بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 26 ނޮވެމްބަރ 2010 ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނެ، އިއްޔެއަކީ އަންހެނުންނަށް ގެވެހި އަނިޔާ ލިބޭ ލިބުމާ ގުޅޭގޮތުން މުޅި ދުނިޔޭގައި ފާހަގަކުރެވުނު ދުވަހެއް. އެނގިވަޑައިގަންނަވާނެ، ކޮންމެ އަހަރަކުވެސް ދުނިޔޭގައި މިދުވަސް ފާހަގަކުރަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެ. އަޅުގަނޑުމެންނަށް މިދުވަސް ފާހަގަކުރުމުގެ މުހިންމުކަން، އަޅުގަނޑަށް ފެންނަ ފެނުމުގައި ވަރަށްބޮޑު. އަޅުގަނޑުމެން ރާއްޖޭގައިވެސް، އަޅުގަނޑުމެންގެ ޖިންސުއްލަޠީފުންނަށް ލިބެމުންދާ އަނިޔާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަދި އަޅުގަނޑަށް މަޢްލޫމާތު ލިބޭ ގޮތުގައި، ސީދާ ތަފާސް ހިސާބު ފެނިފައި ހުރިގޮތުގައި ކުޑައެއް ނޫން، ވަރަށްބޮޑު. އަންހެނުންނަށް މިފަދަ އަނިޔާ ލިބެމުންދާއިރުގައި، ވަރަށްގިނަ އަންހެނުން މިތިބެނީ އެކަމާ ބަހެއް ނުބުނެ. އެއްޗެއް ނުބުނެ. އެންމެ ގާތް ރަޙްމަތްތެރިން ގާތުގައިވެސް އަދި ގާތްތިމާގެ މީހުން ގާތުގައިވެސް ބައެއް އަންހެނުން މިބާވަތުގެ ވާހަކަ ދައްކާކަށެއް ނުއެއްއެދޭ. އަދި ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުން ނުވަތަ ސަރުކާރުގެ ކަމާބެހޭ ފަރާތަކާ ގުޅުން މިއޮންނަނީ ޢަމުދުން ބައެއް އަންހެނުންނަށް ކުރަން ނުކެރޭ ކަމަކަށްވެފައި. އެހެންވީމާ، މިބާވަތުގެ ކަންކަން ސިއްރިޔާތުގައި ހިނގާ މިންވަރު ވަރަށްގިނަ، ވަރަށްބޮޑު.

އަންހެނާއަކީ ފިރިހެނާއަށްވުރެ އެނގިވަޑައިގަންނަވާނެ، ބާރުގެ ގޮތުން، ޖިސްމީ ބާރުގެ ގޮތުން ލޫޅާފަތި ނުވަތަ ބަލިކަށި ގޮތުގައި އުފެދިފައިވާ އިންސިއެއް. އެހެންވީމާ، އޭގެ ފައިދާ، އަތްފައިގައި ބާރުގަދަ މީހުން ނަގާނަމަ، އެއިރުން އަޅުގަނޑުމެންނަށް އެ ދެވެނީ، ސީދާ ޖަންގަލީގެ ޙުކުމަށް. އެންމެ ބާރުގަދަ މީހާ، އެންމެ ބާރުދެރަ މީހާގެ މައްޗަށް ވެރިވެގަތުން. އަންހެނުންނަށް ކުރެވޭ އަނިޔާގެ ހަމައެކަނި އަނިޔާ ރައްދުވަނީކީއެއް، އެ އަންހެންމީހާ އެކަންޏެއް ނޫން. ވަރަށްބޮޑު ދަރަޖައަކަށް މިބާވަތުގެ އަނިޔާތައް ރައްދުވަނީ، އެ ދެމަފިރިންނަށް ލިބިފައިވާ ދަރިންނަށް. ނުވަތަ އެއަންހެން މީހާއަށް ލިބިފައިވާ ދަރިންނަށް. މަންމަގެ ހިތާމައާއި، މަންމަގެ އަނިޔާއާއި، މަންމަގެ އުނދަގުލާއި، މަންމަގެ ދަތި އިޙްސާސް ނުކުރާނޭ އެއްވެސް ކުއްޖެއް މިދުނިޔެއަކު ނޫޅޭ. އަޅުގަނޑުމެން ކޮންމެ ކުއްޖަކީވެސް، މައިންބަފައިންގެ ދަރިން. މަންމައަށް ލިބޭ އަނިޔާ އެއީ ހުރިހާ ކުދިންނަށްވެސް ވަރަށްބޮޑު ނޭދެވޭ އަސަރެއް އެއިން ކުރާނެ ކަމެއް.

އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް މި ރާއްޖޭގައި މިހނގާ މިނޭދެވޭ ޢަމަލުން، މިނޭދެވޭކަމުން އަރައިގަނެވޭނޭ ގޮތްތަކެއް، އިންތިޒާމުތަކެއް ހޯދުން. ހަމައެކަނި މިވާހަކަ އަޅުގަނޑުމެންނެއް ދައްކައިގެން، އަޅުގަނޑެއްވެސް ގަބޫލެއް ނުކުރަން، އަޅުގަނޑުމެންނަށް ފުރިހަމަ ނަތީޖާއެއް ނެރެވިދާނެ ކަމަކަށް. އެހެން ނަމަވެސް، ހުރިހާ ހިސާބެއްގައި، މީގެ މަޢްލޫމާތު، ގިނަގިނައިން ހުރިހާ ފަރާތަކަށްދީ، އެ މަޢްލޫމާތުގެ އަލީގައި ރައްޔިތުންނަށް އެމީހުންގެ ދިރިއުޅުން ބައްޓަން ކުރަމުން، ބިނާކުރަމުން ގެންދެވޭނޭ ގޮތްތަކެއް ހޯދުމުން، އަޅުގަނޑުމެންނަށް މިބާވަތުގެ ކަންކަމާ ދިމާވާ މިންވަރު، ފަހަރު ފަހަރު މަދުވެގެންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން.

ބައެއްފަހަރު ފަހަރު މިބާވަތުގެ ޢަމަލުތައް ހިންގަނީ، އަންހެނުންނަށް އަނިޔާ ކުރުމުގެ ނޭއްގާނި ޢަމަލުތައް ހިންގަނީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގައި ހަމަ ވަރަށް ރަނގަޅު ކަމަށް ފާހަގަކުރެވޭ މީސްމީހުންގެ ފަރާތުން. އަނެއްބައިފަހަރު ހަމަ އަޅުގަނޑުމެންނަށްވެސް އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގައި އެއީ ނުރަނގަޅު މީހެއް ކަމަށް ފާހަގަވާ މީހުންގެ ކިބައިން. ކޮންމެ މީހެއްގެ ކިބައިން މިކަން ވިޔަސްވެސް، އަޅުގަނޑުމެންގެ ވާޖިބެއް އެއީ މިކަން ހުއްޓުމަށް އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން. އަޅުގަނޑުމެން ރާއްޖޭގައިވެސް އަދި މިދުނިޔޭގައިވެސް އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން. އެވެރިންނަށް ރާއްޖޭގެ ތަރައްޤީއާއި، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުމުގައި ހަރުދަނާ ގޮތުގައި ބައިވެރިނުވެވޭނަމަ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން މި ހޯދަން އުޅޭ ތަރައްޤީ، އަޅުގަނޑުމެން މިއެދޭ މިންވަރަކަށް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެއޭ. ވަޒީފާ އަދާކުރާ ތަންތަނުގައިވެސް، ޚާއްޞަކޮށް، ވެރިން، އެމީހުންގެ ދަށަށް ތިބޭ ކުދިންނަށް، އަންހެނުންނާ ގުޅޭގޮތުން ހިންގާ ޢަމަލުތައް، ބައެއްފަހަރަށް ވަރަށް ކުދިކުދި ކަންކަން، އަޅުގަނޑުމެންގެ ހިތުގައި އެއީ މާބޮޑު ކަމެއް ކަމަށްނުވެދާނެ ބާވަތުގެ ކަންކަންވެސް އެއީ އަޅުގަނޑުމެން ފާހަގަކުރަންޖެހޭނެ ނުރަނގަޅު ގޯސް ކަމެއްގެ ގޮތުގައި. އޮފީހުގެ ވެރިޔަކު އަންހެން ކުއްޖަކާ މައްލަވަ ކުރުމަކީ، ކުޑަކަމެއް ނޫން. މިބާވަތުގެ ކަންކަން އޮފީސްތަކުގެ ތެރޭގައި ހިނގައިގެން ނުވާނެ. އަދި މަސައްކަތްކުރާ އެއްވެސް މާޙައުލެއްގައި، އަންހެނުންނަށް ސަލާމަތްކަމާއި ޔަޤީންކަމާ އެކީގައި، އިތުބާރާ އެކީގައި މަސައްކަތް ކުރެވެންޖެހޭނެ. މިނޫން ގޮތަކަށް އަޅުގަނޑުމެންގެ ތަރައްޤީ، އަޅުގަނޑުމެން ރާވަނީނަމަ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ދެން މިދެވެނީ، ހަމަ ދެދުނިޔޭގެ ހަލާކަށޭ.

އަޅުގަނޑު މިދަނޑިވަޅުގައި، ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން، ޑީ.އާރު.ޕީ.ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އެވާ ބިލުގެ މަސައްކަތް ހިންގި އެޕާޓީގެ ހުރިހާ ބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑު ކުރީގައިވެސް ދަންނަވާފައިވާނެ، އެބިލަށް އަޅުގަނޑުމެންގެ ތާއީދު، އަޅުގަނޑުމެންވީ މިންވަރަކުން ހޯދުމަށް މަސައްކަތް ކުރާނަން. އަޅުގަނޑަށް ފެންނަ ފެނުމުގައި، އަންހެން މީހާ ނިކަމެތި ކޮށްގެން، ދެން ހިންގޭ އެއްވެސް ކަމެއް އެއީ ރަނގަޅު ކަމަކަށްވެއެއް ނުދާނެ. އިސްލާމްދީނުގައިވެސް އެކަން އޮންނަ ގޮތް ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮންނަނީ، އަންހެން މީހާއާ ދޭތެރޭގައި، ފިރިހެންމީހެކޭ ހަމަ ސީދާ އެއްހަމައެއްގައި، އެއްވަރެއްގައި، އެއްމިންވަރެއްގައި ޢަމަލުކުރާން މަޖުބޫރު. އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާނީ، އަޅުގަނޑުމެންނަށް އަންހެނުންނާ ގުޅޭގޮތުން ރަނގަޅު ގޮތްގޮތަށް ކަންތައްތައް ނުކުރެވެނީނަމަ، އަޅުގަނޑުމެން މި އެދޭ ބާއްޖަވެރި ދިރިއުޅުން އަޅުގަނޑުމެންނަކަށެއް ނުލިބޭނެއޭ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________