بســم اللّـه الرّحمـن الرّحيــم

އާދެ، މިއުފާވެރި ރޭ މިންވަރު ކުރެއްވީތީ اللـه سبحانه وتعالىއަށް ޙަމްދާ ޝުކުރުކުރަން. ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް މުޙަންމަދު އަސްވާން. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަދި ސިވިލް ސަރވިސް ކޮމިޝަންގެ ޢިއްޒަތްތެރި ރައީސް، އަދި ހަމައެހެން އިބްރާހީމް ރަޝާދު. ކުރީގެ ކަސްޓަމްސްގެ ވެރިއެއްގެ މަގާމު ވަރަށްގިނަދުވަހު އަދާކުރައްވާފައި ހުންނެވި ބޭފުޅެއް. އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިންނާ ކަސްޓަމްސްގެ ހުރިހާ އޮފިސަރުންނާ މުވައްޒަފުން.

السّـلام عليـكم ورحـمــة اللّـه وبركاته.

އަޅުގަނޑުގެ އެންމެ އިސްވާޖިބަކީ، ކަސްޓަމްސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ތިޔަ ހުރިހާ ބޭފުޅުންނަށް މިއަދުގެ ތަހުނިޔާ ރައްދުކުރުން. އާދެ، މިރޭ އިވިގެން އެދިޔަގޮތުން ކަސްޓަމްސްއަކީ ދިވެހިރާއްޖޭގައި އެންމެ ގިނަދުވަސްވީ އެއް މުއައްސަސާ. އަދި އަޅުގަނޑުމެންނަށް އެ އިވިގެންދިޔަ ރިޕޯޓުން މި ދޭހަވީ މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ކަސްޓަމްސްއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަން. އަޅުގަނޑު އެ ރިޕޯޓް އަޑުއަހަން އިންއިރުގައި އަޅުގަނޑުގެ ހިތަށް ވަރަށް އުފާވެރިކަމެއް ލިބިގެންދިޔަ. އެއީ އަޅުގަނޑަށް އިޙްސާސް ކުރެވުނީ މިއަދު ދިވެހިރާއްޖޭގެ ކަސްޓަމްސް ސަރވިސަސްއަކީ ޕްރޮފެސަނަލް އަދި ކަމަށް އެކަށޭނަ ޤާބިލް ބައެއްކަން. އެކަމަށްޓަކާ އަޅުގަނޑު ވަރަށް އުފާކުރަން. އަދި އެގޮތަށް މި ކަސްޓަމްސް ސަރވިސް ތަރުބިއްޔަތު ކުރައްވާ ކުރިއަރުވަމުން ގެންދެވިކަމަށްޓަކައި ކަސްޓަމްސްގެ ހުރިހާ ވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މިރޭ މި ހަފްލާގައި އެކިއެކި ހަނދާނީ ލިޔުންތައް ލިބިވަޑައިގެންނެވި ފަރާތްތަކަށްވެސް މިރޭ އަޅުގަނޑު ތަހުނިޔާ ދަންނަވަން. އަދި ޚާއްޞަގޮތެއްގައި ކަސްޓަމްސް ސަރވިސްގައި ވަރަށް ގިނަދުވަހު ޚިދްމަތްކޮށްދެއްވި ބޭފުޅުންކޮޅަކަށް މިރޭ ހަނދާނީ ފިލާތަކެއް ދެއްވައިފި. އަދި އެބޭފުޅުންނަށް ޚާއްޞަގޮތެއްގައި އަޅުގަނޑު މިރޭ ޝުކުރު ދަންނަވަން.

އާދެ، ދިވެހިރާއްޖޭގެ ކުރިއެރުމާއި ދިވެހިރާއްޖޭގެ ސަލާމަތާ ބިނާވެފައިވަނީ ރާއްޖޭގެ ސަޤާފަތާއި ރާއްޖޭގެ ދީނާއި ރާއްޖޭގެ ރައްޔިތުން ހިމާޔަތް ކުރެވިގެން. އެގޮތުން ސަލާމަތީ އެކިއެކި މުއައްސަސާތަކުގެ ތެރޭގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ މުއައްސަސާއެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަކީ. ރާއްޖެއަށް އެތެރެކުރާ ތަފާތު ބާވަތްބާވަތުގެ މުދާ އިންސްޕެކްޓްކޮށް އަދި ރާއްޖެއިން ބޭރަށް ގެންދާ މުދާވެސް އިންސްޕެކްޓްކޮށް ޤާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެކަންކަން ކުރޭތޯ ބެއްލެވުމަކީ ތިބޭފުޅުންގެ އިސްތަށިފުޅުގައި އެޅިފައިވާ ވަރަށްވެސް މުހިންމު ވާޖިބެއް.

އާދެ، މިއަދު އަޅުގަނޑު ހަވާލުވެފައިވާ އެއްމަސައްކަތެއްގެ ގޮތުން ކުރިން އިވިވަޑައިގެން ފަދައިން އަޅުގަނޑު މިދަނީ ދިވެހިރާއްޖޭގައި މަސްތުވާތަކެތި އެތެރެކޮށް ބޭނުންކުރުމުގެ ކަންތައް ހުއްޓުވޭތޯ މަސައްކަތްތަކެއް ކުރަމުން. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނާކޮޓިކްސް ކޮންޓްރޯލް ކައުންސިލްގައި ވަރަށް އިސްދައުރެއް ކުޅުއްވާ ބޭފުޅެއް، ކަސްޓަމްސްގެ ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްއަކީވެސް. އަޅުގަނޑުމެންގެ ކައުންސިލްގައި ތިއްބަވާ ދައުލަތުގެ އެކިއެކި ވުޒާރާތަކުގެ ވަޒީރުންނާ އަދި ލޯއެންފޯސްމަންޓް ސައިޑުން، ލޯއިންފޯސްމަންޓްގެ އެކިއެކި އިދާރާތަކުގެ ވެރިންނާއެކީގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާތީ އަޅުގަނޑު އަސްވާނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މަސްތުވާތަކެތީގެ ގޮތުން މިއަދު ދިވެހިރާއްޖޭގެ ޙާލަތު އޮތްގޮތް. އަޅުގަނޑަކަށް ހިޔެއްނުވޭ ދުވަހަކުވެސް ދިވެހިރާއްޖެ މިޙާލަތަށް ގޮސްފައިވާހެނެއް. ހަމަގައިމުވެސް އަޅުގަނޑުމެން ސްކޫލް ދައުރު ނިމިގެން މަސައްކަތުގެ މައިދާނަށް ނިކުތްއިރުގައި މިކަންއޮތީކީ މިހެންނެއްނޫން. އެއްގޮތަކަށްވެސް ހަމަހާލަކުންވެސް އަޅުގަނޑުމެންނަށް އެނގިފައެއްނެތް މަސްތުވާތަކެތި ބޭނުންކުރާ މީހުންނެއްވެސް، ކުދިންނެއްވެސް. އަޅުގަނޑުމެން ސްކޫލް އުޅުނު ދައުރުގައި އަޅުގަނޑުމެން ނުދަންނަން މަސްތުވާތަކެއްޗަކީ އެއީ ކޮންއެއްޗެއްކަމެއްވެސް. ނަމަވެސް މިއަދު ޙާލަތު އޮތްގޮތަކީ، ކުރިއަށްއޮތް ދެތިން އަހަރުގެ ތެރޭގައި ގްރޭޑް 8 އަކާ، 8 އިން ފެށިގެން 10 އެއްގެ އުމުރުގެ ކުދިންގެ ތެރެއިން ތިންބައިކުޅަ ދެބައި ކުދިންނަކީ މަސްތުވާތަކެތި ބޭނުންކުރާ ކުދިންކަމަށް ވާނެކަމަށް އަޅުގަނޑަށް އެކިއެކި ތަފާސް ހިސާބުތަކުން އެނގިފައިވަނީ. އަދި ޅަވެގެންގޮސް އެންމެ ޅައުމުރުގެ 9 އަހަރުގެ ކުދިންވެސް މިހާރު މަސްތުވާތަކެތި ބޭނުންކުރަމުން ގެންދާކަމަށް އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބެމުންދަނީ. ހަމައެހެން އަލަށް އުފަންވާ ކުދިންވެސް، ވިތްޑްރޯވަލް ސިންޑްރޯމް ހުރި ކިތަންމެ ކުދިންނެއް މިހާރު އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ. ވީމާ، މިކަމަކީ މިއީ ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި މައްސަލައޭ ދެންނެވުމަކުން ކުށަކަށް ނުވާނެ.

އާދެ، މިކަން ކުރެވެމުން ދަނީކީ ކުޑަ ސިފައެއްގައެއްނޫން. އަޅުގަނޑުމެންނަށް އަންދާޒާ ކުރެވޭ ގޮތުގައި ޑްރަގްގެ ވިޔަފާރިއަކީ މިއީ ވަރަށް ފުޅާދާއިރާއެއްގައި ވަރަށް ބޮޑެތި އަދަދުގެ ފައިސާ ހިމެނޭގޮތުން ކުރެވެމުންދާ ވިޔަފާރިއެއް. ތެދެއް. އެކިފަހަރުމަތިން އަޅުގަނޑުމެންވާނީ ދަންނަވާފައި މިކަމުގެހުރި ނުރައްކާތެރިކަމާއި މިކަމުގެ ބޮޑުކަމާއި އަދި މިކަމުގައި ކުރެވެމުންދާ މަސައްކަތުގެ ވާހަކަ. އެހެންނަމަވެސް ހިތާމައާއެކީ ދަންނަވަން ޖެހެނީ އަޅުގަނޑުމެން ހިތްހަމަޖެހޭ ވަރަކަށް އަދިވެސް މިކަން އަޅުގަނޑުމެންނަކަށް ކޮންޓްރޯލެއް ނުކުރެވެއޭ. އެކަމުގެ ސަބަބުތައްވެސް އެބަހުރި. އެއްގޮތަކަށްވެސް ފަސޭހަކަމެއްނޫން، ދިވެހިރާއްޖޭގެ މި ހުޅުވިފައިވާ ބޮޑު ސަރަހައްދު ކޮންޓްރޯލް ކުރުމަކީ. ކަސްޓަމްސް ސަރވިސަސްއަކީ މި މަސްއޫލިއްޔަތުގެ ވަރަށްބޮޑުބައެއް އަދާކުރައްވާ ފަރާތެއް. ބޯޑަރ ކޮންޓްރޯލް މެނެޖްމަންޓްގެ މަސައްކަތް ކުރެއްވުމުގައި ހިމެނޭ އެކިއެކި ލޯއެންފޯސްމަންޓް ދާއިރާތަކުގެ ތެރެއިން އެއްދާއިރާ ކަސްޓަމްސް ސަރވިސަސްއަކީ. އަޅުގަނޑަށްވެސް ހަމަ ވަރަށް ރަނގަޅަށް އިޙްސާސްކުރެވޭ މިކަމުގައިހުރި ދަތިތައް. އެއްވަރަކަށް ހިކިފައި އޮންނަ ޤައުމެއްގައި ކޮންޓްރޯލް ކުރަން މިއަށްވުރެ ފަސޭހަވާނެ. އެހެންނަމަވެސް، އެފަދަ ޤައުމުތަކުގައިވެސް އޮންނަނީ ކޮންޓްރޯލް ކުރަންވާގޮތަށް ކޮންޓްރޯލް ނުކުރެވިފައި. ވީމާ، އަދި ދިވެހިރާއްޖޭގައި އެކަމުގެ ދަތިކަން ހުންނާނެވަރު އަޅުގަނޑުމެންނަށް އިޙްސާސްކުރެވޭ.

އަޅުގަނޑު އެންމެ ފުރަތަމަވެސް ގަބޫލުކުރަން، ކަސްޓަމްސް ސަރވިސަސްގެ އެކިއެކި އޮފިސަރުންނާ މުވައްޒަފުން ވަރަށް އަވަދިނެތި ވަރަށްބޮޑު ޚިދްމަތެއް މިކަމުގައި ކުރައްވަމުން ގެންދަވާކަން. އަޅުގަނޑު އެކަން ގަބޫލުކުރަން. އަދި އެކަމަށްޓަކާ ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތަށްޓަކައި ފަށްފަށުން ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ، ދެންމެ އެ އިވުނު ރިޕޯޓުގައި ޕްރިންސިޕަލް ކަލެކްޓަރ ވިދާޅުވެއްޖެ ވަރަށްގިނަ ފިޔަވަޅުތަކެއް މިހާރު އަޅުއްވަން ހަމަޖެހިފައިވާކަމަށް މިކަމުގައި. އެގޮތުން މިހާރު އަޅުގަނޑުމެން އެދޭވަރަށްވުރެ ދޫކޮށްހުރި އެކިދިމަދިމާ މިހާރަށްވުރެ ވަރުގަދަކޮށް، ކޮންޓްރޯލް ކުރެވޭނެގޮތް، އިންތިޒާމްތަކެއް ހަމަޖެއްސެވުމަށް އެބަ މަސައްކަތް ކުރައްވާ. އަދި ބައެއްކަހަލަ ޝިޕްމަންޓްތައް އަންނައިރުގައި އެ އެއްޗިހި ބެލޭނެ އިންތިޒާމެއްވެސް މިހާރަށްވުރެ ރަނގަޅަށް ކުރެވޭތޯ މަސައްކަތް ކުރެވެމުންދަނީ. ވީމާ، އަޅުގަނޑު އުންމީދުކުރަން ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ބޯޑަރ ކޮންޓްރޯލް ކުރުމުގެ މަސައްކަތް މިހާރަށްވުރެވެސް ބޮޑަށް ފުރިހަމަވެގެން ދާނެކަމަށް.

އާދެ، އަޅުގަނޑުމެން މީގެކުރިންވެސް މަސައްކަތްކޮށްފީމު ސްނިފް ޑޯގްސް ގެނެސްގެން އެ އެއްޗެހި ބޭނުންކުރަން. އެހެންނަމަވެސް، ކަންދިމާވިގޮތުން ކުއްތާއަކީ އެއީ، ދިވެހިރާއްޖެއަށް ރައްޓެހި އެއްޗެއްނޫން. އަޅުގަނޑުމެން ދަންނަ އެއްޗެއްނޫން. އެހެންވީމާ، އެއީކީ ފަސޭހަކަމަކަށްނުވި. އަދި އެކަން ކުރަންވީ ގޮތަކަށްވެސް ނުކުރެވުނު. އެހެންވީމާ، މިހާރު އަޅުގަނޑުމެން ވިސްނަމުން މިގެންދަނީ ބޭރުގެ ކޮންމެވެސް ފަރާތަކާ ގުޅިގެން އެ ޚިދްމަތް ދެވޭނެގޮތެއްވޭތޯ. އަދި ހަމައެހެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީފުޅާއެކުގައި މިކަމުގެ އިންޓެލިޖެންސް ވަރުގަދަ ކުރެވޭތޯ. އަޅުގަނޑަށް ކެރިގެން ދަންނަވަން މިއަދު ދެންނެވިދާނެ، އަޅުގަނޑުމެންނަށް މިހާރު މިކުރެވޭ މަސައްކަތުން ޚާއްޞަގޮތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށްވުރެ މާރަނގަޅު އިންޓެލިޖެންސް އަޅުގަނޑުމެންނަށް ލިބެމުން އެބަދޭ. އޭގެ ނަތީޖާއެއްގެގޮތުން ފަހަކަށްއައިސް ތަންކޮޅެއް ބޮޑެތި ދެތިންމީހަކުވެސްވަނީ އަތުވެފައި. އަދި އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މިއަހަރު ފެށުނީއްސުރެ ވަރަށްގިނަ އަދަދެއްގެ މަސްތުވާތަކެތި މިހާރުވަނީ ހިފެހެއްޓިފައި. ހަމައެކަނި ޕޮލިސް ސަރވިސްއަކުންނެއްނޫން. އަޅުގަނޑު ވަރަށް އުފަލާއެކީގައި ފާހަގަކުރަން ކަސްޓަމްސް ސަރވިސަސްގެ ފަރާތުން ހިފަހައްޓަވަމުން ގެންދަވާ ވަރަށްގިނަ އަދަދެއްގެ މަސްތުވާތަކެތި މިހާރު ހިފެހެއްޓިފައިވާކަން. އެއީ، އަޅުގަނޑު ދަންނަވާނީ ތިޔަބޭފުޅުން ކުރައްވާ މަސައްކަތުގެ ވަރަށްވެސް ފުރިހަމަ ނަތީޖާއެކޭ.

އާދެ، މިކަމުގައި އަޅުގަނޑުގެ އިލްތިމާސަކީ، ތިޔަ ހުރިހާ ބޭފުޅުންވެސް އެއްވެސް ކަހަލަ ދުލެއް ނުދެއްވާ، އެއްވެސް އަރާމެއްނެތި މިކަމުގައި މަސައްކަތް ކޮށްދެއްވުން. އެނޫންގޮތަކަށް އަޅުގަނޑުމެންނަކަށް މިކަމެއް ނުކުރެވޭނެ. ބޯޑަރ ކޮންޓްރޯލްކޮށް، ނާކޮޓިކްސް ރާއްޖެއަށް އެތެރެކުރުމުގެ ދޮރުތައް ބަންދުކުރުމުގައި ތިޔަބޭފުޅުންނަށްވުރެ ވަކިބޮޑު ޚިދްމަތެއް ކޮށްދެއްވޭނެ ބަޔަކު ތިބިކަމަކަށް އަޅުގަނޑު ނުދެކެން. އެހެންވީމާ، ހުރިހާ ބޭފުޅުންގެވެސް އެއްބާރުލެއްވުމާއި މިންނަތް މަސައްކަތަށް އަޅުގަނޑު ގޮވާލަން. އަދި އެކަމުގައި ތިޔަބޭފުޅުންނަށް ސަރުކާރުގެ ފަރާތުން ދެވެންހުރި ހުރިހާ އެހީތެރިކަމެއް ދޭނެވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ، ކަސްޓަމަކީވެސް ރާއްޖެއަށް އާމްދަނީ ހޯދުމުގައި ވަރަށް މުހިންމު ބައެއް އަދާކުރަމުންގެންދާ އިދާރާއެއް. ރެވެނިއު ކަލެކްޝަން އެއީ، ރާއްޖޭގެ ބަޖެޓަށް އެންމެބޮޑު ރެވެނިއުއެއް ލިބެމުން އަންނަ އެއްފަރާތަކީ އިމްޕޯޓް ޑިއުޓީ. އިމްޕޯޓް ޑިއުޓީއިން ލިބޭ އާމްދަނީ. އެހެންވީމާ، އެގޮތުން ތިޔަބޭފުޅުން އެކުރައްވާ މަސައްކަތަކީވެސް އެއީ، ވަރަށްވެސްބޮޑު ޚިދްމަތެއް. އާދެ، ގިނައަދަދެއްގެ ފައިސާ ނަގަންޖެހޭ ބަޔަކަށް ވަރަށްބޮޑެތި އެކިއެކި ޕްރެޝަރުތައް އަންނާނެ. އެއީ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ޓެކްސް ކަލެކްޓަރުންނަށް، ޑިއުޓީ ނަގާމީހުންނަށް މިހުރިހާ ފަރާތްތަކަށްވެސް މިކަހަލަ ޕްރެޝަރުތައް އަންނާނެ. އަޅުގަނޑު ޔަގީންކުރަން މިހާރު އުފެދިފައިމިވާ ޕްރޮފެޝަނަލް ސަރވިސްގެ ތެރޭގައި މިދެންނެވި ކަހަލަ ޕްރެޝަރަށް ލެނބޭނެ އެއްވެސް ބޭފުޅަކު ނުހުންނަވާނެކަމަށް. އަދި ކަސްޓަމްސް ސަރވިސަސްގެ ސުލޫކީ މިންގަނޑުތަކާއި އަޚްލާޤީ މިންގަނޑުތައް، ސްޓޭންޑަޑްތައް ބައިނަލްއަޤްވާމީ ފެންވަރަށް މިހާރު ހަމަޖެހެމުން ދިއުމާއެކުގައި މިދެންނެވި ގޮތުން އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް ވިސްނަން ނުޖެހޭނެކަމަށް އަޅުގަނޑު ޔަގީންކުރަން. އަދި މުސްތަޤްބަލުގައިވެސް ތިޔަބޭފުޅުން ތިޔަ ދެއްވަމުން ގެންދަވާ ޚިދްމަތް އެ ހަރުދަނާކަންމަތީގައި ދެއްވަމުން ގެންދެވުމަކީ އަޅުގަނޑު އެދޭކަމެއް.

އާދެ، އެގޮތުން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ އެކިއެކި ޓްރޭނިންގތަކުގެ ވާހަކަ މިރޭ އަޅުގަނޑުމެންނަށް އިވިއްޖެ. އަޅުގަނޑު ވަރަށްބޮޑަށް ހިތްހަމަޖެހުނު ބައިނަލްއަޤްވާމީ އެކިއެކި އިދާރާތަކާ ޚާއްޞަކޮށް ޑަބްލިޔޫ.ސީ.އޯ.އާ އެކީގައި ތިޔަބޭފުޅުން ގެންދަވާ އެކިއެކި ޓްރޭނިންގ ޕްރޮގްރާމްތައް ރާއްޖޭގައިވެސް ހިނގަމުންދާކަމަށްޓަކައި. އަދި ހަމައެހެން އަޅުގަނޑު ވަރަށް ފަޚުރުވެރިކަމާއެކީގައި ފާހަގަކުރަން ރާއްޖޭގެ ފަރާތުން އެ ޓްރޭނިންގގައި އިންސްޓްރަކްޓަރުންގެ ގޮތުގައި، ނޫނީވިއްޔާ އެކްސްޕާރޓުންގެ ގޮތުގައި އަޅުގަނޑުމެންގެ ކަސްޓަމްސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާކަން.

އާދެ، އަޅުގަނޑު އެދެނީ، ދިވެހިރާއްޖޭގެ ކަސްޓަމްސް ސަރވިސަސްއަށް ދުވަހަކަށްވުރެ ދުވަހެއް ޕްރޮފެޝަނަލްގޮތުން ކުރިއަރަމުން ދިޔުން. ތިޔަބޭފުޅުންނަށް އެކަށީގެންވާ ޓްރޭނިންގއާއި ތިޔަ ބޭފުޅުންނަށް ބޭނުންފުޅުވާ އެކިއެކި އިކްވިޕްމަންޓްތަކާއި މެޝިނަރީ ލިބިވަޑައިގެން މަސައްކަތުގެ ފެންވަރު ދުވަހަކަށްވުރެ ދުވަހެއް ކުރިއަށްދާނެކަމަށް. އަދިވެސް އެއްފަހަރު މިއަދުގެ މުނާސަބަތުގައި ތިޔަ ހުރިހާ ބޭފުޅުންނަށާއި ތިޔަ ހުރިހާ ބޭފުޅުންގެ އާއިލާތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ތަހުނިޔާ ދަންނަވަން.

والســّلام عليــكم ورحـمــة اللّـه