بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ އެންމެހާ މަސްވެރިން. ދައުލަތުގެ ވަޒީރުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި އުކުޅަހުގެ އެންމެހާ އަޅުގަނޑުމެންގެ ރަޙްމަތްތެރިންނާއި، މިޖަލްސާއަށް އަރިއަތޮޅުންނާއި އަދި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުންނާއި، މިޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑުމެންގެ ރާއްޖެއަކީ ޒަމާނުއްސުރެ ފެށިގެން ކަނޑުގެ ރޯދިން ދިރިއުޅެމުން އައި ރާއްޖެއެއް. އަޅުގަނޑުމެން ރާއްޖޭގައި އެންމެ ގިނަ ޢަދަދެއްގެ ވަޒީފާ އަދާކުރާ ޞިނާޢަތަކީ މަސްވެރިން. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ސީދާ އެމީހުންނަށް އާމްދަނީ ފޯރުކޮށްދޭ ޞިނާޢަތަކީ، މަސައްކަތަކީ މަސްވެރިން. އަޅުގަނޑުމެންގެ ރާއްޖެއަށް މިއަދާ ހަމައަށް ލިބިފައިވާ ތަރައްޤީގެ ވަރަށްބޮޑު ޙިއްޞާއެއް އަދާކޮށްފައިވަނީ މަސްވެރިން. އަޅުގަނޑުމެންގެ ރާއްޖެ މިއަދު މިދެކޭ ފަހިކަން އަޅުގަނޑުމެންނަށް ހޯދައިދީފައި މިވަނީ އަޅުގަނޑުމެންގެ ހީވާގި ކެރޭ މަސްވެރިން. އެ މަސްވެރިންނަށް އަޅުގަނޑުގެ ހިތުގެ އެންމެ އަޑިން މި މަސްވެރިންގެ ދުވަހުގައި ތަހުނިޔާއާއި މުބާރަކްބާދީ ރައްދުކުރަން.

އަޅުގަނޑުމެން ދިވެހި ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބީ، އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ރައްޔިތުންނަށް ވަޢުދުތަކެއްވުމަށްފަހުގައި. މި ސަރުކާރުގެ ވާޖިބަކީ އަދި މި ސަރުކާރު ދެމިއޮންނަ ހަމައެކަނި ސަބަބަކީ، ރައްޔިތުންނަށް ޚިދްމަތް ކުރުން. އެ ޚިދްމަތް ކުރުމުގައި، މި ޤައުމުގެ، މި ރާއްޖޭގެ ފުއްދުންތެރިކަމާއި، އުފެއްދުންތެރިކަން ތަރައްޤީކޮށް ކުރިއެރުވުމަކީ، އަޅުގަނޑުމެންގެ ވާޖިބެއް. ރާއްޖެއަށް ލިބިފައިވާ ޤުދްރަތީ މުއްސަނދިކަމުގެ ތެރެއިން އެންމެ ނަފާ ބޮޑު، އެންމެ ފައިދާ ބޮޑު އެކައްޗަކީ މަސް. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ކަނޑުތަކުން ލިބޭ މުއްސަނދިކަން. ރާއްޖޭގެ މަހަކީ އަގުހުރި މަހެއް. ރާއްޖޭގެ މަހަކީ، އަޅުގަނޑުމެންނަށް މިހާތަނަށް އައިއިރުވެސް ގިނަގިނައިން އިރާދަކުރައްވައިގެން ބޭނެމުން އައި އެއްޗެއް. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ، މިދިޔަ ތިން ހަތަރު މަހެއްހާ ދުވަހު އުތުރުގެ ބައެއް ރަށްރަށަށް މަސްވެރިކަން ތިޔާގިވެފައިވީ ކަމުގައިވިޔަސްވެސް، ޢާންމު ގޮތެއްގައި މިދިޔަ ދިހަ، ފަނަރަ އަހަރު މަސްވެރިން ދެކެމުން މިއައީ އަހަރަކަށްފަހު އަހަރެއް، އެވެރިން ބާނާ މަހުގެ ޢަދަދު މަދުވަމުން އައި ތަން. ރާއްޖޭގެ މަސްވެރިންނަށް ލިބޭ މަސްކޮޅު މަދުވެގެން މިއަންނަނީ، ރާއްޖޭގެ މަސްކަނޑުތަކުގެ ހަމަ ވަރަށް ގާތުން ބޭރުން ދާ އަޅައިގެން ބާނާ މަހުގެ ޢަދަދު އިންތިހާއަށް މިހާރު ގިނަވެފައިވާތީ ކަމަށް، ކަމާބެހޭ މާހިރުން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް މަޢްލޫމާތުދޭ.

ދުނިޔޭގެ އެހެން ބޮޑެތި ކަނޑުތަކުގެ މަސް މަދުވަމުންދިޔަ ދިޔުމާ ގުޅިގެން އަދި އިންޑިޔާ ކަނޑުގެ ތެރޭގައި މަސް ބޭނެން އޮތް ބައިނަލްއަޤްވާމީ ސަރަޙައްދުވެސް ބޮޑުކަމާ އެކުގައި، އަޅުގަނޑުމެންނަށް މިހާރު މިފެންނަނީ ދުނިޔޭގެ ބޮޑެތި މަސްވެރި ޞިނާޢީ ޤައުމުތަކުން ރާއްޖޭގެ ސަރަޙައްދުގައި، ރާއްޖޭގެ ސަރަޙައްދުން ހަމަ ދާދި ބޭރުގައި އިންޑަސްޓްރިއަލް މަސްވެރިކަން ނުވަތަ ދާ އަޅައިގެން މިކުރާ މަސްވެރިކަން ކުރަމުން އަންނަތަން. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، މަހަކީ ހިޖުރަކުރާ، އެއްތަނުން އަނެއް ތަނަށް ދުވާ އެއްޗެއްކަން. ރާއްޖޭގައި ވިހާ މަސް އަދި ރާއްޖޭގައި މިއަދު މި ބާނާ މަހަކީ، އެހެން ތަނެއްގައި ވިހައިގެން، މި ރާއްޖެއަށް އަންނަ މަސްކަމީވެސް އަޅުގަނޑުމެންނަށް މިހާރު އެނގޭ ޙަޤީޤަތެއް. އަދި ދުނިޔޭގެ އެތަން މިތަނުގައި ބާނާ ކިތަންމެ މަހަކީ، މި ރާއްޖޭގައި ވިހައިގެން އެތަންތަނަށް ހިޖުރަކޮށް ދަތުރުކުރާ މަސްކަން އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ސާފުކޮށް އެނގޭ. ރާއްޖޭގެ މަސްވެރިން މަސް ބާނަނީ ދެމެހެއްޓެނިވި ގޮތުގައި، ދޮށިން ފަހަރަކު މަހެއް، ފަހަރަކު މަހެއް. ދުނިޔޭގެ އެހެން ތަންތަނުގައި މަސް ބާނަނީ ދާ އަޅައިގެން ވަރަށް ބައިވަރު އެއްފަހަރާ. އަޅުގަނޑުމެންގެ ސަރަޙައްދުން ސީދާ ބޭރުން، ދާ އަޅައިގެން މަސް ބާނަމުންދާއިރުގައި، އަޅުގަނޑުމެންގެ މަސްވެރިކަން މިހާރު މިހުރިގޮތަށް ހުރެ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޤުދްރަތީ މުއްސަނދިކަމުގެ ފުރިހަމަ ބޭނުން ހިފޭނެ ކަމަކަށް މިހާރު އަޅުގަނޑުމެންނަކަށެއް ނުފެނޭ. މިއަހަރު ނިމޭއިރު، ރާއްޖެއަށް އެއްލައްކަ ޓަނުގެ މަސް ބޭނޭނެކަމެއް އަޅުގަނޑުމެންނަކަށެއް ޔަޤީނެއް ނޫން. އެނގިވަޑައިގަންނަވާނެ، އިންޑިޔާ ކަނޑުގައި ޖުމްލަ ދެމެހެއްޓެނިވި ގޮތުގައި ބޭނުމަށް ރަނގަޅު ކަމަށް މާހިރުން ލަފާދީފައިވާ ޢަދަދަކީ ހަތްލައްކަ ޓަނާއި، އަށްލައްކަ ޓަނާ ދެމެދުގެ މަސް. އޭގެތެރެއިން އެއްލައްކަ ވިހިހާސް ޓަނުގެ މަހަކީ ރަނގަޅު އަހަރެއްގައި މި ރާއްޖޭގެ މަސްވެރިން ބާނާ ޢަދަދު. އަޅުގަނޑުމެންނަށް މި ޢަދަދު މިހާރު ހަތްދިހަހާސް ޓަނަށް ބަދަލުވެގެންދިޔަ އަހަރުތައް ވަރަށްގިނަ. ވޭތުވެދިޔަ 2009 ވަނަ އަހަރު އަދި މިހާރު ހިނގަމުންމިދާ 2010 ވަނަ އަހަރުވެސް އަޅުގަނޑުމެންނަށް އެއްލައްކަ ޓަނު މަސް ބޭނޭނޭކަމާމެދު ޝައްކު. ރާއްޖެއިން ބާނާ މަސް، އޭގެ ބޮޑުބައި އަޅުގަނޑުމެން ބޭރު ޤައުމުތަކަށް އެކްސްޕޯޓް ކުރަން. އެ އެކްސްޕޯޓް ކުރާއިރުގައި ރޯމަހުގެ ގޮތުގަޔާއި އަދި އެކިގޮތްގޮތަށް މަހުން ހަދާ ކާނާ ތައްޔާރުކޮށްގެން ދަޅަށް އަޅައިގެންވެސް އަޅުގަނޑުމެން މިދަނީ ރާއްޖޭގެ މަސް އެކިއެކި ޤައުމުތަކަށް ބޭރުކުރަމުން. ރާއްޖޭގައި ޒަމާނުއްސުރެ ފަށައިގެން، ދިވެހިން މަސް ކައްކައި އަދި މަސް ހިއްކައިގެން ބޭރުކުރަމުން އައި އައުން މިއަދާ ހަމައަށް އައިއިރުގައިވެސް އަޅުގަނޑުމެން މިދަނީ ހަމަ ބާރަށް އެމަސައްކަތްވެސް ކުރަމުން. އަޅުގަނޑުމެންގެ މިއަދުގެ ވާޖިބަކީ، އަޅުގަނޑުމެން ރާއްޖޭގެ މަސްވެރިންނަށް ރާއްޖޭގެ އިޤްތިޞާދަށް އެމީހުން މީގެކުރީގައި އެހީތެރިވެދިން އެ ނިސްބަތަށް އެހީތެރިވެދެވޭނޭ ގޮތްތައް ހޯދައިދިނުން.

އަޅުގަނޑުމެންގެ އިޤްތިޞާދުގެ ބޮޑުބައި މިވަގުތު ޙިއްޞާ ކުރަނީ ޓުއަރިޒަމް. އެހެންވީމާ، ބޭރު ދުނިޔެއަށް ބައިނަލްއަޤްވާމީ އިޤްތިޞާދަށް އަންނަ ކޮންމެ ލޮޅުމެއް، އަންނަ ކޮންމެ ގުޑުމެއް ވެގެން މިދަނީ އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދަށް ވަރަށްބޮޑު ހީނަރުކަން ގެނެސްދޭ ގުޑުންތަކަށް، ލޮޅުންތަކަށް. އެއީ އަޅުގަނޑުމެން މިދެކޭ އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ހޯދޭނެ ގޮތެއް ނޫން. އެއީ، އަޅުގަނޑުމެން މިދެކޭ ތަރައްޤީ، އަޅުގަނޑުމެން މި އުންމީދު ކުރާ ތަނަވަސް ދިރިއުޅުން އަޅުގަނޑުމެންނަށް ހޯދުމަށް ހުރަސްއެޅޭ ސަބަބެއް. އަޅުގަނޑުމެންގެ ރާއްޖޭގައި މަހުން އަދި ކަނޑުން ލިބޭ ބާވަތްތައް އިތުރުކޮށް، ތަފާތު ބާވަތްތަކުން އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ހޯދޭނެ ގޮތްތައް ރޭވުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ކޮންމެ އިރެއްގައި ސަރުކާރުގެ ވާޖިބެއް.

މިވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންގެ ކަނޑުގެ ރޯދީގެ ތެރެއިން އަޅުގަނޑުމެންނަށް ބޭނުންކުރެވެން އޮތް ވަރަށްބޮޑު ޢަދަދެއްގެ މުއްސަނދިކަމެއް މިވަނީ އަޅުގަނޑުމެން މުޅިންހެން ހަނދާން ނައްތާލާފައި. ރާއްޖޭގެ ކަނޑުތައް އެކަންޏެއް ނޫން މުއްސަނދީ. ރާއްޖޭގެ ފަޅުތަކާއި، ފަރުތަކާއި، ވިލުތަކާއި، ހާހަލަކީ ޤުދްރަތީ މުއްސަނދިކަމުން ފުރިފައިވާ ތަންތަން. އެތަންތަނުގައި އެހުރި މުއްސަނދިކަން އަޅުގަނޑުމެންނަށް ޙަލާލު ގޮތުގައި ބޭނުންކުރެވޭނޭ އިންތިޒާމްތައް، އުޞޫލުތައް ރޭވުމަކީ، އަޅުގަނޑުމެން މިއަދު އަމާޒު މިކުރާ އަމާޒު.
އެނގިވަޑައިގަންނަވާނެ، ޤައުމީ ތަރައްޤީގެ މަޝްރޫޢު. ޤައުމީ ތަރައްޤީ އޮނިގަނޑު، 2009 ން 2013 އަށް އެކުލަވައިލާފައި އޮތްއިރު، އެ އޮނިގަނޑުގައި ފާހަގަކޮށްފައިވާނެ އެންމެ މުހިންމު އެއްކަމަކީ، ރާއްޖޭގެ ފަޅުފަޅާއި، ފަރުފަރާއި، ވިލުވިލާއި އަދި ހާހަލުން އަޅުގަނޑުމެންނަށް ހޯދޭނެ ތަނަވަސްކަމެއް ހޯދުމުގެ އިންތިޒާމްތައް ރޭވުން. މިއަދު ސަރުކާރުންވާނީ އެކަމާ ގުޅޭ ކިތަންމެ ކިތަންމެ މަޝްރޫޢުތަކެއް ހުޅުވާލާފައި. ސަރުކާރުން އަމާޒު ކުރަމުން މިދަނީ، ޚާއްޞަ ގޮތެއްގައި، ދެބާވަތެއްގެ ކަނޑުގެ ރޯދިން އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް 2011 ވަނަ އަހަރާއި، 2012 ވަނަ އަހަރު އެކަށީގެންވާ އާމްދަނީއެއް ހޯދުން.

ރާއްޖޭގައި ރަނގަޅަށް މަސް ބާނާ އަހަރެއްގައި، ތަފާސް ހިސާބުތައް ދައްކާގޮތުން އަޅުގަނޑުމެންނަށް 170 މިލިއަނެއްހާ ޑޮލަރު ލިބޭ. އެއީ، ރާއްޖެއިން ވިއްކާ މަސް ރާއްޖެއިން ބޭރުކުރީމާ. އޭގެތެރެއިން މިދެންނެވި ބާވަތުގެ މަސްވެރިކަމުން، އެއީ ވިލުންނާއި، ފަޅުންނާއި، ފަރުން މިދަންނަވާ އެކުއަރކަލްޗަރ ނުވަތަ މެރިކަލްޗަރއިން ރާއްޖޭގެ އިޤްތިޞާދަށް ރަނގަޅު ފަސް، ހަމިލިއަން ޑޮލަރުވެސް ނުވަދޭ. އަޅުގަނޑުމެންނަށް ޔަޤީން، މިޢަދަދަކީ ވަރަށްކުރު މުއްދަތެއްގެ ތެރޭގައި، ވަރަށްގިނަ ޢަދަދަކަށް ގުނަކުރެވެން އޮތް ޢަދަދެއްކަން. ރާއްޖޭގައި މިހާރު ރާއްޖޭގެ ފަޅުފަޅުން ނަގާ ތަކެތީގެ ތެރެއިން، ކުރާ މަސްވެރިކަމުގެ ތެރެއިން އާމްދަނީ ހޯދާ މައިގަނޑު ދެބާވަތެއް އަޅުގަނޑުމެންނަށް ފާހަގަވޭ. އެއީ ފާނައިގެ މަސްވެރިކަމާއި އަދި ހުއިފިލަނޑާގެ މަސްވެރިކަން. ރާއްޖެއިން ފާނަ ބޭރުކުރަމުން ގެންދާތާ މިހާރު ފަނަރަވަރަކަށް އަހަރުވެއްޖެ. އެހެން ނަމަވެސް، މިއަދާ ހަމައަށްވެސް އަޅުގަނޑުމެން އެކަން ކުރަމުން މިއަންނަނީ ހަމަ ފާނަ ހިފައިގެން، އެ ފާނަ ދިރޭމަހުގެ ގޮތުގައި ބޭރުކޮށްގެން.

މިއަދުގެ ޒަމާނީ ޓެކްނޯލޮޖީ، ޒަމާނީ ސައެންސް އަޅުގަނޑުމެންނަށް ޖާގަ އެބަދޭ، މިދަންނަވާ މަސްވެރިކަން، މިދަންނަވާ މަސް ރާއްޖޭގައި ވިއްސައި އާލާކޮށްގެން، އެތަކެތި ރާއްޖެއިން ބޭރަށް ފޮނުވައި އެކްސްޕޯޓްކޮށް، ވަރަށް އެކަށީގެންވާ އާމްދަނީއެއް އަޅުގަނޑުމެންނަށް ހޯދޭނެ. 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ އެންމެ މުހިންމު އެއް އަމާޒަކީ، މިދެންނެވި ފާނައިގެ މަސްވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ވެވޭން އޮތް ހުރިހާ އެހީތެރިކަމެއްވުން. އަޅުގަނޑު ތިޔަބޭފުޅުންނަށް މިއަދު ޔަޤީންކޮށް އަރުވަނީ، އިރާދަކުރެއްވިއްޔާ، 2011 ވަނަ އަހަރު އަދި 2012 ވަނަ އަހަރު ވެގެންދާނީ، ފާނައިގެ މަސްވެރިކަމަށް ރާއްޖެއަށް ވަރަށް ފާގަތި އަހަރަކަށޭ.

ފާނައާ އެކުގައި އަޅުގަނޑުމެންނަށް ރާއްޖޭގެ ޤުދްރަތީ މުއްސަނދިކަމުގެ ތެރެއިން ބޭނުންކުރެވެން އޮތް އަނެއް ބާވަތަކީ، ހުއިފިލަނޑާގެ މަސްވެރިކަން. އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ޒަމާންތަކެއްވެއްޖެ، ދުވަސްތަކެއް ވެއްޖެ ހުއިފިލަނޑާ ނަގައި، ހިއްކައި، އެ ލަނޑާ ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކޮށްގެން، ރާއްޖޭގެ ބައެއް މަސްވެރިން ކޮންމެވެސް ވަރެއްގެ ނަފާއެއް ނަގަމުން ގެންދާތާ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، މިވަގުތު މިދެންނެވި ބާވަތުގެ މަސްވެރިކަމުން، ލަނޑައިން އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ ވަރަށްކުޑަ. ދިހަ މިލިއަން ޑޮލަރުގެ އެކްސްޕޯޓްވެސް އަޅުގަނޑުމެންނަށް ހުއިފިލަނޑާ އެކްސްޕޯޓް ކޮށްގެން ލިބިފައިނުވޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މިއަދު އެނގޭ އަނެއް ޙަޤީޤަތަކީ، ލަނޑައަކީވެސް ވިއްސައި އާލާކޮށްގެން، ނުހަނު ގިނަ ޢަދަދަކަށް ރާއްޖެއިން ބޭރުކުރެވިދާނޭ ސޫތްޕެއްކަން. އަޅުގަނޑުމެންގެ 2011 ވަނަ އަހަރާއި، 2012 ވަނަ އަހަރުގެ އެންމެބޮޑު އަމާޒަކަށްވާނީ، ލަނޑާ ރާއްޖެއިން ބޭރުކޮށްގެން، މަދުވެގެން 50 މިލިއަން ޑޮލަރު ރާއްޖެއަށް އެތެރެކުރުން. ރާއްޖޭގެ އެކްސްޕޯޓް އިރާދަކުރެއްވިއްޔާ، އެއަމާޒަށް ގެންދިޔުން. އަޅުގަނޑަށް ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް. ޚާއްޞަކޮށް، އަމިއްލަ ފަރާތްތަކުގެ އެހީތެރިވުމާއި ބައިވެރިވުމާ އެކީގައި، އަމިއްލަ ވިޔަފާރި ފުޅާކުރުމުގެ ތެރޭގައި، މިދެންނެވި ދެބާވަތުގެ މަސްވެރިކަމަކީ އަޅުގަނޑުމެންނަށް ވަރަށް ފުރިހަމައަށް ތަރައްޤީ ކުރެވެން އޮތް މަސްވެރިކަމެއްކަން. މިކަން ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ރާއްޖޭގެ އެކިއެކި ސަރަޙައްދުން، ރަށްރަށާއި، ފަޅުފަޅާއި ފަރުފަރު، ގޮޔަށް އަދި ވަރުވާއަށް ދޫކުރެވޭނޭ އުޞޫލުތައް މިހާރު ސަރުކާރުންވަނީ ހަމަޖައްސާފައި. މިއަދު ސަރުކާރުން ވަނީ އެ އުޞޫލުތައްވެސް އިޢްލާނު ކޮށްފައި. އަޅުގަނޑު މިދެކެނީ، މިމަސައްކަތުގައި ރާއްޖޭގެ ގިނަގުނަ ޢަދަދެއްގެ ބަޔަކު ބައިވެރިވެ، އަޅުގަނޑުމެންގެ ކަނޑުގެ ރޯދި މިއަދަށްވުރެ ކިތަންމެ ތަނެއް އިތުރުކުރުމުގައި، އެންމެ މަސްވެރިން އެކުގައި އަތުގުޅާލައިގެން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ ކަމަށް.

ރާއްޖޭގެ ކަޅުބިލަމަހުގެ މަސްވެރިކަމަށް އަޅުގަނޑުމެން ބަލާއިރު، އަޅުގަނޑުމެންގެ ޤައުމީ ތަރައްޤީގެ މަޝްރޫޢު ނުވަތަ އަޅުގަނޑުމެންގެ މެނިފެސްޓޯ އަމާޒުގައި އަދި އިތުރު ދެކަމެއް ހިމެނިފައި އެބައޮތް. އެއީ، ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ބޮޑު ބަދަލެއް ގެނެސްދޭނެ ދެކަމެއް. އެނގިވަޑައިގަންނަވާނެ، ރާއްޖެއިން ބާނާ ހުރިހާ މަހެއް ރޮލާ ނުވަތަ ދަޅަށް ލައިގެން އެކްސްޕޯޓް ކުރުމުގެ ހުއްދަ ދެވިފައި މިވަނީ ހަމައެކަނި 4 ކުންފުންޏަށް. އެހެންވީމާ، ރޯމަސް ގަނެ އެކްސްޕޯޓްކުރާ ފަރާތްތަކުގެ ޢަދަދު ވަރަށްވެސް މަދު. އަދި އެފަރާތްތަކުން ރޯމަސް ގަނެ، އެކްސްޕޯޓް ކުރުމަށް ކަނޑައަޅައި ހިންގި މަޝްރޫޢުތައް، އެންމެ އެކަށީގެންވާ ގޮތުގައި ކާމިޔާބުވި ކަމަކަށް އަޅުގަނޑުމެންނަކަށެއް ދެންނެވޭކަށެއް ނެތް. ސަރުކާރުން ބިނާކުރި ފެކްޓްރީތައްވެސް ގިނަފަހަރަށް ގިނަދުވަހަށްފަހު ހުންނަނީ ބޮޑުބައި ހުހަށް. އަދި އަމިއްލަ ފަރާތްތަކުން ބިނާކުރި ފެކްޓްރީތައް ޢަމުދުން ގިނަދުވަހު މަސައްކަތް ނުކުރާތަން އަޅުގަނޑުމެންނަށް ފެންނަލެއް މިހާރު މަދެއް ނޫން. އެނގިވަޑައިގަންނަވާނެ، ށ. އަތޮޅުގައި އަދި ލ. އަތޮޅުގައި އަމިއްލަ ފަރާތްތަކުން ބިނާކޮށްފައިވާ ފެކްޓްރީތައް، ޚާއްޞަކޮށް، ށ. އަތޮޅުގައި ބިނާކޮށްފައިވާ ފެކްޓްރީތައް އެހުރީ ހުހަށް. އަޅުގަނޑުމެންނަށް އެއިން ކޮންމެ ދުވަހަކު މުޅި ރާއްޖޭގެ އިޤްތިޞާދަށް ލިބެމުން އަންނަނީ ގެއްލުން. އެމަސައްކަތްތައް ފަށައިގެން އަމިއްލަ ފަރާތްތަކަށް ލިބެމުންދަނީ ބޮޑެތިބޮޑެތި ފައިސާގެ ގެއްލުން. ސަރުކާރުގެ އަމާޒަކީ، މިދެންނެވި ގެއްލުމުން ރާއްޖޭގެ މަސްވެރިންނަށް ލިބޭ ގެއްލުން ޙައްލު ކުރެވޭނޭ ގޮތެއް ހޯދުން. ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ މަސްވެރިން ބާނާ މަހަށް އެންމެބޮޑު އަގެއް، އެ މަސްވެރިންނަށް ދެވޭނެގޮތެއް ހޯދުން. ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވުމުގެ ކުރީގައި އަޅުގަނޑުމެން ބުނަމުން ގެންދިޔައިމު، ރާއްޖޭގައި ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ އަގު މައްޗަށް ގެންދިޔުމަށް އަޅުގަނޑުމެން ހިންގާނެ މަޝްރޫޢުތަކެއްގެ ވާހަކަ، އަޅުގަނޑުމެން ފާހަގަކުރަމުން ގެންދިޔައިން. އެނގިވަޑައިގަންނަވާނެ، ސަރުކާރުން މަސް ގަންނަ ސީލިންގ ނުވަތަ ޕްރައިޒް ފްލޯއާއި ސީލިންގ މިހާރުވަނީ ދުވަހުން ދުވަހަށް ދުނިޔޭގެ މާރުކޭޓަށް އަންނަ ބަދަލަށް ބަލައި، ބަދަލުކުރާ އުޞޫލަކަށް އެކަން ހަމަޖެހިފައި. މިއަދުވެސް ސަރުކާރުގެ ކުންފުނިތަކަށް މަސް ގަންނަ ޢަދަދު އަދި މަސް ގަންނަ އަގު، އެހެން ހުރިހާ ފަރާތަކަށްވުރެ މާ ރަނގަޅު. އަދި މިހާރު އެ މަސް ގަންނަ އަގު، ކުރިއާ އަޅާބަލާއިރު މިވަނީ ކިތަންމެ ތަނަކުން އުފުލިފައި.

އަޅުގަނޑުމެންނަށް ފެންނަނީ ސަރުކާރަށް ފާހަގަވަނީ، މިދިރާސާތަކާއި ކަމާގުޅޭ ތަޖްރިބާކާރުން ފާހަގަކުރަނީ، ކޮންމެ ވިޔަފާރިއަކީވެސް، އެ ވިޔަފާރިއެއް ހުޅުވާލައި، އެ ވިޔަފާރިއެއްގެ ތެރެއަށް ވާދަވެރިކަން ގެނައިމާ، އެއަށް ސީދާ ޤުދްރަތީ ބާރުމިން ލިބި، ބާރުގޮތުގައި ވިޔަފާރި ކުރިއަރައިގެންދާ ކަމެއްކަން. ރާއްޖޭގައި މަސްވެރިކަން މިއޮންނަނީ ހިފެހެއްޓިފައި. މަސް ބޭރުކުރުގެ ހުއްދަ ލައިސަންސް ދެވިފައިމިވަނީ ހަމައެކަނި އެންމެ 4 ފަރާތަށް. އެހެންވީމާ، އެ 4 ފަރާތް ނޫން ފަރާތަކުން މަސްގަނެ ބޭރުކުރުމުގެ މަސައްކަތެއް ނުހިންގޭ. މަސް ގަންނާން އުފައްދާންޖެހޭ ވާދަވެރިކަމެއް މާރުކޭޓްގެ ތެރެއަކަށް އަޅުގަނޑުމެންނަކަށެއް ނުގެނެވޭ. ގަންނަ ފަރާތަކީ އެންމެ ފަރާތަކަށްވީމާ އަދި ޚާއްޞަކޮށް، އެފަރާތަށް ލައިސަންސެއްދީ، މޮނޯޕޮލީއެއް އުފައްދާފައި އޮތީމާ، ދެން އެކަމުން ނުކުންނަ ވިޔަފާރީގެ ވާދަވެރިކަމެއް އަޅުގަނޑުމެންނަކަށެއް ނުފެނޭ. އެހެންވީމާ، މިއަދު ސަރުކާރުން ޤަޞްދުކޮށްފައި މިއޮތީ އަދި މިހާރު ގެޒެޓްކޮށްފައިވާނީ، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ކޮންމެ ކުންފުންޏަކަށްވެސް ރާއްޖޭގެ މަސްވެރިން އަތުން ރޯމަސް ގަނެ، އެ މަސް ބޭރުކުރުމުގެ ހުއްދަ މުޅިން ހުޅުވާލަން. އަޅުގަނޑުމެންނެއް ރާއްޖޭގެ މަސްވެރިންނަކަށް ދެރައެއް ނޭދޭނެ. އަޅުގަނޑުމެންގެ ބޭނުމަކީ، ގިނަ ބަޔަކު މަސްގަތުމުގެ ވިޔަފާރީގެ ތެރެއަށް ވަދެ، އެއްބަޔަކަށްވުރެ އަނެއް ބަޔަކު ގިނަ މަސް ގަތުމުގެ ވާދަވެރިކަން އުފައްދައި، އެ ވާދަވެރިކަމުގެ ތެރެއިން، ރާއްޖޭގެ މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު އުފުލުން. އިންސާނީ ތަޖްރިބާ އަދި ވިޔަފާރީގެ ހަމަތައް، މިދެންނެވި އުޞޫލުތައް، މިދެންނެވި ކަންކަން އަގު މައްޗަށް ޖެއްސުމުގައި އެހީތެރިވެދީފައިވާކަން އެއީ، ތަރައްޤީވެފައިވާ ކިތަންމެ ޤައުމަކުން އަޅުގަނޑުމެންނަށް ފެންނާން އޮތް ޙަޤީޤަތެއް. މިއަދު އަޅުގަނޑުމެން ބިރުން ނުވަތަ ވަކިބަޔަކަށް ގެއްލުން ވެދާނެތީވެ ނުވަތަ އެނޫންވެސް އެހެން އެއްވެސް ސަބަބަކާލައިގެންވެސް މި މަސްވެރިކަން ހުޅުވާނުލާ ތިބޭންވީ އެއްވެސް ސަބަބެއް އަޅުގަނޑުމެންނަކަށެއް ނުވިސްނޭ. އެހެންވީމާ، ސަރުކާރުން މިހާރުވާނީ މިދެންނެވި ޢާންމު އުޞޫލު އިޢްލާނުކޮށް ހުޅުވާލާފައި. ހަމައެއާއެކީގައި އަޅުގަނޑު އިހު ދެންނެވިން، އަމިއްލަ ފަރާތްތަކުގެ ބޮޑެތި ފެކްޓްރީތަކާއި އަދި ސަރުކާރުގެ ފެކްޓްރީތަކަށްވެސް އެކަށީގެންވާ ޢަދަދަށް މަސް ނުލިބޭތީވެ، އެމީހުންނަށް، އެފަރާތްތަކަށް އެ ފެކްޓްރީތައް މިހާރު ހިންގާންވަނީ ވަރަށް ބޮޑަށް ދަތިވެފައޭ. ސަރުކާރުން ނިންމާފައިވަނީ، އެފަރާތްތަކުގެ މަސް ބަންދުކުރާ ކާރުޚާނާތައް ހިންގުމަށްޓަކައި އެފަރާތްތަކަށް ބޭރުން މަސް އިމްޕޯޓް ކުރުމުގެ ހުއްދަ ދިނުމަށް. މިހުއްދަ ޢާންމުކޮށް ފެކްޓްރީތަކަށް ހުޅުވާލުމުން، އަޅުގަނޑުމެންނަށް ސަރުކާރަށް ފެންނަ ފެނުމުގައި، ހެޔޮ އަގުގައި ބޭރުން އެފަރާތްތަކަށް މަސް ލިބި، އަދި އެފަރާތްތަކުން އެ މަހަށް ބޭނުންވާ ގޮތްގޮތް ހެދުމަށްފަހު، އެއީ މަހުން އިތުރު ބާވަތްތައް އުފެއްދުމަށްފަހު، އެކްސްޕޯޓް ކުރުމުގެ ފުރްޞަތު ހުޅުވާލެވޭނެ. މަސް އިމްޕޯޓް ކުރާއިރު ޑިއުޓީ ނެގޭނެ. އެކްސްޕޯޓް ކުރާއިރުގައި އޭގެ ރީބޭޓެއް ދެވޭނެ. މީގެ ވިޔަފާރިއަކީ އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، ރާއްޖޭގެ ފެކްޓްރީތައް ބިނާކުރި ފަރާތްތަކަށްވެސް އަދި މަސްވެރިންނަށްވެސް ނުހަނު ފައިދާ ލިބިގެންދާނެ ކަމެއް. އަޅުގަނޑުމެން ބަލަން ތިބޭނު، 2011 ވަނަ އަހަރު މިކަން ފުރޮޅިގެންދާގޮތް. އަދި 2011 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގައި ރާއްޖޭގައި މަސް ކިލޯއެއްގެ އަގު -/14 ރުފިޔާއަށް ހުރެއްޖެއްޔާ އެއީ، އަޅުގަނޑުމެންގެ އަމާޒު އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވުނީ.

ރާއްޖޭގެ މަސްވެރި ސަރަޙައްދުން، މަސްކަނޑުތަކުން އަޅުގަނޑުމެން މަސްބާނާ އުޞޫލުތައް މައިގަނޑު ގޮތެއްގައި ކަނޑައަޅާފައި މިއޮންނަނީ 100 މޭލުން އެތެރޭގައި ކުރާ މަސްވެރިކަމާ ގުޅޭގޮތުން. ރާއްޖޭގެ 100 މޭލުން ބޭރުގެ ސަރަޙައްދުގައި މިދިޔަ އަހަރާ ޖެހެންދެންވެސް ލޭނު އަޅައިގެން މަސް ބާނަމުން ގެންދިޔަ ބޭރު ކުންފުނިތަކުގެ ލައިސަންސް މިހާރު ސަރުކާރުންވާނީ ދިނުން ހުއްޓާލާފައި. މިހާރަކު ރާއްޖޭގެ ކަނޑުތަކަކު، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ އެތެރެއަކު، ބޭރުގެ ބޯޓްފަހަރެއް ލޭނުއަޅާކަށް ލައިސަންސަކާއެކު މަސައްކަތް ކުރަމަކުންނެއް ނުގެންދާނެ. ސަރުކާރުގެ އަމާޒަކީ، ސަރުކާރުގެ ބޭނުމަކީ، ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް މިދެންނެވި 100 މޭލުން ބޭރުގެ ސަރަޙައްދު ބޭނުންކުރެވޭނެ ހަމަތަކެއް ހޯދުން. އެގޮތުން ހަމަ އިތުރު އިޢުލާނެއްގެ ގޮތުގައި ގެޒެޓްގައި މިހާރު ޝާއިޢުވެފައިވާނީ، ލޭނު އެޅުމުގެ ހުއްދަ، ލޭނު އެޅުމުގެ ލައިސަންސް ދޫކުރާ އުޞޫލުތައް. ރާއްޖޭގެ ކުންފުނިތަކަށްވެސް އަދި ބޭރުގެ ކުންފުނިތަކަށްވެސް ރާއްޖޭގެ 100 މޭލުގެ ބޭރުން، 200 މޭލުގެ އެތެރޭގައިމިވާ ސަރަޙައްދުގައި ލޭނު އެޅުމުގެ ހުއްދަ މިހާރު ދޭނެ އުޞޫލުތައް ސަރުކާރުން ވަނީ ޢާންމުކޮށް އިޢްލާނު ކޮށްފައި. މި އުޞޫލުން ލޭނު އަޅަމުން ގެންދިޔައީމާ، ރާއްޖެއަށް ބާނާ ބޮޑު ކަންނެލީގެ ބާވަތްތައް އިތުރުވެގެން އެތައް ގުނައަކުންދާނެ ކަމަށް އަޅުގަނޑުމެންނަށް ތަޖްރިބާކާރުންނާއި މާހިރުން ލަފާދޭ. މިނިސްޓްރީ އޮފް ފިޝަރީޒްގެ ފަރާތުން މިކަމުގައި އަޖުމަ ބެލުމަށްޓަކައި މިދިޔަ އަހަރު ވަނީ ލޭނުގެ މަސައްކަތްތަކެއް ކޮށްފައި. ފިޝަރީޒް މިނިސްޓްރީއަށާއި، އެ މިނިސްޓްރީގެ މާހިރުންނަށް މިކަމުގައި ދެކެވެނީ ޢާންމުކޮށް މީގައި ލައިސަންސް ހުޅުވާލައިފިނަމަ، އެއިން ރާއްޖެއަށް ލިބޭ ނަފާ، ލިބޭ ފައިދާ ކިތަންމެ ތަނަކުން އިތުރުވެގެންދާނެ ކަމަށް. އެހެންވީމާ، އަޅުގަނޑުމެން މިދެކެނީ، މި މަސައްކަތް މި ޞިނާޢަތް، ލޭނު މަސްވެރިކަމުގެ ޞިނާޢަތް އަޅުގަނޑުމެންގެ ރާއްޖޭގައި ކުރިއަށް މިއޮތް 2011 ވަނަ އަހަރު ކިތަންމެ ތަނަކުން ކުރިއަރައިގެންދާނެ ކަމަށް.
ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތް ހީނަރުވެފައި އޮތަސްވެސް އަދި ވޭތުވެދިޔަ މިދިޔަ އަހަރުތަކުގައި އެކަން އަޅުގަނޑުމެންނަށް އަބަދު އަބަދުމެ ހިނގަމުންދިޔަ ކަމުގައިވީނަމަވެސް، އަޅުގަނޑު މިދެކެނީ ސަރުކާރުން މިއަދު ދެކެނީ، ކުރިއަށް މިއޮތް ތަނަކީ އަޅުގަނޑުމެންނަށް އުންމީދުން ފުރިފައިވާ ދުވަސްތަކެކޭ. އަޅުގަނޑުމެންނަށް އިތުރު ފައިދާ ހޯދާން ކުރާންވީ މަސައްކަތް ސާފުކޮށް އެބަ އެނގޭ. އެމަސައްކަތް ކުރާންވީ ވަގުތުތައް އެބަ އޮޅުންފިލާ. އެކަމަށް ބޭނުންވާ ޚަރަދު ކުރެވޭނޭ ފައިސާ ހޯދޭނެ ގޮތް ސަރުކާރަށް ފަހިވެފައި އެބައޮތް. އަޅުގަނޑުމެން މިކަން ނުކުރާންވީ ހަމަ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެންގެ ރާއްޖެ މަސްވެރިކަމުން އަދި މަހުން ލިބޭ ތަކެތީން، ލިބޭ އާމްދަނީއިން ކިތަންމެ ގުނައެއް ތަރައްޤީވެ، ތަރައްޤީވެފައި އޮތް ޤައުމަކަށް ބަދަލުވުމަކީ ނާދިރު ކަމެއް ނޫން.

އައިސްލަންޑް ކިޔާ ޤައުމެއް ދުނިޔޭގައި އޮންނަ، އެޓްލާންޓިކް ކަނޑުގައި. މި ޤައުމުގައި ދިރިއުޅެނީ ތިންލައްކަ މީހުން. އެމީހުންގެ ރަށުގައި 1970 ވަނަ އަހަރުވެސް އެމީހުންނަކީ މެދު އާމްދަނީއެއްގެ ޤައުމެއް. އެހެން ނަމަވެސް، ހަމައެކަނި މަސްވެރިކަމުގެ ތަރައްޤީއިން އެމީހުން މިހާރުވަނީ ދުނިޔޭގައި ތަރައްޤީވެފައި އޮތް ޤައުމަކަށް ބަދަލުވެފައި. މިދެންނެވި އައިސްލަންޑްގައި އިތުރަށް ކުރީ އެންމެ ކަމެއް. އެއީ ތެލުން ނޫން ގޮތަކަށް ހަކަތަ އުފެއްދުން. އެ ދެކަންތައް ކުރީމާ، ތިންލައްކަ ފަންސާސްހާސް މީހުންގެ ޤައުމެއް، ތަރައްޤީވެފައި އޮތް ޤައުމަކަށް ވެގެންދިޔަތަން އަޅުގަނޑުމެންގެ ޙަޔާތުގައި އަޅުގަނޑުމެން ދުށިން. އަޅުގަނޑުމެންގެ ޙަޔާތަކީ އެހާ ދޮށީ އެހާ ދިގު ޙަޔާތެއް ނޫން ކަމުގައިވިޔަސް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް މިތަން އޮތީ ފެނިފައި. އައިސްލަންޑްގައި ދެމިލިއަން ޓަނު މަސް އަހަރެއްގެ މައްޗަށް ބާނާ ކަމަށްވޭ. އެއީ އަޅުގަނޑުމެންގެ މި ބޮޑު އަގު ލިބޭ ކަޅުބިލަމަހާއި ބޮޑުކަންނެލީގެ ބާވަތްތަކެއް ނޫން. ވަރަށް އާދައިގެ، ވަރަށް ހެޔޮ އަގުގައި ވިއްކާ މަހެއް.

އަޅުގަނޑުމެންނަށް މިކަންކަމާމެދު ވިސްނައި، ދުނިޔޭގައި އެހެން މީހުން ކަންކަން ކޮށްފައި އޮތް ގޮތް ބަލައިގެން، އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރެވޭނެ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބީ އެހެންވެ. އަޅުގަނޑުމެންނަށް އެހެން ދިވެހިރާއްޖެއެއް، އެހެން ގޮތެއް ރާއްޖޭގެ ރައްޔިތުންނަށް ދެއްކޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތީތީވެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެން މި އުންމީދުކުރާ ތަނަވަސް ދިރިއުޅުން އަޅުގަނޑުމެންގެ ކުރު ޙަޔާތުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ދައްކާނަން.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، ހަމައެކަނި އުކުޅަހު ރައްޔިތުންނަށް ދަންނަވާލަން އޮތް ދެތިން ވާހަކައެއް އެބައޮތް. އެންމެފަހުން އައިސް ތިޔަބޭފުޅުންގެ ބޭރުތޮށި މިހާރު ސަރުކާރަށް މިއޮތީ ހެދޭގޮތްވެފައި. އެހެންވީމާ، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތީ ދާދި އަވަހަށް އަސްލަމް ހަމަ މާލެ ވަޑައިގަތުމާ އެކީގައި، އެބޭފުޅާ އެ ތޮށީގެ ކަންތައްތައް ހިންގުމަށް ތިޔަބޭފުޅުންނާ ވާހަކަ ދައްކަވައިގެން އެކަމުގެ މަސައްކަތްތައް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފަށައިގަނެވޭނެއޭ. ހަމައެއާއެކީގައި، އަޅުގަނޑުމެންގެ އަމާޒެއް އެއީ، އުކުޅަހަކީ މަސް ބަނދަރެއް އޮންނަ ރަށަކަށް ހެދުން. އެ އަމާޒަށް މަސައްކަތް ކުރަމުން ސަރުކާރުން ދަނީ. އަޅުގަނޑު ވަރަށް އުފާވޭ، އުކުޅަހުގެ ރައްޔިތުންގެ ކުންފުންޏަކުން މިތަނުގައި އައިސް ލިބޭނޭ އިންތިޒާމެއް، މިފްކޯއާ ގުޅިގެން އުފައްދަމުން ގެންދާތީ. އަދި އޭގެއިތުރުން އަޅުގަނޑުމެން އުންމީދު ކުރަނީ، ހަމަ މިރަށުގައި ދާދި އަވަހަށް މިރަށުން ސީދާ ބޭރަށް، ރާއްޖެއިން ބޭރަށް މަސް ބޭރުކުރެވޭނޭ ގޮތްތައް އަޅުގަނޑުމެންނަށް ފަހިކޮށްދެވޭނެކަމަށް.

އަޅުގަނޑު ތިޔަބޭފުޅުންނަށް އަޅުގަނޑުމެންގެ ރާއްޖެއިން އަޅުގަނޑުމެން އެދެނީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.