ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ. މުޅި ދުނިޔޭގައި ތިމާވެށީގެ ދުވަސް ފާހަގަކުރާއިރު، ރާއްޖޭގެ ތިމާވެށްޓަށް ލިބިފައިވާ ގެއްލުންތަކާއި، ލިބެމުންދާ ގެއްލުންތަކުގެ ވާހަކައަކީ، ފަރުދީ ފެންވަރުގަޔާއި ޤައުމީ ފެންވަރުގައި ދައްކަމުން ގެންގޮސްފައިވާ ވާހަކަތަކެކެވެ. އަޅުގަނޑު ދެކޭގޮތުގައި ވާހަކަތަކެއް ދެއްކުމަށްވުރެ އަދި ކަމެއް ނުކޮށް ތިބުމަށްވުރެ މިއަދު މިޤައުމަށް މުހިންމީ ތިމާވެށި ހަލާކުވުމުގެ ސަބަބުން ލިބެމުންދާ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ކުރާނެ ކަންތައްތަކެއް ކަނޑައަޅައި، އެކަންތައްތައް ކުރުމެވެ.

ތިމާވެށީގެ ދުވަސް މިއަހަރު އަޅުގަނޑުމެންނާ ބައްދަލުކުރާއިރު، ރާއްޖޭގެ ރައްޔިތުން ކަންބޮޑުވާނެ އެންމެބޮޑު މައްސަލައަކީ، ރަށް ގިރުމުގެ މައްސަލައާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައެވެ. މީގެތެރެއިން ރަށް ގިރުމުގެ މައްސަލަ، ރާއްޖޭގެ ރައްޔިތުންގެ ސަމާލުކަމަށް 1990އިގެ ކުރީކޮޅުގައި އައިއިރު، ރަށް ގިރުމުގެ މައްސަލަ އޭރު ދިމާނުވާ ހަމައެކަނި އޮތީ އެންމެ އަތޮޅެކެވެ. އެހެން ނަމަވެސް، މިހާރު ރަށް ގިރުމުގެ މައްސަލަ ދިމާނުވާ އެންމެ އަތޮޅެއްވެސް ނެތް ކަމުގައި ސަރުކާރުގެ ލިޔުންތަކުން ދައްކައެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި، އ.ދ.ގެ އިންޓަރ ގަވަރންމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖުން 2007 ވަނަ އަހަރު ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ މިންވަރަށްވުރެ ހަލުވިކޮށް ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް ސައިންސްވެރިން މިހާރު ބުނަމުން ދިޔުމަކީ، އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އަދި އެކަމުން އަޅުގަނޑުމެންގެ ރަށްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވާނެ މަގުތަކެއް ހޯދުމުގެ ވިސްނުމަކީ، މި ސަރުކާރުން ގެންގުޅެންޖެހޭނެ ވިސްނުމެކެވެ.

ދުނިޔޭގެ ޤައުމުތަކުގެ ނިސްބަތުން އަޅުގަނޑުމެންނަކީ ވަރަށްވެސް ކުޑަ އަދި ބައިމަދު ޤައުމެކެވެ. އަޅުގަނޑުމެން ނުކުރާ ނުވަތަ ކުރާ ކަމަކުން ދުނިޔޭގެ ތިމާވެށްޓަށް ކުރާނެ އަސަރުވެސް އޮންނާނީ ހަމަ އެ ނިސްބަތުގައެވެ. ނަމަވެސް، ތިމާވެށި ސަލާމަތް ކުރުމަށް އެބަޔަކަށް ކުރެވެން އޮތް ކަމެއް ކުރުމުގެ ރިވެތި މިސާލު ދުނިޔެއަށް ދައްކައިދޭ ބަޔަކަށް އަޅުގަނޑުމެންވުމުން، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ އަސަރާއި، އަޅުގަނޑުމެންފަދަ ކުދި ޤައުމުތަކަށްވާނޭ ގެއްލުމާމެދު އޮންނަ ސަމާލުކަން ބޮޑުވެގެންދާނޭކަމީ، ޝައްކެއްއޮތް ކަމެއް ނޫނެވެ. އެހެންކަމުން، ދިވެހިރާއްޖެއަކީ ކަރބަން ނިއުޓްރަލް ޤައުމަކަށް، ކުރިއަށް އޮތް 10 އަހަރުތެރޭގައި ހެދުމަށް ސަރުކާރުން މަސައްކަތް ކުރާނެކަން މިހާރުވާނީ ހާމަކޮށްފައެވެ. ދުނިޔެއަށް މިސާލު ދެއްކުމުގައި، ސަރުކާރުން ކުރާ މިމަސައްކަތުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ފޯރުކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

އ.ދ. އިން ބުނެފައިވާ ގޮތުގައި، ޖައްވު ހޫނުވުމުގެ މިންވަރު ތިރި ނުކުރެވިއްޖެނަމަ، 2100 ވަނަ އަހަރު އަންނައިރު ކަނޑުގެ ލޮނުގަނޑު ތިން މީޓަރަށްވުރެ މައްޗަށް އުފުލޭނެއެވެ. އެވަރަށް ކަނޑުގެ ލޮނުގަނޑު އުފުލިއްޖެނަމަ، ކަނޑުގެ ސަތަޙައިން ފެށިގެން ދެމީޓަރުވެސް ހަމަނުވާ ރާއްޖޭގެ ގިނަ ރަށްތަކަށް ގިނަގުނަ ގެއްލުން މެދުވެރިވެގެންދާނެއެވެ.

އަޅުގަނޑު އެދެނީ، ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކަށް ދިވެހިން ހޭލުންތެރި ކުރުވުމަށާއި، ރާއްޖޭގެ ރަށްތަކަށް ތިމާވެށި ހަލާކުވެގެން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅުއްވަން ހުރި ފިޔަވަޅުތައް ލަސްނުކުރައްވައި ސަރުކާރުގެ އިދާރާތަކުން އެޅުއްވުމެވެ. ދިވެހިންނަށް ދިވެހިންގެ ޤައުމުގައި މިއަށްވުރެ ފާގަތި މުސްތަޤްބަލެއް ދެއްކެވުމެވެ.