ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއަށާއި، އެ ކޮމިޝަންގެ އެހެނިހެން މެންބަރުންނަށާއި، ރާއްޖެއިން ކޮރަޕްޝަން ނައްތާލެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އެންމެހައި ފަރާތްތަކަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮ އެދުންތައް ފޮނުވަމެވެ.

ރާއްޖެއިން ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތަކީ، މި ސަރުކާރު އުފެދުމުގެ ކުރީއްސުރެ އެކަމާ ތައްޔާރީތަކެއްވެ، ހިންގުމުގެ ހުރިހާ ސިޔާސަތަކާއި ދާއިރާތަކަށް އަމާޒުކުރެވިގެން ހިންގޭ މަސައްކަތެކެވެ. އެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދަނީ ވަރަށް އިޚްލާޞްތެރި ނިޔަތަކާ އެކުގައެވެ. އެހެނީ، ހެޔޮ ވެރިކަމެއް ކުރެވޭނީ ކޮރަޕްޝަނަށް މަގުފަހިކޮށްދޭ ފުރްޞަތުތައް އެއްކިބާ ކުރެވިގެންކަން އެއީ ދުނިޔަވީ ތަޖްރިބާއިން ހާމަވާ ޙަޤީޤަތަކަށްވާތީއެވެ.

ތަރައްގީގެ މަގުގައި ކުރިއެރުންތައް ހޯދުމަށް ސަރުކާރުންކުރާ މިންނެތް މަސައްކަތްތަކުގައި، ފައިސާއާއި ތަކެއްޗާއި ވަގުތުގެ ހޭދަކުރައްވާން ތިއްބެވި މިރާއްޖޭގެ ވިޔަފާރިވެރިންގެ އަދި ބޭރުގެ ފަރާތްތަކުގެ އިތުބާރު ގުޅިފައިވަނީ، ކޮރަޕްޝަނާއި ފަސާދައިން އެފަދަ ޙިއްޞާތައް ނުވަތަ އިންވެސްޓްމަންޓްތައް ސަލާމަތްކުރެވި އޮންނާނެ މިންވަރަކާއެވެ. މިކަންކަން ވަރަށް ބޮޑަށް ގުޅިފައިހުރީ، އެންޓިކޮރަޕްޝަން ކޮމިޝަން، ހިޔުމަން ރައިޓްސް ކޮމިޝަންފަދަ މިޤައުމުގެ މިނިވަން މުއައްސަސާތަކުގެ މިނިވަންކަމުގެ މިންވަރާއި، އެތަންތަން މުސްތަޤިއްލު ކަމުގައި ފެންނަ އަދި ބެލެވޭ މިންވަރާއެވެ.

އެހެންކަމުން، ކޮރަޕްޝަނާ ދެކޮޅަށް އަޅުގަނޑުމެންކުރާ މަސައްކަތް ގޭތެރެއިން ފެށޭ މަސައްކަތަކަށް ހެއްދެވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. ރިޝްވަތު ދިނުމާއި ހިފުމުގެ ހުތުރުކަމާއި ލަދުވެތިކަން އެއީ ކޮންމެ މަޔަކު އަދި ބަފަޔަކުމެ ޅަދަރީންނަށް ގޭތެރެއިން އެކިގޮތްގޮތަށާއި، އެކި މިސާލުން ވިސްނަވައިދެއްވާ ކަންކަމަށް ހެއްދެވުމަށް އަބަދުމެ ހަނދުމަފުޅު ބަހައްޓަވަންވާނެއެވެ. ކޮރަޕްޝަނުގެ އެކި ޢަމަލު އެއީ، އެކަމެއްގެ ކުޑަބޮޑުމިނާ ނުބައްދަލު މުޑުދާރު ހަޑިހުތުރު ކަންކަން ކަމާއި، އެކިނަމުގައި ހުށައެޅޭ ދީލަތި އެހީ އެއީ ރިޝްވަތާއި ކޮރަޕްޝަން ކަމަށް ބަދަލުވެގެންދާ ޙާލަތުތަކާމެދު ގޭތެރޭގައިވެސް، މަދަރުސާތަކުގައިވެސް އަދި އޮފީސްތަކުގައިވެސް ވާހަކަ ދައްކަވައި ހާމަކުރައްވައި ބުނެދެއްވުމަކީ، މުހިންމު ކަންކަން ކަމުގައި އަބަދުވެސް ބައްލަވަންވާނެއެވެ.

ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެއްވެސް ކަމެއް ހިނގުމުގެ ފުރްޞަތަކީ، ސަރުކާރުގައިވިޔަސް އަދި އަމިއްލަ ވިޔަފާރީގައިވިޔަސް އޮވެގެންވާނެ ފުރްޞަތެއް ނޫނެވެ. މިއަދު އަޅުގަނޑު ފާހަގަކޮށް މިދަންނަވާލަނީ ސަރުކާރުގެ ސިޔާސީ އަދި މަދަނީ ޚިދްމަތްތެރިންނާއި ވިޔަފާރިވެރިންނާއި އަދި ކޮންމެ ފަރުދަކުމެ، ތިމާއަކީ ކޮރަޕްޝަނުގެ އެއްވެސްކަހަލަ ތުހުމަތެއް ނުކުރެވޭނެ، މުޖުތަމައަށް ހުރި މިސާލެއް ކަމުގައިވުމަށެވެ. ކަށަވަރުކަމާއެކު އަޅުގަނޑު މިދަންނަވާލަނީ، ކޮރަޕްޝަނުގެ ކުޑަވެސް ކަމެއް އަޅުގަނޑުގެ ކިބައިގައި ނޯންނާނެ ކަމަށާއި، ކިތަންމެ ކުޑަނަމަވެސް ކޮރަޕްޝަނުގެ ތުހުމަތެއްކުރެވޭ ފަރާތަކާމެދު އަޅުގަނޑުގެ އެއްވެސް މަދަދެއް ލިބިނުލައްވާނެ ކަމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ސަރުކާރުގެ ހުރިހާ އިދާރާތަކަކަށް މިއަދުވެސް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި ސަރުކާރުގެ ކޮންމެ އިދާރާއަކުން ކުރާ ކޮންމެ ކަމެއްވިޔަސް، ކޮންމެ މަސައްކަތެއްވިޔަސް، ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތަށް، އެކަމެއް ކުރެއްވުމަށް ދެއްވަންވާ ސަމާލުކަން ދެއްވުމަށްވެސް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މި ފުރްޞަތުގައި، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގައި ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންގެ އެއްބާރުލެއްވުމަށް އަޅުގަނޑު ގޮވާލަމެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމަކަށް، އެއްވެސް ފަރާތަކުން ފުރްޞަތު ނުދެއްވުމަށްވެސް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ކޮރަޕްޝަނާ ދެކޮޅަށް އެންޓިކޮރަޕްޝަން ކޮމިޝަނުންނާއި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގައި ކީރިތި ﷲ ބަރަކާތްލައްވަވައި، އެ މަސައްކަތްތަކަށް އެކަލާނގެ ކާމިޔާބީ މިންވަރުކޮށްދެއްވުމެވެ. އާމީން. والحمد للّـه.