بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، މިއަދު ޢީދު ދުވަހު މަންދޫ ހުރިހާ ރައްޔިތުންނަށާއި އަދި ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އަދި މި ޙައްޖު މޫސުމުގެ މަތިވެރި އަޅުކަންކުރުމުގައި މައްކާގަޔާއި މަދީނާގައި ތިއްބެވި ރާއްޖޭގެ ހުރިހާ ޙައްޖާޖީންނަށާއި އަދިވެސް އިސްލާމީ އުންމަތުގެ އެންމެހާ އިސްލާމުންނަށް އަޅުގަނޑު، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޢީދުގެ ހެޔޮދުޢާ ތަހުނިޔާތައް ރައްދުކުރަން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑެއް މީގެކުރިއަކު މަންދުއަކަށް ނާންނަން. އަޅުގަނޑަށް އޮތީ މިކަން ނުވެފައި. އެހެން ނަމަވެސް، މި ޢީދާ ގުޅިގެން އަޅުގަނޑު މަންދުއަށް އާދެވޭގޮތަކަށް ނޫންގޮތަކަށް ޢީދުގެ ކަންތައް ހަމަނުޖެއްސުމަށް ފިކުރުކޮށް ހުންނަތާ ދުވަސްކޮޅެއްވެއްޖެ. އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ނަޞީބެއް އެއީ، މި ޢީދުގައި ތިޔަބޭފުޅުންނާއެކީގައި ޢީދު ނަމާދުކޮށް އަދި ތިޔަބޭފުޅުންނާ ސަލާމް ގަލާންކޮށް، ތިޔަބޭފުޅުންގެ ޙާލު ބަލާލައި ހަދާލެވުންކަން.

މަންދުއަކީ ރާއްޖޭގައި އެކަހެރިފުށި، ވަކިވެފައި އޮތް ރަށްތަކުގެ ތެރެއިން ރަށެއް. އެހެން ނަމަވެސް، އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ އެއްޙަޤީޤަތަކީ، މިދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެއްކަން. މި ޤައުމުގައި ދިރިއުޅެމުންދަނީ، ކުދި ރަށްރަށުގަޔާއި އަދި ބޮޑެތި ރަށްރަށުގައި. ބައެއްފަހަރަށް ވަރަށްމަދު މީސްކޮޅެއް، ބައެއް ރަށްރަށުގައި. އަނެއްބައި ރަށްރަށުގައި ގިނަ ޢަދަދަކަށް މީހުން. އެތަންމިތަނުގައި އަޅުގަނޑުމެންގެ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައްޔިތުން ދިރިއުޅެމުން އެބަގެންދޭ. އަޅުގަނޑުމެންގެ އަމާޒަކީ، ސަރުކާރުގެ ބޭނުމަކީ، ރާއްޖޭގެ ރައްޔިތުންނަށް މިއަދަށްވުރެ ރަނގަޅު ގޮތެއް ހޯދައިދެވޭތޯ މަސައްކަތް ކުރުން. އަޅުގަނޑުމެން އަބަދުވެސް ކުރާ މަސައްކަތަކީ މިދެންނެވީ. މި ސަރުކާރުގެ އޮތީ އެންމެ ބޭނުމެއް. އެއީ ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުން. އަޅުގަނޑު ކެނޑިނޭޅި އެމަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ތިޔަބޭފުޅުންނަށް އަރުވަން ބޭނުން. އަޅުގަނޑެއް ހުއްޓާލައެއް ނުހުންނާނަން. އަޅުގަނޑެއް ވަރުބަލިވެގެނެއް މަޑެއް ނުކުރާނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑެއް ފަހަތަކަށްވެސް ނުޖެހޭނަން. އަޅުގަނޑުމެން މި އެދޭ ތަރައްޤީ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ލިބޭނެ.

އަޅުގަނޑަށް މިރަށާ ގުޅޭގޮތުން ވަރަށްގިނަ މަޢްލޫމާތު ލިބިއްޖެ. މީގެކުރީގައިވެސް އަޅުގަނޑު އައީ މިރަށާ ގުޅޭ ކިތަންމެ މަޢްލޫމާތެއް ހޯދަމުން. ތިޔަބޭފުޅުންގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ތަކުރާރުކޮށް އަޅުގަނޑަށް ކަންކަން ފާހަގަކޮށްދެއްވާ. އެހެންވީމާ، އެއްވެސް އިރެއްގައި، އިރާދަކުރައްވައިގެން، ތިޔަބޭފުޅުންގެ ކަންކަމާ ގުޅޭގޮތުން އަޅުގަނޑުމެންގެ ނަޒަރު ގެއްލޭގޮތް މުޅިއަކުން ވެފައެއްނެތް. އެހެން ނަމަވެސް، އަޅުގަނޑުވެސް ގަބޫލުކުރަން. އަޅުގަނޑުމެން ހިތް އެދޭ މިންވަރަށް މިރަށްރަށާ، އަޅުގަނޑުމެން ބޭނުންވާ މިންވަރަށް މިރަށްރަށާ އަޅުގަނޑުމެންނަށް މިވަނީ އަޅާނުލެވިފައި.

އެހެން ނަމަވެސް، މިފަހަރުގެ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރުގައި، މިރަށަށް ކުރާންއޮތް ޚަރަދާއި، ކުރެވޭން އޮތް ޚަރަދާ، މިކަންކަން ވަރަށްގިނަ، ވަރަށްބޮޑުތަނުން ކުރީ އަހަރުތަކާ އަޅާބަލާއިރު އިތުރުވާނެ. މިފަހަރު އަޅުގަނޑު މިއައީ ބަޖެޓް ހެދުމުގެ މަސައްކަތުގައި އުޅެފައި. އަޅުގަނޑު މިރަށަށް އައުމުގެ ކުރީގައި، އަޅުގަނޑަށް މިދިޔަ އަހރު ދުވަހުގެ ތެރޭގައި، މިރަށާ ގުޅޭގޮތުން ލިބިފައި ހުރި ހުރިހާ މަޢްލޫމާތެއް، ޝަކުވާއެއް އަޅުގަނޑު ބެލިން. އަޅުގަނޑު އޮޅުންފިލުވިން. އަޅުގަނޑު އުންމީދު ކުރަނީ، މިއަހަރުގެ ބަޖެޓުން އަޅުގަނޑުމެން ބޭނުންވާ ހުރިހާ ކަންކަން. އަޅުގަނޑަށް އެނގޭ، ހެލްތް ސެންޓަރުގެ ކަންތަކަކީ މިރަށުގައި ބޮޑު ކަމެއް. އަޅުގަނޑަށް އެނގޭ، މަދްރަސާގެ ކިޔެވުމުގެ ކަންތައް އެއީ މިރަށުގައި ބޮޑުކަމެއް. އަޅުގަނޑަށް އެނގޭ، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް، ރަށުގައި ތިބެގެން ވަޒީފާ އަދާކުރާނެ ފުރްޞަތު ލިބުމަކީ، ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑުމެންނަށް މިކަންކަންވަނީ ފާހަގަވެފައި.

ސަރުކާރުން މިގެންދަނީ، މިކަންކަމާ ގުޅޭގޮތުން ޙައްލުތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން. މިދެންނެވިހެން މިފަހަރުގެ ބަޖެޓް ތަފާތުވާނެ. އެއީ ޕްރޮގްރާމް ބަޖެޓެއް. އޭގައިވާނީ ތަފާތު ޕްރޮގްރާމްތައް. އެހެންވީމާ، މިރަށްރަށާ ކުރިއަށްވުރެ މާ ފުރިހަމަގޮތުގައި އަޅާލެވޭނޭ ފުރްޞަތުތައް، އިރާދަކުރެއްވިއްޔާ، މިފަހަރުގެ ބަޖެޓްގައި ފަހިވެފައި އޮންނާނެ.

އަޅުގަނޑު މާގިނަ ވާހަކައެއް ދައްކާކަށްވެސް ނޫން. އަޅުގަނޑަށް ވަރަށް ހިތްފަސޭހަވެއްޖެ. އަޅުގަނޑު ވަރަށް ހިތްހަމަޖެހިއްޖެ. އަޅުގަނޑު ވަރަށް އުފާވެއްޖެ. ޢީދު ދުވަހު އަޅުގަނޑަށް ތިޔަބޭފުޅުންނާއެކީގައި މިވަގުތު ހޭދަކޮށްލެވުނީތީވެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުންވަނީ، އެއްގޮތަކަށްވެސް ހީނުކުރައްވާށޭ، ތިޔަބޭފުޅުންނަކީ މާ އެއްކައިރީގައި، މާ ވަކިން އޮތް، މާ އެކަހެރި ބަޔެކޭ. އަޅުގަނޑު ހަމަގައިމުވެސް، އަޅުގަނޑުމެންނެއް ތިޔަބޭފުޅުންގެ، އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ސަރުކާރަކީ އެއްވެސްއިރެއްގައި ރަށްރަށް ބަދަލުކުރާ ވާހަކަ ދެއްކި ބަޔެއްވެސް ނޫން. މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ ވާހަކަ ދައްކާ ބަޔެއްވެސް ނޫން. އަޅުގަނޑުމެން ހަމަ ބޭނުންވަނީ، ޒަމާނުއްސުރެ ފަށައިގެން، އެތައް އެތައް ސަތޭކަ، އެތައްހާސް އަހަރެއް ވަންދެން، ރާއްޖޭގައި ރައްޔިތުން ދިރިއުޅެފައިވާ ރަށްވެހިކަމުގައި، ރަށްވެހި ތަރައްޤީ އަދި ރަށްވެރިކަން އިންތިހާއަށް ކުރިއަށް އަރާފައިމިވާ ރަށްތަކުގައި، އަޅުގަނޑުމެންނަށް ކުރިއަށް އޮތް ޖީލުތަކަށް، މީގެކުރީގައި ހިނގާދިޔަހާ ދުވަހުގެ ތަޖްރިބާއާ އެކީގައި މާ ފުރިހަމަ ފަހި ތަރައްޤީއެއް އިރާދަކުރެއްވިއްޔާ ހޯދޭނެ. އެހެންވީމާ، އަޅުގަނޑުމެން މިރަށްތަކެއް ދުލެއް ނުކޮށްލާނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް އެ ޔަޤީންކަން ފަށްފަށުން އަރުވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. الســّلام عليــكم

_______________________