28 ވަނަ މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް، ރާއްޖޭގެ ހީވާގި ކެޔޮޅުންނަށާއި ފަޅުވެރިންނަށާއި އަދި އޮޑިވެރިންނަށް ރައްދުކުރަމެވެ. އަދި ހަމަ މި މޭރުމުގައި، މަސްވެރިންގެ ޢާއިލާތަކާއި، މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވަމުންދާ ހުރިހާ ފަރާތްތަކާއި ދިވެހި ރައްޔިތުން ޝާމިލު ކުރަމެވެ.

ރާއްޖޭގެ މަސްވެރިކަމުގެ އަހަރީ ތާވަލުން، މިހާތަނަށް ފެންނަން އޮތް ޙަޤީޤަތަކީ، މަސްވެރިޔާގެ އާމްދަނީގައި ބަރޯސާއެއް ނެތްކަމެވެ. އަހަރުގެ ހަމަހުގައި އާމްދަނީއެއް ލިބި، އަނެއް ހަމަހުގައި އަތްމަތި ދަތިވެދާކަމެވެ. މިކަން މިހެން މެދުވެރިވާ ސަބަބުތައް ހުރި ކަމުގައިވިޔަސް، އެ ސަބަބުތައް ނައްތާލުމަކީ ސަރުކާރުން ކުރަންޖެހި، ނުކޮށް އޮތް ކަމެކެވެ. އޮޑިވެރިން ބަނދެވިފައިވާ ލޯނުގެ ހާސްކަމާއި ނުތަނަވަސްކަން ފަޅުވެރިންގެ އާއިލާތަކަށް ވާރުތަވުން އެއީ މިހާރު ކަން އޮތް ގޮތެވެ. މިކަމަށް އެދެވޭ ހެޔޮ ބަދަލެއް އަންނާނެ ފަދަ މާލީ ވެށްޓެއް، ކޮންމެހެންވެސް ތަޢާރުފު ކުރަން އެބަޖެހެއެވެ. އަދި އެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށްޓާފައެވެ.

މިހާތަނަށް ވިސްނަން ޖެހިފައިވާ އެންމެދަތި ކަމަކީ، މަސްވެރިކަމުގެ ފޯވަހީގައި ބާނާ، އިތުރުވެ، ބާކީވާ މަސް، ބޭކާރުވެދިއުމަށް ޙައްލެއް ހޯދުމެވެ. ނަމަވެސް މިއަދު އަޅުގަނޑު ދޭން އޮތް އުފާވެރި ޚަބަރަކީ، އިރާދަކުރެއްވިއްޔާ ފެށެން މިދާ އަހަރު، ފެށި ހިނގަމުން ދާނީ، މި ހެޔޮ ބަދަލާއެކު ކަމެވެ. މި ހާސްކަމުން އަރައިގަތުމަށްފަހު، މުޅިން އައު ވިސްނުމަކަށް މިޞްރާބު ޖެހުމަށް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށާއި، މިސިނާޢަތުގެ އަހުލުވެރިންނަށް މިއަދު އަޅުގަނޑު އިލްތިމާސް ކުރަމެވެ. އެއީ ކުރިން ދެންނެވި ހަމަހުގެ އާމްދަނީގެ ބަދަލުގައި، މުޅި އަހަރު މަސްވެރިންގެ އަތްމަތި ތަނަވަސްވާނެ ގޮތެއް އީޖާދު ކުރުމެވެ. ވަސީލަތްތަކުގެ ދަތިކަމާއި، މޫސުމުގެ ހިތްދަތިކަމުން މަސްވެރިން މިންޖު ކުރެވޭނެ ގޮތެއް ހޯދުމެވެ. އަހަރުގެ ތެރޭގައި، ބޭނުނު އެންމެ ގިނަ އަދަދަކަށް، ރާއްޖޭގެ މަސްވެރިންނަށް، މަސް ބޭނޭނެ އުޞޫލެއް ތަޢާރުފު ކުރުމެވެ. ވަކިވަކި ޚާއްޞަ ބަނދަރުތަކުގެ ބަދަލުގައި، ކޮންމެ ބަނދަރަކުންވެސް މަސްގަނެ ވިއްކޭނެ ފަދަ ވިޔުގައެއް ޤާއިމު ކުރުމެވެ. މިކަމަށްޓަކައި އެއްދުވަހުގެ މަސްވެރިކަމުގެ ބަދަލުގައި ދިގު މުއްދަތަކަށް މަސްވެރިކަން ކުރެވޭނެ އުޅަނދުފަހަރާއި ވަސީލަތްތައް ތަނަވަސްވާން ޖެހޭނެއެވެ.

ދިވެހިންގެ ވަށައިގެން ލައްވާފައި މިވާ ޤުދުރަތުގެ ތަނަވަސް ޚަޒާނާގެ ނަފާ، ސީދާ މަސްވެރިންގެ ފައިކޭޓާ ގުޅެން އެބަޖެހެއެވެ. މޫސުމާއި، ނުމޫސުމުގައިވެސް، ރާއްޖޭގެ އަސްދަނޑިން ބޭރުގައި، އިންޑިޔާ ކަނޑުގައި ދިވެހި މަސްވެރިންނަށް ފެތުރިގަނެވޭނެ ގޮތް ހޯދަން އެބަޖެހެއެވެ.

ދިވެހި މަސްވެރިންނަކީ ކަނޑުގެ ދިރުންތައް، އުފެދި ދައުރުވާ ޤުދުރަތުގެ ނިޒާމު ދެނެތިބެ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަސްއައިނާއި ދޫނި ހޯދާ، އެކަމަށް އަހުލުވެރި ބަޔަކަށްވާން އެބަޖެހެއެވެ. މިކަމަށް ބޭނުންވާ ޢިލްމާއި ހުނަރުގައި، ދިވެހި މަސްވެރިން ކުރިއަރައި ގޮސް، ދުނިޔެއަށް ނަން ހިނގާ ޤައުމަކަށް ރާއްޖެ ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.

މަސްވެރިކަމުގެ ސިނާޢަތު ހުޅުވާލައި، ފުރުޞަތުތައް ފުޅާކޮށް، މަގުފަހިކޮށްދޭ ފަރާތް ކަމުގައި ސަރުކާރުވާން އެބަޖެހެއެވެ. އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ދައުރު ސަރުކާރުން އަދާކުރުމަށް ބޭނުންވާ ހުރިހާ ބަދަލެއް ސަރުކާރަށް ގެންނާނެއެވެ. މި ހަމައިގެ މަތިން ކުރިއަރައި ގޮސް، ދުނިޔޭގެ މަސްވެރިކަމުގެ ޞިނާޢަތުގައި ދިވެހިން ޝާމިލުވެ، ހުރި ހުރިހާ ހުރަހެއް ސަރުކާރުން ނައްތާލާނަމެވެ. ދުނިޔޭގެ ބާޒާރުގައި ދެވަނައެއް ނެތްފަދަ އުފެއްދުމަކަށް ދިވެހި ކަނޑުމަސް ވެގެން ދިއުމަކީ ސަރުކާރުގެ އަމާޒެވެ. މަހަށް އަގު ދިނުމުގެ ބަދަލުގައި، އަގަށް މަސް ވިއްކައިގެން ދިވެހިންގެ ތަނަވަސްކަން އިތުރު ކުރުމަށްޓަކައި ސަރުކާރުން ސިޔާސަތު ތަންފީޒު ކުރާނެއެވެ. މިކަމަށް ބޭނުންވާ ޤާނޫނީ ހުރަސްތައް ނެތިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

ހެޔޮ ނިޔަތުގައި ސަރުކާރުން ކުރާ ކޮންމެ ކަމެއްގެ ނަފާ، ވަގުތުން ވަގުތަށް ރައްޔިތުންނަށް ލިބޭނެކަން ޔަޤީނެވެ. އޭގެ މިސާލަކީ، ދުނިޔޭގެ ބާޒާރުގައި ތެލަށް އައި ހެޔޮ ބަދަލު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރި މަސައްކަތެވެ. ނަތީޖާއެއްގެ ގޮތުން ތެލުގެ ސަބްސިޑީ ލިބޭ މަސްވެރިން މިއަދު އަންދާ ޑީސަލް ލީޓަރަކަށް މިހާރު ޖެހޭނީ ގާތްގަނޑަކަށް އެއްރުފިޔާއެވެ.

އަދި ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޤާނޫނު ފާސްވުމުން، އިރާދަކުރެއްވިއްޔާ މިފެށޭ އަހަރު ޑީސަލުން ސަރުކާރަށް ނަގާ އިމްޕޯޓް ޑިއުޓީ އުވިގޮސް، އޭގެ ފައިދާ ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެއެވެ.
ރާއްޖޭގެ އިޤްތިޞާދު މިވަގުތު ފުންވަޅުގަނޑެއްގައި ވިޔަސް، އެ އިޤްތިޞާދު ނެގެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން، އިރާދަކުރެއްވިއްޔާ ސަރުކާރަށް އެބައޮތެވެ.

ވޭތުވެދިޔަތަނުގައި ރައްޔިތުންގެ ފައިސާއަށް ވެފައިވާ ޚިޔާނާތްތައް ބަލައި، އޭގެ ބަދަލު ހޯދައި، ފޭލިވެފައިވާ މާލީ ސިޔާސަތުގެ ތެރެއިން ދައުލަތުގެ ބަޖެޓް ޑެފިސިޓްވެ، ބޭރުގެ ދަރަނި ބޮޑުވެފައިވަނީ ކޮންބަޔެއްގެ އިހުމާލުންތޯ ބެލުމަކީ، ސަރުކާރުން ކުރަން ޖެހިފައިވާ ކަމެކެވެ. އެހެންނަމަވެސް، މާދަމައަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ އަޅުގަނޑު ކުރިފަހުން އެއްމަސް ފުރިހަމަވާ ދުވަހެވެ. ކުރެވުނު ކަމަކާއި، ކުރަންހުރި ކަންތަކުގެ ވަޒަން އެނގިގެން ދާނީ ވަގުތު ޖެހުމުންނެވެ.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖެއަށް ފާގަތިކަމާއި ތަނަވަސްކަން މާތްﷲ މިންވަރު ކުރެއްވުމެވެ. އާމީން.