بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 26 ފެބްރުއަރީ 2010ވީ ހުކުރު ދުވަސް. މިއަދަކީ ހިޖުރީ ތާރީޚުން 1431 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަސް. ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގެންނެވި ދުވަސް. އިތުރު އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވި ކަމުގައި ބެލެވެނީ، ހިޖުރީ ސަނަތުން 11 ވަނަ އަހަރު. އެހެންކަމުން، ހިޖުރީ ސަނަތުން މިއަދާ ހަމައަށް މިވަނީ 1420 އަހަރު ފާއިތުވެފައި. މިއަދުގެ މުނާސަބަތުގައި، އަޅުގަނޑު މި ރާއްޖޭގެ ލޮބުވެތި އެންމެހާ އުޚްތުންނަށާއި އަޚުންނަށް އަޅުގަނޑުގެ ތަހުނިޔާ ދަންނަވަން.

މި މާތް ދުވަހު އަޅުގަނޑުމެން ފާހަގަކޮށްލަން، އަޅުގަނޑުގެ ނަޒަރުގައި މުހިންމު ނުކުތާތަކެއް އެބަވޭ. ޚާއްޞަކޮށް މި ރާއްޖޭގެ އިސްލާމީ ޢަޤީދާއާ ގުޅޭގޮތުން އަދި އޭގެއިތުރުން، އިސްލާމްދީނާއި އަދި މިރާއްޖެއާ ގުޅޭގޮތުން. އަޅުގަނޑުމެންގެ ޤާނޫނުތަކަށް ބަލާއިރު، އަޅުގަނޑުމެންނަކީ އިސްލާމީ ދުނިޔޭގައި އިސްލާމީ ޝަރީޢަތަށް ވަކި ޚާއްޞަ މަގާމެއް ދީފައިވާ ޤައުމެއް. ދިވެހިރާއްޖެ އިސްލާމްދީން ގަބޫލުކުރީއްސުރެ، މިޤައުމަކީ 900 އަހަރު ވަންދެން މެދުކެނޑުމެއްނެތި މި އުޞޫލުތައް ބަލައިގެންފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް. މި ދެންނެވި 900 އަހަރުވަންދެން މި ރާއްޖޭގައި އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ފަނޑިޔާރުންގެ ދިގު ލިސްޓެއް ތާރީޚުން ފެންނަން އެބައޮތް. ގިނަ އިސްލާމީ ޤައުމުތަކަށް ބަލާނަމަ، އެޤައުމުތަކުގައި އިސްތިޢުމާރީ ދުވަސްތަކުގައި އިސްލާމީ ޝަރީޢަތަށް ޢަމަލުކުރުންވަނީ މެދުކެނޑިފައި. 1790 ގައި ނެޕޯލިއަން މިޞުރު ހިފުމާ ގުޅިގެން، މިޞުރުގައި މުޅިންހެން ޢަމަލުކޮށްފައިވަނީ ފަރަންސޭސި މަދަނީ ޤާނޫނުތަކަށް. އަދި މެލޭޝިޔާފަދަ މަޝްހޫރު ބައެއް އިސްލާމީ ޤައުމުތަކުގައިވަނީ އިނގިރޭސި ޢާންމު ޤާނޫނު ބަލައިގެންފައި. މިފަދަ ބައެއް ޤައުމުތަކުގައި ވަކި ބާރުތަކެއް ކަނޑައެޅިފައިވާ ޝަރުޢީ ކޯޓުތަކެއް އުފައްދަން ފަށްޓާފައިވަނީ ވަރަށްފަހުން.

ސަޢޫދީ ޢަރަބިއްޔާއަކީ 1932 ވަނަ އަހަރު އުފެދުނު ޤައުމެއް. އޭރު ދިވެހިރާއްޖެވަނީ ލިޔެވިފައި އޮތް ޤާނޫނުއަސާސީއަކަށް ޢަމަލުކުރާން ފަށާފައި. އަޅުގަނޑުމެންގެ ރާއްޖޭގައި މިދިޔަ 900 އަހަރު އިސްލާމީ ޝަރީޢަތް ހިންގާފައިވަނީ، ވަރަށް ސާބިތުކަމާއި އަދި އެހާމެ ޢިލްމުން ފުރިފައިވާ ފަނޑިޔާރުންގެ ބެލުމުގެ ދަށުން.ދިވެހިރާއްޖެ އެތައް ނަޒަރަކުން ދެކޭއިރުގައި، ދިވެހިރާއްޖެއަކީ މެދުކެނޑުމެއްނެތި އިސްލާމީ ޝަރީޢަތް ހިންގަމުން އައި ހަމައެކަނި ޤައުމު ކަމުގައިވުމީ ވަރަށް އެކަށީގެންވާ ކަމެއް. ރާއްޖޭގައި އިސްލާމީ ޝަރީޢަތަށް ޢަމަލުކުރަން ފަށައިފި 1153 ވަނަ އަހަރުގައި، ވަރަށް ކުރީގައި. އިސްލާމްދީން ދުނިޔެއަށް ފައުޅުވެ، އިސްލާމީ ސިވިލައިޒޭޝަން މުޅި ދުނިޔެއަށް ފެތުރިގެންދިޔަ އެންމެ ފުރަތަމަ ހިނދުން ދިވެހިންވަނީ އިސްލާމްދީން ބަލައިގެންފައި. އެހިނދުއްސުރެ ފަށައިގެން ދިވެހިރާއްޖޭގައި ވަނީ އިސްލާމީ ޝަރީޢަތް ޤާއިމު ކުރެވިފައި. އަދި އެތައް އެތައް ގޮތަކުން ދެކޭއިރުގައި، އިސްލާމީ ޝަރީޢަތް ސަލާމަތްވުމުގައި ނުވަތަ އިސްލާމީ ޝަރީޢަތް، އޭގެ ގޮތުގައި ފެންނާން އޮތް ޤައުމުތަކަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި ހިންގާ ކޮންމެ ދިރާސާއެއްގައި ދިވެހިރާއްޖެ އިސްލާމީ ޝަރީޢަތަށް ޢަމަލުކުރަމުން އައި ގޮތް ބެލުމަކީ، އަޅުގަނޑަށް ހަމަ ޔަޤީން، ތާރީޚީ ނަޒަރަކުން ބެލިނަމަވެސް އަދި ޢިލްމީ އެހެން ނަޒަރަކުން ބެލިނަމަވެސް، ކޮންމެހެން ކުރާން ޖެހޭނެ ކަމެއް. އެހެނީ ދިވެހިރާއްޖެ ފިޔަވައި އެހާ ޒަމާންތަކެއް ވަންދެން މެދުނުކެނޑި މި ޝަރީޢަތް، އިސްލާމީ ޝަރީޢަތް ހިންގާފައިވާ ޤައުމުތައް ދުނިޔޭގައި މަދުވާނެ. އަދި ހަމައެއާއެކީގައި، ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢަތް ހިންގާފައިވަނީ ވަރަށް ބޮޑެތި ޢިލްމުވެރިންގެ ބެލުމުގެ ދަށުން. އަޅުގަނޑުމެންނަށް މިއަދު އެބަ އެނގޭ، ޚާއްޞަކޮށް އިބްނުބަޠޫޠާފަދަ މުޅި އިސްލާމީ ދުނިޔެއަށް މަޝްހޫރު ޢިލްމުވެރިން ދިވެހިރާއްޖޭގެ ފަނޑިޔާރުކަންވަނީ ކޮށްފައި. އަދި އިބްނުބަޠޫޠާގެ ކުރީގައި ޢީސާ ޢަލްޔަމަނީ އަދި ނޫރައްދީނު ޒައިދީންފަދަ ބޭފުޅުންވެސްވަނީ ރާއްޖޭގެ ފަނޑިޔާރުކަން ވަރަށް ފުރިހަމައަށް ކުރައްވާފައި.

އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އިސްލާމީ ޝަރީޢަތް ރައްކާތެރިކޮށްދިނުމުގައި އަދި އިސްލާމީ ޝަރީޢަތް މިއަދާ ހަމައަށް ވާސިލުވެގެން އައުމުގައި، ދިވެހި ފަނޑިޔާރުން އަދި ދިވެހިރާއްޖޭގެ ޝަރްޢީ ނިޒާމު ކުޅެފައިވާ ދައުރު، އަދާކޮށްފައިވާ މަގާމު ހަމަކަށަވަރުންވެސް ދުނިޔޭގެ އެހެން އިސްލާމީ ޢިލްމުވެރިން ބަލައިގަންނާނެއޭ.

މިދެންނެވި ޙަޤީޤަތަކީ ރާއްޖޭގެ ރައްޔިތުން، ޚާއްޞަކޮށް މިފަދަ މާތް ދުވަހެއްގައި، އެއީ، ކީރިތި ރަސޫލާ ސުވަރުގެވަޑައިގެންނެވި ދުވަހާ އަޅުގަނޑުމެން ގުޅުވާއިރު، އަދި އެދުވަހުގެ މަތިން އަޅުގަނޑުމެން ހަނދާންކުރާއިރު، މި ރާއްޖޭގެ ރައްޔިތުން ފަޚްރުވެރިވާންޖެހޭ ވަރަށްބޮޑު ޙަޤީޤަތެއް ކަމުގައި އަޅުގަނޑު ދެކެން. ރާއްޖެއަށް މިވަނީ އިސްލާމީ އާދަކާދައާއި، އިސްލާމީ ޘަޤާފަތާއި، އިސްލާމީ ޝަރީޢަތް މިއަދާ ހަމައަށް ގެނެސްދެވިފައި. އެއީ ވަރަށް ކުރީގެ، ވަރަށް އިހު ޒަމާނެއްގެ އިސްލާމީ އަޞްލަކުން ފެށިގެން، މެދުކެނޑުމެއްނެތި މިއަދާ ހަމައަށް އަޅުގަނޑުމެންނަށް މިއޮތީ ގެނެސްދެވިފައި. އެއްފަނޑިޔާރަކު، އެއްޤާޟީއަކު، އެއްޝައިޚެއްގެ އަތްމަތިން، އެއްބޭފުޅަކަށްފަހު އަނެއް ބޭފުޅަކު މެދުކެނޑުމެއްނެތި ފަނޑިޔާރުކަން ކުރަމުން މިރާއްޖޭގައި ގެންދާތާ 900 އަހަރުވެއްޖެ. އަދި އެ ފަނޑިޔާރުންގެ ލިސްޓް އަޅުގަނޑުމެންނަށް ސާފުކޮށް އެނގޭ. ފަނޑިޔާރުން ކުރައްވާފައިވާ ކަންކަމާއި، ނިންމަވާފައިވާ ކަންކަންވެސް އަޅުގަނޑުމެންގެ ތާރީޚުގައި ވަރަށް ސާފުކޮށް ފެންނާން އެބަހުރި. މި ރާއްޖެއަކީ އަޅުގަނޑުމެން އެންމެން ފަޚްރުވެރިވާފަދަ ވަރުގަދަ އިސްލާމީ ޝަޚްޞެއް ބިނާވެފައިވާ ރާއްޖެއެއްކަމީ، އަޅުގަނޑުގެ ހިތުގައި ހަމަކަށަވަރުންވެސް އެއްވެސް ޝައްކެއް އުފެދޭ ކަމެއް ނޫން.

އަޅުގަނޑު މިއަދު ދެވަނަ ކަމަކަށް ފާހަގަކޮށްލަން ބޭނުން، އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމުގެ ގަވާއިދަށް އިޞްލާޙު ގެނައުމަށް ހުށަހެޅުމާ ގުޅިގެން، ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ހާމަކުރަމުން އެބަދޭ. މިކަމާ ގުޅިގެން އަޅުގަނޑު ފާހަގަކޮށްލާން ބޭނުންވާ ބައެއް ކަންކަން އެބަހުރި.

ފުރަތަމަ އަޅުގަނޑު ހަމަ ދަންނަވާނަން، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ޤާނޫނު، އެއީ ޤާނޫނު ނަންބަރު 75/4ގެ ދަށުން މި ޢަމަލު ކުރަމުންގެންދާ އެއް ގަވާއިދަކީ، ޣައިރު މުސްލިމުންނަށް ބަނގުރާ ބުއިމުގެ ހުއްދަދެވޭ ގަވާއިދު. މިގަވާއިދަށް ރާއްޖޭގައި ޢަމަލު ކުރަމުން އަންނަތާ މިހާރު އަހަރުތަކެއްވެއްޖެ. މިގަވާއިދުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ގެންގުޅުން އަދި ބުއިމުގެ ހުއްދަ މިވަނީ އެތައް ސަތޭކަ ބަޔަކަށް ދެވިފައި. މި އެތައް ސަތޭކަ ހުއްދަ މެދުވެރިކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ މިވަނީ ވަރަށް ބޮޑަށް ޢާންމުވެފައި.

އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، 2009 ވަނަ އަހަރުވެސް އަދި މީގެކުރީގައިވެސް މާލޭގައި ވަޅި، ކަޓަރުފަދަ ތަކެތި ބޭނުންކޮށްގެން ހިންގާފައިވާ ހުރިހާ މާރާމާރީއެއްވެސް ހިންގާފައިވަނީ، އެކަންކުރާ މީހުން ބަނގުރާ ބޮއި، މަސްތުވެގެން ތިބެގެން. އަޅުގަނޑު އަނެއްކާވެސް ހަމަ ފާހަގަކޮށް ދަންނަވާލާނަން. ބަނގުރާ ބޮއި މަސްތުވެގެން ތިބެގެން. ޑްރަގްސް، ބާރުގަދަ ޑްރަގް ބޭނުންކޮށް މަސްތުވެގެން ތިބެއެއް ނޫން. ބަނގުރާ ބޮއި މަސްތުވެގެން. ކަމާބެހޭ ފަރާތްތަކުން އަޅުގަނޑަށް މަޢްލޫމާތު ދެނީ، ވަޅި ހެރުމަށް ތައްޔާރުވުމަށްޓަކައި ބަނގުރާ ބޮނީކަމަށް.

މިދެންނެވި ބަނގުރާ އަބަދުވެސް މިލިބެނީ އަޅުގަނޑު ކުރިން ދެންނެވި މިހާރު އަލަށް ޢަމަލުކުރަމުން ގެންދާ ގަވާއިދުގެ ދަށުން ދެވިފައިވާ ހުއްދަތަކުގެ ތެރެއިން. މިދެންނެވި އިޖްތިމާޢީ ސަބަބަށްޓަކައި ގަވާއިދަށް ބަދަލެއް ގެންނެވުމަށް ހުށަހެޅިފައި މިވަނީ. އިޖްތިމާޢީ މައްސަލަތަކެއް ޙައްލު ކުރުމަށްޓަކައި ގަވާއިދަށް ބަދަލެއް ގެނައުމަށް ސަރުކާރުން ވިސްނާން ފެށީ ނުވަތަ ސަރުކާރުން އެކަމާ މަސައްކަތް ކުރާން ފެށީ. އަޅުގަނޑު މިދަންނަވަނީ، އެއްވެސް ހާލެއްގައި ބަނގުރާ، ޣައިރު މުސްލިމުންނަށް ވިއްކުމާއި ދިވެހިރާއްޖޭގެ އިޤްތިޞާދީ ކިތަންމެ ކަމަކާ ގުޅިފައިނުވާ ވާހަކައެއް ނޫން. އެހެން ނަމަވެސް، ސަރުކާރުން ގަވާއިދަށް އިޞްލާޙު ގެނައުމަށް މަސައްކަތް ފަށައިގަތީ، އަދި އޭގެ ވިސްނުމަށް ސަރުކާރުންދާން ފެށީ އިޖްތިމާޢީ މައްސަލައެއްގެ ޙައްލު ހޯދުމުގެ ނިޔަތުގައޭ.

ގަވާއިދަކަށް ސަރުކާރުން ބަދަލު ގެނައުމުގައި ކިތަންމެ މަރްޙަލާއެއް ގެންގުޅެން އެބަޖެހޭ. ޚާއްޞަކޮށް، މިގަވާއިދަށް ބަލާއިރުގައި ފުރަތަމައަށް އަޅުގަނޑުމެންނަށް އެބަ ހަމަ ސާފުކޮށް ފެނޭ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ބުއިން މަނާކުރުމާގުޅޭ ބިލެއް. މަޖިލީހުން އެބިލް ބަލައެއްނުގަތް. އަދި ހަމައެހެންމެ، ސަރުކާރުން ބަނގުރާ، ޣައިރު މުސްލިމުންނަށް ވިއްކުމާއި ގެންގުޅުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ގަވާއިދަށް އިޞްލާޙު ގެންނަން ބޭނުންވެ، އެ މައްޗަށް އެކުލަވާލެވުނު އިޞްލާޙު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށްވެސް ފޮނުވުނު. ރައްޔިތުންގެ މަޖިލީހުންވަނީ ބިލް ބަލައިނުގެންފައި. އަދި ގަވާއިދު ކޮމިޓީއިންވެސްވަނީ ސަރުކާރުން ހުށަހެޅި ގަވާއިދަށް އެއްވެސް އިޞްލާޙެއް ގެނައުމެއްނެތި އަނބުރާ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީއަށް ފޮނުއްވާފައި.

ސަރުކާރުން މިގަވާއިދަށް ބަދަލެއް ގެންނާން އެދެނީ، ހަމައެކަނި ހެޔޮނިޔަތުގައި އިޖްތިމާޢީ މައްސަލައެއް ޙައްލު ކުރުމަށް. ގަވާއިދަށް ބަދަލު ގެނައުމަށް ރައްޔިތުން ނޭދެނީނަމަ، ސަރުކާރެއް އެގަވާއިދަކަށް ބަދަލެއް ގެންނާކަށެއް ނޭދޭނެ. ބޭނުމެއް ނުވާނެ. ރައްޔިތުން ނޭދޭ އެއްވެސް ކަމެއް ކުރާކަށް މި ސަރުކާރު ނޭދޭނެ އަދި މަސައްކަތެއްވެސް ނުކުރާނެ. ގަވާއިދަށް ބަދަލު ގެނައުމަށް ރައްޔިތުންގެ އިޙްސާސާއި ރައްޔިތުންގެ ވިންދު ދެނެގަތުމަށްޓަކައި އަޅުގަނޑުމެންގެ ޤާނޫނުއަސާސީ، ވަސީލަތްތަކެއް އަޅުގަނޑުމެންނަށް ފޯރުކޮށްދީފައި އެބަހުރި. އޭގެތެރޭގައި، ޚާއްޞަކޮށް، ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް. އެހެން ނަމަވެސް، މިފަހަރު ރައްޔިތުންގެ މަޖިލީހުން މިކަމާ ގުޅިގެން ސާފު ސާދާ މަންޒަރެއް ސަރުކާރަކަށެއް ނުލިބުނު. ސަރުކާރުން މިގަވާއިދަށް އިޞްލާޙު ގެނައުމުގެ ކުރީގައި، އަދި އިޞްލާޙު ގެނައުމަށް އެއްވެސް އަތަކަށް ނިންމުމުގެ ކުރީގައި، ރައްޔިތުންގެ އިޙްސާސާއި، ރައްޔިތުންގެ ވިންދު ދެނެގަންނާން ބޭނުން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި މިހާރު ރައްޔިތުންގެ އިޙްސާސްތައް ހާމަކުރުމަށް އެތައް ވަސީލަތްތަކެއް ފަހިކޮށްދީފައި އެބަވޭ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން، އެއްވެ އުޅުމުގެ މިނިވަންކަން، ހަޅުތާލު ކުރުމުގެ މިނިވަންކަން. މިކަންކަމަކީ ސީދާ ސާފު ސާދާ ގޮތުގައި، ހެޔޮގޮތުގައި ބޭނުންކުރެވެންހުރި ވަސީލަތްތަކެއް. ސަރުކާރުން މި ގެންނާން މިއުޅޭ ނުވަތަ ގެނައުމަށް ވިސްނާން ފެށި ގަވާއިދަށް ބަދަލު ގެނައުމަށް ވިސްނާން ފެށި ފެށުމާ ގުޅިގެން އަޅުގަނޑަށް މިކަން ދެކެވެނީ އިކޮނޮމިކް މިނިސްޓްރީން އަނެއްކާވެސް މިވަނީ، މި އިޞްލާޙު މި ރާއްޖޭގެ އަޅުގަނޑުމެން އެންމެންގެ ބަލައިގަތުމަށް ހުށަހަޅާފައި. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްވެސް އެމިނިސްޓްރީންވަނީ އެގަވާއިދު ހުށަހަޅާފައި. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެގަވާއިދު ބަލައިގަތް ކަމަށް މިބެލެނީ، އެގަވާއިދު، ދިވެހި ސަރުކާރުގެ ދިވެހި ދައުލަތުގެ ގެޒެޓްގައި ޝާއިޢު ކުރެވުނީމަ. އަދި އެގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ނުކުރޭ.

ސަރުކާރުން ގަވާއިދެއް ހެދުމުގައި އަދި އެއްވެސް ކަމެއް ކުރުމުގައި، ބަލަމުން ގެންދާނެ އެކަމަކާ ގުޅިގެން ރައްޔިތުން އެދޭ ގޮތް. ރައްޔިތުންގެ ރުހުން، ރައްޔިތުންގެ ބޭނުން. ރައްޔިތުންގެ އުންމީދު. ސަރުކާރުން މިގެންދަނީ މިކަން ވަރަށް ގާތުން ބަލަމުން. އަޅުގަނޑު ރައްޔިތުންނަށް ޔަޤީންކޮށް އަރުވަނީ، ތިޔަ ރައްޔިތުން ނޭދޭ ގޮތަކަށް މި ސަރުކާރަކުން އެއްވެސް ކަމެއް، އެއްވެސް ޢަމަލެއް ނުކުރާނަމޭ.

އަޅުގަނޑު އެދެނީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ބާއްޖަވެރި މާދަމައެއް. އަޅުގަނޑު އެދެނީ، އަޅުގަނޑުމެން އެންމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން.

والحمد للّـه. والسّـلام عليـكم

______________________