السّــلام عليــكم

އާދެ، ދިވެހިރާއްޖޭގެ ޒުވާނުންގެދުވަސް އެންމެ ފުރަތަމަ ފަހަރަށް މިއަދު، އޯގަސްޓް މަހުގެ 12 ވަނަ ދުވަހަށް، މި ޒުވާނުންގެ ދުވަސް ކަމުގައި ހަމަޖެއްސެވިފަހުން ފާހަގަކުރެވޭ ފުރަތަދުވަސް. މިއަދު މިއީ. ދުވަހުގެ މުނާސަބަތުގައި ހުރިހާ ޒުވާނުންނަށް އަޅުގަނޑުމެން މުބާރަކްބާދީއާ، ތަހުނިޔާ ދަންނަވަން.

އާދެ، މީގެކުރިން ދިވެހިރާއްޖޭގައި ޒުވާނުންގެދުވަސް ފާހަގަކުރެވެމުން އަންނަނީ 1 މާރޗް. އެދުވަސް. އެހެންނަމަވެސް، ބައިނަލްއަޤްވާވީ ޒުވާނުންގެ ދުވަހެއްގެ ގޮތުގައި 1999ވަނަ އަހަރުންފެށިގެން ހަމަޖެހިފައި އޮންނަ ދުވަހަކީ އެއީ، އޯގަސްޓްމަހުގެ 12 ވަނަދުވަސް. ކޮންމެއަކަސް، މިހާތަނާ ޖެހެންދެން ދިވެހިރާއްޖޭގައި އެދުވަސް އެއްދުވަހަކަށް ނަހައްދަވާ މަޑުކުރައްވަމުން އައީ. އޭގެ ސަބަބުތަކެއް ހުރުމަކީ އެކަށީގެންވާކަމެއް. އާދެ، އޯގަސްޓްމަހުގެ 12ވަނަ ދުވަހަކީ އެއީ، ދިވެހިރާއްޖޭގެ ތާރީޚުގައި ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރެވިގެންދާ ދުވަހެއްކަން، ތިޔަ ހުރިހާބޭފުޅުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އާދެ، ޒުވާނުންގެ މިނިވަންކަމުގެ ރޫޙު ދިވެހިރާއްޖޭގައި ހުޅުފަޅައިގެންގޮސް، ރާއްޖެއަށް ބޮޑެތިބަދަލުތަކެއް ގެނައުމަށްޓަކައި ޒުވާނުން ކެރިގެން ހިތްވަރާއެކު ނުކުތްދުވަސް، އެދުވަހަކީ. އަޅުގަނޑުމެން މިއަދު މިތަނަށް އެއްވެތިބޭއިރުގައި އެހަނދާން ހަމަގައިމުވެސް އައުކޮށް ނުލުމަކީ އެއީ މިއަދަށް ކުރެވޭ ބޭއިންސާފަކަށްވާނެ.

އާދެ، މި މައިދާނުގައި، މި ބިމުގައި ދިވެހިރާއްޖޭގެ އެތަކެއްހާސް ޒުވާނުން ކެރިގެން ނުކުމެ، ދިވެހިރާއްޖެއަށް ބޮޑެތިބަދަލުތަކެއް ގެނައުމަށްޓަކައި، އިޞްލާޙީ ބަދަލުތަކެއް ގެނައުމަށްޓަކައި އަޑު އުފުލާލިދުވަސް، އެދުވަހަކީ. އެދުވަސް އަޅުގަނޑުމެން މިފާހަގަކުރަނީ، ދިވެހިރާއްޖޭގެ ޒުވާނުންގެ، އާޒުވާނުންގެ ދުވަހެއްގެގޮތުގައި.

އާދެ، ޒުވާންކަމަކީ އެއީ ވަކި އުމުރަކަށް ޚާއްޞަވެފައިއޮންނަ ކަމެއްނޫން. ޒުވާންކަމަކީ އުމުރާ ގުޅިފައި އޮންނަ ކަމެއްނޫން. އެއީ ވަކިކަހަލަ ރޫޙެއް، އެއީ އަޅުގަނޑުމެން ވަކިގޮތަކަށް ދުނިޔެ ދެކޭ ދުށުން. އާދެ، އަބަދުވެސް ތާޒާކަމާއެކީގައި، އަބަދުވެސް އުންމީދާއެކީ، އަބަދުވެސް ކަންކަން ރަނގަޅުކުރުމަށްޓަކައި އެދޭ އެދުމެއްގެގޮތުން އަޅުގަނޑުމެންގައި އެކުލެވިގެންވާ ރޫޙަކަށް އަޅުގަނޑުމެން ކިޔާއެއްޗެއް މިއީ ޒުވާންކަން. އަޅުގަނޑު ޔަޤީންކުރަން އެޒުވާންކަން ހުރިހާ އުމުރެއްގެ ބޭފުޅުންނެއްވެސް އެބަވާކަން. ޚާއްޞަކޮށް، މިއަދު މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުންނާއި ދުރާގާތުން މި މަންޒަރު ބައްލަވާ ބޭފުޅުންނަށް އަޅުގަނޑު ޔަޤީން، ޒުވާންކަންހުރީމާ މިކަމުގެ ޝައުޤުވެރިކަން މިއޮތީ. އެހެންވީމާ، ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ދަންނަވަން، އެޒުވާން އުމުރު އަބަދުވެސް ދެމެހެއްޓެވުމަށް، އަބަދުވެސް ބެހެއްޓެވުމަށް. މިއަދު އަޅުގަނޑުމެން މި ޚާއްޞަކުރަނީ، އެރޫޙަށް. އަދި ޚާއްޞަގޮތެއްގައި، ޒުވާނުންކަމުގައި އަޅުގަނޑުމެން ބަލާ ވަކި އުމުރު ފުރައެއްގައި ހިމެނޭ، އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާ އުޚުތުންނަށް.


އާދެ، މިއަދުގެ ހިނގާލުން ފެށުމުގެކުރިން، ޒުވާން ދެބޭފުޅަކު ވާހަކަފުޅު ދެއްކެވި. އެވާހަކަފުޅު ދެއްކެވިއިރުގައި ބައެއް މައުޟޫޢުތަކަށް އަލިއަޅުވާލައްވާފައިވޭ. އާދެ، މިހާރު އަޅުގަނޑުމެން މިއަދު މިއިފްތިތާޙުކުރާ، ވަޒީފާއަށް އެދޭމީހުންގެ ދަފްތަރު އިފްތިތާޙުކުރުމަކީ އެއީ، އޭގެތެރޭގައި ގުޅިފައިވާ ވަރަށް މުހިންމުކަމެއް. އާދެ، މިއަދު އަދި އަޅުގަނޑުމެންނަކަށް ނޭނގޭ، މުޅިއަކުން ސާފުކޮށް ދިވެހިރާއްޖޭގެ ޒުވާނުންގެ ތެރެއިން ކިތައް ޒުވާނުންކަމެއް ވަޒީފާ އޮތީ ނުވަތަ ވަޒީފާނެތީ. އެހެންވީމާ، މިދަފްތަރު ހުޅުވާލުމުގެ ސަބަބުން ދަފްތަރުގައި ރާއްޖޭގެ އެކި ދިމަދިމާލުން ރަޖިސްޓްރީކުރަން ފެށުމުން، އަޅުގަނޑުމެންނަށް ކޮންމެވެސްވަރަކަށް މިދެންނެވި ޙަޤީޤަތް ސާބިތުވެގެން ދާނެ. އަޅުގަނޑުމެންގެ ރާއްޖޭގައި ވަޒީފާއަދާކުރާތިބީ ކިތައްކުދިންކަން ނުވަތަ އަދާނުކުރާ ތިބީ ކިތައް ކުދިންކަން އަޅުގަނޑުމެންނަށް އޭރުން ސާފުވެގެންދާނެ.

އަޅުގަނޑަށް ލަފާކުރެވޭގޮތުގައި ގިނައަދަދެއްގެ ޒުވާނުން އެބަތިބި ވަޒީފާއެއް ނެތި. އެހެން އަޅުގަނޑު މިދަންނަވަނީ ކީއްވެގެންތޯ! ދިވެހިރާއްޖޭގެ އާބާދީއަކީ ތިންލައްކައަށް ވާއިރުގައި ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ބޭރުގެ ހަތްދިހައަށްހާސްމީހުން އެބަތިބި. ހަތްދިހައަށްހާސް ވަޒީފާ ރާއްޖެއިންބޭރުގެ ބިދޭސީން އަދާކުރަމުން ދާއިރުގައި އޭގެ މާނައަކީ ހަމަގައިމުވެސް ހަތްދިހައަށްހާސް ވަޒީފާގައިތިބީ ދިވެހި ޒުވާނުންނެއް ނޫނޭ. އެންވީމާ، އަޅުގަނޑުމެން އެބަޖެހޭ ވަރަށް ޚާއްޞަކޮށް، ވަރަށްބޮޑު ހިތްވަރަކާއެކީގައި ރާއްޖޭގެ ޒުވާނުން ވަޒީފާއަށް ވެއްދުމަށްޓަކައި މަސައްކަތް ކުރަން. އެކަމަށްޓަކައި އަޅުގަނޑު ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކަށް، ވަޒީފާ ދޭ ފަރާތްތަކަށް ޚާއްޞަގޮތެއްގައި އަޅުގަނޑު ގޮވާލަން މިއަދު، ވިހާވެސް ގިނައަދަދަކަށް ދިވެހި ޒުވާނުންނަށް ވަޒީފާ ދެއްވުމަށް އެބޭފުޅުން މަސައްކަތް ކުރައްވަން.

އާދެ، ރާއްޖެއަށް ސުލްޙަ މަސްލަޙަތާއި ތަރައްޤީއާ ކުރިއެރުން ލިބޭނީ އޭރުން. އަދި ދިވެހި ޒުވާނުންނަށް މާނަވީގޮތެއްގައި ކުރިޔަށްދިއުމުގެ އުންމީދު ލިބޭނީ އޭރުން. ކުދިންނަށް ވަޒީފާ ލިބިގެން. ވަޒީފާ ނުލިބުމުގެސަބަބުން، ވަޒީފާއެއްނެތި ބޭކާރުވެފައި ތިބެންޖެހުމުގެ ސަބަބުން ވަރަށް ބޮޑެތި އުނދަގޫތަކާ، ވަރަށް ބޮޑެތި ހިތާމަތަކާ ކުރިމަތިލާން އަޅުގަނޑުމެންނަށް މިއަދު ޖެހިފައި މިއޮތީ. އެކަން ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންގެފަރާތުން އެނގޭ.

މިއަދު މިހުލުވާލެވޭ ދަފްތަރުގެ ބޭނުމަކީ ކުރިން ވިދާޅުވިފަދައިން، އެކުދިންގެ ޤާބިލިއްޔަތާ، އެކުދިންގެ ޕޮޓެންޝަލްއާ މިއުޞޫލުން އެކުދިންނަށް ލިބެންހުރި އޮޕޯޗުނިޓީޒް، ފުރްޞަތުތައް، އާދެ، ފުރްޞަތުތަކާ ޤާބިލިއްޔަތާ މެޗްކުރުމަށްޓަކައި އުފެއްދެވި އެއްޗެއް މިދަފްތަރު މިއީ. އެހެންވީމާ އަޅުގަނޑު އެދެން، ވަޒީފާއަކަށް ބޭނުންވެވަޑައިގަންނަވާ ހުރިހާބޭފުޅުންވެސް މިދަފްތަރުގައި ނަން ނޯޓުކުރެއްވުން. އޭރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވަޒީފާ ދޭންތިބި ފަރާތްތަކަށް މިމަޢްލޫމާތު ބަދަލުކޮށްދީގެން، ވަޒީފާއަށް ނުކުންނަ ގިނަބަޔަކަށް ފުރްޞަތު ހޯދައި ދިނުމަށްޓަކައި މަސައްކަތްކުރެވޭނެ.

އާދެ، ކުރިން ދެންނެވިފަދައިން، ވަޒިފާނެތުމުގެ ސަބަބުން ދިމާވާ ދަތިތަކުގެ ތެރެއިން އެއްކަމެއް، ކުރިންވާހަކަފުޅު ދެއްކެވި ބޭފުޅާ އެކަމަށް އިޝާރާތްކުރެއްވި. އެއްކަމަކީ އުންމީދު ގެއްލި ޑްރަގްގެ ވަބާގެ ތެރެއަށް ކުދިން ގެއްލިގެންދިއުން. އާދެ، މިއަދު އަޅުގަނޑުމެން ކަނޑައަޅައިގެން މިތިބީ ދިވެހިރާއްޖެއިން ޑްރަގްގެ ވަބާ މުޅިންފިލުވާލުމަށް. އެކަމަށްޓަކައި ސަރުކާރުން ވަރަށްބޮޑެތި މަސައްކަތްތަކެއް މިހާރު ކުރަމުން މިގެންދަނީ. އަޅުގަނޑުއެދެން، ތިޔަ ހުރިހާ ޒުވާނުންވެސް އެމަސައްކަތުގައި ބައިވެރިވެވަޑައިގެންދެއްވުމަށް. އާދެ، މިހަފްތާގައި އަޅުގަނޑުމެން ޒުވާނުންގެ ދުވަސް ފާހަގަކުރަމުންދާއިރުގައި، މި ވީކެންޑުގައި މިއަންނަ ހޮނިހިރު ދުވަހު އަޅުގަނޑުމެން ރާއްޖޭގައި ވަރަށްމުހިންމު ޖަލްސާއެއް އެބަފަށަން. އެއީ ޒުވާނުންގެ މުސްތަޤްބަލާބެހޭގޮތުން. މި ރާއްޖެއަކީ މަސްތުވާތަކެތިން މިނިވަންވެފައިވާ، މަސްތުވާތަކެތި ނުލައިއޮތް ދިވެހިރާއްޖެއަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން ބާއްވާ ވަރަށްބޮޑު ކޮންފަރެންސެއް، މި ހޮނިހިރުދުވަހު އަޅުގަނޑުމެން އެބަ ފަށަން. އޭގައި މަސްތުވާތަކެއްޗާ ބެހިގެން، އެކަމާގުޅުމެއްހުރި ހުރިހާ ފަރާތްތަކެއް ބައިވެރިކުރާގޮތަށް އަޅުގަނޑުމެން ރާވާފައި ވަނީ. އެކަމާބެހޭގޮތުން މިހާރު ފޭސްބުކްގައި ވަރަށްމުހިންމު މަޝްވަރާތަކެއް ކުރެވެމުން އެބަދޭ. މީގެ ދެ ދުވަހެއްގެ ކުރިން އޭގެ ފޭސްބުކް އޮން ޕޭޖް ހުޅުވާލެވުނީ. ހުޅުވާލެވުނުފަހުން މިހާރު 150 ބައިވެރިން އެ ޑިސްކަޝަންގެ ތެރޭގައި މިހާރު އެބަ ކުރިޔަށްގެންދޭ. ފޭސްބުކްގެ އެޑްރެސްއަކީ، "މޯލްޑިވްސް ޓުވަރޑްސް އަ ފިޔުޗަރ ވިތައުޓް ޑްރަގްސް". އޭގެ ހޯމް ޕޭޖް. މިހާރު އޭގައި ވަރަށްގިނަ އަދަދެއްގެ ކުދިން ބައިވެރިވެގެން ޑިސްކަސް ކުރަމުން އެގެންދަނީ. އަޅުގަނޑު އެދެން، ވަރަށްގިނަ ބޭފުޅުން، ވަރަށްގިނަ ޒުވާނުން އޭގައި ބައިވެރިވެވަޑައިގަންނަވައިގެން، އެޑިސްކަޝަނަށް ޙިއްޞާކޮށްދެއްވުން.

އާދެ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަމުންގެންދަވާނެ، ޒުވާނުން ތަރައްޤީ ކުރުމަށްޓަކައި، ޒުވާނުންގެ ޞިއްޙަތު ރަނގަޅުކުރުމަށްޓަކައި. އެހެންނަމަވެސް ހަމަ އެއާއެކީގައި އަޅުގަނޑަށް ހީވަނީ ސަރުކާރުން ކުރާ މަސައްކަތާ އެއްވަރަށް އަމިއްލަ ފަރާތްތަކުންވެސް، އަމިއްލަ ޖަމްޢީއްޔާތަކުންވެސް، މަދަނީ ޖަމްޢިއްޔާތަކުންނާ، އަމިއްލަ ވިޔަފާރިވެރިންގެ ފަރާތުން މިކަމުގައި ވަރަށްބޮޑު ބާރެއް ލިބުމަކީ އެއީ ވަރަށްބޮޑު މުހިންމުކަމެއް. ވަރަށްބޮޑަށް އަޅުގަނޑުމެން އެދޭކަމެއް. އެހެންވީމާ، ޒުވާނުންނަށްޓަކައި ޚާއްޞަ ޕްރޮގްރާމްތައް ރާއްވަވައިގެން، ހުރިހާފަރާތްތަކުން ގެންގޮސްދެއްވުން އަޅުގަނޑު ވަރަށްބޮޑަށް އެދެން.

އާދެ، އަނެއްކާވެސް އެއްފަހަރު މިއަދުގެ މުނާސަބަތުގައި، ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ތިޔަ ަހުރިހާ ބޭފުޅުންނަށް ތަހުނިޔާއާ މުބާރަކްބާދު ދަންނަވން. އަޅުގަނޑު އެދެނީ، ދިވެހި ޒުވާނުންނަށް ދުވަހަކަށްވުރެ ދުވަހެއް ފުރިހަމަވަމުން، އަދަށްވުރެ ފަހި މާދަމައެއް އައުން.

والســّلام عليــكم ورحـمــة اللّـه


___________________