بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ނައިބު ރައީސް. ޖަރނީގެ ޗެއަރޕަރސަން. ޖަރނީގެ ހިންގާ ކޮމިޓީގެ އެންމެ ބޭފުޅުން. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. ޔޫ.އެން.ޑީ.ޕީ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ. އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.

السّـلام عليـكم

މިއަދަކީ ޖަރނީއަށް 5 އަހަރު ފުރޭ ދުވަސް، އެ ޖަމްޢިއްޔާގެ ފަރާތުން ފާހަގަކުރާ އުފާވެރި ދުވަސް. އަޅުގަނޑު އެ ޖަމްޢިއްޔާގެ މަސައްކަތްތަކަށް ތަޢުރީފުކޮށް، މިކަމުގައި ޚާއްޞަ ޝުކުރެއް، އެ ޖަމްޢިއްޔާގެ އެންމެ ބޭފުޅުންނަށް ދަންނަވާލަން ބޭނުން.

ރާއްޖޭގެ ޒުވާން ޖީލު، ބާރުގަދަ މަސްތުވާތަކެތީގެ ދެވީގައި ޖެހި، އެކަމުގައި އެ ޖީލު ހަލާކުވަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެ. 1990 ފެށުނުތަނާހެން ރާއްޖޭގައި ބޭނުންކުރަމުން އައި މަސްތުވާތަކެތީގެ ބާވަތް، ދެންމެ މިތަނުގައި ފާހަގަކުރެއްވި ފަދައިން، ވަރަށް ބާރުގަދަ މަސްތުވާތަކެތީގެ ބާވަތްތަކަށް ބަދަލުވެ، ރާއްޖޭގެ ޒުވާނުން، އޭގައި ވަރަށް ބޮޑަށް ދެވިހިފައި، އޭގެ އެ ޖީލަށް އަދި އަދާ ޖެހެންދެންވެސް މިއުޅެނީ ރަނގަޅަށް ސަލާމަތް ނުވެވިގެން.

މި ސަރުކާރު އުފެދެމުން އަދި އުފެއްދުމަށްޓަކައި ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން ވެފައިވާ 5 ވަޢުދުގެ ތެރެއިން އެއް ވަޢުދަކީ، މަސްތުވާތަކެއްޗަށް ރާއްޖޭގެ ޒުވާނުން ދެވިހިފާފައިވާ މިންވަރާއި އަދި މަސްތުވާތަކެތި ރާއްޖެއަށް އެތެރެވާ މިންވަރު މަދުކުރުމަކީ، އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަސާސީ އަމާޒޭ. ސަރުކާރުގެ އަސާސީ އަމާޒަކަށް، މިދެންނެވި މަސައްކަތް މިހެދީ، ހަދާންޖެހުނީ، ރާއްޖޭގެ ޙާލަތާއި، އަޅުގަނޑުމެން ބެލި ބެލުމުގައި، ރާއްޖޭގައި މިހާރުން މިހާރަށް ކުރާން މަޖުބޫރުވެފައިވާ ކަންތައްތަކުގެ ތެރޭގައި، އެންމެ މުހިންމު ކަމެއްދޭންޖެހޭ އެއްކަމަކީ، މަސްތުވާތަކެތީގެ މައްސަލަ ކަމަށްވެފައިވާތީ.

އަޅުގަނޑު ދަންނަވާނީ، މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ހިންގުނު މަސައްކަތުގެ ތެރެއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ މިންވަރު ކޮންމެވެސް މިންވަރަކަށް މިހާރު މިވަނީ މަދުވެފައޭ. އަޅުގަނޑު ނުދަންނަވަން، އެއްވެސް ހާލެއްގައި އަޅުގަނޑުމެން ހިތްހަމަޖެހޭވަރަށްވެސް އަދި އަޅުގަނޑުމެން އަމާޒުކުރާ މިންވަރަށްވެސް، ކިރިޔާ އެކަށީގެންވާ މިންވަރަކަށްވެސް މިކަން އަޅުގަނޑުމެންނަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަކަށް. އެހެންނަމަވެސް، ރާއްޖޭގެ، މާލޭގަޔާއި އަތޮޅުތަކުގަޔާއި، ރާއްޖޭގެ އެކިއެކި ރަށްރަށުގައި، އެހެން ބަސްތަކަކުން ދަންނަވަނީނަމަ، އިސްޖެހިފައި ތިބި ކިތަންމެ ޒުވާނުންނެއް، އަޅުގަނޑުމެން މީގެ ދެއަހަރެއް، ތިން އަހަރެއް ކުރިން، ހަތަރު އަހަރެއް ކުރިން ވަރަށްގިނަ ޢަދަދަކަށް ދެކެމުން ދިޔައީމު. ބައެއް ބޭފުޅުން ވިދާޅުވެދާނެ، އަޅުގަނޑު މިހާރު މަގުމައްޗަށް ނުނުކުންނާތީވެ، އަޅުގަނޑަށް އެކުދިން އެގޮތަށް ތިއްބާ ނުފެންނަނީ ކަމަށްވެދާނެއޭ. އެހެން ނަމަވެސް، އަޅުގަނޑު އެބަ ބަލަން، އަޅުގަނޑަށް ފެނޭތޯވެސް އެބަ ހޯދަން. އަޅުގަނޑަށް ފެންނަ ފެނުމުގައި، މަތިމަތިން ބަލާއިރު، އަޅުގަނޑުމެންނަށް މީގެކުރީގައި ޒުވާނުން، މިދެންނެވިހެން މަސްތުވެފައި ތިބެ، އަދި މުޅިން މާޔޫސްވެ ތިބެ، މަގުމަތީގައި ތިބޭ މިންވަރު އަޅުގަނޑުމެންނަށް މިހާރު މިވަނީ މަދުކުރެވިފައި ކަމަށް އަޅުގަނޑުމެން ދެކެން. އެހެން ނަމަވެސް، އަޅުގަނޑު މިހެން ދަންނަވާއިރުގައި، އެއީ އޭރުގައި އެދުވަސްކޮޅުގެ ތެރޭގައި ބޭނުންކުރެވުނު މަސްތުވާއެއްޗެއްގެ ބާވަތުން މީހާއަށް އެގޮތްވެފައި މާގިނައިން ހުންނަތަން ފެނިފައި، މިހާރު ބޭނުންކުރާ ހަމަ އެހާމެ ބާރުގަދަ އަދި އެހެން ހަމަ އެހާމެ ދެވިހިފާ ބާވަތް ތަފާތުވެގެން، އެ އަސަރު މީހާއަށް، އިންސާނާއަށް، ކުއްޖާއަށް ކޮށްފައި ހުންނަތަން ނުފެންނަނީ ކަމަށް ބުނުމީވެސް އެކަށީގެންވާ ކަމެއް.

އަޅުގަނޑު އަޞްލުގައި ޙަޤީޤަތުގައި ފާހަގަކުރަން ބޭނުންވާ ނުކުތާއަކީ، މިކަން ނިމޭނޭގޮތެއް އަޅުގަނޑުމެންނަށް މިއުޅެނީ އަދި ނުފެނިގެނޭ. ކިހިނެއްތޯ، މަސްތުވާތަކެތި ބޭނުންކުރާ މިންވަރު އިތުރުތޯވަނީ؟ މަދުތޯވަނީ؟ ރަނގަޅު ގޮތުގައި އަޅުގަނޑުމެންނަށް މިނާލެވޭނޭ މިންގަނޑެއް ހޯދަން އަޅުގަނޑުމެންނަށް މިވަނީ މަޖުބޫރުވެފައި.

ސަރުކާރުގެ މަސްތުވާތަކެއްޗާ ގުޅޭ ޕްރޮގްރާމް ހިންގުމަށްޓަކައި ރާއްޖޭގެ ނައިބު ރައީސް އިސްވެ ހުންނަވާނެ. އަދި ޕްރޮގްރާމްގެ ޑައިރެކްޓަރަކަށް އަޅުގަނޑުމެން މިހާރު ހަމަޖައްސާފައި މިވަނީ، ޝުވޭކާރު. ސަރުކާރުގެ ބޭނުމަކީ، އަމާޒަކީ، ހުރިހާ ދިމާއަކުން މިކަމަށް އެޅެންހުރި ބާރުތައް އަޅައި، ހޯދެން ހުރި މަގުތައް ހޯދައި، އަޅުގަނޑުމެންނަށް ޙައްލު ގެނެވެންހުރި މިންވަރަށް މިކަމަށް ޙައްލުތައް ހޯދުން. މި ވަބާގައި ޖެހިފައި ނުވަތަ މިބަލީގައި ޖެހިފައި، ނުކުޅެދިފައި ތިބި ވަރަށްގިނަ ކުދިންނަކީ، ހަމަ އެންމެ ފުރަތަމަ ހާލުގައި ގައިމުވެސް، 1990ގެ އަހަރުތަކުގައި ވަރަށްގިނަ ކުދިންނަކީ، އަޅުގަނޑުމެން ވަރަށް ގާތުން ދަންނަ ކުދިން. މިތަނުގައި ވާހަކަ ދެއްކި ގިނަ ކުދިންނަކީވެސް އަޅުގަނޑުމެން އެންމެންވެސް ހަމަކަށަވަރުންވެސް އަޅުގަނޑު ވަރަށް ގާތުން ދަންނަ ކުދިން. އެކުދިން މަގު ގެއްލި، ގޯޅިއަޅައިދިޔަ ގޮތް މިއަދު އެކުދިން ކަރުނައާ އެކީގައި އަޅުގަނޑުމެންނަށް އެބަ ކިޔައިދޭ. މީގެކުރީގައިވެސް އެކުދިން އެވާހަކަތައް އަޅުގަނޑުމެންނަށް ކިޔައިދެމުން ގެންދިޔަ. އަޅުގަނޑުމެންނަށް އެބަ އެނގޭ، މިމަގަށް ކުދިން މިދަނީ، އެއްކަމެއް، ދެކަމެއް އޭނާއާ ދިމާވެގެނެއް ނޫންކަން. އެތައް އެތައް ކަމެއް މަތިމައްޗަށް އެއްވެ، ދެން ހަމަ އިޖްތިމާޢީ ރައްކާތެރިކަން މުޅިން ގެއްލިގޮސް، ކުއްޖާއަށް ދެވޭނެ އެހެން ތަނެއް ނެތިގެންކަން.

މާލޭގައި ހަމަގައިމުވެސް، މަސްތުވާތަކެތި މިދިޔަ ބާރުމިނުގައި ފެތުރެމުންދިޔައިރުގައި، މާލޭގެ އެހެން ހުރިހާ އިޖްތިމާޢީ ކަންތައްތައްވެސް ދިޔައީ ޙައްދުން ނައްޓަމުން. ވަރަށްބޮޑު ހާލުގައި ޖެހެމުން. މާލެ ތޮއްޖެހި، މާލޭގައި އުޅޭ މީހުން އިންތިހާއަށް ގިނަވެ، އެކެއް އަނެކަކަށް އެއީ ކާކުކަން ނޭނގި، އަދި ވަރަށްގިނަ ކުދިންތަކެއް މަގުމަތީގައި އުޅެންޖެހި، މިހެންގޮސް އިޖްތިމާޢީ އެތައް ކަމެއް މެދުވެރިވެގެން، އެންމެފަހުން ނުކުތް ނަތީޖާއަކީ، ޒުވާން ޖީލެއް އެކީގައި ހަލާކުވެދިޔުން.

އަޅުގަނޑު ކޮންމެހެންނެއް ނުދަންނަވާނަން، އަޅުގަނޑުމެންނަށް މިކަމުން އެކުއެކަށް، މުޅި ޖުމްލަކޮށް ސަލާމަތްވެވިދާނެ ކަމަކަށް. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، ކުރިއަށް މިއޮތް ދުވަސްތަކުގައި، ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުން ފޮހެލެވިދާނެ ކަމަކަށް. އެއްގޮތަކަށްވެސް އެއީ ކުރެވިދާނެ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ ދެކޭކަށް. އެހެން ނަމަވެސް، މިހާރު މިކަން ހިނގަމުން އަންނަ ރޭޓާއި، އަދި ހިނގަމުން އަންނަ މިންވަރަށް ބަދަލެއް ގެނައުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާންޖެހޭނެ. އަޅުގަނޑުމެން އަބަދުވެސް ދެކެން ޖެހޭނެ، ރަނގަޅު އަމާޒެއް ހޯދާފައި، ކާމިޔާބު ކުރެވޭނެވަރުގެ ކަންކަން އަޅުގަނޑުމެންގެ އަމާޒުގައި ހިމަނާފައި، އެ އަމާޒަށް އަޅުގަނޑުމެން މަސައްކަތްކުރަން. އެ އަމާޒަށް އަޅުގަނޑުމެން ދަތުރުކުރަން.

ޖަރނީއަށާއި އަދިވެސް މިމަސައްކަތުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ވަރަށްގިނަ ފަރާތްތަކަށް، ވީ އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ، ސަރުކާރުގެ އަމާޒު. ހަމައެއާއެކީގައި، ސަރުކާރަށް ކުރަން ޖެހިފައިވާ އެހެން ހުރިހާ ކަންތައްތައް ހިންގުންވެސް އެއީ، ސަރުކާރު ކޮންމެހެން ކުރަންޖެހޭނެ ކަމެއް. މަސްތުވާތަކެތި މަދުކުރުމަށް ކުރާން އޮތް ކަމަކީ، ވަކި މިވެނި އެވެނި ކަމެއް އެކަންޏޭ ބުނެ، އެކަން އެކަނި ކުރުމަށް އަޅުގަނޑުމެން ހުއްޓިގެން ނުވާނެ. އަޅުގަނޑަށް ފެންނަ ފެނުމުގައި، އަދި މިހާރު މިކަމުގެ ތަޖްރިބާތައް ދުނިޔޭގައިވެސް ދައްކާފައި އޮތް ގޮތުގައި، މަސްތުވާތަކެތި ބޭނުންކުރުން، ބާރުގަދަ މަސްތުވާތަކެތި ބޭނުންކުރުން މަދުކުރުމަށްޓަކައި އަޅާންހުރީ އެންމެ ފިޔަވަޅެއް، ދެފިޔަވަޅެއް ނޫން. އަދި އެންމެ ދިމާއެއް، ދެދިމާއެއްގައެއްވެސް ނޫން. ޖުމްލަ ގޮތެއްގައި، އިޖްތިމާޢީ ހުރިހާ ކަންކަމަށް އަޅުގަނޑުމެންނަށް ޙައްލު ހޯދޭތޯ އެބަ ބަލާންޖެހޭ. އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންނަށް އެ ޙައްލުތައް ހޯދޭނެ ކަމަށް. އަޅުގަނޑު ދެކެނީ، މި ރާއްޖޭގައި އެ ޤާބިލިއްޔަތު އެބަހުރިކަމަށް. އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންގެ ޒުވާނުންނަށް މިކަމުން ސަލާމަތްވެވޭނެ ކަމަށް. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ކުރިމަތީގައި މިތަނުން މިފެންނަ ކުދިންތަކަކީ، މިސާލެއްގެ ގޮތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މި ދެވީގައި ޖެހިފައި ތިބި ކުދީން ދެކެންޖެހޭނެ. އަޅުގަނޑުމެން ހަމަ ވަރަށް ރަނގަޅަށް ދަންނަ ކުދިން އެއީ. އެހެންވީމާ، އެކަމުން އެކުދިންނަށް ސަލާމަތްވެވޭ ކަމަށްވަނީވިއްޔާ، އަޅުގަނޑަކަށެއް ނުވިސްނޭ، ރާއްޖޭގެ އެހެން ކުދިންނަށްވެސް މިކަމުން ސަލާމަތް ނުވެވޭންވީ އެއްވެސް ސަބަބެއް.

ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، ހަމައެކަނި ޑްރަގް އެޑިކްޓުން ރީހެބިލިޓޭޓް ކުރުމަށް އެކަންޏެއް ނޫން. އަދި ހަމަ އޭގެއިތުރުން، ރާއްޖެއަށް މަސްތުވާތަކެތި ވަންނަ މިންވަރު މަދުކުރުމަށްޓަކައި. އަޅުގަނޑު މިމަސައްކަތުގައި ފުލުހުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން. މިދިޔަ ދެއަހަރު އަޅުގަނޑުމެން ވަރަށް ގާތުން ބަލަމުން، ފުލުހުންނާ އެކީގައި ވަރަށް ބޮޑަށް، ވަރަށް ބުރަކޮށް މިމަސައްކަތް ކޮށްފި. އޭގެ ނަތީޖާ، އަޅުގަނޑުމެންނަށް ކޮންމެވެސް މިންވަރަކަށް އެބަފެނޭ. އަދި މިދިޔަ އަހަރުގެ ތެރޭގައި، ވިލިނގިލީގައި އިތުރު ޑީޓޮކް ސެންޓަރެއް ޤާއިމްކުރެވި، އެ ސެންޓަރުވެސް މިހާރު އޮންނަނީ ހަމަ އަބަދުމެ ފުރިފައި. ހިންމަފުށީގައި ހުރި ރީހެބިލިޓޭޝަން ސެންޓަރު، އެތަނުގައި އަދި އަޅުގަނޑުމެންނަށް ޖާގަ އެބަހުރި. އަދި އެ ޖާގައިގެ ފުރިހަމަ ބޭނުން ކުރުން އެއީ، ސަރުކާރުގެ ވަރަށްބޮޑު، ވަރަށް އަވަސް ގޮތުގައި ސަރުކާރު ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި އަޅުގަނޑުވެސް ގަބޫލުކުރަން. ހަމަ މިއަހަރުގެ ތެރޭގައި އަދި އިތުރު ދެ ޑީޓޮކް ސެންޓަރު، ރާއްޖޭގެ އުތުރުގަޔާއި ދެކުނުގައި އިރާދަކުރެއްވިއްޔާ، ޤާއިމް ކުރެވޭނެ. އަޅުގަނޑު މިހެން މިދަންނަވަނީ، މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނާފައި ހުރި މަސައްކަތްތަކުގެ ތެރޭގައި، މިދަންނަވާ ދެ ސެންޓަރު ޤާއިމް ކުރުމުގެ ޚަރަދުތައް ހިމެނިފައިވާނެ. އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެންނަށް އެމަސައްކަތް ބާރަށް ގެންގޮސް ކުރެވޭނެ ކަމަށް.

އަޅުގަނޑު ޔަޤީންކޮށް އަރުވަން، ސަރުކާރުން މިކަމުގައި، މި ޖަމްޢިއްޔާއަށާއި އަދި މިކަމުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑުމެންނަށް ވީ އެންމެބޮޑު އެހީތެރިކަމެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން. އަދި ހަމަ އެއާއެކީގައި، އަޅުގަނޑަށް އެނގޭ، ޖަރނީއިން މާބޮޑު ހިތްހަމަޖެހުމެއް، އެބޭފުޅުން އެދޭ މިންވަރަށް، ސަރުކާރަކަށްވެސް އަދި ރައްޔިތުންގެ މަޖިލީހަކަށްވެސް މިމަސައްކަތެއް ކޮށެއް ނުދެވޭ. އަޅުގަނޑު އެދެނީ، އަޅުގަނޑަށް ޔަޤީން، ވަޑައިގެން އެބަތިއްބެވި އެމް.ޑީ.ޕީ.ގެ މެންބަރަކާއި، ޑީ.އާރު.ޕީ. ދެމެންބަރުން. އަޅުގަނޑަށް ޔަޤީން، ތިން މެންބަރުންވެސް އަޅުގަނޑާ އެކީގައި އެއްބަސްވެލައްވާނެ. އަޅުގަނޑުމެން، އޭގެ ކުށް ގަބޫލުކޮށް، އަޅުގަނޑުމެންނަށް މިމަސައްކަތް ކުރެވޭ މިންވަރު މަދުކަމަށްވެސް ދެކި، އަޅުގަނޑުމެންނަށް މިބޭފުޅުންނާއެކީގައި މިއަށްވުރެ ރަނގަޅަށް، މިއަށްވުރެ ބާރަށް މިކަމުގައި ރަނގަޅު ފޯކަސްއެއް ބަހައްޓައިގެން އެކުގައި މަސައްކަތް ކުރެވޭނެކަމާމެދު އަޅުގަނޑެއް ޙަޤީޤަތުގައި ޝައްކެއްނުކުރަން. އަޅުގަނޑަށް ޔަޤީން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށްވެސް، މި ރާއްޖޭގައި މިވަބާ ފެތުރިފައި އޮތް މިންވަރު ވަރަށް ރަނގަޅަށް ސާފުވާނެ. އެއިން ގެއްލުން ލިބެނީކީއެއް ހަމަ އެންމެ މީހަކަށް، ދެމީހަކަށެއް ނޫން. އެއިން ގެއްލުން އެބަ ލިބޭ، އަޅުގަނޑުމެންގެ މުޅި މުޖްތަމަޢަށް.

މިތަނުގައި އަޅުގަނޑުމެންނަށް ދެންމެ ފާހަގަވެގެން ހިނގައްޖެ، ޤާނޫނުގައި ހުރި ފޫނުބެދޭ އެތައް ކަމެއްގެ ވާހަކަވެސް. އަދި ޤާނޫނު ތަންފީޒު ކުރުމުގައި، އެކުލަވައިލެވޭ ގަވާއިދުތަކުގައިވެސް، މިކަމުގައި ފޫނުބެދޭ އެތައް ކަމެއް ހުރި ވާހަކަވެސް. އަޅުގަނޑުމެން އަނެއްކާވެސް ހަމަ ތިޔަބޭފުޅުން އަރިހުގައި ދަންނަވަން އޮތީ، އިރާދަކުރެއްވިއްޔާ މާދަމާއިން ފެށިގެން ހަމަ މިމަސައްކަތުގައި ކެނޑިނޭޅި އަޅުގަނޑުމެން ތިބޭނަމޭ. އަޅުގަނޑުމެންނަށްވީ އެންމެ ފުރިހަމައަކަށް މިމަސައްކަތް އަޅުގަނޑުމެން ކުރަމުން ގެންދާނަމޭ. އަޅުގަނޑު ހަމަގައިމުވެސް މިމަސައްކަތް ކުރަމުން ގެންދަނީކީއެއް، އިތުރު އެހެން އެއްވެސް ބޭނުމަކަށެއް ނޫން. އަޅުގަނޑަށް މިކަން ބޮޑުވެގެން. އަޅުގަނޑުގެ ވަރަށް ގާތް، އަޅުގަނޑު ވަރަށް ރައްޓެހި އަދި އަޅުގަނޑުމެންގެ ޖީލު މިކަމުގައި ގެއްލިދާތީވެ، އެކަމުގައި އަޅުގަނޑު ކުރާ ހިތާމަ، ހަމަ އަމިއްލައަށް، އަމިއްލަ އެދުމާއެކީގައި އަޅުގަނޑު މިކަން ކުރުމުގައި މިމަސައްކަތް މިކުރަނީ. އެއްވެސް ހާލެއްގައި އަޅުގަނޑު މިމަސައްކަތުގައި އުޅެނީކީއެއް އަދި މިކަމުގައި ދައްކާ ވާހަކައެއް ދައްކަނީކީވެސް، ސިޔާސީ އެއްވެސް ފުރްޞަތެއް، އެއްވެސް ބޭނުމެއްގައެއް ނޫން. އަޅުގަނޑުމެންގެ ހަމައެކަނި އަމާޒަކީ، ހަމައެކަނި ބޭނުމަކީ، ޞިއްޙަތު ރަނގަޅު، ޤާބިލު، ކެރޭ، ކުޅަދާނަ ޒުވާން ޖީލެއް ރާއްޖޭގައި އުފެއްދުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!
______________________