بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ ވަޒީރުން، ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑުމެން މިއަދު މި ތަޢާރުފްކުރަނީ އަދި އަޅުގަނޑުމެން މިއަދު މިބަދަލުވެގަތުމަށް މަސައްކަތް މިކުރަނީ، އަޅުގަނޑުމެންގެ ރާއްޖޭގެ ފުރިހަމަ މުއްސަނދިކަން، އަޅުގަނޑުމެންގެ ރާއްޖޭގެ ޤުދްރަތީ ވަސީލަތްތައް، އޭގެ އެންމެ ހެޔޮގޮތުގައި، ދެމެހެއްޓެނިވި ގޮތުގައި ބޭނުންކޮށްގެން، އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް މިއަދަށްވުރެ ރަނގަޅު އާމްދަނީއެއް ލިބޭނެ ގޮތްތަކެއް ފަހިކުރުމުގެ މަސައްކަތެއް.

އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް އެއީ، ރާއްޖޭގައި ވަޒީފާގެ ފުރްޞަތުތައްވީ މިންވަރަކުން އިތުރުކުރުން. ރާއްޖެއަށް ލިބިފައިވާ އެންމެބޮޑު ރޯއްޖަކީ، ކަނޑުގެ ރޯދިކަން އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ސާފުކޮށް އެނގޭ. މިއަދާ ޖެހެންދެން ރާއްޖޭގެ ރައްޔިތުން ކަނޑުން ލިބޭ މުއްސަނދިކަން، ކަނޑުގެ އެކިއެކި ތަންތަނުން، އެކިއެކި ދިމަދިމާލުން ބޭނުންކޮށްފައި އެބަހުރި. ފަޅާއި، ފަރާއި، ވިލާއި، ހަލާ، މާކަނޑު ފިޔަވައި އަދި އެހެން ތަންތަނުންވެސް، އެތަންތަނުގެ ހުރި މުއްސަނދިކަން ރާއްޖޭގެ ރައްޔިތުން އައީ އަބަދުވެސް ބޭނުންކުރަމުން. އެނގިވަޑައިގަންނަވާނެ، މިފަހަކަށްއައިސް އަޅުގަނޑުމެންގެ ކަނޑުމަސްވެރިކަން ނުވަތަ ކަޅުބިލަމަހުގެ މަސްވެރިކަން މިއަންނަނީ އަހަރުން އަހަރަށް ހީނަރުވަމުން. އޭގެ ސަބަބުން، ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓަށާއި އަދި ރާއްޖެއަށް ޑޮލަރު ލިބޭ މިންވަރަށް މިއަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުން. މިބަދަލުތައް މިހާރު މިއަންނަ ގޮތަށް، މިހާރު އަޅުގަނޑުމެން ތަޖުރިބާ ކުރަމުން މިގެންދާ ގޮތަށް ގެންދަނީނަމަ، ހިސާބުތަކުން ފެންނަނީ، ކުރިއަށް މިއޮތް 10 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ އާމްދަނީއަށް ވަރަށްބޮޑެތި ބަދަލު އަތުވެދާނެ ކަމަށް.

ކަނޑުމަސް ބާނާ މިންވަރު، އަހަރުން އަހަރަށް ދަށްވަމުން ދިޔުމާއި އަދި އެހެންވީމާ، އެ މަސް އެކްސްޕޯޓްކުރާ މިންވަރުވެސް، އަހަރުން އަހަރަށް މިއަންނަނީ ދަށްވަމުން. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޤުދްރަތީ މުއްސަނދިކަން ބޭނުންކޮށްގެން، އާމްދަނީ ހޯދޭނެ އެހެން މަސައްކަތްތައް ފެންނާންހުރިއިރުގައި، އެމަސައްކަތްތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުކޮށް ދޫކޮށްލުމަކީ، އަޅުގަނޑަށް ފެންނަ ގޮތުގައި ބުއްދިވެރި ކަމެއް ނޫން. އަޅުގަނޑަށް ވަރަށް ޔަޤީންކަން އެބައޮތް، އަޅުގަނޑުމެންގެ ތެރޭގައި، މިފަދަ ޞިނާޢަތެއް ތަރައްޤީކުރާނެ ޤާބިލް ބޭފުޅުން އެބަތިއްބެވި. މެރިން ރިސަރޗްގެ ސެންޓަރެއް ރާއްޖޭގައި ޤާއިމްވެގެން، އެ ސެންޓަރުގެ މަސައްކަތް ހިނގަމުން އަންނަތާ އަޅުގަނޑު ހަނދާންވާގޮތުގައި ރަނގަޅު 20، 30 އަހަރުވެއްޖެ. އެ ސެންޓަރު މެދުވެރިކޮށް، ރާއްޖޭގެ ކިތަންމެ ރައްޔިތުންނަކަށް، ކިތަންމެ ޒުވާނުންނަކަށް މިވަނީ ކިތަންމެ މަޢްލޫމާތެއް ފޯރުކޮށްދީފައި. މިއަދު އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެން މިތިބީ މި ޞިނާޢަތް ބޮޑު ގޮތެއްގައި ހުޅުވާލައި، ފަށައިގަތުމަށް މުޅިންހެން ފައްކާވެފައި. އެހެންވީމާ، އަޅުގަނޑު މިއަދު އުފަލާއެކީގައި މި ފަށައިގަންނަނީ އެމަސައްކަތް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖެވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.