بســم اللّـه الرّحمـن الرّحيــم

ދިވެހިރާއްޖޭގެ ފަޚުރުވެރި ޖުމްހޫރީ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ، ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޙާޞިލު ކުރެއްވި ޢިއްޒަތްތެރި ބޭފުޅުން، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ވަޑައިގެން ތިއްބެވި އެންމެހާ މެހްމާނުން. މިބައްދަލުވުން ދުރާއި ގާތުން ބައްލަވައި އަޑުއައްސަވަމުން ގެންދަވާ އެންމެހާ ބޭފުޅުން. السّـلام عليـكم

މިއަދު މި އުފާވެރި ޖަލްސާގައި އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ދެންމެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާޞިލު ކުރެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން. އެބޭފުޅުންގެ ތަޢާރުފުތައް އަޅުގަނޑުމެންނަށް މި ޖަލްސާގައި އިވިގެން ހިނގައްޖެ. އެ ތަޢާރުފުތަކުން އެބޭފުޅުންނަކީ، މިފަދަ ޤައުމީ ޝަރަފެއް ޙައްޤު ބޭފުޅުންކަން ވަރަށް ރަނގަޅަށް ސާބިތުވެގެން ހިނގައްޖެ. މި 6 ބޭފުޅުންގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ ބޭފުޅަކު ހިމެނިވަޑައިގެންނެވިކަން އެއީ، އަޅުގަނޑަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް. މާތޮޑާ މުޙަންމަދު މަނިކަކީ، އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއް. ވަރަށް ހިތްވަރުގަދަ ބޭފުޅެއް. ރާއްޖޭގައި ތިއްބެވި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މުޙަންމަދު މަނިކު އެ ދެއްކެވީ ވަރަށް ރީތި ނަމޫނާއެއް. އެ ދެއްވީ ވަރަށް އަގުހުރި ފިލާވަޅެއް. އަދި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާޞިލު ކުރެއްވި ކޮންމެ ބޭފުޅަކީވެސް، އެބޭފުޅެއްގެ ދާއިރާގައި ދިވެހި ޤައުމަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅުން. އެހެންކަމުން، މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމައެއާއެކު، މިއަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ފަރާތްތަކަށްވެސް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން. މި ހުރިހާ ބޭފުޅުންނަކީވެސް އެބޭފުޅުއްގެ ދާއިރާގައި މުހިންމު ޚިދްމަތްތަކެއް ޤައުމަށާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ވަރަށް ހީވާގި ބޭފުޅުން. އެ ބޭފުޅުންގެ ތެރޭގައި މިފަހަރު، ރާއްޖެއިން ބޭރުގެ ބޭފުޅަކު ހިމެނިވަޑައިގެންނެވި. އާދެ، ޑޮކްޓަރ ޔަގާނެގީ. އިތުރު ތަޢާރުފަކަށް ބޭނުންވާނެ ބޭފުޅެއް ނޫން. ބޭރުގެ ބޭފުޅަކު، ޤައުމީ އިނާމެއް ފުރަތަމަ ފަހަރަށް ހޯއްދެވުމުގެ ޝަރަފު ޔަގާނެގީއަށް ލިބިވަޑައިގަތުމަކީ، އަޅުގަނޑުމެން ދިވެހިން ހެޔޮހިތުން ގަބޫލު ކުރާނެ ކަމެއްކަން ޔަޤީން. މި ފުރުޞަތުގައި، މިއަހަރު ހިތްވަރުގެ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ހުރިހާ ބޭފުޅުން ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ޤައުމަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

ޤައުމީ އިނާމުގެ އެންމެހާ ކަންތައްތައް ކުރިއަށް މިގެންދަވަނީ ޤައުމީ އިނާމާބެހޭ ކޮމިޓީން. މި އިނާމު ދެއްވުމުގައި ބައްލަވަމުން ގެންދަވާ ކަންތައްތަކާއި ހަމަތަކާބެހޭގޮތުން އެ ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޒީ މި ޖަލްސާގައި ވަރަށް ތަފްޞީލުކޮށް ވާހަކަފުޅު ދައްކަވައިފި. އަޅުގަނޑު ދެކޭގޮތުގައި ކޮމިޓީން މިކަން ގެންދަވާފައިވަނީ ވަރަށް ފުރިހަމައަށް. އެކަމަކާ އަޅުގަނޑު އެއްވެސް ޝައްކެއްނުކުރަން. އަޅުގަނޑަށް ޔަގީންކުރެވޭ ކަމަކީ، މީގެކުރިން ސަރުކާރުން އިނާމު ދެއްވަމުން ގެންދެވިއިރު ބެއްލެވި ވަރަށްވުރެ، ތަފާތު އެތައް ގޮތަކުން، މިހާރު މާ ބޮޑަށް ބެލެމުންދާކަން. އެހެންކަމުން ޤައުމީ އިނާމު ކޮމިޓީ، މުޅި އަހަރުގެ ތެރެއަށް ތާވަލްކުރައްވައިގެން ކޮށްދެއްވާފައިވާ ބުރަ މަސައްކަތްޕުޅުތަކަށްޓަކައި އެކޮމިޓީގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށާއި، ސަރުކާރަށް ވަރަށް އިޚްލާޞްތެރިކަމާއެކު ވަރަށް ދިގު މުއްދަތެއް ވަންދެން ޚިދްމަތް ކުރައްވާފައިވާ ބޭފުޅުން، އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބެވި. ޢުމުރުން ދުވަސްވީ އެފަދަ ބޭފުޅުން ކޮށްދެއްވާފައިވާ ޚިދްމަތްތައް އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ. އެ ޚިދްމަތްތަކުގެ މަތިން އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭނެ. މިފަދަ ބޭފުޅުންނަށް އަޅުގަނޑުމެންގެ ތާރީޚީ އާދައަކާ އެއްގޮތަށް ކޮއްޔެއް ލުމަށް ނުވަތަ ޚާއްޞަ ޝަރަފެއް ނުވަތަ ލަޤަބެއް އެރުވުމަށް ސަރުކާރުން މި ގެންދަނީ ވިސްނަމުން. އެކަމުގެ މިންގަނޑުތަކެއް އެކަށައެޅުއްވުމުގެ މަސައްކަތް ޤައުމީ އިނާމު ކޮމިޓީގެ މެންބަރުންނާ އަޅުގަނޑު މިހާރުވާނީ ހަވާލުކޮށްފައި.

ބަޔާޅީސް ވަނަ ޖުމްހޫރީ ދުވަސް އަޅުގަނޑުމެން ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ނަޒަރުތައް އަމާޒުކޮށްލެވެނީ، އެ ޤައުމެއް ޖުމްހޫރިއްޔަތެއްގެ ގޮތުގައި ދެމިއޮވެ ކުރިއެރުމުގައި ޙިއްޞާ ކުރެވޭ އަގުހުރި ޤައުމީ ޚިދްމަތް ތަކަށްކަން ޔަޤީން. ޤައުމީ ޚިދްމަތްތެރިން އަޅުގަނޑުމެން ފާހަގަކުރާއިރު، އަޅުގަނޑުމެންގެ މި ޖުމްހޫރިއްޔާ މިހާތަނަށް ދެމިއޮވެ، ކުރިއެރުމުގެ އިސް ސަފުގައި، އެހެން ޤައުމުތަކެކޭ އެއްފަދައިން، މި ޤައުމުގެ ޚިދްމަތްތެރި ސަލާމަތީ ބާރުތައް ހިމެނޭނެކަމީ، އެކަމުގައި ޝައްކެއް އެކުލެވޭ ކަމެއް ނޫން. އެހެންކަމުން، މި ރާއްޖޭގެ ޤައުމާއި ދީނުގެ ދިފާޢުގައި ފަނޑުނުވާނޭ ޚިދްމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އެންމެހާ ދިވެހީންނަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އަރިސްކުރަން. ޚާއްޞަ ގޮތެއްގައި، މި ޖުމްހޫރިއްޔާ، އަދި މި ޤައުމާއި އަޅުގަނޑުމެންގެ ދީނަށްޓަކައި އެންމެ މަތިވެރި އަގު ކަމުގައިވާ ފުރާނައިގެ މަތިވެރި އަގު އަދާކުރައްވާފައިވާ ފަރާތްތަކުގެ ފަނޑުނުވާނޭ ޒިކުރާ މިއަދު އާކޮށް، ތަހުނިޔާއާއި މުބާރަކްބާދީ ތަކުރާރުކޮށް، އެބޭފުޅުންނަށް އެންމެ މަތިވެރި ނިޢުމަތާއި ބަރަކާތް ލެއްވުން އެދި އަޅުގަނޑު ދުޢާ ކުރަން.

މިއަދަކީ، މިއަހަރުގެ ޖުމްހޫރީ ދުވަހަކީ، އަޅުގަނޑުމެން ރާއްޖޭގެ ވެރިކަމާ ހަވާލުވިތާ 2 އަހަރު ފުރުނު ދުވަސް. 2 އަހަރު ފުރުނުއިރު، މިއަދު އަޅުގަނޑުމެންގެ ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިމިވާ ފުރިހަމަ މިނިވަންކަމުގެ ޙަޤީޤަތަކީ، ރާއްޖޭގެ ވެރިކަމަށް ދިވެހި ރައްޔިތުން ގެނެސްފައިމިވާ ބަދަލު. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ މިޞްރާބަށް މި ރާއްޖޭގެ ޖުމްހޫރީ އޮޑި މިއަދު ދުވަމުން މިދަނީ، މި ރާއްޖޭގެ ކެރޭ ދިވެހި ރައްޔިތުންތަކެއް ކުރެއްވި ބުރަ އަދި ތެދުވެރި މަސައްކަތްތަކުގެ ސަބަބުން. ޚިޔާލުފާޅުކުރުމާއި، މުޒާހަރާ ކުރުމާއި އެއްވެ އުޅުމުގެ ފުރިހަމަ މިނިވަންކަން މިއަދު ލިބިފައިމިވަނީ، މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކުވީ މަތިވެރި ޤުރްބާނީތަކުގެ ސަބަބުން. އެ ބަދަލު ދިވެހިން ގެނައީ، މާރާމާރީއާއި ލޭއޮހޮރުވުން މެދުވެރިވިޔަނުދީ ސުލްހަވެރިކަމާއެކު ހިންގި ސިޔާސީ ޙަރަކާތްތަކުން.

ވޭތުވި ދެއަހަރުތެރޭ އަޅުގަނޑުމެންނަށް ފެނިގެން އައި އެންމެ އުންމީދީ އަދި މުހިންމު ކަންތައްތައް ތަކުގެ ތެރޭގައި، ދައުލަތުގެ ބާރުތައް ފުރާފުރިހަމަވެ، ހިނގަންވާ މަގުތަކުން ހިނގައިގަތުމުގެ އުފާވެރި މަންޒަރުތައް ހިމެނޭ. އާ ޤާނޫނުއަސާސީ ބަޔާންކުރާ މޭރުމުން، ޢަދުލު އިންޞާފުގެ ނިޒާމު އެކަށައެޅި، ސުޕްރީމް ކޯޓާއި، ޖުޑީޝަލް ކައުންސިލާއި، ކޮމިޝަންތަކުގައި ޤާނޫނީ އެކިބޭފުޅުންގެ ޙިއްޞާ ނުހަނު އަގުހުރި ގޮތުގައި މިޤައުމުގެ ހެވަތާއި ލާބައަށް ލިބެވެމުންދާން ފަށައިފި ކަމުގެ ހަމަޖެހުން އަޅުގަނޑުމެނަށް މިއަހަރުތެރޭ ފެނުނު. އެހެންކަމުން ޤާނޫނުހަދާ މަޖިލީހުގެ ޢިއްޒަތްތެރި އެންމެހާ މެންބަރުންނަށާއި، ޢަދުލު އިންޞާފާއި ޤާނޫނުގެ ދާއިރާގައި މަސައްކަތްޕުޅު ކުރައްވާ އެންމެހާ ޢިއްޒަތްތެރިންނަށް، މިޖުމްހޫރީ ދުވަހު އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރަކާއި ތަހުނިޔާ އަރިސް ކުރަން.

ވޭތުވި ދެއަހަރު ދުވަހުގެތެރޭ އަޅުގަނޑުމެންނަށް ހޯދިފައިވާ ނިސްބަތުން ގިނަ ކާމިޔާބީތައް، އޭގެ ކުރީގެ އެތަކެއް އަހަރަކާ ނުބައްދަލު. ޒަމާނުއްސުރެ އަށަގެންފައިވާ ނުރަނގަޅު އާދަތަކާއި، ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނެގުމުގެ އާދަތައް ފޮހެލުމަކީ، އެންމެ ދެއަހަރުން ކުރެވޭނެ ކަމެއް ނޫން. އެހެންކަމާއެކުވެސް، މިހާރު މި ރާއްޖޭގައި ފައްކާވަމުން މިދަނީ، ވެރިކަމުގެ ފަރާތުން އަނިޔާވެރިނުވާ، އޯގާވެރި، ހެޔޮވެރިކަމުގެ ނިޒާމެއް. އަދި މިއީ ވެރިކަމުގެ ފަރާތުން ބަދަލު ހިފުމުގެ ރޫޙު ދޫކޮށްލާފައިވާ ޒަމާނެއް. މި ޤައުމުގައި މިހާރު އަށަގަންނަމުން މިދަނީ، އިންސާނީ ޤަދަރާއި ކަރާމާތް، ވެރިކަމުގެ ފަރާތުން ހިފަހައްޓައިދޭ ރީތި އާދަތަކެއް. ހަމައެހެންމެ، އާލާވަމުން މިދަނީ ތިންބާރު ވަކިވެފައިވާ ޑިމޮކްރަސީގެ ތަހުޒީބު މިސާލުތައް. ހިނގައިމިދިޔަ ދެއަހަރުތެރޭވެސް، ދިވެހި ލޮބުވެތި ރައްޔިތުން ދެކެވަޑައިގަންނަވާނެ، މި ސަރުކާރުގެ އެންމެ އިސް އަހަންމިއްޔަތު އަމާޒުވާ ޙަޤީޤީ ބޮޑު މަޝްރޫޢަކީ، ރައްޔިތުންގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓުމާއި ދެމެހެއްޓުން.

މިއަދު އަޅުގަނޑު އުފަލާއި ފަޚްރުވެރިކަމާއެކު ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން އޮތީ، ތިޔަބޭފުޅުންގެ އުންމީދުތަކުގައި، ތިޔަބޭފުޅުން ބޭނުންފުޅުވިވަޑައިގެންނެވި ކުލަތައް މިވަނީ ކާމިޔާބުކަމާއެކު ހާމަވާން ފަށާފައޭ. މިހެން މިދަންނަވާލީ، މިނެ ވަޒަންކޮށް ބެލެވެންހުރި ހިސާބު ކިތާބާއި، ޙަޤީޤަތުގެ މައްޗަށް ބިނާކޮށް.

ސަރުކާރުގެ އަމާޒުތައް ކަނޑައެޅިފައި މިވަނީ އިންތިޚާބީ ވަޢުދުތަކުގެ މައްޗަށް. ތަފާތު 28 ސިޔާސަތެއްގެ ތެރެއިން މައިގަނޑު ފަސް ވަޢުދެއް ކަނޑައެޅި ބަޔާންކުރެވިގެން. އަޅުގަނޑު ދެންމެ މިދަންނަވާލި އުފާވެރިކަމުގެ ސަބަބުތައް ގުޅިފައިވޭ، މަތިވެރި މާތް އިރާދަފުޅާއި، ކާމިޔާބުކަމާއެކު މި ސަރުކާރުގެ ވަޢުދުތައް އެކަށީގެންވާ ހަލުވިމިނުގައި ފުއްދެމުންދާ ކަމުގެ ޙަޤީޤަތާ. މިޙަޤީޤަތްތަކުގެ މައްޗަށް ބަލައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ހޯދިފައިވާ ކާމިޔާބީތައް، އޭގެ ކުރީގެ އެތައް ދިހަ އަހަރަކާ ނިސްބަތް ކުރެވޭއިރު، އެތައް ގުނައެއް އިތުރޭ، ބޮޑޭ، މޮޅޭ، އަދި ފުރިހަމައޭ.

ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމުގެ ވަޢުދުގެ ޢަމަލީ ތަރައްޤީތައް ރާއްޖޭގެ އެކިހިސާބުތަކުގައި އެދަނީ ފެތުރެމުން. ރާއްޖޭގެ ރަށްތައް ގުޅާލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މި ޚިދްމަތް މިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ތަޢާރުފު ކުރެވިފައި. މުދަލާއި ޚިދުމަތާއި ފަސިންޖަރުން ފަސޭހަކަމާއެކު އެއްތަނުން އަނެއް ތަނަށް ބަދަލުވަމުން ދާކަމުގެ ކުރިއެރުންތައް އެތަކެއް އެހެން ދާއިރާ އަށް އެދަނީ ފޯރަމުން.

މި ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދު ކުރުމުގެ މަސައްކަތުގައި ފާހަގަކުރެވޭ ކުރިއެރުންތައްދަނީ ހޯދެމުން. މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތްތައް ގުޅިފައި ހުރީ، އެތައް ދިހަ ސިޔާސަތާއި މަޝްރޫޢަކާއި، ހަމަ އެހާމެ ތަފާތު އެތަކެއް އިދާރާއަކާ. ދިވެހި ފުލުހުންނާއި ސަލާމަތީ ބާރުތަކާއި، ކަސްޓަމާއި އިމިގްރޭޝަނުން ކެނޑިނޭޅި ކުރައްވާ މަސައްކަތްޕުޅުތަކުގެ އިތުރުން، ޞިއްޙަތާއި ތަޢްލީމާބެހޭ ވުޒާރާފަދަ ތަންތަނުގެ ސިޔާސަތުތައްވެސް ގުޅިފައި ހުރީ ހަމަ އެމަސައްކަތާ. ބެލެވެންހުރި ވަސީލަތްތައް މެދުވެރިކޮށް އެނގެން އޮތް ޙަޤީޤަތަކީ، މަސްތުވާތަކެތީގެ ބޭނުން އަލަށް ފަށާ ނިސްބަތް ސައްތައަކުން ފަސްދޮޅަހާ ގާތްކުރާ ނިސްބަތަކުން ދަށްކުރެވިފައިވާކަމާއި، އެ ނޭދެވޭ އާދައަށް ދެވިހިފާފައިވާ ދިވެހި އެތަކެއް ދަރިންނަށް އެކަށޭނަ ފަރުވާ ލިބި، މުޖްތަމަޢުގައި ރިވެތި ދިރިއުޅުމަކަށް އިޢާދަވުމުގެ ފުރްޞަތުތައް ފަހިވަމުންދާކަން.

މި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ކުރިއަރައި ދިއުމުގައި، ވަށާޖެހޭ ތަޢުލީމާއި މަތީ ތަޢުލީމުގެ ތަފާތު ކުރިއެރުންތައް އަޅުގަނޑުމެންނަށް މިދަނީ ހޯދެމުން. އޯލެވެލް އާއި އޭ ލެވެލްގެ މާއްދާތަކުން ދަރިވަރުން ފާސްވާ ނިސްބަތްވަނީ މަތިކުރެވިފައި.

އަތްފޯރާއަގުގައި ބޯހިޔާވަހިކަން ފޯރުވައިދިނުމުގެ ވަޢުދުގެ ޢަމަލީ މަސައްކަތްތައް ސަރުކާރުން އުންމީދުކުރި އަވަސްމިނަށްވުރެ ކުޑަތަންކޮޅެއް ފަސްވެފައިވީނަމަވެސް، ތާވަލު ކުރެވިފައިވާ ލަނޑުދަނޑިތައް މިދަނީ ޙާޞިލުވަމުން. ޕްރޮވިންސްތަކުގައި ޖުމްލަ 125 ހައުސިންގ ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ދަނީ ހިނގަމުން. މީގެއިތުރުން، ބޯހިޔާވަހިކަމުގެ ވަޢުދުގެ ތެރެއިން މާލޭގައި ޢިމާރާތް ކުރެވޭ 350 ހައުސިންގ ޔުނިޓުގެ މަސައްކަތް އިއްޔެ މިވަނީ ފެށިފައި. އަދި ހުޅުމާލޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 1000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަދު ހަވީރު ފަށާނަން.

މިދެންނެވި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ފެށިފައިވާއިރު، މާލޭގައި އިތުރަށް ޢިމާރާތް ކުރެވޭ ފްލެޓްތައް 2011 ވަނަ އަހަރު ޢިމާރާތްކުރެވޭނީ މައްޗަންގޯޅި އުތުރުގައާއި، އެ އަވަށު ދެކުނުގައި. އަދި މާފަންނު ހުޅަނގު ދެކުނުގައާއި، މާފަންނު އުތުރުގައާއި އަދި ހަމަ އެހެންމެ ހެންވޭރު ދެކުނުގައި. އަދި ޕްރޮވިންސްތަކުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 7000 ހައުސިން ޔުނިޓްގެ ތެރެއިން މަދުވެގެން 1500 ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް 2011ގައި ފެށޭނެ.

ސަރުކާރުން ރާވާފައިމިވަނީ ރާއްޖޭގައި ގެދޮރުތަކެއް އުފައްދައި ދިރުވަން. ސަބަބަކީ ގެދޮރެއް ނުވާނަމަ އެ މުޖްތަމަޢަކާއި، އެ ރަށަކާއި، އަދި އެ ޤައުމެއްގައިވެސް ދިރުމެއް ނުވާނެ. އަޅުގަނޑުމެން ހޯދާންމިދަނީ ދިރުންހުރި ދިވެހި މުޖްތަމަޢެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ދިވެހިރާއްޖެ މިއީ ފިސާރި ދިރުންހުރި ޤައުމަކަށް ހެދުމަށް. އެއީ މުޅިން އެހެން ޤައުމެއް. އެއީ މިދަންނަވާ އަނެއް ދިވެހިރާއްޖެ.

ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުމުގެ ވަޢުދަކީވެސް، މި ސަރުކާރުގެ މުހިންމު ވަޢުދެއް. މި ރާއްޖޭގެ އާބާދީގެ ކޮންމެ ފަސް މީހަކުން އެކަކަށް މަދަނައިގެ ޚިދްމަތް މިހާރުވަނީ ފޯރުވައިދެވިފައި. ހަމައެއާއެކު، އިޖްތިމާޢީ ރައްކާތެރިކަމުގެ ނުވަތަ އޯގާވެރި ދައުލަތުގެ ޕްރޮގްރާމްތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މިހާރު ދަނީ ހިންގެމުން.

ޖުމްހޫރީ އާ ސަރުކާރަށް ދެ އަހަރު ފުރޭއިރު، އަޅުގަނޑުމެންގެ ނަޒަރު މިދުވަސްކޮޅު ބަހައްޓަންޖެހޭ މުހިންމު މިޞްރާބަކީ، 2011 ވަނަ އަހަރަށް ސަރުކާރުން ކަނޑައަޅާ ބަޖެޓްގެ އަމާޒުތައް. 2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ކެޕިޓަލް ޚަރަދުގެ ގޮތުގައި ރައްޔިތުންނަށް ފޯރުވައިދިނުމަށް ކަނޑައެޅިފައިވާ މުހިންމު ޕްރޮގްރާމްތައް މިހާރުވެސް މިވަނީ ފެށިފައި. އޭގެތެރޭގައި، އިޖްތިމާޢީ ރައްކާތެރިކަމާއި އޯގާވެރި ދައުލަތެއް ރައްޔިތުންނަށް ފޯރުވައިދިނުމާއި، ނަތީޖާ ނެރެވޭ ހެޔޮވެރިކަން ކުރިއެރުވުމުގެ ޕްރޮގްރާމަކާއި، އިޢާދަކުރެވޭ ހަކަތަ އުފައްދަން ފެށުމުގެ ޕްރޮގްރާމަކާއި، ރައްޔިތުން ބިންވެރި ކުރުމުގެ ޕްރޮގްރާމަކާއި، ބަނދަރުމަތީ ބާޒާރު ތަރައްޤީ ކުރުމުގެ ޕްރޮގްރާމަކާއި، ރަށްވެހި ތަރައްޤީގެ އެކި ޕްރޮގްރާމް، މިއަހަރު ފަހުކޮޅު ސަރުކާރުން ފަށްޓާފައި އެވަނީ، 2011 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނޭ މަޝްރޫޢުތަކަށް އަމާޒުކުރެވިގެން.

އެކަންކަން ކާމިޔާބު ކުރުމަށްޓަކައި، ދިވެހި ޤައުމާއި ދިވެހި ޖުމްހޫރިއްޔާގެ ކުރިއެރުމަށްޓަކައި، މިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި އެންމެހާ މެންބަރުންގެ ތާއީދާއި އެއްބާރުލެއްވުން ސަރުކާރަށް ދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ބަޖެޓް ރިޢާޔަތް ކުރައްވާއިރު، ރަށްވެހި ތަރައްޤީއަށާއި ދިރިއުޅުމުގެ ފަސޭހަތަކަށް މިރާއްޖޭގެ ރައްޔިތުން ކުރައްވާ އުންމީދުތަކާ މިދެންނެވި މަޝްރޫޢުތަކާ ގުޅިފައިވާ މިންވަރު ފާހަގަކުރައްވާނެ ކަމަށް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އަބަދުވެސް އޮވޭ. 2011 ވަނަ އަހަރު ރާއްޖޭގެ ކަންކޮޅުތަކުގައި ހިންގުމަށް ރޭވިފައިވާ މިދެންނެވި ޕްރޮގްރާމްތަކުގެ މައްޗަށް ބިނާކުރެވިފައިވާ މަޝްރޫޢުތަކަކީ، ރަށްވެހި ތަރައްޤީގެ ޚަރަދުތައް އެއީ، ދައުލަތުގެ ބަޖެޓަށް ބުރަނުވެ، އެކަންކަމުގެ ފައިދާ ނިސްބަތުން އަވަހަށް ރައްޔިތުންނާ ހަމައަށް ފޯރާނެ މަޝްރޫޢުތަކެއް. އެކަންކަން އަޅުގަނޑުމެން ޙާޞިލުކުރާނީ، ވީހާ ފުޅާ ދާއިރާއެއްގައި އަމިއްލަ ފަރާތްތަކުން މި މަޝްރޫޢުތަކުގައި ޝާމިލުވެވޭނެ ފުރްޞަތުތައް ހުޅުވާލައިގެން. ފާއިތުވި ދެ އަހަރު މިދެންނެވި އަމިއްލަ ފަރާތްތަކާއި ސަރުކާރާ ގުޅިގެން ކަންކަން ހިންގުމުގެ ސިޔާސަތު ވަނީ ގިނަގުނަ ކުރިއެރުންތައް ހޯދާފައި.

ރަށްވެހި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި އަމިއްލަ ފަރާތްތަކުގެ ސީދާ ޙިއްޞާ ނުވަތަ އިންވެސްޓްމަންޓް، ވާދަވެރި އުޞޫލާ ގުޅޭ ހަމަތަކުގެ މަތިން ސަރުކާރުން ވަނީ ބައިވެރިކޮށްފައި. މިހެންހުރި ސީދާ އިންވެސްޓްމަންޓްތައް ގުޅިފައި ހުރީ ރާއްޖޭގެ އެކި ސަރަޙައްދުގައި ބިނާކުރަން ފެށޭނެ ދޮޅުހާހަށްވުރެ ގިނަ ގެދޮރާއި، މިރާއްޖޭގެ ވައިގެ ބަނދަރުތައް ތަރައްޤީ ކުރުމާއި، ދަތުރުފަތުރުގެ ނިޒާމު ކުރިއެރުވުމަށާއި، މާލޭގެ ލޯކަލް މާރުކޭޓް ޢިމާރާތް ކުރުމާ، މިފަދަ މުހިންމު މަސައްކަތްތަކަށް.

ފާއިތުވި 2 އަހަރު މި ރާއްޖޭގައި ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުތަކުގެ ތެރެއިން 27 ރަށެއްގެ ބަނދަރު ވަނީ ހަދައި ނިމިފައި. އަދި 14 ރަށެއްގެ ބަނދަރުގެ މަސައްކަތް ހިނގަމުން އެބަދޭ. އެތައް ރަށެއްގެ ބަނދަރު ޑިޒައިން ކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައި. އަދި 33 ރަށެއްގެ ބަނދަރުގެ މަސައްކަތް ބީލަމަށް ހުޅުވާލެވި، އޭގެތެރެއިން 10 ރަށެއްގެ ބީލަން ވަނީ ލިބިފައި. ހަގީގަތުގައި މިދަންނަވާ އަދަދު މިއަންނަ ހަފްތާގައި މިއަށްވުރެ އިތުރުވެދާނެ. ސަބަބަކީ މިމަސައްކަތްތައް ހިނގަމުން ދާލެއް ބާރުކަން.

މިކަންތައްތައް ކުރިއަރައިދާތީ، ޖުމްލަކޮށް ދަންނަވާލެވެން އޮތީ، ޖުމްހޫރީ އާ ސަރުކާރުން މި ދައުލަތުގެ ބަހާތައް ވަރުގަދަ ކުރުމަށް ފަށާފައިވާ އެކި މަސައްކަތް، މާތް އިރާދަފުޅާއެކު މިދަނީ ކާމިޔާބުވަމުންނޭ. މި ރާއްޖޭގެ ޖުމްހޫރީ ދައުލަތް ވަރުގަދަވެ، ސަރުކާރުގެ މަސައްކަތްތަކުގެ ޖުމްލަ ނަތީޖާ، އޭގެ އެންމެ ހެޔޮ ގޮތުގައި އަޅުގަނޑުމެންނަށް ލިބޭނީ، ދައުލަތުގެ އެހެން މުއައްސަސާތަކުންނާއި އަދި ޢާންމުކޮށް ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުން ވަރަށް އިޚްލާޞްތެރިކަމާއެކު، މި ޤައުމުގެ ހެވާއި ލާބަ އިސްކުރައްވައިގެން. މިއަދު ފެންނަމުންއެދާ ޗާލޫވި ރިވެތި މަންޒަރުތަކާއި، އުޖާލާވި ހިތްގައިމު ކުލަތައް ގުޅިފައި ހުރީ، ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންގެ ވިސްނުންތެރިކަމާއި ކެތްތެރިކަމާއި އަދި ވަކިން ޚާއްޞަ ގޮތެއްގައި، ދިވެހި އެންމެހާ ރައްޔިތުންގެ ވިންދުތަކާ ގުޅިފައިވާ ވަރުގަދަ ޤައުމީ ލޯތްބާކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.

މިއަދު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިތުރަށް ދަންނަވާލަން އަޅުގަނޑު ބޭނުންވާ ނުކުތާތަކެއް އެބައޮތް. އަޅުގަނޑު، މިރާއްޖޭގެ ޖުމްހޫރިއްޔާގެ ވެރިކަން ހިންގަމުން މިގެންދަނީ މީގެކުރީގެ އެއްވެސް ޒަމާނެއްގައި ދިވެހި ވެރިން މިކަންކޮށްފައި އޮތްގޮތަކަށްނޫން. އަޅުގަނޑެއް ވެރިކަމުގެ އާރާއިބާރު އޭގެ ނުހަމަގޮތުގައި ބޭނުމެއް ނުކުރަން. ނުވެސް ކުރާނަން. ވެރިކަމުން ހޯދޭނެ ނާޖާއިޒް ފައިދާއެއް އަޅުގަނޑު ނުނަގާނަން. އަދި މިއަދު ދަންނަވަން ބޭނުން، އަޅުގަނޑު، މިވެރިކަމަކީ އަޅުގަނޑުގެ ދަރިދަރިކޮޅަށް ދެމިގެންދާނެ ތަރިކަ މުދަލަކަށް ހަދާކަށް ނުއުޅޭނަން. އަޅުގަނޑުގެ އޮތީ އެންމެ އަމާޒެއް. އެއީ، އަނެއް ދިވެހިރާއްޖެ. ދިވެހިންނަށް އެހެންގޮތެއް ހޯދައިދިނުމަށް މަސައްކަތް ކުރުން. އަޅުގަނޑުމެންނަށް، މިއަށްވުރެ ތަނަވަސް، އުފާވެރި، ދިރިއުޅުމެއް ހޯދުން. އަޅުގަނޑުގެ އަމާޒަކީ މިރާއްޖެ ތަރައްޤީކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަން.

މިކަން އަޅުގަނޑު ކުރުމަށްޓަކައި، ތިޔަބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދޭ ވަރަށް މުހިންމުކަމެއް އެބައޮތް. އެއީ، އަޅުގަނޑަށް އިތުބާރު ކުރެއްވުން. އަޅުގަނޑެއް ތިޔަބޭފުޅުންނަކަށް ދެރަގޮތެއް ނުހަދާނަން. ރާއްޖޭގެ ގިނަބަޔަކު އަޅުގަނޑު ދަންނާނީއަކީ މިއަދަކުނޫން. ޚާއްޞަކޮށް މި މާލޭގައި ދިރިއުޅުއްވާ ރައްޔިތުން. ތިޔަބޭފުޅުން އަޅުގަނޑު ދެނެވަޑައިގަންނަވާތާ ކިތަންމެ ދުވަހެއް ވެދާނެ. މިހާތަނަށް އޮތް އަޅުގަނޑުގެ ރިޕޯޓް ކާޑު ބައްލަވާ. އަޅުގަނޑު ފަހަތަށްޖެހިފައެއް ނުވާނެ. ހިތްވަރުދެރަކޮށްފައެއް ނުވާނެ. އަދި ވަކީން، ދުވަހަކުވެސް، ގޮތްހުސްވެގެން އުޅެފައެއް ނުވާނެ. ތިޔަބޭފުޅުންނަށް ދެރަކޮށް ކަންކޮށްފައެއްވެސް ނުވާނެ. ކުރިއަށް އޮތްތާނގައިވެސް އަޅުގަނޑު ހުންނާނީ މިގޮތަށް.

އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި ފަހި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!
______________________