރަށް ތަފާތު ޖަމްޢިއްޔާއެއް. ދެންމެ އިވިވަޑައިގެން ފަދައިން، މި ޖަމްޢިއްޔާ އެކުލެވިގެންވަނީ، ތިންފަރާތެއް އޭގައި ހިމެނޭ ގޮތަށް. އެއީ، ސަރުކާރާއި، މަސައްކަތްކުރާ މީހުންގެ ޖަމާޢަތްތަކާއި އަދި ވަޒީފާދޭ ފަރާތްތަކުގެ މަންދޫބުން. މި ތިންފަރާތް އެކުލެވިގެން މި ޖަމްޢިއްޔާ އުފެދިފައިވަނީ. އަދި މި ޖަމްޢިއްޔާގެ އަހަރީ ޖަލްސާގައި، މި ތިންފަރާތުން ބައިވެރިވުމަކީ ލާޒިމު ކަމެއް. އަދި މި ޖަމްޢިއްޔާގައި ބައިވެރިވާ ޤައުމުތަކަށް، އެޤައުމުތަކުގެ ސަރުކާރުން އެބަޖެހޭ، މިތިން ފަރާތް އެކުލެވޭ ޑެލިގޭޝަނެއް އެ އަހަރީ ޖަލްސާއަށް ފޮނުވަން ޤައުމުގެ ޚަރަދުގައި. މިއިން ދޭހަކޮށްދެނީ، މަސައްކަތްތެރިންނަށާއި ވަޒީފާދޭ ފަރާތްތަކަށް މި ޖަމްޢިއްޔާގައި ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދެވިފައިވާކަން. އަދި މިދެފަރާތް އެކުލެވިގެން ސަރުކާރާއެކުގައި މަޝްވަރާކޮށް، މަސައްކަތްތެރިންގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ބާރުއެޅިފައިވާކަން.

އާދެ! އައި.އެލް.އޯ.ގައި އަޅުގަނޑުމެން މި ބައިވެރިވީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައި. ދެންމެ މިނިސްޓަރ އެ ވިދާޅުވިފަދައިން، ސަރުކާރުން އެކަމަށްޓަކައި މަސައްކަތްތައް ކުރައްވައިގެން. އެއްވެސް އެހެން ފަރާތެއްގެ މަޖުބޫރު ކަމެއްނެތި، ޕްރެޝަރެއްނެތި ސަރުކާރުން އެކަމަށް ބޭނުންފުޅުވާތީ. އަޅުގަނޑުމެން އައި.އެލް.އޯ.ގައި ބައިވެރިވުމުގެ ވަރަށް މުހިންމު އަދި މާތް މަޤްޞަދެއް އެބައޮތް. އެމަޤްޞަދަކީ އެއީ، ދިވެހި ކޮންމެ ރައްޔިތަކީވެސް ޢިއްޒަތާއި ޤަދަރުވެރިކަމާއެކީގައި ޙައްޤު އުޖޫރައަކަށް މަސައްކަތް ކުރާ މީހަކަށްވުމުގެ ފުރްޞަތު ހޯދައިދިނުން.

އާދެ! ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ އެންމެބޮޑު ރައުސްމާލަކީ އެ ޤައުމެއްގެ ރައްޔިތުން، މީހުން. އެ ރައުސްމާލު އިތުރުކުރުމަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއް ކޮންމެ ޤައުމަކުންވެސް ކުރަމުން ގެންދޭ. އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށްޓަކައި ކުރެވޭ މަސައްކަތުގެ ނަތީޖާ، އިންސާނީ ރައުސްމާލު އިތުރުވެގެންދިޔުން. އެހެންވީމާ، އެކަމަށްޓަކައި ކުޑައިރުއްސުރެ އަޅުގަނޑުމެން ކޮންމެ ކުއްޖަކީ ފުރިހަމަ ޞިއްޙަތެއްގައި ތަރުބިއްޔަތު ކުރެވިގެން ބޮޑުވަމުން އައިސް އެކަށީގެންވާ ފެންވަރެއްގެ ރަނގަޅު ތަޢްލީމު ލިބިފައި ތިބި، މަސައްކަތުގެ ދުނިޔެއަށް ތައްޔާރު ކުރެވިފައިވާ މީހަކަށް ހެދުމަށްޓަކައި ސަރުކާރުގެ ފަރާތުންނާއި އަމިއްލަ ފަރާތްތަކުން އަދި ޚާއްޞަކޮށް ޢާއިލާތަކުން ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރެވި، ވަރަށްބޮޑު އިންވެސްޓްމަންޓްތަކެއް ކުރެވެމުންދޭ.

ޝައްކެއްނެތް، ދިވެހިރާއްޖެއަށް މިއަދު އައިސްފައިވާ ކުރިއެރުމަކީ، މިހާތަނަށް ރާއްޖޭގެ އިންސާނުން ބިނާކުރުމަށްޓަކައި، އިންސާނީ ވަސީލަތްތައް އިތުރުކުރުމަށްޓަކައި އަދި އިންސާނީ ރައުސްމާލު މުއްސަނދި ކުރުމަށްޓަކައި ކުރެވިފައިވާ އިންވެސްޓްމަންޓްގެ ނަތީޖާ. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ތަޢްލީމެއް ނުދެވޭ ކަމަށްވާނަމަ، އަޅުގަނޑުމެންގެ ރައްޔިތުންގެ ޞިއްޙަތު ރަނގަޅު ފެންވަރެއްގައި ނުބެހެއްޓޭ ކަމަށްވާނަމަ، އަޅުގަނޑުމެންގެ ޤައުމަށް އެކަށީގެންވާ ތަރައްޤީއެއް ނުގެނެވޭނެ.

އާދެ! ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން އެތަކެއް ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓްވަނީ މިއަދު ރާއްޖޭގެ އިންސާނީ ރައުސްމާލު އިތުރުކުރުމަށްޓަކައި ކުރެވިފައި. އެހެންވީމާ، އަޅުގަނޑުމެން ދެކެން ޖެހެނީ، އަޅުގަނޑުމެންގެ ޤައުމުގައި، އެހެން ހުރިހާ ކަމެއްގެ ކުރިން އަޅުގަނޑުމެން ސަމާލުކަން މި ދޭންޖެހެނީ، އަޅުގަނޑުމެންގެ މީހުންނަށް. އެމީހުންގެ ޞިއްޙަތާއި، ތަޢްލީމާއި، ދުޅަހެޔޮކަމާ މިކަންކަން ޙިމާޔަތްކޮށް، މިކަންކަން ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރުމަށް. އަދި އަޅުގަނޑުމެންގެ ތެރޭގައި ތަޢްލީމު ލިބިފައި ތިބި ޒުވާނުންނާއި، ޢިލްމުވެރިންނާއި، މި މީސްމީހުންނަކީ މިޤައުމުގެ ވަރަށް އަގުހުރި މުދަލެއް ކަމުގައި، އަގުހުރި ރައުސްމާލެއް ކަމުގައި ބަލައިގެން، އަޅުގަނޑުމެން ތަރައްޤީގެ ކަންކަން ކުރިއަށް ގެންދަން ޖެހެނީ. އަޅުގަނޑުމެންގެ މުދާވެރިކަމަކީ ހަމައެކަނި އަޅުގަނޑުމެންގެ ޢިމާރާތްތައް ކަމަށް ނުވަތަ އެއަރޕޯޓްތައް ކަމަށް ނުވަތަ ބޯޓްފަހަރުތައް ކަމަށް ދެކިގެނެއް އަޅުގަނޑުމެންގެ ޤައުމެއް ކުރިއެއް ނޭރުވޭނެ. މިޤައުމުގެ ޙަޤީޤީ ރައުސްމާލަކީ މިޤައުމުގެ ރައްޔިތުން. އެހެންވީމާ، ކޮންމެ މީހަކަށްވެސް ލިބިފައިވާ ތަޢްލީމަކާއި ތަޖްރިބާއެއް، އޭގެ އެންމެ ރަނގަޅު ގޮތުގައި ޤައުމަށް ލިބިދިނުމަށްޓަކައި، ހޯދުމަށްޓަކައި ހުރިހާ ކަމެއް ފަހިކުރުމަކީ، އެއީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް.

އާދެ، ހަމަ އެގޮތުން، އަޅުގަނޑުމެންގެ ޤައުމަށް މިއަންނަ އެކިއެކި ބަދަލުތަކުގެ ތެރޭގައި، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، މިދެންނެވި އިންސާނީ ރައުސްމާލު އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނީ ކިހިނެއްތޯ؟ ހުރިހާ އެންމެންނަކީވެސް އަޅުގަނޑުމެންގެ ތަރައްޤީއަށްޓަކައި ބޭނުންތެރި ބައެއް. ވަކިބަޔަކު، ވަކިކުލައެއްޖެހޭ ބަޔަކު، ވަކި ޕާޓީއަކަށް ހިމެނޭ ބަޔަކު ހަމަ އެކަންޏެއް ނޫން، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި މިއަދު ބޭނުންވަނީކީ. މިއަދު ރާއްޖޭގެ ތަރައްޤީއަށް އެބަ ބޭނުންވޭ ރާއްޖޭގެ ހުރިހާ ބައެއް. އެހެންވީމާ، މަސައްކަތްދޭ ފަރާތްތަކުންނާއި ސަރުކާރުންނާ ވަރަށް ބޮޑަށް ސަމާލުކަން އެބަދޭންޖެހޭ މިދެންނެވި ނުކުތާތަކަށް.

ދިވެހިރާއްޖެއަށް އަޅުގަނޑުމެން މިގެނައި ޑިމޮކްރެޓިކް ބަދަލަކީ، އަޅުގަނޑުމެން ރައްޔިތުން އެކަމަށް ބޭނުންވެގެން، އެކަމަށް މަސައްކަތް ކޮށްގެން، އެތަކެއް ދާއޮހޮރުވާލައިގެން، އަޅުގަނޑުމެން ކުރި މަސައްކަތުގެ ނަތީޖާ. އަޅުގަނޑުމެން އެބަދަލު ގެނައީ، އަޅުގަނޑުމެންގެ މުޖްތަމަޢަކީ ޞުލްޙަވެރި، އަމާން، ތިޔާގި މުޖްތަމަޢެއް ކަމުގައި ހެދުމަށް. އެފަދަ މުޖްތަމަޢެއް އަޅުގަނޑުމެންނަށް ހޯދޭނީ، އަޅުގަނޑުމެން އެކަކު އަނެކަކަށް އިޙްތިރާމްކޮށް، އަޅުގަނޑުމެން އެންމެން އެކުވެރިކަން ބަދަހިކޮށްގެން.

އަޅުގަނޑުމެންގެ އިޞްލާޙު ކުރެވިފައިވާ ޤާނޫނުއަސާސީއަކީ އެނގިވަޑައިގަންނަވާނެ ފަދައިން، މިހާތަނަށް ދިވެހިރާއްޖޭގައި ރައްޔިތުންގެ ޙައްޤުތައް އެކުލަވައިނުލެވޭހާ ފުރިހަމައަށް ތަޞްދީޤުކޮށް އެކުލަވައިލެވިފައިވާ ޤާނޫނުއަސާސީއެއް. ނަމަވެސް، މިޤާނޫނުއަސާސީ ފުރިހަމައަށް ހިންގުމަށްޓަކައި ޤާނޫނުތަކަށާއި ގަވާއިދުތަކަށް ގެންނަންޖެހޭ ކިތަންމެ ބަދަލުތަކެއް އަދި އެބަހުރި. އެގޮތުން، ޚާއްޞަކޮށް، އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށްޓަކައި، އިންސާނުން ޙިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. ޤާނޫނުއަސާސީގައި އަޅުގަނޑުމެންނަށް ލިބިފައިވާ، ދީފައިވާ ޙައްޤުތައް ޢަމަލީ ސިފައެއްގައި އަޅުގަނޑުމެންނާ ހަމައަށް ގެނައުމަށްޓަކައި ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން މިއަދު އަޅުގަނޑުމެން މިފާހަގަކުރާ ކަންތައްތަކަކީ، އޭގެ ވަރަށް މުހިންމު ބައެއް. އާދެ! އެއީ މަސައްކަތްތެރިން މަސައްކަތުގައި ވަކި މިނިމަމް ސްޓޭންޑަޑްތަކެއް ކަނޑައަޅައި ހިފެހެއްޓުން.

އާދެ! ދެންމެ އައި.އެލް.އޯ.ގެ ޑިރެކްޓަރ ޓީނެ ސްޓޭމޯރސް ވަރަށް ތަފްޞީލުކޮށް އަޅުގަނޑުމެންނަށް ވިދާޅުވެދެއްވައިފި، މި ކޮންވެންޝަންތައް، މި މުޢާހަދާތައް އަޅުގަނޑުމެން ގަބޫލުކުރުމުން، އެއިން ލިބޭނެ ފައިދާތައް. އެނގިވަޑައިގަންނަވާނެ ފަދައިން، ދެންމެ ތިޔަ އިވިވަޑައިގެންނެވި ބަޔާނުން ޑިރެކްޓަރ އެ ދެއްވި ބަޔާނުން އެނގިވަޑައިގަންނަވާނެ، އައި.އެލް.އޯ.އަކީ މިއީ، އިންސާނީ ޙައްޤުތައް ކުރިއެރުވުމަށްޓަކައި ވަރަށް މުހިންމު ރޯލެއް ކުޅޭ ޖަމާޢަތެއް. ޚާއްޞަކޮށް، މަސައްކަތުގެ ދުނިޔޭގައި ހިމެނޭ އެކިއެކި އިންސާނީ ޙައްޤުތައް ދަމަހައްޓައި، އެކަންކަން ހުރިނެތްގޮތް ބެލުމުގެ ވަރަށްބޮޑު މަސްއޫލިއްޔަތެއް އަދާކުރާ ޖަމްޢިއްޔާއެއް. އެހެންވީމާ، އައި.އެލް.އޯ.އާ އަޅުގަނޑުމެން ބައިވެރިވެގެން، މިހާރު އަޅުގަނޑުމެންނަށް މިފެންނަން ފެށީ، އޭގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަށް ލިބެންހުރި ބައެއް ފައިދާތައް. މީގެ ސަބަބުން، އަޅުގަނޑަށް ޔަޤީންކުރެވޭ، ދިވެހިރާއްޖޭގެ މަސައްކަތުގެ ދާއިރާތައް، ދުނިޔޭގެ ފެންވަރުގައި ރަނގަޅު ކުރެވި، ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކެކޭ އެއްގޮތަށް، ސްޓޭންޑަޑްތައް ހަމަޖެހި، އަޅުގަނޑުމެންގެ ޤައުމަކީ އެއީ ބޭރުގެ އިންވެސްޓްމަންޓްސް އައިސް، މިތާނގައި ފެކްޓްރީތަކާއި ކުންފުނިތަކާ ހަދަން އެމީހުން ހިތްހަމަޖެހޭ ތަނަކަށް ހެދޭނެ ކަމަށް. އަދި ދިވެހިރާއްޖެއަކީ ބޭރުގެ އެހެން ފަރާތް ފަރާތުންވެސް އައިސް މަސައްކަތް ކުރަންވެސް ހިތްހަމަޖެހޭ ތަނަކަށްވާނެ ކަމަށް.

އާދެ! މިހާރު އަޅުގަނޑުމެން މި ވާރކްޝޮޕްގައި، މި ސެމިނާރގައި އަޅުގަނޑުމެން މި މަޝްވަރާ ކުރަން ހަމަޖެހިފައި މިއޮތީ، އައި.އެލް.އޯ.ގެ އަސާސީ 8 މުޢާހަދާއަކާ ބެހޭގޮތުން. މި 8 މުޢާހަދާ، މި ހިމެނެނީ 4 ދާއިރާއެއްގެ ތެރެއިން. އޭގެތެރެއިން ފުރަތަމަ ދާއިރާއަކަށް މިއޮތީ، މަޖުބޫރުން މަސައްކަތް ކުރުވުން މަނާކުރާ މުޢާހަދާތަކެއް. އޭގެ ދެ މުޢާހަދާ. މިކަމާ ދޭތެރޭގައި އަޅުގަނޑުމެން މިއަދު އެބަ ވިސްނާލަންޖެހޭ. ދިވެހިރާއްޖެއަކީ އެއްވެސް އިރެއްގައި މަޖުބޫރުން މީހުން ލައްވައި މަސައްކަތް ކުރުވަމުން އައި ތަނެއް ނޫން. ރާއްޖޭގެ ރައްޔިތުން ގިނައިން މަސައްކަތް ކުރަމުން އައީ، ސެލްފް އެމްޕްލޯއި، އަމިއްލަ މަސައްކަތުގައި އުޅޭ މީހުން ގޮތަށް. އަދި އޭގެފަހުން އެކިއެކި ކުންފުނިތައް އުފެދި، އަދި ސަރުކާރުގެ މުވައްޒަފުންގެ ޢަދަދު ގިނަވެ، ސަރުކާރަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާއިރުގައިވެސް، އެއްވެސް މަޖްބޫރުކަމެއް އޮވެގެނެއް ނޫން، އަޅުގަނޑުމެންގެ ރައްޔިތުން މަސައްކަތް ކުރަމުން ގެންދަނީކީ.

މި މަންޒަރު މިހާރު މިދަނީ ކުޑަކޮށް ބަދަލުވަމުން. މިހެން ދެންނެވީމާ، ތިޔަބޭފުޅުން ކުޑަކޮށް ޙައިރާންވެވަޑައިގަންނަވާނެ. ނަމަވެސް މިއަދު ދިވެހިރާއްޖެ މިއޮތީ ދުނިޔޭގެ އެހެން ޤައުމުތަކަށް ހުޅުވާލެވިފައި. އޭގެ ނަތީޖާއެއްގެ ސަބަބުން، ރާއްޖެއަށް ވަރަށްގިނަ ޢަދަދެއްގެ ބިދޭސީން މަސައްކަތް ކުރަން އަންނަމުން އެބަގެންދޭ. މި އަންނަ އައުމުގައި، އަޅުގަނޑު ދަންނަވާނީ، ވަރަށްބޮޑު ނުރައްކަލެއް އެބައޮތް. ބޭރުގެ ބައެއް ޤައުމުތަކުގެ ރައްޔިތުން ރާއްޖެއަށް ގެނެސް، މަޖްބޫރު ޙާލަތެއްގައި އެމީހުންނަށް މަސައްކަތް ކުރަން ޖެހުމުގެ ފުރްޞަތު. އެކަމަށް އަޅުގަނޑުމެންޖެހޭނީ ސަމާލުވެގެން ތިބެން. ދިވެހިރާއްޖެއަކީ މީހުން ޓްރެފިކްކޮށް، ރާއްޖެއަށް ގެނެސް، ރާއްޖޭގައި އެކިއެކި ކަންކަމަށް މަސައްކަތް ކުރުވަން މަޖްބޫރު ޙާލަތެއްގައި ގެންގުޅޭ ތަނެއް ކަމުގައި ވެގެން ނުވާނެ. އެކަމަށްޓަކައި އަޅުގަނޑުމެން ސަމާލުވާން އެބަޖެހޭ. އެކަމަށްޓަކައި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ އަދި ރެޓިފައި ކުރަންޖެހޭ މުޢާހަދާތަކެއް ހުރިކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ.

އާދެ! ދެވަނަ ދާއިރާއަކަށް މިއޮތީ، ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުން މަނާކުރާ މުޢާހަދާތައް. އާދެ! ކުޑަކުދިންނަކީ ތަރުބިއްޔަތު ކުރުމަށްޓަކައި، ބޮޑުކުރުމަށްޓަކައި، މަސައްކަތުގެ ދާއިރާތަކަށް ލޯ ހުޅުވަންޖެހޭ ބައެއް. އެހެން ނަމަވެސް، އެނަމުގައި އެކުދިން ލައްވައި ބުރަ މަސައްކަތް ކުރުވުމަކީ އެއީ ދުނިޔޭގެ ޤާނޫނުތައް މަނާކުރާ ކަމެއް. އަޅުގަނޑުމެންގެ ތެރޭގައިވެސް ވަރަށް ކުރިއްސުރެވެސް ތަޢްލީމު އުނގެނުމަށްޓަކައި ކުޑަކުދިން ރަށް ދޫކޮށް، އެހެން ރަށްރަށަށް ގޮސް، އެހެން ޢާއިލާތަކުގައި އުޅެމުން ގެންދޭ. އަދި އެ އުޅޭ އުޅުމުގައި، ބައެއް ކުދިންނަށް އެކަށީގެންވާ ވަރަށްވުރެ ބުރަކޮށް މަސައްކަތް ކުރަންވެސް އެބަޖެހޭ. އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، ކޮބައިތޯ މިކަމުގެ ޙައްދަކީ، މިކަމުގައި ގެންގުޅެންޖެހޭ ޙުދޫދަކީ އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ. ވަކި ޢުމުރަކަށްވުރެ ދަށުގެ ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުމަކީ، އެއީ ހުއްދަކުރާ ކަމެއް ނޫން. ޚާއްޞަކޮށް، އެކިއެކި ފެކްޓްރީތަކުގައި ނޫނީ މަސައްކަތްކުރާ ތަންތަނުގައި. ޑޮމެސްޓިކް ދާއިރާގައި އެއީ މިދެންނެވި ގޮތަށް، އެކުދިން ގޭތެރޭގައި އުޅުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެހީތެރިވެދިނުމަކީ އެއީ ޤާނޫނު މަނާކުރާ ކަމެއް ނޫން. އެހެން ނަމަވެސް، އެކަން އޮންނަންވާނީ އެކުދިންގެ ތަޢްލީމަށް ހުރަސްނާޅާ ގޮތަށް. ކުޑަކުއްޖެއްގެ ތަޢްލީމަށް ހުރަސްއަޅާ ގޮތަކަށް އެކުއްޖަކު ލައްވައި މަސައްކަތް ކުރުވޭ ކަމަށްވާނަމަ، އެ ބެލޭނީ ކޮށްގެން ނުވާނެ ކަމަކަށް. އަދި ހަމައެހެން، ބައެއްފަހަރަށް ނުރައްކާތެރި މަސައްކަތްތަކުގައި ކުދިން ބޭނުންކުރުމަކީވެސް އެއީ ކޮށްގެންވާނެ ކަމެއް ނޫން.

ދެން މިއޮތީ ތިންވަނަ ދާއިރާ. އޭގައި މިއޮތީ ވަޒީފާއާއި މަސައްކަތުގެ ތަފާތުކުރުން މަނާކުރުން. ދިވެހިރާއްޖެއަކީ އަންހެނުންނާއި ފިރިހެނުންނާ ދޭތެރޭގައި ވަޒީފާގެ ދާއިރާގައި ތަފާތުތަކެއް ގެންގުޅޭ ބައެއް ނޫން. ގެންގުޅޭ ތަނެއް ނޫން. ދުނިޔޭގެ ވަރަށް ކުރިއަރާފައި ހުރި ޤައުމުތަކުގައިވެސް އަންހެނުންނަށް ތަފާތު މުސާރަ، އެއް މަސައްކަތަކަށްދޭ ތަންތަން އެބަހުރި އަދިވެސް. އެހެން ނަމަވެސް، ރާއްޖޭގައި އަޅުގަނޑުމެން ކޮށްއުޅޭ ކަމެއް ނޫން އެއީކީ. ނަމަވެސް، އަޅުގަނޑުމެން މިއަދު ފާހަގަކޮށްލަންޖެހޭ އެހެން ކަމެއް އެބައޮވޭ. އެކަމަކީ އެއީ، ދިވެހިރާއްޖޭގެ މަސައްކަތުގެ މާރުކޭޓަށް އަންހެނުން ނުކުންނަމުން ނުދާތީ. ވަރަށް މަދު ޢަދަދެއްގެ އަންހެނުން މިއަދު ލޭބަރ މާރކެޓްގައި މަސައްކަތް ކުރަމުން ގެންދަނީ. އޭގެ ތަފާތު ސަބަބުތަކެއް އެބަހުރި. އެއީކީ ސަރުކާރުގެ ފަރާތުން އެކަމަށް ހުރަސްތަކެއް އަޅާތީކީ ނޫން. އަދި ޤާނޫނީގޮތުން އެކަމަށްޓަކައި ހުރަސްތަކެއް އެޅޭތީކީވެސް ނޫން. އަޅުގަނޑުމެންގެ މުޖްތަމަޢުގައި މިހާރު ބައެއް މީސްމީހުންނަށް ގަބޫލު ކުރެވެނީ، އަންހެނުން މަސައްކަތު ދިޔުމަކީ އެއީ ރަނގަޅު ކަމެއް ނޫން ކަމަށް. ޤައުމެއް ތަރައްޤީވަމުން އަންނައިރުގައި، އެޤައުމެއްގެ ދެބައިކުޅަ އެއްބައި މީހުން ކަމުގައި ހިމެނޭ އަންހެނުން މަސައްކަތުގައި ބައިވެރިނުވާ ކަމަށްވާނަމަ، އެޤައުމެއް ޙަޤީޤަތުގައި ތަރައްޤީއެއް ނުކުރެވޭނެ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، މިކަމަށްޓަކައި ޚާއްޞަ ސަމާލުކަމެއްދޭން. ވީހާވެސް ގިނަ ބަޔަކަށް، އަންހެނުންގެ ތެރެއިން ވަޒީފާ އަދާކުރެވޭނެ ފުރްޞަތުތައް ހުޅުވައިދީ، އެކަމަށް މަގުފަހިކޮށްދިނުމަށްޓަކައި މަސައްކަތް ކުރުން.

އާދެ! ދެން މިނިސްޓަރު، ސިލޯނުގައި ދާދިފަހުން ބައިވެރިވެވަޑައިގެންނެވި ވަރކްޝޮޕާ ގުޅިގެން އޮތް މުޢާހަދާއެއް މިއޮތީ. އެއީ، އެއްވެ އުޅުމާއި ޖަމްޢިއްޔާތައް ހެދުމާއި އަދި މަސައްކަތުގެ ތެރޭގައި ގުޅިގެން މަސައްކަތުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ޙައްޤުތައް ކަނޑައެޅިފައިވާ މުޢާހަދާތައް. އެކަންތައްތަކަކީ އަޅުގަނޑުމެންގެ ތެރޭގައި އަދި ވަރަށް އާ ކަމެއް. ނަމަވެސް މިހާރު މަސައްކަތްތެރިންގެ ޖަމްޢިއްޔާތައް މިދަނީ އުފެދެމުން. އަޅުގަނޑުމެންގެ އުންމީދަކީ، މުސްތަޤްބަލުގައި ޓްރޭޑް ޔުނިއަންތައްވެސް އުފެދިގެން ދިއުން. މަސައްކަތްތެރިންނަކީ އެމީހުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައި، ޤާނޫނުއަސާސީގައި އެމީހުންނަށް ދީފައިވާ ޙައްޤުތައް ފުރިހަމައަށް ހޯދުމަށްޓަކައި ޖަމްޢިއްޔާތައް ހަދައިގެން، އެ ޖަމްޢިއްޔާތަކުން މަސައްކަތް ކުރެވޭ ބަޔަކަށްވުމަށްޓަކައި، އެކަމަށްޓަކައި އަޅުގަނޑުމެން ޤާނޫނީ ގޮތުންނާއި އަދި ގަވާއިދުތައް އިޞްލާޙު ކޮށްގެން ނަމަވެސް، ކުރަންޖެހޭ ކަންތައްތަކެއް ކުރަން އެބަޖެހޭ. އަދި ހަމައެހެން، ކަލެކްޓިވް ބަރގެއިނިންގ އެއީ، އެންމެން އެއްވެގެން، އެކުވެގެން ވަކިކަމަކަށް އެދުން. އެގޮތަށް މުޒާހަރާ ކުރުމާ، މިކަންކަމަކީ އެއީ ރައްޔިތުންގެ ޙައްޤެއް. ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކުގައި އެކަން ކުރާގޮތް އަޅުގަނޑުމެން ދެނެގަނެގެން، އެކަން އެބަ ކުރަންޖެހޭ، ކަންކަން ހުއްޓިގެންނުދާ ގޮތަށް. އެހެންވީމާ، އެކަންކަން އަޅުގަނޑުމެން ކުރިއެރުވުމަށްޓަކައި، ތަޖްރިބާކާރު ޖަމްޢިއްޔާ، އައި.އެލް.އޯ.ފަދަ ޖަމްޢިއްޔާއެއްގެ އެހީގައި، އަޅުގަނޑުމެން އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް އެބަ ކުރަންޖެހޭ.

އާދެ! ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވީ، މިފަދަ މަސައްކަތްތަކުގައި ބައިވެރިވެރިންނާ ބެހޭގޮތުން. އަޅުގަނޑު ހިތާމަ ކުރަން، މިހެން ރޭވޭ މިބާވަތުގެ ޖަލްސާތަކަށް އެކަށީގެންވާ ތަރުޙީބު އަދިވެސް ލިބެމުން ނުދާކަން. އާދެ! މިފަދަ ޖަލްސާތަކުގައި މަސައްކަތްތެރިންނާއި އަދި ޚާއްޞަކޮށް، ވަޒީފާދޭ ފަރާތްތަކުން ބައިވެރިވުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. މިކަންތައް އަޅުގަނޑުމެން މިކުރަނީ، ދުނިޔޭގެ ފެންވަރުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ވަރުގަދަކޮށް، އަދި ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓް ގެނައުމަށްޓަކައި. ރާއްޖެއަކީ ބައިނަލްއަޤްވާމީ އެކިއެކި މުޢާހަދާތަކާ އެއްގޮތަށް، އެކިއެކި ސްޓޭންޑަޑްތަކާ އެއްގޮތަށް ކަންތައްކުރާ ތަނެއްކަން ޤާއިމުވެ، އެކަން ދުނިޔޭގެ އެހެން ފަރާތްތަކުންވެސް ގަބޫލުކޮށް، އަޅުގަނޑުމެންނަށް އެ އިޙްތިރާމް ހޯދަން ބޭނުންވާތީ. އެ އިޙްތިރާމް ލިބިގެން ރާއްޖެއަށް އިތުރު އިންވެސްޓްމަންޓް އަންނާނީ. އަދި ރާއްޖެއަށް އިތުރު އެހީތައްވެސް ލިބޭނީ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، މުސްތަޤްބަލުގައި މިގޮތުން ބާއްވާ ޖަލްސާތަކަށް މިއަށްވުރެ ބޮޑު ތަރްޙީބެއް، ޚާއްޞަކޮށް، މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުން ދެއްވަމުން ގެންދަވާނެ ކަމަށް.

އާދެ! އަދިވެސް އެއްފަހަރު އަޅުގަނޑު ވަރަށް އުފާކުރަން، މި ސެމިނާރ ބޭއްވޭތީ. މިއީ ހަމައެކަނި ފެށުމެއް. މި ސެމިނާރުގެ ސަބަބުން، ތިޔަބޭފުޅުންނަށް މީގެ ތަފްޞީލުތަކާ އެއްޗެހި އެނގިވަޑައިގަންނަވާނީ. އެއަށްފަހުގައި، ދެން އަދި މަސައްކަތް އޮތީ. އެއީ، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން. މި މުޢާހަދާތައް އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުން. މިކަންކަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ އެހީތެރިކަން ބޭނުންވާނެ. އަޅުގަނޑަކަށް ކުއްލިއަކަށް މިޖަލްސާއަކުން، މިތަނަކުންނެއް ނުފެނޭ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ބޭފުޅަކު. އެހެން ނަމަވެސް، އަޅުގަނޑު އުންމީދު ކުރަން، މީގެތެރޭގައި މަޖިލީހުގެ ބޭފުޅުން ޝާމިލު ކުރައްވައިގެން، މި މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް.

I am sorry I haven’t said anything in English. But I wouldn’t say it very long, except to say just thank you very much for organizing this and thank you Tine for your very informative presentation. I told the Honourable Minister that we should translate your speech and get it published in the news. I think it has so much information about ILO and why we are doing what we are doing here.

So thank you all very much.

والسّـلام عليـكم